އަންދަލުސްގެ ބާޒު – 64

(26 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

[ތިޔަބައިމީހުންނަށް ހޭލެވުނީ ލޮނުގަނޑު ތިޔަބައިމީހުންގެ ގެތަކުގެ މައި ދޮރާ ހަމައަށް އައީމައެވެ. ފަގީރުންގެ ޖިފުޓިތަކެކޭ އެއްވަރަށް އެބައިމީހުންގެ ގަނޑުވަރުތައްވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެ ކަމުގެ އިހުސާސް ތިޔަބައިމީހުންގެ ވެރިންނަށް ކުރެވުނީމައެވެ. އަހަރެން ދެކޭ ގޮތުގައި އެއީ ﷲ ލެއްވި ރަޙްމަތެކެވެ. އެކަމަކު ހަނދާންކުރާށެވެ. ތިޔަބައިމީހުންގެ މި ފަތަޙައަކީ މަންޒިލާ ދިމާއަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. މަންޒިލް އަދި އޮތީ ވަރަށް ދުރުގައެވެ. ދަތުރުކުރާން އޮތް މަގުގައި އެތައް ޚަންދަގެއް އެބަހުއްޓެވެ. އެ ޚަންދަގުތައް ހިއްކަން ޖެހޭނީ މުޖާހިދުންގެ ގަބުރުތަކުންނެވެ. ތިޔަބައިމީހުންގެ ދިރިއުޅުމުގެ އުދަރެހުން އަދިކިރިޔާ އަލި ރޮއްޖެއް ފެނިލީއެވެ. ހޭލައި ތިބިއްޔާ ފަތިސްވުން އޮތީ ދުރެއްގައެއް ނޫނެވެ. އެކަމަކު ތިޔަބައިމީހުން އަނެއްކާވެސް ނިދައިފިއްޔާ މި ފަތަހަ ވެގެން ދާނީ އޮއްސިގެންދާ އިރުގެ އެންމެ ފަހުގެ އަލިކަންފުޅު ކަމުގައެވެ.]

[ދުޝްމިނުންގެ ހަމަލަތަކަކުން އަހަރެންނަކަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. އެކަމަކު އެބައިމީހުންނާމެދު ކުށް ހިއެއް ކޮށްގެން ނުވާނެއެވެ. އެބައިމީހުންނަށް ލިބިފައިވާ ވަސީލަތުގެ ހައްދެއް ނެތެވެ. އެބައިމީހުންގެ ސިފައިންގެ އަދަދު އަހަރެމެންނަށްވުރެ އެތައް ގުނައެއް ގިނައެވެ. ފަރަންސޭސިވިލާތާއި ރޫމާއި ޔޫރަޕާއި އެހެން ގައުމުތަކުގެ ކްރިސްޓިއަނުން ތިބީ އެބައިމީހުންނާ އެކުގައެވެ. އަހަރެމެންގެ ދުވަސް ދުއްވައިލުމަށްޓަކައި އެބައިމީހުން އެތިބީ އެއް ދިދައެއްގެ ދަށަށް ޖަމާވެގެންނެވެ. މިޔާ ޚިލާފަށް އަލްމީރިއާއާއި މަލަޚާ ގެއްލުމާއެކު އެހެން އިސްލާމީ ގައުމުތަކާ އަހަރެމެންނާ އޮތް ގުޅުން ކެނޑިއްޖެއެވެ. ދުޝްމިނުން އެތިބީ ހަތަރު ފަރާތުން އަހަރެމެން ވަށައިލައިގެންނެވެ. މި ސަބަބުތައް މިހެން ހުރިކަމުގައި ވިޔަސް ތިޔަބައިމީހުން ކުރީގެ ކަތި ފިޔަވަޅުތައް ނާޅައި ކުރިއަށް ދާނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެމެންގެ މައްޗަށް ގަދަވެ ނުގަނެވޭނޭކަމުގެ ޔަގީންކަން އަހަންނަށް އެބައޮތެވެ. މާޒީގެ ކަތިފިޔަވަޅުތަކުން ފިލާވަޅު ލިބިނުގަތްނަމަ އަދި އެކަތިގަނޑަކަށް ވެގެން ތިބެ ދުޝްމިނުންނާ ކުރިމަތިނުލައި މުނާފިގުން ޖަހާހައި ބެރަކަށް ނަށާ ބަޔަކު ކަމުގައިވެ އެއްބަޔަކު އަނެއްބަޔަކާ ތޮޅޭން ފަށައިފިނަމަ ދަންނާށެވެ. އަންދަލުސްގެ ރައްޔިތުން އެބައިމީހުންގެ ކާބަފައިންގެ ވިޔާނުދާކަމުގެ ނުބައި ނަތީޖާއާ ކުރިމަތިލަމުންދާ ފަދައިން  ގްރަނާދާއި އަލަށް ބޮޑުވަމުންދާ ނަސްލުގެ ރައްޔިތުންވެސް ކަލޭމެންގެ ވިޔާނުދާކަމުގެ ހިތި ނަތީޖާ ދެކޭނެއެވެ.]

