
(20 ޖޫން 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާގެ ސިކުނޑިން މި ސުވާލަށް ލިބޭ ޖަވާބަކީ ނޫނެކޭއެވެ. މި ނޫން ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. މިރޭ، ބަދްރު ބިން މުޣީރާއަށް ހަދާނޭ ގޮތެއް ނިންމާނޭކަން އޭނާއަށް އެނގެއެވެ. އޭނާގެ އުއްމީދުގެ ހުރިހައި ބިނާއެއް ފުނޑުފުނޑު ނުކޮށް ބަދްރަށް އެހީތެރިވުމަކީ ކުރެވޭނޭ ކަމެއް ނޫންކަންވެސް އެނގެއެވެ. އޭނާގެ ހިތަށް އެރިއެވެ. [ކޮންމެވެސް ގޮތަކުން އަހަންނަށް އޭނާ ސަލާމަތް ކުރެވުނަސް އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އުފެދުނު ވަރުގަދަ ނަފުރަތު ފޮހެއެއް ނުލެވޭނެއެވެ. ރަބީޢާގެ ފިރިއަކަށް އޭނާ ވިޔަސް، އަހަރެންގެ ހުރިހައި އެދުމަކާ އޭނާ ދެކޮޅު ހަދާނެއެވެ. އޭނާ ހުންނާނީ އަހަރެންގެ މަގަށް ހުރަސް އަޅާ ބޮޑު ފަރުބަދައެއްގެ ގޮތުގައެވެ. އެ ފަރުބަދަ ފުނޑުފުނޑުނުކޮށެއް އަހަންނަކަށް ކުރިއަށް ފިޔަވަޅެއް ނޭޅޭނެއެވެ. ރަބީޢާގެ ފިރިއަކަށް ވިޔަސް އޭނާ ދާނީ އަހަންނާ ދުރުވަމުންނެވެ. އެންމެ ފަހުން އަހަންނާއި އޭނަޔާ ދެމެދުގެ ކަނޑުގެ ފުން ކަމުން އެކަނޑު ހުރަސްކުރުންވެސް އޮންނާނީ ނުކުރެވޭވަރުގެ ކަމަކަށް ވެފައެވެ. ރަބީޢާގެ އުފަލަށްޓަކައި އޭނާ ސަލާމަތް ކޮށްދީފައި ދެން އަހަންނަށް އޮންނާނީ އެންމެ މަގެކެވެ. އެއީ އަހަރެންގެ ހުރިހައި އުއްމީދަކާއި ހުވަފެނެއް ދޫކޮށްލާފައި އެކަހެރިކަމުގައި މުޅި އުމުރު ހޭދަކުރުމެވެ. ނޫނެކެވެ. ނޫނެކެވެ. އެއީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ރަބީޢާއާ މެދު މިހައި ކަންބޮޑުވެގެން އަހަރެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ހައެއްކަ ދުވަސް ވާންދެން އޭނާ ހިތާމައިގައި އުޅޭނެއެވެ. އަހަރެން އޭނާއަށް ވިސްނައިދީފާނަމެވެ. އިސްޕޭނުގައި ފެރްނާންދޯ ނޫނީ އަހަންނާ އެއް ފެންވަރުގެ މީހަކުު ނުހުންނާނެއެވެ. ރަސްރަސްކަލުން އަހަރެންގެ ސުފުރާމަތީގައި އިށީނދެވުނީމާ އުފާކޮށް، ފަޚުރުވެރިވާނެއެވެ. ރަބީޢާ ހިމެނޭނީ ރަނިންގެ ތެރޭގައެވެ. އޭނާ ވާނީީ ރަސްދަރިކަނބަލަކަށެވެ. އެހެންވާ ދުވަހަކު އޭނާގެ ބައްޕައަކީ ދުޝްމިނެއް ނޫންކަން އޭނާއަށް އެނގޭނެއެވެ.]
