(23 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
[ބޭކަލުންނޭވެ! އަންދަލުސްގެ ގިނަ ތަންތަނުން އަޅުގަނޑުމެންގެ ވެރިކަން ބީވެގެން ދިއުމަކީ ވަރަށް ބޮޑު ގެއްލުމެކެވެ. އެޔަށް ފަހު ދެން ލިބުނު އަނެއް ގެއްލުމަކީ އަޅުގަނޑުމެންގެ ގައުމުގެ ވަރަށް ގިނަ ބަޔަކު އިހާނެތިކަމާއެކު ދިރިއުޅެން ރުހިގަތްކަމުގެ ގެއްލުމެވެ. އެކަމަކު މި ގެއްލުންތަކަކީ ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ނޫނެވެ. އަނިޔާލިބިފައިވާ މީހުންނާއި ނިކަމެތި ފަގީރުންނާއި ކަންބޮޑުވެފައި ތިބޭ މީހުންނަށް ދިރިތިބެވެނީ އުއްމީދުގެ އެހީތެރިކަމުގެ ސަބަބުންނެވެ. އަޅުގަނޑުމެންގެ ހުރިހައި މެހެފިލެއްގެ ބައްތިތައް އެހެރީ ނިވިފައި ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. މި ވަގުތު ބައްތިއެއްގެ ހުޅުކޮޅު މި ފެނުނީ ގްރަނާދާއިންނެވެ. އެ ބައްތި ނިއްވައިލުމުގެ އެދުމުގައި ވަރުގަދަ ތޫފާނެއް ގްރަނާދާގައި އުފެދިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ. މިހާރު އެ ތޫފާން އަޅުގަނޑުމެންގެ ކިބައިން މި އެދެނީ އަޅުގަނޑުމެންގެ އަމިއްލަ އަތުން އެ ބައްތި ނިއްވައިލާށެވެ. ގައުމުގެ ސަންދޯއް އުފުލުމަށްޓަކައި މިއަދު ހޮވައިފައި މިތިބީ މަރުވެފައި އޮތް ގައުމުގެ ކަންފަތްދޮށުގައި ގިޔާމަތުގެ ތާޅަފިލި ފުމެފުމެ ތިބި ދަންނަބޭލަކުންނެވެ.]
[އޭ އަބޫ ދާވޫދާއެވެ. ގިޔާމަތް ދުވަހަކުން ކަލޭ ވާހުށީ އަހަރެން ހުށަހަޅާ ހެއްކަކަށެވެ. މިއަދު މިތާނގައި މި ތިބަ ހުރިހައި ބޮޑުންނާއި އިލްމުވެރިން ވާހުށީ އަހަރެންގެ ހެކިންކަމުގައެވެ. އަހަރެންގެ ހުރިހައި ބަލިކަށި ކަމަކާއެކުވެސް މިބައި މީހުންނާ ދެކޮޅުހެދިކަމަށް މި އެންމެން ހެކިކުރާނަމެވެ. ހައްގުގެ ހަނގުރާމައަށް ފުރަގަސްދީ ބާތިލުގެ ކޮޅުން ލިބޭން އޮތް އިނާމެއްގެ ދަހިވެތިކަމުގައި ޚިޔާނާތްތެރިވީ އެންމެންގެ މައްސަލަ ހުށަހަޅާނީ އަހަންނެވެ.]
