ހަނދު އޭގެ ހަނދުވަރާ ނުލާ ....... (19)

( 16 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މީރަބަކީ ، މުރުތަސިމްގެ އަނބިމީހާކަމަށާއި ، މީރަބާބެހޭ އެ މުހިންމު މައްސަލަ ނިންމަން މުރުތަސިމަށް ދޫކޮށްލުމަށް އަންވަރު އެދުނެވެ. އެހެނަސް ، މުރުތަސިމް އެތަނުގައި ނެތުމާއެކީ ، އެކަން މުރުތަސިމުގެ އަތްމައްޗަށް ދޫކޮށްލައިފިން ކަމަށާއި ، މުރުތަސިމް އައިސް އެކަމަށް ގޮތެއް ނިންމާނެކަމަށް ، ޚާނަމް ބުންޏެވެ. އަދި ، ވައްޤާސްއާއެކީ ކަރާޗީއަށް ނުވަތަ އެހެންތަނަކަށްވިޔަސް ، މީރަބް ގެންދިއުމަށް ވައްޤާސްއަށް އެންގިއެވެ. އެގޭގައި މީރަބް ބެހެއްޓޭނެ އެއްވެސް ގޮތެއް ޚާނަމް އެއް ނުދެއްކިއެވެ. އޭނާ ފެންނަ ހިސާބަށްވެސް މީރަބް އަންނާކަށް ޚާނަމް ބޭނުމެއް ނުވެއެވެ.

މީރަބަށް އެގޭގައި ނުހުރެވޭކަމަށް ވަންޏާ ، އަންވަރުވެސް އެގޭގައި ނުހުންނާނެކަމަށް އަންވަރު ބުންޏެވެ. މުރުތަސިމަށްވުރެ މުހިންމު އެއްވެސްމީހަކު ، އޭނާއަށް ނެތްކަމަށާއި އަންވަރުވެސް ދާންބޭނުންކަމަށް ވަންޏާ ދާންވީކަމަށް ޚާނަމް ބުންޏެވެ. މީރަބާއި އަންވަރާ ބެހޭގޮތުން އަންވަރު ނިންމާ ކޮންމެ ނިންމުމެއް ޚާނަމް ޤަބޫލު ކުރާނެއެވެ.

މީރަބް އެގެއިން ނެރެލުމަށްޓަކައި ، ޚާނަމްގެ ހިތަށް ވަސްވާސް ވެއްދުމުގައި ، އެންމެ ތަންފުކެއްވެސް ޙަޔާ ދުލެއް ނުކުރެއެވެ. އެކަމަކު ، ޚާނަމްގެ ނިންމުމަށް މަރިޔަމް އެއްބަހެއް ނުވެއެވެ. އަންވަރާއި މީރަބްގެ މައްޗަށް ހަމްދަރުދީވެ ، ޖަޒްބާތުގައި ޖެހި ، ޚާނަމްގެ ނިންމުން ބަދަލު ނުކުރުމަށް ، ޙަޔާ ހުތްލައިދެމުން ގެންދިޔައެވެ. ޙަޔާގެ ވާހަކަތަކުން ބޮލަށް އުނދަގޫވެގެން ، އެންމެފަހުން ، ޙަޔާ އަނގަ މަޑުންލައިގެން ހުރުމަށް ޚާނަމް އެންގިއެވެ. މީރަބަކީ ، އަންވަރުގެ ދަރިއެއްކަން ، ޙަޔާއަށް ޚާނަމް ހަނދާން ކޮށްދިނެވެ. މީރަބަށްލިބޭ ކޮންމެ ތަކުލީފަކުން އަންވަރުގެ ހިތަށް އުނދަގޫ ވާނެއެވެ.

ހޮސްޕިޓަލަށްދާން މީރަބް ބޭނުންވިއެވެ. މުރުތަސިމް އެވަނީ މީރަބްގެ ފުރާނަ ސަލާމަތްކޮށްދީފައެވެ. އެކަމަށްޓަކއި މުރުތަސިމަށް ޝުކުރު އަދާކުރުމަށް މީރަބް ބޭނުން ވެއެވެ. އެހެންނަމަވެސް ، މީރަބް ހޮސްޕިޓަލަށް ދިޔަތަނުން މީރަބާ ކުރިމަތިލީ ޙަޔާއެވެ. މުރުތަސިމާ ބައްދަލު ކުރުމަށް ، އެކޮޓަރިޔަށް މީރަބް ވަނަ ނުދޭނެކަމަށް ޙަޔާ ބުންޏެވެ. ޙަޔާއާ މީރަބާ ދެމީހުން އެކަމުގައި ޒުވާބު ކުރަން ތިއްބާ ޚާނަމަށް އެތަނަށް އާދެވުނެވެ.