(2)
ދަރުބާރުގެ ހުރިހައި ދޮރެއްގެ ދޮށުގައި ފާރަވެރިން އެބަތިއްބެވެ. އަބޫ ދާވޫދަށް މަރުހަބާކިޔަން ނުކުތީ ގަނޑުވަރުގެ ސަލާމަތީ ކަންތައްތަކުގެ ވެރިޔާއެވެ. އޭނާ ވަނުމާއެކު އިހުތިރާމު އަދާކުރުމުގެ ގޮތުން އެންމެން ކޮޅަށް ތެދުވެއްޖެއެވެ. އޭނާ އަތުން އެމީހުންގެ އިހުތިރާމަށް ޖަވާބުދެމުން ހިނގައިފައި ގޮސް އަބޫ ޢަބްދުﷲގެ ކުރިފުޅުމައްޗަށް ހުއްޓި ކުރުނީސްކޮށްފިއެވެ. އަދި އެއް ފަރާތުގައި ހުހަށް ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
އަމީރުންގެ ގޮނޑިގޮނޑީގެ ދެ ސަފުގެ މެދުގައި ބަދްރު ބިން މުޣީީރާ ހުންނެވިއެވެ. އަތްޕުޅުގައި ހުރީ ބިޑި އަޅުވައިފައެވެ. ގަދަ ކޯފާގެ ސަބަބުން މޫނުފުޅު ހުރީ ރަތްވެފައެވެ.
ޖެހިގެން ހުރި ގޮނޑީގައި އިންމީހާޔާ ވައިއަޑުން ސުވާލުކޮށްލީމާ އަބޫ ދާވޫދަށް އެނގުނު ގޮތުގައި ބަދްރު މިހާރު ވާހަކަފުޅު ދައްކަވައި ނިންމަވައިފިއެވެ. އެ އަމީރު ބުނި ގޮތުގައި ބަދްރުގެ ވާހަކަފުޅަކީ ދަރުބާރުގައި ތިބި އެންމެންވެސް ނުރުހުނު ވާހަކަފުޅެކެވެ. އަބޫ ޢަބްދުﷲއާ މެދު އޭނާ ވިދާޅުވި ކަމަށް ވެއެވެ. [ކަލެޔަކީ ނިޔަތް ނުބައި މީހެކެވެ. ނުވަތަ މޮޔައެކެވެ. މި ދެ ގޮތުންކުރެ ކޮންމެ ގޮތެއް ވިޔަސް ކަލެއަކީ ހަމްދަރުދީވާން ޖެހޭ މީހެކެވެ.]
އިރުކޮޅެއް ވާންދެން އެކަކު އަނެކަކާ ވާހަކަދައްކަމުން ގެންދިޔައެވެ. އަބޫ ޢަބްދުﷲ އިންނެވީ ހައިރާންފުޅުކަމާއި، ކަންބޮޑުވެވަޑައިގަތުމާއި ކޯފާޔާއެކު ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވާށެވެ. އެހެން އިންނަވައިފައި ވިދާޅުވެއްޖެއެވެ. [އަހަރެން ކަލެއަށް އަދިވެސް ފުރުސަތެއް ދީފީމެވެ. އަހަރެންގެ ވެރިކަން ގަބޫލުކޮށްފިއްޔާ ދުވަސްކޮޅަކު ގްރަނާދާގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ދޫކޮށްލާނަމެވެ.]
ޖަވާބުގައި ބަދްރު ވިދާޅުވިއެވެ. [ތިޔަ ވާހަކައިގެ ޖަވާބު އަހަރެން ދީފީމެވެ. އަހަރެން މިއީ ފިނޑި ސޮހޮލުން ގާތު މައާފަށް އެދި އާދޭސްކުރާ މީހަކީމެއް ނޫނެވެ. ކަލެއަކީ ﷲގެ ބާޣީއެކެވެ. ގައުމަށް ޣައްދާރުވެފައިވާ މީީހެކެވެ. އުފަން ބަފާގެ ދުޝްމިނެކެވެ. ކަލޭ ކަހަލަ ވިޔާނުދާ މީހެއްގެ ވެރިކަން އަހަރެން ގަބޫލެއް ނުކުރާނަމެވެ.]
