
(12 ޖުލައި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބަދްރު ބިން މުޣީރާގެ އެންމެ ބޮޑު ކާމިޔާބީއަކީ ކުދިކުދި ހަމަލަދީ ލައްވަމުން ފަރުބަދަތަކުގެ މަތީންނާއި ދަތި މަގުތަކުން ގެންދަވައި ދުޝްމިނުންގެ ލަޝްކަރު ޖަންގަލި ތެރެއަށް ވެއްދެވުމެވެ. މިހެން ހެއްދެވީމާ އެ ލަޝްކަރު އޮތީ ވަށައިގެން ބެދި، ތާށިވެފައެވެ. ކްރިސްޓިއަން ލަޝްކަރުގެ ބައެއް މީހުން އެބައި މީހުންގެ ވެރިންނަށް އެކިި ކަހަލަ މަޝްވަރާ ދިނެވެ. އޭގެ ތެރޭގައި އެނބުރި ދިއުންވެސް ހިމެނެއެވެ. އެކަމަކު ވެރިން ތިބީ ކާމިޔާބީގެ މަސްތުގައި ޖެހިފައެވެ. އެހެން ނޫންނަމަ އާދައިގެ ހާލަތުގައި އެފަދަ މަގުތަކަށް އެމީހުންވެސް ނުކުންނަނީ ވަރަށް ބަލައިގެން ފަރުވާތެރިކަމާ އެކުގައެވެ. އެކަމަކު އެ ދުވަހު އެމީހުން ހީކޮށްގެން ތިބީ ސަރަހައްދީ ބާޒު މަރުވުމުން އޭނާގެ ބައިވެރިން ތިބީ ފިނޑިވެ ބަލިވެފައި ކަމުގައެވެ. ކަޅު ހެދުން އެޅި ފަހުލަވާނެއްގެ ގިޔާދަތުގައި ނުކުތް ލަޝްކަރުން އެމީހުން ބަލިކޮށް ގިއްގަޅުވައިލީ ފަސޭހަކަމާ އެކުގައެވެ. އެކަމަކުވެސް އިސްލާމުންނާ ކުރިމަތިނުލައި އެނބުރި ދާކަށް އެމީހުންގެ ހިތެއް ހަމައެއް ނުޖެހުނެވެ.
އެއް ދުވަހަަކު މެންދުރު ފަހުގެ ވަގުތެއްގައި ކްރިސްޓިއަން ލަޝްކަރުގެ ބަޔަކު އިސްލާމުން ފަހައި ގޮސް ހާމަ ވާދީއެއްގެ ތެރެއަށް ނުކުމެއްޖެއެވެ. ކުރިމަތީގައި ހުރީ ހައްތަހައިވެސް އުސް ފަރުބަދައެވެ. އެހެންވީމާ ލަޝްކަރުގެ ކޮމާންޑަރުން އެންގީ އެތާނގައި ގާފިލާ ޖަހާށެވެ. ބަޔަކު ހަމަލައެއް ދީފާނެތީ ފާރަލާން ފަރުބަދަތަކާ ދިމައިގައްޔާއި ދެ އަރިމަތީގައި ބައެއް މީހުން ތިބޭންވެސް އޭނާ އަމުރު ކުރިއެވެ. ދުވާލުގެ ހުރިހައި ވަގުތެއް ހަޅޭއްލެވުމާއި ސަކަރާތުގެ ތެރޭގައި ދުއްވައިލުމަށް ފަހު ރޭގަނޑު ދެބަނޑަށް ކައިގެން، ރަނގަޅަށް ރާ ބޮއިގެން އެންމެން ނިދައިފިއެވެ. ފާރައަށް ތިބި މީހުންނަށް އިތުބާރު ކުރުމަށް ފަހު ކޮމާންޑަރުންނާއި އިސް މީހުންވެސް ނިދައިފިއެވެ.
ރޭގަނޑުގެ ތިންވަނަ ދަމަށް އަޅައިގަތްތަނާ ކުއްލިއަކަށް އިވުނީ ފާރައަށް ތިބި މީހުންގެ ހަޅޭކުގެ އަޑެވެ. ކޮމާންޑަރުން ބިރުން ތިބެ ފޭލިގެތަކުން ބޭރަށް ނުކުމެއްޖެއެވެ. ބަލައިލީއިރު ކަމަކުދާކަށް ނެތެވެ. މުޅި ތަނަށް ވެރިވެފައިވަނީ ބިރުވެރި ހަޅޭކުގެ އަޑެވެ. ގިނަ ފޭލިގެތަކުގައި ހުރީ ހުޅު ރޯކޮށްފައެވެ. ކްރިސްޓިއަން ލަޝްކަރީން ކަނޑިއަށް ސަމާލުވެލީތަނާ ދުނީގެ ވާރޭ ވެހޭން ފަށައިފިއެވެ. ރޯކޮށްފައި ހުރި އަލިފާނުގެ އަލީގައި ތީރުވެރީންނަށް އަމާޒު ހިފާކަށް އުނދަގުލެއް ނުވިއެވެ.
