އެންމެ ފަހުގެ ޙަމަލާ – 25

(13 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

محمود غزنوی އަޅުގަނޑަށް ދެއްވި ނަމަކީ عبدالواحد އެވެ. އޭނާ އަކީ އަޅުގަނޑުގެ މުޙުސިނެވެ. ނަމަވެސް އޭނާގެ އިޙުސާންތެރިކަން ގުޅިފައި ވަނީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ ޒާތާ ކަމުގައި ވީ ނަމަ، އަޅުގަނޑު މި ހަނގުރާމަތަކުގައި ބައިވެރި ވުމުގެ ބަދަލުގައި ޚިޔާރު ކުރީހީ ކޮންމެވެސް އެކަނިވެރި ތަނެއްގައި އެކަނިވެރި ގޮތުގައި އަޅުގަނޑުގެ ޙަޔާތު ވޭތި ކޮށްލުމެވެ. ޖަލުން ސަލާމަތް ވުމަށް ފަހު، އަޅުގަނޑު ދާން ބޭނުން ތަނަކަށް ދިޔުމުގެ މިނިވަންކަން އަޅުގަނޑަށް އޮތެވެ. ނަމަވެސް އަޅުގަނޑު އެ ރަސްގެފާނާ މެދު ދެކެނީ މި ޤައުމުގެ އަނިޔާ ލިބެމުންދާ އިންސާނިއްޔަތުގެ މުޙުސިން ކަމުގައެވެ. ޤުދުރަތުން އޭނާ ޚާއްޞަ ކުރައްވައިފައި ވަނީ މަތިވެރި މަސައްކަތްޕުޅުތަކެއް ފުރިހަމަ ކުރައްވާށެވެ. އެ މަސައްކަތްޕުޅުގެ އަގު އަޅުގަނޑުގެ ގާތުގައި އަޅުގަނޑުގެ ފުރާނަޔަށް ވުރެ ވެސް މާ މަތިވެރިއެވެ. މިއީ އަޅުގަނޑުގެ ވާހަކައެވެ. އަޅުގަނޑުގެ ހިތް ބުނާ ގޮތުން އަޅުގަނޑުގެ ބަދަލުގައި މަނިކުފާނު ހުންނެވި ނަމަ މަނިކުފާނުގެ އިޙުސާސްތައް ވެސް އަޅުގަނޑަކާ ތަފާތެއް ނުވީހެވެ."

ރަންބީރު އިސް އުފުލައިލައްވައިފައި عبدالواحد އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާގެ ލޯފުޅު ވަނީ ކަރުނަފޮދުން ތެމިފައެވެ. އޭނާ ނުހަނު ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "މަނިކުފާނުގެ މަޤާމުގައި އަޅުގަނޑު ހުރި ނަމަ ދުނިޔެއަކު ވެސް ނުހުރެވުނީހެވެ. މަނިކުފާނަކީ އިންސާނެއް ނޫނީމުއެވެ. ގަދަފަދަ ފަރުބަދައަކީމުއެވެ."

عبدالواحد ހިނިފުޅު ވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "ޙަޔާތުގެ މަޤްޞަދެއް ކަނޑައެޅިއްޖެ ކޮންމެ މީހަކަށް ވެސް ފަރުބަދައެކޭ އެއްގޮތަށް ސާބިތުކަން މަތީ ދެމިހުރެވިދާނެއެވެ."

ރަންބީރު ސުވާލު ކުރެއްވިއެވެ. "މިނިވަން ވެވަޑައިގަތުމަށް ފަހު މަނިކުފާނު އެ އަވަށަށް ވަޑައިގަތީމުތޯއެވެ؟"

