(3 ޖުލައި 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަބީޢާ ބުންޏެވެ. [ބަދްރެވެ. ބަދްރުގެ އަރިހުގައި އަޅުގަނޑު ހޭދަކުރާ ދެތިން ދުވަސް އެތައް ހާސް އަހަރެއްގެ ދިރިއުޅުމަށްވުރެ އަޅުގަނޑުގެ ކުރިމަތީގައި އަގުބޮޑުކަން ﷲ ދެނެވޮޑިގެން ވާނެއެވެ. ދިރިއުޅުގެ އެއްްވެސް މަގުސަދެއް ނެތިއްޔާ އެ ދިރިއުޅުން ގޮނޑުދޮށަށް ދޫކޮށްލައިފައި އައުން މާ ރަނގަޅެވެ. އެކަމަކު ދިރިއުޅުމުގެ އެންމެ ފަހުގެ މަންޒިލަކީ ހަމައެކަނި މަރު ކަމުގައި ވަނީނަމަ ގޮނޑުދޮށުގައި އިނދެގެން ރާޅު ގުނުމުގެ ބަދަލުގައި ރާޅުތަކުގެ ތެރޭގައި ބަދްރުގެ އަރިހުގައި ދަތުރުކުރުން މާ ރަނގަޅު ކަމުގައި އަޅުގަނޑު ނުދެކޭންވީ ކީއްވެގެންތޯއެވެ؟]
ހިނދުކޮޅެއްގެ ހިމޭންކަމަށް ފަހު ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ރަބީޢާއެވެ. އަހަރެން ރަބީޢާއާ އިންނާން އަހައިފީމެވެ. ޖަވާބަކީ ކޮބައި ހެއްޔެވެ؟]
ރަބީޢާ އިސް އުފުލައި ބަލައިލިއެވެ. ލަފުޒުތައް އޭނާގެ ތުންފަތާ ހަމައަށް އައިސްފައި ހުއްޓިއްޖެއެވެ. ޝުކުރުވެރިވުމާއި އިހުސާންތެރިކަން ހަނދާންކުރުމުގެ ޖަޒުބާތުވެސް އޭނާގެ މައްޗަށް ވަރަށް ބޮޑަށް ވެރިވެއްޖެއެވެ. ބަދްރަށް އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަ ފެނިވަޑައިގެންފިއެވެ. އެއީ ލަފުޒުތަކަކަށްވުރެ މާ ވަރުގަދަ އެއްޗެއްކަން އޭނާއަށް އެނގިވަޑައިގަނެއެވެ.
[ރަބީޢާއެވެ. އަހަރެންގެ އެއްވެސް ވާހަކައަކުން ރަބީޢާގެ ހިތުގައި ޖެހުނު ކަމުގައި ވަނީނަމަ އަހަރެން މިހިރީ މައާފަށް އެދެން ތައްޔާރަށެވެ. ތިޔަ ރޮނީ ކީއްވެގެން ހެއްޔެވެ؟]
ރަބީޢާ ކަރުނަ ފޮހެލަމުން ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ. [ކުޑައިކޮށް ރޮވުނީތީ މައާފަށް އެދެމެވެ. އަޅުގަނޑުމެންގެ ވާހަކަ މި ދިމާއަށް އެނބުރިގެން ހިނގައިދާނޭ ކަމަކަށް ކުރިއަކުން ހިއެއް ނުކުރަމެވެ. މިއީ އާރެއް ބާރެއް ނެތް ނިކަމެތި އަންހެނެއްގެ ޝުކުރުވެރިކަމުގެ ކަރުނައެވެ.]
[އެހެންވީމާ ހަމަ މިއަދު އަހަންނާ އިންނާން ރަބީޢާ އެއްބަސް ހެއްޔެވެ؟]
ރަބީޢާ ސީރިއަސް ރާގަކަށް ސުވާލުކޮށްލިއެވެ. [ބަދްރު އަޅުގަނޑާ ސަމާސާ ކުރައްވަނީތޯއެވެ؟]
[މިއީ ސަމާސައެއް ނޫނެވެ. އިތުރު މައްސަލައެއް ކުރިމަތި ނުވާނަމަ އޮއްސެންދާ އިރުގެ އެންމެ ފަހުގެ ދޯދިތައް ބަދްރު ބިން މުޣީރާއާއި ރަބީޢާ ބިންތި އަބޫ ދާވޫދް ދެކޭނީ ދެމަފިރިންގެ ގޮތުގައެވެ.]
