
(26 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ތިން ދުވަސް ވާންދެން އަބޫ ޢަބްދުﷲ އުފާ ފާޅުކުޅައެވެ. އެ ތިން ދުވަހު އަލްޙަމްރާގެ ހަތަރުފާރު ވެގެން ދިޔައީ ޚިޔާނަތްތެރީންގެ ހުނުމާއި އާއްމު ރައްޔިތުންގެ އާހާ ދެމެދު ލެވިފައިވާ ހުރަހެއް ކަމުގައެވެ. އެ ތިން ދުވަހު އަލްޙަމްރާގައި ރާ ތަށިތައް ދައުރުވަމުން ދިޔައިރު ރައްޔިތުންގެ ލޮލުން ދިޔައީ ލޭކަރުނަ ފައިބަމުންނެވެ. ހަތަރުވަނައަށް ވީ ދުވަހު އަބޫ ޢަބްދުﷲ އިނީ ފެރްނާންދޯގެ ސިޓީއެއް ކިޔާށެވެ.
[އަޅުގަނޑަށް ޚަބަރު ލިބެމުންދާ ގޮތުގައި ގްރަނާދާގެ ރައްޔިތުން ތިބީ މަނިކުފާނާ ރުހިގެންނެއް ނޫނެވެ. އަނެއްކޮޅުން ރަށަށް ބާޣީން އަރަމުންދާ ކަމަށްވެސް ވަނީ އެނގިފައެވެ. އެހެންވީމާ އިސްލާމުންނާއި ކްރިސްޓިއަނުންނާ ދެމެދު އެހެން ހަނގުރާމައެއް ނުކޮށް ފަރުޖެއްސޭނޭ ގޮތެއް ކަމަށް ފެންނަނީ މަނިކުފާނު އަޅުގަނޑާ ގްރަނާދާ ހަވާލުކުރެއްވުމެވެ. މި ސިޓީގެ ޖަވާބުގައި އަޅުގަނޑު އަހަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. އެއީ އަޅުގަނޑުމެންގެ ލަޝްކަރަށް ގްރަނާދާގެ ދޮރާށި ބަންދުނުކުރައްވާނޭ ވާހަކައެވެ. އެހެން ނޫން ނަމަ އަޅުގަނޑަށް ޖެހޭނީ ބާރުގެ ބޭނުންކުރާށެވެ. ގްރަނާދާއަށް ގޮސް އަޅުގަނޑު މަނިކުފާނުގެ ކުރިމަގު އޮންނާނޭ ގޮތެއް ނިންމާނަމެވެ. އަޅުގަނޑުގެ ފަރާތުން ހެޔޮކަމަށް އެދިވަޑައިގަންނަވާނަމަ ޖެހިވަޑައިގަންނަވާނީ އެއްވެސް ޝަރުތަކާ ނުލައި ކިޔަމަންތެރިކަން އަދާކުރައްވާށެވެ.]
އަބޫ ޢަބްދުﷲ ފަދައިން އެ ވަގުތު އެތާނގައި ތިބި އަމީރުންގެވެސް މަސްތު ފިލައި ހިނގައްޖެއެވެ. އެންމެންމެ ދެ ލޯ ބޮޑުގެން އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. އަލްޙަމްރާގެ މާހައުލަށް މާޔޫސުކަން ވެރިވެއްޖެއެވެ.
އަބޫ ޢަބްދުﷲ، ފެރްނާންދޯގެ މަންދޫބާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [ދެ ދުވަހެއްގެ ތެރޭގައި އަހަރެމެންގެ ޖަވާބު ފެރްނާންދޯ ރަސްގެފާނަށް ލިބިވަޑައިގެންފާނެއެވެ.]
