
(2 މާރިޗު 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިރުއޮއްސޭންދެން ހަނގުރާމަ ކުރިއަށް ދިޔައެވެ. ރޭވެ އަނދިރިވީމާ ދެ ލަޝްކަރު އެނބުރި ޖަގަހައަށް އަތުވެއްޖެއެވެ.
ދެވަނަ ދުވަހުވެސް ހަމަ އެ ގޮތަށް ހަނގުރާމަ ކުރިއަށް ދިޔައެވެ. ފުރަތަމަ ދުވަހެކޭ އެއް ގޮތަށް ފުރަތަމަ އޮތީ ވަކިވަކިން މުބާރިޒާކުރުމެވެ. ދެ ފަރާތުންވެސް ވަކި މީސްމީހުން މައިދާނަށް ނުކުމެ އެމީހެއްގެ ހުރި ކުޅަދާނަކަމެއް ދައްކަމުން ދިޔައީއެވެ. އޭގެ ފަހުން އާއްމު ހަނގުރާމަ ފެށިއްޖެއެވެ. އިރު އޮއްސޭން ކައިރި ވީއިރުވެސް ވަކި ބަޔަކަށް ކާމިޔާބީއެއް ނުލިބެއެވެ. ދެ ފަރާތުންވެސް މަރުވީ މީހުންނާއި ޒަޚަމްވީ މީހުންގެ އަދަދު ފުރަތަމަ ދުވަހަށްވުރެ ގިނައެވެ. ތިންވަނަ ދުވަހަކީ ދެ ފަރާތަށްވެސް ވަރަށް ޚުތޫރަތްތެރި ދުވަހެކެވެ. ދުޝްމިނުންގެ ލަޝްކަރަށްވުރެ އަބުލްޙަސަންގެ ކަންބޮޑުވެވަޑައިގަތުން މާ ބޮޑެވެ. ގްރަނާދާއިން މޫސާ ވަނީ ދެ ހާސް މީހުންގެ ލަޝްކަރެއް ފޮނުއްވައިފައެވެ. އެކަމަކު ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިސްލާމުންގެ ފަސް ހާހެއްހައި މީހުން ވަނީ ޝަހީދުވެފައެވެ. ނުވަތަ ޒަޚަމްވެފައެވެ. އަބުލްޙަސަންގެ ލަޝްކަރުގެ އޮފުސަރުން ބުނާ ގޮތުގައި ކާފަރުންގެ ލަޝްކަރުން މަރުވީ މީހުންނާއި ޒަޚަމްވީ މީހުންގެ އަދަދު ވިހި ހާހަށްވުރެ މަދެއް ނުވާނެއެވެ. އެކަމަކު އެބައިމީހުންގެ ލަޝްކަރާ ގުޅުމަށްޓަކައި އަންދަލުސްގެ އެކި ރަށްރަށުން މި ދެ ދުވަހު އެކަނިވެސް ފަނަރަ ވަރަކަށް ހާސް މީހުން އަތުވެއްޖެއެވެ.
ބަދްރު ބިން މުޣީރާ އޭނާގެ ކުޑަކުޑަ ލަޝްކަރާއިގެން ނުކުމެވަޑައިގެން ކޯރްދޮބާގެ ލަޝްކަރަށް އަޔަނުދީ ހިފަހައްޓަވަމުން ގެންދަވާކަން އަބުލްޙަސަނަށް އެނގިވަޑައިގަނެއެވެ. އެކަމަކުވެސް އޭނާގެ ކަންބޮޑުވެވަޑައިގަތުން ކުޑައެއް ނުތްވެވެ. އޭނާގެ ލަޝްކަރުގެ މުޖާހިދުން ހަނގުރާމަކުރަމުން ގެންދަނީ ކާމިޔާބީ ހާސިލުކުރެވޭނީތޯ ނުވަތަ ޝަހީދުވާނީތޯ ވިސްނައި ފިކުރުކުރުމަކާ ނުލައެވެ. ސަބަބަކީ އެބައި މީހުން މައިދާން ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ދެތިން ދުވަހެއްގެ ތެރޭގައި ކާފަރުންގެ ލަޝްކަރު ގްރަނާދާގެ ބޭރު ފާރާ ހަމައަށް ދާނޭކަން ކަށަވަރުވުމެވެ.