" ޙަޔާއަކީ ، މީރަބްގެ ފިރިމީހާއާ މީރަބް ބައްދަލުކުރަން ހުރަސްއަޅަން ކާކުހެއްޔެވެ ؟ ތިއީ ، މީރަބާ ދެބެންގެ ދެދަރި މީހެއްނޫން ހެއްޔެވެ ؟ ޙަޔާއަކަށް އެކަމަށް ހުރަސް އެޅުމުގެ ޙައްޤެއް ނެތެވެ. އެކަމަކު ، އަހަރެން މިއީ މުރުތަސިމްގެ މަންމައެވެ. މީރަބްގެ ފިރިޔަކަށްވުމުގެ ކުރިން އަހަރެންނަކީ މުރުތަސިމްގެ މަންމައެވެ. މުރުތަސިމާ ބައްދަލުކުރަން ، މީރަބަށް ހުރަސްއަޅާނީ އަހަރެންނެވެ. ކެރެންޏާ ނިކަން އަހަރެން ކޮއްޕާލާފައި އެ ކޮޓަރިޔަށް ވަދެބަލާށެވެ ! " ޚާނަމް ބުންޏެވެ.

އޭރު ، އަންވަރަށްވެސް އެތަނަށް އާދެވިއްޖެއެވެ. އެހެން ނުހެދުމަށް އަންވަރު ، ޚާނަމްގާތު އާދޭސް ކުރިއެވެ. އެހެނަސް ، ޚާނަމްގެ ގޮތެއް ދުލެއް ނުކުރިއެވެ. މުރުތަސިމާ ބައްދަލުކުރަން ، މީރަބަށް ފުރުސަތު ނުދޭނެކަމަށް ޚާނަމް ބުނަމުން ގެންދިޔައެވެ. ޚާނަމް އޭނާގެ ގޮތްދޫނުކުރާނެކަން އަންވަރަށް އެނގުމާއެކީ ، މީރަބް ގޮވައިގެން ހޮސްޕިޓަލުން ނުކުތެވެ.

ހަފުތާއެއްގެ ތެރޭގައި މުރުތަސިމަށް އެނދުގައި އިށީނދެ އިނދެލެވޭވަރަށް ރަނގަޅުވިއެވެ. އަންވަރާއި ވައްޤާސް އާ އަދި މީރަބް ފިޔަވައި ، ގޭގެ އެހެން އެންމެން އޭނާ ދެކިލަން އައިއިރުވެސް ، މީރަބެއް ނާދެއެވެ. ކަންބޮޑުވެގެން ، އެކަމާ މުރުތަސިމް ވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް ، އެކަމަށް ރައްދުދެނީ ޙަޔާއެވެ. ޙަޔާއަށް ވަގުތެއްވާއިރަށް ގޮސް އިންނަނީ ހޮސްޕިޓަލުގައެވެ. މުރުތަސިމް ދެކެން ހޮސްޕިޓަލަށް އަންނަން މީރަބް ބޭނުންނުވާކަން ، މުރުތަސިމްގެ ހިތަށް ވައްދައި ދެވޭތޯ ޙަޔާ ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. މީރަބަކީ ، ކައިވެނިކުރީއްސުރެ ، މުރުތަސިމާއި އެގޭގެ އެންމެންދެކެ ރުޅިއަންނަ މީހެއްކަމަށާއި ، މުރުތަސިމްގެ އަގުވައްޓާއިލުމަށްޓަކައި ، މީރަބް ކޮށްފައިވާ ކަންކަން ، މުރުތަސިމަށް ހަނދާންކޮށްދެމުން ގެންދެއެވެ. މީރަބަކީ ، ކޮންމެ ކަމެއްކުރި ކޮންމެކަހަލަ މީހެއްނަމަވެސް ، ހޮސްޕިޓަލަށް އައިސް އޭނާއާ ބައްދަލުކުރަންޖެހޭނެކަމަށް މުރުތަސިމް ޤަބޫލު ކުރެއެވެ. މުރުތަސިމާ ބައްދަލުކުރަން ހޮސްޕިޓަލަށް އައިތަނުން ، ޙަޔާއާއި ޚާނަމްއާ ދެމީހުން ، އެކަން މަނާކޮށް މީރަބް ފޮނުވައިލެވުނު ވާހަކަ ، މުރުތަސިމްގާތު އެއްވެސް މީހަކު ނުބުނެއެވެ.