މިހެން ވިދާޅުވެފައި އަބޫ ދާވޫދާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ކަލޭ އޮޅުކޮށްގެން ގެންގުޅޭނަމޭ ހިތައި ތިޔަ ގެންގުޅޭ މީހާއަކީ ނުރައްކާތެރި، ވިހަގަދަ ހަރުފައެކެވެ. ކަލޭ ހީީކުރަނީ މި ކަލޭގެ ވިހަ ލާނީ ހަމައެކަނި ކަލޭގެ ދުޝްމިނުންގެ ގަޔަށް ކަމަށް ހެއްޔެވެ؟ މީނާގެ ގޮތް އަދި ކަލެއަށް ނޭނގެނީއެވެ. މިއީ އެކަކުގެވެސް އެކުވެރިއެއް ނޫނެވެ. ކަލޭ ހީކޮށްގެން ތިޔަ ހުންނަނީ އަހަރެން ކަލެޔާ ހަނގުރާމަކުރަން އުޅުނު ކަމަށް ނޫން ހެއްޔެވެ؟ އަހަންނަކީ ކުށްވެރިއެއް ކަމަށް ތިޔަ ކަނޑައަޅަނީ އެހެން ވެގެން ނޫންހެއްޔެވެ؟ މި ކަނޑީގެ ނަމުގައިި ބުނަން ހެއްޔެވެ؟ މިއީ ދުޝްމިނުންގެ ލެއިން އެތައް ފަހަރަކު ފެންވަރައިފައިވާ ކަނޑިއެކެވެ. އަހަރެންގެ ހިތުގައި ކަލެޔާ ހަނގުރާމަކުރުމުގެ އެދުމެއް އޮތްނަމަ އަލްޙަމްރާގެ އުސް ފާރަކަށް އަހަރެންގެ ލަޝްކަރު މަތައެއް ނުކުރެވޭނެއެވެ. އަހަރެން އުޅުނީ ކޮންމެވެސް ގޮތަކުން ކަލޭ ހަމަ މަގަށް އެޅުވޭތޯ މަސައްކަތްކުރާށެވެ. ކަލޭގެ ބައިވެރިއެއްގެ ދަޢުވަތަކަށް މި ގަނޑުވަރަށް އައީ އެހެން ވެގެންނެވެ. އަހަންނާމެދު ކަލޭ ބޭނުން ގޮތަކަށް ފައިސަލާކުރެވިދާނެއެވެ. އެކަމަކު އެއީ އަހަރެން މިއީީ ކުށްވެރިއެއް ކަމަށް ސާބިތުކުރެވޭނޭ ކަމެއް ނޫނެވެ. އަދި ކަލޭ ތިޔައީ އަހަންނާމެދު ވަކި ގޮތަކަށް ފައިސަލާ ކުރެވޭ ވަރުގެ ގާޒީއެއް ކަމަށް އަހަރެން ގަބޫލުކުރަން ޖެހޭ ސަބަބެއްވެސް ނޫނެވެ. އަހަރެން ކަލޭގެ ބައްޕަ ގަބޫލުކުރީވެސް އޭނާއަކީ ގްރަނާދާގެ ރަސްގެފާނަށް ވީތީއެއް ނޫނެވެ. އޭނާ ސަންގުމަރުމަރުގެ ގަނޑުވަރެއްގައި ދިރިއުޅުއްވާތީީއެއްވެސް ނޫނެވެ. އަހަރެން އޭނާޔާ ގުޅުނީ އޭނާ ފެރްނާންދޯއާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރެއްވީީތީއެވެ. ކަލެއަކީ ފެރްނާންދޯ ގެންގުޅޭ ކުޅޭކުޅޭ ބުދެކެވެ. އަހަރެން ކަލޭގެ އަތްމައްޗަށް ބައިއަތު ހިފާނެއޭ ކަލޭގެ ހިތަށް އެރީ ކިހިނެއް ހެއްޔެވެ؟]