އަބޫ ޢަބްދުﷲގެ ބޮޑު ވަޒީރު، ޠަރީފް ބިން މާލިކަކީ ބަރްބަރީ ގަބީލާއެއްގެ އިސްވެރިއެކެވެ. އޭނާ ތެދުވެވަޑައިގެން ވިދާޅުވިއެވެ. [ފެރްނާންދޯއަށް އަޅުގަނޑުމެންނާ ބެހޭ ގޮތުން ކުށް ހީފުޅެއް ކުރެއްވުނީކަން ޔަގީނެވެ. އެ ކުށް ހީފުޅު ދުރުކުރެވިދާނެއެވެ. މަނިކުފާނު އަމުރުފުޅު ދެއްވައިފިނަމަ އަޅުގަނޑު މިހިރީ ފެރްނާންދޯގެ އަރިހަށް ދާން ތައްޔާރަށެވެ.]
އެހެން އަމީރަކު ތެދުވެ ބުނެފިއެވެ. [ފެރްނާންދޯ އަޅުގަނޑުމެންނަށް ދައްކަވައިފައި އެ އޮތީ އެންމެ ދެ މަގެކެވެ. އެއް ގޮތަކީ އޭނާގެ އަމުރުފުޅު ތަންފީޒުކޮށް، ގޭގެއަށް ގޮސް އެ ވަހުޝީންގެ އިންތިޒާރުގައި ތިބުމެވެ. އެ ނިންމެވުމުގެ ފުރަތަމަ ބޭނުންފުޅަކީ އަޅުގަނޑުމެންގެ އަނބިދަރީންގެ ހުރުމަތް ކަނޑުއްވައިލެއްވުމެވެ. ދެވަނަ މަގަކަށް އޮތީ އިއްޒަތާއި އަބުރާއެކު މަރުވާން ތައްޔާރުވުމެވެ.]
ތިންވަނަ މީހަކު ތެދުވެއްޖެއެވެ. [ހަނގުރާމައަކީ މަރުވާން ރުހުންފަދަ ކަމެކެވެ.]
އަބޫ ޢަބްދުﷲއަށް ކުއްލިއަކަށް އައު ބުއްދިއެއް ކުރެވިއްޖެއެވެ. އޭނާ އުއްމީދީ ރާގަކަށް ބުނެފިއެވެ. [ޠަރީފެވެ. އަބޫ ދާވޫދްގެ އަރިހަށް ވަޑައިގަންނަވާށެވެ. މި ވަގުތު އަޅުގަނޑުމެންނަށް ހެޔޮ މަގެއް ދެއްކެވޭނޭ ބޭފުޅަކީ ހަމައެކަނި އެއީއެވެ. ފެރްނާންދޯގެ ހިތްޕުޅުގައި އަޅުގަނޑުމެންނާމެދު ކުށް ހިއެއް އުފެދިފައިވާނަމަ އެ ހިއެއް ފިލުއްވައިލެއްވޭނީވެސް އޭނާއަށެވެ. ފެރްނާންދޯ މިހާރު ވަނީ އޭނާއަށް ލޮއްޚާގެ ވެރިކަން ދެއްވައިފައެވެ. އަވަހަށް އޭނާގެ އަރިހަށް ވަޑައިގަންނަވާށެވެ.]
ކުޑައިރުކޮޅެއް ފަހުން ޠަރީފް ލޮއްޚާއާ ދިމާއަށް މިސްރާބު ޖައްސަވައިފިއެވެ.
(2)
އަބޫ ދާވޫދަށް ޠަރީފް ފެނުމާއެކު ކޮން ބޭފުޅެއްކަން އެނގިއްޖެއެވެ. އެހެންވީމާ ހޫނު މަރުހާބައެއްކިޔުން ކީއްކުރަންތޯއެވެ؟ އެންމެ ކުޑަމިނުން ތެދުވެ ސަލާންކޮށްލުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަކަށް އޭނާއަކަށް ނުފެނުނެވެ. އޭނާ ކުޅަހައިވެސް ކަމަކީ ކުރިމަތީގައި ހުރި ހުސް ގޮނޑިއަކަށް އިޝާރަތްކޮށްލުމެވެ.
ޠަރީފް އެ ގޮނޑީގައި އިށީނދެވަޑައިގަތުމަށް ފަހު ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. [އަޅުގަނޑު މި އައީ އަބޫ ޢަބްދުﷲ ފޮނުއްވީމައެވެ.]
