
މާލެ ސަރަހައްދުގައި ފެން ރައްކާކުރުމަށް އިތުރު ތާންގީތަކެއް ހަދަން ނިންމާ، އެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަތީން ވަނީ މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި އިތުރު 10،000 ޓަނުގެ ފެން ރައްކާކުރަން ނިންމާފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ފެން އުފައްދާ، ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގީތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ޚިދުމަތް ފެށުމަށްޓަކައި ތާނގީތަކާ ގުޅަންޖެހޭ ޕަންޕާއި ޕައިޕްލައިންތަކުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ޕައިޕްލައިންތަކުގެ މަސައްކަތް ނިމި، ފެން ރައްކާކުރާ ޕްލާންޓް ޚިދުމަތަށް ގެނެވޭނީ އަންނަ މަހު ކަމަށް ވެސް ވިދާޅުވިއެވެ.
މަޠީން ވިދާޅުވީ ޕްލާންޓްގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ތާވަލާ އެއްގޮތަށް މި އަހަރު އެ މަސައްކަތް ނިމޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިކަން ކުރަނީ ބައިނަލްއަޤުވާމީ ނީލަމަށް ހުޅުވާލައިގެން ކަމަށާއި އިމާރާތުގެ މަސައްކަތް ފަރާތަކާ ހަވާލުކުރެވިފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޕްލާންޓް މެނިފެކްޗަރކުރުމުގެ އެއްބައި ވެސް ނިމިފައިވާ ކަމަށާއި ބައެއް ތަކެތި މާލެވެސް ގެނެސްފައިވާ ކަމަށް މަޠީން ވިދާޅުވިއެވެ.