[އޭ އަބޫ ދާވޫދާއެވެ. މިނިވަންކަމާއެކު ބޭނުން ޚިޔާލެއް ހުށަހެޅުމުގެ ދައުވަތު ދިނީމާ ބުނަން ހެއްޔެވެ؟ އަހަރެންގެ އަޑަކީ ކަސްތިއްޔާގައި ހައްގުގެ މަގުގައި އުފުލައިލެވޭ އެންމެ ފަހުގެ އަޑު ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ގްރަނާދާގައި ކްރިސްޓިއަނުންގެ ފަތަހައިގެ ދިދަތައް ވިހުރުވޭން ފެށުމާއެކު އަންދަލުސްގެ ކޮންމެ އިސްލާމެއްގެ ގޭދޮށުގައި ފޯރިމަރަމުން ދާނީ މަރެވެ. ކަލޭ ތިޔަ ބުނަނީ ކްރިސްޓިއަނުން އަހަރެމެން ދެކެ ނުރުހުނީ އެމީހުންނާ ދެކޮޅަށް ދިފާޢީ ހަނގުރާމަ ކުރީމާ ކަމަށެވެ. އެކަމަކު އަހަރެންގެ ސުވާލަށް ޖަވާބެއް ދީބަލާށެވެ. ފެރްނާންދޯ ގްރަނާދާއާ ދެކޮޅަށް ހަނގުރާމަ ނުކޮށް އޮތް ދުވަސްވަރު އަހަރެމެންނާމެދު ކަންތައް ކުރެވެމުން ދިޔައީ ކިހިނެއް ހެއްޔެވެ؟ އެ ދުވަސްވަރު ކުށެއް ނެތް މީހުން ގަތުލުކުރަމުންނެއް ނުދޭހެއްޔެވެ؟ އަހަރެމެންގެ އަނބިދަރިންގެ އިއްފަތްތެރިކަން ފޭރިއެއް ނުގަނޭ ހެއްޔެވެ؟ ގްރަނާދާއާއެކު އެކުވެރިކަމުގެ ގުޅުމެއް އެބައޮތޭ ކިޔައިގެން ތިބެ، އެތައް އިސްލާމުންނެއް ގައުމުން ބޭރުކޮށެއް ނުލާހެއްޔެވެ؟ އެތައް ބަޔަކު ގަދަކަމުން ކްރިސްޓިއަން ދީނަކަށް ނުވައްދާ ހެއްޔެވެ؟ އަހަރެމެންގެ އެތައް މިސްކިތެއް ފައްޅިތަކަކަށް ބަދަލެއް ނުކުރޭ ހެއްޔެވެ؟ އަރަބި ބަހުން ވާހަކަދެއްކުމަކީ އަހަރެމެންގެ މައްޗަށް ހަރާންކަމަކަށް ނުހަދާ ހެއްޔެވެ؟ އަހަރެމެންގެ މައްޗަށް ފާނުކުރާ އެއްވެސް އަނިޔާވެރިކަމެއް އޮތް ހެއްޔެވެ؟]
[އަބޫ ދާވޫދާއެވެ. ކޮންމެ ގައުމެއްގެވެސް އަބުރާއި އިއްޒަތަކީ އެ ގައުމެއްގައި ދިފާޢުވާން އޮންނަ ބާރެވެ. އަބުލްޙަސަން ލޯޝާއާ ދިމާއަށް މިސްރާބު ޖެއްސެވީމާ ގަންނކުރެއްވި ބިރުން، އަންދަލުސްގެ އިސްލާމުންނާ މެދު އިހާނެތިކޮށް ކަންތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭނެކަމަށް ކްރިސްޓިއަން ވެރިން އިއުލާނުކުރިކަން އަހަރެންވެސް ދެނަހުރީމެވެ. އޭގެ ފަހުން އަބޫ ޢަބްދުﷲ ޚިޔާނަތްތެރިވީމާ އަހަރެމެންގެ ވެރިންނަށް ފެނުނީ ގްރަނާދާގެ ނުރައްކާތެރިކަން ކުޑަވެއްޖެ ކަމުގައެވެ. އެޔާއެކު އަހަރެމެން އިސްލާމުންނަކީ އަދަބުދޭން ޖެހޭ ބަޔަކު ކަމަށް ދެކޭން ފަށަތްޕެވެ.]
[ގްރަނާދާއަކީ އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ ޖަގަހައެވެ. އެ ޖަގަހަ ގެއްލިއްޖެނަމަ އަންދަލުސްގެ އިސްލާމުންގެ ދިރިއުޅުން މަރަށްވުރެ ބިރުވެރިވެގެން ހިނގައިދާނެއެވެ.]
