އަންދަލުސްގެ ބާޒު - 1

ބާޣީ

(1)

ފަރުބަދައިގެ ބުޑުގައި ހުރި ހިލަތަކުގެ މަތީން ފައިބައިގެން އައި ފަންސާސް އަސްވާރުން ބޯ ޖަންގަލީގެ ތެރެއިން އައިސް ކޯރުގެ މަތިން އަޅައިފައި އޮތް ހަލާކުވެފައިވާ ބުރިޖުގެ ކައިރިއަށް މަޑުކޮށްފިއެވެ. ކޯރުގެ އަނެއް ފަރާތުން ފެންނާން އޮތް ޖަންގަލި ފެންނަނީ މާ ބޯކޮށެވެ. މި ވާދީގައި ޖަންގައްޔާއި ބިޔަ ގަސްގަހުގެ އިތުރަށް މޭބިސްކަދުރު ވެލާއި، އާފަލާއި، އަންނާރާއި މި ނޫނަސް މޭވާ ގަސް ހުއްޓެވެ. މިއީ ކޮންމެވެސް ދުވަސްވަރެއްގައި މިތާނގައި މޭވާ ބަގީޗާއެއް އޮތް ކަމުގެ ހެއްކެކެވެ. ހަލާކު ވެފައިވާ ބުރިޖުގެ ދެފަރާތުގައި ހެދިފައިވާ ގަސްގަހުގެ ގޮފިތައް ދެފަރާތުން ހެދި، އަރައިގެން އައިސް މަތީން ވަނީ ޖެހިފައެވެ. ހީވަނީ ބުރިޖުގެ މަތީގައި ފުރާޅެއް ލެވިފައި އޮތީ ހެންނެވެ. ދެ ފަރާތުގައި ހެދިފައި އޮތް ވިނަގަނޑު ބޯވެގެން ގޮސް މަގާއެކީގައި އޮތީ ފެހިވެފައެވެ. މީގެ ކުރީން މި ސަރަހައްދުގައި ހިނގައި އުޅުނު މީސްމީހުންގެ ފައިތިލަ މިއިން ތަނެއްގައި ޖެހިފައި ނުވާތާ އެތައް ދުވަހެއް ވެއްޖެކަން އެނގޭހައި ވެއެވެ.

ކޯރު އެހައި ފުނެއް ނޫނެވެ. އަހުގައި ގޮސް ކޯރު ހުރަސްކޮށްލުމަކީ ދަތި ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް ލަޝްކަރުގެ ކުރީގައި ތިބެގެން އައި ދެ އަސްވާރުން މަޑުކުރުމަށް ފަހު ކުޑައިކޮށް ފިކުރު ހިންގައިލިއެވެ. އަދި އެނބުރި ބަލައިލާފައި، ފަހަތުން އައި އަސްވާރުންނަށް މަޑުކުރާން އިޝާރާތް ކޮށްފިއެވެ. އެ ހުރިހައި އަސްވާރުންމެ ތިބީ ފެންވަރު ރަނގަޅު ހަނގުރާމަމަތީ ދަހަނާ އަޅައި، ހަތިޔާރު ހިފައި، ތައްޔާރު ވެގެންނެވެ. އަސްވާރުންގެ އެއް ލީޑަރަކު ލައިގެން ހުރީ ހުދުކުލައިގެ އަބާއެކެވެ. ބޮލުގައި އޮތީ ހުދު ކުލައިގެ ފޮށައެކެވެ. ފޮށައިގެ ކަންގަނޑުން އޭނާގެ މޫނު ހުރީ ނިވައި ކޮށްފައެވެ. ފެންނަނީ ހަމައެކަނި ދެ ލޮލެވެ. ދެވަނަ މީހާ ހުރީ އެހެން އަސްވާރުންނެކޭ އެއްފަދައިން މޫނާއި ކަނދުރާއާ އެކު ނިވައިވާ ކަހަލަ ހެލްމެޓެއް އަޅައިގެންނެވެ. އޭނާގެ މުށިކުލައިގެ ރީތި އަހާއި، މުށްގަނޑުގައި ޖަވާހިރު ޖެހި ކަނޑިއާއި، ވިދަވިދައި ހުރި ދަހަނާއިން އޭނާގެ އިމްތިޔާޒީ އިއްޒަތް ފައުޅުކޮށް ދެއެވެ.

