އެންމެ ފަހުގެ ޙަމަލާ – 42

 (11 އޭޕްރީލް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝަމްބޫނާތު ދެންނެވިއެވެ. "ވަގުތު ނަންގަވައިނުލައްވާށެވެ. ޕޫރަންޗަންދުގެ ރަށް މި ހިސާބާ ވަރަށް ދުރެވެ. މަނިކުފާނުގެ އަސްކޮޅު މިހާރު ވެސް އޮތީ ވަރުބަލި ވެފައެވެ."

ރަންބީރާއި ޝަމްބޫނާތު މި ހިސާބުން ވަކި ވެވަޑައިގެން އެ ބޭފުޅަކު އެ ބޭފުޅެއްގެ މަންޒިލާ ދިމާޔަށް ދަތުރު ފައްޓަވައިފިއެވެ.

ހޯދުން

ޖޭކްރިޝަން ހުންނެވީ އޭނާގެ ގަނޑުވަރުގެ ތަނަވަސް ގޯތިތެރޭގައެވެ. އޭނާގެ އަތްޕުޅުގައި އެއްތެލުގެ އަސާކޮޅެއް އޮތެވެ. ނޯކަރުންގެ ބަޔަކު އޭނާގެ ކުރިފުޅުމަތީގައި ދެ އަތް ޖޯޑު ކޮށް ހަށަން ބަނދެގެން ކޮޅަށް ތިއްބެވެ. ޖޭކްރިޝަން ކޯފާގެ ލޯފުޅަކުން ނޯކަރަކާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލޭ އޭނާ ފެނޭތޯ ރަށުތެރެ ވެސް ބެލީމުހެއްޔެވެ؟"

"އާދޭހެވެ! މާތް ސާހިބާއެވެ! ރަށުގެ އެއްވެސް މީހަކު އޭނާ ދުށްކަމަކަށެއް ނުވެއެވެ."

"ބައްތެލި ވެސް މި ފަރާތުގައި ނެތްކަމުގައި ވާ ނަމަ، އޭގެ މާނަ އަކީ އެ ހިމާރުންތައް އަދިވެސް ތިބޭނީ ކޯރުގެ އެ ފަރާތުގައެވެ."

"ނަމަވެސް އެ ފަރާތުން ވެސް އެއްވެސް ބައްތެއްޔެއް ފެންނާކަށެއް ނެތެވެ."

ޖޭކްރިޝަން ހަޅޭއްފުޅު ލައްވައިގެންފައި ވިދާޅުވިއެވެ. "އެހެން ވީއިރު ބައްތެލި ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟"

ނޯކަރު ޖަވާބު ދިނެވެ. "މާތް ސާހިބާއެވެ! އަޅުގަނޑަށް ހީ ވާ ގޮތުން އެބައިމީހުން އެ ފަރާތަށް ގޮސްފައި ބައްތެލި ހަރު ނުކޮށް ދޫ ކޮށްލިއެވެ. އެހެންވެ ބައްތެލި ބެހިގެން ދިޔައީއެވެ. އަޅުގަނޑު މި ރަށުގެ ބައެއްގެ ބައްތެއްޔެއްގައި މީހަކު ފޮނުވައިފީމެވެ. އޭނާ ހަމަ މިހާރު ޚަބަރު ބަލައިފައި އަންނާނެއެވެ."

"ކަލޭ އެމީހާ ގާތު އަހަރެންގެ ނޯކަރުން މީހަކު ޤަތުލު ކުރާން ކޯރުގެ އަނެއް ފަރާތަށް ގެންދިޔަ ވާހަކައެއް ނުބުނަންހެއްޔެވެ؟"

"އާދޭހެވެ! ސާހިބާއެވެ!"

"ތެދަށް ބުނާށެވެ."

"ސާހިބާއެވެ! އަޅުގަނޑު މި ދަންނަވަނީ ތެދަށެވެ."

"ޚުދު ކަލޭ އަނެއް ފަރާތަށް ނުދިޔައީ ކީއްވެގެން ހެއްޔެވެ؟"

"މާތް ސާހިބާއެވެ! މަނިކުފާނު އަންގަވައިފައި އޮތީ އަޅުގަނޑު ކޯރުގެ މި ފަރާތް ބަލައިލައިފައި އަވަހަށް އެނބުރި އައުމަށެވެ."

