އެންމެ ފަހުގެ ޙަމަލާ – 2

(5 ޖުލައި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެންމެ ފުރަތަމަ ޤަރުނުގެ މުސްލިމުން ދެއްކި އިންސާނީ ސީރަތާއި ޢަމަލުގެ ނަމޫނާއިން އިލްހާމު ލިބިގެން، ތަފާތު ދައުރުތަކުގައި މުސްލިމުންގެ ޤާފިލާތަކާއި އެ ޤާފިލާތަކަށް މަގު ދައްކާ މީހުން ހޯދައިފައި ވާ ފަތަޙަ އާއި ކާމިޔާބީގެ މައްޗަށް ޚިޔާލު ކުރާ ބޭރު ހިލޭ މީހުންނަށް، މި ބަގީޗާގެ ހޫނު މޫސުމުގައި މިފަދަ ފަރިކަމާއި ތާޒާކަން ހުންނަ އިރު މި ބަގީޗާގެ ބަހާރު މޫސުން ކިހައި ފުރިހަމަ ވާނެބާވައޭ ޚިޔާލު ކޮށްލާން މަޖުބޫރު ކުރުވައެވެ.

ޢާންމު މުސްލިމުންގެ ހިތުގައި މި ދެންނެވި ނަމޫނާ ދައުރަށް އެނބުރި ދިޔުމުގެ ޝައުޤުވެރިކަން އުފެދެއެވެ. އެބައިމީހުންނަށް ރަނގަޅު ޒަޢީމަކު ލިބިއްޖެކަމުގައި ވާނަމަ އެބައިމީހުން އިރުމައްޗާއި ހުޅަނގުގެ މައިދާންތަކުގައި ވޭތު ވެދިޔަ ޒަމާނުގެ ހަނދާންތައް ދިރުވާނޭކަން ކަށަވަރެވެ. އެ ދުވަސްވަރަކީ އެބައިމީހުންގެ ބަންގީގެ އަޑު ފަރްޣާނާގެ ވާދީތަކުގައި ގުގުމަމުން ދިޔަ ދުވަސްވަރެވެ. އެބައިމީހުންގެ ކީރިތި މޫރިތިކަމުގެ ދިދަ ސްޕޭނުގެ ފެހި ކުލައިގެ ބަގީޗާތަކުގައި ވިހުރުވަމުން ގެންދިޔަ ދުވަސްވަރެވެ.

+ + + +

އުމަވީ ދައުލަތް ވެއްޓުމަށް ފަހު ޢައްބާސީންގެ އަތްމައްޗަށް ވެރިކަމުގެ ލަގަން އެރުމުން ރަސްކަމުގައި ހުންނަ ނުރަނގަޅު ސިފަތަކާ، ޢަޖަމީންގެ ފަރާތުން އައި ނުބައި އެހެން އެތައް ކަމެއް މަސްހުނި ވެއްޖެއެވެ. ޤަބީލާތަކާއި ޤައުމުތަކުގެ ޢަޞަބިއްޔަތު އައު ފޯރިއަކާ އެކު ހެއިލައިފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އެކަކު އަނެކަކާ ގުޅުވި ދީނީ ތިމާގެކަމުގެ ގުޅުން ބަލިކަށި ވާން ފަށައިފިއެވެ. އަނެއްކޮޅުން ޢައްބާސީ ޚަލީފާއިންނަކަށް ދުރު އަތޮޅުތައް މައި ސަރުކާރުގެ ދަށުގައި މާ ގިނަ ދުވަހަކު އޮބަހައްޓައެއްނުލެއްވުނެވެ.