[ހަމަ މިއަދުތޯއެވެ؟ އެހައި އަވަހަށްތޯއެވެ؟]
[އާނއެކެވެ. ރަބީޢާ ދެކޮޅު ނުހަދާނަމަ ހަމަ މިއަދުއެވެ.]
ބަދްރު ބިން މުޣީރާއާ ދިމާއަށް ބަލައިލުމަށް ފަހު އިތުރު އެއްވެސް ވާހަކައެއް ނުދައްކައި ރަބީޢާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް ކޮޓަރިކޮޅުން ނުކުމެއްޖެއެވެ.
(5)
ރަބީޢާގެ ދެފައިގައި ވަނީ ބާވަތެއްގެ ތުރުތުރެއް އެކުލެވިފައެވެ. ހިތުގެ ހިނގުން ވަނީ އަވަސް ވެފައެވެ. އޭނާގެ ހިނގުން ބައެއް ފަހަރު ލަސްވެއެވެ. އަނެއް ބައި ފަހަރު ވަރަށް އަވަސްވެގެން ހިނގައިދެއެވެ. އޭނާ ވަރަށް ބާރަށް [އެންޖެލާ... އެންޖެލާ...] އޭ ގޮވަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އެންޖެލާ އެ ވަގުތު އިނީ ކޮޓަރީގެ ބެލްކަނީގައި ބޭރަށް ބަލަހައްޓައިގެންނެވެ. އޭނާ އެނބުރި ރަބީޢާއާ ދިމާއަށް ބަލައިލިއެވެ. ރަބީޢާ ދުށް ގޮތުގައި އޭނާ އެ އައީ ކޮއްކޮއަށް ވަރަށް ބޮޑު ޚަބަރެއް ދޭން ވެގެންނެވެ. އެހެން ނަމަވެސް އެންޖެލާގެ ލޮލުން ކަރުނަ ފައިބާތަން ފެނުނީމާ ކުޑަކޮށް ކަންބޮޑުވާ ގޮތް ވެއްޖެއެވެ.
[ކޮއްކޯއެވެ. ކިހިނެއްވީ ހެއްޔެވެ؟ ތިޔަ ރޮނީ ކީއްވެގެން ހެއްޔެވެ؟]
ރަބީޢާ ކަންބޮޑުވެފައި އެންޖެލާއާ ދިމާއަށް ބަލަނީއެވެ. އެންޖެލާ ކަރުނަ ފޮހެލަމުން ސުވާލުކޮށްލިއެވެ. [އަހަރެމެން ފުރަނީ ކޮން އިރަކު ހެއްޔެވެ؟]
ރަބީޢާ އަހައިލިއެވެ. [ކޮން ތަނަކަށް ހެއްޔެވެ؟]
[ދައްތާއެވެ. އަހަންނަށް އެއްވެސް ކަމެއް ސިއްރުކުރުމުގެ ބޭނުމެއް ނެތެވެ. އޭނާ އެ ވަޑައިގަތީ ހުރިހައި ވާހަކައެއް އަހަންނަށް ވިދާޅުވެ ދެއްވައިފައެވެ.]
[ކާކު ހެއްޔެވެ؟ ބަޝީރް ބިން ޙަސަން ހެއްޔެވެ؟]
[އާނއެކެވެ. އޭނާ އެ ވަޑައިގަތީ ދެންމެއެވެ.]
[އޭނާ ވިދާޅުވީ އަހަރެމެން ދެމީހުން މޮރޮކޯއަށް ދާ ވާހަކަ ދޯއެވެ؟]
[އާނއެކެވެ.]
