(24 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބަދްރު ބިން މުޣީރާ ކަންބޮޑުވެވަޑައިގެން އެކި ދިމަދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ. މޫސާ ވަޑައިގެން އޭނާގެ އަތްޕުޅުގައި ހިއްޕަވައިގެން ގެންދަވައި ހަރުފަތްތަކުގެ މައްޗަށް އަރުއްވައިފިއެވެ.
އެހައި ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަފުޅު ދެއްކެވުމަކީ ބަދްރަށް މުޅީން އައު ތަޖުރިބާއެކެވެ. ވަރުގަދަ އިމްތިހާނެކެވެ. އިރުކޮޅެއް ވާންދެން ކަންބޮޑުވެވަޑައިގެން މީސްތަކުންނާ ދިމާއަށް ބައްލަވާން ހުންނަވައިފައި ޖެހިލުންވެވަޑައިގަތުމާވެސް އެކު ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ.
[ގަރްނާދާގެ ޖޯޝީ އަހުލުވެރިންނޭވެ! މުސާ ބިން ޣައްސާންގެ ވާހަކަފުޅަށް ފަހު އެހެން މީހަކު ދައްކާނޭ ވާހަކައެއް އޮތް ކަމަކަށް އަހަންނަކަށް ނުފެނެއެވެ. ޣާފިލުކަމުގެ ނިދީން ހޭލައްވައިލާން ދެންމެއަކު އިއްވައިލެވުނު އިސްރާފީލުގެފާނުގެ ތާޅަފިލީގެ އަޑު ފަދަ އަޑުފުޅަށް ފަހު އެހެން އަޑެއް އަހާން ތިޔަބައި މީހުން ބޭނުންވާނޭ ކަމަކަށްވެސް ނުފެނެއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ވެއްޓެމުން، ނިކަމެތިން ވަމުންދާ ގައުމަކުން މޫސާ ފަދަ މުޖާހިދުން ނެރެވޭނަމަ، އެ ގައުމެއް ބަލިކޮށްލުމަކީ އެއްވެސް ބަޔަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު ތިޔަބައިމީހުން ޤާޢިދަކު ކަމުގައި ގަބޫލުކުރާ މީހަކުގެ އެންގުމަށް ތެދުވެރިކަމާއެކު ހެޔޮހިތުން ލައްބައިކައޭ ގޮވައިލުމަކީ ލާޒިމު ކަމެކެވެ. އެ މީހަކުގެ އެންގުމަށް ފުރިހަމައަށް އަމަލުކުރާން ވާނެއެވެ. ހަނދާންކުރާށެވެ! އަމިއްލައަށް މަރުވެގަންނާން އުޅޭ ބަލިމީހަކު ބޭސްފަރުވާއިން ދުޅަހެއު ހާލަތަކަށް ގެނައުމަކީ ދުނިޔޭގެ އެންމެ މޮޅު ޑަކްޓަރަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ. ތިޔަބައިމީހުންގެ މިއަދުގެ ހާލަތު އޮތް ގޮތް ނޭނގޭ މީހަކު ނުހުންނާނެއެވެ. ވަށައިގެން އޮތް މާހައުލުގެ ހާލަތު ނޭނގޭ މީހަކުވެސް ނުހުންނާނެއެވެ. ހުރިހައި ފަރާތަކުންވެސް މި ވަނީ މުސީބާތުގެ ކޮޅި ނަގައި ބޯމަތިކޮށްފައެވެ. ކޯރްދޮބާއާއި ސެބިއްޔާގައި ހުރި އަހަރެމެންގެ ވެރިކަމުގެ ގަނޑުވަރުތައް ސުންނާފަތި ކޮށްފިއެވެ. އަހަރެމެން ވަނީ މި ގައުމުގައި އަށް ސަތޭކަ އަހަރު ވާންދެން ވެރިކަން ކޮށްފައެވެ. އޭގެ ފަހުން އަހަރެމެންގެ އެތައް ލައްކަ ބަޔަކު އެދަނީ ދުޝްމިނުންގެ އަޅުވެތިކަމުގެ އުޑީގައި ހިމުން ވަމުންނެވެ. ދުޝްމިނުންގެ ހިތަކު އަހަރެމެންގެ މައްޗަކަށް އެއްވެސް ރަހުމެއް ނެތެވެ. އިންސާފެއް ނެތެވެ. މިއަދު އަހަރެމެންގެ ބާރުގެ ދަށުގައި މިއޮތީ ހަމައެކަނި ގްރަނާދާއެވެ. ކޯރްދޮބާއާއި ސެބިއްޔާއާއި ތޮލޭދޯގައި އެތަންތާގެ އަހުލުވެރިން އެޅި ކަތި ފިޔަވަޅުތައް އަހަރެމެން އަޅާން ފަށައިފިނަމަ މިތަންވެސް އަހަރެމެންގެ އަތުން ބީވެގެން ދިއުމުގެ ބިރު އެބައޮތެވެ. ކްރިސްޓިއަން އަމީރުން އެއްބަޔަކު އަނެއްބަޔަކާ އެއްބައިވަންތަވަނީ އަހަރެމެންނާ ދެކޮޅަށެވެ. އެކަމަކު އަހަރެމެން މި ގެންދަނީ އެއްބަޔަކު އަނެއް ބަޔަކާ ދުޝްމިނުވެ ތޮޅެމުންނެވެ. ކާފަރުން އެކަކު އަނެކަކާ ކޮނޑާއި ކޮނޑު ޖައްސައި ސަލާން ކުރަނީއެވެ. އިސްލާމުން އެކަކު އަނެކެއްގެ ކަރު ބުރިކުރަނީއެވެ. ދުޝްމިނުން ސާބިތު ކުރަމުން އެ ގެންދަނީ ކާފަރުން އެންމެން އެއީ އެއް ބައެއް ކަމެވެ. އަހަރެމެން އިސްލާމުންނަކަށް އަހަރެމެން މިއީ އެއް ބައެއް ކަމަކަށް ނުދެއްކެއެވެ. އެ މީހުން ފަތަޙަކުރުމުގެ ޝައުގުވެރިކަމުގެ ސަބަބުން އެއްބައިވަންތަ ވެއްޖެއެވެ. އަހަރެމެންނަކަށް ބަލިވެދާނެ ކަމުގެ ބިރަށްވެސް އެއްބައެއްވަންތައެއް ނުވެވެއެވެ. މޮރޮކޯގެ އިސްލާމުން ދުޝްމިނުން ކަމުގައި ދެކެނީ އަންދަލުސްގެ އިސްލާމުންނެވެ. ބަރްބަރީ އިސްލާމުން އެތިބީ އަންދަލުސްގެ އިސްލާމުންގެ ލެޔަށް ފެންބޮވައިގެންފައެވެ. ނަތީޖާއަކީ އެއް ރަށަށް ފަހު އަނެއް ރަށެއް އަހަރެމެންގެ އަތުން ބީވެގެން ދިއުމެވެ.
އިސްލާމުންގެ ދުޝްމިނުން އަނެއްކާވެސް އެއްބައިވަންތަ ވަނީއެވެ. އެމީހުންގެ ނަޒަރު މިހާރު ހުއްޓިފައި ހުރީ ގްރަނާދާއާ ދިމާއަށެވެ. އަހަރެމެންނަށް ގްރަނާދާ ހިމާޔަތް ނުކުރެވިއްޖެނަމަ އަންދަލުސްގައި އޮންނާނީ ހަމައެކަނި އިސްލާމުންގެ ނަމެކެވެ. އަބޫ މޫސާ މި ހުރިހައި ވާހަކައެއް ދައްކަވައިފިއެވެ. އަހަރެން ބުނަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. މިހާރު އަލްފޮންސޯގެ ބަދަލުގައި އަހަރެމެންނާ ކަނޑިން ވާހަކަދައްކަން ބޭނުން ވެގެން އުޅެނީ ފެރްނާންދޯއެވެ. އެހެންވީމާ މިއަދުވެސް ކަނޑީގެ ބަހުރުވަ އިސްލާމުން ދަންނަކަން އަންގައިދޭން އެބަޖެހެއެވެ. ގްރަނާދާގެ އަހުލުވެރީންނޭވެ! ގަލަމުގެ ބަދަލުގައި ކަނޑީގެ ބަހުރުވަ ރަނގަޅުވާ ހާލަތެއް އަބަދުވެސް ގައުމުގައުމަށް އާދެއެވެ. މިއަދު މިއޮތީ ތިޔަބައިމީހުންނަށް އެ ވަގުތު އައިސްފައެވެ.]