އަނދިރި ތަންތަނަށް ޖެހި ސަލާމަތްވާން ކޮމާންޑަރުން، ލަޝްކަރަށް އަންގައިފިއެވެ. އެމީހުން އަނދައަނދައި ހުރި ފޭލިގެތަކާ ދުރަށް ޖެހި އަނދިރިކޮށް އޮތް ހިސާބަށް ޖެހޭން ފަށައިފިއެވެ. ކުއްލިއަކަށް ހުރިހައި ދިމާއަކުން ﷲ އަކްބަރުގެ އަޑު އިވޭން ފަށައިފިއެވެ. ދެން ފެނުނީ ފަރުބަދަތަކުގެ މަތީން އިސްލާމުންގެ ފަހުލަވާނުން ފައިބާން ފެށިތަނެވެ. އެމީހުން އައި ގޮތަށް އައިސް ކާފަރުންގެ ލަޝްކަރުގެ މައްޗަށް ޖެހިގަތީ ފުރިހަމަ ބާރާއެކުގައެވެ. ދެ ފަރާތުގެ ލަޝްކަރުގެ ކަނޑިތައް ޖެހި ކަނި ބުރައިގެން ދާން ފަށައިފިއެވެ.
ކާފަރުންގެ ކޮމާންޑަރުން އުއްމީދުކުރީ އިސްލާމުންގެ ލަޝްކަރުގެ އަދަދު އެހައި ގިނަ ނުވާނޭ ކަމުގައެވެ. އެހެންވީމާ އެބައިމީީހުންގެ ލަޝްކަރު ބައިބަޔަށް ބެހިލައި ފަރުބަދަތަކުގެ މައްޗަށް އަރައި އިސްލާމުންގެ މައްޗަށް ގަދަވެގަންނާން މަސައްކަތް ކުރާން ކޮމާންޑަރުން ގޮވައިލައިފިއެވެ. އެކަމަކު ހިލައާއި ދުނީގެ ވާރޭގެ ތެރެއިން ދެމިގަނެވޭނޭ މަގެއް އެމީހުންނަކަށް ނުފެނުނެވެ. އިރުއަރާންދެން އެމީހުން ތިބީ މި ހާލަތުގައެވެ. ކޮމާންޑަރުންނަކަށް ލަޝްކަރުގެ ހާލެއް ނޭނގެއެވެ. ލަޝްކަރަކަށް ކޮމާންޑަރުންގެ ހާލެއް ނޭނގެއެވެ. ގަސްގަހުގެ ފުރަގަހަށާއި ހިލަހިލައިގެ ފުރަގަހަށް ވަދެ ފުރާނަ ސަލާމަތް ކުރެވޭތޯ ބެލުން ނޫން ކަމެއް އެ މީހުންނަކަށް ނުކުރެވެއެވެ. އިސްލާމުންގެ ލަޝްކަރުން ކާފަރުންގެ ވަރަށް ގިނަ އަސްވެސް އަތުލައިގެންފިއެވެ. މިހާރު އެ އަސްއަހަށް ސަވާރުވެގެން ތިބީވެސް އިސްލާމުންނެވެ. ބާކީ އަސްތަކުގެ ލަގަން ކަނޑައިލުމުގެ ސަބަބުން އެ ސޮރުމެން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. ކާފަރުންގެ ބައެއް މީހުން އަހުގެ ފައިދަށުވެ މަރުވެއްޖެއެވެ. އިރުއެރީމާ ކާފަރުންނަށް ފާހަގަ ކުރެވުނު ގޮތުގައި އިސްލާމުންގެ އެތައް ބަޔަކު ދަނީ އެމީހުންގެ އަތުން ޖަހައިގަތް އަސްއަހަށް ސަވާރު ވެގެން ތިބެ ލޮންސިން އެ މީހުންނަށް ހަމަލަދެމުންނެވެ. ކްރިސްޓިއަން