މި ދެ އަސްވާރުންނަކީ ލަޝްކަރުގެ ދެ ލީޑަރުންކަން އެނގެއެވެ. ދެމީހުން އިރުކޮޅަކު ބުރިޖުގެ ކައިރީގައި ތިބެފައި އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ.

ހުދު ފޮށާއެޅި މީހާ އެންމެ ފަހުން ބުނެފިއެވެ. "އޭނާ ދެކޮޅު ހައްދަވައިފިއްޔާ ވާނީ ކިހިނެއް ބާވައޭ އަޅުގަނޑުގެ ހިތަށް އެތައް ފަހަރަކު އަރައިފިއެވެ."

މުށިއަހުގެ ވެރިޔާ ބުނެފިއެވެ. "ތިޔަހެން ވެއްޖެނަމަ އޭނާއަކީ ބާޣީއެއް ކަމަށް ބަލައި ބާޣީއަކާމެދު ކަންތައް ކުރާ ފަދައިން ކަންތައް ކުރުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯންނާނެއެވެ."

"ނޫނެކެވެ. އޭނާ މިނިވަންވެގެން އެ ހުންނެވީ އަޅުގަނޑުމެންގެ ދުޝްމިނުންގެ ކިބައިންނެވެ. ހަމައެކަނި މި ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާޔާ އޭނާ ހަވާލުވެ ވަޑައިގަތަސް އޭނާގެ މިނިވަންކަމަށް އަޅުގަނޑުމެން އިހުތިރާމު ކުރާނަމެވެ."

"އަޅުގަނޑުމެންގެ ހުށަހެޅުމާ އޭނާ ދެކޮޅު ހައްދަވައިފިއްޔާ ހަދާނީ ކިހިނެއްތޯއެވެ؟"

"އެހެން ވިޔަސް އަޅުގަނޑު އޭނާއަކާ ދެކޮޅުވެރިއެއް ނުވާނަމެވެ. އެކަމަކު ގްރަނާދާ ލަޝްކަރަށް އެފަދަ މުހިއްމު ބައިވެރިޔަކު އިތުރު ނުކުރެވުނު ކަމުގެ ހިތާމަ ކުރާނަމެވެ."

މުށިއަހުގެ ވެރިޔާއަށް އެއްޗެކޭ ބުނެވުމުގެ ކުރީން ބުރިޖުގެ އަނެއް ފަރާތުން ފުއްލާއެއް ނުކުތްތަން ފެނިއްޖެއެވެ. އޭނާ ތުރުކަހުން ދުންޏެއް ނަގައިފިއެވެ. އެކަމަކު ދުނިދަނޑި އުފުލައިލެވުމުގެ ކުރިން ގަސްތަކުގެ ތެރެއިން ވައިކަފައިލާފައި އައި ދުންޏެއް ބުރިޖުގެ ކައިރީގައި ހުރި ގަހަކުން ބިންދައިގެން ގޮސް އެލިފައި އޮތް ގޮފިގަނޑަކަށް ހެރިއްޖެއެވެ.

ފުއްލާ ސިހިފައި އެނބުރި ޖަންގަލީގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. ސަވާރީން ކަންބޮޑުވެފައި ހަތަރު ފަރާތަށް ނަޒަރު ހިންގާން ފަށައިފިއެވެ. މުށި އަހަށް ސަވާރުވެގެން އިން މީހާ ތީރު ހެރުނު ގޮފިގަނޑާ ދިމާއަށް ބަލައިލިއެވެ. ތީރުގެ އިތުރަށް ގޮފިގަނޑުގައި ހުރި ފަނޑު އަކުރުތަކެއް އޭނާއަށް ފާހަގަ ކުރެވިއްޖެއެވެ. އޭނާ ހުދު ފޮށާއެޅި މީހާއާ ދިމާއަށް ބުންޏެވެ. "އެ ގޮފިގަނޑުގައި ކޮންމެވެސް އެއްޗެކޭ ލިޔެފައި އެބައޮތްހެން ހީވެއެވެ."