[އެކަމަކު އަހަރެމެން މޮރޮކޯއަކަށް ނުދަމެވެ. ކޮއްކޯއެވެ. ގަބޫލުކުރާށެވެ. އަހަރެމެން ތިބޭނީ މިތާނގައެވެ. އެހެން އެއްވެސް ތަނަކަށް ނުދާނަމެވެ.]
އެންޖެލާ ބުންޏެވެ. [ދައްތާއެވެ. އަހަރެންގެ ހިތްހަމަ ޖައްސައިދޭން ތިޔަ ކަހަލަ ހުވަފެނީ ވާހަކަ ނުދައްކާށެވެ. މިއީ އަހަރެމެންގެ ތަގުދީރުގައި ލިޔުއްވައިފައިވާ ގޮތެވެ.]
[ކޮއްކޮ ބަޝީރަށް ދެންނެވީ ކީކޭ ހެއްޔެވެ؟]
[އަހަރެން ދަންނަވާނީ ވަކި ކީކޭ ހެއްޔެވެ؟ އޭނާ އައިސް ވިދާޅުވީ ދައްތަޔާއެކު މޮރޮކޯއަށް ދާން ތައްޔާރުވާށޭއެވެ. އޭނާވެސް ހުންނެވީ ހިތާމަފުޅުންނެވެ. ދައްތާއެވެ. އެއީ އޭނާ ހިތްޕުޅުން އެދިވަޑައިގަންނަވާ ގޮތް ނޫންކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަހަންނަށް އެއްވެސް އެއްޗެކޭ ބުނެވުމުގެ ކުރިން އޭނާ އެނބުރި ވަޑައިގެންފިއެވެ. ދައްތާއެވެ. އޭނާގެ މައްޗަކަށް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. މިއަދުވެސް އޭނާ އަހަންނަކަށް އެއްވެސް ކަހަލަ ވައުދެއް ނުކުރައްވައެވެ. އެކަމަކު ދައްތަގެ ބާޒު ވަނީ ދައްތަޔާ ކާވެނިކުރައްވާން ވައުދުވެވަޑައިގެންފައެއް ނޫން ހެއްޔެވެ؟ އެހެންވީމާ އަހަރެމެން މޮރޮކޯއަށް ފޮނުއްވައިލައްވާ ސަބަބެއް ވަރަށް ސާފުކޮށް އޭނާ ވިދާޅުވާން ވާނެއެއް ނޫން ހެއްޔެވެ؟ ގްރަނާދާގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައިކަން އަހަންނަށްވެސް އިހުސާސް ކުރެވެއެވެ.]
ރަބީޢާ ބުންޏެވެ. [އަހަރެން ދެންމެ ބަދްރާ ދެއްކި ވާހަކައަކީ ހުވަފެނެއް ނޫންނަމަ މިއަދުގެ އިރުއޮއްސޭނީ ދައްތަޔާއި ބަދްރާ ދެމީހުންގެ ކާވެންޏާ އެކުގައެވެ. ކޮއްކޯއެވެ. ގަބޫލުކުރާށެވެ. އަހަރެމެން މޮރޮކޯއަކަށް ނުދަމެވެ. އެ އަމުރު ބާތިލު ވެއްޖެއެވެ.]
އެންޖެލާއަށް ބޭއިޚްތިޔާރުގައި ރަބީޢާގެ ގައިގައި އޮޅުލައިގަނެވިއްޖެއެވެ. [ދައްތާއެވެ. އަހަރެން ހައްލައިލާން ނޫޅޭށެވެ. ﷲއަށްޓަކައި ތެދު ބަހުން ބުނާށެވެ.]
[ކޮއްކޯއެވެ. ދައްތަ މި ހަދަނީއަކީ ދޮގެއް ނޫނެވެ. ގަބޫލުކުރާށެވެ. ހަމަޖެހިލައިގެން އިށީންނާށެވެ. އަހަރެން ހުރިހައި ވާހަކައެއް ކިޔައިދޭނަމެވެ.]
އެންޖެލާ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ރަބީޢާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ އޭނާޔާއި ބަދްރާ ދެމެދު ދެކެވުނު ވާހަކަތައް ތަފުސީލުކޮށް އެންޖެލާއަށް ކިޔައިދީފިއެވެ.
