
(30 މެއި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބަދްރުގެ ތުންފަތްޕުޅަށް ހިތާމަވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. [މިއީ ރޭވުމެއް ކަމަށްވާނަމަ ވަރަށް ފުރިހަމަ ރޭވުމެކެވެ. އެހެންވީމާ ފިލައިގެން ދިއުމުގެ ފުރުސަތެއް މިހާރަކު ނެތެވެ. އެލުވައިފައި އޮތް ހަރުގަނޑެއްވެސް މިހާރަކު ނޯންނާނެއެވެ. ހަމައެކަނި އެޔެއް ނޫނެވެ. ތިރީގައި މިހާރު އޭނާގެ މީހުންވެސް ފާރައަށް ތިބޭނެއެވެ. އެކަމަކު ރަބީޢާއެވެ. ގުދުރަތުގެ ރޭއްވެވުން އޮތީ އަހަރެންގެ ފަރާތުން ވަކި ކަމެއް ކުރުއްވަން ކަމުގައި ވަނީނަމަ އެއްވެސް މީހަކަށް އަހަންނަކަށް ދެވޭނޭ ގެއްލުމެއް ނޯންނާނެއެވެ.]
[އެ މީހުން އެތިބީ މަނިކުފާނުގެ ލޭފޮދަށް ފެންބޮވައިގެންފައެވެ.] ރަބީޢާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.
[މަރުވެފައި އޮންނަ ގައުމަކަށް ޝަހީދުންގެ ލެޔާ ނުލައި ދިރުމެއް ނުލިބޭނެއެވެ. ރަބީޢާއެވެ. ދެން އޮތީ ކުޑަ ވަގުތޮޅެއް ކަމުގައި ވެދާނެއެވެ. އަހަރެން ދައްކަންވެފައި ހުރި ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ.]
ދުރުން ދެތިން މީހަކުގެ ފިޔަވަޅުގެ އަޑު އިވޭން ފަށައިފިއެވެ. ރަބީޢާއަށް ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލައި ބަދްރުގެ އަތްޕުޅުގައި ހިފައިލެވިއްޖެއެވެ. އަދި ގިސްލަމުން ބުނެލިއެވެ. [މާގިނަ ވާހަކަފުޅު ދައްކަވާކަށް ވަގުތެއް ނެތެވެ. ހަމައެކަނި މިހެން ވިދާޅުވާށެވެ. [ރަބީޢާއެވެ. ތިޔައީ އަހަރެންގެ މީހެކެވެ. އަހަރެން ރަބީޢާ ދެކެ ރުޅިއެއް ނާދެއެވެ.] އަޅުގަނޑު ދުރު ނުކުރައްވާށެވެ. އެމީހުންނަށް އެނގުނަ ދެއްވާށެވެ. އެ މީހުން އެ އަންނަނީ އަބޫ ޢަބްދުﷲ ގޮވައިގެން ކަމުގައި ވެދާނެއެވެ. އަޅުގަނޑު ގްރަނާދާގެ ރާނީގެ ތާޖު ދޫކޮށްލީ ކޮން ބޭފުޅަކަށްޓަކައިކަން އަބޫ ޢަވްދުﷲއަށް ފެނުނަ ދެއްވާށެވެ. ބަދްރެވެ. އަޅުގަނޑުގެ ބަދްރެވެ. މި ދަނޑިވަޅު ނައިނަމަ އުމުރު ހުސްވެގެން ދިޔަނަމަވެސް އަޅުގަނޑަށް ބަދްރު ދެކެ ލޯބިވާކަން ހާމަކުރަން ނުކެރުނީހެވެ. ބަދްރާއެކު ދިރިއުޅުމަކީ ހުރަސްތަކުން ފުރިފައިވާ ކަމެކެވެ. އެކަމަކު މަރުގެ ވަގުތުގައި ބަދްރާ އެކީ ހުރުމަކީ އެއްވެސް މީހަކަށް ހުއްޓުވޭނޭ ކަމެއް ނޫނެވެ.]
ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް ވަނީ އަބޫ ޢަބްދުﷲއާއި އަބޫ ދާވޫދާއި ހަތިޔާރުއެޅި ދިހަވަރަކަށް ސިފައިންގެ މީހުންނެވެ. ރަބީޢާ ފެނުނީމާ އަބޫ ދާވޫދް ކަންބޮޑުވެފައި ބުނެފިއެވެ. [ރަބީޢާއެވެ. މިތާގައި ތިޔަ ކުރަނީ ކީއްހެއްޔެވެ؟ އަވަހަށް ކޮޓަރިއަށް ދާށެވެ.]
ރަބީޢާ ފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. އަދި ރުޅިވެރިކަމާއެކު އޭނާގެ ބައްޕަޔާ ދިމާއަށް ބަލައިލާފައި ބުންޏެވެ. [ވިދާޅުވާށެވެ. އަޅުގަނޑަށް އޮތީ ކޮން އަދަބެއްތޯއެވެ؟ އަޅުގަނޑުމެން ދެމީހުން މިތިބީ އެއް އޮޑިއެއްގައެވެ. ގްރަނާދާއާމެދު ހެޔޮ ވިސްނުމެއްގައި ހުރުމަކީ ކުށެއް ކަމުގައިވާނަމަ އަޅުގަނޑަކީވެސް ކުށްވެރިއަކީމެވެ.]
އަބޫ ދާވޫދަކަށް ކިޔާނޭ އެއްޗެއް ނޭނގުނެވެ. އެންމެ ފަހުން ބުނެފިއެވެ. [ރަބީޢާއަށް ބައެއް ފަހަރު ސިކުނޑީގެ ބަލިމަޑުކަން ޖެހެއެވެ. މިކަމުން އަރައިގަތީމާ ކުރެވުނު ކަމެއް، ބުނެވުނު އެއްޗެއް ހަނދާނެއް ނުހުރެއެވެ. ބަލީގެ ތެރޭގައި ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ.]
ރަބީޢާ ޖަވާބުގައި ކޮންމެވެސް އެއްޗެކޭ ބުނާން އުޅުނެވެ. އެކަމަކު އަބޫ ދާވޫދު އޭނާގެ މުލައްދަނޑީގައި ހިފައި ދަމަމުން ގެންގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވައްދައިފިއެވެ.
އަބޫ ޢަބްދުﷲ ކަންބޮޑުވެފައި އިރުކޮޅެއް ވާންދެން ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވާން ހުންނެވިއެވެ. އެޔަށް ފަހު ސިފައިންނަށް އިޝާރަތެއް ކޮށްލެއްވީމާ އެމީހުން އައިސް ބަދްރު ވަށައިލައިފިއެވެ. ބަދްރު އޭނާގެ ކަނޑިކޮޅު ދަންމަވައިގެންފައި އަބޫ ޢަބްދުﷲގެ ކުރިފުޅުމައްޗަށް އެއްލަވައިފިއެވެ. [އެންމެ މީހަކު ހައްޔަރު ކުރައްވާން މިހައި ގިނަ މީހުން ގެންނެވީ ކީއްކުރައްވަންތޯއެވެ؟]
އަބޫ ޢަބްދުﷲ ދެވަނަ ފަހަރަށް އިޝާރަތް ކޮށްލެއްވީމާ ސިފައިންގެ މީހަކު ބަދްރުގެ ކަނޑިކޮޅު ނަގައިފިއެވެ. [އަލްޙަމްރާއަށް ވެދެވަޑައިގަތުމަށްޓަކައި މި ކަހަލަ މޮޔަ ފިޔަވަޅެއް އަޅުއްވައިފާނޭ ކަމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް ހިއެއް ނުކުރަމެވެ.]
ބަދްރު ވިދާޅުވިއެވެ. [އަލްޙަމްރާގެ ގަނޑުވަރުގައި ބުއްދިވެރިކަމުގެ މާނައަކީ މަކަރުހެދުމާއި އޮޅުވައިލުމާއި ފިނޑިކަން ކަމުގައި ވަނީ ނަމަ ތިޔަ ވިދާޅުވާ މޮޔަ ފިޔަވަޅަށްޓަކައި އަޅުގަނޑު ކުޑަކޮށްވެސް ދެރައެއް ނުވެއެވެ.]
އަބޫ ޢަބްދުﷲއަށް ޖަވާބުގައި ވިދާޅުވާނޭ އެއްޗެއް އެނގިވަޑައިނުގަތީމާ ވިދާޅުވެއްޖެއެވެ. [މިއީ ތިޔަ ކަހަލަ ވާހަކަދައްކާން ރަނގަޅު ތަނެއް ނޫނެވެ. ގަނޑުވަރުގައި މަނިކުފާނާ އެކަށީގެންވާ ކޮޓަރިކޮޅެއްގައި ވަރަށް ގިނަ ބަޔަކު އިންތިޒާރުގައި އެބަތިއްބެވެ. މަނިކުފާނުގެ ރައްކަލަކަށްޓަކައި އަޅުގަނޑުގެ ސިފައިންގެ އަމުރަށް ކިޔަމަންތެރިވެވަޑައިގަންނަވާނޭ ކަމަށް އުއްމީދު ކުރަމެވެ.]
ބަދްރު ބިން މުޣީރާ ކަނޑީގެ ބެލުމުގެ ދަށުގައި ދަންމަރުތަކުގެ އަލީގައި އެތައް ބެރެންޑާއެއް ކަޑައްތު ކުރެއްވުމަށް ފަހު ވަޑައިގެން ކަޅު ކޮޓަރިއަށް (ހުރަގެއަށް) ވެދެވަޑައިގެންފިއެވެ. ވަޑައިގަތް މަގުމަތީގައި ފެނިވަޑައިގަތް ސިފައިންނާއި ކަނޑިތަކުގެ ވިދުވަރުން ވިސްނިވަޑައިގަތީ އެންމެ ކަމެކެވެ. އެއީ ފިއްލަވައިގެން ގަނޑުވަރުން ނުކުމެވަޑައިނުގަންނަވާން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމެކެވެ.
(4)
[އަޅުގަނޑު ދޫކޮށްލައްވާށެވެ. ދޫކޮށްލައްވާށެވެ.] ރަބީޢާ މަސައްކަތް ކުރަމުން ގެންދިޔައީ އަބޫ ދާވޫދްގެ އަތްދަށުން ސަލާމަތްވާށެވެ.
އަބޫ ދާވޫދް ހަރުކަށިކަމާއެކު އޭނާ ދަމައިފައި ގެންގޮސް އެނދަށް އެއްލައިލިއެވެ. [މޮޔަ ކުއްޖާއެވެ. އަމިއްލަ އަބުރާމެދު ވިސްނާނަމަ އަހަރެންގެ ބޮލުގައި މިހިރަ ނުރައަށް ކޮންމެވެސް ވަރެއްގެ ގަދަރެއް ކުރާށެވެ. ގްރަނާދާގެ އެންމެ ގޮތްކުޑަ މީހާގެ ކުރިމަތީގައި އިސް އުފުލައިލާން ބައްޕައަށް ކެރޭވަރުވެސް ދަރިފުޅު ނުކުރީމެއް ނޫން ހެއްޔެވެ.]
ރަބީޢާ ތެދުވެއްޖެއެވެ. އަދި ކުއްލިއަކަށް ބައްޕަގެ ފައިދޮށަށް ތިރިވެއްޖެއެވެ. [ﷲ އަށްޓަކައި އޭނާގެ ފުރާނަ ސަލާމަތްކޮށް ދެއްވާށެވެ. އަޅުގަނޑަށްޓަކައި ނޫނިއްޔާ ގްރަނާދާއަށްޓަކައެވެ. ބައްޕަގެ އަމިއްލަ ދަރިފުޅަށްޓަކައި ނޫނިއްޔާ ގްރަނާދާގެ އަނިޔާ ލިބެމުންދާ އެތައް ލައްކަ ދަރިންނަށްޓަކައެވެ. އޭނާޔާ ދުވަހަކުވެސް ވާހަކަ ނުދައްކާން އަޅުގަނޑު ވައުދުވަމެވެ. އެހެންނޫނީ އަޅުގަނޑު އަލިފާނުގައި އަނދައިދާނަމެވެ. އަލްޙަމްރާގެ އެންމެ އުސް ބުރިޖުގެ މައްޗަށް އަރައި ބިންމައްޗަށް ފުންމައިލާނަމެވެ.]
