
(8 އޯގަސްޓް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
(2)
ސަރަހައްދުގެ ގަވަރުނަރު ހަރުއަޑުން ތަގުރީރުކުރައްވަމުން ގެންދަވަނީއެވެ.
[ތިޔަބައިމީހުން އެމީހަކާ ދެކޮޅަށް ތިޔަ އަޑުފުލާ ޢަބްދުﷲ މަރުވެއްޖެއެވެ. އަމިއްލަ ބަފަޔާ ދެކޮޅަށް ބަޣާވާތް ކުރުމަށް ފަހު ތާޖާއި ތަޚުތުގެ މައްޗަށް ގަދަވެގަތް ދުވަހު އޭނާ މަރުވެއްޖެއެވެ. އަހަރެން މިއައީ އޭނާގެ ގަބުރު ދެކިފައެވެ. ކަލޭމެންގެ އަޑު އިވިގެންނެއް އޭނާ ދިރިގެންނެއް ނާންނާނެއެވެ. އޭނާގެ ހަށިގަނޑަކު ހަރާރަތެއް ނުއުފެދޭނެއެވެ. ގަބުރެއްގެ ގައިގައި ޗާބޫކުން ތެޅުމަކުން ވާނޭ ފައިދާއެއް ނެތެވެ. އެ ގަބުރު ގެނެސް ކަލޭމެންގެ ބައެއް އަމީރުން، ތަޚުތުގައި ބޭންދި ދުވަހު ކަލޭމެން އަޑު އުފުލިނަމަ ހައުދަހައިވާ ރަނގަޅޭ ހިތަށް އަރައެވެ. އަބޫ ޢަބްދުﷲ މަލަޚާއަށް ހަމަލަދިނީ ކްރިސްޓިއަނުންގެ ހިތްހަމަ ޖައްސައިދޭށެވެ. މިއަދު އެ ކްރިސްޓިއަނުން އަހަރެމެންގެ ސަރަހައްދުގެ އަވަށްތައް ސުންނާފަތި ކުރަމުން އެހެރަގެން ދަނީއެވެ. އަބޫ ޢަބްދުﷲއަކީ އެއްވެސް ރަހުމެއް ނެތް މީހެއް ކަމަށް މިއަދު ތިޔަބައިމީހުންނަށް އެބަފެނެއެވެ. އެކަމަކު ބައްޕަޔާ ދެކޮޅަށް އޭނާ ބަޣާވާތްކުރި ދުވަހަކު ތިޔަބައިމީހުންނަކަށް އޭނާގެ ރަހުމުކުޑަ ކަމެއް ނުފެނުނެވެ. ކުފޫ ހަމަނުވާ މީހަކު ގްރަނާދާގެ ތަޚުތަށް އެރިއިރުވެސް ތިޔަބައިމީހުން ބަލަހައްޓައިގެން ހިމޭނުން ތިބީއެވެ. އަބޫ ޢަބްދުﷲ އެހެރީ އަހަރެމެންގެ ގައުމުގެ ކުރިމަގު ދުޝްމިނުންނާ ހަވާލުކޮށްގެންނެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު އަހަރެން އަޑަށް ބާރުލައިފައި ބުނާނަމެވެ. އޭނާގެ އެ ކުށުގައި ތިޔަބައިމީހުންވެސް ބަރާބަރަށް ބައިވެރިވެއެވެ. ތިޔަބައިމީހުންގެ ހިއްސު ކެނޑުމާއެކު ކުށްވެރިވާ ދަރަޖައަށް ޣާފިލުވުމުގެ ނަތީޖާއެއްގެ ގޮތުން ގްރަނާދާގެ ވެރިކަން މިހާރު މިއޮތީ ފެރްނާންދޯ ބޭނުން ގޮތަކަށް އަނބުރާ ބުމަރަކަށް ވެފައެވެ. ތިޔަބައިމީހުން އަމިއްލަ ކުރިމަގު ބަނަވާން ދާއިރު ލޯ މަރައިލައިގެން ނުތިބޭނޭ ކަމުގެ އިހުސާސް އަބޫ ޢަބްދުﷲގެ ހިތަށް ވެއްދިނަމަ، އޭނާއަކަށް މިފަދަ ނުބައި ފިޔަވަޅެއް އަޅާކަށް ނުކެރުނީހެވެ. މިއަދު ތިޔަބައިމީހުން މިތަނަށް އެއްވެ، އަބޫ ޢަބްދުﷲގެ ވިޔާނުދާ ކަމުގެ މައްޗަށް ދެރަވެ، އަޑުއުފުލަމުންދާ މަންޒަރު ފެނުނީމާ އަހަރެން ދެރަވެއެވެ. ތިޔަބައިމީހުންގެ ހިއްސު ކެނޑިފައިވާ މިންވަރު ނިކަން