(6)
ކިއްލާގެ އަނެއް ފަރާތުގައި ހުރި ތަނަވަސް ކޮޓަރިއެއްގެ ތެރޭގައި ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ބަޝީރް ބިން ޙަސަން އަވަދިނެތި އެބަ އުޅުއްވައެވެ. އޭނާގެ އަރިހުގައި އެހެން ބައެއް ޑަކްޓަރުންވެސް ހަރަކާތްތެރިވެއެވެ. އެ ވަގުތު ބަދްރު ބިން މުޣީރާ ވަޑައިގެން އެ ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. އޭރު ބަޝީރް ޒަޚަމްވެފައި އޮތް މީހަކުގެ މުލައްދަނޑީގައި ބޭސް އަޅުއްވަނީއެވެ. އޭނާގެ ބައިވެރިއަކު ބޮލުން އިޝާރާތެއް ކޮށްލީމާ ބަޝީރް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އަދި ބޭސް އަޅުއްވައި ނިންމެވުމަށް ފަހު ތެދުވެވަޑައިގެންފިއެވެ.
ބަދްރު ވިދާޅުވިއެވެ. [މިތާނގައި އަދި ކިހައި އިރެއް ވާނެތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [މިހާރު މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.]
[ޚާއްސަ ވާހަކައެއް ދައްކައިލާން އަޅުގަނޑު އެބަ ބޭނުންވެއެވެ.]
[ސީދާ މި ވަގުތު ވާހަކަފުޅު ދައްކަވާން ބޭނުންފުޅު ނޫން ކަމުގައި ވަނީނަމަ އަދި އެކަކު ބެލިޔަދެއްވާށެވެ. އަޅުގަނޑު ނޫން މީހަކު ލައްވައި ފަރުވާ ކުރުވާކަށް އޭނާ ބޭނުމެއް ނުވެއެވެ.]
[މި ވަގުތު ނޫނަސް އެންމެ ރަނގަޅެވެ. ތިޔަ ވިދާޅުވާ ކަމެއް ނިންމަވައިފައި އަޅުގަނޑުގެ ކޮޓަރިއަށް ވަޑައިގަންނަވާށެވެ.]
އޭގެ ކުޑައިރުކޮޅެއް ފަހުން ބަޝީރް އިންނެވީ ބަދްރުގެ ކޮޓަރިކޮޅުގައެވެ. [މަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގެންފައި ހުންނެވި ފާޑު އެބަޖަހައެވެ. އަނެއްކާ ގްރަނާދާއިން މާ ދެރަ ޚަބަރެއް ލިބިވަޑައިގަތީތޯއެވެ؟]
[ނޫނެކެވެ. އަޅުގަނޑު ވާހަކަ ދައްކައިލާން ބޭނުން ވަނީ ރަބީޢާއާއި އެންޖެލާއާ ބެހޭ ގޮތުންނެވެ.]
[އެންޖެލާ ގާތު އަޅުގަނޑު ބުނެފީމެވެ. މޮރޮކޯއިން އަންނަ ނައު ބަނދަރުކުރާނޭ ދުވަހަކާއި ގަޑިއެއް މަނިކުފާނަށް އެނގިވަޑައިގަނޭތޯއެވެ؟ އަދި ވަންނާނީ ކޮން ބަދަރަކަށްކަން އެނގިވަޑައިގަނޭތޯވެ؟]
[އަދި އަޅުގަނޑަކަށް އެއްވެސް ޚަބަރެއް ނުވެއެވެ. އެއް ދުވަހުން ނުވަތަ ދެ ދުވަހަކުން އަންނާނެ ކަމަށް ގަބޫލުކުރެވެއެވެ. ހީވާ ގޮތުގައި ބަނދަރުކުރާނީ އަލްމޭރިއާގެ އުތުރުގައެވެ. މި ދިޔަ މަހުވެސް ނައު ވަނީ އެ ބަނދަރަށެވެ.]