ބަދްރު ބިން މުޣީރާގެ ވާހަކަފުޅު ނިންމަވައިލެއްވުމާއެކު އަނެއްކާވެސް ނަޣަރާގެ އަޑު އުފުލިގެން ދިޔައެވެ. އަބުލްޙަސަން ވިދާޅުވިއެވެ. [އަޅުގަނޑު މިހިރީ މަނިކުފާނާ ވާހަކަ ދައްކައިލާ ހިތުން ކެތްތެރިކަން ކުޑަވެފައެވެ. މަރުހަބާގެ ކަންތަކުން އަވަދިވެވަޑައިގަތީމާ އަބޫ މޫސާ މަނިކުފާނު އަޅުގަނޑާ ހަމައަށް ގެންނާނެއެވެ.]
(3)
ސަރަހައްދީ ބާޒު ގްރަނާދާއަށް ވަޑައިގަތްތާ ދިހަވަނައަށް ވީ ދުވަހު ގްރަނާދާގެ އެތައް ހާސް ރައްޔިތުންނެއް ރަށްބޭރަށް ނުކުމެ ތިބީ އަބުލްޙަސަންގެ ލަޝްކަރަށް އަލްވަދާއު ކިޔާށެވެ. އަމިއްލަ ހަމަނުޖެހުންތަކުގެ ތެރޭގައި ޣާފިލުވެގެން ތިބުމުގެ ބަދަލުގައި ވަކި ކޮމާންޑަރެއްގެ ދަށުގައި ދުޝްމިނުންނާ ހަނގުރާމަކުރުމަށްޓައި ގްރަނާދާގެ ލަޝްކަރެއް ފުރައިގެން މިދަނީ އެތައް އަހަރަކަށް ފަހުގައެވެ. އިސްޕޭނީންނާއި ބަރްބަރީންނާއި އަރަބި އާއްމު އިސްލާމުންނާއި ހުރިހައި ނަސްލެއްގެ އަމީރުންނާއި ސިފައިން އެއް ދިދައެއްގެ ދަށަށް ޖަމާވީވެސް އެތައް އަހަރެއްގެ ފަހުންނެވެ.
ފުރައިގެންދާން އަމުރުކުރެއްވުމުގެ ކުރީން އަބުލްޙަސަން ލަޝްކަރު މުޢާއިނާ ކުރެއްވިއެވެ. އެޔަށް ފަހު ބަދްރު ބިން މުޣީރާއާ މުޚާޠަބް ކުރައްވައި ވިދާޅުވިއެވެ. [އޭ ބަދްރެވެ. މަނިކުފާނު، ފާރުވެފައިވާ ހިތްތަކަށް ފަރުވާ ދެއްވައިފީމުއެވެ. ﷲ ގަންދީ ދަންނަވަމެވެ. އަރަބީންނާއި ބަރްބަރީންނާއި އިސްޕޭނީން މި ގޮތަށް އެކަތިގަނޑަކަށް ވެގެން ތިބިއްޔާ ގިޔާމަތް ދުވަހުން އަޅުގަނޑުމެންނަށް ﷲ ގެ ޙަޟްރަތުގައި ލަދުވެތިވާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެންނަށް އަނެއްކާވެސް ފަރަންސޭސިވިލާތާ ހަމައަށް ދެވޭނޭ ކަމާމެދަކު ޝައްކެއް ނެތެވެ.]
ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މަނިކުފާނުގެ ކަނޑިކޮޅު އުރަކޮޅުން ބޭރުގައި އޮތްހައި ހިނދަކު ގްރަނާދާގެ ރައްޔިތުން ބައިބައިވެގެން ނުދާނޭކަން އަޅުގަނޑަށް ޔަގީނެވެ. އެބައިމީހުން އެއްބައިވަންތަ ކުރާން ބޭނުން ވެފައި އޮތީ ރަނގަޅު މަންސައެކެވެ. އަޅުގަނޑުމެންގެ ކަނޑިތައް ކްރިސްޓިއަނުންގެ ކަނޑިތަކުގައި ޖެހި ކަނިބުރައިގެން ދާހައި ހިނދަކު ގްރަނާދާގެ އަހުލުވެރިން އެތެރޭގެ މާނައެއް ނެތް އަރައިރުންތަކަކަށް ސަމާލުކަމެއް ނުދޭނެއެވެ.]
