(11 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މި ޖުލޫސް މަލުގެ ވާރޭގެ ތެރެއިން، މަލުގެ މަތީގައި ދަތުރުކުރަމުން އައިސް ރަށުގެ ދޮރާށްޓާ ހަމައަށް އަތުވެއްޖެއެވެ. އަބުލް ޙަސަން އައްޒަޣަލާ ދިމާއަށް ބައްލަވައިލައްވާފައި ލޯފުޅުން އޮހެމުން ދިޔަ އުފާވެރިކަމުގެ ކަރުނަފޮދު ފޮއްސަވައިލެއްވިއެވެ. [މިއީ އަހަރެމެންގެ މީހަކު ކަމުގެ ޔަގީންކަން އަހަންނަށް ކުރިންވެސް އޮތެވެ.] ދެން ބައްލަވައިލެއްވީ އަބޫ ޢަބްދުﷲއާ ދިމާއަށެވެ. [ދަރިފުޅާއެވެ. އޭނާއަށް މަރުހަބާ ދަންނަވަން ދާންވީހީ ދަރިފުޅެވެ.]
[އަޅުގަނޑުތޯއެވެ؟] އަބޫ ޢަބްދުﷲ ހައިރާންފުޅުވެފައި ސުވާލުކޮށްލެއްވިއެވެ.
[އާނއެކެވެ. އޭނާގެ އަތްތިލައިގައި އެންމެ ފުރަތަމަ ބޮސްދޭ މީހަކަށް ވުމަކީ ދަރިފުޅުގެ ވާޖިބެކެވެ.]
[އޭރުން ޝާހީ ޢާއިލާގެ ހައިބަތަށް ވާނީ ކިހިނެއްތޯއެވެ؟]
އަބުލްޙަސަން ވިދާޅުވިއެވެ. [ާޝާހީ އާއިލާގެ ހައިބަތު އަބަދުވެސް އޮންނަނީ ލަދުވެތިވާން ޖެހޭފަދަ ދަރަޖައަކަށް، އޭނާފަދަ މުޖާހިދުންނަށް ދަރައިފައެވެ.]
އައްޒަޣަލް ވިދާޅުވިއެވެ. [ބޭބޭފުޅު ދަރުބާރަށް ވަޑައިގަންނަވާށެވެ. އަޅުގަނޑު ގޮސް އޭނާ ގޮވައިގެން ދަރުބާރަށް އަންނާނަމެވެ.]
އަބުލްޙަސަން ވިދާޅުވިއެވެ. [އަބޫ ޢަބްދުﷲ މިހާރު މިއޮތީ ޝާހީ އާއިލާގެ ހައިބަތުގެ ސުވާލު އުފައްދައިފައެވެ. އެހެންވީމާ ބަދްރު ބިން މުޣީރާގެ އިސްތިގުބާލަށް ނުކުންނާނީ އަހަންނެވެ. ހުރިހައި އަމީރުން ޝާހީ ދަރުބާރަށް އަންނާން އަންގާށެވެ. މާފައްޗެއް ފޮނުވާންވެސް އަންގާށެވެ. އަދި ޖުލޫސް ކުޑައިރުކޮޅަކަށް ދޮރާށި ދޮށުގައި ހިފަހައްޓަން މޫސާއަށް އަންގާށެވެ.]
އޭރު މީސްތަކުން އޮތީ ދޮރާށި ދޮށަށް ޖަމާވެފައެވެ. ބަދްރު ބިން މުޣީރާއަށް ސަނާ ކިޔުމުގެ އަޑުން މުޅި ތަން ވަނީ ގުގުމައިފައެވެ. މޫސާ އަސްކޮޅުގައި ކުރިއަށް ޖެހިވަޑައިގެން މީހުން ދުރަށް ޖައްސަވައި މަގު ތަނަވަސް ކުރައްވައިފިއެވެ. އެކަމަކު ބަދްރުގެ ބައިވެރިން ކުރިއަށް ވަޑައިގަތުމުގެ ކުރީން ދަރުބާރުގެ މޫލަވެރިޔާ ދުވެފައި އައިސް މޫސާގެ ކަންފަތްޕުޅުދޮށުގައި ދަންނަވައިފިއެވެ. [ޝާހީ އަމުރުފުޅު އޮތީ އިއްޒަތްތެރި މެހުމާނުން ކުޑައިރުކޮޅަކު މިތާގައި މަޑުކުރައްވާށެވެ.]