[އެހެންވީމާ ވަރަށް އަވަހަށް ރަބީޢާއާއި އެންޖެލާއާ ދެ ކުދިން ބަނދަރަށް ގެންދާން ޖެހޭނެއެއް ނޫންތޯއެވެ؟]
[އަޅުގަނޑު ވާހަކަދައްކަން ބޭނުންވަނީ ތިޔަ ކަމާ ބެހޭ ގޮތުންނެވެ.]
[އެކަން މިހާރު އޮތީ ނިމިފައެއް ނޫންތޯއެވެ؟]
ބަދްރު ބިން މުޣީރާ ހިނދުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. [ބަޝީރެވެ. މި މައްސަލައިގައި ވަރަށް ދިގުކޮށް ރަބީޢާއާ ވާހަކަދެއްކުމަށް ފަހު އަޅުގަނޑު މިހާރު ގަސްތުކުރަނީ ދެކުދިން މޮރޮކޯއަށް ނުފޮނުވާށެވެ.]
ބަޝީރްގެ މިލައިފައިވާ މޫނުފުޅަށް ތާޒާކަން ވެރިވެއްޖެއެވެ. [އަޅުގަނޑުގެ ހުވަފެން ސީދާވީއެވެ.]
[އާދޭހެވެ. ތިޔަ ހުވަފެންފުޅުގެ ތައުބީރުގެ އެންމެ ފަހުބައި އަޑު އައްސަވާށެވެ. އެއީ ހައިރާންފުޅުވާނޭ ކަމެއްކަން ޔަގީނެވެ.]
[ފަހުބައި އަޅުގަނޑަށް އެނގެއެވެ. މަނިކުފާނު ރަބީޢާއާ ކާވެނިކުރައްވާން ނިންމެވީ ނޫންތޯއެވެ؟]
[އެހެންތޯއެވެ؟ އެހެންވެއްޖެއްޔާ އަޅުގަނޑު އޭނާޔާ އިންނަނީ ކޮން ދުވަހަކުތޯއެވެ؟]
[މިއަދުއެވެ.]
[ތިޔަ ހުރިހައި ކަމެއް ބަޝީރަށް އެނގިވަޑައިގަތީ ކިހިނެއްތޯއެވެ؟ އެންޖެލާ ދެންނެވީތާއެވެ. އެންޖެލާ ގާތު ބުނާނީ ރަބީޢާކަން ގައިމެވެ.]
[ނޫނެކެވެ. އަޅުގަނޑު ގާތު އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުބުނެއެވެ. މަނިކުފާނުގެ މޫނުފުޅަކީ އަޅުގަނޑަށްޓަކައި ހުޅުވިފައިވާ ފޮތެކެވެ. މަނިކުފާނަކީ މުޅި ދުނިޔެއަށް އޮތް އަރަތެކެވެ. އެކަމަކު އަޅުގަނޑަކަށް އަރަތެއް ނޫނެވެ. ދެން ނިކަން ވިދާޅުވެ ބައްލަވާށެވެ. އަޅުގަނޑަށް އެނގުނީ ކިހިނެއްހެން ހީފުޅުވޭތޯއެވެ؟]
[އަޅެ ވިދާޅުވެބައްލަވާށެވެ.]
[ރަބީޢާއާ ބައްދަލު ކުރެއްވުމަށް ފަހު ކަންބޮޑުވެވަޑައިގެން ހުންނަވައި އަޅުގަނޑު ގާތަށް ވަޑައިގަތުމާއެކު މަނިކުފާނުގެ ނިންމެވުން ބަދަލުކުރައްވައިފިކަން އަޅުގަނޑަށް އެނގިއްޖެއެވެ. އެޔަށް ފަހު ގްރަނާދާއާ ބެހޭ ގޮތުން ނުބައި ޚަބަރެއް ލިބިވަޑައިގަތީއެއް ނޫނޭ ވިދާޅުވުމާއެކު އަޅުގަނޑަށް މުޅީން ކަށަވަރު ވެއްޖެއެވެ. މީގެ އިތުރަށް ސިޔާސީ ނުވަތަ އަސްކަރީ ކަންބޮޑުވެވަޑައިގަތުމެއް އޮތް ނަމަ މަނިކުފާނު ފުރަތަމަ ގެންނެވީހީ މަންޞޫރެވެ. ނުވަތަ މަޝްވަރާ މަޖިލިސް އެއްކުރައްވާނީއެވެ. ރަބީޢާ ނުގޮސް މިތާނގައި މަޑުކުރާނީއޭ ވިދާޅުވީމާ އަޅުގަނޑުގެ ބާޒަށް އަރިހުގައި އުދުހޭނޭ ބައިވެރިއަކު ލިބިވަޑައިގަތީކަން އަޅުގަނޑަށް އެނގިއްޖެއެވެ.]
