އެންމެ ފަހުގެ ޙަމަލާ – 24

(6 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އާޝާ ޖަވާބު ދިނެވެ. "އެބައިމީހުންނަކަށް އަޅުގަނޑު ދިރިހުއްޓައެއް އަޅުގަނޑުގެ ގަޔަކު އަތެއް ނުލެވޭނެއެވެ. ނަމަވެސް މަނިކުފާނު އަމިއްލަފުޅަށް އަވަހާރަ ވެވަޑައިނުގަންނަވާނެކަމަށް ވަޢުދު ވެވަޑައިގެންދެއްވާށެވެ. އަޅުގަނޑު މަރު ވިކަމުގައި ވިޔަސް ކޮންމެވެސް އެހެން ރޫފައެއްގައި އައިސް މަނިކުފާނު ހޯދާނަމެވެ."

އަޅުގަނޑު އާޝާއަށް ވަރަށް ބޮޑަށް ވިސްނައިދިނީމެވެ. އަދިވެސް ކަލޭގެ ފުރާނަ ސަލާމަތް ކުރެވޭނެ ފުރުޞަތު އެބައޮތޭ ބުނީމެވެ. ނަމަވެސް އޭނާ އިނީ އަޅުގަނޑުގެ އެއްވެސް އާދޭހެއްގެ އަޑު އަހާން ތައްޔާރަކަށެއް ނޫނެވެ. އިރުމަތީ ފަރާތުން ފަޖުރު ތަރި އަރަނީއެވެ. އަޅުގަނޑަށް އިޙުސާސް ވަމުން ދިޔައީ، ކުޑަ އިރުކޮޅަކުން ސިފައިން ޤަވާޢިދުން އަޅުގަނޑުމެން ހޯދާން ފަށާނެކަމެވެ. ދިރިހުރުމާ ވަކިވުމަކީ އަޅުގަނޑަށް އުނދަގޫ ކަމަކަށް އާޝާ ހަދައިފިއެވެ. އަޅުގަނޑަށް އޭނާއަށް ޓަކައި ދިރިހުންނާން ޖެހިއްޖެއެވެ. އަޅުގަނޑުގެ ޙާލެކޭ ޠޫފާނެއްގެ ގަދަ ވައިގެ ތެރޭގައި ބައްތިއެއް ދިއްލާން އުޅޭ މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. ބައެއް ފަހަރު އަޅުގަނޑުގެ ހިތަށް އަރައެވެ. ލަޝްކަރު ޖަންގައްޔާ ދިމާޔަށް ހިނގައިދާނެއެވެ. އެއްވެސް މީހަކު މި ދިމާޔަކަށް ސަމާލުކަމެއް ނުދޭނެއެވެ. އަނެއްބައި ފަހަރު އަޅުގަނޑުގެ ހިތަށް ހަމަޖެހުން ހޯދައިދެނީ ސިފައިންގެ ވެރިޔާ މި އަވަށަށް ވަޑައިގަތުމުގެ ބަދަލުގައި އެހެން މައިދާނެއް ޚިޔާރު ކުރައްވައި ލަޝްކަރު އޭނާގެ އަރިހަށް ގެންދަވައިފާނެއޭ މި ބާވަތުގެ ޚިޔާލުތަކުންނެވެ. އަޅުގަނޑު އެ ކަހަލަ ވަހުމީ އުއްމީދުތަކެއްގެ އެހީ ލިބިގަނެގެން ތެދުވެއްޖައީމެވެ. އާޝާގެ އަތުގައި ހިފައިގެން ކޯރާ ދިމާޔަށް ދެވޭން އޮންނަ ހަނި މަގުން ތިރިޔަށް ފައިބާން ފަށައިފީމެވެ. ފެނާރުގެ ކައިރީގައި ކައިވަތެއްހައި ތަން ފެނުން ހިކިފައި އޮއްވައި އަޅުގަނޑު ކުރީ ދުވަހު ދުށް ހިލަ އޮތީ ފެނުގެ އަޑީގައި ފޮރުވިފައެވެ. އަޅުގަނޑުމެން މަތީގެ ހަރުފަތްމަތީގައި އިށީނދެއްޖައީމެވެ. ހަކަތަދެރަކަމާއި، ވަރުބަލިކަމާއި، ކަށިމަތީގައި ހުރި ޒަޚަމުގެ ސަބަބުން އަޅުގަނޑުގެ ޙާލެއް ނެތެވެ. އަޅުގަނޑު އިނީ އާޝާގެ އުރުތެރޭގައެވެ. އޭނާ އިނީ އަޅުގަނޑުގެ ބޯ އޭނާގެ އަތްދަނޑިމަތީގައި ބާއްވައިގެންނެވެ.