عبدالواحد ޖަވާބު ދެއްވިއެވެ. "އާދޭހެވެ! އަޅުގަނޑު އެތައް ފަހަރަކު އެތަނަށް ހިނގައްޖައީމެވެ. އެ ވީރާނާ ވެފައި ވާ އަވަށް މިހާރު ވަނީ އަލުން އާބާދު ވެފައެވެ. ނަމަވެސް އާޝާގެ ގެ ހުންނަނީ ފަޅަށެވެ. ފަރުބަދަމަތީގެ ވަހުމުތަކަށް ހެއްލިފައި ތިބޭ މީހުން އެ ގޭގެ ތެރޭގައި ފިޔަވަޅެއް އަޅާން ވެސް ބިރު ގަނެއެވެ. އެބައިމީހުން ޚިޔާލު ކުރާ ގޮތުގައި އާޝާގެ ރޫޙު ކޮންމެ ރެޔަކު ވެސް އެ ގޭގެ ވަށައިގެން ޠަވާފު ކުރެއެވެ. އަޅުގަނޑަކީ އެ ބާވަތުގެ ވަހުމަށް ހެއްލޭ މީހެއް ނޫނީމެވެ. އަޅުގަނޑު އެ އަވަށަށް ދާ ކޮންމެ ފަހަރަކު ވެސް ހުންނަނީ އެ ގޭގައެވެ. ނަމަވެސް ރޭގަނޑު އެ ގޭގައި އެކަނި އޮންނަ އިރު އަޅުގަނޑަށް ހީ ވަނީ ގޭގެ ފާރުތައް ވެސް ގިސްލަމުންދާ ހެންނެވެ. އެ ކޯރާ ދިމާޔަށް ދާ އިރު އާޝާ އަޅުގަނޑަށް ގޮވާ ކަމުގައި އަޅުގަނޑަށް އިޙުސާސް ވެއެވެ. ފެނާރުގެ ނިމުމެއް ނެތް ރާގުން އަޅުގަނޑަށް އިވެނީ އާޝާ! އާޝާ! މި ލަފުޒުތަކެވެ."

ރަންބީރު ސުވާލު ކުރެއްވިއެވެ. "ޤައިދީން ސަލާމަތް ކުރުމުގައި މަނިކުފާނާ އެހީތެރި ވި މީހުންނަށް ފަހުން ވީ ކިހިނަކުންތޯއެވެ؟"

عبدالواحد ޖަވާބު ދެއްވިއެވެ. "އެ ހުރިހައި އެންމެން ވެސް ތިބީ އަޅުގަނޑާ އެކު ޖަލުގައެވެ. ޖަލުން ސަލާމަތް ވުމުން އެމީހުން ވެސް محمود ގެ ލަޝްކަރުގައި ބައިވެރި ވެއްޖެއެވެ. ބުންސީދާސް އުޅެމުން ގެންދިޔައީ އެ އަވަށުގައި ފަރުބަދަމަތީ މީހުންނާ އެކުގައެވެ. އަޅުގަނޑު ނަގަރުކޯޓު ފަތަޙަ ވުމަށް ފަހު އެތަނަށް ދިޔަ ފަހަރު އައީ އޭނާ ގޮވައިގެންނެވެ. އޭނާ ވެސް މިހާރު އުޅެނީ محمود ގެ ސިފައިންގެ ތެރޭގައެވެ."

ރަންބީރު ސުވާލު ކުރެއްވިއެވެ. "އާޝާ ކޮންމެވެސް އެހެން ރޫފައެއްގައި އައިސް މަނިކުފާނާ ބައްދަލު ކުރާނެކަމަށް މަނިކުފާނު ޤަބޫލު ކުރައްވަމުތޯއެވެ؟"

"ނޫނެކެވެ." عبدالواحد ޖަވާބު ދެއްވިއެވެ. "އާޝާ މަރު ވެގެން ދިޔައީ އަޅުގަނޑަށް ޓަކައި މަތިވެރި މަޤްޞަދެއް ދޫ ކޮށްފައެވެ. އެ މަޤްޞަދު ފުރިހަމަ ކުރުމަށް ޓަކައި އަޅުގަނޑު މަސައްކަތް ކުރަމުންދާ އިރު އޭނާގެ ރޫޙު އަޅުގަނޑާ ދިމާޔަށް ބަލަމުންދާހެން ވަރަށް ގިނަ ފަހަރު އަޅުގަނޑަށް ހީވެއެވެ."