ދެ ސަވާރީން އަހުގައި މަޑުމަޑުން ގޮސް ގޮފިގަނޑުގައި ލިޔެފައި އޮތީ ކީކޭތޯ ބަލައިލިއެވެ.

"މި ކޯރުގެ އަނެއްފަރާތުން ފެށިގެން އޮތީ ސަރަހައްދީ ބާޒުގެ ވެރިކަމުގެ ސަރަހައްދެވެ. މި ދަނޑުފަނގު ވަގުފުކޮށްފައި ވަނީ މުޖާހިދުންނަށެވެ. މި ޖަންގަލީގެ މޭވާއާއި ޝިކާރަ ކުރެވޭ ޖަނަވާރުގެ ހައްގުވެރިންނަކީ މި ބިމަށް ވެރިވެގަނެގެން އުޅޭ ބީއްރައްޓެހީންގެ އަތްދަށުން އަންދަލުސް ސަލާމަތް ކުރުމުގެ އަހުދުވެގެން ތިބި މީހުންނެވެ. ގްރަނާދާއިން އަންނަ މީހުންގެ ތެރެއިން މި ހިސާބުން ކުރިއަށް ދެވޭނީ މުޖާހިދުންނާ ގުޅޭން ބޭނުންވާ މީހުންނަށެވެ. އިސްލާމްދީނުގެ ދުޝްމިނުންގެ ޣުލާމުންނަށް ވެގެން އުޅޭ މީހުންނާއި ކްރިސްޓިއަނުންގެ ދަށުގައި ތިބޭން ރުހިގެން އުޅޭ މީހުން މި ހިސާބުން ފެށިގެން ކުރިއަށް ދާން މަސައްކަތް ނުކުރުން ހުއްޓެވެ. އަހަރެމެން ކަނޑީގެ ޖަވާބު ދޭނީ ކަނޑީންނެވެ."

މި ޢިބާރާތްތައް ކިޔައިލުމަށް ފަހު ހުދުފޮށާ އެޅި މީހާ އޭނާގެ ބައިވެރިޔާއާ ދިމާއަށް ބަލައިލިއެވެ. "އައްސޭރިފަށުގެ އަހުލުވެރިން ފަދައިން ގްރަނާދާގެ އަހުލުވެރިންގެ މައްޗަށްވެސް ޝައްކުގެ ލޯފުޅަކުން ބެއްލެވުމަކީ އޭނާއަށް ލިބިވަޑައިގެންފައިވާ ހައްގެކެވެ. އެކަމަކު ކޮންމެފަދަ ބުރައެއް އުފުލައިގެންވެސް އޭނާގެ ފައިންޕުޅު ދެކިލުމަކީ އަޅުގަނޑު އެދޭ ކަމެކެވެ."

ދަހަނާއިން ޒީނަތްތެރިވެގެން އިން ސަވާރީ ބުންޏެވެ. "އޭނާ އުޅުއްވަނީ މިހައިތަނުން ފެށިގެން އަށް މޭލުގެ ރާސްތާއެއްގައި ހުންނަ ގަދީމީ ކިއްލާއެއްގައެވެ. އަޅުގަނޑުމެންގެ ނިޔަތުގެ ސައުފުކަން ޔަގީންކޮށްދީގެން މެނުވީ އޭނާޔާ ހަމައަށް ވާސިލުވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. މި ބޮޑު ޖަންގަލި ފުރިފައިވަނީ ތީރުވެރިންނާއިގެންނެވެ. އަޅުގަނޑު ހުދު ދިދަ ނަގާނަމެވެ. އޭނާގެ ފަރާތްޕުޅުން ކޮންމެވެސް މީހަކު އަތުވެދާނެ ތޯއްޗެކެވެ. މީހަކު ނުކުމެއްޖެނަމަ އެމީހެއްގެ އެހީތެރިކަމާއެކު އޭނާ ހުންނެވި ހިސާބަކަށް ދެވޭތޯ މަސައްކަތް ކުރަމާ ހިންގަވާށެވެ."

