(ސިވާރން ކަލިސް ސުޒުކީ އުފަންވީ ކެނެޑާގެ ވެންކޫވާގައި 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އަކީ ވަރަށް ކުޑައިރު ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމާޢަތެއް އުފައްދައިގެން މަސައްކަތް ފެށި ކުއްޖެކެވެ. މި ކަމުގައި އޭނާޔާ ބައިވެރިވީ އޭނާގެ ރައްޓެހި އެއް ޢުމުރުގެ ކުޑަކުދިންކޮޅެކެވެ. ތިރީގައި މި ވަނީ 1992 ވަނައަހަރުގެ ބްރެޒިލްގެ ރިއޯ-ޑި-ޖެނޭރޯގައި ބޭއްވި މަޝްހޫރު “އާރތުސަމިޓް” ގައި ސިވާރން ދެއްކި ވާހަކައިގެ އަވަސް ތަރުޖަމާއެކެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 12 އަހަރެވެ. މި ސަމިޓުގައި ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްވެސް ބައިވެރިވެވަޑައިގަތެވެ.)
“ހެލޯ- އަޅުގަނޑަކީ ސިވާރން ސުޒުކީއެވެ. އަޅުގަނޑު މިވާހަކަ ދައްކަނީ އީކޯ ނުވަތަ އެންވައިރަންމަންޓަލް ޗިލްޑްރެންސް އޯގަނައިޒޭޝަންގެ ފަރާތުންނެވެ. އަޅުގަނޑުމެންނަކީ އުމުރުން ބާރަ އަހަރާއި ތޭރަ އަހަރުގެ ކުޑަކުދިންނީމުއެވެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ (ދުނިޔެއަށް) ބަދަލެއް ގެނެވޭތޯއެވެ. (އަޅުގަނޑުމެންނަކީ) ވެނީސާ ސަތީ އާއި މޯރގަން ގައިސްލަރ އާއި މިޝޭލް ގުއޭގާއި އަޅުގަނޑެވެ. މިތަނަށް އަންނަން ޚަރަދު ކުރަން ފައިސާ އެއްކުރީ އަޅުގަނޑުމެން އަމިއްލައަށެވެ. އަޅުގަނޑުމެން ފަސްހާސް މޭލު ދުރުން ދަތުރުކޮށްފައި މިއައީ ތިޔަ ބޮޑެތިބޭފުޅުން އަރިހު، ތިޔަބޭފުޅުން މިހާރު ތިޔަ އުޅުއްވާ ގޮތްކޮޅު ބަދަލު ކުރައްވާށޭ ދަންނަވަން ވެގެންނެވެ.
މިތަނަށް އައުމުގައި އަޅުގަނޑުގެ ފޮރުވިފައިވާ މަގްސަދެއް ނެތެވެ. އަޅުގަނޑު މި ހަނގުރާމަ ކުރަނީ އަޅުގަނޑުގެ ކުރިމަގަށްޓަކައެވެ. އަޅުގަނޑުގެ ކުރިމަގު ގެއްލުމަކީ އިންތިޚާބެއްގައި ނާކާމިޔާބުވުން ކަހަލަ ކަމެއް ނޫނެވެ. ސްޓޮކް މާކެޓުން ދެތިން ޕޮއިންޓް އުނިވުން ކަހަލަ ކަމެއްވެސް ނޫނެވެ. އަޅުގަނޑު މިތަނަށް މިއައީ އަންނާން އޮތް ނަސްލުތަކަށްޓަކައި ވާހަކަ ދައްކާށެވެ. އަޅުގަނޑު މިތަނަށް މިއައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަމުގައި ތިބި ކުޑަކުދިންނަށްޓަކައި ވާހަކަ ދައްކާށެވެ. އެކުދިންގެ ރުއިމުގެ އަޑު އެއްވެސް މީހަކު ނާހައެވެ. އަޅުގަނޑު މިތަނަށް އައީ ދުނިޔޭގެ ކަންކޮޅުތަކުގައި މަރުވަމުންދާ ޢަދަދު ނުކުރެވޭ ޖަނަވާރަށްޓަކައި ވާހަކަ ދައްކާށެވެ. އެސޮރުމެން މަރުވަމުން ދަނީ ދާނެ ތަނެއް (ޖަންގައްޔެއް) ނެތުމުގެ ސަބަބުންނެވެ. އަޅުގަނޑު މިހާރު އަތްވަށް ނުކުންނަން ބިރުގަނެއެވެ. އެއީ އޯޒޯންގައި