ތިންވަނަ ދުވަހު ހަނގުރާމައަށް ސަފުތައް ރުކުރުވައިލުމާއެކު ކަސްތިއްޔާގެ ލަޝްކަރުން މީހަކު މައިދާނަށް ނުކުމެއްޖެއެވެ. މީނާވެސް އިނީ ދަގަނޑު ދަހަނާ އަޅައި މުޅީން ކަހަލަ ގޮތަކަށް ފޮރުވިގެންނެވެ. މޫނު ފެންނައިރު ހީވަނީ ގެރިއެއްގެ މޫނު ފެންނަހެންނެވެ. ހަތިޔާރުގެ ބަރުކަމާހުރެ އަހަށްވެސް ކިރިޔާ ހިފަހައްޓައިލެވެނީއެވެ. ބަރުބަރީ ޒުވާނަކު އޭނާޔާ މުގާބިލާ ކުރުމަށްޓަކައި ނުކުމެއްޖެއެވެ. އެހެންނަމަވެސް މާ ގިނަ އިރުތަކެއްނުވެ ލޮންސީގެ އެތިފަހަރެއް އަރައި އަހުން ވެއްޓިއްޖެއެވެ. ދެން ނުކުތީ އިސްޕޭނީ އިސްލާމެކެވެ. އޭނާގެ ކަނޑިވެސް ވެގެން ދިޔައީ އެ ދަގަނޑު ދަހަނާއެޅި މީހާގެ ކުރިމަތީގައި ބޭކާރު އެއްޗަކަށެވެ. ދެވަނަ މީހާވެސް ޝަހީދުވީއެވެ. އެޔާއެކު ފެރްނާންދޯގެ ލަޝްކަރުން ނަޣަރާގެ އަޑު އުފުލިގެން ދިޔައެވެ. ކާފަރު އަސްވާރު މައިދާނުގެ ވަށައިގެން ބުރެއް ޖަހައިލުމަށް ފަހު އިސްލާމުންގެ އެހެން މީހަކަށް އިންތިޒާރު ކުރާން ފަށައިފިއެވެ.
އަބުލްޙަސަންގެ އިޒުނަފުޅަކަށް އެދިވަޑައިގެން ނަޢީމް ބިން ރިޟްވާން ކުރިއަށް ޖެހިވަޑައިގެންފިއެވެ. އެކަމަކު ނުކުމެވަޑައިގެންނެވުމުގެ ކުރީން އެއް ފަރާތަކުން ކުއްލިއަކަށް ފެނުނީ އަސްވާރަކު މައިދާނަށް ނުކުތްތަނެވެ. އެ މީހަކު އަރައި އިން އަސް އޮތީ ދަލުން ފޯވެފައެވެ. އެހެންވީމާ އެ މީހަކު އެ އައީ ދުރު ދަތުރެއް ކޮށްފައިކަން ވަރަށް ރަނގަޅަށް އެނގެއެވެ. ލައިގެން ހުރި ހެދުންވެސް ގްރަނާދާގެ ހެދުމަކާ ވައްތަރެއް ނޫނެވެ. ލައިގެން ހުރީ ހުދު ކުލައިގެ ހެދުމެކެވެ. ލޯ ފިޔަވައި މުޅި މޫނު ނިވައި ކޮށްފައި ވަނީ ރަތް ކުލައިގެ ފޮށައަކުންނެވެ. އޭނާ ގްރަނާދާގެ ސަފުން ބޭރަށް ވަކި ހިސާބަކަށް ނުކުމެފައި ހުއްޓިއްޖެއެވެ. އެޔަށް ފަހު ވިދަވިދައި އޮތް ކަނޑި އުރައަށް ލައިފިއެވެ. މީސްތަކުންނަށް ހީކުރެވުނީ އެ އުޅެނީ ލޮންސިން ހަމަލަދޭން ކަމަށެވެ. އެކަމަކު ލޮންސިވެސް ބިމަށް ޖަހައިފިއެވެ. ދެ ލަޝްކަރުގެ މީހުންވެސް މި މަންޒަރު ބަލަން ތިބީ ހައިރާންވެފައެވެ.