[މަޖިލީހުގެ ވެރިޔާ ބުނާ ގޮތުގައި ގްރަނާދާގެ އިސްލާމުންގެ މަރަކީ ޔަގީންވާ ކަމެކެވެ. އެހެންވީމާ ތިޔަ ލަފާދެނީ ދުޝްމިނުންގެ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން އަމިއްލަ އަތުން ދުޝްމިނުންގެ ކަރުގައި ހިފާށެވެ. އެކަމަކު އަހަރެން މި ބުނާ ވާހަކަ ހަނދާންކުރާށެވެ. އަހަރެމެންގެ އަތްތައް އެބައިމީހުންގެ ކަރާ ހަމައަށް ދިއުމުގެ ކުރިން ބުރިކޮށްލެވޭނޭކަން ކަށަވަރެވެ.]
އަޑުއަހަން ތިބި މީހުންގެ ތެރެއިން ދެކޮޅުހެދުމުގެ އަޑުތައް އުފުލިގެން ހިނގައްޖެއެވެ. އެކަމަކު އެމީހުން ހީކުޅަ ގޮތާ ޚިލާފަށް އަބޫ ދާވޫދް ހަމަޖެހިލައިގެން އެ ވާހަކަތައް އަޑުއަހާން އިނީއެވެ. އަޑުއަހަން ތިބި މީހުން އަޑުގަދަކޮށްގަންނާން އުޅުނީމާ އަތުގެ އިޝާރާތުން އެކަން މަނާވެސް ކޮށްފިއެވެ. މުސްކުޅިޔާ ވާހަކަދައްކައި ނިންމައިލީމާ އަބޫ ދާވޫދް މަޑުމައިތިރިކަމާއެކު އަހައިލިއެވެ. [އަޅުގަނޑުގެ ޢިއްޒަތްތެރި އަޚާއެވެ. އިތުރު ވާހަކަފުޅެއް ދައްކަވާން ބޭނުންފުޅުތޯއެވެ؟]
[ނޫނެކެވެ.] މުސްކުޅިޔާ އިށީނދެއްޖެއެވެ.
އަބޫ ދާވޫދް ބުންޏެވެ. [ބޭކަލުންނޭވެ! މި ޢިއްޒަތްތެރިޔާއަށް ހެޔޮހިތުން އަޅުގަނޑު ސާބަސް އަރުވަމެވެ. އަޅުގަނޑުގެ ވާހަކައިގެ ސަބަބުން އޭނާގެ ހިތްޕުޅުގައި ކުށްހީފުޅެއް އުފެދިގެން ދިޔައީތީ ވަރަށް ބޮޑަށް ހިތާމަކުރަމެވެ. އޭނާޔާ ވަކީން ބައްދަލުކޮށްފައި އަޅުގަނޑު ވާހަކަ ދައްކާނަމެވެ. އޭނާގެ ވާހަކަފުޅުގެ ސަބަބުން އެހެން ބޭކަލެއްގެ ހިތްޕުޅުގައި ޝައްކެއް އުފެދުނުނަމަ އެ ބޭފުޅަކާވެސް ވަކީން ވާހަކަދައްކާން އަޅުގަނޑު މީނީ ތައްޔާރަށެވެ. އޭނާގެ ޚިޔާލުފުޅަށް ތާއީދުކުރައްވާ ބޭފުޅަކު އިންނެވިއްޔާ އަޅުގަނޑަށް އަންގަވައިލައްވާށެވެ.]
އެ ވަގުތު ކަސްތިއްޔާގެ ހަތަރު ދަންނަބޭކަލަކު ތެދުވެވަޑައިގެންފިއެވެ.
އަބޫ ދާވޫދް ބުންޏެވެ. [މި މަޖިލީހުގައި އަޅުގަނޑުގެ ވާހަކައަށް ތާއީދުނުކުރައްވާ މި ތިއްބެވީ އެންމެ ފަސް ބޭފުޅުންނެވެ. މިނިވަން ބަހުސަކަށް ފަހު އެދެވޭ ނަތީޖާއަކާ ހަމައަށް ދެވޭނޭ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. ހަވީރުގެ ވަގުތެއްގައި އަޅުގަނޑު ތިޔަ ބޭފުޅުންނަށް ވަކީން ދަންނަވައިލާނަމެވެ. މި ބައްދަލުވުން ނިންމައިލުމުގެ ކުރީން ދަންނަވައިލާން ބޭނުން ވާހަކައެއް އެބައޮތެވެ. ޖަލްސާގައި ހިނގި އެއްވެސް ކަމެއްގެ ވާހަކަ އަދި ދެކެވުނު އެއްވެސް ވާހަކައެއްވެސް ބޭރަށް ނުކުމެގެން ނުވާނެއެވެ. އިތުރު މީހަކަށް އަންގަވައިގެން ނުވާނެއެވެ.]
