އަންދަލުސްގެ ބާޒު - 11

(27 ސެޕްޓެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑު މޮޅު ބުއްދިއެއް ކުރީއެވެ. ފުރަތަމަ ކުރި ކަމަކީ ކާވެންޏާ ދެކޮޅުހެދުން ހުއްޓައިލުމެވެ. ދެން ކުރި ކަމަކީ އަޅުގަނޑުގެ އެކުވެރިއަކު ލައްވައި ސިޓީއެއް ލިޔުއްވީއެވެ. އެ ސިޓީ ފޮނުވީ އަޅުގަނޑުގެ ގެއަށެވެ. އަޅުގަނޑުގެ އެންގުމަށް އެ ސިޓީ ފޮނުވީ ރޭގަނޑުގެ ވަގުތެއްގައެވެ. ސިޓީގައި ލިޔެފައި އޮތީ އެންޖެލާގެ މަރުބަލީގައި އޮތް މައިފުށުގެ ކާފަ މަރުވުމުގެ ކުރީން އޭނާގެ ދަރިފުޅާއި ކާފަދަރިފުޅު ދެކިލަން އެދޭ ކަމަށެވެ. މިކަހަލަ ޚަބަރެއް ލިބުނީމާ އަންހެނުން ޢާއްމު ގޮތެއްގައި މާ ބޮޑު ތަފުސީލެއް ހޯދާކަށް މަސައްކަތެއް ނުކުރާނެއެވެ. އެ ސިޓީގައި މުދާ ބެހުމުގެ ވާހަކަވެސް އަޅުގަނޑު ލިޔުއްވީމެވެ. އަނބިމީހާ ވަގުތުން މޫރްސިޔާއަށް ތާން ތައްޔާރު ވެއްޖެއެވެ. އޭނާގެ ގަސްތު އިތުރަށް ފައްކާ ކުރުމުގެ ގޮތުން އަޅުގަނޑު ބުނެފީމެވެ. މިއީ ދަތުރު ކުރާން ރަނގަޅު މޫސުމެއް ނޫނެވެ. އިސާހިތަކު ވާރޭ ވެހިގެންފާނެއެވެ. މަގުތައް އޮންނާނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެކަމަކު އަނބިމީހާ ދުލެއް ނުކުރިއެވެ. އޭނާ އިނީ ބައްޕަގެ މަރުބައްޔަށްވުރެ މާ ބޮޑަށް މުދާ ބެހުމުގެ ކަންތަކާ ގަޔާވާ ގޮތް ވެފައެވެ. އޭނާގެ ޝައުގުވެރިކަން ހުރީ ބައްޕަގެ ވަސިއްޔަތުގައި އޮންނާނޭ އެއްޗެއްގެ މައްޗަށް ހުއްޓިފައެވެ. އަނެއްކޮޅުން އެންޖެލާ އިނީ ކާވެންޏާ ހެދި ރުޅި އައިސް ފުފިފައެވެ. އެހެންވީމާ އެ ރޭ ފަތިހު ފުރަން އަޅުގަނޑުމެން ގަސްތުކޮށްފީމެވެ. އަޅުގަނޑު އޮތީ ކުރިން ރަބީޢާއާ ވާހަކަދައްކައިފައެވެ. ވިސްނައިދީފައެވެ. އެހެންވީމާ އޭނާވެސް އިނީ އޭނާގެ ދޮން މަންމަގެ ބައްޕަ ދެކިލަން ދާން ތައްޔާރަށެވެ. އެ ރޭ އަޅުގަނޑުމެން ކާން ތިއްބައި އެންޖެލާއާ އިންނާން އުޅޭ ޒުވާނާ އަތުވެއްޖެއެވެ. އަޅުގަނޑުމެން އުޅެނީ މޫރްސިޔާއަށް ދާންކަން އެނގުނީމާ ތިމަންވެސް ދާނަމޭ އޭނާ ބުނެފިއެވެ. އަޅުގަނޑު އެކަމާ ދެކޮޅު ހެދީމެވެ. އެކަމަކު މާރިޔާ ބާރުއަޅާން ފެށްޓީ އޭނާވެސް ގެންދާށެވެ. އެއީ ދަތުރުމަތީގައި އޭނާގެ ސަބަބުން ފަސޭހަތަކެއް ވެދާނެ ކަމަށް ބަލައިފައެވެ. އެހެންވީމާ އަޅުގަނޑުވެސް އެއްބަސްވެއްޖައީމެވެ.

