
(19 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
[ރަސްގެފާނު އައްޒަޣަލްގެ އެދުންފުޅަކަށް އަޅުގަނޑު މަންޞޫރު ބިން އަޙްމަދާއި އޭނާގެ ބައިވެރިންނާ ދިމާއަށް ރަޙްމަތްތެރިކަމުގެ އަތް ދިއްކުރަމެވެ. ދިގު ހަނގުރާމަތަކަކަށް ފަހު، އަންދަލުސްގެ ޢާއްމު ރައްޔިތުންގެ ލާބަޔަށްޓަކައި ކްރިސްޓިއަނުންނާއި އިސްލާމުންގެ މެދުގައި ސުލްހަވެރިކަން ގާއިމުކޮށް އަމާންކަމުގެ މަގެއް ހޯދުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވިއްޖެއެވެ. އަޅުގަނޑުގެ މި އިހުސާންތެރި ހުށަހެޅުން، އަޅުގަނޑުމެންގެ އެންމެ ބޮޑު ދުޝްމިނު ގަބޫލުފުޅު ކުރައްވާނޭ ކަމަށް ހީކުރަމެވެ. އަމަންއަމާންކަމަށްޓަކައި އަޅުގަނޑު މިކުރާ މަސައްކަތުގަތުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށްވެސް ހީކުރަމެވެ. ސުލްހައަށްޓަކައި އަޅުގަނޑުމެންގެ ހުށަހެޅުން މި ދަންނަވަނީއެވެ.
(1) ތަދްމީރް ފަރުބަތަކާއި ޖަބަލުއްޝަލީރާ ދެމެދު އޮތްތަނަކީ ބާޒުގެ ސަރަހައްދު ކަމަށް މަޝަހޫރުވެފައިވާ ސަރަހައްދެވެ. އެ ސަރަހައްދު ވެގެންދާނީ މިނިވަން ސަރަހައްދަކަށެވެ. މަންޞޫރު ބިން އަޙްމަދު ނުވަތަ އެމީހުން ބޭނުންވާ އެހެން މީހަކުނަމަވެސް ވެރިކަމަށް ހޮވުމުގެ އިޚްތިޔާރު އެ ސަރަހައްދުގެ ރައްޔިތުންނަށް އޮންނާނެއެވެ.
(2) ބޭރުން އަންނަ ހަމަލައެއް ދިފާއުކުރުމަށްޓަކައި ކުރާ ކޮންމެ ހަނގުރާމައެއްގައި އަޅުގަނޑުމެން އެ ސަރަހައްދުގެ ވެރިކަމަށް އެހީތެރިވާނަމެވެ.
މި އިހްސާންތެރި ހުށަހެޅުމާއެކު އަޅުގަނޑުމެން އެދޭ ކަންކަން މި ދަންނަވަނީއެވެ.
މި ވަގުތު މަންޞޫރް ބިން އަޙްމަދުގެ ބާރުފުޅުގެ ދަށުގައި އޮތް އުތުރުގެ ބަނދަރާއި އިރުމަތީގެ ބަނދަރު އަޅުގަނޑުމެންނާ ހަވާލުކުރައްވާން ވާނެއެވެ. އަދި އޭގެ ފަހުން މަންޞޫރު ބިން އަޙްމަދުވެސް ނުވަތަ އޭނާގެ ބަދަލުގައި ވެރިކަމަށް ވަޑައިގަންނަވާ އެހެން ބޭފުޅަކު ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ސަރަހައްދަށް ހަމަލައެއް ނުދެއްވާނޭކަމުގެ ޔަގީންކަން ދެއްވާން ވާނެއެވެ. ގްރަނާދާއާއި އަންދަލުސްގެ ވެރިން މިހާރު ތިއްބެވީ އަޅުގަނޑުމެންނާ ބައިއަތު ހިއްޕަވައިގެންނެވެ. އެހެންވީމާ އެއިން އެއްވެސް ތަނެއްގައި ހިނގާ އެއްވެސް ކަމަކަށް ބާރެއް ނުވަތަ ނުފޫޒެއް ފޯރުއްވައިގެން ނުވާނެއެވެ. އިސްލާމަކަށް ވިޔަސް ނުވަތަ ކްރިސްޓިއަނަކަށް ވިޔަސް، އަޅުގަނޑުމެންނާ ދެކޮޅަށް ތެދުވާ އެއްވެސް ބާޣީއަކަށް އެއްވެސް ބާވަތެއްގެ މަދަދެއް ދެއްވައިގެން ނުވާނެއެވެ.]
