އަންދަލުސްގެ ބާޒު - 5

(9 އޯގަސްޓް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބައްޕާއެވެ. އަޅުގަނޑަކީ ފިނޑިއެއް ނޫނެވެ."

"ދަރިފުޅާއެވެ. މި ދަނީ ހަނގުރާމައިގެ މައިދާނަކަށް ކަމުގައި ވީނަމަ ދަރިފުޅު ގެންދިޔައީމުހެވެ. ތޮލޭދޯއަށް ދާއިރު އެންމެ ރަނގަޅު ގޮތަކީ ބައްޕަ އެކަނި ދިއުމެވެ."

"އެކަމަކު ބައްޕަ ވަޑައިގަންނަވާނީ ގިނިކަންޏާ ނޫންކަން އަޅުގަނޑަށް ޔަގީނެވެ."

"ދަރިފުޅަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟"

"ހުވަފެނުގެ ސަބަބުންނެވެ. އަޅުގަނޑުގެ ހުވަފެނަކީ ދޮގު ހުވަފެނެއް ނޫނޭ ޚުދު ބައްޕަވެސް ވިދާޅުވަމެއް ނޫންތޯއެވެ؟"

މުޣީރާ ކުޑަކޮށް ވިސްނަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. "ދަރިފުޅުގެ ހުވަފެނުގެ ތައުބީރާ މެދު ވިސްނައިލާށެވެ. ދެބަފައިން އެކީގައި ދަތުރު ކޮށްފިއްޔާ ހިޔަޅުތަކާ ދިމާވާނެއެވެ."

ބަދްރުވެސް ވިސްނަވައިލެއްވިއެވެ. "ބައްޕަ އެނބުރި ވަޑައިގަންނަވާނީ ކިހައި ދުވަހަކުންތޯއެވެ؟"

މުޣީރާ ވިދާޅުވިއެވެ. "އަންނަ މަހަށް ހަނދުބެލުމުގެ ކުރިން އަންނާނަމެވެ. ދިމާވާ ކަމަކާ ހެދި ބައްޕަ އައުން ލަސްވިޔަސް ބައްޕާ ހޯދާށޭ ކިޔާފައި ދަރިފުޅު ދަތުރަށް ނުނުކުންނައްޗެވެ. ބައްޕަ ނެތިއްޔާ މި ޖަންގަލީގެ ކަންތައް ބަލަހައްޓާނޭ މީހަކީ ދަރިފުޅެވެ. ދަރިފުޅު ވާޖިބު އަދާ ކުރުމުގައި ފަރުވާ ކުޑަ ނުކުރާނޭކަން ބައްޕައަށް ޔަގީނެވެ. ދަތުރަށް މި ނުކުންނަނީ އެ ހިތްހަމަޖެހުމާ އެކީގައެވެ. ދަރިފުޅު ބައްޕަ ހޯދާށޭ ކިޔާފައި ދަތުރު ފަށައިފިއްޔާ ބައްޕަގެ އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބަލާނަމެވެ."

(5)

