(27 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ސާހިބާއެވެ! އަޅެ ނިކަން ބައްލަވަބައްލަވާށެވެ. މީގެ ބަރުދަން ކިތަންމެ ލުއި ކަމުގައި ވިޔަސް، އަގު ނުލާހިކު މަތި ވާނެއެވެ. ސާހިބާއެވެ! ނިކަން ބައްލަވާށެވެ." ޝަމްބޫނާތު މިހެން ބުނެފައި ތުރުތުރު އަޅައަޅައި އޮތް އަތަކުން ކޮތަޅު ހުޅުވައިލައިފައި، ކުދިކުދި ބައެއް ގަހަނާގެ އިތުރުން މުތީގެ ހާރަކާއި، އަލިމަސް ޖަހައިފައި ވާ އުޅާޖޯޑެއް ނަގައިފައި عبدالواحد ގެ ކުރިފުޅުމަތީގައި ބާއްވައިފިއެވެ.
ރަންބީރަށް އޭނާގެ ކޮއްކޯފުޅުގެ ގަހަނާކޮޅުތައް ފެނިވަޑައިގަތުމުން ހިތްޕުޅު ދިޔައީ ބަންޑުން ވެގެންނެވެ. އޭނާ އަނެއް ފަރާތަށް މޫނުފުޅު އަނބުރައިލައްވައިފިއެވެ. عبدالواحد ޝަމްބޫނާތުގެ އަތުން ހުސް ކޮތަޅު އަތުލައްވައިފައި ގަހަނާތައް މޭޒުކޮޅުމަތީން ނަންގަވައި އަނބުރާ ކޮތަޅަށް އަޅުއްވައިފައި ޝަމްބޫނާތާ ދިމާޔަށް ވިދާޅުވިއެވެ. "މި ގަހަނާތައް އަހަރެންގެ ޙަވާލުގައި ބަހައްޓާނަމެވެ. މިތަނުން ދާން ވީމާ އަހަރެންގެ އަތުން މި ތަކެތި އަތުލާށެވެ. ކަލޭ ޝަހަރުގެ ބަދަލުގައި އަހަރެންގެ ގާތުގައި ހުންނަ ކަމުގައި ވާނަމަ މި ތަކެތި ކަލޭގެ އަތުގައި ވެސް ބެހެއްޓިދާނެއެވެ."
ޝަމްބޫނާތު އަނެއްކާވެސް ދެ އަތް ޖޯޑު ކޮށްފައި ދެންނެވިއެވެ. "ތިޔަ ތަކެތި ޤަބޫލުފުޅު ކުރައްވާށެވެ. މާތް ސާހިބާއެވެ! ތިޔަ ގަހަނާކޮޅުތަކުން ހަތަރު އެތް ބައްލަވައިގެންނެވޭނެއެވެ. އުޅާފުޅުގައި ޖަހައިފައި ހުރި އަލިމަހާއި، ހާރުކޮޅުގެ މުތީތަކަކީ އަޞްލު އެއްޗެއްސެވެ. މަނިކުފާނު ނަންދުނާގެ ކޮންމެވެސް ތިލޭރަކު ގެންނަވައިގެން ދެއްކެވިޔަސް އެންމެ ރަނގަޅެވެ. ތިޔައިގެ ތެރެއިން އެއްވެސް އެއްޗެއް އަޞްލު ނޫންކަމުގައި ވެއްޖެ ކަމުގައި ވާނަމަ އަޅުގަނޑު ދަން ޖައްސަވާށެވެ. އެހެންކަމާ އެކު ވެސް، މި ގަހަނާތަކުން ރަންބީރުގެ މިނިވަންކަމުގެ އަގު އަދާ ނުވާ ނަމަ، އޭނާއަށް ގަނޑުވަރަށް ވަޑައިގަތުމުގެ ފުރުޞަތު ދެއްވާށެވެ. މަނިކުފާނު އިތުރަށް ބޭނުންފުޅު ވާ ވަރަކަށް އޭނާގެ ގަނޑުވަރަށް ވަޑައިގެންފައި ފައިސާ ފޮނުއްވާނެއެވެ. އަޅުގަނޑު މިހިރީ އެހައިތަނަށް މަނިކުފާނުގެ ޤައިދުގައި އޮންނާން ތައްޔާރަށެވެ."