ހޮސްޕިޓަލުން ދޫކޮށްލީމަ ، ގެޔަށް އައިސް ، މުރުތަސިމް އެންމެ ފުރަތަމަވެސް ސުއާލުކުރީ މީރަބާ ބެހޭގޮތުންނެވެ. އެކަމަކަށް އެއްވެސް މީހަކު ޖަވާބެއް ނުދެއެވެ. ކޮޓަރިޔަށްގޮސް ބެލިއިރު ކޮޓަރިޔަކުވެސް މީރަބެއް ނެތެވެ. މީރަބަށް ގޮވަމުން ދަނިކޮށް މުރުތަސިމްގެ ކުރިމައްޗަށް ޙަޔާ އެރިއެވެ. މީރަބް ގޭގައި ނެތްވާހަކައާއި ، މީރަބް ދާންބޭނުންވީ ކަރާޗީއަށް ކަމަށާ އަދި އެކަން އަންވަރު މަނާކުރުމުން ، އަންވަރަށް އެގޭގައި ކަނޑައެޅިފައި ހުންނަ ބަނގަލޯގައި މީރަބް އެބައިންކަމަށް ޙަޔާ ބުންޏެވެ. އެތަނަށް މީރަބް ބަދަލުވި ސަބަބެއް ޙަޔާއެއް ނުބުނެއެވެ. އަދި ، އެތަނަށް މުރުތަސިމަށް ނުދެވޭނެކަންވެސް ޙަޔާ އެންގިއެވެ. އެއީ ، މުރުތަސިމާއެކީ އުޅެން މީރަބް ބޭނުންނުވާތީކަމުގައި ޙަޔާ ބުންޏެވެ.

މީރަބްގެ ފުރާނަ ސަލާމަތްކޮށްދިނީ މުރުތަސިމެވެ. މުރުތަސިމްގާތު އަހައިވެސް ނުލައި އޭނާގެ ގެއިން ނުކުމެގެން މީރަބްދާންވީ ސަބަބެއް މުރުތަސިމަކަށް ނުވިސްނުނެވެ. އެކަންވެސް މުރުތަސިމަށް ވިސްނައިދިނީ ޙަޔާއެވެ. ކައިވެނީގެ ފަހުން މުރުތަސިމަށް ކުރިމަތިވި ކޮންމެ ނުރައްކަލެއްގެ ފަހަތުގައިވަނީ މީރަބެވެ. މުރުތަސިމްގެ ފުރާނަޔަކަށް މީރަބް ފަރުވާލެއް ނުބަހައްޓައެވެ. ކޮންމެ ފަދަ ކަމެއްވެސް މުރުތަސިމަށް ކޮށްފާނެއެވެ. ޙަޔާގެ ވާހަކަ މުރުތަސިމަކަށް ޤަބޫލެއް ނުކުރެވުނެވެ. އެކަމާ ޙަޔާއާ ސުއާލުކުރަމުން ގެންދިޔައެވެ. މުރުތަސިމަކީ އޭނާގެ ފިރިމީހާކަމަށް ޤަބޫލު ނުކުރަންޏާ އެގެއިން ނުކުމެގެންދާން ، ޚާނަމް އެންގީމަ ، މީރަބް ނުކުމެގެން ދިޔައީކަމުގައި ޙަޔާ ބުންޏެވެ.

އޭގެ މާނަޔަކީ ، މުރުތަސިމަކީ ، މީރަބްގެ ފިރިމީހާކަމަށް މީރަބް ޤަބޫލު ނުކުރުމެވެ. މުރުތަސިމްގެ ހިތަށް ތަދުވާނެހާ ވާހަކަ ، ހަދަހަދައިގެން ޙަޔާ ކިޔައިދެމުން ގެންދިޔައެވެ.