ހުދުފޮށާ އެޅި މީހާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ދަހަނާއެޅި މީހާ އޭނާގެ ސަވާރީންގެ ތެރެއިން މީހަކަށް އިޝާރާތެއް ކޮށްލުމަށް ފަހު ހުދު ދިދަ ވިހުރުވަމުން ބުރިޖާ ގާތަށް ޖެހިލިއެވެ. ކުޑައިރުކޮޅަކަށް މަޑުކޮށްލުމަށް ފަހު އޭނާ ބާރަށް ގޮވައިލިއެވެ. "މި ހިސާބުގައި އެއްވެސް މީހަކު އެބައުޅޭ ހެއްޔެވެ؟ އަހަރެމެން މި އައީ ސަރަހައްދީ ބާޒުގެ ނަމުގައި އޮތް އެކުވެރިކަމުގެ މެސެޖަކާއިގެންނެވެ."

ހިނދުކޮޅަކަށް ފަހު އައްސޭރީގެ އަނެއް ފަރާތުގައި ހުރި ބޮޑު ގަހެއްގެ ގޮފިތަކަށް ހަރަކާތެއް އަތުވެއްޖެއެވެ. އަދި ޒުވާނަކު އެ ގަހުން ފުންމާލައިގެން އައްސޭރިއާ ދިމާއަށް އަތުވެއްޖެއެވެ.

"އެކުވެރިކަމުގެ ޖަވާބުގައި އަހަރެމެންގެ ފަރާތުންވެސް ފެންނާނީ އެކުވެރިކަމެވެ. އެކަމަކު ސަރަހައްދީ ބާޒު ދެކޮޅުހެއްދެވުމަކީ އެކަށީގެންވާ ކަމެކެވެ. އެކުވެރިކަމުގެ މެސެޖަކާއިގެން އަންނަ ބަޔަކު ތިޔަހައި ވަރުގަދައަށް ތައްޔާރު ވެގެން ފުރިހަމަ ހަތިޔާރާއެކު އަންނާން ޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟"

ދަހަނާ އަޅައިގެން އިން ސަވާރު ބުންޏެވެ. "ބަދްރު ބިން މުޣީރާގެ ހިތްވަރުގަދަ ފަހުލަވާނުންނަށް އަހަރެމެންގެ އެންމެ ފަންސާހަކަށް ސަވާރީންނަކީ މާ ގިނަ ބައެއް ކަމަށް ވާނޭ ކަމަކަށް ނުދެކެމެވެ. އެކަމަކުވެސް އެމަނިކުފާނަށް ދަންނަވާށެވެ. އިއުތިރާޒު ކުރައްވާ ކަމުގައި ވަނީނަމަ އަހަރެމެންގެ ހަނގުރާމަވެރި ސަވާރީން އަނބުރައި ފޮނުވައިލާނަމެވެ. ދެވަނަ ގޮތަކީ އަހަރެމެންގެ ހުރިހައި ހަތިޔާރެއް ކަލޭމެންނާ ހަވާލު ކުރުމެވެ. އަދި ތިންވަނަ ގޮތެއްވެސް އެބައޮތެވެ. އެގޮތަކީ އަހަރެމެންގެ ސަވާރީން ކޯރުގެ މިފަރާތުގައި ތިބޭނީއެވެ. އަހަރެމެން ހަމައެކަނި ދެމީހުން ގޮވައިގެން ކަލޭމެންގެ އަމީރުގެ އަރިހަށް ހިނގާށެވެ."