"ބައްތެލި އަޑިޔަށް ދިޔައީކީ ނޫންބާވައެވެ!"

"މާތް ސާހިބާއެވެ! އަޅުގަނޑު ވެސް މި އުޅެނީ ތިޔަހެން ދަންނަވާން ވެގެންނެވެ. ބައްތެލި އޮތީ ވަރަށް ބޮޑަށް ދިޔަހިލިފައެވެ. އަށްނުވަ މީހުން އެއްފަހަރާ އެ ބައްތެއްޔަށް އެރުމަކީ ރައްކައުތެރި ކަމެއް ނޫނެވެ."

"ބައްތެލި މަރާމާތު ނުކުރުވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ޕިޔާރޭލާލް ގާތު ބައްތެލި މަރާމާތު ކުރުވާށޭ ބުނީމެވެ."

"މާތް ސާހިބާއެވެ! އޭނާ ވަޑާންކުރާ މީހާއަށް ބައްތެލި މަރާމާތު ކުރާން އެންގީ އަޅުގަނޑު ވެސް ހުއްޓައެވެ. ނަމަވެސް ވަޑާންކުރާ މީހާ އަދި އެއްވެސް ކަމެއް ނުކުރެއެވެ."

"ވަޑާންކުރާ މީހާ މިތަނަށް ގެންނާށެވެ. އަވަސް ކުރާށެވެ."

ނޯކަރު ދުވެފައި ބޭރަށް ނުކުމެއްޖެއެވެ. ޖޭކްރިޝަން ކަންބޮޑު ވެވަޑައިގެން ދެކޮޅަށް ހިންގަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެ ފަހުން އެހެން ހަތަރު ނޯކަރުން ގަނޑުވަރަށް ވަދެއްޖެއެވެ. ޖޭކްރިޝަންގެ އަރިހުގައި ތިބި ނޯކަރުން ކުރެ އެކަކު ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! އެބައިމީހުން އަތުވެއްޖެއެވެ."

ޖޭކްރިޝަން އަސާކޮޅު އަނބުރުއްވަމުން ކުރިޔަށް ޖެހިވަޑައިގެންފައި ހޮނުގުގުރިއެއް ކަހަލަ އަޑުފުޅަކުން ވިދާޅުވިއެވެ. "ކަލޭމެން މިހައި ލަސް ވީ ކީއްވެގެން ހެއްޔެވެ؟"

ނޯކަރުންގެ ތެރެއިން އެކަކު ދެންނެވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެން އަނެއް ފަރާތުގައި ބައްތެލި ..."

ޖޭކްރިޝަން އޭނާއަށް ޖުމުލަ ނިންމައިލާނެ ފުރުސަތެއް ނުދެއްވިއެވެ. އޭނާ ހަޅޭއްފުޅު ލައްވައިގެންފައި ވިދާޅުވިއެވެ. "ނުލަފާ ކަލޭގެޔާއެވެ! ކަލޭމެން ދިޔައީ ބައްތެލީގައިކަން އަހަންނަށް ވެސް އެނގެއެވެ. ކަލޭމެން މިހައި ލަސް ވީ ކީއްވެގެން ހެއްޔެވެ؟ ކަލޭމެންނާ އެކުގައި ދިޔަ އެހެން މީހުން ކޮބައިހެއްޔެވެ؟"

"ސާހިބާއެވެ! އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އަޅުގަނޑުމެން އެފަރާތަށް ދިޔުމާ އެކު ބައްތެލި ފޮނުވައިފީމުއެވެ."

"ކޮން ތަނަކަށް ހެއްޔެވެ؟"

"ސާހިބާއެވެ! މި ފަރާތަށެވެ."

