
(6 ޖޫން 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
[ދައްތާއެވެ. ތިޔަ ކުރީ ކީއްހެއްޔެވެ؟] އެންޖެލާ އޭނާގެ ދައްތަގެ ގައިގައި އޮޅުލައިގެންފިއެވެ. އަދި ބައްޕަޔާ ދިމާއަށް ބަލައިލައިފައި ތުރުތުރުއަޅާ އަޑަކުން ބުންޏެވެ. [އޭގެ ޒަހަރު ތަށްޓެއް އަޅުގަނޑަށްވެސް ދެއްވާށެވެ. އަޅުގަނޑުމެން ދެމީހުންވެސް އުފަންވީ ވިހަގަދަ ހަރުފައެއްގެ ގެއަށެވެ. އެހެންވީމާ ދެމީހުންގެ ނިމުން އަންނާން ޖެހޭނީ އެއްގޮތަކަށެވެ.]
[ކަލޭމެން ދެ ކުދިން ތިޔަ ތިބީ މޮޔަވެފައެވެ. ބައްޕަ ދައްތައަށް ދިނީ ނިދާ ބޭހެކެވެ. ބައްޕަ މިކުރާ މަސައްކަތުގައި އުފާވެރި، ރަނގަޅު ނަތީޖާއަކާ ހަމައަށް ދާންދެން ދައްޕަ ހަމަހޭގައި ނެތުމަކީީ އޭނާއަށް އެންމެ ރަނގަޅު ގޮތެވެ. ދެރަ ނުވާނީ އޭރުންނެވެ.]
މިހެން ބުނެފައި އަބޫ ދާވޫދް ރަބީޢާގެ މުލައްދަނޑީގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދައިފައި ކޮޓަރިން ނުކުމެއްޖެއެވެ. އޭނާއަށް ދެތިން ފިޔަވަޅު އެޅުނުތަނާ އެންޖެލާ ދުވެފައި ނުކުމެ އޭނާގެ އަތުގައި ހިފައިފިއެވެ. [ބައްޕާއެވެ. އޭނާ ސަލާމަތް ކުރައްވާށެވެ. އޭނަޔާ ނުލައި ދައްތައަކަށް ދިރިއެއް ނޫޅެވޭނެއެވެ.]
އަބޫ ދާވޫދް ހިތާމަވެރި ރާގަކަށް ބުންޏެވެ. [ދަރިފުޅާއެވެ. ބައްޕަ މި ގެންދަނީ ބައްޕަގެ އަތުން ދޫވި ކަށިތައް އެއްކުރަމުންނެވެ. މި މަސައްކަތުގައި ބައްޕަގެ މަގުސަދު ހާސިލުވުމުގެ ބަދަލުގައި އަތް ޒަޚަމްވުމަކކީ އެކަށީގެންވާ ކަމެކެވެ. ދައްތައަށް ރަނގަޅަށް ނިދެންދެން ދަރިފުޅު ދައްތަގެ ގާތުގައި އިންނާށެވެ. ބަދްރު ސަލާމަތް ވާނޭ ކަމުގެ ޔަގީންކަން ދައްތައަށް ދެވޭތޯ ބަލާށެވެ.]
[އަޅުގަނޑު ބޭނުންވަނީ އޭނާ ސަލާމަތް ކުރައްވަން ބައްޕައަށް ކުރެއްވޭން އޮތް ހުރިހައި ކަމެއް ކުރައްވާނޭ ކަމުގެ ޔަގީންކަން އަޅުގަނޑު ބޭނުމެވެ.]
އަބޫ ދާވޫދް ރުޅި އައިސްފައި ބުންޏެވެ. [އެންޖެލާއެވެ. ދާށެވެ. އަހަންނަށް އުނދަގޫ ނުކުރާށެވެ. ތިޔައީ ރަބީޢާގެ ކޮއްކޮއެވެ. އަހަރެން މިއީ އޭނާގެ ބައްޕައެވެ.]
އެންޖެލާ އެނބުރި ރަބީޢާގެ ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ ހިތާހިތާ ކިޔަމުން ދިޔައެވެ. [ތިޔައީ ބައްޕައަކަށް ވާނެ ނަމައެވެ.]
އޭނާ އެނދުގައި އިށީނދެ ރަބީޢާގެ ގައިގައި ބައްދައިލިއެވެ. ރަބީޢާ އިނީ ކާލިއަޅާ ކަހަލަ ގޮތެއް ވެފައެވެ. ނިންޖާ ޖެހެނީއެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު އާފުރިލައިފައި އެންޖެލާގެ އުނގުގައި އޮށޯވެއްޖެއެވެ. [ކޮއްކޯއެވެ. އޭނާ ސަލާމަތް ވާނޭ ކަމުގެ އެއްވެސް އުއްމީދެއް އޮތްނަމަ އަހަންނަކަށް ބޭހެއް ނުދޭނެއެވެ.]