ރޭ ދެބަޔަށް ވުރެ ބޮޑު ވެއްޖެއެވެ. ރަންބީރު عبدالواحد ގެ އަރިހުން އިޒުނަފުޅު ހޯއްދަވައިގެން އޭނާގެ ކޮޓަރިކޮޅާ ދިމާޔަށް ވަޑައިގެންފިއެވެ. އޭނާ ރޭގަނޑުގެ ދެން އޮތް ބައި ވޭތި ކޮށްލެއްވީ އޮށޯވެވަޑައިގެން އޮންނަވައި ދެ ފަރާތަށް ފުރޮޅިވަޑައިގެންނެވުމުގައެވެ.

އަނެއް ދުވަހުގެ ހަވީރު ވެސް ރަންބީރު عبدالواحد އޭނާ ބަލައި ނުފޮނުއްވަނީސް عبدالواحد ގެ އަރިހަށް ވަޑައިގެންފިއެވެ. އެ ދުވަހަށް ފަހު ކޮންމެ ދުވަހަކު ވެސް މަދު ވެގެން އެއް ފަހަރު عبدالواحد ގެ އަރިހަށް ވަޑައިގެންނެވުމަކީ ރަންބީރުގެ އާދަފުޅަކަށް ވެއްޖެއެވެ. ދުވަސްކޮޅެއްގެ ބައްދަލުވެވަޑައިގެންނެވުމަށް ފަހު ރަންބީރަށް އިޙްސާސް ވެވަޑައިގަތީ އޭނާގެ ޚިޔާލުފުޅަށް ވަރަށް ބޮޑު އިންޤިލާބެއް އަތުވެއްޖެކަމެވެ. ނަމަވެސް ކުރީއްސުރެ އޭނާ ހުންނެވި ދުނިޔެއިން މިނިވަން ވެވަޑައިގެން އާ ދުނިޔެއަކަށް ވެދެވަޑައިގެންނެވުމަށް ޓަކައި އޭނާއަށް ވަރުގަދަ ކޮއްޕައިލެވުމަކަށް ބޭނުންފުޅު ވެއެވެ. އޭނާގެ ޙާލުކޮޅަކީ ބިޔަ ރާޅުތަކެއްގެ އޮއިވަރުގައި ބޭރަށް ދަމައިގެން ހިނގައިދާނެކަމުގެ ބިރުން އައްސޭރީގައި ހުރި ހިކި ހޯލިކޮޅުތަކެއްގެ އެހީ ހޯދާން އުޅޭ މީހެއްގެ ޙާލެވެ. އެ ހޯލިކޮޅުތައް އެކަތިކޮޅަށް ފަހު އަނެކަތިކޮޅު ހަލާކު ވަމުން ދަނީއެވެ. އޭނާ އަބަދުވެސް ހުންނަވަނީ ކޮންމެވެސް އާދަޔާ ޚިލާފު ބިޔަ ރާޅެއް އޭނާގެ އެންމެ ފަހުގެ އުއްމީދު އޭނާގެ އަތްޕުޅުން ފޭރިގަނެ އޭނާއަށް އަލުން އެނބުރި އައްސޭރިއަށް ވަޑައިނުގެންނެވޭ ހިސާބަށް ގެންގޮސްފާނެތީ ބިރުފުޅުންނެވެ. އެ އައްސޭރި އަކީ އެ ތަނެއްގައި އޭނާގެ ހިނިތުންވަމުން ފަރި ވެ ފޮޅެމުންދާ ދުނިޔެ އާބާދު ވެފައި ވާ އައްސޭރިއެވެ. ގުނައި ޢަދަދު ނުކުރެވޭހައި ގިނަ އެދުންތަކާއި އުއްމީދުތައް އޭނާއާ ދިމާޔަށް އަތް ދަމައިލައިގެން ތިބި އައްސޭރިއެވެ. އޭނާގެ ބައްޕާފުޅާއި، އޭނާގެ ކޮއްކޯފުޅާއި، އޭނާގެ ތުއްޕުޅު އިރުގެ އެކުވެރީން އޭނާއަށް އިލްހާމު ފޮނުއްވަމުން ގެންދަވައެވެ. "ރަންބީރެވެ! ތިޔަ ސައިލުގެ އޮއިވަރާ އެކު ދަމައިގަނެގެން ގެންދިޔަނުދެއްވައި ވޭތޯ ބައްލަވާށެވެ! މަނިކުފާނަށް މުޖުތަމަޢާ ދެކޮޅު ހެއްދެވިދާނެއެވެ. ދޭވަތާއިންގެ ކީރިތިވަންތަކަމާ މެދު އިންކާރު ކުރެއްވިދާނެއެވެ. ނަމަވެސް އަޅުގަނޑުމެން ދޫ ކޮށްލައްވައިފައެއް ވަޑައެއްނުގެންނެވޭނެއެވެ. ތެދުފުޅެކެވެ! ނަގަރުކޯޓުގެ ޚާއްޞަ ހާދިސާއެއް އިންސާނަކު މުޖުތަމަޢުގެ ދުޝްމަނަކަށް ހަދައިފިއެވެ. ނަމަވެސް ގުނޫޖަކީ ނަގަރުކޯޓެއް ނޫނެވެ. މަނިކުފާނަކަށް عبدالواحد އަކަށް ވެވަޑައެއްނުގެންނެވޭނެއެވެ. މަނިކުފާނުގެ ދުނިޔެ އޭނާގެ ދުނިޔެއާ ތަފާތެވެ. މަނިކުފާނު ތިޔަ ހުންނެވީ ގިނިކަންޏާއެއް ނޫނެވެ. މަނިކުފާނަށް އަޅުގަނޑުމެންގެ ގާތަށް ވަޑައިނުގެންނެވޭނެ ކަމުގައި ވާނަމަ، އަޅުގަނޑުމެން ވެސް މަނިކުފާނުގެ އަރިހުގައި ގެންދަވާށެވެ."