ލޯވަޅު ހުންނާތީ ގަންނަ ބިރެކެވެ. (ދުނިޔޭގެ) ވައިގެ ތެރެއަށް ނޭވާލާން އަޅުގަނޑު ބިރުގަނެއެވެ. އެއީ އެ ވައިގެ ތެރޭގައި ހުރީ ކޮން ކަހަލަ ވިހައެއް (ކެމިކަލެއް) ކަން އަޅުގަނޑަށް ނޭނގޭތީއެވެ. އަޅުގަނޑުގެ ރަށް، ވެންކޫވާރ ގައި ބައްޕަޔާއެކު އަޅުގަނޑު މަސްބާނަން ދަމެވެ. ދާދި ފަހުން އަޅުގަނޑުމެން ބޭނި މަހެއްގެ ހަށިގަނޑުން ވިހައިގެ އަސަރު ފެނުނުފަހުން އަޅުގަނޑުމެން މަސް ބާނާކަށް ނުދަމެވެ. މިހާރު ކޮންމެ ދުވަހަކުމެ، އަޅުގަނޑުމެންނަށް މިއިވެނީ ގަސްގަހާއި ޖަނަވާރު މަދުވަމުންގޮސް މުޅިން ހުސްވެދާނެ ވާހަކައެވެ. ޖަނަވާރުގެ ބޮޑެތި ބައިގަނޑުގަނޑުގެ ތެރޭގައި އުޅުމުގެ ހުވަފެން އަޅުގަނޑު ދެކެމެވެ. ދޫންޏާއި ކޮކާލުން ފުރިފައިވާ ޖަންގަލިތަކުގައި އުޅުމުގެ ހުވަފެން ދެކެމެވެ. އެކަމަކު މިހާރު އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑުގެ ދަރިންނަށް އެ ތަކެތި ފެންނާނެ ބާވައެވެ؟
ތިޔަބޭފުޅުންނަށް އަޅުގަނޑުގެ އުމުރުގައި މިފަދަ ކަންތައްތަކާމެދު ފިކުރުފުޅު ކުރައްވަން ޖެހިވަޑައިގަތްތޯއެވެ؟ މިހުރިހައި ކަމެއް ހިނގަމުން މިދަނީ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައެވެ. އެކަމަކު އަޅުގަނޑުމެންގެ ޢަމަލުތައް ހުނަން ގޮތުން ހީވަނީ އަޅުގަނޑުމެން ބޭނުންވާހައި ގިނަ ވަގުތު ލިބިފައި އެބައޮތް ކަމަށް ހީކުރެވޭ ހެންނެވެ. އަދި މިކަމުގެ ހައްލުތައްވެސް (ފަސޭހައިން ބޭނުންކުރެވޭފަދަ ގޮތަކަށް) ލިބިފައި އެބަހުރި ކަމަށް ގަބޫލު ކުރެވޭ ހެންނެވެ. އަޅުގަނޑަކީ ކުޑަކުއްޖަކީމެވެ. އަޅުގަނޑުގެ އަތަކު ޙައްލެއް ނެތެވެ. އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންނަށް މިހެން ދަންނަވާށެވެ. ތިޔަބޭފުޅުންގެ އަތްޕުޅަކުވެސް ޙައްލެއް ނެތެވެ. އަޅުގަނޑުމެންގެ އޯޒޯން ފަށަލައިގައި އެހެރް ލޯވަޅުތައް ބައްދާކަށް ތިޔަބޭފުޅުންނަކަށް އެނގިވަޑައެއް ނުގަނެއެވެ. ބޮޑެތި ކަނޑުތަކުން ބޮޑެތި މަސް ދިރުވައި ނެރޭނެ ގޮތެއް ތިޔަބޭފުޅުންނަކަށް އެނގިވަޑައެއް ނުގަނެއެވެ. މިހާރު ފަނާވެގެން ގޮސްފައިވާ ޖަނަވާރު އަލުން ދުނިޔެއަށް ގެންނާނެ ގޮތެއް ތިޔަބޭފުޅުންނަކަށް އެނގިވަޑައެއް ނުގަނެއެވެ. އެއްދުވަސްވަރެއްގައި ބޯކޮށް ހެދިފައި ހުރި އަދި މިހާރު ހަނަފަސް ސަހަރާތަކަށް ވެފައިވާ ޖަންގަލިތައް އަލުން ދިރުވުމަކީ ތިޔަބޭފުޅުންނަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ. މިއިން އެއްވެސް ކަމެއް މަރާމާތު ކުރަން ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވާނަމަ ހަލާކުވެސް ނުކުރައްވާށެވެ.