އިރާކޮޅުގެ ވަގުތެއްގައި އަބޫ ދާވޫދްގެ ނޯކަރަކު އައިސް އެ ފަސް ދަންނަބޭކަލުން ގޮވައިގެން ހިނގައްޖެއެވެ. އޭގެ ފަހުން އެއިން ބޭކަލަކު ދުށް މީހަކު ނެތެވެ. އެ ބޭކަލުންނަށް ވީ ގޮތެއް ދެނަހުރި މީހަކުވެސް ނެތެވެ. ބައެއް މީހުން ކިޔަމުން ދިޔަ ގޮތުގައި އެ ބޭކަލުން އެހެން ދުނިޔެއަކަށް ފޮނުވައިލެވުނީއެވެ.
ނަންގަނެވުނު [ނަމުގައި] ދަންނަބޭކަލުންގެ ޖަމާއަތް ދެ ހަފުތާއެއްހައި ދުވަހު އަބޫ ދާވޫދްގެ ކިބައިން ތަމްރީނު ވުމަށް ފަހު ގްރަނާދާއަށް ދާން ދަތުރު ފަށައިފިއެވެ. އެޔަށް ފަހު އަބޫ ދާވޫދް ފެރްނާންދޯގެ ފަރާތުން ޚާއްސަ އަމުރުތަކެއް ހޯދައިފިއެވެ. އެއީ އެކި ޕްރޮވިންސްތަކުގެ ވެރިންނަށް އަމުރު ހިންގުމުގެ ޚާއްސަ ހުއްދަ ތަކެކެވެ. އަދި ބޭނުންވާ މީހުން ޖަމާކޮށް ޖަމާއަތްތައް ތައްޔާރު ކުރުމުގެ އަމުރެވެ. މި އަމުރާއެކު އޭނާ ރަށްރަށަށް ދަތުރުކުރާން ފަށައިފިއެވެ. ކޮންމެ ރަށަކަށް އަރައި އެ ރަށަކުން އެއް ޚިޔާލުގެ މީހުން އެއްތަން ކުރެއެވެ. ހުރިހައި މަސައްކަތެއްގެ މައި މަރުކަޒަކަށް ހެދީ ކަސްތިއްޔާއެވެ. އެހެން ރަށްރަށުގެ ގަވަރުނަރުން ކުރާ ކަމަކީ އިތުބާރު ކުރެވޭ މީސްމީހުން އެއްކޮށް އޭނާގެ ގާތަށް ފޮނުވުމެވެ. އޭނާ އެމީސްމީހުން ތަރުބިއްޔަތުކޮށް ތައްޔާރުކުރުމަށް ފަހު ގްރަނާދާ އަށް ފޮނުވަމުން ގެންދަނީއެވެ.
ކްރިސްޓިއަނުންގެ އަނިޔާވެރިކަމުގެ ސަބަބުން އިސްލާމުން އެބައިމީހުންގެ އަވަށާއި ރަށް ދޫކޮށް ގްރަނާދާއަށް ދަތުރު ކުރާން ފަށައިފިއެވެ. މިހެން ދަތުރުކުރާ މީހުންގެ ތެރެއަށް އަބޫ ދާވޫދްގެ ޖާސޫސުން ވަދެއެވެ. ގްރަނާދާއާ ހަމައަށް އެމީހުންނާއެކު މި ޖާސޫސުންވެސް ދަތުރު ކުރެއެވެ. ހިޖުރަކުރާ މީހުންގެ މައްސަލައަކީ ގްރަނާދާގެ ސަރުކާރަށް ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކަމަކު ރައްޔިތުންގެ އެހީތެރިކަމުގެ ސަބަބުން ސަރުކާރަކަށް އިތުރު ބުރައެއް ނުޖެހެއެވެ. ރައްޔިތުން ގެންދިޔައީ ބޭރުން އަންނަ މެހުމާނުންނަށް އެބައިމީހުންގެ ގެތަކުން ޖާގަދީ ފުރިހަމައަށް މެހުމާންދާރީ އަދާކުރަމުންނެވެ. އަލްކަސަރުގެ މުޅި ސަރަހައްދު މިނިވަން ވެއްޖެއެވެ. އެ ސަރަހައްދުގައި މުހާޖިރުންގެ ވަރަށް ގިނަ ބަޔަކު އާބާދު ވެއްޖެއެވެ.