ކޮމާންޑަރުން ހީކޮށްގެން ތިބީ އިރު އަރައި އަލިވުމާއެކު އިސްލާމުންގެ ލަޝްކަރު މައިދާން ދޫކޮށް ފިލައިގެން ހިނގައިދާނޭ ކަމުގައެވެ. އެކަމަކު އިސްލާމުންގެ ޖޯޝް ފެނިފައި އެ މީހުންނަށް ޔަގީން ކުރެވުނީ މި ވާދީީ ޚިޔާރުކޮށްފައި މިވަނީ ފައިސަލާކުރުވަނިވި، ވަރުގަދަ ހަނގުރާމައެއް ކުރުމުގެ ނިޔަތުގައި ކަމެވެ. މަރުވެގެން މައިދާނަށް ވެއްޓިފައި ތިބި ކާފަރުންގެ އަދަދަކީ ހިތްވަރު އެލޭން ފުދޭވަރުގެ އަދަދެކެވެ. މުޅި ލަޝްކަރުގެ އަދަދަށް ބަލާއިރު ކާފަރުންގެ ލަޝްކަރު އިސްލާމުންގެ ލަޝްކަރަށްވުރެ ފަސް ގުނަ ގިނައެވެ. އެކަމަކު ވާދީގެ ތެރޭގައި ދެވުނު ވަރުގަދަ ހަމަލާގެ ސަބަބުން ކާފަރުންގެ ފިޔަވަޅު ލުހިގެން ހިނގައްޖެއެވެ. ވުމާއެކު އިސް ކޮމާންޑަރު ނިންމީ ދިފާޢީ ހަނގުރާމައެއް ކުރަމުން، ފަހަތަށް ޖެހެމުން ގޮސް ވާދީން ނުކުންނާށެވެ. ވާދީން ނުކުމެގެން ގޮސް ތަންކޮޅެއް ހަނި މަގަކަށް ނުކުމެވުނީމާ މިހާރު ދެން ދުންޏާއި ލޮންސީގެ ހަމަލައިން މިންޖު ވެވުނީ ކަމަށް އެމީހުން ހީކުޅައެވެ. އެކަމަކު މިތަނުންވެސް ހަމަޖެހުމުގެ ނޭވައެއް ލެވޭނޭ ފުރުސަތެއް ނުލިބުނެވެ. ހިލަތަކުގެ ފުރަގަހުން ﷲ އަކްބަރުގެ ނަޣަރާގެ އަޑު އިވިއްޖެއެވެ. އެޔާއެކު ދުންޏާއި ހިލައިގެ ވާރޭ ވެހޭން ފަށައިފިއެވެ.
އެއް ހިިލަ އިސް ކޮމާންޑަރުގެ ބޮލުގައި ޖެހިފައި އޭނާ ކަނޑައި ވައްޓާލި ރުއްގުޅިއެއްހެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާގެ މަރާއެކު ކާފަރުންގެ ލަޝްކަރުގެ ހިތްވަރު އެލިއްޖެއެވެ. ކޮމާންޑަރުގެ ނައިބުގެ އަމުރު އައީީ ވީހައިވެސް އަވަހަކަށް އެތަނުން ނުކުންނާށެވެ. ލަޝްކަރު އެގޮތް މިގޮތުން އެ ދަތި ހިސާބުން ނުކުމެއްޖެއެވެ. އަނެއްކާވެސް ނުކުމެވުނީ ކުޑަ ވާދީއަކަށެވެ. އެތަނަށް ނުކުމެ ބަލައިލީއިރު ލަޝްކަރުގެ ޖުމުލަ އަދަދު ކަމަށްވާ ފަންސާސް ހާހުން ބާކީ ތިބި އަށެއްކަ ހާސް މީހުންނެވެ. ފަހަތުން ހަމަލައެއް އަތުވެދާނެތީ ގަތް ބިރެއްގެ ސަބަބުން އެބައިމީހުން ނޭވައެއް ލާންވެސް މަޑެއް ނުކުރިއެވެ.