އެއް މަސްދުވަސް ފާއިތު ވެގެން ހިނގައްެޖެއެވެ. މުޣީރާ ދަތުރުފުޅު ނިންމަވާފައި ވަޑައެއް ނުގަތެވެ. އޭނާ ހަފުތާއެއްހައި ދުވަހަށް ވަޑައިގަންނަވާ ދަތުރުފުޅުތައް ބައެއް ފަހަރު އެތައް މަހަކަށް ދިގުލައިގެން ދެއެވެ. އެހެންވީމާ މި ފަހަރު ލަސްވެވަޑައިގަތީމާވެސް އެއީ މާ ބޮޑު ކަމަކަށް ބަޔަކު ނުބަލައެވެ. އެކަމަކު ބަދްރު ހުންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. ދުވަސް ވާވަރަކަށް ކަންބޮޑުވެވަޑައިގަތުން ދިޔައީ ބޮޑުވެސް ވަމުންނެވެ. އެންމެ ފަހުން އެއް ދުވަހަކު މަޝްވަރާ މަޖިލިސް އެއް ކުރެއްވުމަށް ފަހު ބަދްރު ހުށަހެޅުއްވީ ބައްޕާފުޅުގެ ޚަބަރެއް ބަލައިލާން ހުސިޔާރު ޖާސޫސަކު ފޮނުވާށެވެ. މަޖިލީހަށް ފެނުނު ގޮތުގައި އޭގެ ކުރިން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މުޣީރާއަށް އެ ދަތުރުފުޅުގެ ދައުވަތު އެރުވި މީހަކީ ކާކުތޯ ބެލުމެވެ. ބަދްރު އަލަމާރިއެއް ހާއްވަވައިގެން ތޮލޭދޯއަށް ވަޑައިގަންނަވާން މުޣީރާއަށް ދައުވަތުގެ ގޮތުގައި ލިބިވަޑައިގަތް ސިޓީފުޅު ހޯއްދަވައިފިއެވެ. ސިޓީ ލިޔުނު މީހާގެ ނަން ނުޖެހި އެތައް ސަބަބެއްގެ ވާހަކަ ލިޔުމަށް ފަހު އެ ސިޓީގައި ލިޔެފައި އޮތެވެ. "މަނިކުފާނުގެ ހަނދުމަފުޅަށް ތަންކޮޅެއް ބާރު ލައްވަނިކޮށް އަޅުގަނޑު މިއީ ކާކުކަން އެނގިވަޑައިގެންފާނެއެވެ. އަޅުގަނޑަށް މަނިކުފާނުގެ ފައިންޕުޅު ފެނުނީ ސެބިއްޔާގެ މެހުމާނުގެއަކުންނެވެ. އަސްކޮޅަށް ސަވާރުވެވަޑައިގަތުމުގެ ކުރިން މަނިކުފާނުގެ ނަންފުޅު އަޅުގަނޑު ގާތު ވިދާޅުނުވީކަން ވަރަށް ދެރައެވެ. މަނިކުފާނާ ވާހަކަ ދައްކައިލާނޭ ފުރުސަތެއް އަޅުގަނޑަކަށް ނުލިބުނެވެ. ލިބުނު ނަމަ އަޅުގަނޑުމެން ދެމީހުންގެ މަދުސަދަކީ އެއް މަގުސަދެއްކަން މަނިކުފާނަށް ސާބިތުކޮށް އެރުވީމުހެވެ. އަޅުގަނޑަށް އެއްޗެކޭ ދެންނެވުމުގެ ކުރިން މަނިކުފާނު އަސްކޮޅު ދުއްވަވާލައްވައިފިއެވެ. މަނިކުފާނުގެ ފަހަތްޕުޅުން އަޅުގަނޑު ނުދިޔައީ އަޅުގަނޑުގެ މައްޗަށް ޝައްކެއް ކުރައްވައިފާނެތީއެވެ. ތޮލޭދޯއަށް ވަޑައިގަތުމުގައި ނުރައްކަލެއް އޮތް ކަމުގައި މަނިކުފާނަށް ފެނިވަޑައިގަންނަވަނީނަމަ އަޅުގަނޑު މިހިރީ މަނިކުފާނުގެ ފައިންޕުޅު ދެކޭން އަންނާން ތައްޔާރަށެވެ. އެކަމަކު އެއީ މަނިކުފާނު ތޮލޭދޯއަށް ވަޑައިގަންނަވާން އަޅުގަނޑު ދައުވަތު މި އަރުވާ މަގުސަދު ހާސިލު ކުރެވޭނޭ ކަމެއް ނޫނެވެ. ތޮލޭދޯއަށް ވަޑައިގެން އަޅުގަނޑު ހޯއްދަވާނޭ ގޮތް ދަންނަވައިލާނަމެވެ. މި ރަށުގެ އިރުމަތީ ދޮރާށީގެ ބޭރުގައި މެހުމާނުގެއެއް ހުންނާނެއެވެ. އެތާނގެ ވެރިޔަކީ އިސްކޮޅުން ކުރު މީހެކެވެ. އެމީހާގެ ތިރީ ދަތްޕިލާގެ ދެ ދަތް ހުންނާނީ ބިނދިފައެވެ. މި ވަޑައިގަތީ ނުދަންނަ އެކުވެރިޔަކާ ބައްދަލު ކުރައްވާށޭ އޭނާ ގާތު ވިދާޅުވާށެވެ. އޭނާ މަނިކުފާނު އަޅުގަނޑާ ހަމައަށް ގެންނާނެއެވެ. އަޅުގަނޑާ ބައްދަލު ކުރެއްވުމުގެ ކުރިން މަނިކުފާނު އަޅުގަނޑާ ބައްދަލު ކުރައްވާ ބޭނުންފުޅުގެ ވާހަކަ އެއްވެސް މީހަކު ގާތު ވިދާޅުނުވުން އެދެމެވެ."