މޫނު ފޮރުވައިގެން އިން އަސްވާރު ކުއްލިއަކަށް އަސް ދުއްވައިލައިފިއެވެ. ކްރިސްޓިއަން އަސްވާރުވެސް ލޮންސިއަށް ސަމާލުވެލުމަށް ފަހު އަސް ދުއްވައިލައިފިއެވެ. އެކަމަކު މޫނު ފޮރުވައިގެން އިން އަސްވާރު ކުޅަދާނަކަމާއެކު ލޮންސީގެ ހަމަލައިން ރެކިގެންފިއެވެ. އަދި ކުޑަ ތަންކޮޅަކަށް ދުއްވައިލުމަށް ފަހު އަނބުރައިލިއެވެ. މީގެ ކުރިން އޭނާގެ އަތަކު އެއްވެސް އެއްޗެއް ނެތެވެ. އެކަމަކު މިހާރު އަތުގައި ވަލެއް އެބައޮތެވެ. ކާފަރު އަސްވާރަށް އެނބުރިލެވުމުގެ ކުރިން އެއްކޮޅުގައި މަޅިއެއް ޖަހައިފައި އޮތް ވާގަނޑު އެއްލައިފިއެވެ. މަޅި ރަނގަޅަށް އެކަލޭގެ ކަރަށް މެހިއްޖެއެވެ.
އަހުގެ ދުވެއްޔާއި ބާރާއެކު އެހެރަ ވަރުގަދަ ކަލޭގެ ބިންމައްޗަށް ވެއްޓިއްޖެއެވެ. އަހުގެ ދުވެއްޔެއް ނުހުއްޓެއެވެ. އެކަލޭގެ ބިންމަތީގައި ކޫއްތެމުން އޮވެގެން އާދެއެވެ. ގްރަނާދާގެ ލަޝްކަރުގެ ތެރެއިން ހުނުމުގެ އަޑު އަރައިގެން ދިޔައެވެ. އަސްވާރު އެ ދިޔަ ގޮތަށް ގޮަސް މަޑުކޮށްލީ އަބުލްޙަސަންގެ ކުރިފުޅުމައްޗަށެވެ. އަދި މޫނުގައި އޮތް ފޮށާ ނަގައިފިއެވެ. [އަޅުގަނޑު މި އައީ ކޯރްދޮބާއިން އުފާވެރިކަމުގެ ޚަބަރަކާއިގެންނެވެ.]
ވީ އުފާފުޅެއްގެ ބޮޑުކަމުން އަބުލްޙަސަނަށް ހަޅޭއްފުޅު ލައްވައިގަނެވުނެވެ. [ބަދްރު! ތިޔަ ގެންނެވި ފަތަހައިގެ ޚަބަރަކީ ވަރަށް ފުރިހަމަ ޚަބަރަކަށް ވާނޭކަން ޔަގީނެވެ. އެކަމަކު ފަތަޙައިގެ ބަދަލުގައި އަޅުގަނޑު ބޮޑަށް އުފާވަނީ މަނިކުފާނު ވަޑައިގަތީމައެވެ. އަޅުގަނޑު މި ހުންނަނީ ޣައިބުގެ މަދަދެއްގެ އިންތިޒާރުގައެވެ. މަނިކުފާނުގެ އަރިހުގައި އައީ ކިތައް މީހުންތޯއެވެ؟]
[އަޅުގަނޑުމެންނަށް ގެއްލުނީ ފަސް ސަތޭކައެއްހައި މީހުންނެވެ. އޭގެ ބަދަލުގައި ދެ ހާސް މީހުން އިތުރު ވެއްޖެއެވެ. އަބޫ މަންޞޫރުވެސް ވަޑައިގެންފިއެވެ.]
އަބުލްޙަސަންގެ މޫނުފުޅުމަތީން ނުތަނަވަސްކަން ފައުޅުވިއެވެ. [ތިޔަ ވިދާޅުވާ ލަޝްކަރު ނުގެންނެވީ ކީއްވެގެންތޯއެވެ؟ މިއަދަކީ މިކަންތައް ވަކި ގޮތަކަށް ނިންމޭނޭ ދުވަހެކެވެ.]