ވާދީގައި ދަތުރުކުރަމުން ދެ ކޯހެއްހައި ދުރަށް ގޮސް ޖަންގައްޔެއްގެ ތެރެއަށް ވަންނާން ފަރިކޮށްލީތަނާ ގަސްތަކުގެ ތެރެއިން ހާހެއްހައި ހަނގުރާމަވެރިން ނުކުމެއްޖެއެވެ. އެބައިމީހުންގެ ހަމަލާގެ ސަބަބުން ކްރިސްޓިއަން ލަޝްކަރު މުޅީން ސުންނާފަތިވެގެން ހިނގައްޖެއެވެ. މި އެއްހާސް މީހުންގެ ލަޝްކަރުގެ ކުރީގައި ހުއްޓައި ފެނުނީ ކަޅު ހެދުން އެޅި ސަވާރީއެކެވެ. އެއީ އެ މީހަކު ހައްޔަރު ކުރުމުގެ އެދުމުގައި ކާފަރުންގެ ލަޝްކަރު ޖަންގަލި ތެރެއަށް ވަން މީހާއެވެ. ދެ ހާހެއްގައި ކްރިސްޓިއަނުން ފިލައިގެން ޖަންގަލިތެރެއަށް ވަދެގެން ހިނގައްޖެއެވެ. ބާކީ ތިބި މީހުން އިރުކޮޅަކު ހަނގުރާމަ ކުރުމަށް ފަހު ބަލި ގަބޫލުކޮށް ހަތިޔާރު ބަހައްޓައިފިއެވެ.
(3)
މަލަޚާއަށް އައްޒައިޣަރީ އައްޔަނުކުރެއްވުމަށް ފަހު ފަސް ހާސް ފަހުލަވާނުންނާއިގެން އައްޒަޣަލް ކޯރްދޮބާއާއި ކަސްތިއްޔާއާއި ކަދީޒްގެ ފިނޑި ލަޝްކަރާ ދިފާޢީ ހަނގުރާމައިގެ ހަމަލާތަކެއް ދެއްވުމަށް ފަހު މަޑުމަޑުން ފަހަތަށް ޖެހިވަޑައިގަންނަވަމުން ގެންދެވިއެވެ. މިހެން ވަޑައިގެން ނެވާދާ ފަރުބަދައިގެ ބުޑަށް ވަޑައިގެންނެވުނީމާ ސަރަހައްދީ ބާޒުގެ އިންތިޒާރުގައި ގާފިލާ ޖައްސަވައިފިއެވެ.
ފެރްނާންދޯއަށް ލިބެމުން ދިޔަ ޚަބަރަކީ ބާޒުގެ ސަރަހައްދުގައި އޭނާގެ ލަޝްކަރަށް ކާމިޔާބީ ލިބެމުންދާ ކަމުގެ ޚަބަރެވެ. އައްޒަޣަލް ކުޑައިކޮށް ހަނގުރާމަ ކޮށްލެއްވުމަށް ފަހު ފަހަތަށް ޖެހިވަޑައިގެން ނެވާދާ ފަރުބަދަޔާ ދިމާއަށް ވަޑައިގެންނެވި ޚަބަރު މީނާއަށް ލިބުނީމާ ކާފަރުންގެ ލަޝްކަރުގެ ކޮމާންޑަރަށް އެންގީ އައްސޭރިިފަށުގެ ރަށްރަށާ ދިމާއަށް ދިއުމުގެ ބަދަލުގައި އައްޒަޣަލްގެ ލަޝްކަރު ހަތަރު ފަރާތުން ވަށައިލާށެވެ. އެޔަށް ފަހު ގްރަނާދާއަށް، އަބޫ ޢަބްދުﷲއަށް އެންގީ ވަގުތުން މަލަޚާއަށް ހަމަލަދޭށެވެ.
އަބޫ ޢަބްދުﷲއަށް ޚަބަރު ލިބުނު ގޮތުގައި މަލަޚާގެ ލަޝްކަރުގެ ބޮޑު ބައެއް ދިޔައީ އައްޒަޣަލްގެ އަރިހުގައެވެ. ރަށުގެ ހިމާޔަތުގައި މަސައްކަތްކުރަން އައްޒައިޣަރީގެ އަރިހުގައި ތިބީ މަދު ބައެކެވެ. އެހެންވީމާ ކާމިޔާބީގެ ޔަގީންކަމާއެކު އޭނާ މަލަޚާއަށް ހަމަލަދީފިއެވެ. ފެރްނާންދޯ ގެންފައި ތިބި ކޮމާންޑަރުންގެ އިތުރަށް އިސްލާމުންގެ ކުރިމަގާ މެދު މާޔޫސް ވެފައި ތިބި މީހުންނާއި ދިރި ތިބުމަށްޓަކައި ފެރްނާންދޯގެ ހިތް އުފާކުރުވަން މަސައްކަތްކުރާ އެތައް ބަޔަކު ގްރަނާދާގެ ލަޝްކަރުގައި ހިމެނެއެވެ.