[އެކަމަކު އަޅުގަނޑު ކާވެނިކުރާނީ މިއަދުކަން އެނގިވަޑައިގަތީ ކިހިނެއްތޯއެވެ؟]
[ވަރަށް މުހިއްމު ނިންމެވުމެއް ނިންމަވައިފިކަން މަނިކުފާނުގެ މޫނުފުޅުމަތީން ފައުޅުވެއްޖެއެވެ. މަނިކުފާނުގެ ކޮންމެ މުހިއްމު ނިންމެވުމަކީ ވަގުތުން އަމަލުކުރައްވާ ނިންމެވުމެއްކަން އަޅުގަނޑަށްވުރެ ބޮޑަށް އެނގޭނީ ކާކަށްތޯއެވެ؟]
[ތިޔަ ވިދާޅުވަނީ އަޅުގަނޑަކީ އަވަސް އަރުވައިލައިގެން ކަންތައް ކުރާ މީހެކޭތޯއެވެ؟]
[ނޫނެކެވެ. ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަ އެންމެ މުހިއްމު އެއް އާދައަށް އަޅުގަނޑު ތާރީފުކުޅައީއެވެ. އާދައިގެ ދޫނިތައް އުދުހެން ޚިޔާލުކޮށް ނިމޭއިރު ބާޒު ވިލާތަކާ ވާހަކަ ގޮވައިފައި އެނބުރި އަތުވެދެއެވެ. ރަބީޢާ އެއްވެސް ތަނަކަށް ނުފޮނުއްވައި މިތާނގައި ބަހައްޓަވާން މަނިކުފާނު ނިންމެވީމާ ކާވެނި ކުރެއްވުން މާދަމައަށް ލަސްކުރެއްވުމަކީ ކުރައްވާނޭ ކަމެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ.]
ބަދްރު ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ. އަޅުގަނޑު ކާވެނިކުރާނީ މިއަދު ކަމަށް ބަލަމާ ހިންގަވާށެވެ.]
ބަޝީރް ހިނިފުޅުވަޑުވައިލެއްވިއެވެ. [ބަލާކަށް ނުޖެހެއެވެ. އަޅުގަނޑަށް ކަށަވަރުކޮށް އެނގެއެވެ.]
[އެންމެ ރަނގަޅެވެ. އަންދަލުސްގެ އަފްލާޠޫނާ އަޅުގަނޑު ސުވާލެއް ކޮށްލާނަމެވެ. އަފްލާޠޫންގެ ނިންމެވުން އޮތީ ކިހިނެއްތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑަށް އޮތް ކަމަކީ އަންހެން ކުއްޖެއްގެ ގާތުން މައާފަށް އެދިފައި އިހަށް ނިންމި ނިންމުން ބަދަލުކޮށްފީމޭ ބުނުމެއް ނޫންތޯއެވެ؟ އެއީ އެހައި ފަސޭހަ ކަމެއް ނޫނެވެ. މިކަހަލަ ކަންކަމުގައި އަފްލާޠޫންގެ ސިކުނޑިވެސް މަސައްކަތެއް ނުކުރެއެވެ.]
ބަދްރު ސީރިއަސް ރާގަކަށް ވިދާޅުވިއެވެ. [ބަޝީރެވެ. އަޅުގަނޑު އެދެނީ ބަޝީރުގެ ކަންތައްވެސް މިއަދު ނިންމަވައިލައްވާށެވެ.]