[ދުޝްމިނުންގެ މަޅީގައި ނުޖެހޭށެވެ! ވިސްނައި ސަމާލުވެގެން ތިބޭށެވެ. ދުޝްމިނުންނަށްވުރެ ބޮޑަށް ތިޔަބައިމީހުންގެ މެދުގައި އުޅޭ ޣައްދާރުންނާމެދު ސަމާލުވާށެވެ! މި ހަނގުރާމައިގައި އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތިޔަބައިމީހުންގެ ކޮޅުގައި ތިބެގެން ހަނގުރާމަކުރިކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ބައެއް މީހުންގެ ފަސްބައިގައި ޖެހިފައި ހުރި ކަޅު ލައްތައް ލެއިން ދޮވެވިއްޖެއެވެ. އެކަމަކު ދަތި ދަނޑިވަޅެއް އައުމާއެކު އެބައިމީހުން އަނެއްކާވެސް ޣައްދާރުވުމަކީ ދުރުކަމެއް ނޫނެވެ. އެބައިމީހުންނަށް ރަނގަޅަށް ފާރަވެރިވެގެން ތިބޭށެވެ! ކުރިން ދިން ލަނޑު ދޭން ފުރުސަތު ނުދޭށެވެ! މި ބުނި ކަންތައް މިހެން ކުރެވޭނީ ތިޔަބައިމީހުންގެ މެދުގައި ޖަވާބުދާރީވުން ފުރިހަމައަށް އޮވެގެންނެވެ. ތިޔަބައިމީހުންގެ ގައުމީ ދާއިރާގެ ތެރޭގައި ޣައްދާރުންނާއި ގައުމު ވިއްކައިލާ މީހުންނަށް ރަހުމުކުރުމާއި ހަމްދަރުދީވުން ނައްތައިލައިގެންނެވެ.]

[މިއީ އަބޫ ޢަބްދުﷲ ހެޔޮ ނިތަތަކާއި އިޚްލާސްތެރި ހިތަކާއެކު ކުރި ފުރަތަމަ ހަނގުރާމަ ކަމުގައި ވެދާނެއެވެ. އޭނާ މީގެ ފަހުންވެސް ގައުމާއެކުގައި ހުންނާނޭ ގޮތް މެދުވެރި ކުރައްވަތްތޯ އަހަރެން ދުޢާކުރާނަމެވެ. އެކަމަކު އޭނާއަށް މީގެ ފަހުން މި ގައުމަށް ޚިޔާނާތްތެރިވުމުގައި ހޯދޭނޭ އެއްވެސް ކާމިޔާބީއެއް ނޯންނާނޭކަމުގެ ޔަގީންކަން ތިޔަބައިމީހުން އޭނާއަށް ދޭށެވެ.]

[ބަލިވުމަށްފަހު ހިމޭނުން ތިބޭ ބަޔަކަށް ދުޝްމިނުން ނުވާނެއެވެ. ވަރަށް ވަރުގަދަ ބާރަކާއެކު އަނެއްކާވެސް ހަމަލަދޭނެވެ. މިއަދުން ފެށިގެން އެބައިމީހުންނާ މުގާބިލާކުރާން ތައްޔާރުވާށެވެ. މޫސާފަދަ ބޭފުޅަކު ލީޑަރެއްގެ ގޮތުގައި ލިބުމަކީ ތިޔައިމީހުންނަށް ލެއްވި ބޮޑު ނަސީބެކެވެ.]

[އަހަރެން ވަރަށް އަވަހަށް އެނބުރި ދާން ޖެހޭނެއެވެ. ދުޝްމިނުން އަހަރެންގެ ސަރަހައްދަށް މިސްރާބު ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އަހަރެން ވަޢުދުވަމެވެ. ތިޔަބައިމީހުންނަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އަހަރެން އެންމެ ކައިރީގައި ހުންނާނަމެވެ.]

ބަދްރު ބިން މުޣީރާއަށް ފަހު މޫސާ ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

[އޭ އިސްލާމުންނޭވެ! މީގެ ހަތަރު ސަތޭކަ އަހަރު ކުރީން އަހަރެމެންގެ މެދުގައި އުފެދުނު ބައިބައިވުމުގެ ބޭނުންކޮށްގެން ކްރިސްޓިއަނުން އަހަރެމެންގެ ވެރިކަމުގެ ދަށުގައި ހުރި ގިނަ ތަންތަން ފޭރިގަތް ވަގުތު ގުދުރަތުން އަހަރެމެންގެ އެހީތެރިއަކަށް ފޮނުއްވީ ޔޫސުފް ބިން ތާޝިފީނެވެ. އަހަރެމެންގެ މައްޗަށް ވެރިވެގަނެ، އަނިޔާވެރިކަމާއެކު އަހަރެމެންގެ ދިރިއުޅުން ދަތިކުރަމުން ގެންދިޔަ ދުޝްމިނުންގެ ކިބައިން ސަލާމަތްކޮށްދެއްވީ އެ ހިތްވަރުފުޅުގަދަ މުޖާހިދެވެ. މިއަދު އަހަރެމެންގެ ގައުމުގެ ޣައްދާރުން އަހަރެމެންގެ ގެތަކުގެ ދޮރާށިތައް ދުޝްމިނުންނަށްޓަކައި ހުޅުވައިދީފިއެވެ. ކުޑަކުޑަ ފައިދާއަކަށްޓަކައި އެއްވެސް ލަދެއް ހަޔާތެއް ނެތި އަހަރެމެންގެ ގައުމު ވިއްކާލީ މުނާފިގުންގެ ބައެކެވެ. ނަތީޖާއަކީ ފެރްނާންދޯގެ އަޅުވެތިކަމުގެ ކަސްތޮޅު އަހަރެމެންގެ ފައިގައި އެޅުވުމެވެ. މި ހާލަތުގައި އަހަރެމެންނަށް ލެއްވި ރަޙްމަތެއްގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅަކީ ބަދްރު ބިން މުޣީރާއެވެ.]

[އިއްޔެ އަރައިގެން އައި އިރަށް ފެނުނީ ތިޔަބައިމީހުންގެ މާޔޫސްވެފައިވާ މޫނުތަކެވެ. މިއަދުގެ އިރަށް މިހިރަގެން ފެންނަނީ ތިޔަބައިމީހުންގެ މޫނުމަތީން ފާޅުވާންހުރި އުފާވެރިކަމުގެ ހިނިތުންވުމެވެ. ސަރަހައްދުގެ މުޖާހިދުން ވަނީ ތިޔަބައިމީހުން ހަނދާން ނައްތައިލައިގެން ތިބި ފިލާވަޅެއް އަލުން ހަނދާންކޮށްދީފައެވެ. އެ ފިލާވަޅަކީ އިސްލާމުންގެ ބާރަކީ އެބައިމީހުންގެ އަދަދު ނޫންކަމާއި އެބައިމީހުންގެ އީމާންކަން ކަމެވެ.]