މިއީ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިވަޑައިގަތް ސިޓީއެކެވެ. އެކަމަކު ފިކުރުފުޅު ބޮޑުވާ ކަހަލަ ސިޓީއެއްވެސް މެއެވެ. އެހެންވީމާ ބަދްރުގެ ފަރާތްޕުޅުން ތޮލޭދޯއަށް ޖާސޫސަކު ފޮނުވައިފިއެވެ. ޖާސޫސު ގޮސްފައި އެނބުރި އައުމުގެ ކުރީން ކޯރްދޮބާގެ ސިއްރު ޖަމާޢަތެއްގެ މަންދޫބަކު އަތުވެއްޖެއެވެ. އޭނާ އިއްވީ ނުހަނު ހިތާމަވެރި ޚަބަރެކެވެ. އެއީ ތޮލޭދޯގެ ޢާއްމު މައިދާނެއްގައި އެންމެންނަށް ފެންނަ ގޮތަށް މުޣީރާ ދަންޖައްސައި ޝަހީދުކޮށްލީ ޚަބަރެވެ. އެމީހާ ބުނި ގޮތުގައި ސިއްރު ޖަމާޢަތަށް އެ ޚަބަރު ލިބުނީ ތޮލޭދޯއިން އައި ވިޔަފާރިވެރިންގެ ފަރާތުންނެވެ.

ކުޑަ ދުވަސްކޮޅެއް ފަހުން ބަދްރުގެ ޖާސޫސުވެސް އަތުވެއްޖެއެވެ. އޭނާވެސް އެރުވީ އެއް ޚަބަރެކެވެ. އެކަމަކު މުޣީރާއަށް ތޮލޭދޯއަށް ވަޑައިގަންނަވާން ދަޢުވަތު އެރުވީ ކާކުކަމެއް އޭނާއަކަށްވެސް ހޯދޭގޮތެއް ނުތްވެވެ. ޖާސޫސު ބުނި ގޮތުގައި މުޣީރާ ވަޑައިގަންނަވާން ދެންނެވުނު މެހުމާނުގެއަށް ރޭގަނޑުގެ ވަގުތު އޭނާ ދިޔައެވެ. މެހުމާނުގޭގެ ވެރިމީހާގެ މޭގައި ޚަންޖަރު ޖައްސައިލުމާއެކު، އެހެން ގޮތެއް ނެތިގެން އޭނާ ސީދާ ތެދުބަހުން ހުރިހައި ވާހަކައެއް ކިޔައިދީފިއެވެ. އޭނާ ބުނި ގޮތުގައި އޭނާ ކަންތައްކުރަންވާ ގޮތް އެންގީ ސީދާ އެ ރަށުގެ މޭޔަރެވެ. ޖާސޫސުގެ ވާހަކައިން ބަދްރަށް އެނގިވަޑައިގަތީ މުޣީރާއަށް ދަޢުވަތު އަރުވާން އައި ޣައްދާރަކީ ތޮލޭދޯގެ މޭޔަރު ނުވަތަ ގަވަރުނަރުގެ މީހަކު ކަމެވެ. އޭނާގެ ބައިވެރިންނަށްވެސް ވިސްނުނު ގޮތަކީ މިއީއެވެ. މެހުމާނުގޭގެ ވެރިމީހާ ބޭނުންކޮށްފައި ވަނީ ޖަންގަލީގެ ރަސްގެފާނު މަޅިގައި ޖައްސާން ބޭނުންކުޅަ މަސްކޮޅެއްގެ ގޮތުގައެވެ.

މުޣީރާ ޝަހީދުވީ ޚަބަރު މަޑުމަޑުން ގޮސް މުޅި އަންދަލުހަށް ފެތުރިއްޖެއެވެ. ދުރު ރަށްރަށުގައި ޙަރަކާތްތެރިވަމުން ދިޔަ ޖާސޫސީ ޖަމާޢަތްތަކަށް މި ޚަބަރު ވެގެން ދިޔައީ މާޔޫސީގެ ޚަބަރަކަށެވެ. ގްރަނާދާގެ ރައްޔިތުންނަށްވެސް އިޙްސާސްކުރެވުނީ އެބައިމީހުންގެ ވަރުގަދަ އަތެއް ހަށިގަނޑުން ވަކިވެގެން ދިޔައީ ކަމުގައެވެ. އެކަމަކު ޖަންގަލީގެ މުޖާހިދުންގެ ހިތުގައި ޢުމުރުފުޅުން ނުލާހިކު ޒުވާން، އެކަމަކު ހިތްވަރުފުޅު ގަދަ ބަދްރުގެ މައްޗަށް އޮތީ ވަރަށް ބޮޑު އިތުބާރެކެވެ. އޭނާވެސް ހައެއްކަ ދުވަހުގެ ތެރޭގައި މި އިތުބާރަކީ އެ މީހުން ކުރާން އެންމެ ރަނގަޅު އިތުބާރެއްކަން ސާބިތުކޮށް ދެއްވައިފިއެވެ.