[ބަދްރެވެ. ތިޔަހެން ވިދާޅުވުމުގެ ބޭނުމެއް ނެތެވެ. އޭނާޔާ ވަކިވުމަކީ އަޅުގަނޑަށް ބަރުދާސްކުރަން ދަތި ކަމެކެވެ. އޭނާ މޮރޮކޯއަށް ފޮނުއްވާން ނިންމެވި ނިންމެވުން ބަދަލު ކުރެއްވީތީ ޝުކުރު ދަންނަވަމެވެ. އޭނާ ފޮނުއްވައިލެއްވި ނަމަ މަނިކުފާނުގެ އެކުވެރިޔާގެ ބޭރުފުށުން އެއްވެސް ކަހަލަ އަލާމަތެއް ފެނިވަޑައިނުގަތަސް، އޭނާގެ މުޅި ދިރިއުޅުން އޮތީހީ އެކޮޅުކޮޅުން ޖެހިފައެވެ. އަޅުގަނޑުގެ ހުނުމުގެ އަޑު އިވިވަޑައިގަތަސް އެއީ އެއްވެސް ކަހަލަ އަސަރެއް ނެތް އަޑެއްކަމުގެ އިހުސާސް މަނިކުފާނު ކުރެއްވީހެވެ.]
ބަދްރު ވިދާޅުވިއެވެ. [ބަޝީރެވެ. އެންޖެލާ ވާފަދައިން ބަޝީރުވެސް އޭނާ ދެކެ ލޯބިފުޅުވާކަން އަޅުގަނޑަށް އެނގިފައި އޮތް ނަމަ އޭނާ މޮރޮކޯއަށް ފޮނުވައިލާކަށް ނޫޅުނީމުހެވެ. އެ ވާހަކަވެސް ނުދެއްކީމުހެވެ. އެކަމަކު ފަތިހު އެ ވާހަކަ އަޅުގަނޑު ދެއްކީމާ ބަޝީރުގެ މޫނުފުޅުމަތީން އެއްވެސް ކަހަލަ ކަންބޮޑުވެވަޑައިގަތުމެއް ނުވަތަ ނުރުހުންވެވަޑައިގަތުމުގެ އަސަރެއް އަޅުގަނޑެއް ނުދެކެވެ.]
ބަޝީރް ވިދާޅުވިއެވެ. [އެ ވަގުތު އަޅުގަނޑުގެ ކުރިމަތީގައި އޮތީ އަޅުގަނޑުގެ ޒާތީ މައްސަލައެއް ނޫނެވެ. ބަދްރު ބިން މުޣީރާފަދަ މުޖާހިދަކު އެ މަނިކުފާނުގެ އެންމެ އަޒީޒު އެދުންފުޅަށް އަލްވަދާއު ވިދާޅުވާނީ ކިހައި ވަރެއްގެ މަޖުބޫރީއެއް އޮވެގެންކަން އަޅުގަނޑަށް އިހުސާސް ކުރެވުނެވެ. އަޅުގަނޑަށް ފެނުނީ އެ މުޖާހިދެއްގެ ކަނޑިކޮޅުން މުޅި ގައުމުގެ ހިމާޔަތް ކުރައްވަމުން ގެންދަވާ މުޖާހިދު އެ މަނިކުފާނުގެ ހަޔާތްޕުޅުގެ ބައިވެރިއަކަށް ވާން ހުރި ކުއްޖާ ދުރަށް ފޮނުއްވައިލައްވާން ތައްޔާރުވެވަޑައިގެން ހުންނެވި މަންޒަރެވެ. މަނިކުފާނު އެ ވަގުތުވެސް އަޅުގަނޑުގެ ކުރިމަތީގައި ހުންނެވީ އަޒުމުފުޅުގެ ހަރުދަނާ ކަމާއެކު ފަރުބަދައެއްހައި ވަރުގަދަކޮށެވެ. އަޅުގަނޑަށް ހިތްވަރު ލިބުނީ މަނިކުފާނުގެ އަޒުމުފުޅުންނެވެ. މަނިކުފާނު ނިންމެވީ ގައުމުގެ އަޅުވެތިކަމުގެ ހިލިހިލާ ބުރިކޮށްލެއްވުމަށްޓަކައި އެހެން ހުރިހައި ކަމެއް ދޫކޮށްލައްވާށެވެ. އެފަދަ ދަނޑިވަޅެއްގައި މަނިކުފާނުގެ އެންމެ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ލޯބީގެ ފަސްބައިގައި އަޅުގަނޑަށް އެލިގަނެވޭނީ ކިހިނެއްތޯއެވެ؟ ރަބީޢާއަށްޓަކައި އަޅުގަނޑުގެ ހިތުގައި ހިތާމައިގެ ޝުއޫރު އުފެދުނެވެ. އެއީ މޮރޮކޯގައި ދިރިއުޅުމުގެ ބަދަލުގައި މަނިކުފާނުގެ އަރިހުގައި ޝަހީދުވުންވެސް އޭނާއަށް ރަނގަޅުވާނެކަން އަޅުގަނޑަށް އެނގޭތީއެވެ.]
