
(16 މެއި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަޅުގަނޑު މަނިކުފާނަށް މި ދަންނަވަނީ ވަރަށް ނުރައްކާތެރި ކަމެއް ކުރައްވާށެވެ. އެކަމަކު ކާމިޔާބީގެ ޔަގީންކަން އެރުވުމަކީ އަޅުގަނޑަކަށް ކުރެވޭން އޮތް ކަމެއް ނޫނެވެ. އަލްޙަމްރާއާ ގާތަށް ވަޑައިގެންނެވުމާއެކު މަނިކުފާނުގެ ކޮންމެ ފިޔަވަޅުފުޅަކީ ދިރިހުންނެވުމާއި އަވަހާރަވުމާ ދެމެދު އަޅުއްވާ، ނިހާޔަތަށް ހަނި، އަނިދިރި މަގެއްގައި އަޅުއްވާ ފިޔަވަޅެކެވެ. އެހެންވީމާ އަޅުގަނޑު މި ދެންނެވި ގޮތަށް އަމަލުކުރެއްވުމުގެ ކުރީން ވަރަށް ބޮޑަށް ވިސްނައިވަޑައިގަތުން އެދެމެވެ. ވަގު ރާސްތާއަކުން ރޭގަނޑު މަނިކުފާނަށް އަލްޙަމްރާއަށް ވެދެވަޑައިގެންނެވުމާއި އިރުއަރާއިރު މަނިކުފާނުގެ ބައިވެރީންނަށްޓަކައި ގްރަނާދާގެ ދޮރާށި ހުޅުއްވައިލެވޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ މަނިކުފާނާއެކު އަޅުގަނޑުވެސް ދެން ދުވަހަކުވެސް ނުނުކުމެވޭ ވަރުގެ އަނދިރި ގޮޅިއެއްގައި ބަންދުވުމަކީވެސް އެކަށިގެންވާ ކަމެކެވެ. އެހެން ވެއްޖެނަމަ އަޅުގަނޑުމެންނާއެކު ގްރަނާދާގެ މިނިވަންކަމުގެ އުއްމީދުވެސް ކަފުން ކުރެވޭނެއެވެ. އަޅުގަނޑުގެ މެސެންޖަރު މި ދިގު ސިޓީ މަނިކުފާނުގެ އަތްޕުޅަށް އެރުވީމާ އޭނާ މިކޮޅަށް ނުފޮނުއްވައި އިއްޒަތްތެރި މެހުމާނެއްގެ ގޮތުގައި ބަހައްޓަވާށެވެ. އޭނާގެ އިޚުލާސްތެރިކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެކަމަކު ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމަކަށް ވާތީ މިހެން ދެންނެވީއެވެ. ފެރްނާންދޯ ޖާސޫސުން އެތިބީ މަނިކުފާނު ހައްޔަރު ކުރިމީހަކު ބަރަށް އެމީހަކަށް ރަން ދޭން ތައްޔާރުވެގެންނެވެ.
އަބޫ ދާވޫދް]
ދެވަނަ ފަހަރު ސިޓީ ވިދާޅުވުމަށް ފަހު، ފޭލިގޭގައި މެސެންޖަރު ހުރި ކަމުގެ އިހުސާސެއް ނުކުރައްވައި ދެކޮޅަށް ކުރުކާލި ކަނޑުއްވާން ފައްޓަވައިފިއެވެ. ސިޓީގެ ލަފުޒުތައް އެކި މާނަމާނައިގައި އޭނާގެ ސިކުނޑިފުޅުގައި އެނބުރޭން ފަށައިފިއެވެ. ކުރިފުޅުމަތީގައި ތަސައްވަރު ވަމުން ދަނީ އަލްޙަމްރާގެ ވަށާފާރެވެ. ރޭގަނޑުގެ ފުރަމެންދަމު ފާރެއް ހުރަސް ކުރައްވައި އެތެރެއަށް ވަޑައިގަތުމާއެކު އޭނާ އެ ހުންނެވީ ރަބީޢާގެ ކުރިމަތީގައެވެ. އޭނާއަށް އިސްތިގުބާލު ކުރަމުން ދަނީ ލޯބީގެ ކަރުނައިން ތެމިފައިވާ ހިނިތުންވުމެކެވެ. [ރަބީޢާ... ރަބީޢާ...] އޭނާގެ ހިތްޕުޅުގައި ލަޠީފީ ވިންދު ޖަހަމުން ދަނީއެވެ. [އަބޫ ޢަބްދުﷲގެ ނުތާހިރު ވިސްނުން ހުރި ގޮތް ރަބީޢާއަށް އެނގެއެވެ.] އޭނާގެ ލޭ ކެކޭން ފަށައިފިއެވެ. [ރަބީޢާ އިނީ އަބޫ ޢަބްދުﷲގެ ފަރާތުން އިންނާން އަހަން އައި ޖާރިޔާގެ މޫނުގައި ވަކިއަޅައި ލޭ ދުއްލައިލާން ތައްޔާރަށެވެ.] ބާޒު ހިނިތުންނެވަޑައިގަންނަވަނީއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ލަޠީފީ އިހުސާސްތައް ބޮޑެތި ރޭވުންތަކުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. މިހާރު ބަދްރު ފިކުރު ކުރައްވަމުން ގެންދަވަނީ ކުރިއަށް އޮތް މަސައްކަތްޕުޅުގެ އެކި މަރުހަލާތަކާ މެދުގައެވެ. އަލްޙަމްރާގައި އަބޫ ދާވޫދް އުޅެނިކޮށް އަބޫ ޢަބްދުﷲ ބަޣާވާތް ކުރެއްވީމާ ބަދްރުގެ ހިތްޕުޅުގައި އަބޫ ދާވޫދްގެ މައްޗަށް އޮތީ ބާވަތެއްގެ ޝައްކެއް އުފެދިފައެވެ. އެކަމަކު ސިޓީ ލިބިވަޑައިގަތީމާ އެ ޝައްކު ފިލައިގެން ހިނގައްޖެއެވެ. [އަޅުގަނޑު މަނިކުފާނަށް މި ދަންނަވަނީ ވަރަށް ނުރައްކާތެރި ކަމެއް ކުރައްވާށެވެ. އެކަމަކު ކާމިޔާބީގެ ޔަގީންކަން އެރުވުމަކީ އަޅުގަނޑަކަށް ކުރެވޭން އޮތް ކަމެއް ނޫނެވެ. އަލްޙަމްރާއާ ގާތަށް ވަޑައިގެންނެވުމާއެކު މަނިކުފާނުގެ ކޮންމެ ފިޔަވަޅުފުޅަކީ ދިރިހުންނެވުމާއި އަވަހާރަވުމާ ދެމެދު އަޅުއްވާ، ނިހާޔަތަށް ހަނި، އަނިދިރި މަގެއްގައި އަޅުއްވާ ފިޔަވަޅެކެވެ. އެހެންވީމާ އަޅުގަނޑު މި ދެންނެވި ގޮތަށް އަމަލުކުރެއްވުމުގެ ކުރީން ވަރަށް ބޮޑަށް ވިސްނައިވަޑައިގަތުން އެދެމެވެ.] ސިޓީގެ މި ޢިބާރާތް އޭނާގެ ސިކުނޑިފުޅުގައި ގުގުމަމުން ދަނީއެވެ.
[އަހަރެން ދާނަމެވެ.] އެންމެ ފަހުން އޭނާހައްދަވާނޭ ގޮތް ކަނޑައަޅުއްވައިފިއެވެ.
(2)
ރޭގަނޑުގެ ވަގުތެވެ. ބޯކޮށް ވާރޭ ވެހެނީއެވެ. އަބޫ ދާވޫދް އިނީ އޭނާގެ ގޭގައެވެ. އެ ގޭގެ އެއް ފަރާތުގައި އޮންނަނީ ކޯރެކެވެ. އޭނާ ކޮޓަރިތެރޭގައި ބޭގަރާރުކަމާއެކު ކުރުކާލިކަނޑަނީއެވެ. ހަބުޝީ އަޅަކު ކޮޓަރީގެ އެއް ކަނެއްގައި އިށީނދެގެން އިނެވެ. ގޭގެ އެއްފަރާތު ފާރުގައި ރަނގަބީލެއް އަޅުވައިފައި އޮތެވެ. އަބޫ ދާވޫދް މޫސީއާއެކު ގޮސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ، [މިއަދު އޭނާ ނާންނާނީ ހެއްޔެވެ؟] އަޅުކަލޭގެޔާ ދިމާއަށް ބަލައިލާފައި އޭނާ އަހައިލިއެވެ.
އަޅުކަލޭގެ ބުންޏެވެ. [މި ޠޫފާނުގެ ތެރޭގައި ކޯރު ހުރަސް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.]
އިރުކޮޅެއް ވާންދެން ދެމީހުން ހިމޭނުން އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ކުއްލިއަކަށް ކޮޓަރީގައި އޮތް ރަނގަބޭލުގެ ވާގަނޑަށް ހަރަކާތެއް އަތުވެއްޖެއެވެ. އަދި ރަނގަބީލު ޖެހޭން ފަށައިފިއެވެ.
