އަންދަލުސްގެ ބާޒު - 10

(6 ސެޕްޓެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވިދިގެން އައި ދުވަހުގެ ހެނދުނު ރަބީޢާ ދިގު ނިންޖަކުން ހޭލައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލީތަނުން ފެނުނީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި އެންޖެލާއެވެ. މާރިޔާ އިނީ އެނދުގައި އިށީނދެގެންނެވެ.

"އެންޖެލާ... އެންޖެލާ." ރަބީޢާ މަޑުމަޑުން ގޮވައިލިއެވެ.

އެންޖެލާ ސިހިފައި އެނބުރި ބަލައިލުމަށް ފަހު މަޑުމަޑުން އައިސް ރަބީޢާގެ ގާތުގައި، އެނދުގައި އިށީނދެއްޖެއެވެ.

ރަބީޢާ އަހައިލިއެވެ. "ރޭ މި ތަނުން ޒުވާން ދެ ފިރިހެނަކު ދުށިން ހެއްޔެވެ؟"

އެންޖެލާ ބުންޏެވެ. "އަހަރެން ކުޑަދޮރު ކަރީގައި ހުރެގެން މި ބަލަނީ އެ ދެ ޒުވާނުންނާ ދިމާއަށެވެ."

"އަހަރެން މި އޮންނަނީ ޝައްކެއްގެ މަތީގައެވެ. ހުވަފެނެއް ފެނުނީ ނޫން ބާވައޭ ހިތަށް އަރައަރައެވެ."

އެންޖެލާ ބުންޏެވެ. "އަހަރެމެން މިތިބީ ކޮން ތަނެއްގައިކަން އެނގިއްޖެއްޔާ އަހަރެމެންނަށް ހޭލައި ތިއްބައި ހުވަފެން ފެންނަނީއޭ ދައްތަ ބުނާނެއެވެ."

ރަބީޢާ ބުންޏެވެ. "ގާޑިޔަލުން ވެއްޓިފައި އަހަރެން ހޭނެތުނީހެން ހީވެއެވެ. އަހަރެމެންނާ ދިމާވީ ކަމެއް ދިމާވީ މެންދުން އަނބުރައިދިޔަ ފަހުންނެވެ. އަހަރެން ހޭއެރީ އިރުއޮއްސުނު ފަހުންކަން ޔަގީނެވެ. ކޮޓަރިތެރެ އޮތީ ދިއްލައި އަޅައިފައެވެ. އަހަންނަށް ހީވާ ގޮތުގައި އަހަރެމެން މިތިބީ ގްރަނާދާގެ ސިފައިންގެ މަރުކަޒެއްގައެވެ."

"ނޫނެކެވެ. އަހަރެމެން ތިބީ އެ މަގަށްވުރެ މާ ދުރަށް ނުކުމެފައެވެ. އަހަރެމެން މި ތަނަށް ގެނެވުނީ ހޭނެތިފައި ތިއްބައެވެ. ދައްތާއެވެ. އަހަރެންގެ ހިތުގައި ދައްތަގެ މައްޗަކަށް އެއްވެސް ހަމްދަރުދީއެއް ނޯވެއޭ އަބަދުވެސް ބުނަމެއް ނޫން ހެއްޔެވެ؟ އެކަމަކު މުގައްދަސް މަރިޔަމްގެފާނު ގަންދީ ބުނަމެވެ. މުޅި ދަތުރު އަހަރެން ހޭދަކުރީ ދައްތައަށްޓަކައި ހިތާމަކޮށް ރުއިމުގައެވެ. މިތަނަށް އާދެވުނީ މެންދަންވީ ފަހުންނެވެ. ބައްޕަ ވިދާޅުވާ ގޮތުގައި ދައްތައަށް ބޭސްކުރި މީހާއަކީ މުޅި އިސްޕޭނުގައި ހުރި އެންމެ މޮޅު ޑަކްޓަރެވެ."

"އަހަރެމެން މިހާރު މިތިބީ ކޮން ތަނަކުހެއްޔެވެ؟"

"ދައްތާއެވެ. އަހަރެން ބުންޏަސް ގަބޫލެއް ނުކުރެވޭނެއެވެ. އަހަރެމެން މިތިބީ ބާޒުގެ ވާދީގައެވެ."

