11 January 2026 (Sunday)

އެންމެ ފަހުގެ ޙަމަލާ – 28

(3 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަންބީރު ވިދާޅުވިއެވެ. "އެހެން ވީ އިރު، އެންމެ ކުޑަ ވެގެން ވެސް މި ދެ އަހުގެ އަގު އަޅުގަނޑު އަރުވާން ޖެހޭނެއެވެ."

"ތިޔަ ދެ އަހަކީ އަޅުގަނޑުގެ އަމިއްލަ ދެ އަހެވެ. ތިޔަ ދެ އަސް ރަޙުމަތްތެރިޔަކު އެރުވި ވެދުމެއް ކަމުގައި ބައްލަވައިފައޮ ޤަބޫލު ކުރައްވާށެވެ." މިހެން ވިދާޅުވެފައި عبدالواحد މުސާފަހާ ކުރެއްވުމަށް ޓަކައި ރަންބީރާ ދިމާޔަށް އަތްޕުޅު ދިއް ކޮށްލައްވައިފިއެވެ.

އިރުކޮޅެއްގެ ފަހުން، ރަންބީރާއި ޝަމްބޫނާތު އަސްމަތީގައި ކިއްލާއިން ބޭރަށް ނުކުމެވަޑައިގަންނަވަނީއެވެ.

ހަތަރުވަނަ ބާބު

ރޫޕަވަތީ

ރޫޕަވަތީ އިންނެވީ ކޯރުގެ އައްސޭރީގައެވެ. އޭނާ ހެދުންކޮޅުތަކެއް ދޮންނަވަނީއެވެ. އޭނާއަށް ދުރުން ކޮންމެވެސް މީހަކު ލަވަ ކިޔާ އަޑު އިވިވަޑައިގެންފިއެވެ. އޭނާގެ އަތްޕުޅަށް ކުއްލިޔަކަށް ހުއްޓުން އަރައިފިއެވެ. ލަވަ ކިޔާ މީހާގެ އަޑު އައީ މަޑުމަޑުން ކައިރި ވަމުންނެވެ. ހަމަ އެއާ އެކު ރޫޕަވަތީގެ ހިތްޕުޅުގެ ވިންދު އަވަސް ވަމުންދާން ފަށައިފިއެވެ. ލަވަ ކިޔާ މީހާގެ އަޑުގައި ވާ ފޮނިކަން އޭނާގެ ކަންފަތްޕުޅަށް އެއްގޮތަކަށް ވެސް ބީރައްޓެއްސެއް ނޫނެވެ. މީގެ ކުރީން އޭނާއަށް އެ އަޑު އިވިވަޑައިގަންނަވާ އިރަށް ކެތްތެރިކަމެއް ނެތް ގޮތެއްގައި ހަތަރު ފަރާތް ހޯއްދެވޭން ފަށައެވެ. ނަމަވެސް މިއަދު އޭނާއަށް ވެފައި ވަނީ މުޅީން އެހެން ގޮތްކޮޅެކެވެ. މިއަދު އޭނާގެ ހިތްޕުޅު އުފަލުން ފުމެނީކީ ނޫނެވެ. އޭގެ ބަދަލުގައި ބިރުފުޅުން ތުރުތުރު އަޅަނީއެވެ. އެ އަޑަކީ އޭނާ ބަހާރު މޫސުމުގެ އުފާވެރި ލަވަތަކާއި ހިނިތުންވުމުގެ ދުނިޔެއަށް ގެންގޮސްދޭ އަޑެވެ. ނަމަވެސް މިއަދު އޭނާ އިންނެވީ އެ އަޑު އައްސަވާން ބިރުފުޅުންނެވެ. އެ އަޑަށް އަބަދަށް ޓަކައި އަލްވަދާޢު ވިދާޅުވާން ތައްޔާރަށެވެ. އޭނާ އަމިއްލަފުޅު ހިތްޕުޅުން ތަކުރާރު ކުރައްވައި ވިދާޅުވަމުން ގެންދެވިއެވެ. "ރާމްނާތެވެ! ކަލާ އަޅުގަނޑުގެ ގާތަށް ވަޑައިނުގަންނަވާނެ ނަމައެވެ!