"އަހަންނަށް ހީ ވާ ގޮތުގައި ރަންބީރު އޭނާގެ މިނިވަންކަމުގެ އަގު އަދާ ކުރައްވައިފިއެވެ." މިހެން ވިދާޅުވެފައި عبدالواحد މޭޒުކޮޅުމަތީގައި އޮތް ސިޓީ ނަންގަވައިފިއެވެ. އޭނާ އެ ސިޓީއަށް ތަންކޮޅެއް އިތުރު ކޮށްލައްވައިފައި، ފާރަވެރީންގެ ވެރިޔާއާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކަލާ ހަމަ މިހާރު މި ސިޓީ ކޮންމެވެސް އިތުބާރު ހުރި މީހެއްގެ ޙަވާލުގައި ދޭހިންދުގެ ގަވަރުނަރުގެ އަރިހަށް ފޮނުއްވާށެވެ. އަޅުގަނޑު މީގެ ކުރީން ވެސް އޭނާގެ އަރިހަށް ވަރަށް މުހިއްމު ސިޓީއެއް ފޮނުވައިފީމެވެ. ނަމަވެސް އަދިވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ނުލިބެއެވެ. ދޭހިންދުގެ ގަވަރުނަރު ދަތުރުފުޅެއްގައި އުޅުއްވާތީ ކަމަށް ވެސް ވެދާނެއެވެ. ކަލާ ސިޓީ ޙަވާލު ކުރައްވާ މީހެއްގެ ގާތުގައި ވިދާޅުވާށެވެ. މި ސިޓީ ގަވަރުނަރުގެ އޮފީހާ ޙަވާލު ކުރުމުގެ ބަދަލުގައި ޚުދު އޭނާގެ އަތުން ގަވަރުނަރުގެ އަތްޕުޅަށް އަރުވާށެވެ. މި ސިޓީގެ ޖަވާބު ހިފައިގެން ނޫނީ އައިސްގެން ނުވާނެއޭ ވެސް ވިދާޅުވާން ވާނެއެވެ."
ފާރަވެރީންގެ ވެރިޔާ ސިޓީ ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ. عبدالواحد އޭނާގެ ގޮނޑިކޮޅުން ތެދު ވެވަޑައިގަންނަވަމުން ރަންބީރާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "މިއަދުން ފެށިގެން ތިޔަ ދެ ބޭފުޅުންނަކީ އަޅުގަނޑުގެ މެހުމާނުންނެވެ. އަޅުގަނޑުގެ ސިޓީގެ ޖަވާބު ލިބޭންދެން ތިޔަ ބޭފުޅުން މި ގޭގައި ތިއްބަވާށެވެ. އަޅުގަނޑު ދޭހިންދުގެ ގަވަރުނަރުގެ އަރިހަށް މަނިކުފާނު ދޫ ކޮށްލުމުގެ ހުއްދައަށް އެދި ދެވަނަ ސިޓީ ލިޔެފީމެވެ. އެ ސިޓީގެ ޖަވާބު ވަރަށް އަވަހަށް ލިބޭނެކަން އަޅުގަނޑަށް ޔަޤީނެވެ. ދެން ތިޔަ ބޭފުޅުން އެހެން ކޮޓަރިއަކަށް ވަޑައިގެން ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކު ވާހަކަ ދައްކަވާށެވެ."