އަބޫ ދާވޫދްގެ މޭގައި އޮންނަނީ ހިލަ ހިތެކެވެ. އެކަމަކު އެ ހިތުގައި އިންސާނިއްޔަތުކަމުގެ ކަންޏެއް އަދިވެސް މުޅީން ނުނިވި އެބަހުއްޓެވެ. އޭނާ ގަދައަޅައި މަސައްކަތް ކުރި ނަމަވެސް އެ ކަނި މުޅީން ނިއްވައެއް ނުލެވުނެވެ. އިންސާނިއްޔަތުކަމުގެ ރީތި ރާގުތައް ކުޅޭ ނަރުތައް ބުރިވެފައި ހުރި ނަމަވެސް އެއް ނަރު އަދިވެސް ބުރިނުވެ އެބަހުއްޓެވެ. އެ ނަރަކީ ރަބީޢާގެ ކަރުނައިން ކޮއްޓައިލެވޭވަރުގެ ނަރެކެވެ. ދުނިޔެއަށްޓަކައި އަބޫ ދާވޫދަކީ ވަރަށް ރަނގަޅު މީހެކެވެ. އެކަމަކު އޭނާއަކީ ކުޑަކުޑަ އަމިއްލަ އެދުމަކަށްޓަކައި އެއްވެސް ޖެހިލުމެއް ނެތި އެތައް ހާސް ބަޔަކު މަރުގެ އަނދަވަޅަކަށް ވައްޓައިލާ، ރަހުމު ކުޑަ މީހެކެވެ. އެހެންނަމަވެސް ރަބީޢާއަށްޓަކައި އެއީ ބައްޕައެކެވެ. އޭނާގެ ހުރިހައި ނުބައިކަމަކާއެކުވެސް ރަބީޢާގެ މައުސޫމު ހިނިތުންވުމުން އޭނާގެ ހިތުގައި ރޯކުރި އިންސާނިއްޔަތުކަމުގެ ބައްތީގެ ކަނިވެފައިވާ ހުޅުކޮޅު މުޅީން ނިއްވައެއް ނުލެވެއެވެ.
ރަބީޢާގެ މޫނުމަތީގައި ޖެހުމުގެ ނިޔަތުގައި އަބޫ ދާވޫދް އަތް އުފުލައިލިއެވެ. އެކަމަކު ލޯތްބާއި ކުލުނުގެ ނަރުތަކުގައި އޮޅި އަތަށް ހަރަކާތް ގެންނާކަށް ކުޅަދާނައެއް ނުވިއެވެ. ރަބީޢާގެ ކަރުނަ ފައިބަމުން ދިޔައީ އޭނާގެ ފައިތިލައަށެވެ. އޭނާ ފަހަތަށް ޖެހިލާން އުޅުނެވެ. އެކަމަކު ފައިތިލަ ހުރީ ބިންމަތީގައި ތަތްލައިފައި ކަހަލައެވެ. އޭނާ ގުދުވެފައި ރަބީޢާގެ ބޮލުގައި ފިރުމައިލިއެވެ. އަދި ދެ މުލައްދަނޑީގައި ހިފައި ކޮޅަށް ނެގޭތޯ މަސައްކަތްކުރާން ފަށައިފިއެވެ.
ބައްޕައާއި ދަރިފުޅު އެ ތިބީ އެކަކު އަނެކަކާ ކުރިމަތިލައިގެންނެވެ. ދަރިފުޅުގެ ކަރުނައިގެ ކުރިމަތީގައި ދިރިއުޅުމުގެ އެހެން ހުރިހައި އެއްޗަކީ އެއްވެސް އަގެއް ނެތް އެއްޗެކޭ އަބޫ ދާވޫދްގެ ހިތަށް އެރިއެވެ. އޭނާ ހިތާމަވެރި ރާގަކަށް ބުނެލިއެވެ. [ދަރިފުޅާ ރަބީޢާއެވެ. އޭނާގެ ލޯބީގައި ދަރިފުޅު ތިޔަހައި ވަރަށް މޮޔަވެފައިވާކަން ބައްޕައަށް އެނގިފައި އޮތްނަމައެވެ. ބައްޕަ އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. އެކަމަކު...]
