ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ބާއްވާ ގައުމީ ތިމާވެށީގެ ދެވަނަ މަހާސިންތާ އަންނަ އޭޕްރީލް މަހުގެ 6 އިން 8 މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިއީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ބާއްވާ މަހާސިންތާއެކެވެ. ފުރަތަމަ މަހާސިންތާ ބާއްވާފައިވަނީ 2015 ވަނަ އަހަރު އޮގަސްޓް 2 އިން 21 އަށް މާލޭގައެވެ. އެމަހާސިންތާގައި 37 ސްކޫލަކުން 148 ދަރިވަރުން ބައިވެރިވިއެވެ.
"މިއީ ސްކޫލް ދަރިވަރުން ތިމާވެށީގެ މައްސަލަތަކަށް ލޯހުޅުވައި ތިމާވެށީގެ މައްސަލަތަކުގެ ޙައްލު ހޯދުމާއި ފިކުރު މުއްސަނދިކޮށް އެދަރިވަރުން ބާރުވެރި ކުރުމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ގައުމީ ފެންވަރެއްގައި ބާއްވާ ބައްދަލުވުމެކެވެ."
ފުރަތަމަ މަހާސިންތާގައި 'އަހަރަމެންގެ ތިމާވެށީގެ ކުރިމަގު ބައްޓަންކުރުން' ގެ ނަމުގައި ކަރުދާހެއް ބައިވެރިންގެ މެދުގައި ވަނީ އިއްތިފާގުން ފާސްކޮށްފައެވެ. އެ ކަރުދާހުގައި މައިގަނޑު ގޮތެއްގައި ބަލައިފައިވަނީ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުން، ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުން، ކުނި މެނޭޖްކުރުން، އަދި އީޖާދީ އިލްމު ތިމާވެށީގެ މައްސަލަ ތަކުގައި ބޭނުން ކުރުމާއި ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީތައް ބޭނުން ކުރުމުގެ މައްޗަށެވެ.
ދެވަނަ މަހާސިންތާ އޮންނާނީ ދަރުބާރުގޭގައެވެ. މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާގައި ސްކޫލް ދަރިވަރުން އިސްނަގައިގެން ތިމާވެށީގެ މުހިއްމު މައްސަލަތައް ހައްލުކުރުމަށް ދަރިވަރުންގެ ފެންވަރުގައި ހިންގިދާނެ ޕްރޮޖެކްޓުތަކުގެ ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ދެވަނަ މަހާސިންތާގެ ޝިއާރަކީ 'ދަރިވަރުންގެ ވިސްނުން ދެމެހެއްޓެނެވި ކުރިމަގަކަށް ބާރުވެރިކުރުވުން' އެވެ. މި އަހަރުގެ މަހާސިންތާގައި ހުށަހަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަކުން ހޮވާލެވޭ ޕްރޮޕޯސަލްތަކަށް މާލީ އެހީ ދޭގޮތަށް ވަނީ ހަމަޖެހިފައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ދެވަނަ މަހާސިންތާ ބިނާވެފައިވަނީ ފުރަތަމަ ބޭއްވި މަހާސިންތާގެ ނަތީޖާއަށް ބަލައިގެންނެވެ. އެގޮތުން "މިއަދު ދިމާވާ ތިމާވެށީގެ މައްސަލަތަކުގެ ހައްލު އަމިއްލައަށް ހޯދުމުގެ އިލްމީ ގާބިލުކަން ދަރިވަރުންގެ ގައިގައި އަށަގަތުމާ، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާ ބާރުވެރި ބަޔަކަށް ދަރިވަރުން ހެދުމަކީ މި މަހާސިންތާގެ މައިގަނޑު އެއް އަމާޒެވެ." ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.