މި ދަތުރުފުޅުގައި ބޭބޭފުޅުގެ އަރިހުގައި ވަޑައިގަންނަވާން އައްޒަޣަލް ބޭނުންފުޅުވިއެވެ. އެހެންނަމަވެސް އަބުލްޙަސަން ދެކެވަޑައިގަތީ ވެރިކަމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި، އަދި ޚާއްސަކޮށް ދަރިކަލުން ބެލެހެއްޓެވުމަށްޓަކައި އައްޒަޣަލް ރަށުގައި ގާއިމުވެ ހުންނެވުން މާ ރަނގަޅު ކަމުގައެވެ.
އަބުލްޙަސަންގެ ނާއިބެއްގެ ގޮތުގައި ގެންދެވީ މޫސާ ބިން އަބީ ޣައްސާނެވެ. އަވަހަށް އަރައިގަންނާން ތައްޔާރަށް އޮންނަ ޠޫފާނީ ލަޝްކަރުގެ ގިޔާދަތު ހަވާލުކުރެއްވީ ބަދްރު ބިން މުޣީރާއާއެވެ.
ސަރަހައްދީ އިންމަތީގައި ހުރި ބައެއް ތަންތަން އަތުލެއްވެމަށް ފަހު އަބުލްޙަސަން ޞަޚްރާ ހިސާރު ކުރައްވައިފިއެވެ. މިރަށް ހިސާރުކުރެވުނު ޚަބަރު ގްރަނާދާއަށް އައުމުން ރައްޔިތުންގެ މެދުގައި އުފާވެރިކަން ފެތުރިގެން ހިނގައްޖެއެވެ. ސަޚްރާގެ ކްރިސްޓިއަން ވެރިޔާއަކީ އިސްލާމުންނަށް އަނިޔާކުރުމުގައި އަރައިހުރި މީހެކެވެ. ފެރްނާންދޯއަށް ވުރެ މާނުބައި މީހަކު ކަމަށް ވަނީ މަޝްހޫރުވެފައެވެ. މީނާގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން ރަށް ދޫކޮށް ގްރަނާދާއަށް އަންނަ މީހުންގެ ފަރާތުން އަނިޔާވެރިކަމުގެ ދާސްތާން އަހަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންވީމާ ގްރަނާދާގެ އަހުލުވެރިން މިސްކިތްމިސްކިތަށް އަރައި އަބުލްޙަސަނަށް ކާމިޔާބީއާއި ދިގު އުމުރަކަށް އެދި ދުޢާކުރަމުން ގެންދިޔައެވެ.
އަބުލްޙަސަން ހީފުޅުކުރެއްވީ ޞަޚްރާ ފަތަހަކުރެއްވުމަކީ މާ ފަސޭހަފުޅު ކަމަކަށް ނުވާނޭ ކަމަށެވެ. އެހެންނަމަވެސް ހިސާރު ކުރެއްވިތާ ހަތަރުވަނައަށްވީރޭ ތިންވަނަ ދަމަށް އަޅައިގަތްތަނާ އެ ރަށުގައި ދިރިއުޅޭ ސަރުކާރާ ދެކޮޅު އިސްލާމުންގެ ބަޔަކު ފާރައަށް ތިބި މީހުންނާ ހަމަލާދީ އެ މީހުން މަރައިލުމަށް ފަހު ދޮރާށި ހުޅުވައިދީފިއެވެ. އަބުލްޙަސަންގެ ލަޝްކަރަށް އޮތީ ކުރިން މިކަން މިހެން ކުރާން އުޅޭކަން އަންގައިފައެވެ. އެހެންވީމާ މާ ބޮޑު ހަނގުރާމައަކާ ނުލައި ރަށް ފަތަހަ ކުރެއްވިއްޖެއެވެ.