އަބޫ ދާވޫދް ގޮވައިލިއެވެ. އޭނާ އައީއެވެ.]
އަޅުގަނޑު ތެދުވެގެން ގޮސް އަތްމަތި ހަލުވި ކޮށްލައިފައި ވައުހަރުގަނޑު ތިރިއަށް ވައްޓާލައިފިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަރުގަނޑުގެ އެންމެ ތިރިއަށް ބަރުވެއްޖެކަން އެނގުނެވެ. [އޭނާ މައްޗަށް އަރަނީއެވެ.] އަނެއްކާވެސް ހިނދުކޮޅަކަށް ފަހު ބުނެފިއެވެ. [އަޅުގަނޑަށް ހީވާ ގޮތުގައި މިހާރު ހަރުގަނޑުގެ މެދަކާ ހަމައަށް އެރިދާނެހެން ހީވެއެވެ. ހަރުގަނޑު ކަނޑައިލީމާ އެހެން ގޮތަކަށް ގަތުލު ނުކޮށް ފަރުޖެހިދާނެއެވެ.]
[ސިއްރުން ވާހަކަދައްކާށެވެ. އެއީ ވަރަށް ހުސިޔާރު މީހެކެވެ. އަމިއްލައަށް އެރުމުގެ ކުރިން އޭނާ އެހެން މީހަކު ފޮނުވައިވެސްފާނެއެވެ.]
އަޅުކަލޭގެ ވައި އަޑުން ބުނެލިއެވެ. [އަދި މައްޗަށް އެރީމާ މަނިކުފާނަށް އޭނާގެ އަޑު ފާހަގަ ކުރެއްވޭނެ ނޫންތޯއެވެ؟ އަޅުގަނޑުގެ ކަނޑި މިހާރުވެސް މި އޮތީ ތައްޔާރަށެވެ.]
އަބޫ ދާވޫދް ތުންފަތުގައި އިނގިލި ޖައްސައިލަމުން ހިމޭނުން ހުރުމަށް އިޝާރާތްކޮށްލިއެވެ. އެޔަށް ފަހު ކުޑަ ދޮރުން ބޭރަށް، ތިރިއަށް ބަލާން ފަށައިފިއެވެ. ދެތިން މުށެއްހައި ތިރިން އޭނާއަށް މޫނު ފޮރުވައިގެން އޮތް މީހަކު ފެނިއްޖެއެވެ.
އޭނާ މަޑުމަޑުން ބުނެލިއެވެ. [މަނިކުފާނަށް ވަޑައިގެންނެވުނީތީ ﷲ އަށް ޙަމްދު ކުރަމެވެ.]
މޫނު ފޮރުވައިގެން އޮތް މީހާ ޖަވާބެއް ނުދިނެވެ. އަބޫ ދާވޫދް ސުވާލުކޮށްލިއެވެ. [މަނިކުފާނުގެ އަރިހުގައި އެހެން މީހަކުވެސް އައިތޯއެވެ؟]
މޫނު ފޮރުވައިގެން އޮތް މީހާ ވަރަށް ހަލުވިކަމާއެކު މައްޗަށް އަރައި ކުޑަދޮރުން އެތެރެއަށް ވަދެއްޖެއެވެ. [އަނދިރިކަމުން ގަނޑުވަރުގެ މި ފަރާތް ހޯދަން އަޅުގަނޑަށް ވަރަށް ދަތިވިއެވެ. ލަސްވީ އެހެން ވެގެންނެވެ. މި ދިމާގައި ވަރަށް އޮއިވެސް ގަދައެވެ.]
އަބޫ ދާވޫދް ބުންޏެވެ. [މިއީ ވަރަށް ފިނި ރެއެއް ނޫންތޯއެވެ؟ އަވަހަށް ޖެހިގެން އެހެރަ ކޮޓަރިއަށް ވަޑައިގަންނަވާށެވެ.]
ބަދްރު ބިން މުޣީރާ މޫނުފުޅުގައި އޮތް ފޮށާ ނަންގަވައިފިއެވެ. [މި ކަހަލަ މޫސުންމޫސުމުގައި މިހެން އުޅެން އަޅުގަނޑަށް ހުންނަނީ އާދަވެފައެވެ.]
އަބޫ ދާވޫދް ބުންޏެވެ. [މަނިކުފާނު ވަޑައިގަންނަވާނޭ ކަމުގެ ޔަގީންކަން އަޅުގަނޑަށް އޮތެވެ.]
