ތިލަފުށީ ކުނި މެނޭޖު ކުރުމަށް މިދަނީ ޕްރޮޖެކްޓެއް ރާވަމުން: މިނިސްޓަރ

ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ ޕްރޮޖެކްޓެއް ރާވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ޕްރޮޖެކްޓް ވެގެންދާނީ ވަރަށްބޮޑު އެއްޗަކަށް ކަމަށާއި ކޮންމެ ކަމަކަށް ވެސް ވަގުތު ހޭދަވާނެ ކަމަށެވެ. އެހެންނަމަވެސް ކުރިއަށްއޮތް ދެތިންއަހަރެއްގެ ތެރޭގައި އެކަން ފެށޭނެ ކަމަށް ޑރ. ޙުސައިން ވިދާޅުވިއެވެ.

ތިލަފުށްޓަކީ މާލެ ސަރަޙައްދުގައި އުފެދޭ ކުނި ގެންގޮސް ނައްތާލާ މަރުކަޒެވެ. އެރަށަށް ކުނިގެންގޮސް އަންދަމުން ގެންދާތާ މިހާރު ތިރީހަކަށް އަހަރުވުމާވަނީ ގާތްވެފައެވެ. ކުނި އެންދުމުގެ ސަބަބުން ޖަވަށް ބޭރުވާ ދުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާތީ އެ ނޫން އެހެން ގޮތަކަށް އެކަން ކުރެވެންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ޕްރޮޖެކްޓްގެ ދަށުން ކުނި އެންދިޔަސް އެކަން ކުރާނީ ޖައްވަށް ދުން ބޭރުނުވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކި ވައްތަރުގެ ކުނި ވަކިކޮށް ނައްތާލުމުގެ މަސައްކަތް ވެސް އޭގެ ތެރެއިން ކުރެވިގެންދާގޮތަށް ހަމަޖެހިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިހާރުވެސް މާލޭ ސަރަޙައްދުން ދުވާހަލަކު 500 ޓަނު ކުނި އެބަ އުފައްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރެއިން 60 އިންސައްތައަކީ ކާބީތަކެތީގެ ގޮތުގައި އުކާލެވޭ އެއްޗެއްސެވެ. އެހެން ކަމުން އިސްރާފު ކުރަންޖެހޭ ވަރަށް ނުކެއްކުމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ކުނި އެންދުމާއި ވެހިކަލްތަކުގެ ދުމުގެ ސަބަބުން ޖައްވުގައި ހިމެނޭ ކުދިކުދި ޒައްރާތައް ވަނީ ޑަބްލިޔުއެޗުއޯއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ މާމަތީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.  "އެހެން އެވަނީ ވެހިކަލް ބޭނުންކުރާލެއް ގިނަކަމުންނާއި ކުޑަ ސަރަހައްދެއްގައި ގިނަ ވެހިކަލް ގެންގުޅޭތީ. ތިލަފުށީގެ ސަބަބުން ވެސް މައްސަލަ ކުރިމަތިވޭ. އަޅުގަނޑުމެން މިދަނީ ތިލަފުށީ މައްސަލަ ޙައްލު ކުރުމަށް ޕްރޮޖެކްޓެއް ރާވަމުން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.