މިތާނގައި ތިޔަބޭފުޅުންނަކީ ތިޔަބޭފުޅުންގެ ސަރުކާރުގެ މަންދޫބުންނެވެ. ވިޔަފާރިވެރިންނެވެ. ހިންގުންތެރިންނެވެ. ރިޕޯޓަރުންނެވެ. ސިޔާސަތުދާނުންނެވެ. އެކަމަކު ތިޔައިން ކޮންމެ ބޭފުޅަކީ ބައްޕައެކެވެ. މަންމައެކެވެ. ދައްތައެކެވެ. ބޭބެއެކެވެ. ކޮއްކޮއެކެވެ. ބޮޑުދައިތައެކެވެ. ބޮޑުބޭބެއެކެވެ. އަދި ތިޔައިން ކޮންމެ ބޭފުޅަކީ ކޮންމެވެސް މީހެއްގެ ދަރިއެކެވެ. އަޅުގަނޑަކީ ކުޑަކުއްޖަކީމެވެ. އެކަމަކު އަޅުގަނޑުމެން އެންމެންނަކީ އެއް ޢާއިލާއެއްކަން އަޅުގަނޑަށް އެނގެއެވެ. (އަޅުގަނޑުމެންނަކީ) ފަސް ބިލިއަން މީހުންގެ ޢާއިލާއެކެވެ. އަދި ތިރީސްމިލިއަން ބާވަތުގެ ޖަނަވާރުގެ ޢާއިލާއެކެވެ. ސަރަޙައްދީ ރޮނގަކުން ނުވަތަ ސަރުކާރުތަކަކުން މި ޙަޤީޤަތެއް ބަދަލެއް ނުކުރެވޭނެއެވެ. އަޅުގަނޑަކީ ކުޑަކުއްޖަކީމެވެ. އެކަމަކު މި މައްސަލައިގައި އަޅުގަނޑުމެން އެންމެން މިތިބީ އެއް ޙާލަތެއްގައިކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން ޖެހެނީ އެއް ދުނިޔެއެއްގެ ގޮތުގައި އެއް އަމާޒަކަށެވެ.
ރުޅި އައުމަކުން އަޅުގަނޑު ކަނެއް ނުވެއެވެ. ބިރު ގަތަސް، އަޅުގަނޑުގެ ޝޫޢޫރު ދުނިޔެއަށް ހާމަ ކުރާކަށް ޖެހިލުމެއް ނުވެއެވެ. އަޅުގަނޑުގެ ގައުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްރާފު ކުރަމެވެ. އަޅުގަނޑުމެން (އެއްޗެތި) ގަނެފައި އުކަނީއެވެ. ގަނެފައި އުކަނީއެވެ. ގަނެފައި އުކަނީއެވެ. އެކަމަކު ބޭނުން ޖެހިފައިވާ ގައުމުތަކަށް ދޭކަށް ޚިޔާލެއް ނުކުރަމެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް އަޅުގަނޑުމެންގެ އަތުގައިހުންނަ އިރުވެސް (އެހެން ބަޔަކާއެކު) ޙިއްޞާކުރަން އަޅުގަނޑުމެން ޖެހިލުންވެއެވެ. އަޅުގަނޑުމެންގެ މުއްސަނދިކަމުން ބައެއް ދޫކޮށްލަން އަޅުގަނޑުމެން ބިރުގަނެއެވެ. ކެނެޑާގައި އަޅުގަނޑުމެން އުޅެނީ މުއްސަނދި ދިރިއުޅުމެކެވެ. އަޅުގަނޑުމެންގެ އަތުގައި ކާނާއާއި ފެނާއި ހިޔާވަހިކަން އެބަހުއްޓެވެ. އަޅުގަނޑުމެންގެ އަތުގައި އަތުކުރީގަޑި އެބަހުއްޓެވެ. ބައިސްކަލު އެބަހުއްޓެވެ. ކޮމްޕިއުޓަރު އެބަހުއްޓެވެ. ޓީވީ އެބަހުއްޓެވެ. ދެ ދުވަސްވާންދެން ކިޔަސް މި ލިސްޓެއް ނުނިމޭނެއެވެ.