[މަނިކުފާނު އަޅުގަނޑަށް ގޮވައިލެއްވީ ފަރުޟަކާ ދިމާއަށް އަންނާށެވެ.]
[ހިންގަވާށެވެ. މިތާގައި މި ގޮތަށް ހުންނެވުން ރަނގަޅެއް ނުވާނެއެވެ.]
އަބޫ ދާވޫދާއެކު ވަޑައިގެން ބަދްރު ބިން މުޣީރާ ވެދެވަޑައިގަތީ ވަރަށް ތަނަވަސް ކޮޓަރިއަކަށެވެ. ކޮޓަރީގައި އަޅައިފައި އޮތީ އަގު ބޮޑު ދޫލައެކެވެ. ގޮނޑިތައް ވަނީ ރަނުން ޖަރީކޮށްފައެވެ. ބަދްރު ވަޑައިގެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގަތީމާ އަބޫ ދާވޫދް ބުންޏެވެ. [އަބޫ ދާވޫދް މަތީބުރީގެ ކޮޓަރިއެއްގައި، އަޅުގަނޑުގެ ނޯކަރަކާއެކު ރާޒުވާ ކުޅެން އެބަ އިނެވެ. މަނިކުފާނަށް ތިޔަ ވަޑައިގެންނެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނާ މަޅީގައި ނުޖެހި ސަލާމަތް ވެފައި އެއިނީ ރާޒުވާ ކުޅެން އިނީމައެވެ. އެ ނޯކަރަކީ އިތުބާރު ކުރެވޭ މީހެއް ނޫނެވެ. އެކަމަކު އިރުއަރަންދެން ރާޒުވާ ކުޅުމުގައި އަބޫ ޢަބްދުﷲ މަޝްޣޫލު ކުރުވައިގެން އޭނާ އިންނާނެއެވެ. ގަނޑުވަރުގެ ހުރިހައި ނޯކަރުންނާއި ފާޜަވެރިންނަށް އެނގިފައި އޮންނާނީ އޭނާ ރާޒުވާ ކުޅެން އިންކަމެވެ. އެހެންވީމާ އިރުއަރަންދެންވެސް މިތާގައި އިންނެވިދާނެއެވެ. އޭނާ ހޯދަކަށް މީހަކު ނާންނާނެއެވެ. މިތާގައި އިންނަވާށެވެ. އަޅުގަނޑު ކޮންމެވެސް ގޮތަކުން ނޯކަރު ފޮނުވައިލާނަމެވެ. އޭގެ ފަހުން މައްޗަށް ވަޑައިގަންނަވާން މަނިކުފާނަށް ދަންނަވާނަމެވެ. އޭގެ ފަހުން ކަންތައް ކުރައްވާން ޖެހޭ ގޮތް މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. މި ކޮޓަރިޔާ ޖެހިގެން ހުރި ކޮޓަރީގައި އަޅުގަނޑު ދެންނެވި ހަބުޝީ ޖައްލާދުންގެ ހަތަރު މީހުން ތައްޔާރަށް އެބަތިއްބެވެ. ބޭނުންފުޅު ވުމާއެކު ގެނެވޭ ގޮތަށެވެ. މިތާކު އެއްވެސް ނުރައްކަލެއް ނެތެވެ. އެހެންމީހާ ހިތްޕުޅު ހަމަޖައްސަވައިގެން އިންނަވާށެވެ.]
(3)
އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ބަދްރު ބިން މުޣީރާ ކޮޓަރިތެރެ ބައްލަވާން ފައްޓަވައިފިއެވެ. ކުއްލިއަކަށް އެއް ފަރާތަކުން ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އެނބުރި ބައްލައިލެއްވުމާއެކު އެއްވެސް ހަރަކާތެއް ނުކުރައްވައި ހުންނެވިއްޖެއެވެ. ކުރިފުޅުމަތީގައި އެހެރީ ރަބީޢާއެވެ. އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ.
[ރަބީޢާ...] އޭނާއަށް ބޭއިޚްތިޔާރުގައި ވިދާޅުވެލެވުނެވެ.