އަބޫ ދާވޫދް އޭނާގެ ކައިރީގައި އިށީނދެގެން ތިބި އަމީރުން ގާތު ކޮންމެވެސް އެއްޗެކޭ ބުނުމަށް ފަހު ތެދުވެއްޖެއެވެ. [މާތްވެގެންވާ ރަސްގެފާނެވެ. މިހައިތަނަށް މި ކުށްވެރިޔާ ދެއްކި ވާހަކަތަކަށް ބަލާއިރު މީނާއަށް އަޅުގަނޑުމެންނަށް ދެވޭން އޮތް އެންމެ ބޮޑު އަދަބެއް ހައްގުވެއްޖެ ކަމަށް އަމިއްލައަށް ސާބިތުކޮށް ދީފިއެވެ. އެހެންވީމާ އަޅުގަނޑަށް ފެންނަނީ މީނާއަށް އަދަބެއް ކަނޑައެޅުއްވުމަށް ފަހު ދަރުބާރު ނިންމަވައިލައްވާށެވެ. މަނިކުފާނާ މުޚާތަބުކޮށް އަދި މަނިކުފާނުގެ ބައިވެރިންނާ މުޚާތަބުކޮށް މި ކުށްވެރިޔާ ދެއްކި އަދަބު ކުޑަ ވާހަކަތަކަކީ އާދައިގެ ކަމަކަށް ހަދައިފައި ދޫކޮށްލާވަރުގެ ވާހަކަތަކެއް ނޫނެވެ.]
އަމީރުން އަބޫ ދާވޫދްގެ ވާހަކައަށް ތާއީދުކޮށްފިއެވެ.
ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މިކަހަލަ މީހުން ބައިވެރިން ކަމުގައި ދެކޭ މީހަކީީ ބަދުނަސީބު މީހެކެވެ. އަބޫ ޢަބްދުﷲއެވެ. މިއީ ގައުމުގެ މުޅަމަސް ކައިގެން ބޮޑުވަމުންދާ މިނިކާދޫނި ތަކެކެވެ. މިބައިމީހުންނަށް އިތުބާރުކޮށްގެން ކަލޭ ތިޔަ ގެންދަނީ އަމިއްލައަށް ހަލާކުވަމުންނެވެ. އަދި ގްރަނާދާވެސް ތިޔަ ގެންދަނީ ހަލާކުގެ ތެރެއަށެވެ.]
އަބޫ ޢަބްދުﷲ ތެދުވެވަޑައިގެންފިއެވެ. ކޯފާގެ ސަބަބުން ތުރުތުރު އަޅާ ހާލުކޮޅުގައި ވިދާޅުވިއެވެ. [ބަދްރު ބިން މުޣީީރާއަކީ ގްރަނާދާގެ ވެރިކަމުގެ އެންމެ ވަރުގަދަ ދުޝްމިނުކަމުގައި ވާތީ އެކަމުގެ އަދަބެއްގެ ގޮތުން އޭނާ މަރަން އަހަރެން ހުކުންކޮށްފީމެވެ. މާދަމައަށް އިރު އެރުމުގެ ކުރީން އޭނާ ގަތުލުކޮށްލާން ވާނެއެވެ.]
ބަދްރު ބިން މުޣީރާ ފަރުބަދައެއްހެން ސާބިތުކަމާއެކު ކޮޅަށް ހުންނެވިއެވެ. އޭނާގެ ހިމޭން ދޫފުޅުން ވިދާޅުވަމުން ގެންދެވިއެވެ. [އަހަރެން މިހައިތަނަށް އައީީ މަރާ ފީކޯތްކުޅެމުންނެވެ. ކަލެއަށް އަހަރެން މަރުގެ ތުންފަތްމައްޗަށް ގެންދެވިދާނެއެވެ. އެކަމަކު އަހަރެންގެ ހިިނިތުންވުން ފޮހެއެއް ނުލެވޭނެއެވެ. މި ހިނިތުންވުމަކީ އަހަރެން ކަނޑީގެ ހިޔަލުގައްޔާއި ދުނީގެ ވާރޭގެ ތެރެއިން ދަސްކުރި ހިނިތުންވުމެކެވެ. މި ހިނިތުންވުން އެންމެ ފަހު ވަގުތާ ހަމައަށް ގެންދާނީީ ކަލޭގެ ފިނޑިކަމާއި ޗާލާކުކަމާއި މައްކާރީއަށް މަލާމާތް ކުރަމުންނެވެ.]