ލަވަ ކިޔާ މީހާ ކުއްލިޔަކަށް ހިމޭން ވެއްޖެއެވެ. ރޫޕަވަތީއަށް އޭނާގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަންނަވާން ފަށައިފިއެވެ. ރޫޕަވަތީގެ ކިބައިގައި އިސް އުފުއްލަވައިލައްވާހައި ވެސް، ނުވަތަ ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލައްވާހައި ވެސް ހިތްވަރުފުޅެއް ނެތެވެ. ނަމަވެސް ކޮންމެވެސް މީހަކު ވަލު ފިނިފެންމާތަކެއް އޭނާގެ އުނގުފުޅަށް އޮއްސައިލުމުން އޭނާ ކުއްލިޔަކަށް ތެދު ވެވަޑައިގެންފިއެވެ. ރޫޕަވަތީ ތެދު ވެވަޑައިގެންނެވި ގޮތުން ބައެއް މާތައް ކޯރުގެ ތެރެޔަށް އޮހިގެންފިއެވެ. ވަގުތުން ކޯރުގެ ފެންގަނޑުގެ މަތީގައި އޮޔާ ދުރަށް ގެންދާން ފަށައިފިއެވެ.

ރޫޕަވަތީގެ ކުރިފުޅުމަތީގައި ހުންނެވީ އޮޅަލި ޒުވާން ފިރިހެން ބޭފުޅެކެވެ. އޭނާ ހުންނެވީ ހިނިތުން ވެވަޑައިގެންފައެވެ. އެއީ ރާމްނާތެވެ. އޭނާގެ އިސްކޮޅުފުޅު މެދުމިނެވެ. ނަމަވެސް އޭނާގެ މޭމަތިފުޅު އާދަޔާ ޚިލާފަށް ފުޅަލެވެ. އޭނާ ވިދާޅުވިއެވެ. "މިއަދު ދޭވީ އޭނާއަށް އަޅުކަން ކުރާ މީހާ އެޅި ވެދުން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އަނބުރައި ރައްދު ކުރައްވައިފިއެވެ."

ރޫޕަވަތީ އިސް އުފުއްލަވައިލައްވައިފައި ރާމްނާތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާގެ ކަޅު ކުލައިގެ ރީތި ދެ ލޯފުޅު ފުރިފައި ހުރީ ކަރުނައިންނެވެ.

"ރޫޕާއެވެ! ރޫޕާއެވެ!" ރާމްނާތު ބެދިފައި ވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ކީއް ވީތޯއެވެ؟ ކަލާ ކީރިތި ކުރައްވަނީ ކީއްވެގެންތޯއެވެ؟ އެއްވެސް މީހަކު ކަލާއާ ދިމާޔަށް އެއްޗެކޭ ދެންނެވީތޯއެވެ؟"

ރޫޕަވަތީ އޭނާގެ ދޯޕައްޓާކޮޅުން ކަރުނަފޮދު ފޮއްސަވަމުން ވިދާޅުވިއެވެ. "ރާމްނާތެވެ! ކަލާ އަޅުގަނޑުގެ ވާހަކައެއް ޤަބޫލު ކުރައްވާނުތޯއެވެ؟"

ރާމްނާތު ވަރަށް ކަންބޮޑު ވެވަޑައިގެންފިއެވެ. އޭނާ ޖަވާބު ދެއްވިއެވެ. "ކަލާގެ ކަރުނަފޮދު އަޅުގަނޑު ލައްވައި ކޮންމެ ކަމެއް ވެސް ޤަބޫލު ކުރުވައިފާނެއެވެ. ރޫޕާއެވެ! އަވަހަށް ވިދާޅުވާށެވެ!"

ރޫޕަވަތީ ވިދާޅުވިއެވެ. "ކަލާ މީގެ ފަހުން އަޅުގަނޑުގެ ގާތަށް ވަޑައިނުގަންނަވާށޭ އަޅުގަނޑު ދަންނަވައިފި ކަމުގައި ވާނަމަ ހައްދަވާނީ ކިހިނަކުންތޯއެވެ؟"

ރާމްނާތު ޖަވާބު ދެއްވިއެވެ. "ދޭވީއަށް އޭނާއަށް އަޅުކަން ކުރާ މީހާއަށް މަރުގެ ނިޔާ ކަނޑައެޅުއްވިދާނެއެވެ. ނަމަވެސް އަޅުކަން ކުރުން މަނައެއް ނުކުރެއްވޭނެއެވެ."

ރޫޕަވަތީ ބެދިފައި ވާ އަޑުފުޅަކުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ވާހަކަޔާ މެދު ކަލާ ކުރައްވާނީ ސަމާސާކަން ކުރީން ވެސް އަޅުގަނޑަށް އެނގެއެވެ. ނަމަވެސް މިއީ ހައްތާ ވެސް އަޅުގަނޑުގެ ކުށެވެ. އަޅުގަނޑަށް ކަލާގެ އަރިހުގައި ހުރިހައި ވާހަކައެއް ކުރީން ދެންނެވުނު ނަމަ ހާދަ ރަނގަޅެވެ."