އެއް ދުވަހަކު، ކުރިން އެނގުމެއްވެސް ނެތި، ސަރަޙައްދުގެ ކްރިސްޓިއަން ގަވަރުނަރު، ބަދްރުގެ ސަރަޙައްދަށް ޙަމަލާދީފިއެވެ. ބަދްރު އޭނާގެ ލަޝްކަރު ފަހަތަށް ޖައްސަވައި، ކާފަރުންގެ ލަޝްކަރު އުނދަގޫކަން ބޮޑު، ދަތި މަގަކުން ލައިފައި ގޮސް ވާދީއެއްގެ ތެރެއަށް ވައްދަވައިފިއެވެ. އެއީ ތައްޔާރަށް އޮތް ތީރުވެރިންގެ ލަޝްކަރުގެ އަމާޒަށް ފިސާރި ރީތިކޮށް ޙަމަލާދެވޭހައި ކައިރި ތަނެކެވެ. ތީރުވެރިންގެ ޙަމަލާ ވެގެން ދިޔައީ ކާފަރުންގެ ލަޝްކަރަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކަށެވެ. ލަޝްކަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެގެން ދިޔައީމާ، ބާކީ ތިބި މީހުން ޖަންގައްޔާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ޖަންގަލީން އެ މީހުންނާ ކުރިމަތިލާން ޖެހުނު ތީރުވެރިންގެ ނުރައްކާތެރިކަން މާ ބޮޑެވެ. ތިމަންމެނަށް މި ޖެހުނު ދަތުރަކީ ރޯވެފައި އޮތް ޖަންގައްޔަކުން ނުކުމެގެން ގޮސް ގޮވަމުންދާ އަލިފާން ފަރުބަދައެއްގެ ބުޑަށް ނުކުތުން ކަހަލަ ކަމެއް ކަމުގެ އިހުސާސް ކްރިސްޓިއަނުންނަށް ކުރެވޭކަށް މާ ގިނަ ވަގުތެއް ހޭދައެއް ނުތްވެވެ. ބޯ ގަސްތަކުގެ ތެރޭގައި ފިލައި ތިބި ތީރުވެރީންގެ ކުރިމަތީގައި މިބައި މީހުންނަކަށް ފައިތިލަ ސާބިތުކޮށެއް ނުލެވުނެވެ. ހަނގުރާމައަށް ނުކުތް ހަ ހާސް ސިފައިންގެ ތެރެއިން މަރުނުވެ ބާކީ ތިބީ އެންމެ ފަނަރަ ސަތޭކަ މީހުންނެވެ. ހިފައިގެން ދެވޭން އޮތް އެއްޗަކާ އެކު ޖާނު ސަލާމަތްކޮށްގެން ރައްކައުވެވޭތޯ މި ފަނަރަ ސަތޭކަ މީހުން މަސައްކަތް ފަށައިފިއެވެ. އެ ވަގުތު އެމީހުންގެ ވެރިއަކަށް ހުރިމީހާއަށް، ބަދްރުގެ ފަހުލަވާނަކު ޙަމަލާ ދީފިއެވެ. ގަހަކުން ފުންމައިލީ ސީދާގެ އެކަލޭގެ ބޮލަށެވެ. ދެމީހުން އެކީގައި ގުޅައަކަށް ބިންމައްޗަށް ޖެހިއްޖެއެވެ.

ކާފަރުންގެ ބައިގަނޑަށް އެބައިމީހުންގެ ވެރިމީހާ ވެއްޓުނުތަން ފެނިގައި އެނބުރި ބަލައިލާނޭ ހިތްވަރުވެސް ކުރާކަށް ނުކެރުނެވެ. ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ، އެމީހަކަށް ޖެހުނު ދިމާއަކުން ދެމިގަނެގެން ދުއްވައިގެންފިއެވެ. ދުވެފައި ގޮސް އެމީހުންގެ ސަރަޙައްދާ ކައިރިވީތަނާ ލައިގަތީ އިހަށްވުރެ ބޮޑު މުޞީބާތަކާއެވެ.