ދެކިބަލާށެވެ. މި ވަގުތު ސަރަހައްދުގެ އަވަށްތަކުގައި ކްރިސްޓިއަން ހަނގުރާމަވެރިން ލޫޓުމާރުކުރަނީއެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނަށް ދާންދެން މަރަމުން ގެންދަނީއެވެ. އެތައް ހާސް ގެއެއް އަންދައި އަޅިއަށް ހަދައިލައިފިއެވެ. އެތައް އަންހެނެއްގެ ޢިއްފަތްތެރިކަން ފޭރިގެންފިއެވެ. އެކަމަކު ތިޔަބައިމީހުން ކަހާތަން ހިރުވައިވެސް ނުލަމުއެވެ. މިއަދު އަހަރެން މި އައީ އެ ނިކަމެތީންގެ ފަރިޔާދާއިގެންނެވެ. އަހަރެންގެ ސުވާލަކީ އެމީހުންނާ ހަމައަށް އަހަރެން ގެންދާންވީ ޖަވާބަކީ ކޮބައި ހެއްޔެވެ؟ އެ އަންހެންކުދިންގެ އަބުރު ރައްކާތެރިކުރާން ތިބި މީހުން މި ވަގުތު އަލްޙަމްރާގެ ދޮރާށި ދޮށަށް އެއްވެ ތިބެގެން އަބޫ ޢަބްދުﷲއާ ދިމާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވުމުގެ މުގައްދަސް ފަރުޟު އަދާކުރަނީއޭ ބުނާންވީ ހެއްޔެވެ؟ އަބޫ ޢަބްދުﷲއަށް ބެވުމަކީ އަހަރެން މަނާކުރާ ކަމެއް ނޫނެވެ. އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުނީމާ އޭނާޔާ ދިމާއަށް ތިޔަބައިމީހުންނަށްވުރެ މާ ބާރަށް އަހަރެން ބަވާނަމެވެ. އެކަމަކު މިއީ ހަޅޭއްލަވާންވީ ވަގުތެއް ނޫނެވެ.
އަހަރެންގެ އެކުވެރީންނޭވެ! ގައުމުގެ ވެރިޔާއަކީ އެ ގައުމުގެ އަޚުލާގުގެ މޫނުބަލާ ލޯގަނޑެވެ. އަބޫ ޢަބްދުﷲއަކީ ހިއްސުކެނޑިފައިވާ މީހަކު ކަމުގައި ތިޔައިމީހުން ބުނާނަމަ، އޭނާގެ ވެރިކަމާ ރުހިގެން ތިބި މީހުންނާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ އަބޫ ޢަބްދުﷲއަކީ ފިނޑި މީހެކެވެ. އޭނާ އެ ހުންނަނީ ކްރިސްޓިއަނުން ދެކެ ގަންނާކުރައްވާ ބިރުން ދެކަމު ހާޖިތަށް އެއްފަހަރާ ދެވޭވަރު ވެފައެވެ. އެކަމަކު އެޔާ އެއްވަރުގެ އެހެން ހަގީގަތެއް އަހަރެން ބުނެދެން ހެއްޔެވެ؟ ސަރަހައްދުގެ ކުޅަދާނަ ފަހުލަވާނުންނާއި އައްޒަޣަލްގެ ހިތްވަރުގަދަ މުޖާހިދުން ނުކުމެ، ކިތަންމެ ވަރުގަދަ އެކަތައެއްނަމަވެސް، ކަނޑައި ފޫދުއްވައިލުމުގެ ބާރު އިސްލާމުންގެ ކަނޑިތަކުގައި މިއަދުވެސް އެބަހުރިކަން ސާބިތުކުރުމާ ހަމައަށް ތިޔަބައިމީހުންވެސް ތިބީ ކްރިސްޓިއަނުން ދެކެ ބިރުން ރޫރުއަޅައަޅައެވެ. އޭގެ ކުރިއަށް ބަލާއިރު ކަންތައް އޮތީ ކިހިނެއް ހެއްޔެވެ؟ އަބުލްޙަސަން ގަދަކަމުން މައިދާނަށް ނެރުއްވުމާ ހަމައަށް، ތިޔަބައިމީހުންވެސް ތިބީ ފިނޑިކަމާއި އަގުވެއްޓުމާއެކުވެސް ކްރިސްޓިއަނުން ދެއްކި ދިރިއުޅުމެއްގައި ތިބޭން ރުހިގެންނެވެ.