"ބާޒުގެ ވާދީގައޭ ހެއްޔެވެ؟ ނޫނެކެވެ. އަހަންނާ ސަމާސާ ނުކުރާށެވެ." ރަބީޢާ ތެދުވެ އިށީންނާން މަސައްކަތް ކޮށްލިއެވެ. އެކަމަކު ގަޔަކު ވަރެއް ނެތެވެ. އެހެންވީމާ އަނެއްކާވެސް އޮށޯވެއްޖެއެވެ.

"އެންޖެލާއެވެ. ދޮގު ނުހަދައި ބުނެބަލާށެވެ. އަހަރެން ހާސްވާނޭ ގޮތް ނުހަދައި ނިކަން ތެދަށް ބުނެބަލާށެވެ."

"އަހަރެން މި ބުނަނީ ސީދާ ތެދެވެ. ދޮގެއް ނޫނެވެ."

"އެކަމަކު ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ރަނގަޅަކަށް ނުވިސްނެއެވެ."

"ދައްތާއެވެ. ސަރަޙައްދީ ބާޒު ދައްތައަށް ފެނުނު ކަމަކަށްވެސް ގަބޫލެއް ނުކުރާނެއެވެ. ހަމައެކަނި ފެނުނީއެއް ނޫނެވެ. އަހަރެން ކަލާނގެ ގަންދީ ބުނަމެވެ. ދައްތައަށް ތިޔަ ވަނީ އޭނާޔާ ވަރަށް ގާތުގައި ހިނދުކޮޅެއް ހޭދަކޮށްލުމުގެ ނަސީބުވެސް ލިބިފައެވެ."

"ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟"

"އަހަރެން މި ދައްކަނީ ދައްތަގެ ދިރިއުޅުމުގެ ވަރަށް އަގުހުރި ހިނދުކޮޅެއް އޭނާގެ އުނގުގައި ހޭދަކުރި ވާހަކައެވެ."

"މަންމާއެވެ. އެކަހަލަ ވާހަކަ ނުދައްކާށޭ އެންޖެލާ ގާތު ބުނާށެވެ."

މާރިޔާ ހީނގެންފައި ބުންޏެވެ. "އެންޖެލާ އެ ދައްކަނީ ތެދު ވާހަކައެކެވެ. އެކަމަކު އެޔަކު ރަބީޢާގެ ކުށެއް ނެތެވެ. އޭރު ރަބީޢާ އޮތީ ހޭނެތިފައެވެ."

ރަބީޢާ ކުރާނޭ ކަމެއް ނެތޭ ބުނާ ކަހަލަ ގޮތަކަށް އެންޖެލާއާ ދިމާއަށް ބަލައިލިއެވެ. އެންޖެލާ ހިނިގަނޑު މަތަކުރެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. "ދައްތާއެވެ. ބިރު ނުގަންނާށެވެ. އޭނާ ދައްތަ މިތަނަށް ގެނައީ އޭނާގެ އަހަށް އަރުވައިގެންނެވެ. ދައްތަގެ ބަދަލުގައި ހޭނެތިފައި އޮތީ އަހަރެން ކަމުގައި ވީނަމަ އަހަންނާ މެދުވެސް އޭނާ ކަންތައް ކުރީހީ ހަމަ އެހެންނެވެ. އަހަރެން ހީކޮށްގެން ހުރީ ބާޒަކީ އާދަޔާ ޚިލާފަށް ނުލަފާ، ވަހުޝީ މީހަކު ކަމަށެވެ. އެކަމަކު އެއީ ވަރަށް މާތް މީހެކެވެ. ދައްތަ ހޭއަރައިފާނޭ ކަމަކަށް ބައްޕަވެސް ހިއެއް ނުކުރައްވައެވެ. ހުންނެވީ މުޅީން އުއްމީދު ކަނޑުއްވައިލައްވައިގެންނެވެ. އެކަމަކު އޭނާ ދައްތަގެ ވިންދު ބަލައިލުމަށް ފަހު ދައްތަ އުފުއްލާލައިގެން ގެނެސް އަހަށް އެރުވީއެވެ. އަދި ބައްޕައަށް ހިތްވަރު ދިނުމުގެ ގޮތުން ބުންޏެވެ. މި ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިދާނޭ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތެވެ. އަޅުގަނޑުގެ ބައިވެރިންނާއެކު ވަޑައިގަންނަވާށެވެ. އަޅުގަނޑަކީ އެކުވެރިއަކު ކަމުގައި ބައްލަވާށެވެ. ދެން ބައްޕަ ވިދާޅުވިއެވެ. ތިޔައީ ކޮން ބޭފުޅަކު ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެކަމަކު އަޅުގަނޑުގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށް ދެއްވައިފިއްޔާ ރަނާއި ޖަވާހިރުން ފުރިފައި އެހެރަ ފޮށި މަނިކުފާނަށެވެ. އޭނާ ބުންޏެވެ. އަޅުގަނޑަކީ ހެޔޮ ކަމެއްގެ އަގު އަތުލާ ކަހަލަ މީހަކު ކަމަށް ނުބައްލަވާށެވެ. މަނިކުފާނުގެ ރަނާއި ޖަވާހިރު ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީވެސް އަޅުގަނޑުގެ ބައިވެރިން ކުރާނޭ ކަމެކެވެ. މިހެން ބުނެފައި އޭނާ އަސް ދުއްވައިލައިފިއެވެ. އަހަރެމެން މެންދަމު މިތަނަށް އައި އިރު ދައްތަ އޮތީ މިތާގައެވެ. އޭނާ އަހަރެމެންނަށްވުރެ ކުރިން އަތުވެއްޖެއެވެ. ދައްތަ ހޭއެރުމުގެ ކުޑަ އިރުކޮޅެއް ކުރިން ބައްޕަ މިތަނަށް ވަޑައިގެން ދެއްކެވީ މި ވާހަކައެވެ."

"އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓައިލައިގެން އަހަރެމެންގެ ގާޑިޔާ ހުއްޓުވި މީހަކީ ހަމަ ހަގީގަތުގައިވެސް ސަރަޙައްދީ ބާޒު ހެއްޔެވެ؟"

"އާނއެކެވެ. ދައްތަ ހޭ އެރި ވަގުތު މިތަނަށް އައިސް ހާލުއަހުވާލު އޮޅުންފިލުވި މީހަކީވެސް އެއީއެވެ. އޭގެ ކުރިންވެސް ދައްތަގެ ހާލު ބަލައިލާން ދެތިން ފަހަރަކު އައެވެ. އެކަމަކު އޭނާ އަޅައިގެން ހުރި އަސްކަރީ ހެދުމުގެ ސަބަބުން އެހެރީ ކޮންމެވެސް ޚާއްސަ މިޝަނަކަށް ދާން ތައްޔާރުވެގެންކަން އެނގުނެވެ. ހަވީރުވާން ވާއިރަށް ނާދެވުމަކީ އެކަށީގެންވާ ކަމެކޭ އޭނާ ބައްޕަ ގާތު ބުންޏެވެ. ދައްތަގެ ޑަކްޓަރު ރޭ ހަތަރުދަމު އިނީ މި ގޮނޑީގައެވެ. ދައްތަގެ ވިންދު ބަލައިލަބަލައިލައެވެ."

ރަބީޢާ އަހައިލިއެވެ. "ބައްޕަ ކޮބައި ހެއްޔެވެ؟"

އެންޖެލާ ބުންޏެވެ. "ބައްޕަ ވީ ޑަކްޓަރާއެކު ޖެހިގެން ހުރި ކޮޓަރީގައެވެ. ގާޑިޔާ ދުއްވި މީހާ އެ ކޮޓަރީގައި އެބައޮތެވެ. އޭނާއަށް އޮތީ ވަރަށް ބޮޑުވަރު ވެފައެވެ."

(2)

ތިން ދުވަސް ވީއިރު ރަބީޢާގެ ބޮލުގެ ރިހުން ތަންކޮޅެއް ކުޑަވެއްޖެއެވެ. އެކަމަކު ކަކުލުގައި ރިއްސާ ވަރުން މީހަކުގެ އެހީއަކާ ނުލައި ނުއެއް ހިނގެއެވެ. އޭނާގެ ފުރާނަ ސަލާމަތްކޮށްދއްވި ބޭފުޅަކީ ބަދްރު ބިން މުޣީރާއެވެ. ބޭސްކުރާ ޑަކްޓަރަކީ ބަޝީރް ބިން ޙަސަނެވެ. ސަރަޙައްދީ ބާޒު އެ މީހުންނަށް އެހީތެރިވާން ކުއްލިއަކަށް އެތަނަށް އައި ގޮތެއް ނޭނގިގެން އަބޫ ދާވޫދް ހުރީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. ފާއިތުވެދިޔަ ތިން ދުވަހު އޭނާ ކުރި މަސައްކަތަކީ ފެރްނާންދޯގެ އަނިޔާވެރިކަމާއި ވިޔާނުދާ ވާހަކަ ބަދްރުގެ އަރިހުގައި ދެއްކުމެވެ. މި ވާހަކަތަކުގެ ސަބަބުން ބަދްރުގެ އިތުބާރު ކޮންމެވެސް ވަރަކަށް އޭނާ ހޯދައިފިއެވެ.