އަބޫ ދާވޫދް ބުންޏެވެ. [ތިޔަ އައީ އަހަރެންގެ ލަފައެއް ހޯދާންކަން ދެނަހުރީމެވެ.]
[އެހެން... އެހެންވީމާ ފެރްނާންދޯ އަޅުގަނޑުމެންނަށް ވެވަޑައިގަތް ވައުދުފުޅަށް ޣަދަރުވެރިވެވަޑައިގެންފިކަން މަނިކުފާނަށް އެނގިވަޑައިގެންފިތޯއެވެ؟]
އަބޫ ދާވޫދް ބުންޏެވެ. [ގަވަރުނަރެއްގެ ހައިސިއްޔަތުން އަހަރެންގެ ރަސްގެފާނާ ދެކޮޅަށް ދައްކާ އެއްވެސް ވާހަކައެއް އަހަރެން އަޑެއް ނާހާނަމެވެ. އަދި އޭނާގެވެސް ރަސްގެފާނުގެ އަމުރުފުޅާ ޚިލާފުވާކަށް އަހަރެން އަބޫ ޢަބްދުﷲއަކަށް މަޝްވަރާއެއްވެސް ނުދޭނަމެވެ.]
[އަޅުގަނޑު އައީ މަނިކުފާނަކީ އިސްލާމަކު ކަމަށް ހީކޮށްގެންނެވެ. މަނިކުފާނަކީ ގްރަނާދާއަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެކެވެ. ލޮއްޚާގެ ގަވަރުނަރަކަށް ވާތީ، މަނިކުފާނު ހިމެނިވަޑައިގަންނަވަނީ ގްރަނާދާގެ ވެރިކަމުގެ ދަށުގައި މަސައްކަތްކުރައްވާ ގަވަރުނަރުންގެ ތެރޭގައެވެ. މިއީ އަޅުގަނޑުމެންގެ ސަހަރެކެވެ. އަޅުގަނޑު މި އައީ މި ވަގުތު ކަންކުރަންވީ ގޮތެއް އޮޅުންފިލުވާން ވެގެންނެވެ.]
އަބޫ ދާވޫދް ބުންޏެވެ. [އާއްމު ގޮތެއްގައި ބާރުގަދަ މީހުންގެ ކުރިމަތީގައި ބާރެއް ނެތް މީހުން ކިޔަމަންތެރިކަން އަދާކުރަނީ އެއްވެސް ޝަރުތަކާ ނުލައެވެ. އަބޫ ޢަބްދުﷲއަށް އަހަރެން ދޭން އޮތް ލަފައަކީ ފެރްނާންދޯގެ ހެޔޮފުޅުކަން ގަބޫލުކޮށް އަމުރުފުޅަށް ބޯ ލަނބާށެވެ.]
[ފެރްނާންދޯ އަޅުގަނޑުމެންނަށް މަކަރެއް ނުހައްދަވާނޭކަމަށް އެތައް ފަހަރަކު އަބޫ ޢަބްދުﷲއަށް މަނިކުފާނު ދެންނެވީ އަޅުގަނޑުގެ ކުރިމަތީގައެވެ. އެއީ ވެރިކަން ފުޅާކުރެއްވުމުގެ އެދުންފުޅުގައި އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އަޅުގަނޑުމެންނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއް ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވީމުއެވެ. އައްޒަޣަލް ބަލިކުރެއްވުމަށް ފަހު ގްރަނާދާގެ މުޅި ސަރަހައްދުގެ ވެރިކަން އަބޫ ޢަބްދުﷲއަށް ދެއްވާނެއޭ ވިދާޅުވީވެސް މަނިކުފާނެވެ. އެ ވަޢުދުފުޅަށް ވީ ކިހިނެއްތޯއެވެ؟ ލޮއްޚާގެ ގަވަރުނަރުކަމުގެ އެދުންފުޅުގައި ތިމަން މަނިކުފާނަކީވެސް އިސްލާމެއްކަން މަނިކުފާނުގެ ހަނދުމަފުޅުން ފިލައިގެން ދިއުމަކީ ވަރަށް ދެރަ ކަމެކެވެ. ގްރަނާދާއަށް ކްރިސްޓިއަން ލަޝްކަރު ވަދެއްޖެނަމަ، މަލަޚާގެ އަހުލުވެރިންނަށް ޖެހުނު ނިކަމެތި ހާލަށްވުރެ ދަތި ހާލެއްގައި އަޅުގަނޑުމެން ޖެހޭނޭކަން މަނިކުފާނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟]
އަބޫ ދާވޫދް ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. [އަހަރެން އަދާކުރީ އަބޫ ޢަބްދުﷲއާއި ފެރްނާންދޯއާ ދެމެދުގެ މަންދޫބެއްގެ ދައުރެވެ.]