ހިޖުރައިން 138 ވަނަ އަހަރު، عبد الرّحمن الداخل ސްޕޭނުގައި މިނިވަން އުމަވީ ރަސްކަމެއްގެ ބިންގާ އަޅުއްވައިފިއެވެ. އެއަށްފަހު ދުވަސްކޮޅަކުން ޢަލަވީ ޚާންދާނުގެ ބޭފުޅެއް ކަމުގައި ވާ الإدريسي މޮރޯކޯގައި އޭނާގެ އަމިއްލަފުޅު ވެރިކަން އިޢުލާން ކުރައްވައިފިއެވެ. ގާތްގަނޑަކަށް ހަމަ އެ ދުވަސްވަރު ޓިޔުނީޝިއާ ވެސް ޢައްބާސީ ވެރިކަމުގެ ދަށުން ވަކި ވެއްޖެއެވެ. ތިންވަނަ ޤަރުނު ފެށުމާ އެކު محمد بن زياد އޭނާގެ ވެރިކަން އުފައްދަވައިފިއެވެ. އެ ޤަރުނުގެ މެދުތެރޭގައި މިޞްރުގެ ގަވަރުނަރު أحمد بن طولون ޢައްބާސީ ވެރިކަމާ ދެކޮޅަށް ބަޣާވާތް ކުރައްވައިފިއެވެ. މިޞްރު ވެސް ޢައްބާސީ ދައުލަތާ ވަކި ވެއްޖެއެވެ. ހިޖުރައިން 358 ގައި ފާޠިމީން މިޞްރުގެ ވެރިކަން އަތުލައިފިއެވެ.

ޢައްބާސީންގެ މި ދެންނެވި ހީނަރުކަމުގެ ދުވަސްވަރު ފާރިސްކަރަޔާއި ޚުރާސާނާއި އުތުރުގެ އަތޮޅުތަކުގައި ވެސް ޢައްބާސީ ޚަލީފާއިންގެ ވެރިކަން އޮތީ ހަމައެކަނި ނަމެއްގައެވެ. އެ ހިސާބުގަނޑުގެ އަތޮޅުތަކުގެ ގަވަރުނަރުކަން މަދު ޢާއިލާތަކެއްގެ ވާރުތައެއް ކަމުގައި ހަމަޖެހިއްޖެއެވެ. ޢައްބާސީންގެ ވެރިކަމުގެ ރަން ޒަމާނުގައި ވެރިކަމުގެ ދާންތަކަށް ޢަރަބީންގެ ބަދަލުގައި ވެރި ވެގެން ތިބީ އީރާނީ އަމީރުންނެވެ. ނަމަވެސް ޢައްބާސީ ދައުލަތް މުސްކުޅި ވުމުން، އީރާނީންގެ މަޤާމު ތުރުކީން އަތުލައިފިއެވެ. ހިޖުރީ ހަތަރުވަނަ ޤަރުނުގައި ކޮންމެ އަތޮޅެއްގެ ގަވަރުނަރަކީ އަމިއްލަ މިނިވަން ރަސްކަލެކެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އައު މީހުންތައް ވެސް މައިދާނަށް ނުކުމެއްޖެއެވެ. ޢައްބާސީ ޚަލީފާއިން ތިއްބެވީ އާރެއް ބާރެއް ނެތް ކުޅި ބައްލަވާ ބޭފުޅުންގެ ގޮތުގައެވެ. ކުރީއްސުރެ ވެރިކަން ކުރާ މީހުންނާއި އަލަށް ވެރިކަމަށް ދަޢުވާ ކުރާ މީހުންގެ ބާރުގެ އިމްތިޙާނު ކުރެވެމުންދާ މަންޒަރު ބައްލަވާށެވެ. ގަދަ ވާ ބައެއްގެ ހަމައެކަނި ނަމެއްގައި އޮންނަ ކިޔަމަންތެރިކަން ޤަބޫލު ކުރައްވައި، އެ ބަޔަކަށް ލަޤަބުތައް ދެއްވަނީއެވެ.