ހަނދާންކުރާށެވެ. ތާރީޚުގައި އަބޫ ޢަބްދުﷲގެ ނަން ލިޔެވިގެން ދާނީ ކުރިމަގާމެދު ވިސްނުމުގެ ގާބިލުކަމެއް، ހިތްވަރެއްވެސް ނެތް އިންސާނެއްގެ ގޮތުގައިކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމައެޔާއެކު އަބޫ ޢަބްދުﷲގެ ވެރިކަމުގެ ދަށުގައި ތިބި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކީ އެބައިމީހުންގެ އިޚްލާސްތެރި، ހިތްވަރުގަދަ ވެރިމީހާޔާ ދެކޮޅަށް ނުކުމެ، ބަޣާވާތްކޮށް، އެ ވެރިމީހާގެ ގާބިލުކަމެއް ނެތް، ފިނޑި ދަރި، ވެރިއެއްގެ ގޮތުގައި ގަބޫލުކުޅަ، ގޮތެއްފޮތެއް ނެތް ބައެއް ކަމުގައި ތާރީޚުގައި ލިޔެވިގެން ދާނެކަމީވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ. އަހަރެންގެ އެކުވެރީންނޭވެ! އަބޫ ޢަބްދުﷲއަކީ ތިޔަބައިމީހުންގެ ނުބައި އަމަލުތަކުގެ އަދަބެވެ. އަބޫ ޢަބްދުﷲއަކީ ފެރްނާންދޯގެ އަޅުންކަމުގެ ލަގަބަކީ އެމީހުންގެ ކަރުގައި އެޅުވޭ ރަނުގެ ގަހަނާކަމުގައި ދެކިގެން ތިބި އަމީރުންނާއި ބޮޑުންގެ އަޅެކެވެ.
އަބޫ ޢަބްދުﷲއަކީ ތިޔަބައިމީހުންގެ ހަށިގަނޑުގައި ދައުރުކުރާ ޖަރާސީމެކެވެ. އެ ޖަރާސީމު އުފެދެނީ ލޭ ނުބައިވީމައެވެ. މުލާއި ބުޑުގައި ވަރެއް ނެތް ގަސްގަސް ހުންނަ ޖަންގަލިތަކުގައި ވެރިކަން ކުރާނީ ގެރިބަކަރިއެވެ. ތިޔަބައިމީހުންގެ ލޭ ތާހިރުކޮށް ހެޔޮ މަގަށް ނާޅުވާހައި ހިނދަކު މި ޖަރާސީމަކުން ސަލާމަތެއް ނުވެވޭނެއެވެ. ޖަރާސީމުގެ އަސަރު ނުފެންނަ ގޮތަކަށް ނުހެދޭނެއެވެ.