މީގެ ދެ ދުވަސް ކުރިން މިރަށުގައި، ބްރެޒީލްގައި، މަގުމަތީގައި ދިރިއުޅޭ ކުދިންކޮޅަކާއެކު އަޅުގަނޑުމެން ވަގުތުކޮޅެއް ހޭދަ ކޮށްލީމެވެ. އެ ވަގުތުކޮޅު ވެގެން ދިޔައީ އަޅުގަނޑުމެން ޙައިރާންކޮށްލުވި ވަގުތުކޮޅަކަށެވެ. އެތަނުން އެއް ކުއްޖަކު އަޅުގަނޑުމެން ގާތު ބުންޏެވެ. “އަހަރެން މިއީ މުއްސަންޖެއް ނަމަ ހާދަހާ ރަނގަޅެވެ. އެހެންވީނަމަ މަގުމަތީގައި މިއުޅޭ ހުރިހައި ކުދިންނަށް އަހަރެން ހިލޭ ކާން ދިނީމުހެވެ. ހިލޭ އަންނައުނު ދިނީމުހެވެ. ހިލޭ ބޭސްކޮށްދިނީމުހެވެ. ހިލޭ ހިޔާވަހިކަން ހޯދައިދިނީމުހެވެ. ލޯތްބާއި އަޅައިލުން ދިނީމުހެވެ.” އަތުގައި އެއްވެސް އެއްޗެެއް ނެތި، މަގުމަތީގައި އުޅޭ ފަގީރު ކުއްޖަކު އޭނާ އަށް ލިބޭ އެއްޗެއް އެހެން މީހުނާ ޙިއްސާކުރަން ތައްޔާރަށް ހުންނަ އިރު، އަޅުގަނޑުމެން ހުރިހައި ކަމެއް ފުރިހަމަވެފައި ތިބި ބަޔަކު މިހައި ދަހިވަނީ ކީއްވެގެންތޯއެވެ؟
އެ ކުދިންނަކީ އަޅުގަނޑާ އެއް އުމުރުގެ ކުދިންނެވެ. އުފަންވާ ތަނުގެ ގޮތުން މި އަންނަނީ ހައިރާން ވާފަދަ ބޮޑު ބަދަލެކެވެ. ރިއޯގެ ފަވެލާ ގައި އެ އުޅޭ ކުދިން ފަދަ ކުއްޖަކަށް އަޅުގަނޑު ވެދާނެއޭ ވަރަށް ގިނައިން ހިތަށް އަރައެވެ. ސޮމާލިއާގައި ބަނޑުހައިހޫނުކަމުގައި ތިބޭ ކުދިންގެ ތެރެއިން ކުއްޖަކަށް އަޅުގަނޑު ވެދާނެޔޭ ހިތަށް އަރައެވެ. ނުވަތަ މެދުއިރުމަތީގައި ހަނގުރާމައިގެ ޝިކާރައަކަށް ވާ ކުޑަކުދިންގެ ތެރޭގައި އަޅުގަނޑު ހިމެނިދާނެޔޭޭ ހިތަށް އަރައެވެ. ނުވަތަ އިންޑިއާގެ މަގުމަތީގައި ސަލާންޖަހަން އުޅޭ ކުދިންގެ ތެރެއިން ކުއްޖަކަށް ވެދާނެއޭ ވެސް ހިތަށް އަރައެވެ. އަޅުގަނޑަކީ ކުޑަ ކުއްޖަކީމެވެ. އެހެންނަމަވެސް ހަނގުރާމައަށް ހޭދަކުރަމުންދާ ފައިސާ ތިމާވެށީގެ މައްސަލަތައް ޙައްލު ކުރަން ނުވަތަ ދުނިޔެއިން ފަގީރުކަން ނައްތާލަން ޚަރަދު ކުރާނަމަ ދުނިޔެ ވަރަށް ފުރިހަމަ ތަނަކަށް ވެގެންދާނެކަން އަޅުގަނޑަށް އެނގެއެވެ. ސްކޫލުގައި، އެންމެ ތުއްތު ކުދިންގެ ކުލާހުން ފެށިގެން ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ދަސްކޮށް ދެއްވަނީ ދުނިޔޭގައި ރީތި ސުލޫކެއް ހިފަހައްޓާނެ ގޮތެވެ. އެހެންމީހުނާ އަރައިރުންވެ ތަޅާފޮޅާ ނުހަދަން ދަސްކޮށް ދެއްވަމުއެވެ. މައްސަލަތައް ޙައްލުކުރަން ދަސްކޮށް ދެއްވަމުއެވެ. އެހެން މީހުނަށް ގަދަރު ކުރަން ދަސްކޮށް