خليفة مأمون الرَّشيد ގެ ވެރިކަމުގައި ކުރިޔަށް ދާން ފެށި ސާމާނީ ޚާންދާން، ތިންވަނަ ޤަރުނުގެ މެދެއްހައި ތަނަށް ދިޔަ އިރު ވަނީ ބޮޑު ސިންގާ ރަސްކަމަކަށް ބަދަލު ވެފައެވެ. އެބައިމީހުންގެ ބާރު ޚުރާސާނުން ފެށިގެން ކާޝިޣުރާއި ޚުވާރިޒަމާއި ޠަބަރިސްތާނާ ހަމަޔަށް ވަނީ ފެތުރިފައެވެ. ޢައްބާސީ ޚަލީފާއިންގެ ކާބަފައިކަލުން ސާމާނީންނަށް ޚުރާސާނުގެ ވެރިކަން ދެއްވި ކަމުގައި ވިޔަސް، މިހާރު އެ ބޭފުޅުން ތިއްބެވީ އެ ޚާންދާނުގެ މައްޗަށް ބާރު ހިންގެވޭ ފަދަ ޙާލުކޮޅަކު ނޫނެވެ. އާރެއް ބާރެއް ނެތް، މަޖުބޫރު ވެވަޑައިގެންފައި ތިއްބެވި، ހެޔޮ ދުޢާ ކުރައްވާ ބޭފުޅުންގެ ގޮތުގައެވެ. ހަތަރުވަނަ ޤަރުނުގެ މެދުތެރޭގައި ސާމާނީ ރަސްކަން ވެސް ހީނަރު ވާން ފަށައިފިއެވެ. އެ ޤަރުނު ނިމުނު އިރު ސާމާނީ ރަސްކަމުގެ ހައިބަތު ވަނީ މާޒީގެ ތާރީޚާ އެކު ވެފައެވެ. ނަމަވެސް އެ ޝަޚްޞިއްޔަތެއްގެ ނުފޫޒު އެހެނިހެން ނަސީބު ވަޒަން ކުރާ މީހުން މައިތިރި ކޮށްލެއްވި ޝަޚަޞިއްޔަތު ޣަޒްނީގެ ވާދީން އެ ދުވަސްވަރު ފައުޅު ވެއްޖެއެވެ. އެއީ ސުރުމުތި އުދުހެމުން ދިޔަ ޖައްވުން ފެނުނު ބާޒެކެވެ. މިނިކާވަގާއި ހިޔަޅު ހޭރެމުން ދިޔަ ޖަންގަލީން ހޮނުގުގުރީގެ އަޑު އިއްވާން ފެށި ފިރިހެން ސިންގާއެކެވެ.

محمود غزنوی އަކީ ފާތިޙެކެވެ. އެ ފާތިޙެއްގެ ކަނޑިކޮޅުގެ ވިދުވަރު ބައެއް ފަހަރު ތުރުކިސްތާނުން، އަނެއްބައި ފަހަރު ހިންދުސްތާނުގެ މައިދާނުން ފެންނަމުން ދިޔަ ފާތިޙެކެވެ. އެ ފާތިޙުގެ އަސްކޮޅު ބައެއް ފަހަރު ޖައިޙޫނު ކޯރުން، އަނެއްބައި ފަހަރު ގަންގާ ކޯރުން، ފެން ބޮމުންގެންދިޔަ ފާތިޙެކެވެ.

ކުރީން އާދައިގެ ގޮތެއްގައި ނަން ހިނގައިފައި ވާ ރަށެއް ކަމުގައި ވާ ޣަޒްނީ، محمود ގެ ފުތޫޙާތުގެ ސަބަބުން ވަނީ މެދުތެރޭ އޭޝިއާގެ ބޮޑު ރަސްކަމުގެ ވެރިރަށް ކަމުގައި ހަމަޖެހިފައެވެ. އެ ރަސްކަމަކީ ޚުރާސާނާއި، ކަރްމާނާއި، ސީސްތާނާއި، މަކްރާނާއި، ޠަބަރިސްތާނާއި، އާޒަރުބައިޖާނާއި، ޚުވާރިޒަމާއި، ފަރްޣާނާއާ ހަމަޔަށް ފެތުރިފައި ވާ ރަސްކަމެކެވެ. محمود އުތުރުގެ އަތޮޅުތަކުގައި ހޯއްދެވި ފުތޫޙާތުގެ ސަބަބުން އޭނާއަށް ދުނިޔޭގެ އެންމެ ބޮޑެތި ފާތިޙުންގެ ސަފުން ޖާގަ ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އަޅުގަނޑުމެންގެ މި ވާހަކަޔާ ގުޅެނީ محمود غزنوی ގެ ފުތޫޙާތުގެ ތެރެއިން، ހިންދުސްތާނުގެ އައު ދައުރެއްގެ މުޤައްދިމާ ކަމުގައި ހިމެނުނު ފުތޫޙާތާއެވެ.