ހަނދާންކުރާށެވެ. ތިޔަބައިމީހުންގެ ހިތުގައި ދިރިތިބުމުގެ އެދުން އޮވެފައި، ތިމަތިމާމެންގެ އަބުރާއި އިއްޒަތާއި މިނިވަންކަމުގެ އަގު އަދާކުރާން އެނގޭނަމަ އަބޫ ޢަބްދުﷲގެ ވާހަކަ ވެގެން ދާނީ އެންމެ ފަރުދެއްގެ ވާހަކައަކަށެވެ. މުވައްރިޚުން ލިޔާނީ މިހެންނެވެ. އާވާރާ މިޒާޖުގެ، ނިޔަތް ނަޖިސް ރަސްދަރިއަކު، އޭނާގެ ގައުމު، ދުޝްމިނުންނަށް ވިއްކާލަން އުޅުނީމާ، އޭނާއަށް ކުރިމަތިލާން ޖެހުނީ ލަދާއި އަގުވެއްޓުމާއެވެ. އެކަމަކު ތިޔަބައިމީހުންނަށް މިނިވަންކަމުގެ އަގު އަދާކުރާން ނޭނގިއްޖެނަމަ، މުވައްރިޚުން ލިޔާނެއެވެ. އެއީ ގޮތްކުޑަ ބަޔަކު ދިރިއުޅުނު ގައުމެކެވެ. އެ ގައުމު ނިމިގެން ދިޔައީ ގޮތްކުޑަ ބަޔަކު ދިރިއުޅޭ ގައުމެއް ނިމިގެންދާން ޖެހޭ ގޮތަށެވެ. ނިމިގެން، ފަނާވެގެންދާ ގައުމުތަކުގެ އެންމެ ހިތާމަވެރި ޚާސިއްޔަތަކީ އެއްވެސް މާނައެއް ނެތް ހަޅޭއްލެވުމެއްގެ ތެރޭގައި ހަގީގަތް ފޮރުވުމެވެ. އެބައިމީހުންގެ އިޖުތިމާއީ ޒިންމާގެ ބުރަ، ގާބިލުކަމެއް ނެތް ބައެއްގެ ބޮލުގައި އަޅުވައިފައި ރެކިގަނެގެން ދިއުމެވެ. ނިކަން ވިސްނައިބަލާށެވެ. ތިޔަބައިމީހުން މިހާރުވެސް ތިޔަ ދެކެނީ ދުޝްމިނުންގެ ކިއްލާގެ ދޮރާށި ވައްޓައިލުމުގެ ބަދަލުގައި އަލްޙަމްރާގެ ދޮރާށި ވައްޓައިލުން މާ ފަސޭހަ ކަމުގައެވެ. މިތަނަށް އެއްވެ ތިޔަ ތިބީ އެހެންވެގެންނެވެ. އެއްވެގެން ތިޔަ ތިބީ އެއްވާން ޖެހޭ ތަނަކަށް ނޫނެވެ. މިތަނަށް އެއްވެގެން ތިޔަ ތިބީ ދުޝްމިނުންނާ ކުރިމަތިލައިގެން އުފުލާން ޖެހޭ ބުރައަށްވުރެ، މިތަނަށް އެއްވެ ތިބެ ހަޅޭއްލެވުން މާ ފަސޭހަވީމައެވެ. ތިޔަހެން ހަޅޭއްލަވައި ވަރުބަލިވެ، ޖޯޝް ފިނިވެ، މައިތިރިވީމާ އެނބުރި ގޭގެއަށް ހިނގައިދާނޭކަން އަބޫ ޢަބްދުﷲއަށްވެސް އެނގެއެވެ. ތިޔައީ ހުރިހައި ހުރަހެއް ކަފާސްކޮށް، އެއްފަރާތް ކުރުމަށް ފަހު ކުރިއަށް ދެމިގެންދާ، އޮއިގަދަ ފެންގަނޑެއް ނޫންކަން އޭނާއަށް އެނގެއެވެ. ތިޔަބައިމީހުންގެ މިސާލަކީ ހުއްޓިފައި އޮތް ފެންގަނޑެއްގެ މިސާލެވެ. އެ ފެންގަނޑަށް ގާބުރިއެއް އެއްލީމާ ގޮސް ޖެހިފައި، ކުދި ރާޅުބާނިތަކެއް އުފެދިފައި އަނެއްކާވެސް މަރުގެ ހިމޭންކަން އަތުވެދާނެއެވެ.