ހުކުރު ނަމާދުކޮށް ނިމިގެން އޭނާ ބަދްރުގެ ލަޝްކަތުގެ ކުރިމަތީގައި ހުރެގެން ޖޯޝުން ފުރިފައިވާ ތަގުރީރެއް ކުރިއެވެ. އަންދަލުސްގެ ކްރިސްޓިއަން ވެރިން މުސްލިމުންނަށް ކުރާ އަނިޔާއާއި، ޖައްސައިފައިވާ ދަތި ހާލުގެ ވާހަކަ ދެއްކިލެއް އަސަރުގަދަ ކަމުން އެތާގައި ތިބި މީހުންނަށް ހިތި އަސަރުތަކެއް ކުޅައެވެ. އެޔަށް ފަހު އޭނާ ދެއްކީ އަންދަލުސްގައި އިސްލާމުން ހޭދަކުރި ރަން މާޒީގެ ވާހަކައެވެ. ބަދްރު ބިން މުޣީރާއާއި އެމަނިކުފާނުގެ ބައިވެރިންގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަމުގެ ވާހަކަތައް ދައްކައި އެތައް ތާރީފެއް ކޮށްފިއެވެ. މިނިވަންކަމަށްޓަކައި ކުރާ ހަނގުރާމައަށް އެތައް ސާބަހެއް ދީފިއެވެ. ތަގުރީރު ނިންމައިލަމުން ބުންޏެވެ. "އަހަރެމެންގެ ކުރިމަގާމެދު ކުޑަކޮށްވެސް ކުށް ހިއެއް ކޮށްގެން ނުވާނެއެވެ. ރަނގަޅަށް އިންތިޒާމު ކުރެވިގެން ފެރްނާންދޯއާ ދެކޮޅަށް އެއްބައެއްވަންތަ ރޫޙަކާއެކު ފައިސަލާކުރުވަނިވި ހަނގުރާމައެއް ކުރާން ނޫޅުނިއްޔާ އޭނާ މަޑުމަޑުން ގޮސް އަހަރެމެންގެ ދުވަސް ދުއްވައިލާނެއެވެ. އަހަރެން ދޭން އޮތް މެސެޖަކީ މިއީއެވެ. ފިނޑިކަމާއެކު ދިރިއުޅުމަށްވުރެ ހިތްވަރުގަދަކަމާއެކު މަރުވުން މާ ރަނގަޅެވެ. އަހަރެން މި ދަނީ ހަމަ މި މެސެޖު ގްރަނާދާގެ ރައްޔިތުންނަށްވެސް ދޭށެވެ. އަހަރެމެންނަށް ލިބެމުންދާ އަނިޔާގެ ވާހަކަ އިވިވަޑައިގަތީމާ އަބުލްޙަސަން އިސްލާމުންގެ ދުޝްމިނުންނާ ދެކޮޅަށް ޖިހާދު އިޢުލާނުކުރައްވާނޭ ކަމާމެދަކު އަހަރެން ކުޑަކޮށްވެސް ޝައްކެއް ނުކުރަމެވެ."

ތަގުރީރު ނިންމުމަށް ފަހު ބަދްރާއި ބަޝީރުގެ އަރިހުގައި އޭނާ ހިނގައިގަތީ އޭނާ ހުންނަން ކަނޑައެޅިފައިވާ ތަނާ ދިމާއަށެވެ.

ހިންގަވައިފައި ވަޑައިގަންނަވަމުން ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. "ގްރަނާދާގައި ހުންނަވައިގެން މަނިކުފާނަށް އެ ރަށުގެ އަހުލުވެރިންގެ ހިތުގައި އައު ރޫޙެއް އުފެއްދެވޭނޭ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ."