އަޅުގަނޑުމެން ފަތިހު ގާޑިޔަލަށް އެރިތަނާ އޭނާ އަހެއްގައި އަތުވެއްޖެއެވެ. އޭނާ ބުނި ގޮތުގައި އެ އައީ ކުރިއަށް ހުރި ފާރަޖަގަހަތަކަށް، އަޅުގަނޑުމެން ދަތުރުކުރާނޭ އަސް ތައްޔާރު ކުރަން އަންގައިފައެވެ. ދަތުރުމަތީގައި އޭނާގެ ސަބަބުން އަޅުގަނޑުމެންނަކަށް އެއްވެސް އުނދަގުލެއް ނުވެއެވެ. އެކަމަކު މޫރްސިޔާއާ ގާތްވަމުން ދިޔަ ވަރަކަށް އަޅުގަނޑުގެ ކަންބޮޑުވުން ދިޔައީ ބޮޑުވަމުންނެވެ. އޭނާ ގެންދިޔައީ އަޅުގަނޑުމެންގެ ގާޑިޔަލުގެ ވަށައިގެން އަހުގައި ބުރުޖަހަމުންނެވެ.

ގާޑިޔާ ދުއްވާން އިނީ އަޅުގަނޑުގެ ޒަމާންވީ ނޯކަރެކެވެ. އަޅުގަނޑުގެ މަގުސަދު އޭނާއަށް އެނގެއެވެ. އޭނާ އަޅުގަނޑަށް މަޝްވަރާދިން ގޮތުގައި އެ އުޅޭ ޒުވާނާގެ ފުށުން ސަލާމަތްވެގެން ނޫނީ ގްރަނާދާއަށް ދިއުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންވީމާ ހަރުކަށި ފިޔަވަޅެއް އަޅާން އަޅުގަނޑަށް މަޖުބޫރުވީއެވެ. އެއް ދުވަހަކު، މެންދުރުފަހުގެ ވަގުތު ގަޑިޔާގައި އޮވެގެން މާރިޔާ ނިދީމާ އަޅުގަނޑު އެންޖެލާ ގާތު އަހައިފީމެވެ. ބައްޕަ ދަރިފުޅު މި ގެންދަނީ ކޮން ތަނަކަށް ކަން ދަރިފުޅަށް އެނގޭ ހެއްޔެވެ؟"

އޭނާ ބުންޏެވެ. "ބައްޕަ އަޅުގަނޑުމެން ތިޔަ ގެންދަވަނީ މޫރްސިޔާއަށެވެ."

އަޅުގަނޑު ބުނީމެވެ. "ވަށައިގެން މި އެނބުރޭ މީހާގެ ކިބައިން ދަރިފުޅުމެން ސަލާމަތްކުރަން ބައްޕަ ބޭނުމެވެ. އެހެންވީމާ މިހާރު މި ދަނީ މޫރްސިޔާއަކަށް ނޫނެވެ. މި ދަނީ ގްރަނާދާއަށެވެ."

އެންޖެލާގެ ލޯ ކަރުނައިން ފުރިއްޖެއެވެ. "ބައްޕާއެވެ. އޭނާޔާ އިނުމަށްވުރެ މަރުވުންވެސް އަޅުގަނޑަށް މާ ރަނގަޅެވެ. އޭނާގެ ފުށުން ސަލމަތްވާން ކޮންމެ ތަނަކަށް ދާންވެސް އަޅުގަނޑު ތައްޔާރެވެ."