މުރުތަސިމް ގެޔަށް އައިކަން މީރަބަށް އެނގުމާއެކީ ، މުރުތަސިމާ ބައްދަލުކުރަން ދާން މީރަބް ބޭނުންވިއެވެ. އެހެންނަމަވެސް ، ވައްޤާސް އާއި އަންވަރާ ދެމީހުން މީރަބް ހުއްޓުވިއެވެ. ހޮސްޕިޓަލުގައި އޮތް އިރުއްސުރެ ފަށައިގެން މުރުތަސިމާ ބައްދަލުކުރުން ، އެދެމީހުންނަށް ޚާނަމް އޮތީ މަނާކޮށްފައެވެ. މީރަބް އެގެޔަށް ހިނގައްޖެނަމަ ، މީރަބާ ދިމާލަށް އެއްޗެތި ގޮވާފައި އަނެއްކާވެސް އެގެއިން ބޭރުކޮށްލާނެއެވެ. މުރުތަސިމަށް ޙަޤީޤަތް އެނގިގެން މީރަބްގާތަށް އަންނަންދެން ، މުރުތަސިމާ ބައްދަލުކުރަން އެގެއަށް ނުދިއުމަށް އަންވަރު ބުންޏެވެ. މީރަބަށް އިޙްތިރާމާއި ޤަދަރުކުރަން ، ޚާނަމްއަށް އެނގެން އެބަޖެހެއެވެ. ނަސޭޙަތް ދިނުމަށްފަހު ، މީރަބް ގޭތެރެޔަށް ވައްދައި ، އަންވަރާއި ވައްޤާސް އާ ދެމީހުން މީރަބަށް ހިތްވަރު ދިނެވެ.

މުރުތަސިމް ޙާޞިލްކުރުމަށްޓަކައި ޙަޔާ ކުރަމުން އެގެންދާ މަސައްކަތާމެދު މަރިޔަމް ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. އެއީ ، މީރަބާ ދޭތެރޭ ބޭއިންސާފުން ކުރެވޭ ކަމެއްކަން މަރިޔަމަށް އެނގެއެވެ. މަންމައާއި ޙަޔާއާ ދެމީހުންގެ ބޭނުމަކީ އޭނާގެ ބޭބެ މުރުތަސިމްގެ ޙަޔާތުން މީރަބް ވަކިކޮށްލުންކަންވެސް ، މަރިޔަމަށް އެނގެއެވެ. އެކަން ޙާޞިލްކުރުމަށްޓަކައި ، އެ ދެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަދި ، ޙަޔާއަށް ވެގެންވިއްޔާ މުރުތަސިމްބޭބެއާއި މީރަބާ ބައްދަލުވިޔަކަ ނުދޭނެއެވެ. މަންމައާއި މުރުތަސިމްގެ ހިތް ، މީރަބާދޭތެރޭ ނަފްރަތުންފުރިގެންގޮސް ފަޅައިގެން ނުދަނިސް ޙަޔާގެ މަސައްކަތެއް ނުހުއްޓާނެއެވެ. ޙަޔާ އެކުރަނީ ގޯސްކަމެއް ކަމަށާއި ، އެކަމުގެ ހިތި ޚުދު ޙަޔާއަށް ލިބޭނެކަން މަރިޔަމް ހަނދާން ކޮށްދިނެވެ. އެހެންނަމަވެސް ، އޭނާގެ މަސައްކަތުގައި ފުރާނަ ދުއްވައިލަން ޖެހުނަސް ، ކުރިޔަށްދާން ޙަޔާހުރީ ޢަޒުމް ކަނޑައަޅައިގެންނެވެ.

ގޭތެރޭގައި އިނދެއިނދެ ، މުރުތަސިމަށް ލިބެމުންދާ އުނދަގޫ ހައްތާވެސް ދިޔައީ އިތުރުވަމުންނެވެ. މުރުތަސިމްގެ އެންމެ ބޮޑު ކަންބޮޑޫވުމަކީ ، މީރަބް ނުފެނުމެވެ. އެހެނަސް ، އެކަން އެއްވެސް މީހަކަށް އަންގާކަށް މުރުތަސިމް ބޭނުމެއްނޫނެވެ. ޚުދު އޭނާގެ ނަފްސަށްވެސް އެކަން އަންގާކަށް ހިތެއް ނޭދެއެވެ. އޭނާއާ ބައްދަލުކުރަން މީރަބް ބޭނުންވީމަ އަންނާނެއެވެ.