އަބޫ ދާވޫދް ނިކަމެތިކަން ދައްކަން މަސައްކަތް ކުރަމުން ބުންޏެވެ. "އަޅުގަނޑު ވާޖިބު ހަމަ ޔަގީނުންވެސް އަދާކުރާނަމެވެ. އެކަމަކު ބީރައްޓެއްސެއްގެ ވާހަކައަށް ސަމާލުކަން ދިނުމަކީ މީހުން ކުރާ ކަމެއް ނޫނެވެ."

ބަދްރު ވިދާޅުވިއެވެ. "މިހާރު އެމީހުން ތިބީ މާ ބޮޑަށް ހޭލުންތެރިވެފައެވެ."

ބަޝީރު ކުޑަކޮށް ޖެހިލުވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "މަނިކުފާނު ބުރަ ހިތްޕުޅެއް ނުބާއްވަވާނޭނަމަ އަޅުގަނޑު ސުވާލެއް ކޮށްލަންތޯއެވެ؟"

އަބޫ ދާވޫދު ބުންޏެވެ. "މަނިކުފާނު އަޅުގަނޑާ ސުވާލެއް ކުރައްވާން ޖެހިލުންވެވަޑައިގަތުމަކީ އަޅުގަނޑަށް ކުރެއްވޭ އަނިޔާއަކަށް ނޫނީ ނުވާނެއެވެ."

ބަޝީރު ވިދާޅުވިއެވެ. "ﷲ ތަޢާލާ ވަނީ މަނިކުފާނަށް ދީނާއި ޢިލްމުގެ ނިޢުމަތް މަތިވެރި ދަރަޖައަކަށް ދެއްވައިފައެވެ. މަނިކުފާނަކީ ހެޔޮ ޢަމަލުގެ މަތީގައި ދެމިހުންނަވާ ބޭފުޅަކީމުއެވެ. މެންދަމު ދަމު ނަމާދަށްވެސް ތެދުވެވަޑައިގަންނަވަމުއެވެ. މަނިކުފާނުގެ ދޫފުޅުގައި ވަނީ ވަރުގަދަ ޖާދޫއެއް ލައްވައިފައެވެ. އަޅުގަނޑު ހައިރާން ވަނީ މަނިކުފާނު..."

ބަޝީރުގެ ވާހަކަފުޅު މެދުކަނޑައިލުމަށް ފަހު އަބޫ ދާވޫދު ބުންޏެވެ. "މަނިކުފާނު ހައިރާންފުޅު ވަނީ ތިޔަ ވިދާޅުވި ހުރިހައި ކަމަކާއެކުވެސް އަޅުގަނޑުގެ އަނބިމީހާއާއި ދަރިފުޅު ކްރިސްޓިއަނުންނަށް ވާތީ ނޫންތޯއެވެ؟ ތިޔަ ކުރައްވާން އުޅުއްވާ ސުވާލަކީ މިޔެެއް ނޫންތޯއެވެ؟"

ބަޝީރު ހައިރާންފުޅުވެފައި ވިދާޅުވެއްޖެއެވެ. "އާދޭހެވެ. އަޅުގަނޑު ދަންނަވާން އުޅުނު ވާހަކައަކީ ތިޔައީއެވެ. އެކަށީގެންވާ މާގޫލު ސަބަބެއް އެކަމުގައިވެސް އޮންނާނޭ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ."