ގްރަނާދާއާއި ކްރޮދޯވާގެ އެކި އަވަށްތަކުން ދިހަ ލައްކައެއްހައި މީހުން މުހާޖިރުންގެ ގޮތުގައި އަތުވެއްޖެއެވެ. އޭގެ ތެރެއިން ދެ ހާހެއްހައި މީހުންނަކީ ކަސްތިއްޔާއިން އަންނަ އަމުރަށް ބޯލަނބަލުން، އަމަލުކުރަމުން ގެންދާ ޖާސޫސުންނެވެ. މިބައިމީހުން ކުރާ ކަމަކީ ގްރަނާދާގެ ރައްޔިތުންނަށް، އިސްލާމުންނަށް ޖެހިފައިވާ ނިކަމެތި ހާލުގެ ވާހަކަ ކިޔައިދީގެން އެމީހުންގެ ސަމާލުކަން ހޯދުމެވެ. އޭގެ ފަހުން އެބައިމީހުންގެ ސިކުނޑިއަށް ތަފާތު ވަހުމުތައް ވެއްދުމުގެ މަސައްކަތް ފަށަނީއެވެ. [މި ހަނގުރާމަ ނިމޭނީ ކޮން ދުވަހަކު ހެއްޔެވެ؟ ހަނގުރާމައިން ނުކުންނާނޭ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އިސްލާމުންގެ އަދަދު ވަރަށް ގިނައެވެ. އެކަމަކު އަހަރެމެން ކުރިމަތިލާން މި ޖެހެނީ ހަމައެކަނި އަންދަލުސްގެ ކްރިސްޓިއަނުންނަކާ ނޫނެވެ. ހަމައެކަނި ސްޕޭނެއް ނޫނެވެ. ޔޫރަޕުގެ އެހެން ގައުމުތަކުންވެސް ކްރިސްޓިއަނުން އެބަ އާދެއެވެ. އެމީހުންގެ ބޭނުމަކީވެސް މި ކުޑަކުޑަ ގްރަނާދާގެ ވަސްވެސް ފިލުވައިލުމެވެ. އިސްލާމުންގެ ހިތް ހަލާކުވެއްޖެއެވެ. އިސްލާމުންނަކީ ފިނޑި ބައެއް ނޫނެވެ. އިސްލާމުންނަކީ މަރުވާށާއި މަރާން ދަންނަ ބައެކެވެ. މިއަދު ފެރްނާންދޯ އޭނާގެ މުޅި ލަޝްކަރު ގޮވައިގެން ނުކުތަސް ދެތިން ދުވަހުގެ ތެރޭގައި އެ އެންމެންގެ ދުވަސް ދުއްވައިލުމަކީ އަހަރެމެންނަކަށް އެއްެވެސް ކަމެއް ނޫނެވެ. އެކަމަކު މުޅި ޔޫރަޕްގެ ހުރިހައި ކްރިސްޓިއަނުން އެ ޖަމާވަނީ އޭނާއަށް އެހީތެރިވާށެވެ. މިޔާ ޚިލާފަށް އެފްރިކާއި ތިބި އަހަރެމެންގެ އަޚުންނަކަށް އަހަރެމެންގެ ހާލެއް ނުވެސް އެނގެއެވެ. އަހަރެމެންނަށް ހަނގުރާމަ ކުރެވޭނީ ކިހައި ދުވަހަކު ހެއްޔެވެ؟ މި ހަނގުރާމައިން ނުކުންނާނޭ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟]
ފަތިސް ވެގެން އައި އިރު ގްރަނާދާގެ މިސްކިތްތަކުގެ ފާރުގައި ހުރީ މިފަދަ އިބާރާތްތަކުގެ ބޭނުން ކޮށްގެން ލިޔެފައިވާ އިޝްތިހާރެވެ.