އަބޫ ޢަބްދުﷲއާ ދެކޮޅަށް އަޑު ނުއުފުލާށެކޭ އަހަރެން ފަހަރެއްގައިވެސް ނުބުނަމެވެ. އެކަމަކު މި ވަގުތު އަހަރެމެންގެ ގެތައް އަނދަމުންދާކަންވެސް ހަނދާންކުރާށެވެ. އަހަރެމެންގެ އުޚުތުންނާއި އަންހެންދަރީންގެ ޢިއްފަތްތެރިކަން ލޫޓުވަމުންދާކަންވެސް ހަނދާންކުރާށެވެ. އެ އުޚުތުންނާއި އަންހެންދަރީން އެބަ ސުވާލުކުރެއެވެ. ތިޔައީ އިންސާނިއްޔަތުގެ ފާރަވެރިކަމާއި ރައްކާތެރިކަމާ ހަވާލުވެފައި އޮތް ގައުމުގެ ދަރީން ހެއްޔެވެ؟ ތިޔައީ އަނިޔާވެރިންގެ އަތްތައް ބުރިކޮށްލުމަށްޓަކައި އުފުލު ކަނޑިތަކުގެ ޣީރަތްތެރި އަހުލުވެރިން ހެއްޔެވެ؟ ތިޔަބައިމީހުންގެ މައިން އެބަ ސުވާލުކުރެއެވެ. އެ ހިތްވަރުގަދަ ފިރިހެން ދަރިން ކޮބައިހެއްޔެވެ؟ ތިޔަބައިމީހުންގެ އުޚުތުން އެބަ ސުވާލުކުރެއެވެ. އަހަރެމެންގެ ޢިއްފަތްތެރިކަމާ ދިމާއަށް ނަޖިސް އަތްތަކެއް އުފުލެމުންދާ ދަނޑިވަޅު އަހަރެމެންގެ އަޚުންވީ ކޮންތާނކު ހެއްޔެވެ؟ ތިޔަމައިމީހުންގެ މުސްކުޅިން އެބަ ސުވާލުކުރެއެވެ. އަހަރެމެންގެ ތުނބުޅިއާއި ބޮލުގައި މިހިރަ ނުރައިގެ އަގު ހިފަހައްޓާން ތިބި ދަރިންނަށް ވީ ކިއެއް ހެއްޔެވެ؟
އަހަރެން އެނބުރި ގޮސް ބުންނަވީ މިހެން ހެއްޔެވެ؟ ކަލޭމެން އަބުރާއި އިއްޒަތާއި މިނިވަންކަމާއި ޢިއްފަތްތެރިކަމުގެ ފާރަވެރީން މި ވަގުތު ތިބީ، ކަލޭމެންގެ ގާބިލުކަމެއް ނެތް ވެރިންނާ ދެކޮޅަށް އަޑު އުފުލުމުގައި އަވަދިނެތިއެވެ. އެހެންވީމާ ކަލޭމެންނަށް ވަމުންދާ ގޮތެއް ބަލާނޭ ވަގުތެއް އެމީހުންނަކަށް ނެތެވެ. ހިމޭނުން ތިޔަ ތިބީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ސުވާލުތަކަށް ޖަވާބެއް ދީބަލާށެވެ.]
ތަގުރީރުގެ ޖަޒުބާތުގައި ޖެހުނު ޒުވާނަކު އައިސް ގަވަރުނަރުގެ ގާތަށް ހުއްޓިހުރެ ހަރު އަޑުން ގޮވައިލިއެވެ. [މަނިކުފާނު ކުރީގައި ހުންނަވައިގެން މައިދާނާ ދިމާއަށް ދަތުރު ފައްޓަވާށެވެ. މަނިކުފާނުގެ ފަހަތްޕުޅުން ފޯރީގައި ދަތުރަށް ނުނުކުންނަވަރުގެ ބޭޣީރަތްތެރިއަކު އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ.] ހިނދުކޮޅެއް ނުވެ އޭނާގެ ވާހަކައަށް ތާއީދުކުރުމުގެ ގޮތުން އެންމެން އެކީގައި ކަހަލަ ގޮތަކަށް ގޮވައިލިއެވެ. [އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. ދުޝްމިނުންގެ ކިބައިން އަޅުގަނޑުމެން ބަދަލުހިފާނަމެވެ.]