(3)
އަބޫ ދާވޫދް އޭނާގެ ކުރިމަތީގައި ހުންނެވި ޢަޒުމުފުޅާއި ހިތްވަރުފުޅު ގަދަކަމުގެ ނަމޫނާއަށް ބަލަމުން ގެންދިޔައެވެ. އެ ވަގުތު އޭނާގެ ކުރިމަތީގައި ގްރަނާދާގެ ތަޚުތާއި ތާޖުގެ އަގުވެސް ހެޔޮވެގެން ދިޔަ ކަހަލައެވެ. އޭނާ ހިތާހިތާ ކިޔައިލިއެވެ. [މީހަކު މަރާމެދު މިހައި ބޮޑަށް ފަރުވާ ކުޑަކޮށްލާނޭ މުދަލެއް، ފައިސާއެއް މި ދުނިޔޭގައި ލައްވައިފައި ވޭބާވައެވެ؟ މިބައިމީހުން ދިރިހުރުމާއި މަރާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށް ދެކެނީ ކޮން ކަހަލަ ޖަޒުބާތެއްގެ ސަބަބުން ހެއްޔެވެ؟ މި ހިތްވަރުގަދަ މީހާ އޭނާގެ ޖައްލާދު އެހައި ކައިރިން ފެނުނީމާވެސް އެހެރަގެން ހިނިތުންވަނީއެވެ. ރަބީޢާ އަހަރެން ދިން ބޭސް ޒަހަރު ކަމަށް ގަބޫލުކުރުމާއެކުވެސް ބޮއިލީއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މަރާއި ދިރިހުރުމުގެ ހުރިހައި ސިއްރެއް އެމީހުންނަށް އެނގުނީ ހެއްޔެވެ؟ ނުވަތަ ދިރިހުރުމުގެ އަރާމާއި ލައްޒަތު ރަނގަޅަށް ފެނިފައި ނުވަނީ ހެއްޔެވެ؟ ރެޔާއި ދުވާލު މަރަށް ބިރުން ބޮނދަމުން އުޅޭ ދިރިއުޅުމަކަށް ދިރިއުޅުމުގެ ލައްޒަތޭ ކިއިދާނެ ހެއްޔެވެ؟ އަހަރެން އަންދަލުސްގެ ތަޚުތަށް އަރައިފާނަމެވެ. އޭރުން މަރުގެ ކުރިމަތީގައި ހިނިތުންވާން ދަސްވާނެ ހެއްޔެވެ؟ ނޫނެކެވެ. ކޮންމެ ކާމިޔާބީއަކާއެކު އަހަންނަށްޓަކައި މަރުގެ މޫނު ދަނީ ހުތުރުވަމުން ބިރުވެރިވަމުންނެވެ.]
މަރުގެ ކުރިމަތީގައި ހިނިތުންވެ، މަރު ގަބޫލުކުރުމަކީ އިންސާނާ އޭނާގެ ދިރިއުޅުމުގައި ހޯދާ އެންމެ ބޮޑު ކާމިޔާބީ ކަމުގައި އޭނާއަށް އިހުސާސްކުރެވުނީ މިއަދުއެވެ. އެއީ އެންމެ ވަރުގަދަ ފަތަޙައެވެ. މި ފަތަޙަ ހާސިލުކުރެވެނީ ދިރިހުރުމާއި މަރަކީވެސް ހަމައެކަނި ﷲއަށްޓަކައި ވަގުފުކޮށްފައިވާ އެއްޗަކަށް ހަދާ މީހުންނަށެވެ. އޭނާގެ ހިތަށް އެރިއެވެ. [ބަދްރު ބިން މުޣީރާ ހަނގުރާމަކުރަނީ އަހަރެންހެން އަމިއްލަ ފައިދާއަކަށް ނޫނެވެ. ﷲ އަށްޓަކައެވެ. އޭނާ މަރުގެ ކުރިމަތީގައި ވަރުގަދަ ފަރުބަދައެއްހެން ކޮޅަށް އެހެރީ އެ ހަގީގަތުގެ އެހީގައެވެ. އަހަންނަށްވެސް މަރުގެ މައްޗަށް ބާރު ފޯރުވޭނޭ ނަމައެވެ.]