[ދީނީ ޢިލްމުވެރިން ވިދާޅުވަނީ ކީކޭ ހެއްޔެވެ؟ ކަނޑައެޅިގެން ހަލާކުގެ ތެރެއަށް ފުންމައިލުންކަން ކަށަވަރުވާ ހަނގުރާމައެއް ކުރުމަކީ ހުއްދަ ކަމެއް ހެއްޔެވެ؟]
މުނާފިގުންގެ މި މަސައްކަތުގެ ސަބަބުން ގްރަނާދާގައި ތިބި ބަލިކަށި ވިސްނުމުގެ މީސްމީހުންގެ ނިޔަތް ޚަރާބުވެ، ހަނގުރާމަޔާ ދެކޮޅުހަދާ މީހުން މަޑުމަޑުން ގިނަވާން ފަށައިފިއެވެ. އަންދަލުސްގެ ބޮޑުންގެ ޚިޔާލާ އެއްގޮތަށް ގްރަނާދާ އެނބުރޭން ފަށައިފިއެވެ. މި ވިހަ ވާހަކަތައް ހަނގުރާމަމަތީ ލަޝްކަރާ ހަމައަކަށް އަދި ނުފޯރައެވެ. އެކަމަކު އަބޫ ދާވޫދްގެ މީހުން މަޑުމަޑުން ލަޝްކަރާވެސް ގުޅޭން ފަށައިފިއެވެ. މުހާޖިރުންގެ ސިފައިގައި ކަސްތިއްޔާގެ ބައެއް ޔަހޫދީ ވިޔަފާރިވެރިން އަތުވެއްޖެއެވެ. އެމީހުން ގެންދިޔައީ ފެރްނާންދޯގެ ރަނާއި ރިހީގެ އަސަރުކުރާ ކަހަލަ ކޮމާންޑަރުން ގަންނަމުންނެވެ.
(5)
ލޯޝާގެ ގަވަރުނަރުގެ ގާއިމްމަގާމް ޖޯން މައިކަލްގެ ވިސްނުން ހުރީ މޮޅު ތަދުބީރުގެ ބަދަލުގައި ގަދަބާރުގެ ބޭނުން ކުރާ ގޮތަށެވެ. އަބޫ ދާވޫދް ހުރި އިރުވެސް ކްރިސްޓިއަނުންގެ އަނިޔާވެރިކަމުން ސަލާމަތް ވެގެން ތިބެވޭނޭ ކަމަކަށް ލޯޝާގެ އިސްލާމުން ގަބޫލެއް ނުކުރެއެވެ. އެކަމަކު އަބޫ ދާވޫދްގެ ހިކުމަތުއަމަލީގެ ސަބަބުން އިސްލާމުންގެ މެދުގައި ބަޣާވާތެއް އުފެދުނަ ނުދީ އޭނާ ގެންދިޔައީ ހިފަހައްޓަމުންނެވެ. އޭނާ ދިޔައީމާ އިސްލާމުންގެ މެދުގައި އައު ރޫޙެއް އުފެދިއްޖެއެވެ. ދިރިއުޅެން ދަތިވަމުންދާ ކަމުގެ އިހުސާސް މާ ބޮޑަށް ކުރެވޭނެ ފަށައިފިއެވެ.
ލޯޝާ ބަލަހައްޓާން އައްޔަނުކޮށްފައި ތިބި ފަސް ހާހެއްހައި ސިފައިން ރާ ބޮއިގެން އަމަލުވެގެން މަގުމަތީގައި ހޫރެން ފަށައިފިއެވެ. މިސްކިތް މިސްކިތަށް އަރައި ނަމާދުކުރަން ތިބޭ މީހުންނަށް ގޯނާކޮށް ލޫޓުވުން އާއްމުކޮށްފިއެވެ. ރޭގަނޑު ދަންވަރު ގޭގޭގެ ދޮރު ވައްޓައިލައިގެން ވަދެ އަންހެނުން ނެރެ، ދަމާކޫއްތައިފައި ސިފައިންގެ މަރުކަޒުތަކަށް ގެންދާން ފަށައިފިއެވެ.