ކުޑައިރުކޮޅެއް ފަހުން އަމީރުންނާއެކު އަބުލްޙަސަން ދޮރާށި ދޮށަށް ނުކުމެވަޑައިގެންފިއެވެ. އެއްވެފައި ތިބި މީހުން ހައިރާންކަމާއެކު މި މަންޒަރު ބަލަމުން ގެންދިޔައެވެ. އަބުލްޙަސަން ހަރުފަތްތަކުން ތިރިއަށް ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގަތީމާ މޫސާއާއި އައްޒައިޣަރީ އަސްކޮޅު ފައިބައިވަޑައިގެންފިއެވެ. ބަދްރު ބިން މުޣީރާގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިގެން ހުރި ނަޢީމް ބިން ރިޟްވާން ދަންނަވައިފިއެވެ. [މަނިކުފާނުގެ އިސްތިގުބާލުގައި އެ ނުކުމެވެޑައިގަތީ ޚުދު ޢިއްޒަތްތެރި ރަސްގެފާނެވެ.]
އެޔާއެކު ބަދްރު އަސްކޮޅުން ފުންމަވައިލައްވައިފިއެވެ.
(2)
އޭރު އަބުލްޙަސަން ވަޑައިގެން އަރައި ހަމަކުރައްވައިފިއެވެ. އަތްޕުޅުން ސަލާންކުރެއްވުމުގެ ބަދަލުގައި އަބުލްޙަސަން ބަދްރު ބިން މުޣީރާއާ ކޮނޑާއި ކޮނޑު ޖައްސަވައި ސަލާން ކުރެއްވިއެވެ. އަދި އަތްޕުޅުގައި އޮތް މަލުގެ ހާރު ބަދްރުގެ ކަރުފުޅުގައި އަޅުއްވައިފިއެވެ. އެޔަށް ފަހު ބަދްރުގެ ދިދަކޮޅުގައި ބޮސްދެއްވައިފައި ވިދާޅުވިއެވެ. [މޫސާއެވެ. ގްރަނާދާގެ އަހުލުވެރިންނަށް އުފާވެރިކަމުގެ ޚަބަރު ދޭށެވެ. މިއަދުން ފެށިގެން ޝާހީ ދަރުބާރުގައި ވިހުރުވޭނީ ބަދްރު ބިން މުޣީރާގެ ދިދަކޮޅެވެ. އަހަރެމެންގެ ދިދަ ބާވެއްޖެއެވެ. ބަދްރު މި ވަޑައިގަތީ އަހަރެމެންގެ އައު ދިދަ ހިއްޕަވައިގެންނެވެ. އަހަރެމެންގެ ކަނޑިތަކުގައި ހުރީ ދަބަރު ޖަހައިފައެވެ. ގުދުރަތުން މި ވަނީ އެކަނޑިތަކުގެ ދަބަރު ފިލުއްވައި އޮފުއަރުއްވާނޭ ބޭފުޅަކު ފޮނުއްވައިފައެވެ. ޢިއްޒަތްތެރި މެހުމާނު އަޅުގަނޑުމެންނާ ހަމައަށް ވަޑައިގެންނެވީތީ ޝުކުރު ދަންނަވަމެވެ.]
މޫސާ ހަރުފަތްތަކުގެ މައްޗަށް އަރައިވަޑައިގެން އެއްވެފައި ތިބި މީހުންނާ ދިމާއަށް އެނބުރިވަޑައިގެންފިއެވެ. މީސްތަކުން އެކަކު އަނެކަކަށް ހިމޭންވާން އިޝާރަތްކުރަން ފަށައިފިއެވެ. ގްރަނާދާގެ އަހުލުވެރިން ގަބޫލުކުރާ ގޮތުގައި މޫސާއަކީ އެބައިމީހުންގެ ތަރުޖަމާނެވެ. އޭނާ އަތްޕުޅު މައްޗަށް ނެންގެވުމާއެކު އެންމެންގެ ސަމާލުކަން އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. މޫސާ ތަގުރީރު ފަށްޓަވައިފިއެވެ. [1]
[ގްރަނާދާގެ އަހުލުވެރީންނޭވެ! މިއަދު ތިޔަބަމީހުންގެ ކުރިމަތީގައި މި ހުންނެވީ އޭނާގެ ކަނޑިކޮޅުގެ މިޔައިން އަންދަލުސްގެ ތާރީޚު ލިޔުއްވި، އަޒުމުފުޅު ވަރުގަދަ މުޖާހިދެކެވެ. އޭނާ ވަނީ މަދު މުޖާހިދުންކޮޅަކާއެކު ނުކުމެވަޑައިގެން ފެރްނާންދޯގެ ރަހުމުކުޑަ ލަޝްކަރު އެތައް ފަހަރަކު ބަލިކުރައްވައިފައެވެ. ތިޔަބައިމީހުންގެ ސަރަހައްދީ ބާޒު، ބަދްރު ބިން މުޣީރާ އެ ވަޑައިގަތީ ތިޔަބައިމީހުންނަށް އޮތް މެސެޖަކާއިގެންނެވެ. އެއީ މިނިވަންކަމާއި އިއްޒަތަށްޓަކައި ލެއިން ފެންވަރާށާއި އަލިފާނުގެ ތެރެއަށް ފުންމައިލާން ތައްޔާރަށް ތިބޭ ބަޔަކު ބަލިކޮށްލުމަކީ ދުނިޔޭގެ އެއްވެސް ބާރަކަށް ކުރެވޭނޭ ކަމެއް ނޫންކަމުގެ މެސެެޖެވެ.