"އެ ފަރާތް، މި ފަރާތް، ތިޔަ ގޮވަނީ ކޮން ހާސަރެއް ހެއްޔެވެ؟"

ސިފައިން ބިރުން ތިބެ ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެން ބައްތެލި ފޮނުވީ އެބައިމީހުން ބަލައެވެ. އަޅުގަނޑުމެން އިންތިޒާރުގައި އެތައް އިރަކު ތިބީމުއެވެ. އެކަމަކު އެބައިމީހުންނެއް ނައެވެ. އެބައިމީހުން ނައި ސަބަބަކާއި ބައްތެލި ޣާއިބު ވީ ކީއްވެގެންކަން ދެނެވޮޑިގެން ވާނީ މާތްކަލާނގެއެވެ."

އެ ފަހަރު ޖޭކްރިޝަން ހަޅޭއްފުޅު ލެއްވުމުގެ ބަދަލުގައި އޭނާގެ ތުންފަތްޕުޅު ހައްޕަވަމުން ވަޑައިގެން ސިފައިންގެ މީނާގެ ގައިގައި އަސައިން ދެތިން އެތިފަހަރު އަޅުއްވައިފިއެވެ. އޭނާ ދެން ތިބި މީހުންނާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "ކަލޭމެން ދެލޯ ބޮޑު ކޮށްފައި އަހަންނަ ދިމާޔަށް ތިޔަ ބަލަނީ ކޮން އެއްޗެއް ހެއްޔެވެ؟ އަނގައިން ނުބުނެ ތިޔަ ތިބީ ކީއްވެގެން ހެއްޔެވެ؟ ކަލޭމެން ތިބީ ކާކުގެ އިންތިޒާރުގައި ހެއްޔެވެ؟ ނައީ ކާކު ހެއްޔެވެ؟"

ދެވަނަ މީހާ ބިރުން ހުރެ ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! ކޯރުގެ އައްސޭރިޔަށް ގޮސްފައި ޕިޔާރޭލާލަށް ފެނުނީ އަޅުގަނޑުމެން އެންމެން އެއްފަހަރާ ކޯރު ހުރަސް ކުރުން ރަނގަޅު ނުވާނެކަމަށެވެ. އެހެންކަމުން އޭނާ ބަގަތުރާމާ އެކު އަޅުގަނޑުމެން ހަތަރު މީހުން ފޮނުވީ ކޯރުގެ އަނެއް ފަރާތަށެވެ. އަޅުގަނޑުމެން އެފަރާތަށް ދިޔުމާ އެކު ދެން ތިބި މީހުން ބަލައި ބަގަތުރާމް ބައްތެލީގައި ފޮނުވައިފީމުއެވެ. ނަމަވެސް އެބައިމީހުންނެއް ނައެވެ. ބައްތެލި ވެސް ނުފޮނުވިއެވެ. އަޅުގަނޑުމެން ކޯރުގެ އައްސޭރީގައި އެބައިމީހުންގެ އިންތިޒާރުގައި ތިބީއެވެ. އިރުކޮޅެއްގެ ފަހުން އަޅުގަނޑަށް އެފަރާތުގެ އައްސޭރިއާ ކައިރީން ކޮންމެވެސް އެއްޗެއް އޮޔާ ދާތަން ފެނުނެވެ. އަޅުގަނޑު މިބައިމީހުންގެ ގާތުގައި ބުނީމެވެ. ބައްތެލި އެކޮޅަށް ދަނީކަންނޭނގެއެވެ. ނަމަވެސް މިބައިމީހުންނަށް ލަފާ ކުރެވުނީ އެއީ ބައްތެއްޔެއް ނޫންކަމަށެވެ. އެހެން ކޮންމެވެސް އެއްޗެއް ކަމަށެވެ."

ޖޭކްރިޝަން ސުވާލު ކުރެއްވިއެވެ. "އޭރު ކަލޭމެން ޤައިދީ ޤަތުލު ކޮށްފީމު ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟"

"މާތް ސާހިބާއެވެ! އޭނާ ހުންނެވީ ޕިޔާރޭލާލާއި، ޖޭޗަންދާއި، ސީތާރާމްގެ ބެލެހެއްޓުމުގެ ދަށުގައި މި ފަރާތުގައެވެ."