އެންޖެލާ އޭނާގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ބުނެލިއެވެ. [ސަރަހައްދީ ބާޒާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރީން އެމީހުން އެތައް ފަހަރަކު ވިސްނާނެއެވެ. އޭނާއަށް ގޮތެއް ހަދައިފިއްޔާ ސިފައިން އަރައިގަނެ ގްރަނާދާ ފުނޑުފުނޑުކޮށްލާނެކަން އަބޫ ޢަބްދުﷲއަށް އެނގޭނެއެވެ.]
[އަބޫ ޢަބްދުﷲއަށް ތިޔަ ކަހަލަ އިހުސާސެއް ކުރެވޭނަމަ އޭނާގެ ބައްޕަޔާ ދެކޮޅަށް ބަޣާވާތްކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ އިންތިހާއަށް އަނިޔާވެރި ހާނީއްކަތަކާއެކުވެސް ގްރްނާދާއަށް އެއްވެސް ދެރައެއް ވާނެ ކަމެއް ކުރަން ބަދްރު ބޭނުން ނުވާނެކަންވެސް އޭނާއަށް އެނގޭނެއެވެ.]
[އެކަމަކު ގްރަނާދާގެ އާއްމު ރައްޔިތުން ތިބީ ސަރަހައްދީ ބާޒަށްޓަކައި ފުރާނައިން ގުރުބާންވާން ތައްޔާރަށެވެ. އޭނާއަށް ކުރިމަތިކުރާ ކުޑަކުޑަ ދަތިކަމެއްވެސް އެމީހުން ބަރުދާހެއް ނުކުރާނެއެވެ.]
ރަބީޢާ ބުންޏެވެ. [ކޮއްކޮ އަދި މާޅައީއެވެ. އާއްމުންގެ ނަޒަރުގެ ކުރިމަތީގައި އެހެރީ އަލްޙަމްރާގެ އުސް ފާރުތަކެވެ. އަލްޙަމްރާގެ ސިއްރުތައް އަލްޙަމްރާގައި ވަޅުލެވޭނީއެވެ.
[އެހެންވީމާ ގްރަނާދާގެ އަމީރުން އެ މީހުންނަށް ފަހުން ކުރިމަތިވާނޭ ނުރައްކަލަށް ބަލައިފައި އަބޫ ޢަބްދުﷲގެ ވިޔާނުދާ ގަސްތާ ދެކޮޅު ހަދާނެކަން އަހަންނަށް ޔަގީނެވެ.]
[ނޫނެކެވެ. ތިޔަކަން ވާނެ ކަމަށް ފެންނަނީ އެހެން ގޮތަކަށެވެ. އަބޫ ޢަބްދުﷲ އޭނާގެ ފުރާނައަށް ބިރުން އެ އަމީރުންގެ ބަސް އެހުމަކީ މާ ގާތް ކަމެކެވެ. އެމީހުން އެތިބީ އަމިއްލަ ފައިދާއަކަށްޓަކައި ގައުމު ވިއްކާލައިގެންނެވެ. ގްރަނާދާއަށް ހަމަލަދޭން ފެރްނާންދޯއަށް ނުކެރިގެން އުޅެނީީ އެންމެ ސަބަބަކާ ހުރެއެވެ. އެއީ ސަރަހައްދީ ބާޒު ދެކެ ގަންނަ ބިރެވެ. އޭނާ ޝަހީދު ކޮށްލެވުނީމާ އެމީހުންނަށް އޭނާގެ ލަޝްކަރުން ކކުރިމަތިވެދާނޭ ނުރައްކަލަކުން ސަލާމަތް ކޮށްދޭން ފެރްނާންދޯ އަންނާނެކަން އެ މީހުންނަށް އެނގެއެވެ.]