ކޯރްދޮބާއާއި ސެބިއްޔާއާއި ތޮލޭދޯގައި ހުރި އަހަރެމެންގެ އަޒްމަތުގެ ދިދަ ވެއްޓުނީ އަހަރެމެން އަމިއްލައަށް ޚިޔާރުކުޅަ މަގެއްގެ ސަބަބުންނެވެ. އެއީ މީގެ ކުރިންވެސް ގައުމުތައް މަތީ ދަރަޖައިން ވެއްޓި ލަދުވެތިކަމާއެކު ވެއްޔާއި މޮޑެވިގެންދިޔަ މަގެވެ. އަހަރެމެންގެ ހިތްވަރުގަދަ ކާބަފައިން އެ ސަހަރުތަކުގައި އެބައިމީހުންގެ ލެއިން ކުރެހި ޗާޓުތައް މިހާރު ވަނީ އަހަރެމެންގެ ކަރުނައިން ދޮވެވި، ފިލައިގޮސްފައެވެ. އިސްލާމުންނޭވެ! ހަނދާންކުރާށެވެ. ތިޔަބައިމީހުން ކޯރްދޮބާގެ ހިތި ނިމުމުން ޢިބްރަތް ހާސިލު ނުކުޅަނަމަ ފެންނާނީ ކުރިމަގުގެ މުވައްރިޚުން ތިޔަބައިމީހުންގެ ދާސްތާނުގެ ގެއްލިފައިވާ ސަފުހާތައް މާޒީގެ ކުނީގެ ތެރެއިން ހޮވައިގެން ނެރެވޭތޯ މަސައްކަތްކުރާ ތަނެވެ.
ކޯރްދޮބާއާއި ސެބިއްޔާގެ އާލީޝާން ރަސްކަން އެބައިމީހުން ވަރުގަދަކަމާއި ހިތްވަރުގަދަކަމާއެކު އަހަރެމެންގެ އަތުން ޖަހައިގަތީއެއް ނޫނެވެ. އެއީ އަހަރެމެން އަމިއްލަ ފިނޑިކަމުން ދޫކޮށްލީ ތަންތަނެވެ. އަހަރެމެންގެ ތަރައްގީއާއި ސަލާމަތްތެރިކަން އޮތީ އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި ސީދާމަގުން ހިނގުމުގައެވެ. އަރަބި ސަހަރާތަކުން ނުކުމެގެން އައިސް ހިސްޕާނިޔާގެ ފެހި ވާދީތަކާ ހަމައައަށް އަހަރެމެން އައީ އެކަލޭގެފާނު ދެއްކެވި މަގުން ދަތުރުކޮށްފައެވެ. ކިސްރާއާއި ޤައިސަރުގެ ތާޖު ފައިދޮށުލީވެސް އެ މަގުން ދަތުރުކޮށްފައި ގޮހެވެ. އެފްރިކާގެ ހޫނުގަދަ ސަހަރާތަކާއި އީރާނުގެ އަލްބޮރްޒް ފަރުބަދައިގެ ގަނޑުފެނާ ހަމައަށް އަހަރެމެން ގެންގޮސް ދިނީ އެ މަގެވެ.