އެއް ދުވަހަކު ޒުވާނަކު އެ ހިސާބުގަނޑުގެ ގެއަކަށް ސިފައިންގެ ބަޔަކު ގަދަކަމުން ވަދެގަތީމާ އައި ރުޅިއާއި ޖޯޝުގައި އެމީހުންނަށް ހަމަލަދީ ތިން މީހުން މަރާލައިފިއެވެ. ދެނަކާ ދެނެއް ނެތެވެ. ޖޯން މައިކަލް ރައްޔިތުންގެ މައްޗަށް ގޮށްމުށާއި ކަނޑީގެ ބާރު ހިންގާން ފަށައިފިއެވެ. މި މައްސަލަ ބޮޑުވެގެން ގޮސް ސަރްކޯދާގެ ކްރިސްޓިއަން ރާހިބުންގެ ބަޔަކު ޖޯން މައިކަލާ ބައްދަލުކޮށް ސިފައިން ރަށުތެރެއަށް ނުކުތުން މަނާކޮށްދޭން އެދިއްޖެއެވެ. ސަބަބެއް ކަމަށް އެމީހުން ބުނީ ރާ ބޮއިގެން ތިބެ އިސްލާމުންނަށް ގޯނާ ކުރުމުގެ އިތުރަށް އެމީހުން ކްރިސްޓިއަނުންނާ ބެހި މައްލަވަކުރަމުން ގެންދާ ގެންދިއުމެވެ. މި އެދުމާއެކު ގަވަރުނަރު އެންގީ ކްރިސްޓިއަނުން އެބައިމީހުންގެ ގޭގެ ފާހަގަކުރަން ދޮރުގައި ސަލީބެއް ކުރަހައިފައި ބަހައްޓާށެވެ.
ލޯޝާގައި ޖޯން މައިކަލާ އެކުވެރިކަން އޮންނަ މަޝްހޫރު ވިޔަފާރިވެރިއަކު އުޅެއެވެ. ވަރަށް ގިނަ ރޭރޭ ޖޯން މައިކަލް މި ވިޔަފާރިވެރިޔާގެ ގެއަށް ދެއެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ސިފައިން ކޮންމެވެސް އަންހެން ކުއްޖަކު ފޭރިގަނެގެން އެ ގެއަށް ގެންދެއެވެ.
އެއް ރެއަކު ރާ ބޮއިގެން އަމަލުވެފައި އިނދެގެން އަނގަތަޅަމުން ގޮސް ޖޯން މައިކަލް ވިޔަފާރިވެރިޔާ ގާތު ބުންޏެވެ. [މީހަކާ އިންނާން އަހަރެން ގަސްތުކޮށްފީމެވެ.]
ވިޔަފާރިވެރިޔާ ވަރަށް ބާރަށް ހީނގެންފިއެވެ. [ކަލޭ މީހަކާ އިންނާން ވީއޭ ހެއްޔެވެ؟]
ޖޯން މައިކަލް ހަޅޭއް ލަވައިގަތެވެ. [ހިމޭނުން އިންނާށެވެ. ކަލޭ ތިޔަ ހީކުރަނީ އަހަރެން އަމަލުވެފައި އިނދެގެން މޮޔަ ގޮވަނީ ކަމަށް ހެއްޔެވެ؟ އަހަރެން ހަމަ ހަގީގަތުގައިވެސް މީހަކާ އިންނާން ގަސްތުކޮށްފީމެވެ. އަހަރެން އިންނާން ބޭނުންވަނީ އަންދަލުސްގައި އިން އެންމެ ރީތި އަންހެންކުއްޖާޔާއެވެ. އެ ކުއްޖާ މިހާރު ލޯޝާގައި އެބައިނެވެ. އެއީ ކާކުކަން އެނގޭ ހެއްޔެވެ؟]
[އާނއެކެވެ. އަހަންނަށް އެނގެއެވެ.]
[އެއީ ކާކު ހެއްޔެވެ؟]
[އެއީ އާބޫ ދާވޫދްގެ ދަރިފުޅެވެ.]
[އެ ކުއްޖާގެ ނަން ކަލެއަށް އެނގޭ ހެއްޔެވެ؟]
[އޭނާގެ ނަމަކީ ރަބީޢާއެވެ.]
(ނުނިމޭ)