ބަދްރުގެ އަސްވާރުން ތިބީ ހުރިހައި ދިމާއަކުން މަގު ބަންދުކޮށްގެންނެވެ. ފުރަގަހުން ތޫނު ތީރުގެ ވާރޭ ވެހެނީއެވެ. ކުރިމަތީން ވިދައިބަބުޅަމުން ދަނީ ތީރެވެ. ކިރިޔާވެސް ސަލާމަތުގެ އުއްމީދެއް ފެންނާން އޮތީ ވައަތްފަރާތުން ފެންނާން އޮތް ވާދީއެވެ. އެ ދިމާއަކުން އެއްވެސް ހުރަހެއް ފެންނާކަށް ނެތެވެ. ތީރުގެ ޙަމަލާތަކުން ސަލާމަތްވީ މީހުން އެ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އެކަމަކު ވައަތްފަރާތުން ބައި މޭލެއްހައި ތަނަށް ދެވުނު ތަނާ ކުރިމަތީން ފެނުނީ މާސިންގާ ވަޅުގަނޑެކެވެ. ދުއިސައްތައެއްހައި މީހުން ގަންނާކުރެއްވި ބިރުން އެ ވަޅުގަނޑަށް ފުންމާލައިފިއެވެ. ބައެއް މީހުން ކަނޑިތައް އުކާލައި އަމާންދީފިއެވެ.

ބަދްރު ބިން މުޣީރާ ލަޝްކަރީންގެ ތެރެއިން އަމުރުކުރެއްވީ ވަޅުގަނޑަށް ފުންމައިލީ މީހުންގެ ފަހަތުން ދާށެވެ. ބާކި ތިބި މީހުންނަށް އެންގެވީ ހަތިޔާރު ބެހެއްޓި މީހުންގެ ކަންތަކާ ހަވާލުވާށެވެ.

(6)

މި ހަނގުރާމަ ފެށުނީ އިރުގެ އަލިކަން ދުނިޔެ މައްޗަށް ފާއްދައިލީތަނާއެވެ. އިރުމެދު ޖެހުނު އިރު ބަދްރުގެ ދެ ހާސް ސިފައިން ތިބީ ޒަޚަމްވީ ކާފަރުންނާއި ހައްޔަރުކުރި ކާފަރުންގެ ޔުނިފޯމު އަޅައިގެން، ކްރިސްޓިއަން ލަޝްކަރަކަށް ބަދަލު ވެގެން، އަހަށް ސަވާރުވެ، ނިންމައިލީ ހަނގުރާމައަށްވުރެ ބޮޑު ހަނގުރާމައަކަށް ތައްޔާރު ވެގެންނެވެ.

އިރު އޮއްސޭން ކުޑަތަންވެފައި ވަނިކޮށް ފެންނާން ފެށީ ފެރްނާންދޯގެ މުހިއްމު ރަށެއްގެ އަހުލުވެރީން، އެ ރަށުގެ ސިފައިންގެ ޖެނެރަލަކަށް މަރުހަބާ ކިޔާން ތައްޔާރުވަމުންދާ މަންޒަރެވެ. އެއީ ކޮންމެވެސް ހަނގުރާމައެއްގައި ކާމިޔާބީ ހޯދައިގެން އަންނަ ޖެނެރަލެކެވެ. އިރުގެ ރަތް ދޮންކުލަ ފިލައިގޮސް އަނދިރިވާން ގާތްވެލީތަނާ ބުރުޒުމަތީގައި ފޯރިއަށް ހުރި ސިފައިންގެމީހާ ވަރަށް ބާރަށް ގޮވައިލީ އަޑު އިވުނެވެ. "އެބައި މީހުން އަތުވެއްޖެއެވެ. ކައުންޓް ސެންތިއާގޯއަށް ދިގު އުމުރެއް ދެއްވާށިއެވެ!"

ހުރިހައި ދިމާއަކުން އިވޭން ފެށްޓީ "ކައުންޓް ސެންތިއާގޯ ޒިންދާބާދު" އޭ ގޮވާ އަޑެވެ. ފައްޅީގެ ރަނގަބީލުތައް ޖަހާން ފަށައިފިއެވެ. ސަހަރުގެ ރަށްބޭރަށް އަންހެނުންނާއި ފިރިހެނުން އެތައް ބަޔަކު ޖަމާވެއްޖެއެވެ. އެންމެ ކުރީގައި މާފައްޗެއް ހިފައިގެން އެހެރީ ރަށުގެ ބިޝޮޕެވެ. އެންމެ ބޮޑު ފާދިރީއެވެ. އަހުގެ ފިޔަވަޅުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އެޔާއެކު އުފަލުން ފޮޅިފައިވާ މީސްތަކުންގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ.