އެންޖެލާ މާޔޫސީއާއެކު ބުނެލިއެވެ. [ދައްތާއެވެ. ބައްޕަ އޭނާ ސަލާމަތްކުރާނެކަން ޔަގީނެވެ. އެކަމަކު ދިމާވާ ގޮތަކުން ބައްޕަގެ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ އަހަރެެމެން ހަދާނީ ކިހިނެއް ހެއްޔެވެ؟]
ރަބީޢާ ލޯ ހުޅުވައި ބަލައިލިއެވެ. އަދި ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ. [ކޮއްކޯއެވެ. ދައްތަ މާޔޫހެއް ނުވަމެވެ. ދައްތަ އީމާންވަނީ އިބްރާހީމް ޢަލައިހިއްސަލާމް އަލިިފާނުން ނެރުއްވި ކަލާނގެއަށެވެ. ގަނޑުވަރުގައި އަންހެނުން އުޅޭ ބަޔަށް އަހަރެމެންނަށް ދެވިދާނެ ހެއްޔެވެ؟ އަބޫ ޢަބްދުﷲގެ އަނބިމީހާ އަހަރެމެންނަށް އެހީވާނެއޭ ދައްތަގެ ހިތަށް ވަރަށް ބޮޑަށް އެބައަރައެވެ. އޭނާ ބާޒަށް ވަރަށް ބޮޑަށް ގަދަރުކުރެއެވެ. މި ޚިޔާލު ކުރިން ދައްތަގެ ހިތަށް ނައީީ ކީއްވެގެން ހެއްޔެވެ؟]
އެންޖެލާ ބުންޏެވެ. [އަންހެނުން އުޅޭ ބައިގެ ދޮރު މި ވަގުތު ހުންނާނީ ތަޅުލައިފައެވެ. އެކަމަކު އަބޫ ޢަބްދުﷲ އަދި އެ އުޅެނީީ ދަރުބާރުގައެވެ. އެހެންވީމާ އެބައިގެ ފާރަވެރިންނާއި އިސް ފާރަވެރިޔާ އޭނާގެ އިންތިޒާރުގައި ހޭލައި ތިބޭނެއެވެ. އެބައިގެ ދޮރު ހުޅުވާން އަހަރެންގެ ކަރުގައި މި އޮތް ހާރުން ފުދޭނެއެވެ. ނުވަގުތެއްގައި ހޭލެއްވީތީ ރާނީއާއި އެހެން ބޭފުޅުން ކޯފާވާނޭ ކަމަކަށް ނުފެނެއެވެ. ބާޒު ހައްޔަރުކުރި ވާހަކައަކީ އެ ބޭފުޅުންނަށްވެސް ބޮޑު ޚަބަރަކަށް ވާނެއެވެ. އަވަހަށް ހިނގާށެވެ. މަންމަ މި ވަގުތު ނިދައިފައި އޮތްކަން ވަރަށް ރަނގަޅެވެ.]
ރަބީީޢާ އެނދުން ތެދުވެގެން ހިނގައިގެންފިއެވެ. އެކަމަކު ދެ ފިޔަވަޅު އެޅުނުތަނާ މޫނުމައްޗަށް ކުޑަކޮށް އަނދިރިވާގޮތް ވެއްޖެއެވެ. އަރި އަޅައިލީ ވަގުތު އެންޖެލާ ސަމާލު ވެލުމަށް ފަހު އޭނާ ގެންގޮސް އެނދުގައި ބާއްވައިފިއެވެ.
[ދައްތައަށް މިހާރު ބޭހުގެ އަސަރު ކޮށްފިއެވެ. މިތާގައި އޮންނާށެވެ. އަހަރެން ދާނަމެވެ. އަހަރެންގެ ކާމިޔާބީއަށް އެދި ދައްތަ ދުޢާ ކުރާށެވެ.
ރަބީޢާ ދެބަދޭތެރޭގެ ހާލަތެއްގައި އޮވެގެން އޭނާގެ ކަރުގައި އޮތް ހާރު ނަގައިފައި އެންޖެލާގެ އަތަށް ދީފިއެވެ. [މިވެސް ހިފައިގެން ދާށެވެ.]
މުޖާހިދާއި ޣައްދާރު
(1)
އެކި ކަހަލަ ޚިޔާލުތައް ކުރަމުން އަބޫ ދާވޫދް ދަރުބާރާ ދިމާއަށް އެބަހަރަ ދެއެވެ. އޭނާގެ ޚިޔާލަށް ފެންނަނީ ބަދްރު ބިން މުޣީރާއަށް ވާނެ ގޮތެވެ. އޭނާގެ ނިމުމާއެކު ގްރަނާދާގެ ކުރިމަގު ދަރުބާރުގައި ބައްޓަން ވެގެންދާ ގޮތެވެ.