މީރަބަށްވެސް މުރުތަސިމް ނުފެނި އެތައްދުވަހެއް ވެއްޖެއެވެ. މުރުތަސިމް ދެކެން މީރަބްގެ ހިތް އެދެއެވެ. އެހެންނަމަވެސް ، މުރުތަސިމާ ބައްދަލުކުރަން ، އެގެޔަށް މީރަބް ދިއުމަކީ ، އަންވަރު އެދޭކަމެއް ނޫނެވެ. އެގޭތެރެއިން މީރަބަށް ކުރިމަތިވާ ތަކުލީފުތަކަކީ ، އަންވަރަށް ކެތްކުރެވޭ ވަރުގެ ކަމެއްނޫނެވެ. އެގޭތެރެއިން އެއްވެސް އިޙްތިރާމެއް އަދި ޤަދަރެއްވެސް މީރަބަކަށް ނުލިބެއެވެ. ޚާނަމްއާއި ޙަޔާ އެތިބެނީ އެކަމާ އަބަދު ވިއްދާފައެވެ. މީރަބަށް ކުރެވިދާނެ ޖެއްސުމަކަށް ބަލަބަލައެވެ. މުރުތަސިމްގެ ހިތުގައި މީރަބްގެ މައްޗަށް ނަފްރަތު އުފެދިދާނެ ، އެއްވެސްކަމެއް ނުކޮށް ، އެދެމީހުންކުރެ އެކަކުވެސް ދޫކޮށެއް ނުލައެވެ.

ޚާނަމަށް އެހުރެވެނީ ، މީރަބާ ދިމާލަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާފައެވެ. މުރުތަސިމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ، އޭނާއަށް މީރަބް ނުފެނުންކަން ޚާނަމްއަށް އެނގެއެވެ. ޚާނަމް އެހުރީ ، އެކަމަށް ހުރަސް އަޅައިގެންނެވެ. އެއީ އޭނާކޮށްގެންވާނެ ކަމެއްނޫންކަމުގެ އިޙްސާސް ، ޚާނަމްއަށް މިހާރު އެބަ ކުރެވެއެވެ. އެހެނަސް ، މީރަބާއެކީ މުރުތަސިމަށް ، ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެކަމުގެ ހުރިހާ ސަބަބަކާއި ޙުއްޖަތެއް ޙަޔާ ގެންދިޔައީ ދައްކަމުންނެވެ. މީރަބާއެކީ ، މުރުތަސިމް ދިރިއުޅެންޏާ ، އެކްސިޑެންޓްވުމާއި ، މުރުތަސިމް ފަޟީޙަތްވުން ނޫން އެހެންކަމެއް ނެތެވެ. ހުރިހާވެސް ގެއްލުމެއް އެލިބެނީ މުރުތަސިމަށެވެ. ޙަޔާގެ ބަސްތަކުން ، ޚާނަމްގެ ފިކުރުވެސް ، ކޮންމެވެސް ވަރަކަށް ބަދަލުވަމުން ދިޔައެވެ.

ގޭގެ ހަތަރުފާރުތެރޭގައި ފޫހިވެފައި އިންނަން އުނދަގޫވެ ، ބަގީޗާގެ ތެރެޔަށް މުރުތަސިމް ނުކުމެ އިންދާ މީރަބަށް ފެނުނެވެ. މީރަބް ބެހެއްޓިފައިހުރީ ، މައިގެޔާ ވަކިން ، އަންވަރަށް ޚާއްޞަކޮށްގެން ހަމަ އެގޯތިތެރޭގައި ހެދިފައި ހުރި ބަނގަލޯއެއްގައެވެ. މުރުތަސިމާ ދިމާލަށް ބަލަހައްޓައިގެން އެތައް އިރަކު މީރަބަށް ހުރެވުނެވެ. މުރުތަސިމާމެދު އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މުރުތަސިމާ ބައްދަލުކުރުން ، ޚާނަމް އޮތީ މީރަބަށް މަނާކޮށްފައެވެ. މުރުތަސިމްގާތަށް ގޮސް ވާހަކަ ދައްކާލަންވެސް މީރަބް ބޭނުން ވެއެވެ. އެހެނަސް ، އެއީ އަންވަރުވެސް އެދޭކަމެއް ނޫނެވެ. އެގޭގެ އެއްވެސް މީހަކާ ދައްކާ ވާހަކައިން ، ތަކްލީފުނޫން އެހެންކަމެއް މީރަބަށް ނުލިބޭނެކަން އަންވަރަށް އެނގެއެވެ. ހިތް ފަޅައިގެންދާވަރު ވެފައިހުރެ ، ހިތްވަރު ކޮށްފައި މީރަބް ބޭރަށް ނުކުމެގެންގޮސް ، މުރުތަސިމްގެ ކުރިމަތީ ހުއްޓިލިއެވެ. މީރަބާ ކުރިމަތިވީ ، މުރުތަސިމްގެ ޝަކުވާގެ ސުއާލު ތަކެވެ.