އަޅުގަނޑު ބުނެފީމެވެ. "އާޝާއެވެ! ކަލެޔަށް އެބައިމީހުން މި ދިމާޔަށް އަންނާނެހެން ހީވޭހެއްޔެވެ؟"

އޭނާ ހިތްހަމަޖެހުމާ އެކު ޖަވާބު ދިނެވެ. "އަޅުގަނޑުގެ ހަމައެކަނި އެދުމަކީ އަދި އުއްމީދަކީ މަނިކުފާނު ދުނިޔޭގައި ހުންނެވުމެވެ."

ކުޑަ އިރުކޮޅެއްގެ ފަހުން އެ އަނދިރި ވާދީއަށް ވެސް ފަތިހުގެ އަލިކަން ރައްދު ވާން ފަށައިފިއެވެ. ކުއްލިޔަކަށް މަތީން ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އަޅުގަނޑަށް އިވިއްޖެއެވެ. އަޅުގަނޑު ކަނޑި ހިފައިގެން ތެދު ވަމުން ބުނެފީމެވެ. "އާޝާއެވެ! ކަލޭ މިތާނގައި މަޑު ކޮށްލާށެވެ. އެއީ އަހަރެންގެ މީހަކަށް ވެސް ވެދާނެއެވެ."

އަޅުގަނޑު ދެތިން ހަރުފަތަކަށް މައްޗަށް އަރައިފީމެވެ. އެ ހަނި މަގު އެއް ފަރާތަކަށް އެނބުރޭ ހިސާބެއްގައި ހުއްޓިއްޖައީމެވެ. ސިފައިންގެ މީހާ އަޅުގަނޑާ ހަމަޔަށް އައުމާ އެކު އަޅުގަނޑުގެ ކަނޑީގެ ތުނޑު އޭނާގެ މޭގައި ޖައްސައިފީމެވެ. އެއީ ރޭގައި ޖަގަތުނާރާއިން ޤައިދީންގެ ފާރަޔަށް ބައިތިއްބަވައިފައި ތިބި ސިފައިންގެ ވެރިޔާއެވެ. އޭނާ އަޅުގަނޑު ފެނުމާ އެކު ހަޅޭއްލަވާން ފަށައިފިއެވެ. އަޅުގަނޑުގެ ކަނޑި އޭނާގެ ހަށިގަނޑު ފޫ އަޅުވައިލައިފިއެވެ. އޭރު އޭނާގެ ސިފައިންގެ އެހެން މީހަކު ވެސް ހަޅޭއްލަވަމުން ތިރިޔަށް ފައިބައެވެ. އަޅުގަނޑު އަވަސްއަވަހަށް މަރު ވި މީހާގެ ހަށިގަނޑު އެއް ފަރާތަކަށް ކޮއްޕައިލައިފައިމައްޗަށް އަރައިފީމެވެ. އޭނާ އަޅުގަނޑު ފެނުމާ އެކު އަޅުގަނޑާ ޙަމަލަ ދީފިއެވެ. އަޅުގަނޑު އިރުކޮޅެއް ވާންދެން ސާބިތުކަމާ އެކު ހަނގުރާމަ ކުރަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާގެ ބާރުގަދަކަމާއި ހަލުއިކަން އަޅުގަނޑުގެ ވަރުދެރަކަމުގެ މައްޗަށް ވެރި ވާން ފަށައިފިއެވެ. އަޅުގަނޑު އޭނާގެ އެތިއެތިފަހަރު މަތަ ކުރަމުން ފަސްފަހަތަށް ތިރިޔަށް ފައިބާން ފަށައިފީމެވެ. މަތީން އެތައް ބައެއްގެ ހަޅޭކުގެ އަޑު އިވެމުން ދެއެވެ. އަޅުގަނޑު އެންމެ ފަހު ހަރުފަތާ ހަމަޔަށް ފައިބައިފައި ކުރިމަތީގައި ހުރި މީހާއާ ފުރިހަމަ ބާރާ އެކު ޙަމަލަ ދީފީމެވެ. އޭނާއަށް ފަހަތަށް ޖެހޭން މަޖުބޫރު ކޮށްފީމެވެ. ކުއްލިޔަކަށް އޭނާގެ ފައި ހިލަގަނޑެއްގައި އަޅައިގެންފައި ކައްސައިލައިފިއެވެ. އޭނާ އިދިފުށަށް ވެއްޓިއްޖެއެވެ. އަޅުގަނޑުގެ ކަނޑީގެ އެންމެ ފަހު އެތިފަހަރުން އޭނާ މަރުގެ އުނގުގައި ނިންދަވައިފީމެވެ. އަޅުގަނޑު އެނބުރި އާޝާއާ ދިމާޔަށް ބަލައިލާން އުޅުނީމެވެ. ނަމަވެސް އާޝާ އެތާކު ނެތެވެ. އޭނާގެ ދޯޕައްޓާ ހަރުފަތްތަކުގެ މަތީގައި އޮތެވެ. އޭނާ ތަންކޮޅެއް ދުރުގައި ކޯރުގެ ގަދަ އޮއިވަރުގެ ތެރޭގައި އޮޔާ ދަމުން ގޮވަމުންގެންދެއެވެ. "ވާސިދިޔޫއެވެ! މަނިކުފާނުގެ ކަލާނގެ ގަންދީ ދަންނަވަމެވެ. އަޅުގަނޑުގެ ފަހަތުން ވަޑައިނުގަންނަވާށެވެ. އަޅުގަނޑު މަނިކުފާނަށް ޔަޤީން ކޮށްދެމެވެ. އެބައިމީހުންނަށް އަޅުގަނޑުގެ ގަޔަކު އަތެއް ނުލެވޭނެއެވެ." ހަމަ ވަގުތުން ކޯރުގެ އޮއިވަރު އާޝާ ދަމައިފައި ކޯރުގެ ފެންގަނޑު ތިރިޔަށް ފައިބާ ތަނަށް ގެންގޮސްފިއެވެ. އަޅުގަނޑު ދެލޯ މަރައިލައިފީމެވެ. އަޅުގަނޑު ދެވަނަ ފަހަރު ލޯ ހުޅުވައިލި އިރު އާޝާ ގެއްލިއްޖެއެވެ. އެހައިތަނުން އަޅުގަނޑުގެ ހިތުގައި ބިރުގެ ކުޑަވެސް ކަންފުޅެއް ނެތެވެ. އަޅުގަނޑުގެ ހިތުގައި މަރުވުމާއި ދިރިހުރުމާ މެދު އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އަޅުގަނޑުގެ ކިބައިގައި ބާކީ ހުރި ޙިއްސުކޮޅު ބަދަލު ހިފުމުގެ ނިމުމެއް ނެތް ޖަޒުބާތަކަށް ބަދަލު ވެއްޖެއެވެ. އަޅުގަނޑު މޮޔަވެފައިހުރި މީހަކު ފަދައިން ހަޅޭއްލަވަމުން މައްޗަށް އަރާން ފަށައިފީމެވެ. އަށް ނުވަ ދިހަ މީހުން އެއް ބަރިއަކަށް ތިބެގެން ތިރިޔަށް ފައިބާން ފަށައިފިއެވެ. އަޅުގަނޑު އެންމެ ކުރީގައި ހުރި މީހާ އެކަތިފަހަރުން މަރައިލައިފީމެވެ. ދެން ތިބި މީހުން އެ ހަނި ތަންކޮޅުގައި އަޅުގަނޑުގެ ނުރައްކާތެރިކަން އިޙުސާސް ވެގެން ފަހަތަށް ޖެހެމުންދާން ފަށައިފިއެވެ. އިރުކޮޅެއްގެ ފަހުން އަޅުގަނޑު ފަރުބަދަމަތީގެ ހާމަ ތަނަށް ނުކުމެއްޖައީމެވެ. އެތަނުން ފަންސާހަކަށް މީހުން އަޅުގަނޑުގެ ވަށައިގެން ގޮނި ހަދައިލައިފިއެވެ. އޭގެ ތެރޭގައި އަމީރު ޖަގަތުނާރާއިން ވެސް ހުންނެވިއެވެ. އޭނާ އަޑުފުޅުގައި ނެތް ތަނަށް ހަޅޭއްފުޅު ލައްވަމުން، އަޅުގަނޑު މަރައިނުލައި ހައްޔަރު ކުރުމަށް އަމުރު ކުރައްވަމުން ގެންދެވިއެވެ. އޭގެފަހުން އަޅުގަނޑު ހަނދާން ހުރި ވަރަކީ، އަޅުގަނޑު ހަޅޭއްލަވަމުން ތަނެއްދޮރެއް ނުބަލައި އެކި ފަރާތްފަރާތަށް ޙަމަލަ ދެމުން ގެންދިޔަކަމެވެ. ސިފައިން ކަންބަޅިތަކެއް ފަދައިން ކޮޅުކޮޅަށް ދުވެދުވެ ތިއްބެވެ. އެންމެފަހުން އަޅުގަނޑު ހޭނެތިގެން ވެއްޓިއްޖެއެވެ. އެބައިމީހުން އަޅުގަނޑު ވަގުތުން ޤަތުލު ކުރުމުގެ ބަދަލުގައި، ކޮންމެވެސް ޢިބުރަތްތެރި ސަޒާއެއް ދިނުމަށް ޓަކައި ހައްޔަރު ކޮށްގެން ގެންގޮސްފިއެވެ.

ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑު އޮތީ ނަގަރުކޯޓުގެ ޖަލެއްގައެވެ. ހަފުތާއެއް ވާންދެން ޖަލުގައި އޮތުމަށް ފަހު، އަޅުގަނޑަށް އެނގުނީ ކާލީ ދޭވީގެ ކުރިމަތީގައި އަޅުގަނޑު ޤުރުބާން ކުރެވޭނެކަމެވެ. ނަމަވެސް އޭގެފަހުން ވެސް ދެ ހަފުތާ ވޭތި ވެގެން ހިނގައްޖެއެވެ. سلطان محمود غزنوی ދޭހިންދަށް ޙަމަލަ ދެއްވިކަމާއި ނަގަރުކޯޓުގެ ލަޝްކަރު ދޭހިންދުގެ ޝަހެންޝާހަށް އެހީ ވާން ހިނގައްޖެކަން އަޅުގަނޑަށް އެނގިއްޖެއެވެ. އެ ލަޝްކަރާ އެކު ޕަރައުހަތާއި ރަސްގެފާނާ ދެ ބޭފުޅުން ވެސް ވަޑައިގެންނެވިއެވެ. އަޅުގަނޑު ޤުރުބާން ކުރެވޭނެ ތާރީޚެއް ކަނޑައެޅޭނީ އެ ބޭފުޅުން އެނބުރިވަޑައިގެންނެވުމުންނެވެ.