އަޅުގަނޑު ބުނީމެވެ. "މި ހިސާބުން ފެށިގެން ތަންކޮޅެއް ދުރަށް ދެވުމާއެކު ގްރަނާދާއަށް ދާ މަގު މި މަގާ ވަކިވާނެއެވެ. އެކަމަކު މި ކަލޭގެ އެހެރީ އަހަރެމެންގެ ފަހަތުގައި ވަކި ހިއްޕައިފައެވެ. އަހަރެމެން ރާސްތާ ބަދަލުކޮށްފިއްޔާ ދެން ދިމާވާ ފާރަޖަގަހައަކުން އަހަރެމެން ހުއްޓުވާނެއެވެ. މީނާގެ ފުށުން ސަލާމަތްވެވޭނޭ އޮތީ އެންމެ ގޮތެކެވެ."

އެންޖެލާ ވިސްނައިލާފައި ބުންޏެވެ. "އޭނާ މި ވަގުތު އެ އުޅެނީ އަޅުގަނޑުމެންގެ ފަހަތުން ނުނެއްޓިއެވެ. ބައްޕަގެ އަތުގައި ދުންޏާއި ދުނިދަނޑި އެބަހުއްޓެއް ނޫންތޯއެވެ؟ ބައްޕަ ދުނި ޖައްސަވަންވެސް ދެނެލައްވަމެއް ނޫންތޯއެވެ؟"

އަޅުގަނޑު ބުނެފީމެވެ. "ދަރިފުޅުގެ މަންމަ ދެކެ ގަންނަ ބިރަކުން ތިޔަ ކަހަލަ ފިޔަވަޅެއް އަޅަން ޖެހިލުންވަނީއެވެ."

އޭނާ ބުންޏެވެ. "މަންމަ އެ އޮތީ ނިދައިފައެވެ. ހިތްވަރުކޮށްލައްވާށެވެ."

"އަޅުގަނޑު ފަހަތު ފޮރުން ބޭރު ބަލައިލީމެވެ. އޭނާ ގާތްގަނޑަކަށް ފަންސާހަކަށް ގަޒުގެ ދުރުމިނުގައި ހުރެގެން ފާޙިޝް ލަވައެއް ކިޔަމުން އަންނާތީ ފެނެއެވެ. ގާޑިޔާގެ ދުވެލި ތަންކޮޅެއް މަޑުކޮށްލާން އަޅުގަނޑު އަންގައިފީމެވެ. ގާޑިޔަލާއި އޭނާޔާ ދެމެދުގެ ރާސްތާ ކައިރިވުމާއެކު އަޅުގަނޑު ތީރު ޖަހައިފީމެވެ. އެޔާއެކު ގާޑިޔަލުގެ ދުވެލި ބާރުކުރަން އަންގައިފީމެވެ. ތީރު އަމާޒަށް ވާސިލުވިއެވެ. އެޔާއެކު އަސްމަތީން ވެއްޓިއްޖެއެވެ. އެ ވަގުތު އަޅުގަނޑުގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. އޭނާ މާރު ނުވެ ސަލާމަތް ވެއްޖެއްޔާ މުޅި އަންދަލުސްގައި އަޅުގަނޑު ހޯދުމުގެ މަސައްކަތް ފަށްޓާނެކަން އަޅުގަނޑަށް އެނގެއެވެ. އެހެންވީމާ ދަތުރުކުރަމުން ދިޔައީ ކުރެވޭން އޮތް އެންމެ ހަލުއިމިނެއްގައެވެ. މާރިޔާ ހޭލައިގެން ސުވާލުކުރީމާ އަޅުގަނޑު ބުނީ އެ ޒުވާނާ ކުރިއަރައިގެން ހިނގައްޖެ ކަމުގައެވެ. ރާސްތާ ބަދަލުކުރި ކަމެއް އޭނާއަކަށް ނާންގަމެވެ. އަޅުގަނޑުމެން އެންމެ ފަހުގެ ފާރަޖަގަހަ ފަސްދިންތަނާ ފަހަތުން އަސްވާރުން އަންނަތަން ފެނިއްޖެއެވެ. އެ އަސްވާރުންގެ ދުވެލި ހަލުވިކަމުން އަޅުގަނޑަށް ޝައްކު ވެއްޖެއެވެ. އެހެންވީމާ ދުވެލި ބާރުކުރަން އަނެއްކާވެސް އަންގައިފީމެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެކަމަކު ﷲ އަށް ޙަމްދު ހުއްޓެވެ. އަޅުގަނޑުމެންގެ ގާޑިޔާ ހަލާކުވީ މަނިކުފާނު އަޅުގަނޑުމެންނާ އެހީތެރިވެވަޑައިގަންނަވާން ވަޑައިގަތްތަނާއެވެ. އަޅުގަނޑަށް ސަރަޙައްދާ ހަމައަށް އާދެވުނު ސަބަބެއް ކަމަށް އަޅުގަނޑަށް ވިސްނޭ ގޮތެއް އެބައޮތެވެ. އެ މީހުން އެންމެ ފުރަތަމަ އަޅުގަނޑުމެން ހޯދުމުގެ މަސައްކަތް ކުރާނީ މޫރްސިޔާގެ މަގުމަތީންނެވެ. ގްރަނާދާގެ މަގުމަތީން އަޅުގަނޑުމެން ހޯދުމުގެ މަސައްކަތް ފެއްޓީ މޫރްސިޔާއަށް ދާ މަގުމަތީން ނުފެނުނީމައެވެ. އަޅުގަނޑު މި ހުރިހައި ވާހަކައެއް މި ދެންނެވީ އެނެޖެލާއާއި މާރިޔާ އިސްލާމްދީނަށް ނުވަދެ ތިބީ ކީއްވެގެންތޯ ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. އަޅުގަނޑުވެސް މަނިކުފާނަށް ސުވާލެއް ދަންނަވައިލާން ބޭނުމެވެ."