ރަބީޢާ ބިރުން ހުރެގެން ކަހަލަ ގޮތަކަށް އަހައިލިއެވެ. [މިތަނަށް... މިތަނަށް ވަޑައިގެންނެވީ ކީއްވެގެންތޯއެވެ؟]
ރަބީޢާ ކަންބިޮޑޫވެފައި ހުރީ ކީއްވެގެންކަން ލަފާކުރައްވާކަށް ބަދްރަކަށް އެނގިވަޑައެއް ނުގަތެވެ. އެހެންވީމާ ހިނިތުންވެވަޑައިގެންފައި އައެްސަވައިލެއްވިއެވެ. [އަހަރެން މިތަނަށް އައުމަކީ ރަބީޢާ ނުރުހޭ ކަމަކީ ހެއްޔެވެ؟]
ރަބީޢާ ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލުމަށް ފަހު ބުނެފިއެވެ. [އަޅުގަނޑު ކޮންމެ ރެޔަކު ދެކޭ ހުވަފެނަކީ ތިޔައީއެވެ. އެކަމަކު މިއީ ހުވަފެނަކަށް ވާނޭ ނަމަ ކޮންފަދަތޯއެވެ؟ އެކަމަކު ކިހައިދެރަތޯއެވެ؟ މިއީ ނުބައި ހުވަފެނެއްގެ ނުބައި ތައުބީރެކެވެ. ﷲ އަށްޓަކައި ދަންނަވަމެވެ. އަވަހަށް މިތަނުން ވަޑައިގަންނަވާށެވެ.]
ކުޑަކޮށް ކަންބޮޑުވެވަޑައިގަތް ނަމަވެސް ބަދްރު އަނެއްކާވެސް ހިނިތުންވެވަޑައިގަންނަވާން މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. [މިތާކު އަހަންނަކަށް އެއްވެސް ނުރައްކަލެއް ނެތެވެ. ރަބީޢާއަށް ނޭނގި އޮވެދާނެއެވެ. އަހަރެން މި އައީ ރަބީޢާގެ ބައްޕަގެ ދަޢުވަތަކަށެވެ.]
[އަޅުގަނޑަށް އެނގެއެވެ. އެންޖެލާ އަޅުގަނޑަށް ހުރިހައި ވާހަކައެއް ކިޔައިދީފިއެވެ. މަނިކުފާނު ތިޔަވަނީ ނުރައްކާތެރި ރޭވުމެއްގެ ޝިކާރައަކަށް ވެވަޑައިގެންފައެވެ. އަދިވެސް ވަގުތު އެބައޮތެވެ. ﷲ އަށްޓަކައި ދަންނަވަމެވެ. އަވަހަށް ސަލާމަތްވެވަޑައިގެން ވަޑައިގަންނަވާށެވެ.]
ބަދްރު ސުވާލުކުރެއްވިއެވެ. [މަތީބުރީގެ ކޮޓަރިއެއްގައި އަބޫ ޢަބްދުﷲ އެބައިން ހެއްޔެވެ؟]
[އެއީ ހައްތަހައިވެސް ދޮގެވެ. ދޮރު ބުޑުގައި ހުރެގެން އަޅުގަނޑު ހުރިހައި ވާހަކައެއް އަޑު އަހައިފީމެވެ. މި ކޮޓަރި މީގެ ކުރިން އެތެރެއިން ތަޅުލާފައި ނެތް ނަމަ އަޅުގަނޑު ފުރާނަޔާ ކުޅެގެން ނަމަވެސް ނުރައްކަލުގެ ޚަބަރު މަނިކުފާނަށް އެރުވީމުހެވެ.]
[އެކަމަކު ރަބީޢާގެ ބައްޕަ މިކަހަލަ ކަމެއް ކުރައްވަފާނޭ ކަމަށް ގަބޫލު...]
[ބައްޕައަކީ ކާކުކަން އަޅުގަނޑަށްވުރެ ބޮޑަށް މަނިކުފާނަކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުމެން މަނިކުފާނުގެ ހިމާޔަތުގައި ތިބި ދުވަސްވަރު މަނިކުފާނަށް ކްރިސްޓިއަނުންގެ ބަޔަކު ހަމަލަދޭތަން ހުވަފެނަކުން ދުށް ވާހަކަ އަޅުގަނޑު ދެންނެވީމެއް ނޫންތޯއެވެ؟ ހަނދުމަފުޅު އެބަހުރިތޯއެވެ؟]
[އާނއެކެވެ. ހަނދާން އެބަހުއްޓެވެ.]
[އެއީ ހުވަފެނެއް ނޫނެވެ. އަޅުގަނޑަށް ބައްޕަގެ ރޭވުން އޮތް ގޮތް އެނގިގެން ދެންނެވި ވާހަކައެކެވެ. އެންޖެލާ އޭރުވެސް ހުރތިހައި ވާހަކައެއް އަޅުގަނޑަށް ކިޔައިދެއެވެ.]
(ނުނިމޭ)