[ނޫނެކެވެ. މަނިކުފާނު އަދާކުރެއްވީ ފެރްނާންދޯގެ ދޮގު ވަޢުދަށް އިތުބާރު ކުރެއްވުމަށް އަބޫ ޢަބްދުﷲއަށް ވަސްވާސް ދެއްވުމުގެ ދައުރެވެ.]
އަބޫ ދާވޫދް ބުންޏެވެ. [އަބޫ ޢަބްދުﷲ ފަދައިން ނުބައި ކަމެއް ކުރެވުމަކީ އަހަންނަށް ނުކުރެވޭނޭ ކަމަކީ ހެއްޔެވެ؟ އޭރު ކަލޭމެން އެންމެން ތިބީ އަހަންނަށް ތާއީދުކޮށްގެންނެއް ނޫން ހެއްޔެވެ؟ ކަލޭމެން ހަލާކުން ސަލާމަތްވާން ބޭނުމިއްޔާ އަބޫ ޢަބްދުﷲ ވެރިކަމުން ބާލައި ދުރުވިސްނޭ މީހަކު ގްރަނާދާގެ ވެރިކަމަށް އަރުވާކަށް ނުވޭ ހެއްޔެވެ؟ ކްރިސްޓިއަނުންގެ ބަދަލުހިފުމުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ކަލޭމެންގެ މަންދޫބަކު ގޮސް، އެ މީހުންގެ ކިޔަމަނުގައި ތިބޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމެވެ.]
ޠަރީފް ސުވާލުކުރެއްވިއެވެ. [ގްރަނާދާގެ ރައްޔިތުން އެދި ދަންނަވައިފިނަމަ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާން މަނިކުފާނު ވަޑައިގެންފާނަންތޯއެވެ؟]
[އެ މީހުންނަށް ޚިދުމަތެއް ކުރެވިދާނޭ ކަމުގެ ޔަގީންކަން އަހަންނަށް ލިބުނީމާ މީހަކު ނޭދުނަސް ހިނގައިދާނަމެވެ.]
[އެކަމަކު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަނިކުފާނުގެ ބެއްލެވުމުގެ ދަށުގައި ލޮއްޚާގައި ތިބި އިސްލާމުންވެސް ތިބީ އިސާހިތަކު މަރައިލަފާނޭކަމަށް ބިރުންނެވެ.]
[އެއީވެސް އެ މީހުން އަދިވެސް ހެޔޮހިތުން އަހަރެންގެ ވެރިކަން ގަބޫލުނުކުރާތީ ވެގެން އުޅޭ ގޮތެކެވެ. އެހެންވީމާ އަހަރެން މި އުޅެނީ ހިތްހަމަޖެހުމާއެކު އެމީހުންނާ ބެހޭ އެއްވެސް ވާހަކައެއް ފެރްނާންދޯއަށް ނުދެންނެވިގެންނެވެ.]