އަބޫ ޢަބްދުﷲގެ ލަޝްކަރު ގްރަނާދާއިން ނުކުތް ދުވަހުގެ އެއް ދުވަސް ކުރިން ބާޒުގެ ވާދީގައި ފެރްނާންދޯގެ ލަޝްކަރު އޮތީ ބަލިވެ އިނދަޖެހިފައެވެ. އޭގެ ތިން ދުވަސް ފަހުން ސަރަހައްދީ ބާޒުގެ ލަޝްކަރު ގޮސް އައްޒަޣަލްގެ ދިދައިގެ ދަށަށް ޖަމާވެއްޖެއެވެ. އައްޒަޣަލްގެ ލަޝްކަރުގެ އެއްވެސް މީހަކަށް ދުޝްމިނުންގެ ލަޝްކަރުގެ އަދަދެއް ނޭނގެއެވެ. އެކަމަކު އެ މީހުން ވަރަށް ބޮޑު ބައްޔަކުން ބަލިވީ ޚަބަރު ލިބުނީމާ ވަރަށް ބޮޑަށް ހިތްވަރު އާލާވެއްޖެއެވެ. އައްޒަޣަލް ބަދްރު ބިން މުޣީރާއާއި މަންޞޫރު ބިން އަޙްމަދާއެކު ވަޑައިގެން ވަށައިގެން ހުރި ފާރަޖަހަތައް މުއާއިނާކޮށް ބެއްލެވިއެވެ. އައްޒަޣަލްގެ އަރިހުގައި ހުންނެވި މޫނުފޮރުވި ފަހުލަވާނަކު ފެނުނީމާ ލަޝްކަރުގެ މީހުން ހީކުޅައީ ބަދްރު ބިން މުޣީރާ ޝަހީދުވީމާ ﷲ ތަޢާލާ އެ މީހުންގެ މަދަދުގާރެއްގެ ގޮތުގައި އަނެއްކާވެސް ބަޠަލަކު ފޮނުއްވީ ކަމުގައެވެ. ބަދްރު ޖާގަ ޖައްސަވައިގެން އިންނެވީ ތަންކޮޅެއް ދުރުގައެވެ. ބަދްރުގެ ސިއްރު ދެނެތިބި ހައެއްކަ މީހުން ފިޔަވައި އެއްވެސް މީހަކަށް އެ ހިސާބަށް ދިއުމުހެ ހުއްދައެއް ނެތެވެ.
އަލްޕުޚަރަސްްގެ ހަނގުރާމަވެރި ގަބީލާތަކުގެ ސިފައިން ބައިބަޔަށް އައިސް އައްޒަޣަލްގެ ލަޝްކަރާ ގުޅެމުން ދަނީއެވެ. ބާޒުގެ ވާދީގައި މުޖާހިދުންނާއެކު ހަނގުރާމަ ކުރުމުގެ ފުރުސަތު އެ މީހުންނަށް މި ލިބުނީ އެތައް ޒަމާނަކަށް ފަހުގައެވެ. ބަދްރު ބިން މުޣީރާގެ ގާއިމުމަގާމެއް ކަމުގައި އެ މީީހުން ބަލަނީ މަންޞޫރު ބިން އަޙްމަދެވެ. އެހެންވީީމާ އެ މީހުން އައްޒަޣަލް އަރިހުން އެދުނީ އެމީހުންގެ ކޮމާންޑަރަކަށް މަންޞޫރު ހައްދަވައި ދެއްވާށެވެ. ބަދްރު ބިން މުޣީރާގެ އަމުރުފުޅަށް މަންޞޫރު ވަނީ ހަނގުރާމައިގެ ޗާޓެއް ތައްޔާރު ކުރައްވައިފައެވެ. އެޔަށް ފަހު ގަބީލާތަކުގެ މުޖާހިދުން ހުރިހައި މަގަކަށް ބައްސަވައިލެއްވިއެވެ. އެ މީހުންނަށް އަންގަވައިފައި އޮތީ ކްރިސްޓިއަން ލަޝްކަރު ކުރިއަށް ދިޔައީމާ ފަހަތަށް ދޫކޮށްފައި ދާތަން ހިފައިގެން ފާރައަށް ތިބޭށެވެ.