ދެއްވަމުއެވެ. އަޅުގަނޑުމެން ހަޑިކުރާ ތަންތަން ސާފު ކުރަން ދަސްކޮށް ދެއްވަމުއެވެ. އެހެނިހެން މަޚްލޫޤުންނަށް ހާނީއްކަ ނުކުރަން ދަސްކޮށް ދެއްވަމުއެވެ. ދަހި ނުވެ، އެހެން މީހުންނަށް ދީގެން ދިރިއުޅެން ދަސްކޮށް ދެއްވަމުއެވެ. މިހެން ހައްދަވާފައި ނުކުރަން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާ ކަންތައްތައް ތިޔަ ބޭފުޅުން ކުރައްވަނީ ކީއްވެގެންތޯއެވެ؟
މި ކޮންފަރެންސަށް ތިޔަ ބޭފުޅުން ވަޑައިގަތް މަޤްޞަދާއި ތިޔަ ބޭފުޅުން މި ތަނަށް ވަޑައިގަތީ ކޮން ބަޔަކަށްޓަކައިކަން ހަނދުމަފުޅު ނައްތަވައިނުލައްވާށެވެ. އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ ދަރިންނެވެ. އަޅުގަނޑުމެން ބޮޑެތިވެގެން އަންނާނީ ކޮން ކަހަލަ ދުނިޔެއެއްގައިކަން ކަނޑައަޅުއްވަނީ ތިޔަ ބޭފުޅުންނެވެ. މައިންބަފައިން ވާންޖެހެނީ ”ހުރިހައި ކަމެއް ރަނގަޅުވެދާނެއޭ، މިއީ ދުނިޔޭގެ ނިމުމެއް ނޫނޭ، އަހަރެމެންނަށް ކުރެވެން އޮތް ހުރިހައި ކަމެއް މިދަނީ ކުރަމުންނޭ” ބުނެ ދަރިންގެ ހިތްހަމަޖައްސައިދެވޭ ބަޔަކަށެވެ. އެކަމަކު މިހާރު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ގާތު އެހެން ވިދާޅުވެވޭނޭހެންނެއް އަޅުގަނޑަކަށް ހިއެއްނުވެއެވެ. ތިޔަ ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ލިސްޓުގައި އަޅުގަނޑުމެން ހިމެނޭތޯ އެވެ؟ އަޅުގަނޑުގެ ބައްޕަ އަބަދު ވެސް ބުނުއްވައެވެ. “ކަލެއަކީ ކަލޭ ދައްކާ ވާހަކައެއްނޫނެވެ. ކަލޭ ކުރާ ކަންތަކެވެ.” ތިޔަ ބޭފުޅުން ކުރައްވާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑު ރޭގަނޑު ރޮމެވެ. ތިޔަ ބޮޑެތި ބޭފުޅުން ވިދާޅުވަނީ އަޅުގަނޑުމެން ދެކެ ލޯބިފުޅުވާ ކަމަށެވެ. ތިޔަބޭފުޅުން ތިޔަ ވިދާޅުވާ އެއްޗެއް ނިކަން ތިޔަ ބޭފުޅުންގެ ޢަމަލުފުޅުން ދައްކަވައިބައްލަވާށެވެ. ޝުކުރިއްޔާ.”
(ސެވާރންގެ ވާހަކަކޮޅު ނިންމާލީމާ އަޑުއައްސަވަން ތިއްބެވި ބޭފުޅުންނަކަށް ވިދާޅުވާނޭ އެއްޗެއް އެނގިވަޑައެއް ނުގަތެވެ. ބައެއް ބޭފުޅުންގެ ލޯފުޅުން ކަރުނަފޮދު އޮހުނެވެ. ބައެއްބޭފުޅުން ތިއްބެވީ ލަދުފުޅުން އިސްޖައްސަވައިގެންނެވެ. ބައެއް ބޭފުޅުން އެއްބަސްވެވަޑައިގަތުމުގެގޮތުން އިސްތަށިފުޅުޖައްސަވައިލެއްވި އެވެ. މި މަންޒަރު ބައްލަވައިލައްވާން ބޭނުންފުޅު ނަމަ ތިރީގައި މިވާ ވީޑިއޯ ބައްލަވައިލައްވާށެވެ.)