އޭނާ ހިނގަހިނގައި ހުރެފައި ބައެއް ފަހަރު ހުއްޓެއެވެ. އެހެން ހިނދުކޮޅަކު ހުރެފައި ވަކި ގޮތެއް ނުނިންމައި އަނެއްކާވެސް ހިނގައިގަނެއެވެ. ކެތްތެރިކަން ކޮޅުން ލައިފިކަމުގެ އިހުސާސް އޭނާއަށް މީގެ ކުރިން ދުވަހަކުވެސް ކުރެވިފައެއް ނެތެވެ. މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުޑަ އިރުކޮޅެއް ކުރީން އޭނާ ވަނީ އޭނާގެ ކާމިޔާބީގެ ކުންނާ ހަމައަށް ވާސިލުވުމުގެ މަގު ކޮށައި ސާފުކޮށްފައެވެ. ބަދްރު ބިން މުޣީީރާ ހީލަތްތެރިކަމުގެ މަޅީގައި ޖެއްސުމަކީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ވަރުގަދަ މަސައްކަތެވެ. އޭގެ ބަދަލުގައި ފެރްނާންދޯގެ ކިބައިން ކިތަންމެ ބޮޑު އިނާމަކަށްވެސް އެދެވިދާނެކަން އޭނާއަށް އެނގެއެވެ. ސަރަހައްދީ ބާޒުގެ ގައިގައި ހިލިހިލާ ޖަހައިގެން ކުރިފުޅުމައްޗަށް ހާޒިިރުކޮށްދޭނޭކަމުގެ ޔަގީންކަން އަބޫ ޢަބްދުﷲއަށް އޭނާ އެރުވީ މީގެ ހައެއްކަ ދުވަސް ކުރިންނެވެ. އެކަމަކު އެ ދުވަހު އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. އަބޫ ދާވޫދް ވައިގެ ތެރޭގައި ހިންގަވައިފައި ވަޑައިގަންނަވާތަން ފެނުނަސް ތިޔަ ވާހަކަ ގަބޫލެއް ނުކުރެވޭނެއެވެ. އެކަމަކު މިއަދު އަބޫ ޢަބްދުﷲއާއި ދަރުބާރުގެ އިސް ބޭފުޅުންނަށް ވަނީ އޭނާގެ ކުޅަދާނަކަމުގެ ކުރިމަތީގައި އިސްޖައްސަވަން މަޖުބޫރުވެވަޑައިގެންފައެވެ. އެ ބޭފުޅުން މިއަދު އެ ތިއްބެވީ އޭނާގެ އަތުގައި ހުރި ކުޅޭކުޅޭ ބުދުތަކަކަށް ވެވަޑައިގެންފައެވެ. ގްރަނާދާގެ ތަޚުތާއި ތާޖަށް ވެރިވުމުގެ ފުރުސަތު މި އަދި މި އޮތީ އޭނާގެ ކުރިމަތީގައި ހުޅުވިފައެވެ. ވަގުތު އައިސް މި އޮތީ ޖެހިފައެވެ. އަބޫ ޢަބްދުﷲއަކީީ އޭނާގެ ސިޔާސީ ކުޅިގަނޑުގައި ބޭނުންކުރަން ލިބިފައި އޮތް ކުޅިއެކެވެ. ބޭނުން ވަގުތަކު އޭނާ އެއްފަރާތް ކުރެވިދާނެއެވެ. މަލްޚާއަށް ހަމަލަދޭން ހުތްލައިގެން ފެރްނާންދޯއަށްޓަކައި ގްރަނާދާގެ ދޮރާށީ ހުޅުވައި ދިނުމަކީީ މިހާރު އޭނާއަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.
އެކަމަކު ރަބީޢާގެ ޚިޔާލު ކުރެވުމާއެކު އޭނާގެ ވިސްނުން އެހެން ދިމާއަކަށް ދަތުރުކުރާން ފަށައިފިއެވެ. [އަހަރެން މިކުރާހައި މަސައްކަތަކީ ރަބީީޢާއާއި އެންޖެލާއާ ދެކުދިންނަކކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އަންހެނުން ކަމުގައި ހެދުމަށްޓަކައި ކުރާ މަސައްކަތެއް ނޫން ހެއްޔެވެ؟ އެ މޮޔަ ދަރިގަނޑު އެ ވަނީ ބަދްރުގެ ލޯބީގައި މޮޔަވެފައެވެ. ބަދްރުގެ މަރު ބަރުދާސްކުރުމަކީ ރަބީޢާއަށް ކުރެވޭނޭ ކަމެއް ބާވައެވެ؟ ރަބީޢާއަށް އެހައި ބޮޑު ހިތާމައަކާ ކުރިމަތި ކުރުވައިފައި ގްރަނާދާގެ ތަޚުތަށް އަރައި އިިންނައިރު އަހަރެން އުފާވާނެ ހެއްޔެވެ؟ ސަރަހައްދީ ބާޒުގެ ފުރާނަ ސަލާމަތް ކުރެވޭނޭ ގޮތެއް އެބައޮތް ބާވައެވެ؟ އަހަރެންގެ ކުރިމަގު ނުރައްކަލެއްގެ ތެރެއަށް ނުވެއްޓި ސަލާމަތް ވާނޭ ގޮތެއް އެބައޮތް ހެއްޔެވެ؟]
(ނުނިމޭ)