މި ދުވަސްކޮޅު ހިމެނިފައި ވަނީ ރަންބީރަށް ކެތް ކުރައްވާން އުނދަގޫފުޅު ދުވަސްތަކެއް ކަމުގައެވެ. عبدالواحد ގެ އަންނަނިވި ލަފުޒުތައް އޭނާގެ ކަންފަތްޕުޅުގައި ގުގުމަމުންދެއެވެ. "މަނިކުފާނު ކުރެއްވި ހަނގުރާމައެކޭ އެއްގޮތަށް މަނިކުފާނު ޤައިދުގައި ތިޔަ ހުންނަވާ ހުންނެވުމަކީ ވެސް އެއްވެސް މާނައެއް ނެތް ކަމެކެވެ." عبدالواحد ގެ ކުރިފުޅުމަތީގައި އިޢުތިރާފު ވެވަޑައިގަންނަވާން ބައެއް ފަހަރު އޭނާގެ ހިތްޕުޅަށް އަރައެވެ. "ބުރަހުމަނުންގެ މުޖުތަމަޢު ނުވަތަ ގުނޫޖުގެ ރަސްގެފާނަށް ފަތަޙަ ލިބިވަޑައިގަތުމާއި ބަލިފުޅު ވުމާ މެދު މިހާރަކު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އަޅުގަނޑު އެދެނީ އެންމެ ފަހަރަކު ނަމަވެސް އަޅުގަނޑުގެ ބައްޕާފުޅާއި ކޮއްކޯފުޅު ދެކެލާށެވެ. އަޅުގަނޑު މިނިވަން ކުރައްވައިފި ކަމުގައި ވާނަމަ މުސްލިމުންނާ ދެކޮޅަށް އެއްވެސް ހަނގުރާމައެއްގައި ބައިވެރި ނުވާން އަޅުގަނޑު ވަޢުދު ވަމެވެ." އެހެން ވިދާޅުވާ އަޑުފުޅު އިވިވަޑައިގަތުމާ އެކު عبدالواحد އޭނާ ދޫ ކޮށްލެއްވުމުގެ އަމުރުފުޅު ނެރުއްވާނެކަމަށް ރަންބީރުގެ ހިތްޕުޅު ހެކިދެއެވެ. ނަމަވެސް ހަމަ އެއާއެކު عبدالواحد އަށް ރަންބީރުގެ ހިތްޕުޅުގެ ހުރިހާ ސިއްރެއް އެނގިވަޑައިގަންނަވާކަމާއި، އޭނާގެ އެދިވަޑައިގަތުމަކާ ނުލައި عبدالواحد ދޭހިންދުގެ ގަވަރުނަރުގެ އަރިހަށް ރަންބީރު ދޫ ކޮށްލެއްވުމަށް އެދިވަޑައިގެން ލިޔުއްވައިފިކަން ވެސް އެނގިވަޑައިގަނެއެވެ. عبدالواحد ގެ އަރިހުގައި އިލްތިމާސް ކުރެއްވުން ރަންބީރަށް މަނާ ކުރަނީ އެ އިޙްސާސެވެ.