ޤުދުރަތުން އޭނާ ހިންދުސްތާނަށް ފޮނުއްވީ މަތިވެރި މަޤްޞަދެއް ފުރިހަމަ ކުރެއްވުމަށް ޓަކައެވެ. ހޫނު މޫސުމުގައި އަނދައިފައި ވާ ބަގީޗާތަކުގެ ފަތްތައް އެއް ކުރައްވައި އެ ބަގީޗާތަކުގެ އައު ބަހާރަށް ބިން ތައްޔާރު ކުރެއްވުމަށް ޓަކައި އުތުރުން ގަދަ ފިނި ވައި ޙަރަކާތްތެރި ކުރައްވައި، އަނދަމުންދާ ސަހަރާތަކުގެ ފެންބޮވައިގަތުން ފިއްލެވުމަށް ޓަކައި މާ ދުރުގެ ކޯރުތަކުގައި ބޮޑެތި ހިލަގަނޑުގަނޑު ފޫ ވައްޓައިލައިފައި ސައިލުތައް ދަތުރު ކުރާނޭ މަގު ހެދުމުގެ ބާރު އުފައްދަވާ ޤުދުރަތުން އޭނާ ޢައްޔަން ކުރެއްވީ މަތިވެރި ކަންތައްތަކެއް ފުރިހަމަ ކުރެއްވުމަށް ޓަކައެވެ.

އިންޑިއާގައި ވެރިކަން ކުރަމުން އައި ޙަޔާތުގެ ފަލްސަފާގެ އެންމެ ފުރަތަމަ މަޤުޞަދަކީ އިންސާނުން ބައިބަޔަށް ބަހައިލުމެވެ. މޮޅު މީހުންނާއި ދެރަ މީހުން، ނަޖިސް މީހުންނާއި ޠާހިރު މީހުންގެ ތަފާތު އުފައްދައި އެ ތަފާތު ދެމެހެއްޓުމެވެ. މެދުތެރޭ އޭޝިއާގެ އާރިޔަން ނަސްލުގެ ފާތިހުން އިންޑިއާއަށް އެރުމަށް ފަހު އެބައިމީހުންގެ ގެދޮރު އެޅުމަށް ޓަކައި ބޭނުން ކުރީ މޮޅު ބިންބިމާއި ފެހި ކުލައިގެ ވިނަގަނޑުގަނޑެވެ. އިންޑިއާގެ ކުރީގެ ރަށްވެރީންނަށް ދޫ ކުރީ، ޖަންގަލިތަކާއި ފަރުބަދަތަކާއި ގަސް ހެއްދޭ ވަރުގެ ވިޔަނަކަން ނުހުންނަ ބިންތަކެވެ. އާރިޔަން ސާހިބުންނަށް ބޭނުން ނުކުރެއްވުނު ތަންތަނެވެ. އެއަށްފަހު އެބައިމީހުން ފަތަޙަ ކުރި ޤައުމަށް އަބަދުގެ އަބަދަށް ވެރި ވެގެން ތިބުމަށް ޓަކައި ދީނުގެ ނަމުގައި އެބައިމީހުން އުފެއްދި އިޖުތިމާޢީ ނިޒާމުގެ ޒަރީޢާއިން، އެބައިމީހުންގެ އަތުން ބަލި ވެފައި ތިބި މީހުންގެ ގައިގައި އަބަދަށް ޓަކައި އަޅުވެތިކަމުގެ ކަސްތަޅު އެޅުވިއެވެ. އެ އިޖުތިމާޢީ ނިޒާމު ރައްކައުތެރި ކޮށް ބަލަހައްޓަނީ ހިންދީ މަޒުހަބުގެ މުޤައްދަސް ދޭވަތާއިންނެވެ. ދޭވަތާއިންގެ ނަޒަރުގައި ބުރަހުމަނުންނަކީ ހުރިހައި ގޮތަކުން ވެސް ކަމޭ ހިތާން ޖެހޭ މަތީ ފަންތީގެ މީހުންނެވެ. ޝޯދަރުންނަކީ ހުރިހައި ގޮތަކުން ވެސް ނަފްރަތު ކުރާން ޖެހޭ ދަށު ފަންތީގެ މީހުންނެވެ. މަތީ ދަރަޖައިގެ ހިންދީންގެ އެންމެ ނުބައި ފާފަތަކަށް ވެސް، އެބައިމީހުންގެ އުފެދުމާ ގުޅިގެން ލިބިފައި ވާ މާތްކަން އެބައިމީހުންގެ އަތުން ފިރުކައެއްނުގަނެވެއެވެ. ދަށު ދަރަޖައިގެ ޝޯދަރެއްގެ އެންމެ މާތް ސިފަތަކުން ވެސް އޭނާގެ ނަސީބުގައި ޖެހިފައި ވާ ކަޅު ލައްގަނޑު ފިލުވައެއްނުލެވެއެވެ.