" މިތަނަށް ތިއައީ ކީއްކުރަން ހެއްޔެވެ ؟ އަހަރެން ހޮސްޕިޓަލުގައި މަރުގެ ތުންފަތްމަތީ އޮތްއިރު ، އަހަރެން ދެކިލަން ނައިސް ، މިހާރު ދެން އައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ މީރަބް ތިއީ ހާދަ ހިތްހަރު މީހެކެވެ. ހަމަ އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ ؟ އަހަރެމެން ދެމީހުންގެ މެދުގައި ހަމަ އެއްވެސް ގުޅުމެއް ނެތީ ހެއްޔެވެ. ނޫނީ ، އޮތިއްޔާ އޮތް ގުޅުމެއް ، ކެނޑިގެން ދިޔައީ ހެއްޔެވެ ؟ މިތާ ހުންނާނެކަމެއް ނެތެވެ. ތިއައިތާކަށް ދާށެވެ ! " މުރުތަސިމް ބުނަމުން ގެންދިޔައެވެ.

މުރުތަސިމްގެ ވާހަކަތައް އަޑުއަހަން ، ރޮވިފައި މީރަބް ހުއްޓެވެ. އަނގައިންވެސް ނުބުނެއެވެ. މީރަބްގެ ލޮލުން ފާޅުވާންހުރި ހިތްދަތި ވޭނާއި ، ލޮލުން ފައިބަމުންދިޔަ ކަރުނަ ، މުރުތަސިމަކަށް ފާހަގައެއް ނުކުރެވުނެވެ. މުރުތަސިމްގެ ހިތްވަނީ އެއަށްވުރެ ބޮޑަށް  ތަކްލީފުތަކުން ފުރިފައެވެ.

މީރަބް އެތަނުން ދާން މުރުތަސިމް ބުނިނަމަވެސް ، އެތައް އިރެއްވީއިރުވެސް ، އެތާ ބަހައްޓާފައިހުރި ބުދެއްހެން ، ގުޑާނުލައި މީރަބް ހުއްޓެވެ. އެތަނުން ދާށޭ ބުނެ ، މުރުތަސިމް ހަޅޭއްލަވައިގަތުމާއެކީ ، ސިއްސައިގެން ގޮސް ، މީރަބަށް ރޮވުނެވެ. އަދި ، މަޑުމަޑުން ހިނގާފައި އައިސް އޭނާ ހުންނަ ގެޔަށް ވަނެވެ.

މީރަބް އައިގޮތަށް އައިސް ، ފޮށްޓަށް ހެދުންތައް އަޅައި ، ޕެކްކުރަން ފެއްޓިއެވެ. ދޮރުމަތިން ކުރިކަނޑައިލިތަނާ ، ވައްޤާސް އަށް އެތަން ފެނިގެން އައިސް ، މީރަބް ކުރަން އެއުޅެނީ ކީއްތޯ ސުއާލު ކުރަމުން ގެންދިޔައެވެ. މީރަބް ބޭނުންވީ ، ވަގުތުން ކަރާޗީއަށް ދާށެވެ. އެގޭގެ އެއްވެސްމީހަކު ، އޭނާއަކަށް އަޅައެއް ނުލައެވެ. އެންމެ ދެރަވެގެން މުރުތަސިމްވެސް ، އޭނާއަކަށް އިތުބާރެއް ނުކުރެއެވެ. އެގޭގައި ސަހަލު އެކަކުވެސް ނެތެވެ. އެގޭގައި އޭނާ ހުރުމަކީ ، ގޭގެ އެންމެންނަށް ލިބޭ ތަކުލީފެކެވެ. އެދުވަހުގެ އަޞުރު ވަގުތަށް އަޅާފައި ހުރުމާއެކީ ، ވަގުތުން ކަރާޗީއަށްދާން ދަތުރު ފެށުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވައްޤާސް ބުންޏެވެ. އަދި ، މީރަބް ކަރާޗީއަށް ގެންގޮސް ދިނުމަށް ވައްޤާސް އެއްބަސް ވިއެވެ. އެކަމަކު ، އެކަން ހަމަޖައްސަން އޭނާއަށް ވަގުތުކޮޅެއް ދިނުމަށް ، ވައްޤާސް އެދުނެވެ. އެކަން ހަމަޖެއްސޭނީ އަންވަރާވެސް ވާހަކަ ދައްކައިގެންނެވެ.