މި ހަނގުރާމައިގައި ޒަޚަމްވީ ވަރަށް މަދު ބައެކެވެ. އަބުލްޙަސަންގެ އަމުރުފުޅަށް އެމީހުން ގެންދިޔައީ ގަވަރުނަރުގެ ގަނޑުވަރުގެ ބޮޑު ކޮޓަރިއަކަށެވެ. މެންދުރު ވަގުތު، އަބުލްޙަސަނާއި މޫސާއާއި ބަދްރު ބިން މުޣީރާ އެމީހުންގެ ހާލު ބައްލައިލައްވާން ސިފައިންގެ ބަޔަކާއެކު އެ ކޮޓަރިއަށް ވަޑައިގެންފިއެވެ. ޒަޚަމްތަކުގައި ބޭސްއަޅާން އުޅުނު މީހުން މި ބޭފުޅުން ވެދެވަޑައިގަތީމާ އަދަބު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެއްޖެއެވެ. އެހެންނަމަވެސް އޭގެ ތެރެއިން އެކަކަކު ކަހާތަން ހިރުވައިވެސް ނުލައި މީހަކުގެ ކަރުގައި ހުރި ޒަޚަމެއްގައި ބޭސްއެޅުމާއިގެން އެބައުޅެއެވެ. އަބުލްޙަސަން ކައިރިއަށް ވަޑައިގަތީމާވެސް ތެދުވާކަށް ނޫޅުނެވެ. އަޅައިގެން ހުރި ހެދުމުން އެއީ ޑަކްޓަރެއް ހެންނެއް ހިޔެއް ނުވެއެވެ. ވައްތަރީ ސިފައިންގެ މީހަކާއެވެ. އޭނާގެ ދަހަނާއިން ގަދަ ވިދުމެއް އަރައަރައި ހުއްޓެވެ.
އަބުލްޙަސަން ބަލިމީހާޔާ ދިމާއަށް ފުންކޮށް ބައްލަވައިލައްވާފައި ސިއްހީ ފަރުވާދޭ މީހުންގެ ކޮމާންޑަރަށް ގޮވައިލައްވާފައި ވިދާޅުވިއެވެ. [މި މީހާއަށް ކަލޭމެންގެ އެހީތެރިކަން ބޭނުންވެއެވެ.]
ކޮމާންޑަރު ދުވެފައި އައިސް ފަރުވާދޭން ހުރި މީހާ އެއްފަރާތަކަށް ކޮއްޕައިލާން މަސައްކަތްކުރަމުން ބުނެފިއެވެ. [ތިޔައީ އަހަރެމެން ކުރަން ޖެހޭ މަސައްކަތެކޭ ކުރިންވެސް ބުނީމެއް ނޫން ހެއްޔެވެ؟]
ފަރުވާދޭ މީހާ އެ ވާހަކައަށް ސަމާލުކަން ނުދިނީމާ ކޮމާންޑަރު ކުޑަކޮށް ނުރުހިފައި ބުނެފިއެވެ. [އަހަރެންގެ ވާހަކައަށް ސަމާލުކަން ނުދިނަސް އެންމެ ކުޑަމިނުން ޢިއްޒަތްތެރި ރަސްގެފާނަށް އިހުތިރާމް ކުރަން ވާނެއެއް ނޫން ހެއްޔެވެ؟ ސިފައިން އުޅެން ޖެހެނީ ހަނގުރާމައިގެ މައިދާނުގައެވެ. މިތާކު ނޫނެވެ.]
ފަރުވާދޭން ހުރި މީހާ ކޮމާންޑަރާ ދިމާއަށް ބަލައިލާފައި ބުންޏެވެ. [އަހަރެންގެ ވަގުތު ބޭކާރު ނުކުރާށެވެ. މީނާ މި އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ.]
އެމީހާގެ އަޑު އިވިވަޑައިގަތީމާ ބަދްރު ބިން މުޣީރާ ސިހިވަޑައިގަތެވެ. އެހެންނަމަވެސް މޫނު ނިވައިގެން ކޮށްގެން ހުރީމާ އެއީ ކާކުކަމެއް ކުއްލިއަކަށް އެނގިވަޑައެއް ނުގަތެވެ.
ކޮމާންޑަރު އަނެއްކާވެސް ނުރުހުމެ ރާގަކަށް ބުނެފިއެވެ. [މާ ބޮޑަށް ބޭސް އަޅާހިތް ވަންޏާ ބޭރަށް ގޮސް މަރުވެފައި ތިބި ދުޝްމިނުންގެ ތެރެއިން މީހަކުގެ ގައިގައި ބޭސް އަޅާށެވެ.]
ބޭސް އަޅައި ނިންމައިލުމަށް ފަހު ފަރުވާދޭން ހުރިމީހާ ބުންޏެވެ. [އަހަރެން މިއީ ކޮންމެހެން ބޭސް އަޅާ ހިތަކުން އުޅޭ މީހަކީމެއް ނޫނެވެ. އަހަރެންގެ ޝައުގުވެރިކަން ހުންނަނީ ބަލިމީހުންނަށް ބޭސްކުރާށެވެ.]