އަހަރެމެންގެ ވެއްޓުން ފެށުނީ އެ މަގު ދޫކޮށްލި ހިސާބުންނެވެ. އިސްލާމް ދީނުން ވަނީ އަހަރެމެންނަށްޓަކައި ގުދުރަތުގެ އިނާމުގެ ދޮރު ހުޅުވައިދީފައެވެ. ރަޙްމަތުގެ އެ ދޮރު ބަންދުކުރީ އަހަރެމެންގެ އަތުން، އަމިއްލައަށެވެ. އިސްލާމް ދީން އަހަރެމެންނަށް އަންގަނީ ﷲ އަށްޓަކައި ޖިހާދު ކުރާށެވެ. އެކަމަކު އަހަރެމެން އުޅެގަތީ އަމިއްލަ ގައުމުގެ އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރާށެވެ. އިސްލާމް ދީނުން އަހަރެމެންނަށް ދަސްކޮށް ދިނީ އެއްބައިވަންތަވާށެވެ. އަހަރެމެން ޖަމާއަތްތަކާއި ފިރުގާތަކަށް ބެހިގަތީއެވެ. އިސްލާމް ދީނުން ވަނީ ނަސްލީ އިމްތިޔާޒުގެ ބުދު މުގުރައިލައި އުޚުއްވަތުގެ ބިންގައު އަޅައި ދީފައެވެ. އަރަބީންނާއި އަޖަމީން އެއް ސަފެއްގައި އަތުރައިލައިފައެވެ. އެކަމަކު އަހަރެމެން މިތިބީ އެ ބުދަށް އަނެއްކާވެސް އަތުކުރީން ޖާގަދީގެންނެވެ. އަހަރެމެން އެއްކައުވަންތަ ﷲ ގެ ވައުފަށް ދޫކޮށްލައިފީމުއެވެ. ނަސްލީ އިމްތިޔާޒާއި ގައުމިއްޔަތުގެ ބުދުގެ ކުރިމަތީގައި ސަޖިދަ ޖަހައިފީމުއެވެ. ދުނިޔޭގެ ހުރިހައި ދިމާއަކުންވެސް ފެންނަނީ އެއް ނަސްލުގެ އިސްލާމުންނާއި އަނެއް ނަސްލުގެ އިސްލާމުންނާ ދެމެދު ހަނގުރާމަ ކުރަމުންދާ ތަނެވެ. އެއް ގައުމުގެ އިސްލާމުންނާއި އަނެއް ގައުމުގެ އިސްލާމުންނާ ދެމެދު ހަނގުރާމަ ކުރަމުންދާ ތަނެވެ. އަރަބީން ގެންދަނީ އަޖަމީންގެ ކަރު ބުރިކުރަމުންނެވެ. އަޖަމީން ގެންދަނީ އަރަބީންގެ ކަރު ބުރިކުރަމުންނެވެ. ތުރުކީންނާއި އީރާނީން އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ނުކުމެ، ވަރުގަދަ އިސްލާމީ ފަރުބަދަ ވެލިފުންޏަކަށް ހަދައިފިއެވެ. ތާރީޚު ހެކިވާ ގޮތުގައި އަހަރެމެންގެ އިޖްތިމާއީ ބާރަކީ އަނިޔާވެރިކަމާއެކު ހުރަހަކަށް ވެގަތް ކޮންމެ ފާރެއް ވައްޓާލައި އޮޔާ ބައްސައިލީ ވަރުގަދަ ތޫފާނެކެވެ. އެކަމަކު އަހަރެމެން ނަސްލީ ފިތުނައިގައި ޖެހި ވާވަނުމުގެ ސަބަބުން އެންމެ ބަލިކަށި ގައުމުތަކުގެ އަތުން ބަލިވެ އިނދަޖެހުނީއެވެ. މި ހުރިހައި ކަމެއް މިހެން ވެފައި ވާއިރުވެސް އަހަރެމެން އިބުރަތެއް ހާސިލެއް ނުކުރަމުއެވެ.