ސިޓީ ވިދާޅުވެ ނިންމެވުމަށް ފަހު ބަޝީރް ބިން ޙަސަން ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. ދެން ތިއްބެވި ބޭފުޅުންގެ ނަޒަރުފުޅުވެސް ހުއްޓިފައި ހުރީ އޭނާޔާ ދިމާއަށެވެ. ބަދްރުވެސް އެބޭފުޅުންނާ ދިމާއަށް ބައްލަވައިލައްވައިފައި ސުވާލުކުރެއްވިއެވެ. [މި ހުށަހެޅުންތަކާ ބެހޭ ގޮތުން މަންޞޫރު ވިދާޅުވަނީ ކީކޭތޯއެވެ؟]
މަންޞޫރު، ބަޝީރާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު އަނެއްކާވެސް ބަދްރާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ތިޔަ ސުވާލުކުރައްވަނީ އަންދަލުސްގެ އިސްލާމުންގެ ޖަނާޒާ އުފުލާން ތައްޔާރަށް ހުރިތޯ ކަމުގައި ވަނީ ވިއްޔާ އަޅުގަނޑުގެ ޖަވާބަކީ ނޫނެކޭއެވެ.]
ބަދްރު ސުވާލުކުރެއްވިއެވެ. [ބަޝީރް ވިދާޅުވަނީ ކީކޭތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑުމެންގެ ގައުމުގެ ނައު ގެނބެނީކަން އަޅުގަނޑަށް ޔަގީންވިޔަސް، އެ ނައު ދޫކޮށްލައިފައި ހުއިކޮޅެއްގައި އެލިގަންނާން އުޅޭކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ.]
ބަދްރު ބިން މުޣީރާ، އައްޒަޣަލާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [އަޅުގަނޑުމެން ވަރުބަލިވެއްޖެކަމާއި ނިދި އަންނާން ފަށައިފިކަން ފެރްނާންދޯއަށް ޔަގީންވެއްޖެއެވެ. އޭނާ ބޭނުންވަނީ އަޅުގަނޑުމެންގެ ކަރުގައި ހިފުމުގެ ކުރީން ނިންދަވާށެވެ. އަޅުގަނޑުމެންގެ ކަންފަތްދޮށުގައި ނާނާވިދާޅުވާން އޭނާ ޚިޔާރުކުޅައީ ގްރަނާދާގެ ރައްޔިތުން ޣާފިލުކަމުގެ ނިދީން ހޭލެއްވުމަށްޓަކައި އެތައް މަސައްކަތްޕުޅެއް ކުރެއްވި މުޖާހިދެކެވެ. އޭނާގެ އިހުސާންތެރިކަމުގެ ބޭހަކީ އަޅުގަނޑުމެންނަށް ދޭ ނިދާބޭހެކެވެ. އެ ބޭސް އަޅުގަނޑުމެންނަށް ދެއްވުމާ އޭނާ ހަވާލުކުޅައީ އިއްޔެއާ ހަމައަށް ގްރަނާދާގެ ދިފާޢުގައި އުފުލައިލެވިފައި ހުރި ވަރުގަދަ ކަނޑީގެ ވެރިޔާއެވެ. ގްރަނާދާގެ އެންމެ ފަހުގެ އުއްމީދު މިއަދު އަޅުގަނޑުމެން ތިޔަ ގެންދަވަނީ މާޔޫސީގެ އަނދިރި ވަޅުގަނޑަކާ ދިމާއަށެވެ. އަޅުގަނޑުމެންގެ ކާބަފައިންނާއި މުޙްސިނުންނާއި ގާއިދުންގެ ކުރިފުޅުމަތީގައި އަޅުގަނޑުމެންގެ ފުރާނައިގެ އަގު ވަރަށް ބޮޑެވެ. މަނިކުފާނު ތިޔަ ވަޑައިގެންނެވީ ލަދުވެތިކަމާއެކު ކަކޫމައްޗަށް ތިރިވެ ތިބެގެން ނަމަވެސް އަޅުގަނޑުމެންގެ ފުރާނަ ސަލާމަތްކުރުމުގެ މަޝްވަރާ ދެއްވާށެވެ.