ބާޒުގެ ވާދީއަށް ހަމަލަދިން ލަޝްކަރަށް ވީ ގޮތެއް މިބައި މީީހުންނަކަށް އެނގިފައެއް ނެތެވެ. ފަސް ދުވަސް ވާންދެން ނެވާދާ ފަރުބަދައިގެ ބުޑުގައި ގާފިލާ ޖަހައިގެން ކޮމާންޑަރުގެ އަމުރެއްގެ އިންތިޒާރުގައި ތިބެއްޖެއެވެ. އެހެންނަމަވެސް ގަބީލާތަކުގެ ލަޝްކަރުން ދެތިން ފަހަރަކު ދިމާކޮށްލީމާ މިބައި މީހުންނަށް ކުރިއަށް ދާން މަޖުބޫރު ވެއްޖެއެވެ. ފެރްނާންދޯގެ ލަޝްކަރުން ބައެއް އަވަށްއަވަށަށް ހަމަލަދީީ، ދެތިން ފިރިހެނުންނާއި އަންހެނުންގެ ބަޔަކު ހައްޔަރު ކުރުމަށް ފަހު އައިސް މި ސަރަހައްދަށް ވަދެއްޖެއެވެ. އޭރު ސަރަހައްދީ ބާޒުގެ ލަޝްކަރު އޮތީ ކެތްތެރިކަމެއް ނެތި އިންތިޒާރުގައެވެ.
ބަދްރު ބިން މުޣީރާ އޭނާ އަމިއްލަފުޅަށް ހޮއްވެވި ހާހެއްހައި މުޖާހިދުންނާއެކު ވަޑައިގެން ދުޝްމިނުންނާ ހަމަލަދެއްވައި ލަޝްކަރު ބަލި ކުރެއްވުމަށް ފަހު ފަރުބަދަ މައްޗަށް އަރައިިވަޑައިގެންފިއެވެ. ވީ ކިހިނެއްކަން ކްރިސްޓިއަން ލަޝްކަރަށް ރަނގަޅަށް ސާފު ނުކުރެވިގެން އުޅެނިކޮށް ޚަބަރު ލިބުނީ ގަބީީލާތަކުގެ ލަޝްކަރުން ހަމަލަދިން ޚަބަރެވެ. ރަނގަޅަށް ހަނގުރާމައިގެ ތެރެއަށް ވަދެވޭ ވަރަށްވުރެ އެ މަގު ހަންޏެވެ. އެހެންވީމާ ކްރިސްޓިއަން ކޮމާންޑަރުން ލަޝްކަރަށް އެންގީ ހަލުވިކަމާއެކު ކުރިއަށް ދާށެވެ. މި މަގުން ގޮސް ފަރުބައެއްގެ މައްޗަށް އެރީމާ އަނެއް ފަރާތުން ފެންނާން އޮތީ ވާދީއެކެވެ. ފުރަގަހުން ދިން ހަމަލައިގެ ވަރުގަދަ ކަމަށް ވިސްނައިފައި ކޮމާންޑަރު އެންގީ އެ ވާދީއަށް ފައިބާށެވެ. ވާދީގެ ތެރެއިން ދެ ކޯހެއްހައި ދުރަށް ދެވުނީމާ ތިރި ދިމާއިން ފެންނަނީީ ބޯ ޖަންގައްޔެކެވެ. އުސް ދިމާއިން ދެ ފަރުބަދަ ދެމެދުން މަގެއް ފެންނާން އޮތެވެ.
އެއްކޮޅުން ކޮމާންޑަރުންނަށް ގަބޫލު ކުރެވުނު ގޮތުގައި ޖަންގަލިތެރޭގައި ގަބީލާތަކުގެ ލަޝްކަރާ މުގާބިލާ ކުރުމަކީ ވަރަށް އުބނދަގޫ ކަމަކަށް ވާނެއެވެ. އަނެއް ކޮޅުން ގަތް ބިރަކީ ހަނިި މަގަކަށް ވަދެވިދާނޭ ކަމުގެ ބިރެވެ. އޭނާ ލަޝްކަރު ހުއްޓުވުމަށް ފަހު މަގު ބަލައިލާން ދެ ފަރާތަށް މީހުން ފޮނުވައިފިއެވެ. އެޔަށް ފަހު އިސްލާމުންގެ ލަޝްކަރަށް އިންތިޒާރުކުރާން ފަށައިފިއެވެ. ކުޑަ އިރުކޮޅެއް ފަހުން އޭނާގެ ލަޝްކަރުގެ ބައެއް މީހުން އައިސް އިސްލާމުން ދިން ހަމަލައިން ވީ ގެއްލުމުގެ ވާހަކަ ބުނެފިއެވެ.