ގްރަނާދާގެ އިސްލާމުންނޭވެ! ތިޔަބައިމީހުން ނިކަން އަހަރެންގެ ސުވާލަށް ޖަވާބެއް ދީބަލާށެވެ. އެތައް ގަރުނެއްގެ ވެރިކަމަށް ފަހު، ކޯރްދޮބާއާއި ސެބިއްޔާއާއި އަންދަލުސްގެ އެހެން ސަހަރުތައް އަހަރެމެންގެ އަތުން ބީވެގެން ދިޔައީ ނަސްލީ ފިތުނައިގެ ކަނޑަށް އަހަރެމެން ގެނބިގެން ދިޔައީމައެއް ނޫން ހެއްޔެވެ؟ އިބުރަތެއް ނުލިބޭ ހެއްޔެވެ؟ ކްރިސްޓިއަން ލަޝްކަރުތަކުން އަހަރެމެންގެ ސަހަރުތައް ހިސާރުކުރިއިރު އަންދަލުސްގެ އިސްލާމުންގެ ތެރެއިން އަރަބީންނާއި އިސްޕޭނީންނާއި ބަރްބަރީން ތިބީ އެއް ބަޔަކު އަނެއް ބައެއްގެ ކަރުބުރިކުރަން މަސައްކަތްކޮށްކޮށެވެ. އަންދަލުސްގެ އެއް ސަހަރަށް ފަހު އަނެއް ސަހަރެއް ދިޔައީ އަހަރެމެންގެ އަތްދަށުން ވީއްލިގެންނެވެ. އިސްލާމުން މި ވަނީ އެބައިމީހުން އެތައް ގަރުނެއް ވާންދެން ވެރިކަންކުޅަ ގައުމުގެ އަޅުންނަށް ހަދައިފައެވެ. މިއަދު އަހަރެމެންގެ ބާރުގެ ދަށުގައި މިއޮތީ ގްރަނާދާގެ ކުޑަކުޑަ ރަސްކަން އެކަންޏެވެ. މިއީ އަހަރެމެންގެ އެންމެ ފަހުގެ ޖަގަހައެވެ. ދުޝްމަނުން އެ ގެންދަނީ މިތަންވެސް އަތުލައިގަންނާން މަސައްކަތް ކުރަމުންނެވެ. އެކަމަކު އަދިވެސް އަހަރެމެން ހެއެއް ނާރައެވެ. މިހާރުވެސް އަހަރެމެންގެ ތެރޭގައި ނަސްލީ ފިތުނަވެރިކަން އެބައޮތެވެ. އަދިވެސް އިސްޕޭނީންނާއި އަރަބީންނާއި ބަރުބަރީންގެ ތަފާތު ނައްތައިލާކަށް އަހަރެމެން ތިބީ ތައްޔާރު ވެގެންނެއް ނޫނެވެ.
އަންދަލުސްގެ އިސްލާމުން އެ ގެންދަނީ އެބައިމީހުން އަޅުވެތިކޮށްގެން ތިބި ކްރިސްޓިއަނުންގެ އަނިޔާއާއި ގޯނާއަށް ކެތްކުރަމުންނެވެ. އެއީ ގްރަނާދާގެ އިސްލާމުން އެމީހުންނަށް އެހީތެރިވާން އަންނާނޭ ކަމުގެ އުއްމީދުގައެވެ. އެމީހުންގެ އެންމެ ފަހުގެ އެހީތެރިންނަކީ ތިޔަބައިމީހުންނެވެ. ﷲ އެ ގޮތް އިރާދަ ނުކުރައްވާށިއެވެ. އެކަމަކު އަހަރެމެންނަށް އެ މީހުން ސަލާމަތް ނުކުރެވިއްޖެނަމަ އަންދަލުސްގެ ތާރީޚު ވެގެން ދާނީ އަންނާން އޮތް ނަސްލުތަކަށްޓަކައި ހަމައެކަނި އިބުރަތުން ފުރިގެންވާ ދާސްތާނަކަށެވެ. ވީރާނާ ވެފައިވާ އިމާރާތްތަކަށް ބަލަބަލައިފައި ފަތުރުވެރިން ކިޔާނެއެވެ. މި ތަންތަން އިމާރާތްކުރީ ހަމަ ހަގީގަތުގައިވެސް އިސްލާމުން ހެއްޔެވެ؟
ފެރްނާންދޯ ވަނީ އަހަރެމެންގެ ފަރާތުން ވާރަށް އެދިފައެވެ. ޖަވާބުގައި އަހަރެމެން ބުނެފައި ވާނީ އަހަރެމެންގެ ފައިސާ ޖަހާ ކާރުޚާނާތަކުގައި މިހާރު ހަދަމުން ގެންދަނީ ކަނޑިކަމުގައެވެ. މި ޖަވާބު އަހަރެމެން އޭނާއަށް ދިނީ އަހަރެމެންގެ މިނިވަންކަން އަހަރެމެންގެ ކަނޑިތަކުން ރައްކާތެރިކުރާނޭ ކަމުގެ ޔަގީންކަމާ އެކުގައެވެ.]