އައްޒަޣަލް ރަސްގެފާނެވެ. މަނިކުފާނު ވިދާޅުވާ ގޮތުގައި ދުޝްމިނުންގެ ޝަރުތުތަކަށް އެއްބަސްވީމާ ތައްޔާރުވާނޭ ވަގުތު އަޅުގަނޑުމެންނަށް ލިބޭނެއެވެ. އެކަމަކު ދުޝްމިނުން އެ ގެންދަނީ އަޅުގަނޑުމެންގެ މައްޗަށް ފާވެގަނެ، އެންމެ ފަހުގެ ހަމަލާ ދޭން ތައްޔާރުވަމުންކަން މަނިކުފާނަށް އެނގިވަޑައިނުގަތީ ކީއްވެގެންތޯއެވެ؟ ޢަމަލީ ދުނިޔޭގައި ބާރުގަދަ މީހުންނާއި ބަލިކަށި މީހުންނާ ދެމެދު ކުރެވޭ ޢަހުދެއްގެ މާނައެއް ނެތެވެ. އެފަދަ މުޢާހަދާއެއްގެ ސަބަބުން ބަލިކަށި މީހުން ކަސްތޮޅު އެޅުވިފައި ތިބޭނީއެވެ. ބާރުގަދަ މީހުންނަށް އެބައިމީހުންގެ ހަތިޔާރު ތޫނު ކުރުމުގެ ފުރުސަތު ލިބޭނީއެވެ.
ބާރުގަދަ ބަޔަކީ އަޅުގަނޑުމެން ކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ ދިރިތިބުމަށްޓަކައި ދުޝްމިނުންގެ ހެޔޮއެދުމެއްގެ ބޭނުމެއް ނޯންނާނެއެވެ. އަޅުގަނޑުމެންނަކީ ބަލިކަށި ބަޔަކު ކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ ދިރިތިބުމަށްޓަކައި ދުޝްމިނުންގެ ހެޔޮއެދުމަކުން ނުފުދޭނެއެވެ. އަޅުގަނޑުމެންގެ މިނިވަންކަމާއި އަބުރާއި އިއްޒަތުގެ ވަސީލަތަކީ ހަމައެކަނި އަޅުގަނޑުމެންގެ ކަނޑިއެވެ. އަޅުގަނޑުމެންގެ ކަނޑިތައް އުރަތަކަށް ލެވޭނީ ފަތަޙައިންނެވެ. ނުވަތަ މަރުވުމުންނެވެ. މަލަޚާ ފަތަޙަ ކުރުމަށް ފަހު ބަނދަރުގެ ސަރަހައްދު ދޫކޮށް ފައިބައިގެން ދާށޭ، އިސްލާމުންނަށް އެންގި ބަޔަކަށް އަޅުގަނޑުމެން އިތުބާރު ކުރާންވީތޯއެވެ؟ އަޅުގަނޑުމެންގެ ގައުމުގެ އަންހެން ދަރީންނާއި ކުޑަކުދީންގެ ލެއިން އެ މީހަކުގެ އަތް ތަތްތެޅިފައިވާ މީހަކަށް އިތުބާރުކުރާން މަނިކުފާނު އަޅުގަނޑުމެންނަށް ލަފާފުޅު ދެއްވަނީތޯއެވެ؟ އަޅުގަނޑުގެ ސުވާލެއް އެބައޮތެވެ. މަލަޚާގެ މަގުތައްމަތީގައި އަޅުގަނޑުމެންގެ އަންހެން ދަރީންގެ އަބުރު ކަތިލެވެމުން ދިޔައިރު އެ އިޙްސާންތެރި، ހިތްހެޔޮ ވެރިން ކޮބައިތޯއެވެ؟ މަނިކުފާނު ތިޔަހުންނެވީ އަމިއްލަފުޅަށް ދުޝްމިނުންގެ މަޅީގައި ޖެހިވަޑައިގެންފައި ކަމުގައި ވިޔަސް، އަޅުގަނޑުމެން އެ ކެހިވެރި މަޅީގައި ޖައްސަވަން ނޫޅުއްވާށެވެ. މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ގުރުބާނީ ތާނކުންތާނކު ނުޖެހި ހިނގައިދާނެތީ ނޫންތޯއެވެ؟ ދަންނަވަންތޯއެވެ؟ އަޅުގަނޑުމެންގެ ގުރުބާނީއަކީވެސް އޭގެ ޒާތުގައި މަގުސަދެކެވެ. އަޅުގަނޑުމެންގެ މަގުސަދަކީ އަބުރުވެރި މިނިވަން ދިރިއުޅުމެއް ކަމުގައި ވަނީނަމަ، އަބުރުވެރި މަރެއްގެ މަގު އަދިވެސް ބަންދެއް ނުވެއެވެ.]