ޒުވާނާ ބުންޏެވެ. "ސަރަހައްދީ ބާޒުގެ ނަންފުޅު ކަލޭމެން ދަންނަނީނަމަ އެމަނިކުފާނުގެ އާދަފުޅުވެސް ރަނގަޅަށް ދަންނާނޫއެވެ. ކަލޭމެންނާ ބައްދަލު ކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ބޮޑަށް ބޭނުންފުޅު ވާނީ ތިޔަ ސަވާރީން ހިމެނޭ މައި ލަޝްކަރުގެ ހަގީގީ ބޮޑުމިނަކީ ކޮބައިތޯ ބައްލަވާށެވެ."

ދަހަނާއަޅައިގެން އިން މީހާ އޭނާގެ ދަގަނޑު ކޯރީގެ މޫނުމަތި ހިއްލައިލިއެވެ. "ކަލޭގެ ކުރިމަތީގައި ގްރަނާދާގެ ސިފައިންގެ ޖެނެރަލެއްގެ އެއްވެސް ގަދަރެއް ނެތް ކަމުގައި ވިޔަސް ޣަރްނާޠާގެ ޝާހީ ޚާންދާނަށް އިހުތިރާމު ކުރާނަމެއް ނޫންހެއްޔެވެ."

(2)

ޒުވާނާ ފިކުރު ބޮޑުވެފައި އެނބުރި ގަސްތަކާ ދިމާއަށް ބަލާން ފަށައިފިއެވެ. ކުޑައިރުކޮޅަކަށް ފަހު ގަސްތަކުގެ ތެރެއިން އަހެއްގެ ފިޔަވަޅުގެ އަޑު އިވޭން ފަށައިފިއެވެ. އަޑާއެކުގައި ކަހަލަ ގޮތަކަށް، އަހަކަށް ސަވާރުވެގެން އިން މީހަކު ނުކުތްތަން ފެނިއްޖެއެވެ. އޭނާ އިނީ ވިދުންއަރާ ދަހަނާއެއްގެ ބަދަލުގައި ހުދުކުލައިގެ ފޮށައެއް އަޅައިގެންނެވެ. އެއީ އުމުރުން ގާތްގަނޑަކަށް އަށާރަވަރަކަށް އަހަރުގެ ބުރުސޫރަ ރީތި ޒުވާނެކެވެ. މޫނުމަތީން ފައުޅުވަނީ އާދަޔާ ޚިލާފަށް ހިތްވަރުގަދަކަމުގެ ކުލަވަރެކެވެ. އޭނާ އިރުކޮޅެއް ވާންދެން ކޯރުގެ އަނެއް ފަރާތުގައި ތިބި ސަވާރީންނާ ދިމާއަށް ބަލަހައްޓައިގެން އިނުމަށް ފަހު ބުނެފިއެވެ. "ބަދްރު ބިން މުޣީރާއާ ބައްދަލު ކުރާކަށް ގްރަނާދާގެ ޝާހީ ޚާންދާނުގެ ބޭފުޅަކުގެ ސިފާރިޝެއް ބޭނުމެއް ނުވާނެއެވެ. އިޚުލާސްތެރި ފަހުލަވާނަކާ ބައްދަލު ކުރެވުމަކީ އެޔަށްވުރެ މާ އުފާވާނޭ ކަމެކެވެ."

ދަހަނާއެޅި މީހާ ބުންޏެވެ. "ސިފައިންގެ ފަހުލަވާނެއްގެ އިޚުލާސްތެރިކަން ހުރި މިންވަރެއް އެނގޭނީ ހަނގުރާމައިގެ މައިދާނެއްގައެވެ. ކަލޭގެ އަމީރާއި އަހުރެންނާ ދެމީހުން އެކީގައި ހަނގުރާމައިގެ މައިދާނެއްގައި ތިބެވޭނޭ ގޮތް ގުދުރަތުން މެދުވެރި ކުރައްވައިފިނަމަ އަހަރެންގެ މޭގެ ޒަޚަމްތަކުން އަރާ ކެކިކެކި ހުންނަ ލެއިން އަހަރެންގެ ނިޔަތުގެ ސައުފުކަން ފައުޅުވާނެއެވެ. ދާށެވެ. ކަލޭގެ އަމީރަށް ދަންނަވާށެވެ. މޫސާގެ އިޚުލާސްތެރިކަމާމެދު ޝައްކު ކުރެއްވޭ ނަމަ ކަސްތިއްޔާގެ ސަހަރަކަށް ހަމަލާ ދެއްވާށެވެ. އަހުރެންނާއި، އަހުރެންގެ މި ފަންސާސް ފަހުލަވާނުން ކަނޑީގެ ހިޔަލާއި ދުނީގެ ވާރެއިން އަމީރަށް އެހީތެރިވަމުން ގެންދާނަމެވެ."