އަރަމުން ދިޔަ ބޯ ހިރަފުހުގެ ތެރެއިން ކުއްލިއަކަށް ސަވާރަކު ފެނިއްޖެއެވެ. އެމީހަކުގެ ހުދު ކުލައިގެ ޤުބާ ވަޔާ ވިހުރުވެމުން ދެއެވެ. އޭނާ ސަހަރުގެ މައި ދޮޜޯށްޓާ ވަރަށް ކައިރިއަށް އައިސްފައި މަޑުކޮށްލިއެވެ. އަދި އެނބުރި ފަހަތަށް ބަލައިލިއެވެ. މާ ގިނަ އިރުތަކެއްނުވެ ދެހާހެއްހައި އަސްވާރުން އެތަނަށް ޖަމާވެއްޖެއެވެ. ރައްޔިތުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ހާސްވެފައި ތިބެގެން ވަށައިގެން ހޯދައި ބަލާން ފަށައިފިއެވެ. ހުދު ހެދުން އެޅިމީހާ ގަދައަޑުން ތަކުބީރު ކިޔާން ފަށައިފިއެވެ. އޭނާގެ އަޑާއެކު އެހެން އަސްވާރުންގެ އަޑު ގުގުމާން ފަށައިފިއެވެ. "ﷲ އަކްބަރު!"

ފާދިރީއަކަށް މި އިވޭ އަޑަކީ ހެޔޮ އަޑެއް ކަމަށް ގަބޫލުކުރާންވެސް ދަތިވެއްޖެއެވެ. އަސްވާރުގެ އަތުގައި އޮތް ދިދައިގައި ޖަހައިފައި ހުރީ ސަލީބެއް ނޫންކަމާއި، ހަނދުފަޅިއެއްކަން އޭނާއަށް ފާހަގަ ކުރެވުމާއެކު އަތުގައި އޮތް މާފަތި ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.

ﷲ އަކްބަރުގެ އަޑު މެދުނުކެނޑި ދިޔައީ އިވެމުންނެވެ. ފެންނަމުން ދިޔައީ ހަނދުފަޅީގެ ނިޝާން ޖެހި ދިދައެވެ. މީހުންނަށް މިކަންކަން ފާހަގަ ކުރެވިގެން ޙަރަކާތެއް ކުރެވުމުގެ ކުރީން ބަދްރު ބިން މުޣީރާގެ ހިތްވަރުގަދަ ފަހުލަވާނުން، ހުޅުވިފައި ހުރި ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ. ކުރީގެ ޙަމަލާއިން ސަލާމްވެގެން ދުވެ ފިލި ބައެއް ކާފަރުންނަށް ރަށާ ހަމައަށް އާދެވުނުއިރު ވާނެ އެއްޗެއް ވެ ނިމިފައެވެ. ރަށްބޭރުގައި ކޮޅުކޮޅުމައްޗަށް ދުވާ މީސްމީހުންގެ ފަރާތުން އެނގުނު ގޮތުގައި މުސްލިމުން އައިސް އެ ރަށް ހިފައިފިއެވެ.

މެންދަންވުމުގެ ކުރިން، އެ ރަށުން ޣަނީމާގެ ގޮތުގައި ލިބުނު ރަންނާއި ރިއްސާއި އެހެނިހެން ތަކެތި ހިފައިގެން ބަދްރުގެ ލަޝްކަރު ރަށުން ފައިބައިފިއެވެ. ޢަނީމާގެ މުދައު ފަސް ސަތޭކަ އަސްވާރުންނާ ހަވާލު ކުރައްވައިފައި ބަދްރު މިސްރާބު ޖެއްސެވީ ކައިރީގައި ހުރި ރަށްރަށާއި އަވަށްއަވަށާ ދިމާއަށެވެ.

އަނެއް ދުވަހުގެ ހެނދުނު ލަޝްކަރު ޖަންގަލީގައި ހުންނަ އެ މީހުންގެ ޖަގަހައަށް އެނބުރި އައީ އެތައް ޖަމަލަކާއި ހިމާރަކާއި އަހެއްގެ ޣަނީމާ މުދައުު ހިފައިގެންނެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.