ރާމްނާތު ކުރިޔަށް ވުރެ ވެސް ބޮޑަށް ކަންބޮޑު ވެވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގޭ ކަމަކީ ދުނިޔޭގެ އެއްވެސް ބާރަކަށް އަޅުގަނޑުމެން ދެ މީހުންގެ މެދަށް ހުރަސް ނޭޅޭނެކަމެވެ."

ރޫޕަވަތީ ވިދާޅުވިއެވެ. "އަޅުގަނޑު މި އުޅެނީ ކަލާއަށް އެ ތަނަކަށް ވަޑައިނުގެންނެވޭނެ ތަނަކަށް ވަރަށް އަވަހަށް ދާން ވެގެންނެވެ. އަޅުގަނޑުމެން ދެ މީހުންނަށް އެކަކު އަނެކަކު ހަނދާން ނައްތައިލުން ފިޔަވައި ހެދޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ."

ރާމްނާތު ހިނިފުޅު ވެޑުވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑާ ސަމާސާ ނުކުރައްވާށެވެ. ރޫޕާއެވެ! ކަލާ އުޑަށް އަރައިވަޑައިގެންނެވި ކަމުގައި ވިޔަސް، އަޅުގަނޑު ފަހަތްޕުޅުން އަރާނަމެވެ. އެތަނުން ވެސް ކަލާ ހޯދާނަމެވެ. ކަލާ އަކީ އަޅުގަނޑުގެއެވެ. އެއްވެސް މީހަކަށް ކަލާ އަޅުގަނޑުގެ އަތުން ފިރުކައެއްނުގަނެވޭނެއެވެ. ކަލާގެ މާބެ (މަންމަ ފަރާތު ބޮޑުބޭބެ) އެހެން ކޮންމެވެސް މީހަކާ ކަލާގެ ކާވެނި ކޮށްދެއްވާން އުޅުއްވާ ކަމުގައި ވާނަމަ، އަޅުގަނޑު ހަމަ މިއަދު އަޅުގަނޑުގެ ބައްޕަ އޭނާގެ އަރިހަށް ފޮނުވާނަމެވެ. އަޅުގަނޑުގެ ބައްޕައަށް ކަލާގެ މާބެ ރުއްސެވޭނެކަން އަޅުގަނޑަށް ޔަޤީނެވެ."

ރޫޕަވަތީ ވިދާޅުވިއެވެ. "މިއަދު އަޅުގަނޑު ދަންނަވާން މި އުޅޭ ވާހަކަ އަޑު އިވިވަޑައިގެންނެވުމުން ކަލާއަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުގެ މައްސަލައިގައި ކަލާ އާއި ކަލާގެ ބައްޕަ އާއި އަޅުގަނޑުގެ މާބެގެ އެއްވެސް އާރެއްބާރެއް ނުހިނގާނެއެވެ. އަޅުގަނޑު ދާން ޖެހެނީ ސޫމްނާތުގެ ފައްޅިއަށެވެ. އެތާނގެ ކަނީޒެއްގެ ގޮތުންނެވެ. އަޅުގަނޑުގެ މާބެ ކިތަންމެ ވަރަކަށް މަސައްކަތްޕުޅު ކުރެއްވިޔަސް އޭނާއަށް އަޅުގަނޑެއް ނުހިފެހެއްޓެވޭނެއެވެ. އަޅުގަނޑުގެ މަންމަ އަޅުގަނޑު ރައްކައު ވުމުގެ ދެ ދުވަސް ފަހުން މި ދުނިޔެއަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ. އެ ދުވަހަކީ ސޫމްނާތުގެ ފައްޅީގެ އަޅުވެރިޔަކު އަޅުގަނޑުމެންގެ އަވަށަށް އައި ދުވަހެކެވެ. އަޅުގަނޑުގެ ބައްޕަ އޭނާގެ ގާތުގައި ނަދުރެއް ވިދާޅުވިއެވެ. "އަޅުގަނޑުގެ ދަރިފުޅު ދުނިޔޭގައި އޮވެއްޖެ ކަމުގައި ވާނަމަ އޭނާ ސޫމްނާތުގެ ފައްޅިއަށް ވެދުމަށް އަރުވާނަމެވެ." އަޅުގަނޑުގެ ޢުމުރުން އެއް އަހަރަށް އޮއްވައި އަޅުގަނޑުގެ ބައްޕަ އަވަހާރަ ވެއްޖެއެވެ. އަޅުގަނޑުގެ މާބެގެ އެއްވެސް ބޭފުޅަކު ނެތެވެ. އެހެންކަމުން އޭނާ އަޅުގަނޑުގެ ބޮޑުބޭބެގެ ގެއިން އޭނާގެ ގެއަށް ގެންނަވައިފިއެވެ. އަޅުގަނޑުގެ މާބެއަށް ވެސް އަޅުގަނޑުގެ ބައްޕަ ވަނީ އަޅުގަނޑު ސޫމްނާތުގެ ފައްޅިއަށް ވެދުން ކުރައްވައިފައިކަން އެނގިވަޑައިގަންނަވައެވެ. ނަމަވެސް އޭނާ ބޭނުންފުޅު ވަނީ އެ ސިއްރު ފާޅު ވިޔަނުދެއްވާށެވެ. އެހެންކަމުން އޭނާ އެ ވާހަކަ އަޅުގަނޑުގެ ގާތުގައި ވެސް ވިދާޅެއްނުވެއެވެ.