މޫސާގެ ތަގުރީރު ނިމުމާއެކު ސަރަހައްދީ ބާޒުގެ ވާހަކަފުޅަކަށް އެދި އެއްވެފައި ތިބި މީހުން ހަޅޭއް ލަވާން ފަށައިފިއެވެ. ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވައިލައްވައިފައި އަބުލްޙަސަން ވިދާޅުވިއެވެ. [މަނިކުފާނުވެސް ކޮންމެވެސް ވާހަކަފުޅެއް ދައްކަވާށެވެ. އަޅުގަނޑުގެ ގަނޑުވަރުގެ ކުރިމައްޗަކަށް މިހައި ގިނަ ބަޔަކު މީގެ ކުރީން ދުވަހަކުވެސް އެއްވެފައެއް ނެތެވެ.]
(ނުނިމޭ)
[1] މޫސާ ބިން އަބީ ޣައްސާންގެ ޖޯޝުން ފުރިފައިވާ ތަގުރީރުތަކާއި ފަސާހަތްތެރިކަމުގެ ވާހަކައަކީ އަދި އަދަށް ދާންދެން ފަނޑުނުވެ ހުރި މަޝްހޫރު ވާހަކަތަކެކެވެ. ހިތްވަރުފުޅު ގަދަކަމަށް ބަލާނަމަ އޭނާއަކީ ހިންދުސްތާނުގެ ސުލްޠާން ޓީޕޫއާއި ތުރުކީގެ އަންވަރު ޕާޝާއާ ތަފާތު ބޭފުޅެއް ނޫނެވެ. އިސްޕޭނުގެ މުވައްރިޚުން އޭނާޔާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ލިޔުއްވައިފައި ވެއެވެ. އަންދަލުސްގައި މުސްލިމުންގެ އޮޑި ތޫފާނީ ހާދިސާތަކުގެ ސަބަބުން ފެތިދާނެހެން ހީވީ ދަނޑިވަޅުގައި މޫސާގެ ޝަޚްސިއްޔަތު ވެގެން ދިޔައީ އަލި ފަތުރާ މުންނާރަކަށެވެ. އަންދަލުސްގެ މުސްލިމުންގެ ވެއްޓުމުގެ ދާސްތާން ފުރިހަމަވީ އެ އަޒުމުފުޅު ވަރުގަދަ މުޖާހިދުގެ ކަނޑިކޮޅު ބިނދުނީމައެވެ. ދާރުލްޙަމްރާގެ ފާރުތަކަށް ލޮޅުން އެރީ އެ ވަރުގަދަ ތަނބު ވެއްޓުނީމައެވެ. އޭނާގެ ތަގުރީރުތަކުގެ ސަބަބުން ގްރަނާދާގެ އަހުލުވެރިން ޣަފްލަތުގެ ނިދީން އެތައް ފަހަރަކު ހޭލެއްވިއެވެ. އޭނާގެ ކަނޑިކޮޅު ވަނީ އެބައިމީހުން ފަތަޙައިގެ މަގަށް އެތައް ފަހަރަކު ނެރެފައެވެ. އެކަމަކު އޭނާއަކަށް އޭނާގެ ގައުމު ގެއްލުމާއި ހަލާކުން މިންޖު ކުރެއްވޭ ގޮތެއް ނުވިއެވެ. އެހެނީ ގައުމުގެ ބޮޑުން ތިބީ އަމިއްލަ ހަލާކާއި މަރުވެގަތުމުގެ ފައިސަލާކޮށް ނިންމައިގެންނެވެ
Naeemeve.
Hafthaa aku 1 faharu genesdhevvaa iru edhuvahu thankolheh avas gadiakah
genesdhevveyne gotheh hama hilaa nuvaanethoa.
las gadieggai vias komme hukuraku genesdhevvaathee shukuru kuran vesme
Moosage vaahakain aharemenves ibrah libigannanjehey
Moosa Bin Abee Ghassaange thagreer.konfadha thagreereh. Lolun Karuna hiluvaalifi
އިސްލާމީ ތާރީޙީ ވާހަކަތަކަކީ ކޮންފަދަ އިބްރަތްތެރި ކޮންފަދަ ރިތި ވާހަކަތަކެއްތޯ ޢަބްދުﷲ ނަޢީމު އިބްރާހީމް ޖަޒާކަﷲ ޚައިރަން