ތިރީގައި އޮތް ޖަންގައްޔާ ދިމާއަށް ފޭބި މީހުން ކުރިމަތިލާން ޖެހުނީ އިސްލާމުންގެ ތީރުވެރިންނާއެވެ. އެބައި މީހުން ދުވެފައި އައިސް ދިނީ ޖަންގަލި ފުރެންދެން ތީރުވެރިން ތިބިކަމުގެ ޚަބަރެވެ.
އުސް ދިމާއިން ފެންނާން އޮތް މަގުގެ ޚަބަރު ބަލައިލާން ދިޔަ މީހުން ބުނި ގޮތުގައި އެމީހުން ދިހަ ވަރަކަށް ކޯސް ދުރަށް ގޮސް ބެއްޔެވެ. އެ މަގުގެ ބައެއް ތަންތަން ހުރީ ވަރަށް ހަނިކޮށް ކަމަށާއި ބައެއް ތަންތަން ފުދޭވަރަކަށް ފުޅާ ކަމަށްވެސް އެމީހުން ބުންޏެވެ. ދެ ފަރާތުގައިވެސް ހުރީީ ވަރަށް އުސް ފަރުބަދައެވެ. މަގުމަތިން އިސްލާމުންގެ މީހަކު ނުދެކޭ ކަމަށްވެސް އެ މީހުން ބުންޏެވެ. ބައެއް މީހުން ބުނި ގޮތުގައި އެ ވާދީން ލައިފައި ދެ ދުވަހަށް ދަތުރުކޮށްލެވުނީމާ ގޮސް ގުޅެނީ ތިޔާގި ދަނޑުތަކަކާއެވެ. އެހައިތަނުން އަލްޕުޚަރަސްގެ އަވަށްތައް ފެށުނީއެވެ.
ކްރިސްޓިއަން ކޮމާންޑަރަށް ފެނުނު ގޮތުގައި އެއީވެސް ރައްކާތެރި މަގެއް ނޫނެވެ. އެކަމަކު ވާދީގައި ޖާގަ ޖަހައިގެން ތިބުމަކީވެސް ހަތަރު ފަރާތުން ވަށައިލަފާނޭ ކަމުގެ ބިރު އޮތް ކަމެކެވެ. މީގެ އިތުރަށް އިސްލާމުންގެ ލަޝްކަރު ފަރުބަދަމަތީންނާއި ޖަންގަލީގެ ތެރެއިން ނުކުމެ ހަނގުރާމަ ނުފެށި ކަމުގައި ވިޔަސް ކުއްލި ހަމަލަތަކުގައި އޭނާގެ ލަޝްކަރަށް ބޮޑެތި ގެއްލުން ކުރުމުގެ ބިރުވެސް ކުޑައެއް ނޫނެވެ. ވައަތް ފަރާތުގައި އޮތީ ޖަންގައްޔެވެ. އެ ދިމާއިން އިސްލާމުން ބަލިކޮށްފައި ނުކުމެގެން ދިއުމަކީ މުސްތަހީލު ކަމެކެވެ. ފުރަގަހުން ފެންނާން އޮތީ އައި މަގެވެ. އެ މަގުން ދާނަމަ އަނެއްކާވެސް އެއްކަލަ ހަނި މަގުތަކުން ދަތުރުކުރަން ޖެހޭނެއެވެ. އައި މަގުމަތީގައި ބޮޑެތި ގެއްލުންތައްވީ ރާސްތާއަކީ އެއީއެވެ. މީގެ އިތުރަށް އެ މަގުން ދާން އެނބުރިލުމާއެކު ޖަންގަލިތެރޭގައި އޮތް ލަޝްކަރު ފަރުބަދަ މައްޗަށް އަރައި އެ ދިމާއިން މަގު ބަންދު ކޮށްލާނެކަންވެސް އޭނާއަށް އެނގެއެވެ. ހަދާނޭ އެއްވެސް ގޮތެއް ނުވިސްނުމުން އޭނާ ނިންމީ ކަނާތްފަރާތުން ފެންނާން އޮތް މަގުން ކުރިއަށް ދާށެވެ. މިހެން ދާ ދިއުމުގައި މަގުގެ ހަނި ދިމާއަކާ އަރައި ހަމަވީމާ ދެ ފަރާތުން ފެންނާން އޮތް ފަރުބަދަތަކުގެ މައްޗަށް ފައިމަގުގައިދާ ހަނގުރާމަވެރިން އަރަނީއެވެ. ފުޅާތަނަކާ އަރައި ހަމަވީމާ އެ މީހުން ފައިބަނީއެވެ. ތީރާއި ހިލައިގެ ހަމަލާތަކުން އަސްވާރުން ސަލާމަތްކުރެވޭން ހަމައެކަނި ގޮތަކީ އެއީއެވެ. މި ގޮތުގައި ހަވީރު ވާންދެން ކާފަރުންގެ ލަޝްކަރު ދަތުރުކޮށްފިއެވެ. މަގުމަތީގައި އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ.