[ތާރީޚު ހެކިވާ ގޮތުގައި އިސްލާމުން ބަލިވާ ކޮންމެ ފަހަރަކުމެ ބަލިވެފައިވަނީ އެބައިމީހުންގެ ތެރޭގައި އުފެދޭ ޣައްދާރުންތަކެއެްގެ ސަބަބުންނެވެ. ދުޝްމިނުންގެ ބާރުގަދަ ކަމުގެ ސަބަބުންނެއް ނޫނެވެ. އަހަރެމެންގެ މިއަދުގެ ފަތަޙައިން ސާބިތުކޮށް ދެނީ މިފަދަ ނިކަމެތި ހާލެއްގައި ތިބެގެންވެސް ދުޝްމިނުންގެ އާދަޔާ ޚިލާފަށް ވަރުގަދަ ބާރުތައް ފުނޑުފުނޑުކޮށްލެވިދާނޭ ކަމެވެ. މިއަދާހަމައަށް އަހަރެމެންގެ އަތުން ގެއްލުނު ކޮންމެ އެއްޗެއްމެ ގެއްލުނީ އަހަރެމެންގެ ނުބައިކަމުންނެވެ. އެޅުނު ކަތި ފިޔަވަޅުތަކެއްގެ ސަބަބުންނެވެ. ތިޔަބައިމީހުން ޣައްދާރުންގެ ބަހަށް ހެއްލުނީއެވެ. މުނާފިގުންގެ ބައިވެރިންކަމުގައި ވެގަތީއެވެ. ﷲގެ އެހީތެރިކަން ދޫކޮށްލައި ފެރްނާންދޯގެ ފައިދަށަށް ވެއްޓިގަތީއެވެ. ތިޔަބައިމީހުންގެ ނުބައި އަމަލުތަކުގެ ނަތީޖާ، ބަސްތާއާއި އަލްމީރިއާއާއި މަލަޚާގެ ޅަދަރީންނާއި މުސްކުޅިންނާއި އަންހެނުން ތަހައްމަލުކުރަމުން ގެންދާތަން ތިޔަބައިމީހުންގެ އަމިއްލަ ދެލޮލުން ދެކެފީމުއެވެ. ތިޔަބައިމީހުން މައިދާނަށް ނުކުތީ ހަނގުރާމަކުރުން ނޫން އެހެން ގޮތެއް ނެތްކަން ކަށަވަރުވީމައެވެ. އަލިފާންގަނޑު ނިއްވައިލުމުގެ ވިސްނުން ތިޔަބައިމީހުންގެ ސިކުނޑިތަކަށް ވެރިވީ ގެތައް ގާތްގަނޑަކަށްހެން އަނދައި ހުލިވީމައެވެ.]