ރަބީޢާ އާދޭހުގެ ރާގަކަށް ބުންޏެވެ. [ބައްޕާއެވެ. ބައްޕައަށް ކޮންމެ ކަމެއްވެސް ކުރެއްވިދާނެއެވެ. އޭނާ މަރުވުމަކީ ގްރަނާދާގެ ހަލާކުގެ ފެށުމަށް ވާނެއެވެ.]
[ގްރަނާދާއަށް ކޮންމެ ގޮތެއް ވިޔަސް ބައްޕައަށް ވަރިހަމައެވެ. ބައްޕަ ބޭނުންވަނީ ދަރިފުޅުގެ ކަރުނައިގެ އަގު އަދާކުރާށެވެ.]
މިހެން ބުނެފައި އަބޫ ދާވޫދް ކޮޓަރީގެ އެއް ފަރާތުގައި ހުރި އަލަމާރިއަކުން ކުޑަކުޑަ ފުޅިއެއް ނަގައިފިއެވެ. އެ ފުޅިން ދެތިން ތިކި ފެން ތަށްޓަކަށް ޖެހުމަށް ފަހު ތަށި ހިފައިގެން ރަބީޢާގެ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ. [ދަރިފުޅުގެ ހާލު މިހާރަކު ރަނގަޅެއް ނޫނެވެ. މި ބޭސްތަށި ބޮއިލާށެވެ.]
ރަބީޢާ ތުރުތުރުއަޅާ އަތަކުން އެ ތަށި އަތުލުމަށް ފަހު ބައްޕަޔާ ދިމާއަށް ބަލައިލިއެވެ. [އަޅުގަނޑުގެ އެދުމެއް ފުއްދަވައިދެއްވާންވެސް ބައްޕަ ބޭނުން ކުރައްވާން އޮތް އެއްޗަކީ ޒަހަރު ކަމުގައި ވަނީނަމަ އަޅުގަނޑު އެވެސް އުފަލާއެކު މި ގަބޫލުކުރަނީއެވެ. ބައްޕަގެ މަރުވެފައިވާ އިހުސާސްތަކަށް ދިރުމެއް ގެންނާން އަޅުގަނޑުގެ މަރު ފުދޭނޭ ނަމަ ހާދަހާ ރަނގަޅެވެ. ގްރަނާދާގެ އިސްލާމުންގެ އެންމެ ފަހުގެ އެހީތެރިޔާ އެ މީހުންގެ އަތުން ޖަހައިނުގަންނާނޭ ނަމައެވެ.]
އެ ތަށި ތުންފަތާ ކައިރިކޮށްލަމުން ރަބީޢާ ބައްޕަގެ މޫނަށް ބަލައިލިއެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރިތެރެއަށް ވަނީ އެންޖެލާއެވެ. އޭނާ ހަޅޭއްލަވައިގަތެވެ. [ދައްތާއެވެ. ކަލާނގެއަށްޓަކައި ބުނަމެވެ. ތިޔަ ތަށި ނުބޯށެވެ.] އޭނާ ދުވެފައި އައިސް އެ ތަށި ރަބީޢާގެ އަތުން އަތުލެވޭތޯ އުޅުނެވެ. އޭގެ ކުރިން ރަބީޢާ އެ ތަށީގައި ހުރި އެއްޗެއް ބޮއިލުމަށް ފަހު ތަށި ބިންމައްޗަށް އެއްލައިލިއެވެ. އަބޫ ދާވޫދްގެ ތުންފަތްމައްޗަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ. އެންޖެލާއަށް ޖެހި ބުދެއްހެން އޭނާގެ ދައްތަޔާ ދިމާއަށް ބަލަހައްޓައިގެން ހުރެވިއްޖެއެވެ. ރަބީޢާ ފަތަހައިގެ ނަޒަރަކުން އޭނާގެ ބައްޕައާއި ކޮއްކޮއާ ދެމީހުންނާ ދިމާއަށް ބަލައިލިއެވެ.
(ނުނިމޭ)