ބަދްރު ވިދާޅުވިއެވެ. "ބޭނުންފުޅު ސުވާލެއް ކުރެއްވުމުގެ ޙައްޤު މަނިކުފާނަށް އެބައޮތެވެ."

އަބޫ ދާވޫދް ބުންޏެވެ. "މަނިކުފާނުގެ ސަރަޙައްދު އޮންނަނީ އަޅުގަނޑުމެން ދަތުރުކުރި މަގާ ވަރަށް ދުރުގައެވެ. ބާޒެއްގެ ފިޔަގަނޑު ފަތުރައިލާނޭ ވަކި ޙައްދެއް ކަނޑައެޅިފައި ނޯންނަކަން އަޅުގަނޑު ދަންނަމެވެ. އެކަމަކު މަނިކުފާނު އެތަނަށް ކުއްލިއަކަށް ލަޝްކަރާއެކު ވަޑައިގަތީ ކުރީއްސުރެ އެނގިވަޑައިގެން ހުންނަވައިކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ."

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. "ގްރަނާދާގެ ސަރުކާރާއި އަޅުގަނޑުމެންނާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސަރަޙައްދުގެ ބައެއް އިލާކާތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން އޮންނަނީ އަޅުގަނޑާ ޙަވާލުކުރައްވައިފައެވެ. އެހެންވީމާ ފާރަޖަގަހަތަކުގައި ކަން ހިނގާނުހިނގާ ގޮތް ބަލައިލާން ދޭތެރެދޭތެރެއިން ދާން ޖެހެއެވެ. އެ ދުވަހުވެސް އަޅުގަނޑު ނުކުތީ އެ ބޭނުމުގައެވެ. ބޭނުމަކަށްވީ ސިފައިން ފަރުވާ ކުޑަ ކޮށްލައިފައި ނިދާން ތިބެނީތޯ ނުވަތަ ރަނގަޅަށް ފޯރިމަރަމުން ގެންދޭތޯ ބަލައިލުމެވެ. ތިޔަ ބޭފުޅުންނާ ބައްދަލުވާގޮތްވީ އަޅުގަނޑުމެން ދިޔަ މަގުމަތީގައެވެ. އަޅުގަނޑުގެ އަސްލު ޖަގަހަ ހުންނަނީ މި ތަނާ ވަރަށް ދުރުގައެވެ. މިއީވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އޮންނަ ތަނަކަށް ވާތީ ތިޔަ ބޭފުޅުންނަށް މެހުމާންދާރީ އަދާކުރުން މި ތަނުގައި ބޭއްވީއެވެ."