ސަރަހައްދުގެ ގަވަރުނަރުގެ ނަމަކީ އަބޫ މުޙްސިނެވެ. އޭނާގެ ވާހަކަދެއްކެވުމުގައި އެފަދަ ބާރެއް ހުރިކަމުގެ އިހުސާސެއް މީގެ ކުރިއަކުން ޚުދު އޭނާއަކަށްވެސް ކުރެއްވިފައެއް ނެތެވެ. މީސްތަކުންގެ ޖޯޝާއި ފޯރި ފެނިވަޑައިގަތުމުން އޭނާ އުޑާ ދިމާއަށް ބައްލަވައިލެއްވުމަށް ފަހު ދެއަތްޕުޅު އުފުލައިލެއްވިއެވެ. ލަފުޒުތަކަކުން މީސްތަކުންނަށް އަސަރުކުރުއްވި ގަވަރުނަރު އިރުކޮޅަކު ހިމޭނުން ހުންނެވިއެވެ. އޭނާގެ ލޯފުޅަށް ޝުކުރުވެރިކަމުގެ ކަރުނަފޮދު ޖަމާވަމުން ދަނީއެވެ. ތުންފަތްޕުޅު ތުރުތުރުއަޅަނީއެވެ. އެތައް މަސައްކަތްޕުޅަކާއެކު ވިދާޅުވެވުނީ ހަމައެކަނި މިހެންނެވެ. [އޭ އަޅުގެ ވެރި ރަސްކަލާނކޯއެވެ! މިއަޅާގެ ގައުމަށް ނަސްރު ދެއްވައިފާނދޭވެ!]
ކުޑައިރުކޮޅަކުން އަބޫ މުޙްސިނަށް ހަމަޖެހުމަކަށް ވަޑައިގެންނެވިއްޖެއެވެ. އޭނާ އެއްވެފައި ތިބި މީހުންނާ މުޚާޠަބްކުރައްވައި ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ތެރެއިން ހަތިޔާރު ހިފައިގެން ތިބި މީހުން ކޮޅަށް ތެދުވެ ސަފެއް ހަދާށެވެ. ހަތިޔާރު ނެތް މީހުން ގޮސް ހަތިޔާރު ހިފައިގެން ވީހައި އަވަހަކަށް އަންނާށެވެ. ކުރީސަފުގައި ނުކުންނާން އަހަރެން އިސްކަން ދޭނީ ޒުވާނުންނަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ގޮވައިލާނީ ބޭނުން ޖެހިއްޖެ ހާލަތެއްގައެވެ. ވަގުތު ބޭކާރު ނުކޮށް އަވަސް ކުރާށެވެ. ވީހައި އަވަހަކަށް ދަތުރަށް ފައްޓާން އެބަޖެހެއެވެ.]
(3)
އެ ދުވަހުގެ މެންދުރުފަހު އަލްޙަމްރާގެ މައި ދޮރާށީގެ ކުރިމަތީގައި ހަތިޔާރުއެޅި ފަސް ހާސް މީހުންގެ ލަޝްކަރެއް ސަފުސަފަށް އެތުރިގެން ތިއްބެވެ. އަބޫ މުޙްސިން އަހަކަށް ސަވާރުވެޑައިގެން ސަފުތައް މުއާއިނާ ކުރައްވަމުން ގެންދަވަނީއެވެ. ދޮރާށްޓާ ދިމާއިން މަތީގައި، ކުޅިބަލާގޭގައި ތިއްބަވައިގެން އަބޫ ޢަބްދުﷲއާއި އޭނާގެ މަންމާފުޅާއި އަނބިކަނބަލުން މި މަންޒަރު ބައްލަވަމުން ގެންދަވައެވެ. އަބޫ ޢަބްދުﷲގެ މޫނުމަތީން ފެންނަނީ ތަކުލީފާއި ހިތާމައިގެ އަސަރެވެ.
އަބޫ ޙަސަންގެ ތަގުރީރަށް ފަހު މަންމާފުޅު ވިދާޅުވިއެވެ. [ދަރިފުޅާއެވެ. މިހާރު ހުންނާނީ ވަރުބަލިވެފައެވެ. އަރާމުކުރަން ދާށެވެ.]
އަބޫ ޢަބްދުﷲއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އޭނާ އާދޭހުގެ ރާގަކަށް ބުންޏެވެ. [މަންމާފުޅާއެވެ. އަޅުގަނޑަށް މާފުކުރައްވާށެވެ. އަދި އަޅުގަނޑު ކަންތައް ކުރާންވީ ގޮތެއް ވިދާޅުވެދެއްވާށެވެ.]