ޒުވާނާ އަނގައިންވެސް ނުބުނެ ވާހަކަދައްކާ މީހާޔާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލަމުން ގެންދިޔައެވެ. އެޔަށް ފަހު އަހުގައި ކޯރުގެ ތެރެއަށް ފައިބައިފިއެވެ. އަދި މަޑުމަޑުން އައިސް ދަހަނާއެޅި މީހާޔާ ގާތަށް ޖެހިލުމަށް ފަހު އަހުން ފައިބައި ސަލާމަށް އަތްދިއްކޮށްލިއެވެ. "ތިޔައީ މޫސާ ކަމުގައި ވަނީނަމަ އިތުރު އެއްވެސް ސުވާލެއް ކުރުމަކާ ނުލައި އަޅުގަނޑު އެކުވެރިކަމުގެ އަތް މި ދިއްކޮށްލީއެވެ."

މޫސާ ހައިރާންފުޅުވެފައި އެ ޒުވާނާގެ އަތްޕުޅުގައި ހިއްޕެވުމަށް ފަހު ވިދާޅުވިއެވެ. "ތިޔައީ ބަދްރު ބިން މުޣީރާ ތޯއެވެ؟ އަޅުގަނޑު ހައިރާން..."

އޭނާގެ ޖުމުލަ ފުރިހަމަ ކުރެއްވުމުގެ ކުރީން ބަދްރު ބިން މުޣީރާ ވިދާޅުވެއްޖެއެވެ. "ތިޔަ ހައިރާންފުޅުވަނީ ފުރަތަމަ ނަޒަރުން އަޅުގަނޑުމެން ދެމީހުންނަށް އެކަކު އަނެކަކު ނޭނގުނީމާތޯއެވެ؟"

މޫސާ ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާން އުޅުނު ވާހަކައަކީ ތިޔައީއެވެ. އަޅުގަނޑު ހީކޮށްގެން އައީ މަނިކުފާނު ވާނީ އުމުރުފުޅުން ދުވަސްވެފައި ހުރި ބޭފުޅަކަށް ކަމުގައެވެ. އެކަމަކު މިހާރު ތިޔަ ހުންނެވީ ބާޒެއްގެ ނަމުން މުޚާތަބުކުރާން އެންމެ ރަނގަޅު އުމުރުފުޅުގައި ކަމަށް މިހާރު ގަބޫލު ކުރެވެއެވެ. އަންދަލުސްގެ ޝާހީ ޚާންދާނުގެ އިޚްލާސްތެރިކަމާމެދު މަނިކުފާނުގެ ހިތްޕުޅުގައި އޮތް ނުތަނަވަސްކަން ފިލުވާލައްވައިފިނަމަ އަޅުގަނޑު މަނިކުފާނަށް ވަރަށް ޚާއްސަ ބޭފުޅަކު ތައާރަފުކޮށް އަރުވާނަމެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަންދަލުސްގެ ތުރުކަހުގައި އޮތް އެންމެ ފަހުގެ ދުންޏެވެ."

(ނުނިމޭ)

ނޯޓު: މި ވާހަކަ ޝާއިއުކުރަން ހަމަޖެހިފައި ވަނީ ކޮންމެ ހުކުރުދުވަހަކުއެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.