ބަދްރު ވިދާޅުވިއެވެ. [ބަޝީރެވެ. މިއީ އަޅުގަނޑުގެ ހަޔާތުގައި މި ގޮތަށް ބަދަލުކޮށްލަން މަޖުބޫރުވީ ފުރަތަމަ ނިންމުމެވެ. ރަބީޢާގެ ހިތް ހަލާކުކޮށްލާކަށް އަޅުގަނޑުގެ ހިތެއް ހަމައެއް ނުޖެހުނެވެ. ކުރިއަށް އޮތް ތަނުގައި ދިމާވާނޭ ހުރިހައި ނުރައްކަލެއްގެ ވާހަކަ އަޅުގަނޑު އޭނާ ގާތު ބުނީމެވެ. އަމާން ގޮނޑުދޮށެއްގައި ދިރިއުޅުމުގެ ބަދަލުގައި އޭނާ ނިންމީ އަޅުގަނޑާއެކު ބިޔަ ރާޅުތަކުގެ ތެރޭގައި ދަތުރުކުރާށެވެ. މިއީ ރަނގަޅު ނިންމުމެއްކަން ނުވަތަ ނޫންކަން ދެނެވޮޑިގެންވާނީ ﷲ އެވެ. އަޅުގަނޑުގެ އަޒުމަކަށް ކުޑަކޮށްވެސް ބަދަލެއް ނާންނަކަމުގެ ޔަގީންކަން އަޅުގަނޑު މިހާރުވެސް އަރުވަމެވެ. ދުޝްމަނުންނަށްޓަކައި އަޅުގަނޑުގެ ކަނޑީގެ ތޫނުކަން ދުވަހަކުވެސް ކެނޑިގެންނެއް ނުދާނެއެވެ. ރަބީޢާގެ ކަންތަކުގައި އަޅުގަނޑު މިހައި އަވަހަށް ނިންމުން ބަދަލުކުރީމާ ބަޝީރް މަލާމާތް ކުރައްވާނެއޭ ހިތައި ވަރަށް ޖެހިލުންވިއެވެ. އެކަމަކު އަޅުގަނޑާމެދު ކުށް ހީފުޅެއް ނުކުރެއްތީ ޝުކުރު ދަންނަވަމެވެ. ދެން އެންޖެލާ ގާތަށް ވަޑައިގެން އޭނާގެ ހިތް ހަމަ ޖައްސަވައި ދެއްވާށެވެ.]
އިރު އޮއްސިގެން އައި ވަގުތު ސަރަހައްދީ ބާޒުގެ ވާދީގެ ތެރެއިން އިވެނީ ބެރު ދުންމާރީގެ އަޑެވެ. ބަދްރު ބިން މުޣީރާގެ ކާވެނި ރަބީޢާއާ ކުރެވިއްޖެއެވެ. ބަޝީރް ބިން ޙަސަން ކާވެނި އެންޖެލާއާ ކުރެވިއްޖެއެވެ.
(ނުނިމޭ)

ހާދަ ރީޗޭ މިހައި ހިތްވަރުގަދަ މުޖާހިދެއްގެ ވާހަކަ ގެނެސް ދެއްވިކަމަށްޓަކާ ޖަޒާކުމުﷲ ޚައިރާ