ބަދްރު ވިދާޅުވިއެވެ. [ފިކުރުފުޅު ނުކުރައްވާށެވެ. ކުޑައިރުކޮޅަކުން ލަޝްކަރުވެސް އަންނާނެއެވެ.]
އައްޒަޣަލް ހަރުއަޑުފުޅުން ނަޣަރާ ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [މުސްލިމުންނޭވެ. މިއަދަކީ ތިޔަބައިމީހުންނަށްޓަކައި ވަރަށް ބަރަކާތްތެރި، އުފާވެރި ދުވަހެކެވެ. ކޯރްދޮބާގެ ލަޝްކަރު ބަލިވެ، މައިދާން ދޫކޮށް ފިލައި ރައްކާވެއްޖެއެވެ. ތިޔަބައިމީހުންގެ ސަރަހައްދީ ބާޒު ތިޔަބައިމީހުންނަށް އެހީތެރިވެވަޑައިގެން ދެއްވުމަށްޓަކައި ވަޑައިގެންފިއެވެ.]
މި ޚަބަރާއެކު ލަޝްކަރުގެ އެންމެން އެކީގައި ﷲ އަކްބަރުގެ ނަޣަރާކޮށްފިއެވެ.
ބަދްރު ވިދާޅުވިއެވެ. [މަނިކުފާނު ތިޔަ އިއުލާނުކުރެއްވީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ކޯރްދޮބާގެ ލަޝްކަރަށް ފިލައިގެން ދާނޭ ފުރުސަތެއް އަޅުގަނޑުމެން ނުދެމެވެ. އެބައިގަނޑު އެއްކޮށް ކަހަލަ ގޮތަކަށް މައިދާނުގައި އަޅުގަނޑުމެންގެ ބާރުގެ ދަށުގައި އެބަތިއްބެވެ. ގިނައީ ގަބުރެވެ. ފިލައިގެން ދެވުނީ ގިނަ ވެގެން ހައެއްކަ މީހުންނަށެވެ.]
ނަޢީމް ބިން ރިޟްވާން ﷲ އަކްބަރުގެ ނަޣަރާ ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [މި ފަތަހައިގެ އުފަލުގައި މިއަދު ކަސްތިއްޔާގެ ލަޝްކަރުން ފަނަރަ މީހުން ނަރަކައަށް ފޮނުވައިލާން އަޅުގަނޑު އަހުދުވެއްޖައީމެވެ. ހެޔޮ ފާލެއްގެ ގޮތުގައި އަޅުގަނޑު ބޭނުން ކުރާނީ މަނިކުފާނުގެ ލޮންސިކޮޅެވެ.] މިހެން ވިދާޅުވެފައި އޭނާގެ ލޮންސި ބަދްރަށް ދެއްވުމަށް ފަހު ކުރިއަށް ޖެހިވަޑައިގެން ބަދްރު ބިންމައްޗަށް ޖައްސަވައިފައި ހުރި ލޮންސި ނަންގަވައިފިއެވެ.
ނަޢީމް ނުކުމެވަޑައިގެން ފެރްނާންދޯގެ ލަޝްކަރުން ނުކުތް ހަތަރު މީހުން ގަތުލުކޮށްލައްވައިފިއެވެ. އެޔާއެކު ފެރްނާންދޯ އަމުރުކުރީ މުޅި ލަޝްކަރު އެކީގައި ހަމަލަދޭށެވެ.
(7)
މެންދުރުވެ ހަނގުރާމައިގެ މައިދާން އެންމެ ހޫނުވީ ވަގުތު ބަދްރުގެ ލަޝްކަރާއެކު މަންޞޫރު ބިން އަޙްމަދު ވަޑައިގެންފިއެވެ. ތިންދަން ނިމޭން އައި އިރު ފެރްނާންދޯގެ ލަޝްކަރު ބަލިވާނޭ ކަމުގެ ނިޝާންތައް ފެންނާން ފަށައިފިއެވެ.