ބަދްރު ބިން މުޣީރާ ޖޯޝާއެކު ކޮޅަށް ތެދުވެވަޑައިގެންފިއެވެ. [އެއްވެސް ގައުމެއްގެ ލެޔަކީ ކިތަންމެ ވަރަކަށް އޮހުނަސް ހުސްވާނޭ އެއްޗެއް ނޫނެވެ. އެ ލޭ ހިކެނީ ޚިޔާނާތްތެރި ދިރިއުޅުމަކަށް ގައުމުގެ ދަރިން ރުހުނީމައެވެ. މިނިވަންކަމުގެ އަގު އާދާކުރާން އަޅުގަނޑުމެން ދަންނަމޭ ފެރްނާދޯ ގާތު ވިދާޅުވާށެވެ. މިހައިތަނަށް ފެރްނާންދޯގެ ލަޝްކަރުގެ އޮއިވަރުގައި ޖެހިފައި ވެއްޓުނީ ވެލީގެ ފާރުތަކެކެވެ. މި ވާދީއާ ދިމާކޮށްލައިފިނަމަ އޭނާޔާ ބައްދަލުކުރާނީ އެކަތައިގެ ފާރުތަކެކެވެ. މިއީ ވޭތުވެދިޔަ ގަރުނުތަކުގައި އެތައް ޠޫފާނަކާ ކުރިމަތިލައިފައިވާ ފާރުތަކެކެވެ. މަނިކުފާނަށް މިތަނަށް ވަޑައިގަންނަވާން މަޖުބޫރުކުރިވީ އަޅުގަނޑުމެންނަށްޓަކައި މަނިކުފާނުގެ ހިތްޕުޅުގައި އޮތް ހަމްދަރްދީކަން އަޅުގަނޑަށް އެނގެއެވެ. ކަށިތައް ނޫން އެހެން އެއްޗެއް ނެތް މަގަކުން އަޅުގަނޑުމެން ހިނގައިގަތުމަކީ މަނިކުފާނު ބޭނުންފުޅުވާ ގޮތެއް ނޫނެވެ. އެކަމަކު ދަންނަވަންތޯއެވެ؟ މި ފިޔަވަޅުތައް ވަނީ އެ ކަށިތަކަށް ހޭނިފައެވެ. މި ހަށިގަނޑަކީ މަލުގެ ދާނަށް އާދަވެފައިވާ ހަށިގަނޑެއް ނޫނެވެ. މަނިކުފާނު ހިތާމަފުޅު ކުރައްވަނީ މަނިކުފާނުގެ ވެރިކަމުގެ ދަށުގައި އަޅުގަނޑުމެން ވީ ގުރުބާނީ ބޭކާރުވެގެން ދާތީ ނޫންތޯއެވެ؟ މަނިކުފާނުފަދަ އަލްޙަމްރާގައި މަޚުމަލުގެ ދާނަށް އާދަވެވަޑައިގެންފައިވާ ބޭފުޅަކަށް، މުސްކުޅިފުޅުވީމާވެސް އަޅުގަނޑުމެންނާއެކު ހަނގުރާމަކުރައްވާން ޖެހިވަޑައިގެންނެވީތީ އަޅުގަނޑުމެންވެސް ހިތާމަކުރަމެވެ. އަބޫ އަބްދުﷲއަށް ގްރަނާދާގެ ތަޚުތަށް އަޅުގަނޑުމެން ތަހުނިޔާ ދަންނަވަމެވެ. މަނިކުފާނަށް އަންދަލުސްގެ ތަޚުތަށް މަރުހަބާ ދަންނަވަމެވެ. އަޅުގަނޑުމެންނާމެދު ފިކުރުފުޅު ނުކުރައްވާށެވެ. އަޅުގަނޑުމެންގެ ލޯހުޅުވުނީ ކަނޑީގެ ހިޔަލުގައެވެ. އަޅުގަނޑުމެން ނިދާނީ ދުނީގެ ވާރޭގެ ތެރޭގައެވެ.]