އަބުލްޙަސަންގެ ހައިރާންކަން ޝައުގުވެރިކަމަށް ބަދަލުވެއްޖެއެވެ. އެކަމަކު ކޮމާންޑަރުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ބަލިމީހާގެ ވިންދު ބަލަމުން އެހެން މީހަކާ ދިމާއަށް ބުނެފިއެވެ. [މީނާ މިތަނުން ނެރެގެން ގެންދާށެވެ. މޮޔަވެފައި ހުރި މީހަކާ ވަރަށް ވައްތަރެވެ.]
ސިފައިންގެ މީހަކު އައިސް ފަރުވާދޭން ހުރި މީހާ ނެރޭން އުޅެގަތުމުން އަބުލްޙަސަން އެކަން މަނާކުރައްވައިފިއެވެ.
ކޮމާންޑަރު ބަލިމީހާގެ ކަރުގައި އަޅައިފައިވާ ބޭސްގަނޑު ނައްޓައިލާން އުޅުނީމާ ފަރުވާދޭ މީހާ އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. [ބޭސްގަނޑު ނަގައިފިއްޔާ މީނާ މަރުވާނެކަން ގައިމެވެ. މިއީ ބޭހަކުން ކުރާނޭ ކަމެއް ނެތް ކަމަށް ބަލައި ކަލޭމެން ދޫކޮށްލީ މީހެއް ނޫން ހެއްޔެވެ؟]
މިހައިތަނަށް ކަންތައް ދިޔައީމާ ބަދްރު ބިން މުޣީރާގެ ހުރިހައި ޝައްކެއް ފިލައްޖެއެވެ. އަޑުގެ އިތުރަށް އެމީހާގެ ދަބަސްވެސް ރަނގަޅަށް ފާހަގަ ކުރެއްވިއްޖެއެވެ. އެއީ ބަދްރުގެ ޒަޚަމްތަކުގައިވެސް އެތައް ފަހަރަކު ބޭސް އަޅައިފައިވާ އަތެކެވެ. އެހެންވީމާ މިހާރަކު އޮޅިވަޑައިގަންނަވާނޭ ޖާގައެއް ނެތެވެ. ބަދްރު ކޮމާންޑަރާ ދިމާއަށް ވިދާޅުވިއެވެ. [ކަންބޮޑުވެނުލައްވާށެވެ. އަޅުގަނޑު މީނާ ދަންނަމަވެ. ބަޝީރް މިތަނަށް ވަޑައިގަތީ ކިހިނެއްތޯއެވެ؟]
ބަޝީރް މޫނުފުޅުގައި އޮތް ނިގާބު ނެންގެވުމަށް ފަހު އަބުލްޙަސަންގެ ކުރިފުޅުމަތީގައި އަދަބު އަދާކުރައްވައިފިއެވެ.
މުސާ ސިހިވަޑައިގެން ސުވާލު ކުރެއްވިއެވެ. [ބަޝީރް ބިން ޙަސަންތޯއެވެ؟ މިތަނަށް ވަޑައިގަތީ ކޮން އިރަކުތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑު އައީ މިއަދުއެވެ.]
އަބުލްޙަސަނާ ދިމާއަށް ބައްލަވައިލައްވާފައި މޫސާ ވިދާޅުވިއެވެ. [މިއީ ބަޝީރް ބިން ޙަސަނެވެ. އަޅުގަނޑުމެންގެ ބާޒުގެ ފިޔަފުޅު ބަލަހައްޓަވާ ބޭފުޅަކީ މިއީއެވެ.]
އަބުލްޙަސަން ޖޯޝާއެކު ބަޝީރާ ކޮނޑުފުޅާއި ކޮނޑުފުޅު ޖައްސަވައި ސަލާން ކުރެއްވިއެވެ. [މަނިކުފާނުގެ ތާރީފުގެ ވާހަކަތައް އަޅުނޑު ވަނީ އަހައިފައެވެ.]
އަބުލްޙަސަންގެ އަތްތިލަފުޅުގައި ބޮސް ދެއްވައިފައި ބަޝީރް ވިދާޅުވިއެވެ. [މާފުކުރައްވާށެވެ. މަނިކުފާނަށް އަދަބު ކުޑަ ކުރެވުނީ ޒަޚަމްވެފައި އޮތް މީހާގެ ހާލު ދެރަކަމުންނެވެ.]
(ނުނިމޭ)