އަބޫ ދާވޫދް ތެދުވެގެން ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެއްޖެއެވެ. ފާރަވެރިން ބަދްރު ބިން މުޣީރާ ގޮވައިގެން ހިނގައްޖެއެވެ. އަމީރުންނާއި ޢިލްމުވެރިން، ފަހަރަކު މީހަކު އައިސް އަބޫ ދާވޫދްގެ ކާމިޔާބީއަށްޓަކައި އޭނާއަށް ތަހުނިޔާ ކިޔަން ފަށައިފިއެވެ. އެކަމަކު އޭނާއަށް އިހުސާސް ކުރެވެނީ އެމީހުން އޭނާއަށް މަލާމާތް ކުރަނީ ކަމުގައެވެ. އެވަގުތު ނޯކަރަކު އައިސް ބުނެފިއެވެ. [އަބޫ ޢަބްދުﷲ މަނިކުފާނުގެ އިންތިޒާރުގައި އެބައިންނެވިއެވެ.]
ކުޑައިރުކޮޅެއް ފަހުން އަބޫ ދާވޫދް އިނީ ރީތި، ތަނަވަސް ކޮޓަރިއެއްގައި އަބޫ ޢަބްދުﷲގެ ކުރިފުޅުމަތީގައެވެ. ބަދްރު ބިން މުޣީރާގެ ކުރިފުޅުމަތީގައި އިން އިރު އިހުސާސްކުރެވުނު ނިކަމެތިކަމާއި، އަގެއް ނެތްކަމުގެ އިހުސާސް އަބޫ ޢަބްދުﷲގެ ކުރިފުޅުމަތީީގައި އިނދެވުނީމާ މަޑުމަޑުން ކުޑަވާން ފަށައިފިއެވެ. ގްރަނާދާގެ އައު ރަސްގެފާނު އޭނާ ދެކެވަޑައިގަންނަވަނީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ މަލަކޫތީ މަޚްލޫގެއްގެ ގޮތުގައެވެ. އޭނާ ކޮޓަރިއަށް ވަނީމާ ތެދުވެވަޑައިގެން ސަލާން ކުރެއްވުމަށް ފަހު ގުދުވެވަޑައިގެން އޭނާގެ އަތުގައި ބޮސްދެއްވައިފިއެވެ. ވާހަކަފުޅު ދެއްކެވުމުގައިވެސް އަބޫ ޢަބްދުﷲގެ އަޑުފުޅު ވަރަށް މައިތިރިއެވެ. އަދަބުވެރިއެވެ. އަބޫ ޢަބްދުﷲ މީގެ ފަހުން އޭނާގެ ކޮންމެ އިޝާރާތެއް ތިމަން މަނިކުފާނަށް ވާނީ އަމުރަކަށޭ ވިދާޅުވީމާ އަބޫ ޢަބްދުﷲގެ މޭ ފުފިއަރައިފިއެވެ. އިހަށް ހުރި ބޮޑާކަން އަނބުރައި އަތުވެއްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. [މީގެ އިރުކޮޅެއް ކުރީން އަހަރެންގެ ޚިޔާލު ދަތުރުކުރަމުން ދިޔައީ ނުބައި މަގަކުންނެވެ. ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަބޫ ޢަބްދުﷲވެސް އެ އުޅުއްވާ ދުނިޔޭގައި އުޅޭ މީހުންނެވެ. އެ ދުނިޔޭގެ އެއްހާސް މީހުންނަށްވުރެ އަހަރެން މާ ބުއްދިވެރިއެވެ. އަބޫ ޢަބްދުﷲ ކަހަލަ އެތައް ހާސް މީހުން އެއްފަހަރާ އަހަރެން ޖަހާހައި ބެރަކަށް ނެށްޓުވުމަކީ އެއްވެސް ކަމެއް ނޫނެވެ. އަހަރެން މިހާރު މި ވަނީ ކާމިޔާބީގެ މަގު ކޮށައި އަލިކޮށްފައެވެ. އަހަރެން ހިނގާނީ އެ މަގުގައެވެ. ކޮންމެ އައު ކާމިޔާބީއަކާއެކު އަހަންނަށް އިހުތިރާމްކުރާ މީީހުން ދާނީ ގިނަވަމުންނެވެ. ދުނިޔޭގައި ނުފުއްދޭ އެއްވެސް ކަމެއް އޮތްކަމުގެ އިހުސާސެއް މަރުވާއިރުވެސް އަހަންނަކަށް ނުކުރެވޭނެއެވެ. ބަދްރު ބިން މުޣީރާއާމެދު ވިސްނުމަކީ އަހަރެން ކުރަންޖެހޭ ކަމެއް ނޫނެވެ. އޭނާގެ ދުނިޔެއާއި އަހަރެންގެ ދުނިޔެއާ މުޅީން ތަފާތެވެ. އޭނާޔާމެދު ވިސްނައި، ކަންބޮޑުވުމަކުން އަހަންނަށް ކުރާނޭ ފައިދާއެއް ނެތެވެ. އަހަރެންގެ ދުނިޔެއަކީީ އަބޫ ޢަބްދުﷲ ކަހަލަ ސޭކުން ދިރިއުޅޭ ދުނިޔެއެވެ. އަހަރެން ދުނިޔެއަށް ފޮނުއްވައިފައި މިިވަނީ އެކަހަލަ އެތައް ލައްކަ ބައެއްގެ މައްޗަށް ވެރިކަން ކުރާށެވެ. އިންސާނުންގެ ބައިގަނޑުތައް ލަވަމުން ދާށެވެ.] ޚިޔާލުތައް ގިނަވަމުން ގޮސް އެންމެ ފަހުން ރަބީޢާގެ ޚިޔާލުވެސް ކުރެވިއްޖެއެވެ. އެޔާއެކު އޭނާ ހޭއަރައިގެން ސުވާލުކުރަން ފެށީމާ ދޭނީ ކޮން ޖަވާބެެއް ބާވައޭ ހިތައި ކަންބޮޑުވާން ފަށައިފިއެވެ. [އޭނާ ކަަންބޮޑުވެފައި ހުރި ވަރުން ނިދާބޭހުގެ އަސަރު ނުކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ބުނާނީ ކީީކޭ ހެއްޔެވެ؟ އެންޖެލާވެސް އެއިނީ ދައްތަގެ ކޮޅަށެވެ. މިހާރުވެސް ދޮރުމަތީގައި އަހަރެންގެ އިންތިޒާރުގައި ހުންނާނެކަން ނޭނގެއެވެ. ދައްތަގެ ލޯތްބާއި ހަމްދަރުދީީގައި އޭނާ ބައިލާ ކަރުނައިގެ ސަބަބުން އަހަރެން ވަރަށް ކަންބޮޑުވާނެއެވެ.]
އަބޫ ދާވޫދް ފަދައިން އަބޫ ޢަބްދުﷲވެސް އިންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. ހިތްޕުޅަށް އެރިއެވެ. [ބަދްރު ހައްޔަރުކުރި ޚަބަރު މިހާރު އޮންނާނީ ގަނޑުވަރުގައި އަންހެނުން ދިރިއުޅޭ ބަޔަށް ފޯރައިފައެވެ. މޫސާ ހައްޔަރުކުރީމާވެސް މަންމާފުޅާއި އަނބިމީހާ ތިން ދުވަސް ވާންދެން ނުކައެވެ.]