ހެނދުނުގެ ސައި ހިފައިގެން ޙަޔާ އައިސް ވަތްއިރު ، މުރުތަސިމަށް އިނީ ނިދިފައެވެ. ޙަޔާ ދެކެމުންދާ ހުވަފެން ޙަޤީޤަތަކަށް ވުމުގެ ޢަލާމާތްތައް އެދަނީ ފެންނަމުންނެވެ. އަންވަރުގެ ބަނގަލޯއިން ސޫޓްކޭސްތަކެއް ނެރޭތީ ، ޚާނަމްގެ ކިބައިން އެކަމުގެ ހުއްދަ  ހޯދަން ، ގޭގެ އިސް ސަރުދާރު ބަޚްތިޔާރު އައިތަނުން ޙަޔާއާ ދިމާވެގެން ، އެވަނީ ކީއްކަން ޙަޔާއޮތީ ސާފުކޮށްފައެވެ. ބަޚްތިޔާރު ބުނިގޮތުގައި އެއެންމެން ކަރާޗީއަށް ދަނީއެވެ. މީރަބްވެސް އެބަ ދެއެވެ. މީރަބް ދާވަހަކަ ބަޚްތިޔާރު ބުނުމާއެކީ ، އަވަހަށް އެމީހުން ފޮނުވައިލުމަށް ޙަޔާ އެންގިއެވެ. އަދި ، އެންމެ ސިކުންތެއްވެސް ލަސްނުކޮށް އެކަން ކޮށް ނިންމައިލުމަށާއި ، ޚާނަމްގާތު އޭނާ އެވާހަކަ ބުނާނެކަމަށް ބުނެ ބަޚްތިޔާރު ފޮނުވައިލިއެވެ.

ހެނދުނުގެ ސައި ހިފައިގެން މުރުތަސިމްގެ ކޮޓަރިޔަށް ޙަޔާއަށް އާދެވުނުއިރު ، މުރުތަސިމަށް އިނީ ގޮނޑީގައި ޖައްސައިލިތަނާ އެއިންގޮތަށް ނިދިފައެވެ. ވީއުފަލުން ، ހިނިތުންވެލައިގެން ހުރެ ، މަޑުމަޑުންގޮސް މުރުތަސިމްގެ މޫނުގައި ފިރުމާލިތަނާ ، މުރުތަސިމަށް ހޭލެވި ، އެތަނަށް ޙަޔާ އައީ ކީއްވެތޯ ސުއާލު ކުރިއެވެ. އެކޮޓަރިޔަށް ޙަޔާ ވަނުން ، މުރުތަސިމް އޮތީ މަނާކޮށްފައެވެ. ކިތަންމެ ވަރަކަށް މަނާކުރިޔަސް ، އެކޮޓަރިޔަށް ނައިހެއް ޙަޔާއަކަށް ނުހުރެވެއެވެ. މީރަބާ ބެހޭގޮތުން ޙަޔާ ދައްކާ ވާހަކައިންނާއި އެކޮޓަރިޔަށް ވަދެ ، ޙަޔާ އުޅޭގޮތުން މުރުތަސިމަށްވެސް އުނދަގޫތަކެއް ވެއެވެ.

ޙަޔާ އެއައީ ސައި ހިފައިގެންނެވެ. ޑޮކްޓަރަށް ދައްކަން މުރުތަސިމް މިއަދު ހޮސްލިޓަލަށްވެސް ދާން ޖެހެއެވެ. ހެދުންވެސް ނަގައިދޭން ޖެހޭނެއެވެ. ކޮންމެވެސް މީހަކު ، މުރުތަސިމަށް އެކަންކަން ކޮށްދޭން ޖެހެއެވެ. މީރަބްވެސް މުރުތަސިމް ދޫކޮށްލާފައި ގޮސް އެހުންނަނީ ، ގޯތިތެރޭގައި ހުންނަ އެހެން ބަނގަލޯއެއްގައިކަން މުރުތަސިމަށް ޙަޔާ ހަނދާން ކޮށްދިނެވެ.  (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.