އަބޫ ދާވޫދް ބުންޏެވެ. "ސަރަޙައްދުގެ ސަލާމަތީ ކަންތައް ބެލެހެއްޓެވުން މަނިކުފާނާ ޙަވާލުކުރެއްވި ބޭފުޅެއްގެ ދުރުވިސްނުންފުޅާއި ޙިކުމަތުގެ މައްޗަށް ތާރީފު ހުއްޓެވެ. ގްރަނާދާގެ މުޅި ސަރަޙައްދު ބެލެހެއްޓެވުމުގެ ޒިންމާ މަނިކުފާނާ ޙަވާލުކުރެއްވުމަކީ އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނޭ ވަރުގަދަ ކާމިޔާބީއަކަށް ވާނޭކަން ކަށަވަރެވެ."

"ނޫނެކެވެ. އެ ވަރުގެ ބޮޑު ޒިންމާއެއް އުފުލުމުގެ ގާބިލުކަމެއް އަޅުގަނޑަކަށް ލިބިގެންނެއް ނުވެއެވެ."

އަބޫ ދާވޫދް ބުންޏެވެ. "ގްރަނާދާގައި އަޅުގަނޑު ދަންނަ މީހަކު ނޫޅެއެވެ. އަޅުގަނޑު އެ ތަނަށް ދިއުމުގެ ކުރީން އިޚްލާސްތެރި ދެތިން މީހަކުގެ ނަން ދެއެްވައިފިއްޔާ ވަރަށް ހެޔޮފުޅެވެ."

ބަދްރު ވިދާޅުވިއެވެ. "އެފަދަ މީހެއްގެ ނަމުގައި އަޅުގަނޑު ސިޓީއެއް ލިޔެފައި އަރުވާނަމެވެ. އެ މީހަކުގެ އެހީތެރިކަން ލިބިވަޑައިގަތީމާ މުޅި ގްރަނާދާ އެނގިވަޑައިގަތީކަމުގައި ވާނެއެވެ. އެކަމަކު އަޅުގަނޑަށް ހީވާ ގޮތުގައި މިތާގައި އަދި ވަރަށް ގިނަ ދުވަހު މަޑުކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. ބަޝީރު ބުނަނީ ކީކޭހެއްޔެވެ؟ އަބޫ ދާވޫދްގެ ދަރިކަނބަލުން ފަސޭހަފުޅުވާނީ ކިހައި ދުވަހަކުން ހެއްޔެވެ؟"

ބަޝީރު ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ހަފުތާހެއްހައި ދުވަހުން މުޅީން ފަސޭހަފުޅުވެދާނެއެވެ."

(3)