"ކަލޭމެން އެންމެ ތިން މީހުންގެ ޙަވާލުގައި ޤައިދީ ބަހައްޓައިފައި އަނެއް ފަރާތަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އެކަން އޮޅުން ފިލުވާން ބޭނުމެވެ."

"މާތް ސާހިބާއެވެ! އަޅުގަނޑުމެން ޢަމަލު ކުރީ ޕިޔާރޭލާލްގެ އަމުރާ އެއްގޮތަށެވެ. ރަންބީރު އޮންނެވީ ވާތަކުން ބަނދެފައެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެއްވެސް ނުރައްކަލެއް ނެތެވެ."

ޖޭކްރިޝަން ކޯފާ ވެގެން ތުރުތުރު އަޅައެވެ. އޭނާ އަސާކޮޅު އަނބުރުއްވަމުން ވިދާޅުވިއެވެ. "އަހަރެންގެ ވިސްނުމަކަށް އެއްވެސް އެއްޗެއް ނާދެއެވެ. ކަލޭމެން އެންމެންނަކީ ވެސް ހިމާރުތަކެކެވެ. އަހަރެން ކަލޭމެން އެންމެން ވެސް ދަން ޖައްސާ ވާގަނޑުގައި އެލުވާނަމެވެ. ކަލޭމެން މިތާ ތިޔަ ތިބީ ކީއްކުރާން ހެއްޔެވެ؟ ދާށެވެ. އެބައިމީހުން ފެނޭތޯ ކޯރުގެ އައްސޭރީގެ ހުރިހައި ތަނެއް ހޯދާށެވެ. ރަންބީރު ގަނޑުވަރަށް ވެދެވަޑައިގެންނެވުމުގެ ކުރީން އޭނާގެ ބައެއް މީހުން ބޭރުގައި ބައިތިއްބެވުން އެކަށީގެން ވެއެވެ. ކަލޭމެންނަށް ޤައިދީގެ ހަށިކޮޅު ނުފެނުނުކަމުގައި ވާނަމަ ޕިޔާރޭލާލާއި އޭނާގެ އެކުވެރީންގެ ހަށިތައް ފެންނާން ވާނެއެވެ. ދާށެވެ. އަވަހަށް ގޮސް އެބައިމީހުން ހޯދާށެވެ."

ނޯކަރުން ދުވެފައި ބޭރަށް ނުކުމެއްޖެއެވެ. ޖޭކްރިޝަން އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ދެކޮޅަށް ހިންގަވާން ފަށްޓަވައިފިއެވެ. ރަންބީރު ސަލާމަތް ވެވަޑައިގެން ފިލައިވަޑައިގަތީ ނޫންބާވައޭ ހިތްޕުޅަށް އެރުމުން އޭނާގެ ކޯފާ ކަންބޮޑު ވެވަޑައިގަތުމާއި ބިރުފުޅަށް ބަދަލު ވާން ފަށައިފިއެވެ. އިރުކޮޅެއްގެ ފަހުން ބަގަތުރާމް އިރުމަތި ދޮރާށީން ގަނޑުވަރަށް ވަދެއްޖެއެވެ. ޖޭކްރިޝަން އޭނާ ފެނިވަޑައިގަތުމާ އެކު ކުރިޔަށް ވަޑައިގެން ހަޅޭއްފުޅު ލައްވައިގެންނެވިއެވެ. "ކަލޭ ރައްކާ ވެގެން ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ ގޯޕާލް ކޮބައިހެއްޔެވެ؟"

"މާތް ސާހިބާއެވެ!" އޭނާ ދެ އަތް ޖޯޑު ކޮށްފައި ދެންނެވިއެވެ. "އެބައިމީހުން އަޅުގަނޑު ބަނދެފައި ބައްތެއްޔަށް ވައްޓައިލީއެވެ. އަޅުގަނޑު ސަލާމަތް ކޮށްދިނީ ބަކަރި ހުއިހައްޕާ މީހެކެވެ. މި ހިސާބާ ތިންހަތަރު ކޯހެއްގެ ދުރުންނެވެ."

"ކަލޭ ބަނދެފައި ބައްތެއްޔަށް ވައްޓައިލީ ކާކުހެއްޔެވެ؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.