ޠަރީފް ތެދުވެވަޑައިގެންފިއެވެ. [އެހެންވީމާ މަނިކުފާނު ތިޔަ ވިދާޅުވަނީ ގްރަނާދާގެ ހުރިހައި އިސްލާމުން އެއްބައިވެ، މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅާ ވެރިކަމުން ދުރުކޮށް، ފެރްނާންދޯއަށް ޖާސޫސުކޮށްދޭނޭ މީހަކު ވެރިކަމަށް އައްޔަން ނުކުރަނީސް އިސްލާމުން ސަލާމަތްވާނޭ މަގެއް ނެތްކަމަށްތޯއެވެ؟]
ޔަޜީފް ހީފުޅުކުރެއްވި ގޮތާ ޚިލާފަށް އަބޫ ދާވޫދް ހަމަޖެހިލައިގެން އިނދެ ޖަވާބުދިނެވެ. [މި ކަހަލަ ދަނޑިވަޅުތަކުގައި ޖަޒުބާތީވެގެން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އަހަރެން މިއީ ފެރްނާންދޯގެ ޖާސޫސެއް ކަމަށް ބަލާށެވެ. ކަލޭވެސް ތިޔައީ އޭނާގެ ޚިދުމަތުގައި ތެޅުނު މީހެއް ނޫންހެއްޔެވެ؟ އަމިއްލަ ހިތް ކޮނެލައިގެން ބަލައިބަލާށެވެ. އަބޫ ޢަބްދުﷲގެ ބަދަލުގައި ކަލޭ ވެރިކަމުގައި ހުރިނަމަ ގްރަނާދާގެ ރައްޔިތުންނަށް މާ ރަނގަޅުވީހޭ ހިތަކަށް ނާރާހެއްޔެވެ؟]
[ނާރައެވެ. އަހަރެން އަބޫ ޢަބްދުﷲއަށް ޚިޔާނަތްތެރިއެއް ނުވާނަމެވެ.]
[ވަރަށް ރަނގަޅެވެ. އެކަމަކު ތިޔައީ ގްރަނާދާއަށް ބަލާއިރު އެންމެ ގާބިލު ވެރިއަކީ އަބޫ ޢަބްދުﷲކަމަށް ގަބޫލުކުރުމެއް ނޫނެވެ. ތިޔައީ ބޮޑު ވަޒީރުކަމަށް ފަސޭހަކަމާއެކު ދެވޭނީ އަބޫ ޢަބްދުﷲ ކަހަލަ މީހަކު ރަސްކަމަށް އިސްވީމާ ކަމަށް ކަލެއަށް ފެންނާތީ ގަބޫލުކޮށްގެން އުޅޭ ގޮތެކެވެ. އަބުލްޙަސަން ނުވަތަ އައްޒަޣަލް ފަދަ ބޭފުޅެއްގެ ރަސްކަމުގައި ބޮޑު ވަޒީރުކަމާ ހަމައަށް ދެވިދާނޭ ކަމަށް ގަބޫލުކުރިނަމަ، އެމީހުންނަށް ޚިޔާނާތްތެރިއެއް ނުވީހެވެ. ބޮޑު ވަޒީރުކަން ހޯދާން ވެގެން އަބޫ މޫސާ ކަހަލަ މީހަކު ގަތުލުކުރުވި މީހަކު ދައްކަން ތިޔައީ ރަނގަޅު ވާހަކައެއް ނޫނެވެ. އޭނާ ގަތުލުކުރުވީ އޭނާ ދިރިހުއްޓައި ތިޔަ މަގާމާ ހަމައަށް ނުދެވޭނެކަން އެނގޭތީ ނޫންހެއްޔެވެ؟ އޭނާއަކީ ގްރަނާދާގެ ބޮޑު ވަޒީރުކަމަށް ގެންނަން އެންމެ ރަނގަޅު މީހާކަން ނުދަންނަ އެއްވެސް މީހަކު ގްރަނާދާގައި އެބައުޅޭ ހެއްޔެވެ؟ އަހަރެންގެ އެކުވެރިޔާއެވެ. އަހަރެމެން ދެމީހުންގެ ކުރިމަތީގައިވެސް އޮތީ އަމިއްލަ އެދުމެވެ. ކަލޭ ތިޔަހަރީ އަމިއްލަ އެދުން ފުއްދާން ވެގެން އަބޫ ޢަބްދުﷲގެ ބައިވެރިއަކަށް ވެގެންނެވެ. އަހަރެން މިހިރީ އަހަރެންގެ އަމިއްލަ އެދުން ފުއްދާންވެގެން ފެރްނާންދޯއަށް ބައިއަތު ހިފައިގެންނެވެ. މިހާރުވެސް ކަލޭ ތިޔަ ބިރުގަންނަނީ ގްރަނާދާ ހަލާކުވެގެން ހިނގައިދާނެތީއެއް ނޫނެވެ. ބިރުން ތިޔަ އުޅެނީ އަބޫ ޢަބްދުﷲ ރަސްކަމުން ބާލައިފިނަމަ ކަލޭގެ ބޮޑު ވަޒީރުކަން ގެއްލިދާނެތީއެވެ.]