ހިތްވަރުފުޅުގަދަ މަންމާފުޅު ދަރިފުޅުގެ ވާހަކައަކަށް ސަމާލުކަމެއް ނުދެއްވިއެވެ. އައިޝާއާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ދަރިފުޅާ އައިޝާއެވެ. އުޅާކޮޅު ބާލާއިފައި އަބޫ ޢަބްދުﷲއަށް ދޭށެވެ. މި ވަގުތުން ފެށިގެން ތިޔައީ ގްރަނާދާގެ ރާނީއެވެ. ރަސްގެފާނު ވަޑައިގެން ނޫޅުއްވާ ވަގުތު ރަސްކަމުގެ ވާޖިބު އަދާކުރައްވަނީ ރާނީއެވެ. އަލްޙަމްރާގެ ދޮރާށި ހުޅުވައިލާށެވެ. ތިމަންގެ ފިރިމީހާގެ މަންމަ އޭނާއަށް ކިރުދިނުމުގައި ބަޚީލުކަން އިސްކުރީއޭ ރައްޔިތުން ގާތު ބުނާށެވެ. އަދި އޭނާގެ ބައްޕަ އޭނާއަށް ފިރިހެންވަންތަކަން ދަސްކޮށެއް ނުދިނޭވެސް ބުނާށެވެ. އެކަމަކު ތީރުގެ ވާރޭގެ ތެރޭގައި ރައްޔިތުންނާއެކު ގްރަނާދާގެ ރާނީ އެބަހުރީމޭވެސް ރައްޔިތުން ގާތު ބުނާށެވެ.]
އައިޝާ އޭނާގެ ފިރިމީހާއާ ދިމާއަށް ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ފިރިމީހާއަށް މި އުޅާކޮޅު އަނބުރައި ދިނުމަކީ އަޅުގަނޑަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު ފިރިމީހާ އޭނާގެ ކަނޑިކޮޅު އަޅުގަނޑާ ހަވާލުކުރައްވައިފިއްޔާ ހަވާލުވާން ތައްޔާރަށް ހުރީމެވެ.]
އަބޫ ޢަބްދުﷲގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. [އައިޝާއެވެ. ﷲއަށްޓަކައި ބުނަމެވެ. ހިމޭނުން ހުންނާށެވެ.]
އަބޫ ޢަބްދުﷲގެ މަންމާފުޅު ވިދާޅުވިއެވެ. [އައިޝާއެވެ. އެއީ ތެދެކެވެ. އަހަރެންގެ ދަރިފުޅަކީ ވަރަށް ހައްސާސް ކުއްޖެކެވެ. އޭނާ ކަންބޮޑުވާ ކަހަލަ ވާހަކަ ނުދައްކާށެވެ.]
އަބޫ ޢަބްދުﷲ އިންތިހާއަށް ލަދުވެތިވާ ހާލު އޭނާގެ މަންމާފުޅާއި އައިޝާއާ ދިމާއަށް ބަލައިލުމަށް ފަހު އަނގައިންވެސް ނުބުނެ ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ ސިޑިން ފައިބާ އަޑު ކެނޑޭންދެން ދެމައިން ބަސްފުޅެއް ވިދާޅުނުވެ ތިއްބެވިއެވެ. އެ އަޑު ކެނޑުނީމާ އައިޝާ ބުންޏެވެ. [މަންމާފުޅާއެވެ. އިޒުނަފުޅު ދެއްވައިފިއްޔާ މުޖާހިދުންނާ ބައިވެރިވާން އަޅުގަނޑު މިހިރީ ތައްޔާރަށެވެ.]
މަންމާފުޅު ވިދާޅުވިއެވެ. [ދަރިފުޅާއެވެ. މި ދެކެވުނު ވާހަކަތަކަށްފަހު މަންމަ ހީކޮށްގެން އިނީ އަބޫ ޢަބްދުﷲ އަހަރެމެން މާޔޫސް ނުކުރާނޭ ކަމަށެވެ. އެކަމަކު އަހަރެމެންގެ ނަސީބުގައި ލިޔުއްވައިފައިވަނީ ލަދުވެތިވުންތާއެވެ. އެހެންވީމާ މަންމަ މީނީ ދަރިފުޅާއެކުގައެވެ. އަބޫ ޢަބްދުﷲއަށް ތެދު މަގު ދައްކަވާތޯ ދަރިފުޅުވެސް ދުޢާކުރާށެވެ.]
(ނުނިމޭ)
ވަރަށް އަސަރުގަދަ ތަޤްރީރެއް ވަރަށްރީތި
ޖަޒާކަށް ﷲ ޚައިރަން