ދޭހިންދުގެ ރާޖާ ބަލިފުޅު ވުމާއި، އެއަށްފަހު ނަގަރުކޯޓުގައި ކާލީ ދޭވީގެ އަޅުވެރީންގެ ލަޝްކަރު ބަލި ވުމަކީ އަޅުގަނޑުގެ ނަޒަރުގައި އާޝާގެ ހުވަފެންތަކުގެ ތަޢުބީރެވެ.

+ + + +

سلطان محمود ނަގަރުކޯޓު ފަތަޙަ ކުރެއްވުމަށް ފަހު އަޅުގަނޑު ޖަލުން ދޫ ކޮށްލެއްވިއެވެ. އޭނާ އަކީ މި ޤައުމުގައި އާ އަލިކަމެއްގެ ދަންމަރެއް ދިއްލަވަމުން ގެންދަވާ ބޭފުޅަކު ކަމުގައި ޤަބޫލު ކޮށްގެން އަޅުގަނޑު އޭނާގެ ލަޝްކަރުގައި ބައިވެރި ވެއްޖައީމެވެ. އަޅުގަނޑާ އެކު އެތަކެއް ހާސް މީހުން محمود ގެ ލަޝްކަރުގައި ބައިވެރި ވިއެވެ. އެއީ ހައްތާ ވެސް ނަގަރުކޯޓުގެ ފައްޅީގެ ބުދުތައް އެކޮޅުކޮޅުން ޖެހުމުގެ ސަބަބުން އެ ބައެއްގެ ލޯމަތީން ވަހުމުގެ ފަރުދާ ނެގުނު މީހުންނެވެ.

محمود غزنوی އަޅުގަނޑަށް ދެއްވި ނަމަކީ عبدالواحد އެވެ. އޭނާ އަކީ އަޅުގަނޑުގެ މުޙުސިނެވެ. ނަމަވެސް އޭނާގެ އިޙުސާންތެރިކަން ގުޅިފައި ވަނީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ ޒާތާ ކަމުގައި ވީ ނަމަ، އަޅުގަނޑު މި ހަނގުރާމަތަކުގައި ބައިވެރި ވުމުގެ ބަދަލުގައި ޚިޔާރު ކުރީހީ ކޮންމެވެސް އެކަނިވެރި ތަނެއްގައި އެކަނިވެރި ގޮތުގައި އަޅުގަނޑުގެ ޙަޔާތު ވޭތި ކޮށްލުމެވެ. ޖަލުން ސަލާމަތް ވުމަށް ފަހު، އަޅުގަނޑު ދާން ބޭނުން ތަނަކަށް ދިޔުމުގެ މިނިވަންކަން އަޅުގަނޑަށް އޮތެވެ. ނަމަވެސް އަޅުގަނޑު އެ ރަސްގެފާނާ މެދު ދެކެނީ މި ޤައުމުގެ އަނިޔާ ލިބެމުންދާ އިންސާނިއްޔަތުގެ މުޙުސިން ކަމުގައެވެ. ޤުދުރަތުން އޭނާ ޚާއްޞަ ކުރައްވައިފައި ވަނީ މަތިވެރި މަސައްކަތްޕުޅުތަކެއް ފުރިހަމަ ކުރައްވާށެވެ. އެ މަސައްކަތްޕުޅުގެ އަގު އަޅުގަނޑުގެ ގާތުގައި އަޅުގަނޑުގެ ފުރާނަޔަށް ވުރެ ވެސް މާ މަތިވެރިއެވެ. މިއީ އަޅުގަނޑުގެ ވާހަކައެވެ. އަޅުގަނޑުގެ ހިތް ބުނާ ގޮތުން އަޅުގަނޑުގެ ބަދަލުގައި މަނިކުފާނު ހުންނެވި ނަމަ މަނިކުފާނުގެ އިޙުސާސްތައް ވެސް އަޅުގަނޑަކާ ތަފާތެއް ނުވީހެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.