އޭނާ އަބޫ ދާވޫދާ ދިމާއަށް ބައްލަވައިލައްވައިފައިި އޭނާ ވިދާޅުވިއެވެ. [އަހަރެން އޮންނާނީ އޭނާ ގަތުލު ކުރުމާއެކު ވަގުތުން އަހަންނަށް އަންގާށޭ ބުނެފައެވެ. މި ކަންތައް ނުނިމެނީސް އަހަރެން އަންހެނުން އުޅޭ ބަޔަކަށް ނުދާނަމެވެ.]
އަބޫ ދާވޫދް ބުންޏެވެ. [މަނިކުފާނު ތިޔަ ފިކުރުފުޅު ކުރައްވަނީ ރަބީޢާގެ ކަންތަކާހެދި ކަމަށް ވެދާނެއެވެ. އެއީ އަޅުގަނޑު ހީކޮށްގެން ހުރި ކަހަލަ ކަމެއް ނޫނެވެ. ރަބީޢާއަކީ ވަރަށް ނާޒުކު ހިއްސެއްގެ ކުއްޖެކެވެ. ކޮޓަރިއަށް ދިޔަ ގޮތަށް އޭނާ ހޭނެތިއްޖެއެވެ. އެ ވަގުތު ކުޅަ ކަމެއް ކުޅައީ ހަމަ ހެއިން ބޭރުގައިކަން އަޅުގަނޑަށް ޔަގީނެވެ.]
އަބޫ ޢަބްދުﷲ ކުޑަކޮށް ވިސްނަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [އެއްޗެކޭ ހީފުޅު ނުކުރައްވާނެ ކަމަށް ހީކުރަމެވެ. އޭނާ އެކަމެއް ކުޅައީ ހަމަހޭގައި ކަމުގައި ވިޔަސް އަޅުގަނޑު ހައިރާނެއް ނުވާނެއެވެ. ގްރަނާދާގެ އެތައް ހާސް އަންހެންކުދިންނެއް އޭނާ އެކުރާ ޚިޔާލު އެބަކުރެއެވެ. އޭނާގެ ސިފަ ފެނިފައި އަޅުގަނޑުގެވެސް ހިތަށް އެރިއެވެ. އަޅުގަނޑަކީ އަންހެންކުއްޖަކަށް ވީނަމަ އެހެރަ ރީތިކަމަކާއި ފިރިހެންވަންތަކަމެއް ދެކިފައި ފިދާވީމުހެވެ. އެކަމަކު ރަބީޢާ ވަރަށް އަވަހަށް އޭނާގެ މަތީން ހަނދާން ނައްތައިލާނޭ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.]
މައުޟޫއު ބަދަލުކޮށްލުމުގެ ބޭނުމުގައި އަބޫ ދާވޫދް ބުނެފިއެވެ. [މައްޔިތާއަށް ކުރަން ޖެހޭ ހުރިހައި ކަމެއް ނިިންމައިފައި ނޫނީ އެމީހުން މަނިކުފާނާ ހަމައަކަށް ނާންނާނެއެވެ. އެހެންވީމާ ފޫހިފުޅު ފިލުވައިލައްވާން ރާޒުވާގަނޑެއް ޖަހައިލުން ކިހިނެއް ވާނެތޯއެވެ؟]
އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [ތިޔަ ވިދާޅުވީ ހަމަ އަޅުގަނޑުގެ ހިތަށް މި ވަގުތު އެރި ވާހަކައެވެ. އެކަމަކު އަޅުގަނޑުގެ ޝަރުތެއް އެބައޮތެވެ. ރޭގަނޑުގެ ބާކީ އޮތްބައި ދެމީހުން ހޭދަކުރާނީ މިތާނގައެވެ.]
އަބޫ ދާވޫދް ބުންޏެވެ. [މެންދުރުވާންދެންވެސް އަޅުގަނޑު މިއިން ގޮނޑިން ނުތެދުވެ އިނދެދާނަމެވެ.]
(ނުނިމޭ)