އިރު އޮއްސި އަނދިރިވެއްޖެއެވެ. ގާފިލާ ކުރާނޭ ރައްކާތެރި ތަނެއް ކޮމާންޑަރަކަށް ނުފެނުނެވެ. ކަނު އަނދިރީގައި ދަތުރު ކުރުމަށް ފަހު މަގުގެ ހަނި ހިސާބަކަށް ދެއްވިޖެއެވެ. ދެ ފަރާތުގައި ހުރީ އުސް ފަރުބަދައެވެ. އަނދިރިކަން ބޮޑު ކަމުން ގޮސް އަސްތައްވެސް ހިލަހިލައިގައި އަޅައިގަންނަ ގޮތް ވާން ފަށައިފިއެވެ. ލަޝްކަރުގެ މީހުން ކޮމާންޑަރަށް ބައެއް ކަހަލަ ލަފާވ ދޭން ފަށައިފިއެވެ. އެމީހުން ބުނި ގޮތުގައި މި ވާދީގެ ކޮޅެއް ފެންނާކަށް ނެތެވެ. ކަޑައްތުކޮށް ނިމޭނީ ކިހިނެއް، ކޮން އިރަކު ކަމެއް ނޭނގެއެވެ. ފަހަރެއްގައި ކޮޅު ބެދިފައިވާ މަގަކަށްވެސް ވެދާނެއެވެ. މަގު ނިމޭތާނގައި އިސްލާމުން އިންތިޒާރުގައި ތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވީމާ އެ މީހުން ދުށް ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އައި ކޮޅަށް ދިއުމެވެ. ނުވަތަ އަސްތައް މައިދާނަށް ދޫކޮށްލައިފައި އެންމެން ފަރުބަދަ މައްޗަށް އެރުމެވެ. ރޭގަނޑު ކުއްލިއަކަށް އިސްލާމުން ހަމަލައެއް ދީފިނަމަ ދެކޮޅަށް ކަމެއް ކުރެވޭން އޮންނާނީވެސް އެހެން ހެދީމައެވެ. ދުވާލުގެ އަލީގައި ދަތުރުކުރަން ޖެހުނީމާ އަނެއްކާވެސް ފައިމަގުގައިދާ މީހުންނަށް ފަރުބަދަ މައްޗަށް އަރައި މަގު ސާފުކޮށް ދެވޭނޭ ކަމަށް އެ މީހުން ބުނަމުން ގެންދާން ފަށައިފިއެވެ.
މި ބަހުސެއްގައި ތިއްބައި ކުއްލިއަކަށް މަތިން ބޮޑު ހިލައެއް ވެއްޓިއްޖެއެވެ. އެ މީހުން ކަންބޮޑު ވެފައި، އަނދިރީގައި ދެލޯ ބޮޑުކޮށްގެން އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް ދެތިން ހިލަ ވެއްޓިއްޖެއެވެ. އެޔާއެކު ޒަޚަމްވާ މީހުންގެ ރޮއިހޭރުމުގެ އަޑުވެސް އިވޭން ފަށައިފިއެވެ. ހިނދުކޮޅަކަށް މަސަލަސްކޮށް އޮތުމަށް ފަހު ވާރޭހެން ހިލަ ވެހޭން ފަށައިފިއެވެ. އަވަހަށް ފަހަތަށް އެނބުރިދާން ކޮމާންޑަރު އަމުރުކޮށްފިއެވެ. އެކަމަކުވެސް ވެހެމުން ދިޔަ ހިލައަކަށް ބަދަލެއް ނައެވެ. ވެހެމުންދާ ހިލައިގެ އަޑާއި މީސްތަކުންގެ ރުއިމުގެ އަޑާއެކު އަސްތައްވެސް އަމިއްލައަށް ކޮޅުކޮޅު މައްޗަށް ދުވާން ފަށައިފިއެވެ. މުޅި ލަޝްކަރު ބޮޑު މުސީބާތެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ފަރުބަދަމަތީން އިވެމުންދަނީ ﷲ އަކްބަރުގެ ނަޣަރާގެ އަޑެވެ.
(ނުނިމޭ)