ޠަރީފް ކޯފާގެ ރާގެއްގައި ވިދާޅުވިއެވެ. [ކަލެއަކީ ބޮޑު ޝައިޠާނެކެވެ.]
އަބޫ ދާވޫދްގެ ތުންފަތް މައްޗަށް ފުރަތަމަ ފަހަރަށް ހިނިތުންވުމެއް ވެރިވިއެވެ. [ކުޑަ ޝައިޠާނަކު ބޮޑު ޝައިޠާނާގެ ވަރުގަދަކަމަށް އިއުތިރާފުވަނީ ހެއްޔެވެ؟] ދެން އޭނާގެ ރާގަށް ސީރިއަސްކަން އަތުވެއްޖެއެވެ. [ޠަރީފެވެ. ކަލޭ ކަންބޮޑުވާނޭ ކަމެއް ނެތެވެ. ކަލޭގެ އަމާޒަކަށް އޮތީ ބޮޑުވަޒީރުކަމެވެ. އެ މަގާމުގައި ދެމިހުރެވޭނީ އަބޫ ޢަބްދުﷲ ރަސްކަމުގައި ދެމިހުރީމާ ކަމަށް ހީކުރެވެންޏާ އެއީ ކުށް ހިއެކެވެ. ގްރަނާދާގެ ވެރިއެއްކަމުގައި ފެރްނާންދޯ ހަމަޖައްސަވާން ގަސްތުކުރައްވަނީ ކާކުކަމެއް އަދި އަހަންނަކަށް ނޭނގެއެވެ. އެކަމަކު ވަގުތު ޖެހުނީމާ ބޮޑު ވަޒީރުކަމަށް އެންމެ އެކަށީގެންވާ މީހަކީ ކަލެއޭ އަހަރެން ދަންނަވައިފާނަމެވެ. ފެތެމުންދާ އޮޑިއަކަށް ނާރައި، އެފަދަ އޮޑިތައް ފެތުމާއި ސަލާމްވުމުގެ މަގު ކޮށައިދޭ މީހާއަށް ތާއީދުކުރުން ކިހިނެއް ވާނެހެއްޔެވެ؟ ގްރަނާދާގެ ރަސްކަލަކަށް ވާންވެސް އަދި ވަޒީރަކަށް ވާންވެސް ފެރްނާންދޯގެ ރުހުން ބޭނުންވާނޭކަން މިހާރު ކަލެއަށް އޮންނާނީ އެނގިފައެވެ. ބޮޑު ވަޒީރުކަމުގައި ހުންނާން އޭނާގެ ރުހުން ހޯދުމަކީ އުނދަގޫ ކަމެއް ނޫނެވެ. އަހަރެން މި ހުންނަނީ ހައިރާންވެފައެވެ. އަބޫ މޫސާ ފަދަ މީހަކު ގަތުލުކުރެވުނީމާ ދެރަނުވި މީހަކު އަބޫ ޢަބްދުﷲ ކަހަލަ މޮޔައަކު ފެރްނާންދޯއާ ހަވާލުކުރާން ޖެހުނީމާ ދެރަވެގެން އުޅޭ ސަބަބެއް އަހަންނަކަށް ނޭނގެއެވެ.]
