
އެމްޑަބްލިއުއެސްސީ އަށް އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރު ބޭނުންވާ ކަމުގައި އެކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މިކަން ހާމަކުރެއްވީ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މަތީން ވިދާޅުވީ އެ ކުންފުންޏަށް ޑޮލަރުން އާމްދަނީ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި މާ ލަސްތަކެއް ނުވެ އެކަން ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެއްޗާއި ޑީސަލަށް ފައިސާ ދެއްކުމަށް ގިނަ އަދަދަކަށް ޑޮލަރު ބޭނުންވާ ކަމަށެވެ.
އެގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 25 މިލިއަނެއްހާ ޑޮލަރު ބޭނުންވާ ކަމަށާއި އެކަމަކު ފާއިތުވި 30 އަަހަރުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭނެ ގޮތްތަކެއް ހަމަޖެއްސިފައި ނެތުމުން ގިނަ ދަތިތަކެއް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.
ޑޮލަރުން އާމްދަނީ ހޯދުމަށް ދެ އޭރިއާއަކުން މަސައްކަތްކުރާ ކަމަށާއި އެއް ކަމަކީ ޑޮލަރުން އާމްދަނީ ލިބޭ ކަސްޓަމަރުންގެ ތެރޭގައި ހިމެނޭ ޓޫރިސްޓް ފެސިލިޓީތަކުން ފައިސާ ދައްކާއިރު، ޑޮލަރުން އާމްދަނީ ލިބޭނެ ގޮތެއް ހޯދުމަށް ކުރާ މަސައްކަތްތައް ކަމަށް މަތީން ވިދާޅުވިއެވެ.
ދެވަނަ ކަމަކީ މިހާރު އެމްޓީޑީސީއާއެކު ސޮއިކޮށްގެން މަސައްކަތްތަކެއް ކުރާ ކަމަށާއި އެގޮތުން އެމްޓީޑީސީން ހދ. އަތޮޅުގައި ތަރައްގީކުރާ ނާގޯށީގެ މަސައްކަތުގެ ތެރެއަށް އެމްޑަބްލިޔުއެސްސީ އަށް ވަދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަކަަމަށް ވެސް ވިދާޅުވިއެވެ.