އައްޒަޣަލް މިހައިތަނަށް ކޮންޓުރޯލު ކުރައްވައިގެން ހުންނެވި ކަރުނަފޮދު ލޯފުޅުން ހޯސްލައިފައި އޮހޭން ފަށައިފިއެވެ. އޭނާގެ ތުރުތުރުފުޅުއަޅަމުންދިޔަ ތުންފަތްޕުޅުން ވޭނީ އަޑުފުޅެއް ނުކުތެވެ. [ބަދްރެވެ. ބަދްރެވެ. ބަދްރެވެ. މަނިކުފާނުގެ އަގެއް ނެތް ބައިވެރިޔާގެ ގައިގައި ބޭނުމެއް ނެތް ގޮތަކަށް ކޮޅުފައިން ނުޖައްސަވާށެވެ. މީގެ ފަހުން މަނިކުފާނަކަށް މި ލޮބުވެތި ބިމުން އަޅުގަނޑު ފެނިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑު މި ދަނީ އެފްރިކާއަށެވެ. އަޅުގަނޑުފަދަ ބަލިކަށި މީހަކުގެ ބޭނުންފުޅެއް މަނިކުފާނަކަށް ނޯންނާނެއެވެ. ބާކީ ތިބި މީހުން އެބައިމީހުންގެ ވެރިއެއް ކަމުގައި އަބޫ ޢަބްދުﷲ ބަލައިގެންފިއެވެ. އަންދަލުސްގައި އިސްލާމުންނަށް ފަހި ކުރިމަގެއް އޮތް ނަމަ އެ ކުރިމަގަކީ މަނިކުފާނެވެ. މަނިކުފާނުގެ ފަހަތްޕުޅުން ދާން ބޭނުންވާ ބަޔަކު އަންދަލުސްގައި ތިބިނަމަ، އެބަޔަކު މިތަނަށް އަންނާނެއެވެ. އަޅުގަނޑުގެ އަތުގައި ރަނާއި ޖަވާހިރުގެ އެތިކޮޅެއް އެބަހުއްޓެވެ. އެއީ ގައުމުގެ އަމާނަތެކެވެ. އެތަކެތި އަޅުގަނޑު މަނިކުފާނާ ހަމައަށް ފޮނުވާނަމެވެ. ވަކިވުމުގެ ކުރީން އަޅުގަނޑު ދަންނަވާން އޮތީ އެންމެ ވާހަކައެކެވެ. އަޅުގަނޑުގެ ކަރުނައިގެ ނުބައި މާނައެއް މަނިކުފާނު ނުނެންގެވުން އެދެމެވެ. މިއީ ހިތާމައިގެ ކަރުނައެވެ.]
އައްޒަޣަލް ކޮޅަށް ތެދުވެވަޑައިގެންފިއެވެ. [ދެން އަޅުގަނޑު ބޭނުންވަނީ ދާށެވެ.]