عبدالواحد ނޯކަރަކަށް ވިދާޅުވުމުން، ނޯކަރު އޭނާގެ ސާހިބާގެ އަމުރުފުޅުގެ މަތީން ރަންބީރާއި ޝަމްބޫނާތު މަތީބުރީގެ ތަނަވަސް ކޮޓަރިކޮޅަކަށް ގެންގޮސްފިއެވެ. ޝަމްބޫނާތުގެ ޙައިރާންކަން ކުރީން ވެސް ވަނީ ޙައްދުން ނެއްޓިފައެވެ. އެހެންކަމުން، އަލަށް މި ލިބުނު ޢިއްޒަތުގެ ސަބަބުން އޭނާ އަންތަރީސް ވެއްޖެއެވެ. ނޯކަރު ކޮޓަރީން ނުކުތުމާ އެކު އޭނާ އަނެއްކާވެސް ރަންބީރުގެ ކުރިފުޅުމަތީގައި ދެ އަތް ޖޯޑު ކޮށްގެން ހުއްޓިއްޖެއެވެ. އޭނާ ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުގެ ކުށް މަޢާފު ކުރައްވާށެވެ. އޭނާ ސިންގާއެއްހެން ލޯ އަޅައިލުމުން އަޅުގަނޑު ބިރު ގަތީއެވެ. އެހެން ނޫން ނަމަ އަޅުގަނޑަށް މަނިކުފާނާ އެއް ހިސާބެއްގައި އިށީންނާކަށެއް ނުކެރުނީހެވެ. އަނެއްކާ އަޅުގަނޑު ދެކެ އަންނަ ރުޅީގައި މަނިކުފާނާ ވެސް އޭނާ ނުޤަބޫލު ވެދާނެއޭ ވެސް އަޅުގަނޑަށް ހީ ވީއެވެ. ނަމަވެސް އޭނާ މި ގޮތަށް އަޅުގަނޑު ހާރުވާން ވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ. މަނިކުފާނު އޭނާ ގާތު އަޅުގަނޑަކީ ވޭޝެކޭ (ހިންދީ ނަސްލީ އިމްތިޔާޒުގައި ދަނޑުވެރިކަމާއި ވިޔަފާރި ކުރުމަށް ޚާއްޞަ ވެފައި ވާ ފަންތި)، އަޅުގަނޑަކީ ހަތަރު ދަރިކޮޅުން ފެށިގެން ތިޔަ ބޭފުޅުންގެ ޚާދިމެކޭ ވިދާޅުވި ނަމަ ހާދަ ރަނގަޅެވެ."
ރަންބީރު އޭނާގެ ހިތް ހަމަޖައްސައިދެއްވަމުން ވިދާޅުވިއެވެ. "ކަންބޮޑު ނުވާށެވެ! ޝަމްބޫނާތެވެ! މި ކިއްލާގައި ފައިތިލަ ޖެހުމަށް ފަހު ކަލޭގެ ނަސަބު ބަދަލު ވެއްޖެއެވެ. މިއަދަށް ފަހު ކަލެޔަށް ދުނިޔޭގެ ކޮންމެ އިންސާނަކާ ވެސް ހަމަހަމަކަމުގެ ދަޢުވާ ކުރެވިދާނެއެވެ. އިންސާނުންގެ މެދުގައި ނަފްރަތާއި އެކަކު އަނެކަކަށް އިހާނެތިކޮށް ހިތުމުގެ ފާރުތައް ރޭނި ބުދުތައް މުގުރުމުގެ ވަގުތު ޖެހިއްޖެއެވެ."
ރަންބީރުގެ އެންމެ ފަހު ޖުމުލަ ހިމެނުނީ ޝަމްބޫނާތުގެ ސިކުނޑީގެ ފެންވަރަށް ވުރެ މަތިވެރި ޖުމުލައެއް ކަމުގައެވެ. އޭނާއަށް ވިސްނުނީ ހަމައެކަނި އޭނާއަށް ދުނިޔޭގެ ކޮންމެ އިންސާނަކާ ވެސް ހަމަހަމަކަމުގެ ދަޢުވާ ކުރުމަށް މަޝްވަރާ ދެއްވީކަމެވެ. އޭނާ ދެންނެވިއެވެ. "ނޫނެކެވެ! މާތް ސާހިބާއެވެ! ތިޔަ ކަހަލަ ވާހަކަ ނުދައްކަވާށެވެ. އަޅުގަނޑަކީ މަނިކުފާނުގެ ނޯކަރަކަށް ވީ ކަމީ އަޅުގަނޑަށް ފުދޭ ވަރުގެ ޢިއްޒަތެކެވެ."