ޠަރީފް ވިދާޅުވިއެވެ. [ކްރިސްޓިއަނުން ވައުދާ ޚިލާފުވާނެއެކޭ އަހަރެން ޣައްދާރަކަށް ވީއިރު ހިތަކަށް ނާރައެވެ. މަލަޚާގައި އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ޖެހުނީ ނިކަމެތި ހާލުގެ މަތީން އަހަރެން ހަނދާން ނައްތައިލާނޭ ކަމަށް ހީކުރާނަމަ އެއީ ވަރަށް ބޮޑު ކުށް ހިއެކެވެ.]
[އަނެއްކާވެސް ތިޔަ ޖަޒުބާތުގައި ޖެހެނީއެވެ. މަލަޚާގައި އައްޒައިޣަރީ ފުރަތަމަވެސް ހަތިޔާރު ބެހެއްޓިނަމަ ކްރިސްޓިއަނުން އިސްލާމުންނާމެދު ކަންތައް ކުރި ގޮތަކަށް ނުކުރީހެވެ.]
ޠަރީފް ވިދާޅުވިއެވެ. [ދެން އަހަރެން ދަނީއެވެ.]
އަބޫ ދާވޫދް ކޮޅަށް ތެދުވެ ސަލާންކޮށްލުމަށްޓަކައި އަތްދިއްކޮށްލިއެވެ. އެކަމަކު ޠަރީފްގެ ހިތްޕުޅަށް ވެރިވީ ޚިޔާލުފުޅަކާއެކު ސަލާމަތް ދިއްކޮށްލެއްވި އަތްޕުޅު ދަންމަވައިގެންފިއެވެ. [ނޫނެކެވެ. މިއަދުން ފެށިގެން ދެ މީހުން ދާނީ ދެ މަގަކުންނެވެ.]
އަބޫ ދާވޫދް ގޮނޑީގައި އިށީނދެ ހަމަޖެހިލައިފިއެވެ. [އެންމެ ރަނގަޅެވެ. ކަލެއަށް ފެންނަ މަގަކުން ދާށެވެ. އެކަމަކު އެގޮތް މިގޮތަށް ތެޅި ވަރުބަލިވެގެން އެންމެ ފަހުން އަންނާނީ އަހަރެންގެ ގާތަށްކަން އަހަންނަށް އެނގެއެވެ. ކަލޭ އަމިއްލަ ނަފުސަށް މަކަރުހަދާން ބޭނުން ނޫނިއްޔާ އަބޫ ޢަބްދުﷲ ގާތަށް ދިއުމުގެ ބަދަލުގައި ކަލޭ ދާނީ ފެރްނާންދޯގެ އަރިހަށެވެ.]
ޠަރީފް ނުކުމެވަޑައިގަންނަވާން ދޮރާ ހަމައަށް ވަޑައިގަތުމަށް ފަހު ހުއްޓިވަޑައިގެން އަބޫ ދާވޫދާ ދިމާއަށް ބައްލަވައިލެއްވުމަށް ފަހު ނުކުމެވަޑައިގެންފިއެވެ.
ޠަރީފް ނުކުމެވަޑައިގަތީމާ އަބޫ ދާވޫދް އިރުކޮޅެއް ވާންދެން ވިސްނާން އިނުމަށް ފަހު އަތްތިލަބަޑިއެއް ޖަހައިލިއެވެ. އެޔާއެކު ނޯކަރަކު އައިސް އޭނާގެ އަމުރެއްގެ އިންތިޒާރުގައި އިސްދަށަށް ޖަހައިގެން ހުރެއްޖެއެވެ.
[ފުލުހުންގެ ވެރިޔާގެ ގާތަށް ދާށެވެ. ގައިބާރު ހުރި، ކުޅަދާނަ، ހުނަރުވެރި ހަތަރު ފަހުލަވާނުން އަހަރެން ވަރަށް އަވަހަށް ބޭނުމޭ އޭނާ ގާތު ބުނާށެވެ.]
(ނުނިމޭ)