ބަދްރު ބިން މުޣީރާގެ މެހުމާނުންގެ ގޮތުގައި އަބޫ ދާވޫދްގެ ޢާއިލާ ފައިބައި ތިބި ކިއްލާއަކީ އެ ކިއްލާ ގާއިމުވެފައި އޮތް ތަނުގެ ސަބަބުން ބޭރުގެ ޙަމަލާތަކުން މުޅީން ރައްކާތެރިވެފައިވާ ތަނެއް ނޫނެވެ. ވަރުގަދަ ޙަމަލާއެއް ހުއްޓުވޭ ވަރުގެ ބާރެއް އެ ކިއްލާގެ ފާރުތަކަކުވެސް ނެތެވެ. އައްޒަޣަލާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ބަދްރު މި ތަނަށް ވަޑައިގެން އުޅުއްވަނީ ސަރަޙައްދުގެ ސަލާމަތީ ޙާލަތު މުޢާއިނާކުރެއްވުމުގެ ބޭނުންފުޅުގައި އެކަންޏެވެ. ކިއްލާއަކީ ގްރަނާދާއާ އެއް އިންވެގެން އޮތް ސަރަހައްދުގައި ގާއިމުކޮށްފައިވާ ކިއްލާއެކެވެ. އެކަމަކު ގްރަނާދާއާއި ކަސްތިއްޔާއާ ދެމެދު ހަނގުރާމަ އިއުލާނުކޮށްފައި ނެތުމާއެކު މި ވަގުތު އެއްވެސް ޙަމަލާއެއްގެ ބިރުވެރިކަމެއް ނެތެވެ. އެހެންވީމާ ބަދްރު ކިއްލާގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާން ޙަވާލުކުރައްވައިފައި ވަނީ މަދު ސިފައިންކޮޅަކާއެވެ. އަދި ނުރައްކަލެއް ނެތް ނަމަވެސް ކަސްތިއްޔާގެ އިމުގެ ކައިރީގައި ފާރަވެރިންނާއި ޖާސޫސުން ގެންދަނީ މެދުނުކެނޑި ޙަރަކާތްތެރިވަމުންނެވެ. އަބޫ ދާވޫދް އެތަނަށް ގެންނަވައިފައި ފާރައަށް ތިބޭ މީހުންވެސް އިތުރުކުރެއްވިއެވެ. ބަދްރުގެ ޢާއްމު އާދަފުޅަކީ ކަންތައްތައް އިންތިޒާމު ކުރެއްވުމަށާއި އިރުޝާދު ދެއްވުމަށްޓަކައި މި ކިއްލާގައި ދެ ދުވަހަކު ނުވަތަ ހަތަރު ދުވަހަކު މަޑުކުރެއްވުމަށް ފަހު، އައު ސިފައިން ތަމްރީނު ކުރެއްވުމަށްޓަކައި އެނބުރި ޖަންގަލީގައި ހުންނަ އެ މަނިކުފާޏުގެ ޖަގަހައަށް ވަޑައިގަތުމެވެ. އެހެން ނަމަވެސް އަބޫ ދާވޫދުގެ ޢާއިލާ އޮތުމާއެކު ގިނަ ދުވަހު މަޑުކުރައްވާން ޖެހިވަޑައިގަތީއެވެ. އެކަމަކު ދެ ދުވަހަކު ކިއްލާގައި ހުންނަވައިފައި ޖަގަހައަށް ވަޑައިގަނެއެވެ. ބޭނުންވާ އިރުޝާދު ދެއްވުމަށް ފަހު އަނެއްކާވެސް ކިއްލާއަށް ވަޑައިގަންނަވަނީއެވެ.

އަބޫ ދާވޫދް ވަނީ އޭނާގެ ދޮގު ވާހަކައިން ބަދްރުގެ އިތުބާރު ކޮންމެވެސް ވަރަކަށް ލިބިގެންފައެވެ. އެކަމަކުވެސް އައްޒަޣަލާއި މޫސާގެ ލިޔުމެއް ލިބިވަޑައިގަތުމުގެ ކުރީން އެ މަނިކުފާނުގެ ރަސްމީ ޖަގަހައަށް ބީރައްޓެއްސަކު ގެންދާވަކަށް ބަދްރު ބޭނުންފުޅެއް ނުވެއެވެ. ރަބީޢާއަށް ބޭސް ކުރެއްވުމަށްޓަކައި އެމަނިކުފާޏުގެ ޖަގަހައަށް ގެންދެވުމުގެ ބަދަލުގައި ބަޝީރު މިތަނަށް ގެންނެވީ އެހެން ވެގެންނެވެ.