عبدالواحد ގެ ނޯކަރު ދެވަނަ ފަހަރަށް އަތުވެއްޖެއެވެ. އޭނާ ޝަމްބޫނާތާ ސުވާލު ކުރިއެވެ. "ކަލާގެ އަސްކޮޅު ކޮބައިތޯއެވެ؟"
"އަހަރެންގެ އަހޭ؟" ޝަމްބޫނާތު ކަންބޮޑު ވެފައި ސުވާލު ކުރިއެވެ.
"އާދޭހެވެ!" ނޯކަރު ޖަވާބު ދިނެވެ. "ކަލާގެ އަސްކޮޅު ނުވަތަ އެ ނޫން ވެސް އެއްޗެއް މެހުމާންސަރާގައި ބަހައްޓަވައިފައި ހުރި ކަމުގައި ވާނަމަ، އެ އެއްޗެއް މި ކޮޓަރިކޮޅަށް ގެނައުމަށް އަޅުގަނޑުގެ ސާހިބާ ވަނީ އަންގަވައިފައެވެ."
ޝަމްބޫނާތު ކުޑައިކޮށް ފަސް ޖެހިލައިފައި ބުނެފިއެވެ. "އަހަރެން އަސް ވިއްކައިލައިފީމެވެ." ނަމަވެސް ނޯކަރު އެނބުރި ދިޔުމުން އޭނާ ރަންބީރުގެ އަރިހުގައި ސިއްރުން ކަހަލަ ގޮތަކަށް ދެންނެވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑު އަހުގެ ބަދަލުގައި އައީ ހިމާރެއްގައެވެ. އަޅުގަނޑުގެ އަސް މިބައިމީހުންގެ ސަރަޙައްދަށް ވަނުމުގެ ކުރީން ދޫ ކޮށްލައިފީމެވެ. ދަތުރުމަތީގައި ވަގުންނާއި ފޭރޭ މީހުން ދެކެ ބިރުން އަޅުގަނޑު އައީ ސަލާން ޖަހާ މީހެއްގެ ހެދުމުގައެވެ. އަޅުގަނޑު އަސްމަތީގައި އައި ނަމަ މަގުމަތީން އެތައް ތަނަކުން އަޅުގަނޑު ފާސް ކުރީހެވެ. އަޅުގަނޑު ހިމާރެއްގައި އަންނަތަން ފެނުމުން، އެއްވެސް މީހަކަށް އަޅުގަނޑުގެ އަތުގައި އެހައި ގިނަ މުދާ ހުރެދާނެ ކަމަކަށް ޚިޔާލު ވެސް ނުކުރެވުނެވެ. އަޅުގަނޑު ހިމާރު ވިއްކައިލައިފައި ނަންދުނާގެ ކައިރީގެ އަވަށަކުން އާ ހެދުމެއް ގަތީއެވެ."
ފަސްވަނަޔަށް ވީ ދުވަހުގެ ފަތިހު، عبدالواحد ގެ ނޯކަރު ރަންބީރާއި ޝަމްބޫނާތުގެ ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ ރަންބީރުގެ އަތްޕުޅަށް ބޮޚުސާކޮޅަކާއި ކަނޑިކޮޅެއް އަރުވަމުން ދެންނެވިއެވެ. "މަނިކުފާނު ދަތުރުފުޅަށް މި ހެދުންކޮޅު ތުރު ކުރައްވާށެވެ. އަޅުގަނޑުގެ ސާހިބާ ނަމާދުން ނިމިވަޑައިގެން ކިއްލާގެ ދޮރުމަތީން މަނިކުފާނާ ބައްދަލު ކުރައްވާނެކަމަށް ވިދާޅުވިއެވެ. މި ކަނޑިކޮޅަކީ ވެސް އޭނާ މަނިކުފާނަށް ފޮނުއްވި ކަނޑިކޮޅެކެވެ. މަނިކުފާނު އަވަހަށް ތައްޔާރު ވެވަޑައިގަންނަވާށެވެ. މަނިކުފާނު ކިއްލާގެ ދޮރާއްޓާ ހަމަޔަށް ގެންދާން އަޅުގަނޑު އިސާހިތަކު އަންނާނަމެވެ."