+ + + +

ރަންބީރު އެއް ދުވަހަކު ހުންނެވީ އޭނާގެ ކޮޓަރިކޮޅުގެ ބޭރުގައި ހިންގަވައިލައްވަހިންގަވައިލައްވައެވެ. އޭނާގެ އަރިހަށް ސިފައިންގެ މީހަކު އަތުވެއްޖެއެވެ. އޭނާ ރަންބީރުގެ އަރިހުގައި ދަންނަވައިފިއެވެ. "ކިއްލާގެ ކޮމާންޑަރު މަނިކުފާނަށް އެބަ ވިދާޅުވެއެވެ." ރަންބީރު ސިފައިންގެ މީހާއާ އެކު عبدالواحد ގެ އަރިހަށް ވަޑައިގެންފިއެވެ.

عبدالواحد އިންނެވީ އޭނާގެ އޮފީހުގައެވެ. އޭނާ ރަންބީރާ ދިމާޔަށް ބައްލަވައިލައްވައިފައި ހިނިފުޅު ވަޑުވައިލެއްވިއެވެ. އޭނާގެ ކުރިފުޅުމަތީގައި ހުރި ގޮނޑިކޮޅަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވިއެވެ. "އިށީނދެވަޑައިގަންނަވާށެވެ! އަޅުގަނޑު މަނިކުފާނަށް އުފާވެރި ޚަބަރެއް ދަންނަވާނަމެވެ."

ކުޑަ ހިނދުކޮޅަކަށް ރަންބީރުގެ ނާރުފުޅުތަކުގައި ހިނގާ ހުރިހައި ލޭފޮދެއް އޭނާގެ މޫނުފުޅުމައްޗަށް ޖަމާ ވިއެވެ. އޭނާ އޭނާގެ ހިތްޕުޅުގެ ވިންދު ހަމަ ޖެއްސެވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ސުވާލު ކުރެއްވިއެވެ. "ދޭހިންދުގެ ގަވަރުނަރުގެ ޖަވާބު ލިބިވަޑައިގަތީތޯއެވެ؟"

عبدالواحد ޖަވާބު ދެއްވިއެވެ. "އޭނާގެ ފަރާތްޕުޅުން އަދިއެއް ޖަވާބެއް ނާދެއެވެ. ނަމަވެސް މަނިކުފާނު ހިތްޕުޅު ހަމަޖައްސަވާށެވެ. މަނިކުފާނަށް ވަރަށް އަވަހަށް މަނިކުފާނުގެ ގެއަށް ވަޑައިގެންނެވިދާނެއެވެ. މި ވަގުތު އަޅުގަނޑު މަނިކުފާނު ބަލައި މި ފޮނުވީ އެހެން ކަމަކުއެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.