"ސަބަބެއް އެބައޮތެވެ. އެކަމަކު އެއީ މާގޫލު ސަބަބެކޭ އަޅުގަނޑެއް ނުދަންނަވާނަމެވެ. މިކަހަލަ ކަންތައްތަކުގައި ރަނގަޅު ވާނީ މަނިކުފާނު ފަދަ މުޖާހިދުންގެ ފަތުވާއެވެ. މާރިޔާއަކީ އަޅުގަނޑުގެ ދެވަނަ އަނބިމީހާއެވެ. ފުރަތަމަ އަނތްބަކީ އިސްލާމެކެވެ. އޭނާ ބަނޑުން އަޅުގަނޑަށް ލިބިފައި އެހެރަ ދަރިއަކީވެސް އިސްލާމެކެވެ. މާރިޔާއަކީ މޫރްސިޔާގެ ކްރިސްޓިއަން ޢާއިލާއެއްގެ މީހެކެވެ. ކްރިސްޓިއަން ދައުލަތެއްގެ ތެރޭގައި ހުރެގެން އޭނާގެ ދީން ބަދަލުކުރުމަކީ ކުރެވޭނޭ ކަމެއް ނޫންކަން އޭނާޔާ އިން އިރުވެސް އަޅުގަނޑަށް އެނގެއެވެ. އެކަމަކުވެސް އަޅުގަނޑު އޭނާޔާ އިނީ ކްރިސްޓިއަނުންގެ ތެރޭގައި އަޅުގަނޑަކީ މިނިވަން ޚިޔާލުގެ ޒަމާނީ އިސްލާމެއް ކަމަށް ދެއްކޭން ވެގެންނެވެ. އަޅުގަނޑުގެ އަޚުންނަށް ލިބެމުންދާ އަނިޔާއަށް ކެތްކުރުމަކީ އަޅުގަނޑަކަށް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އަޅުގަނޑު ބޭނުންވީ އެ މީހުންގެ ހިތުގައި އިންގިލާބީ ރޫޙު އުފައްދާށެވެ. އަޅުގަނޑު ކްރިސްޓިއަން އަނބިމީހާ ބޭނުންކުރަނީ އައްޑަނައެއްގެ ގޮތުގައެވެ. އަޅުގަނޑުގެ މަގުސަދު މިއަދާ ހަމައަށްވެސް އޭނާއަކަށް ނޭނގޭނެއެވެ. އޭނާ ދެކޭ ގޮތުގައި އަޅުގަނޑަކީވެސް އަންދަލުސްގެ އެހެން އިސްލާމުން ފަދައިން ދީނާ ދުރަށް ގޮސްފައިވާ މީހަކީމެވެ. އޭނާގެ ދީނުގެ މީހުން ގާތު އޭނާ ބުނާ ގޮތުގައި އަޅުގަނޑު އިސްލާމް ދީނަށްވުރެ ބޮޑަށް ގާތީ ކްރިސްޓިއަން ދީނާއެވެ.

ފުރުސަތުގެ ބޭނުން ހިފައިގެން އަޅުގަނޑު މިހައިތަނަށް ވާނީ އެތައް ރަށެއްގައި އިސްލާމީ އިންގިލާބީ ޖަމާއަތް އުފައްދައިފައެވެ. މަނިކުފާނު ހައިރާންފުޅު ވާނޭ ވާހަކައެއް ދަންނަވަންތޯއެވެ؟ ފާއިތުވެދިޔަ ދިހަ އަހަރު ދުވަސް އަޅުގަނޑު ހޭދަކުރީ ކަސްތިއްޔާގައެވެ. ކަސްތިއްޔާގެ ބޮޑެތި އަމީރުންގެ ގޭގެއަށް އަޅުގަނޑު ވަދެ އުޅެމެވެ. އެކަމަކު އަޅުގަނޑު މިއީ އެމީހުންނާ ދެކޮޅަށް މަސައްކަތްކުރާ މީހަކު ކަމެއް އެއިން އެކަކަށްވެސް ނޭނގޭނެއެވެ. އެމީހުންގެ ދައުލަތުގެ މައިމޫ ބުރިކޮށްލާން އުޅޭ މީހެއް ކަމަށް އެއިން މީހަކު ޝައްކެއް ނުކުރާނެއެވެ. އަޅުގަނޑު މަސައްކަތްކުރާ ގޮތާމެދު ފާޑު ވިދާޅުވުމަކީ ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ހައްގެކެވެ. އެކަމަކު އަޅުގަނޑުގެ ނިޔަތް ދެނެވޮޑިގެން ވާނީ ﷲއެވެ. އެ ކްރިސްޓިއަން އަންހެންމީހާޔާ އިނުމުގެ ކުރީން އަބަދުވެސް އަޅުގަނޑުގެ ފަހަތުން ފާރަލަމުން ހިނގާ ކްރިސްޓިއަން ޖާސޫސުން އެބައުޅޭ ކަމުގެ އިހުސާސް ކުރެވެއެވެ. އަޅުގަނޑުގެ މައްސަލަތައް ކުޑަވެގެން ދިޔައީ އޭނާޔާ އިން ފަހުންނެވެ.