ރަންބީރަށް އެރޭ އަވަހާރަފުޅު ލެއްޕެވުމުގެ ކުރީން އޭނާގެ ރަޙްމަތްތެރިޔާގެ ފަރާތްޕުޅުން ވަނީ ދޭހިންދުގެ ގަވަރުނަރު އޭނާ މިނިވަން ކުރެއްވުމުގެ އަމުރުފުޅު ފޮނުއްވިކަމުގެ އުފާވެރި ޚަބަރު އިވިވަޑައިގެންފައެވެ. އިރު އެރުމާ އެކު އޭނާއަށް އޭނާގެ ގެއާ ދިމާޔަށް މިސްރާބު ޖެއްސެވިދާނެކަން އޮތީ އެނގިވަޑައިގެންފައެވެ. އެހެންކަމުން، އޭނާ ރޭދެބައި ވުމާ އެކު ޝަމްބޫނާތުގެ ގާތުގައި މިހާރު ފަތިސް ވާން އުޅެނީއޭ ވިދާޅުވާން ފައްޓަވައިފިއެވެ.
ރަންބީރު ވަރަށް އަވަހަށް ހެދުންކޮޅު ބަދަލު ކުރައްވައިފިއެވެ. ނޯކަރު އައިސް ރަންބީރު ގޮވައިގެން ކިއްލާގެ ދޮރާ ދިމާޔަށް ހިނގައްޖެއެވެ. ދޮރުކައިރީގައި ސިފައިންގެ މީހެއް ދެ އަސް ގޮވައިގެން ހުއްޓެވެ.
އިންތިޒާރުގެ ކޮންމެ ހިނދުކޮޅެއް ވެސް ޝަމްބޫނާތަށް ހިމެނުނީ ކެތް ކުރާން އުނދަގޫ ވަގުތުތަކެއް ކަމުގައެވެ. އޭނާ އިރުއިރުކޮޅާ ސިއްރުން ރަންބީރުގެ އަރިހުގައި ދަންނަވައެވެ. "ބައްލަވާށެވެ! މިހާރު އިރު އަރާން އުޅެނީއެވެ. މިބައިމީހުންގެ ޚިޔާލު ބަދަލު ނުވާނެބާވައޭ ހިތަށް އަރާ ވަރުން އަޅުގަނޑު ބިރު ގަނެއެވެ."
ރަންބީރު ކޮންމެ ފަހަރަކު އޭނާގެ ގާތުގައި ވިދާޅުވެއެވެ. ކަންބޮޑު ނުވާށެވެ! އޭނާ މިހާރު ވަޑައިގަންނަވާނެއެވެ."
عبدالواحد ކިއްލާގެ ފާރަވެރީންގެ ވެރިޔާ އާއި ދެތިން އޮފިސަރުންނާ ވާހަކަފުޅު ދައްކަވަމުން ދޮރުކޮޅަކުން ނުކުމެވަޑައިގެންފިއެވެ. އޭނާ ރަންބީރުގެ އަރިހަށް ވަޑައިގެން، ގަހަނާތައް އަޅައިފައި ވާ ކޮތަޅާއި ސިޓީއެއް ދެއްވައިފައި ވިދާޅުވިއެވެ. "މިއީ މަނިކުފާނުގެ އަމާނާތެވެ. މި ސިޓީ އަކީ މަނިކުފާނު ދޫ ކޮށްލިކަމުގެ ސިޓީއެވެ. މި ސިޓީގައި ސަރަހައްދު ބަލަހައްޓާ ސިފައިންގެ މަރުކަޒުތަކުގެ އޮފިސަރުންނަށް އަޅުގަނޑު އަންގައިފައި ވާނީ މަނިކުފާނަށް ބޭނުންފުޅު ވި ކޮންމެ އެހީފުޅެއް ވެދޭށެވެ. މީގެ އިތުރަށް އަޅުގަނޑުގެ ހެޔޮ ދުޢާތައް އަބަދު ވެސް މަނިކުފާނާ އެކުގައި ވާނެއެވެ. ދެން ލަސް ނުކުރައްވާށެވެ. މަނިކުފާނުގެ އަސްކޮޅު އޮތީ ތައްޔާރަށެވެ."