ހިންދީ މުޖުތަމަޢުގެ ޤާނޫނުގެ ކުރިމަތީގައި މަތީ ފަންތީގެ މީހެއްގެ ޢަފޫ ނުކުރެވޭ ފަދަ ހަމައެކަނި ކުށަކީ ދަށު ފަންތީގެ މީހަކު އިންސާނެއް ކަމުގައި ބެލުމެވެ. އެބައިމީހުންނަށް ނަފުރަތު ކުރުމާއި ނިކަމެތި ކޮށްލުމުގެ ފާރު ވައްޓައިލާން މަސައްކަތް ކުރުމެވެ. މަނޫޖީގެ ދަރިވަރުން އެ އުޞޫލުތަކަކީ ދީން ކަމުގައި ކަނޑައެޅި އުޞޫލުތަކުގެ ލަނޑުދަނޑި އަކީ އިންސާނުންގެ މެދުގައި ހަމަހަމަކަން އުފެއްދުމެއް ނޫނެވެ. އަދި ކީއްތޯއެވެ! ހަމަހަމަކަމުގެ ޚިޔާލު މުލުން ލުހެ އެއްލައިލުމެވެ. އެބައިމީހުންގެ މަޤްޞަދަކީ އެއްވެސް އަޚްލާޤީ ހަމަތަކެއް ފެތުރުމެއް ނޫނެވެ. އަދި ކީއްތޯއެވެ! މަތީ ފަންތީގެ މީހުންގެ މަޞްލަޙަތުތައް ޙިމާޔަތް ކޮށްދިނުމެވެ. ޝޯދަރުން ހިންދީ މުޖުތަމަޢުގެ ނަފުރަތު ކުރެވޭ ބަޔަކަށް ހަދައި، ޤައުމުގެ މޮޅު ބިންތަކުން ބޭރު ވާން މަޖުބޫރު ކުރުމެވެ. ޝޯދަރުންގެ އަވަށެއް ހުސް ކޮށްލުމަށް ޓަކައި އެބައިމީހުންނަށް ކޮންމެ ފަހަރަކު ކަނޑީގެ ބޭނުން ކުރާކަށެއް ނުޖެހެއެވެ. ޝޯދަރުންގެ ސިކުނޑި އާއި ނާރުތަކަށް އެބައިމީހުންގެ ކަނޑިޔަށް ވުރެ ބޮޑަށް ބިރުވެތިކަން ވައްދައިފައި ވަނީ އެބައިމީހުންގެ ދޭވަތާއިންގެ ބުދުތަކެވެ. އެ ބުދުތަކުގެ ތެރެއިން ބުދެއް ތަނެއްގައި ބެހެއްޓުމަށް ފަހު ޝޯދަރުންނަށް އެ ތަނެއްގައި ތިބޭކަށެއް ކުޅަދާނައެއް ނޫނެވެ. އެ ބުދުތަކުގެ ކައިރީގައި އުޅޭ އަޅުވެރީން ފެން ބޮއިފި ކޮންމެ ވަޅަކީ މުޤައްދަސް ވަޅެއް ކަމުގައި ހިމެނިދެއެވެ. ޝޯދަރަކު އެއިން ވަޅެއް ފެންނަ ހިސާބަށް ދިޔުމަކީ ވެސް އެ މީހެއްގެ މަރަށް ދަޢުވަތު ދިނުމާ އެއްވަރު ކަމެކެވެ. ފައްޅިތަކުގައި ބުދަށް އިޙުތިރާމު ކުރުމުގެ ގޮތުން ސަންގު ފުމެވެމުންދާ އިރު އަޑު ފޯރާ ހިސާބުގެ މަގަކުން ވެސް ޝޯދަރަކު ދިޔުމަކީ ހުއްދަ ކަމެއް ނޫނެވެ. އަޅުވެރީން އެބައިމީހުންގެ ދޭވަތާއިންނާ ވާހަކަ ދައްކަނީ މުޤައްދަސް ސަންސްކިރިތު ބަހުންނެވެ. އެ މުޤައްދަސް ބަހުގެ އެންމެ ލަފުޒެއް ވެސް ޝޯދަރަކަށް އަޑު އިވިއްޖެ ކަމުގައި ވާނަމަ އެ މީހެއްގެ ކަންފަތަށް އަޅައިލެވެނީ ވިރުވައިފައި ހުންނަ ތިމަރައެވެ. ހިންދީ ދީނުގެ މަތީ ފަންތީގެ މީހަކު އަޗޫތަކާ ވާހަކަ ދައްކައިފި ކަމުގައި ވާނަމަ ނުވަތަ އަޗޫތެއްގެ ގައިގައި ބީހިއްޖެ ނަމަ އެ މީހަކު ދީނުން ބޭރު ވީއެވެ. އެފަދަ ގޮތެއް މެދުވެރި ވެއްޖެ ކަމުގައި ވާނަމަ އަޗޫތުންނަށް ޖެހޭނީ ވަކި ފަރާތެއްގެ އަމުރު ނައި ކަމުގައި ވިޔަސް އެ މީހެއްގެ ޖިފުޓި ހިންދީންގެ ތަނަވަސް ގަނޑުވަރުތަކަށް ވެދުން ކުރާށެވެ.