ފާއިތުވެ ދިޔަ ވިއްސަކަށް އަހަރު ދުވަހު އަޅުގަނޑު ކުރި މަސައްކަތް ފާޅުވެ އެނގޭނީ އަބުލްޙަސަން ނުވަތަ އޭނާގެ ފަހުން ގްރަނާދާގެ ތަޚުތަށް އިސްވެވަޑައިގަންނަވާ ބޭފުޅަކު ކްރިސްޓިއަނުންނާ ދެކޮޅަށް ޖިހާދު އިޢުލާނުކުރާ ދުވަހަކުންނެވެ. އަޅުގަނޑު ކަސްތިއްޔާ ދޫކޮށް ފިލައިގެން އައީ ކީއްވެގެންތޯ ތިޔަ ބޭފުޅުން އައްސަވައިފާނެއެވެ. ހަމައެކަނި ސަބަބަކީ ކަސްތިއްޔާގެ ޝާހީ ޚާންދާނުގެ ޒުވާނަކު އަޅުގަނޑުގެ ދަރިފުޅާ އިންނާން މަރުދީ އުޅެގަތުމެވެ. އޭނާ ވަނީ އަޅުގަނޑުގެ އަނބިމީހާގެ ރުހުން ހޯދައިފައެވެ. އަޅުގަނޑުގެ ބޭރުފުށުގެ ޢަމަލުތައް ހުރި ގޮތުން ކްރިސްޓިއަން ޒުވާނަކާ ދަރިފުޅު ދެވުމަކީ އަޅުގަނޑު ދެކޮޅު ހަދާނޭ ކަމެއް ނޫން ކަމަށް އަނބިމީހާއަށް އޮތީ ކަށަވަރު ވެފައެވެ. އެކަމަކު އެ ޚަބަރު އަޅުގަނޑަށް ލިބުނީމާ ވެގެން ދިޔަ ގޮތް ދަންނަވާކަށްވެސް ނޭނގެއެވެ. އަޅުގަނޑު އިހަށް ކަނޑައަޅައިގެން ހުރީ ކަސްތިއްޔާގެ ކަންތައް ނިންމައިލުމަށް ފަހު ގްރަނާދާއަށް ގޮސް، އަޅުގަނޑުގެ ކްރިސްޓިއަން އަނބިމީހާއާއި ދަރިފުޅު އިސްލާމް ދީނަށް ވައްދާށެވެ. އެކަމަކު މި ދެންނެވި މުސީބާތް ޖެހުމާއެކު މިހާރު ލޮނުގަނޑު ނޭފަތުން މައްޗަށް އަރައިފިކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އަޅުގަނޑު އެ ކާވެންޏާ ދެކޮޅު ހެދުމާއެކު ފެރްނާންދޯގެ އަމުރު އައީ އެކަމާ އެއްބަސްވާށެވެ. އެހެންވީމާ ވަގުތުން ހިޖުރަ ކުރުން ނޫން ގޮތެއް އަޅުގަނޑަށް ނެތުނީއެވެ. އެކަމަކު އަޅުގަނޑު ރަށް ދޫކޮށް ހިޖުރަކުރަނީ ގްރަނާދާއަށްކަން އެނގިއްޖެއްޔާ އަނބިމީހާ ރުހުމުގައި އަޅުގަނޑާއެކު ނާންނާނޭކަމުގެ ބިރު އޮތެވެ. އެ ކާވެންޏާ ދެކޮޅު ހަދަމުން ދިޔަ ދަރިފުޅު އަޅުގަނޑާ ވަކިކޮށްފާނެތީވެސް ބިރުގަތެވެ."

ބަޝީރު ސުވާލުކުރެއްވިއެވެ. "ޝާހީ ޚާންދާނުގެ ކުއްޖަކާ އިންނާން ދަރިކަނބަލުން ރުހިވަޑައެއްނުގަނޭތޯއެވެ؟"

"އެއްގޮތަކަށްވެސް ނުރުހެއެވެ. ތީރެއް ހެރިގެން އެ ސޮރުގެ އެއް ލޯ ހުރީ ކަނުވެފައެވެ."

ބަދްރު ބިން މުޣީރާ ސުވާލުކުރެއްވިއެވެ. "މަނިކުފާނު މިހައި ހިސާބަށް ވަޑައިގަތީ ކިހިނެއްތޯއެވެ؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.