ރަންބީރު ޝުކުރުވެރި ވެވަޑައިގަތުމާއި އިޙުސާންތެރިކަން ޤަބޫލު ކުރެއްވުމުގެ ނުއޮބެހެއްޓެވޭ ފަދަ ޖަޒުބާތަކާ އެކު އޭނާގެ މުޙުސިނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު މުޅި ޢުމުރަށް ވެސް މަނިކުފާނުގެ އިޙްސާންތެރިކަން ހަނދާން ނައްތައެއްނުލާނަމެވެ. ނަމަވެސް އަޅުގަނޑުގެ އެދުމެއް ޤަބޫލު ކުރައްވާށެވެ. އަޅުގަނޑު މިހާރު މިހިރީ އުފަލުން އަޅުގަނޑުގެ ފިދުޔަ އަރުވާން ތައްޔާރަށެވެ. މަނިކުފާނު އެދިވަޑައިގަންނަވާ ޢަދަދަކަށް އަޅުގަނޑު ގެއަށް ގޮސްފައި ފައިސާ ފޮނުވާނަމެވެ. އަޅުގަނޑުގެ ކޮއްކޮ ފޮނުއްވި ގަހަނާކޮޅުތައް އެހައިތަނަށް މަނިކުފާނުގެ އަތްޕުޅުގައި ބަހައްޓަވާށެވެ."
عبدالواحد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މަނިކުފާނަށް ޓަކައި އަޅުގަނޑުގެ އިޚުތިޔާރުގެ ބޭރުން އެއްވެސް ކަމެއް ނުކުރަމެވެ. ދޭހިންދުގެ ގަވަރުނަރުގެ އަރިހަށް އަޅުގަނޑު ލިޔުނު ސިޓީގައި ތިޔަ ގަހަނާކޮޅުތަކުގެ ވާހަކަ ވެސް ލިޔުނީމެވެ. ނަމަވެސް އޭނާ ވަނީ ފިދުޔައަކާ ނުލައި މަނިކުފާނު ދޫ ކޮށްލާން އަޅުގަނޑު އެދުނު އެދުން ޤަބޫލު ކުރައްވައިފައެވެ."
ރަންބީރު ވިދާޅުވިއެވެ. "އެހެން ވީ އިރު، އެންމެ ކުޑަ ވެގެން ވެސް މި ދެ އަހުގެ އަގު އަޅުގަނޑު އަރުވާން ޖެހޭނެއެވެ."
"ތިޔަ ދެ އަހަކީ އަޅުގަނޑުގެ އަމިއްލަ ދެ އަހެވެ. ތިޔަ ދެ އަސް ރަޙުމަތްތެރިޔަކު އެރުވި ވެދުމެއް ކަމުގައި ބައްލަވައިފައޮ ޤަބޫލު ކުރައްވާށެވެ." މިހެން ވިދާޅުވެފައި عبدالواحد މުސާފަހާ ކުރެއްވުމަށް ޓަކައި ރަންބީރާ ދިމާޔަށް އަތްޕުޅު ދިއް ކޮށްލައްވައިފިއެވެ.
އިރުކޮޅެއްގެ ފަހުން، ރަންބީރާއި ޝަމްބޫނާތު އަސްމަތީގައި ކިއްލާއިން ބޭރަށް ނުކުމެވަޑައިގަންނަވަނީއެވެ.
(ނުނިމޭ)