ނަޢީމް ސާދަ މީހުން ގަތުލުކުރައްވައިފިއެވެ. ފަނަރަވަނަ މީހާޔާ ހަމަލަދެއްވާން އުޅުއްވަނިކޮށް ކާފަރުންގެ މީހަކު އޭނާގެ މޭފުޅަށް ލޮންސިއަކުން ހަމަލަ ދީފިއެވެ. ވެއްޓިވަޑައިގަންނަވާން ދިޔަ ވަގުތު ބަދްރު ވަޑައިގެން ހިފަހައްޓަވައިފިއެވެ. ބަދްރު އުޅުއްވީ ޒަޚަމްވާ މީހުންނަށް ފަރުވާދޭ ފޭލިގެއަށް ނަޢީމް ގެންދަވާށެވެ. އެކަމަކު ނަޢީމް ވިދާޅުވެއްޖެއެވެ. [ބަދްރެވެ. އަޅުގަނޑުގެ ވަގުތު އައިސް ޖެހިއްޖެކަން އެނގެއެވެ. އަޅުގަނޑުގެ އަހުދު އަދި ނުއެއް ފުއްދެއެވެ. މިހާރު ސާދަ މީހުން ގަތުލު ކޮށްފީމެވެ. އެކަމަކު އަދި މަދެވެ. އަޅުގަނޑުގެ ޒަޚަމުން މާ ގިނައިން ލޭ އަޔަ ނުދީ ހިފަހައްޓަވައި ދެއްވާށެވެ. އަދި އަޅުގަނޑުގެ އަތަށް ލޮންސިއެއް ދެއްވައިފައި ދުޝްމިނުންނާ ކައިރިއަށް ގެންގޮސް ދެއްވާށެވެ.]
އެ ވާހަކަފުޅުގެ ސަބަބުން ބަދްރަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. އެދިވަޑައިގަތް ގޮތަށް ނަޢީމްގެ އަތްޕުޅަށް ލޮންސިއެއް ދެއްވުމަށް ފަހު ޒަޚަމްގައި އަތްޕުޅު އަޅުއްވައި ލޭ މަނާކުރެއްވޭތޯ މަސައްކަތް ކުރައްވަމުން އޭނާ ދުޝްމިނުންނާ ދިމާއަށް އަނބުރުއްވައިފިއެވެ. އެކަމަކު ދުޝްމިނުންނާ ކައިރިވެވަޑައިގަތްތަނާ ނަޢީމްގެ އަތްޕުޅުން ލޮންސި ދޫވަމުންދާ ކަމުގެ އިހުސާސް ބަދްރަށް ކުރެއްވިއްޖެއެވެ. އެހެންވީމާ އޭނާގެ އަތްޕުޅުގައި ބާރަށް ހިފަހައްޓަވައިފައި ވިދާޅުވިއެވެ. [ހުސިޔާރުވެވަޑައިގަންނަވާށެވެ. މިއީ ނަޢީމްގެ ފަނަރަ ވަނަ ޝިކާރައެވެ.]
މަޑުމަޑުން ވަރުފުޅު ދޫވަމުން ދިއުމާއެކުވެސް ނަޢީމް ވިދާޅުވިއެވެ. [ބަދްރެވެ. އަޅުގަނޑު ގައިކޮޅާ ކައިރި ކުރައްވައިފައި ބަހައްޓަވާށެވެ. އަޅުގަނޑުގެ އަހުދު ފުއްދަން ބޭނުމެވެ.]
[ނަޢީމް އަހުދުފުޅު ފުއްދަވައިފީމުއެވެ.] ބަދްރު މިހެން ވިދާޅުވެފައި ކުރިމަތީގައި ހުރި ކާފަރު ކަލޭގެ މެޔަށް ލޮންސި ޖައްސަވައިފިއެވެ. އެކަލޭގެ މަރުވެގެން ވެއްޓިއްޖެއެވެ. އެޔާއެކު ނަޢީމްވެސް ހޭފުޅު ނެތިއްޖެއެވެ. ބަދްރު އަވަސް އަވަހަށް ނަޢީމް ގޮވައިގެން ފޭލިގޭދޮށަށް ވަޑައިގެންފިއެވެ. ދެ މީހަކު އައިސް އޭނާ ނަގައިގަނެގެން ގެންގޮސް ފޭލިގެއަށް ވައްދައިފިއެވެ.
(ނުނިމޭ)