ބަދްރު ވިދާޅުވިއެވެ. [މަނިކުފާނު ތިޔަ ހުންނެވީ ވަރުބަލިފުޅުވެފައެވެ. މިރޭ އަރާމުކުރައްވައިފައި މާދަމާ ވަޑައިގަންނަވާށެވެ.]
[ނޫނެކެވެ. އަޅުގަނޑު ބޭނުންވަނީ ހަމަ މިހާރު ދާށެވެ.]
ހަވީރު، ބަދްރު ބިން މުޣީރާއާއި އޭނާގެ ބައިވެރިން ތިއްބެވީ ބުރިޖުގެ މަތީގައި އައްޒަޣަލަށް އަލްވަދާޢު ވިދާޅުވާށެވެ.
ޠަރީފް ބިން މާލިކް
(1)
އައްޒަޣަލް ގައުމު ދޫކުރައްވައި އެފްރިކާއަށް ވަޑައިގެންނެވި ޚަބަރު ލިބުނީމާ ފެރްނާންދޯއަށް އަބޫ ޢަބްދުﷲ ތަހުނިޔާގެ މެސެޖެއް ފޮނުވައިފިއެވެ. އަދި ގްރަނާދާގައި އުފާވެރިކަމުގެ މެހެފިލްތައް އިންތިޒާމުކުރާން އަމުރު ނެރެފިއެވެ.
ރޭގަނޑުގެ ވަގުތެވެ. އަލްޙަމްރާގެ ކުރިބޯށިތަކާއި ފާރުތައް ވިދަވިދައި ހުރީ ދިއްލައިފައިވާ ދަންމަރުތަކުގެ އަލީންނެވެ. ގަނޑުވަރުގެ ތަނަވަސް މާލަމެއްގައި އަބޫ ޢަބްދުﷲގެ ފަރާތުން އޭނާގެ އަމީރުންނާއި ވަފާތެރިންނަށް ދެވުނު ރޭގަނޑުގެ ކެއުމަކަށް އިންސާފު ކުރެވެމުން ދަނީއެވެ. ކެއުމަށް ފަހު މިއުޒިކާއި ނެށުމުގެ ކަންތައް ފެށިއްޖެއެވެ. ރާގެ ތަށިތައް ދައުރުވާން ފަށައިފިއެވެ. މެހެފިލް އެންމެ ވަރުއަރައިގެން ދިޔަ ވަގުތު، މަސްތުގެ ހާލަތުގައި ހުރެގެން އަބޫ ޢަބްދުﷲ ކޮޅަށް ތެދުވެ ވާހަކަދައްކާން ފަށައިފިއެވެ. [އަހަރެން މިއީ ބަދުނަސީބު މީހެއް ކަމަށް ކަލޭމެންގެ ތެރެއިން ބައެއް މީހުން ކިޔައި އުޅެއެވެ. މިއަދުން ފެށިގެން އެއްވެސް މީހަކު އެހެން ކިޔައިގެން ނުވާނެއެވެ. އަހަރެން މިއީ ގްރަނާދާގެ ރަސްގެފާނެވެ. ފެރްނާންދޯއަކީ އޭނާގެ ވައުދުފުޅު ފުއްދަވާ ބޭފުޅެކެވެ. ގްރަނާދާގެ މުޅި ސަރަހައްދު އަހަންނަށް އެކީގައި ލިބޭނެއެވެ. ކަލޭމެން ހިމޭނުން ތިބީ ކީއްވެގެން ހެއްޔެވެ؟ ހޭނށެވެ. ލަވަކިޔާށެވެ. ނަށާށެވެ. ބޭނުން ވަރަކަށް ރާ ބޯށެވެ. އަހަރެން ކަލޭމެންނަށްޓަކައި އަލްޙަމްރާގައި ރާގެ ކޯރެއް ހަދާނަމެވެ. އަލްޕުކްރާގެ މޭވާބަގީޗާތަކުގައި އެހެރަ ހުރިހައި މޭބިސްކަދުރަކުން ހަދާނީ ރާއެވެ. އަހަރެން ވާނީ އުފާ ފައުޅުކުރާން ހުރިހައި ރައްޔިތުންނަށް އަންގައިފައެވެ. އެކަމަކު ބައެއް ވިޔާނުދާ މީހުން އެބައިމީހުންގެ މަގުބައްތިތައް