ފައިބެ އަހަރު އަޅުގަނޑުގެ ބޮޑުބޭބެ އަޅުގަނޑުމެންގެ ގާތަށް ވަޑައިގަތުމުން އަޅުގަނޑަށް އެނގުނީ އަޅުގަނޑުގެ އަޞްލު ގެއަކީ ސޫމްނާތުގެ ފައްޅިކަމެވެ. އެ ވަގުތު އެ ވާހަކަ ކަލާގެ އަރިހުގައި ނުދެންނެވުނުކަމީ އަޅުގަނޑަށް ކުރެވުނު ފާފައެކެވެ. ޙަޤީޤަތުގައި އަޅުގަނޑު ކަލާއަށް ކެހި ދިނުމުގެ ބަދަލުގައި ކެހި ދެމުންގެންދިޔައީ އަޅުގަނޑުގެ އަމިއްލަ ނަފުސަށެވެ. އަޅުގަނޑުގެ މާބެ ވިދާޅުވެއެވެ. ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު އެބައިމީހުންގެ އަންހެން ދަރީން ސޫމްނާތުގެ ފައްޅިއަށް ވެދުމަށް އަރުވައެވެ. ނަމަވެސް އެ ކުދީން ބޮޑެތި ވާ އިރު ފައްޅީގެ ޚިދުމަތަށް އެކަށީގެން ވާ ކަމުގައި ބެލެވެނީ ދާދި މަދު ކުއްޖެކެވެ. އަޅުގަނޑު ވެސް ހުރީ ސޫމްނާތުގެ އަޅުވެރީން އެހެން އެތަކެއް ހާސް ކުދީންނެކޭ އެއްގޮތަށް އަޅުގަނޑު ވެސް ޤަބޫލު ނުކޮށް ދޫ ކޮށްލާނެ ކަމުގެ އުފަލުގައެވެ. މިއަދާ ހަމަޔަށް އެއްވެސް މީހަކަށް ނުވެއްޓުނު ފާރު އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި ނުލެވޭނެކަމުގައެވެ. ނަމަވެސް ކަލާނގެ އެ ގޮތަކާ ރުހިވޮޑިއެއްނުގެންނެވިއެވެ. އިހަށް ދުވަހު ސޫމްނާތުގެ އަޅުވެރީން ގޮއި ނަގާން އައި ތަނާ އަޅުގަނޑުގެ ބޮޑުބޭބެ ވެސް އަޅުގަނޑުމެންގެ ގެއަށް ވަޑައިގެންފިއެވެ. މި އަހަރުގެ އަޅުގަނޑުގެ ބޮޑުބޭބެގެ ދެ ފިރިހެން ގެރި ވަނީ މަރު ވެފައެވެ. އޭނާ ހީފުޅު ކުރައްވައިގެން ހުންނެވީ އެއީ އަޅުގަނޑު އަދިވެސް ސޫމްނާތަށް ނުގޮސް އިންނާތީ ކަލާނގެ ރުހިވޮޑިނުގަތުމުގެ ސަބަބުން ވީ ކަމެއް ކަމަށެވެ. އަޅުވެރީންނަށް އިހަށް ދުވަހު އަޅުގަނޑު ފެނުމާ އެކު، އެބައިމީހުން އެނބުރި ދާ އިރު ދާނީ އަޅުގަނޑު ގޮވައިގެން ކަމުގައި ބުނެފިއެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.