އިންސާނީ ތާރީޚުގައި އޭގެ މިސާލެއް ނުވާ ފަދަ އަނިޔާ އާއި ގޮށްމުށު ބާރުގެ ދަށުގައި ޤަރުނުތަކެއް ހޭދަ ކުރުމަށް ފަހު، ޝޯދަރުން ނިކަމެތި ވީ ހަމައެކަނި ބުރަހުމަނުންގެ ކުރިމަތީގައެއް ނޫނެވެ. އަދި ކީއްތޯއެވެ! ޚުދު އެބައިމީހުންގެ ނަޒަރުގައި ވެސް މެއެވެ. އެބައިމީހުން މުޖުތަމަޢުގެ ދުޝްމަނުން ކަމުގައި ވުމުގެ ބަދަލުގައި މުޖުތަމަޢުގެ ނަފުރަތު ކުރެވޭ ބައެއްގެ ގޮތުގައި ދިރިތިބޭން ރުހި ޤަބޫލު ވިއެވެ. އަނިޔާވެރި ހަރުކަށި ބުރަހުމަނުންގެ މައްޗަށް އެބައިމީހުންގެ ހިތުގައި އުފެދުނު ނަފުރަތު ބިރުވެރިކަމަށް، ބިރުވެރިކަން ނުކުޅެދުންތެރިކަމުގެ ޝުޢޫރަށް ބަދަލު ވެގެން ހިނގައްޖެއެވެ. އެބައިމީހުން އެބައިމީހުންގެ ކާބަފައިންގެ ޖިފުޓިތައް ހުރި ތާނގައި މަތީ ނަސްލުގެ މީހުން ބިނާ ކޮށްފައި ވާ ބޮޑެތި ގަނޑުވަރުތަކަށް ދުރުން ސަލާން ކުރެއެވެ. ބުރަހުމަނުން އެބައިމީހުންގެ ކުށުގެ ކައްފާރާއެއްގެ ގޮތުން އެ ބުދުތަކުގެ ކައިރީގައި އަޗޫތުން ޤުރުބާން ކުރާ ބުދުތަކުގެ މަތިވެރިކަމަށް އެބައިމީހުން އިޢުތިރާފު ވެއެވެ. އާރިޔަން ފާތިޙުން މަނޫޖީގެ ފަލްސަފާ ޤަބޫލު ކުރި މަޤްޞަދު އެބައިމީހުންނަށް ޙާޞިލު ވީއެވެ. ހިންދުސްތާނުގެ އަޅުވެތި ވެފައި ތިބި ވަޒަންވެރީން ދެވަނަ ފަހަރަށް އެބައިމީހުންގެ ފައިމައްޗަށް ތެދުވެ، އެބައިމީހުންގެ ގެއްލިފައި ވާ ޙައްޤުތައް ހޯދާން މަސައްކަތް ކޮށްފާނެކަމުގެ ހުރިހައި އުއްމީދެއް ފޮހެވިގެން ހިނގައްޖެއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.