[މިފަދަ އުފާވެރި ދަނޑިވަޅެއްގައި މާޒީގެ ހިތި ތަޖުރިބާތަކުގެ ވާހަކަތައް ދައްކާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެކަމަކު ހަނދާންކުރާށެވެ! އަހަރެމެންނަށް ހަނގުރާމައެއް ކާމިޔާބު ކުރެވިއްޖެއެވެ. އެހެން ނަމަވެސް ހަނގުރާމަ އަދި ނުއެއް ނިމެއެވެ. ކެތްތެރިކަމަށް ނިހާޔަތަށް ބޭނުންވާނޭ ދިގު ހަނގުރާމައެއް ކާމިޔާބުކޮށް ނިމޭންދެން އަހަރެމެންނަކަށް ހަމަނޭވައެއް ނުލެވޭނެއެވެ. އެ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި އަހަރެމެންގެ ތެރޭގައި އޮތް ބަލިމަޑުކަމަށް އެކަށީގެންވާ ފަރުވާއެއް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެ ބަލިމަޑުކަމުގެ ސަބަބުން އަބުލްޙަސަނާއި އައްޒަޣަލްގެ އެފަދަ ފުރިހަމަ ކާމިޔާބީ، ނާކާމިޔާބީއަކަށް ބަދަލުކޮށްލީ ބަލިމަޑުކަމެވެ. ކުޑަކުޑަ ފައިދާއަކަށްޓަކައި އަހަރެމެންގެ އަބުރާއި އިއްޒަތާއި މިނިވަންކަން ދުޝްމިނުންނަށް ވިއްކައިލި މީހުންގެ ފުށުން ނަޖާވެގަތުމަކީ އަހަރެމެން ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެކެވެ. ދުޝްމިނުން ދެކެ ބިރުން ރޫރުއަޅާ ފިނޑިންގެ ކިބައިން ގްރަނާދާ ސަލާމަތްކުރުމަކީ އަހަރެމެންގެ މައްޗަށް ލާޒިމު ކަމެކެވެ. އިސްޕޭނިންނާއި ބަރްބަރީންނާއި ޢަރަބީންގެ މެދުގައި ދެކޮޅުވެރިކަން އުފައްދައި ބައިބައިކުރަމުން ގެންދާ ނުބައިނުލަފާ މީހުންނާ މެދު ވިސްނައި ފާރަވެރިވުމަކީ އަހަރެމެން ކުރަންޖެހޭ ކަމެކެވެ. އަލްޙަމްރާ އަދިވެސް މުނާފިގުންގެ ކިބައިން ސަލާމަތްނުވާކަން އަހަންނަށް އެނގެއެވެ. އަބޫ ޢަބްދުﷲ ރުޅި އަތުވެދާނެތީ ބިރުން ގައުމުގެ މުޖުރިމުންނާމެދު އެއްވެސް ފިޔަވަޅެއް އަހަރެން ނާޅާނޭ ކަމަށް ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ހީކޮށްފާނެއެވެ. އެއީ ފެރްނާންދޯގެ ބައިވެރިން ކަމުގައި ވެގަތް މީހުންނެވެ. އެކަމަކު ޔަގީންކުރާށެވެ. އަބޫ ޢަބްދުﷲގެ ނިޔަތާމެދު އަހަރެންގެ ހިތުގައި ކުޑަވެސް ޝައްކެއް އުފެދިއްޖެނަމަ އޭނާ ދަމައިފައި ތިޔަބައިމީހުންގެ ކުރިމައްޗަށް ނެރޭނަމެވެ. އަދި ތައުބާ ވުމަށް ފަހު އަނެއްކާވެސް ގައުމަށް ޣައެްދާރުވީކަމުގައި ބުނާނަމެވެ. އޭނާއަށް އަހަރެން ކުރާނޭ އެއްވެސް ރަޙުމެއް ނޯންނާނެއެވެ. އަދި ރަޙުމު ނުކުރާން ތިޔަބައިމީހުންނަށް ގޮވައިވެސްލާނަމެވެ. ގައުމަށް ޣައްދާރުވީ އެއްވެސް މީހަކު ސަލާމަތްކުރާން އަހަރެން ގާތު ނޭދޭނޭ ކަމަށް އަބޫ ޢަބްދުﷲ އޮތީ އަހަރެން ގާތު ވަޢުދުވެފައެވެ. ތިޔަބައިމީހުންގެ ކުރިމަތީގައި ހުރެގެން އަހަރެން މި ވަޢުދުވަނީއެވެ. ގްރަނާދާގެ ސަލާމަތާ ގުޅުން ހުރި އެއްވެސް ކަމެއްގައި އަހަރެން އަބޫ ޢަބްދުﷲ ބައިވެރިއެއް ނުކުރާނަމެވެ. އަދި އަހަރެން އެދޭ އެދުމެއްވެސް އެބައޮތެވެ. އަހަރެންގެ ފުށުން ގައުމަށް ގެއްލުމެއް ވެދާނެފަދަ ކުށެއް ކުރެވިއްޖެނަމަ ތިޔަބައިމީހުން އަހަންނަށްވެސް މައާފުނުކުރާށެވެ.]