ނިއްވައިލައިގެން ތިބި ވާހަކަ އެބަ އިވެއެވެ. އެކަންތައް އެހެން އެވަނީ ބޭރުން ގްރަނާދާއަށް އަރައި ތިބެގެން، ކްރިސްޓިއަނުން ތިމަންމެނަށް އެބަ އަނިޔާކުރެއޭ ކިޔައި ވާހަކަ ފަތުރާ މީހުންގެ ސަބަބުންނެވެ. އަހަރެން މި ބުނަނީއެވެ. އެއީ ދޮގު ވާހަކަތަކެކެވެ. އެފަދަ މީސްމީހުން މިރަށަށް އެރުމުގެ ހުއްދައެއް މީގެ ފަހަކުން ނުލިބޭނެއެވެ. މާތްވެގެންވާ ފެރްނާންދޯއާ ދެކޮޅަށް އުފުލާ އަޑެއް އޮވެގެން ނުވާނެއެވެ. އެއީ އަހަރެން ހުއްދަކުރާނޭ ކަމެއް ނޫނެވެ. އެއީ އަހަރެމެންގެ މުހްސިނެވެ. މިހާރު އަލްޙަމްރާއިން މި ފެންނަ ހުރިހައި ކަމަކީ އޭނާގެ ހެޔޮފުޅުކަމުގެ ނަތީޖާއެވެ.]
އެކަމަކު ރަށުތެރޭގެ ކަންތައް އޮތީ އަލްޙަމްރާތެރޭގައި އޮތް ގޮތަކަށް ނޫނެވެ. ސަރުކާރުގެ އަމުރަށް ރަށުގެ މަގުތަކާއި ގޯޅިތަކުގައި ދިއްލި ދަންމަރުތައް އަބޫ ޢަބްދުﷲއާ ދެކޮޅަށް މުޒާހިރާކުރާ މީހުން ގަދަކަމުން ނިއްވައިލައިފިއެވެ. މުޒާހިރާކުރާ މީހުން ގެންދިޔައީ ރަށުތެރޭގެ އެތަންމިތާނގައި ގައުމުގެ ޣައްދާރުންނާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަބޫ ޢަބްދުﷲގެ ވަފާތެރިންގެ ގޭގޭދޮށުގައި ހުރީ ބައްތި ދިއްލައިފައެވެ. އެ ގޭގެއަށް މުޒާހިރާކުރާ މީހުން ގެންދިޔައީ ގައު އުކަމުންނެވެ. ޢިލްމުވެރިންގެ ވަރަށް ގިނަ ބަޔަކު ތިބީ މުޒާހިރާކުރާ މީހުންނާ އެކުގައެވެ. ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ މުނާފިގުވައްތަރުގެ މީހުން މިސްކިތަށް އަރައިތިބެ އަބޫ ޢަބްދުﷲގެ އުމުރު ދިގުކުރައްވާތޯ ދުޢާކުރަމުން ގެންދަނީއެވެ. ޒުވާން ދަރިވަރުން ނުކުމެ، އެފަދަ މުނާފިގުން މިސްކިތުން ނެރެ ތަޅައި އަނިޔާކޮށް އެބަހަދައެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް ރަށު ތެރެއަށް ނުކުމެ މުޒާހިރާކުރަމުން އެބަ ގެންދެއެވެ. އެ އަންހެނުންގެ ތެރޭގައި ގްރަނާދާގެ މީހުންގެ އިތުރަށް ބޭރުން އަރައި ހިމާޔަތަށް އެދިތިބި އަންހެނުންވެސް ހިމެނެއެވެ. އެމީހުން ގެންދަނީ މަލަޚާއާއި ބީޣާގައި ކްރިސްޓިއަނުން އިސްލާމުންނަށް ކުރަމުން ގެންދާ އަނިޔާގެ ވާހަކަތައް ރައްޔިޮތުންނަށް ކިޔައިދެމުންނެވެ.
(ނުނިމޭ)