ގްރަނާދާގެ މުސްކުޅި އަމީރަކު ތެދުވެ ބުނެފިއެވެ. [އަޅުގަނޑުމެންގެ އެދުމަކީ އަޅުގަނޑުމެންގެ ސަރަހައްދީ އަޚު އެނބުރި ވަޑައިގަންނަވާއިރު ގްރަނާދާގެ މަގުން ވަޑައިގަތުމެވެ. ރަށުގެ އެންމެ ތިބީ ބަދްރު ބިން މުޣީރާގެ ފައިންޕުޅު ދެކޭހިތުން ކެތްތެރިކަން ކުޑަވެފައެވެ.]

މޫސާ ބައްލައިލެއްވީމާ ބަދްރު ބިން މުޣީރާ އިސްތަށިފުޅު ހަލުވައިލެއްވިއެވެ. މޫސާ ވިދާޅުވިއެވެ. [މީގެ ކުޑައިރުކޮޅެއް ކުރިޔާ ހަމައަށް އަހަރެންގެ އެދުމަކަށްވެސް ވެފައި އޮތީ އެންމެ ދުވަހަކަށް ނަމަވެސް އަހަރެމެންގެ މުޙްސިން ގްރަނާދާއަށް ވަޑައިގަތުމެވެ. އެކަމަކު ބަދްރު ބިން މުޣީރާއާ މަޝްވަރާކުރުމަށް ފަހު  އެއްބަސްވެވުނީ އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު އިހަށް ގްރަނާދާއަށް ނުދާށެވެ. އެޔަށްވުރެ މުހިއްމީ މިދާ ގޮތަށް ކުރިއަށް ދިއުމެވެ. ދުޝްމިނުންގެ އަނިޔާވެރިކަމުގެ ދަށުގައި އެހެން ރަށްރަށުގެ މީހުން އަދިވެސް އެބަތިއްބެވެ. އެމީހުން ތިބީ އަހަރެމެންގެ އިންތިޒާރުގައެވެ. މި ވަގުތު އެންމެ ރަނގަޅީ އެ މީހުންނާ ހަމައަށް ދިއުމެވެ.]

ލޯޝާގެ އައު ވެރިޔާ

(1)

ލޯޝާގެ ގަވަރުނަރު އަބޫ ދާވޫދް އޭނާގެ ގަނޑުވަރުގެ ކޮޓަރިއެއްގައި އިށީނދެގެން އިނދެ ކަރުދާސްތަކެއް ބަލަމުން އެބަގެންދެއެވެ. އެ ވަގުތު އެތަނަށް ދޮރުވާނަކު ވަދެ ހިމޭންކަމާއެކު ހުއްޓި ހުރެއްޖެއެވެ. ހައެއްކަ މިނިޓުގެ އިންތިޒާރަށްފަހުވެސް އަބޫ ދާވޫދް އަޅައިނުލީމާ އޭނާ ޖެހިލުންވެފައި ހުރެގެން ބުނެފިއެވެ. [ބައްދަލުކުރައްވާ ކޮޓަރިކޮޅުގައި ޖޯން މައިކަލް މަނިކުފާނުގެ އިންތިޒާރުގައި އެބަ އިންނެވިއެވެ. އެ މަނިކުފާނު މިތަނަށް ވަޑައިގަންނަވާން ދެންނެވުމުގެ އިޒުނަފުޅު އެބައޮތްތޯއެވެ؟]

[ޖޯން މައިކަލޭ ހެއްޔެވެ؟] އަބޫ ދާވޫދް ކޮޅަށް ތެދުވެއްޖެއެވެ. [ނޫނެކެވެ. އަހަރެން އޭނާޔާ ބައްދަލުކުރާނީ އެތާނގައެވެ. އޭނާ އިންނަވާތާ ވަރަށް ގިނަ އިރުވެއްޖެ ހެއްޔެވެ؟]

[ނޫނެކެވެ. ވަޑައިގަތީ ދާދި ދެންމެއަކުއެވެ.]

އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ބެރެންޑާގައި ދިހަ ވަރަކަށް ފިޔަވަޅު ހިނގުމަށް ފަހު ގޮސް ވަރަށް ތަނަވަސް ކޮޓަރިއަކަށް ވަދެއްޖެއެވެ. އެ ކޮޓަރީގައި ގޮނޑިއެއްގައި އިށީނދެގެން އިން މެދު އުމުރުގެ، އިސްކޮޅުން ދިގު ބާމަތި ފުޅާ މީހަކު އަބޫ ދާވޫދް ފެނިފައި ކޮޅަށް ތެދުވެއްޖެއެވެ. އަބޫ ދާވޫދް އޭނާޔާ ސަލާންކޮށްލުމަށް ފަހު ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއެްޖެއެވެ.

ޖޯން މައިކަލާ ދިމާއަށް ފުންކޮށް ބަލައިލުމަށް ފަހު އަބޫ ދާވޫދް ބުންޏެވެ. [އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މަނިކުފާނު އުޅުއްވީ ހަނގުރާމައިގެ މައިދާނުގައެވެ.]

ޖޯން މައިކަލް ބުންޏެވެ. [އާދޭހެވެ. އެކަމަކު މިހާރު މި އައީ ކަސްތިއްޔާއިންނެވެ. ބައެއް ގަވަރުނަރުންނާމެދު މަޝްވަރާ ކޮށްލެއްވުމަށްޓަކައި ރަސްގެފާނުގެ އެންގެވުމަކަށް ކަސްތިއްޔާއަށް ދިޔައީއެވެ.]

[އެހެންވީމާ ލޯޝާގައި އަޅުގަނޑުގެ ބަދަލުގައި ގަވަރުނަރުކަމާ ހަވާލުވެވަޑައިގަންނަވާނީ މަނިކުފާނުތާއެވެ؟]

ޖޯން މައިކަލް އަބޫ ދާވޫދަށް ފަށްޖަހައިފައި އޮތް ކަރުދާސްގަނޑެއް ފޯރުކޮށްލިއެވެ. [މިއީ މާތްވެގެންވާ ރަސްގެފާނުގެ އެންގެވުމެކެވެ. އަޅުގަނޑު މި އައީ ރަސްގެފާނުގެ ހުކުމްފުޅު ތަންފީޒުކުރާށެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި އަޅުގަނޑުފަދަ ސިފައިންގެ މީހަކަށް ހަނގުރާމައިގެ މައިދާނާ ދުރުގައި ހުރުމަކީ ކުރެވޭވަރުގެ ކަމެއް ނޫނެވެ. ރަސްގެފާނުގެ އަމުރުފުޅެއް ކަމުގައި ވާތީ އައީއެވެ.]

އަބޫ ދާވޫދް އެ ލިޔުން މަތިމަތީން ކިޔައިލުމަށް ފަހު ބުންޏެވެ. [މަނިކުފާނު ފަދަ ތަޖުރިބާކާރު ބޭފުޅަކު ފޮނުއްވިކަމީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެކެވެ. އަޅުގަނޑު ކަސްތިއްޔާއަށް ދާން މާދަމާ ފުރާނަމެވެ.]

[އެކަމަކު މަނިކުފާނުގެ ފަރާތްޕުޅުން އަޅުގަނޑު ބޭނުންވާނޭ ލައްކަ އިރުޝާދު އެބަހުއްޓެވެ.]

އަބޫ ދާވޫދް ބުންޏެވެ. [އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް އިރުޝާދަކީ ލޯޝާ ދުޝްމިނުންގެ އަތްދަށަށް ދިޔަނުދީ ހިފަހައްޓެވުމެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.