އަބޫ ދާވޫދް، މާރިޔާއާ އިނީ ރަބީޢާގެ މަންމަ ނިޔައުވީތާ އަހަރެއްހައި ދުވަހުންނެވެ. މަންމަވެސް ނެތުމާއެކު ރަބީޢާގެ ބެލެނިވެރިއަކަށް މި ދުނިޔޭގައި ހުރި ހަމައެކަނި މީހަކީ އޭނާގެ ބައްޕައެވެ. އޭނާ ހަނދާން ހުންނަ ޢުމުރަށް އަޅައިގަތީމާ ބައްޕަ އޭނާ ގާތު ބުނި ގޮތުގައި މަންމަ ނިޔައުވީ އޭނާގެ ޢުމުރުން އެއް އަހަރުވެސް ނުވަނީހެވެ. ރަބީޢާގެ ޢުމުރުގެ ފުރަތަމަ ތޭރަ އަހަރުގެ ބޮޑު ބައެއް އޭނާ ހޭދަކުރީ މައިފުށުގެ ބޮޑުބޭބެ ގާތުގައި ތޮލޭދޯގައެވެ. އެކަމަކު ކްރިސްޓިއަނުންގެ އަނިޔާވެރިކަން ބޮޑުވެގެން ގޮސް ބޮޑުބޭބެއަށް ޖެހުނީ ޢާއިލާ ގޮވައިގެން ތޮލޭދޯ ދޫކޮށް ގްރަނާދާއަށް ހިޖުރަކުރާށެވެ. ބޮޑުބޭބެ ބޭނުންވީ އޭނާވެސް ގޮވައިގެން ދާށެވެ. އެކަމަކު އަބޫ ދާވޫދް އެ ކަމަކަށް އެއްބަހެއް ނުވިއެވެ. ރަބީޢާ އޭގެ ފަހުން އުޅުނީ ބައްޕާ ގާތުގައި ކަސްތިއްޔާގައެވެ. ބައްޕަގެ ގޭގެ މާޙައުލަކީ އޭނާއަށް މުޅީން ބީރައްޓެހި މާޙައުލެކެވެ. އޭނާގެ ދޮންމަންމައާއި ކޮއްކޮއަކީ ކައްޓަރު ކްރިސްޓިއަނުންނެވެ. ފައިސާއާއި މަގާމުގެ ދަހިވެތިކަމުގެ ސަބަބުން ބައްޕަ ވަނީ ކާބަފައިންގެ ދީނާ ދުރަށް ގެންގޮސްފައެވެ. ކަސްތިއްޔާގެ ކްރިސްޓިއަނުން ދެކޭ ގޮތުގައި އަބޫ ދާވޫދަކީ މިނިވަން ޚިޔާލުގެ އިސްލާމެކެވެ. ކްރިސްޓިއަނުންގެ ބައްދަލުވުންތަކުގައި އޭނާ ބައިބްލް ކިޔަވައެވެ. އިސްލާމުންގެ ބައްދަލުވުންތަކުގައި ޤުރްއާން ކިޔަވައެވެ. ދީނީ ވައުޒުބުނެއެވެ. އޭނާއަކީ އިސްލާމެއްގެ ސިފައިގައި ހުރެގެން އިސްލާމްދީނަށް ޣައްދާރުވާ މީހަކުކަން މަތީ ފަންތީގެ ކްރިސްޓިއަން ފާދިރީން ދަނެއެވެ. އެހެންވީމާ އެހެން އިސްލާމުންނާ ދިމާކޮށްލައި ދީން ބަދަލުކުރުވާން އުޅޭ ބީދައިން އޭނާގެ ދީން ބަދަލުކުރުވާކަށް އެ މީހުންނެއް ނޫޅެއެވެ.

ދީންވެރި ވިސްނުން ތޫނު އިސްލާމުން އޭނާއަށް ކޮންމެވެސް ވަރަކަށް ޝައްކު ކުރެއެވެ. އެކަމަކު އޭނާ ޢާއްމުންނަށް ޔަގީންކަން ދީފައި އޮންނަނީ ކްރިސްޓިއަން ފައްޅީގައި އިނދެގެން އޭނާ އިސްލާމް ދީނުގެ ޙައްޤުގައި ކުރާ މަސައްކަތް މިސްކިތުގައި އިނދެގެން ނުކުރެވޭނޭ ކަމުގައެވެ. އޭނާ އެންމެ ފުރަތަމަ ކުރާ ކަމަކީ އެކި ސަހަރުތަކަށް ގޮސް ކްރިސްޓިއަނުންނާ ދެކޮޅަށް މަސަސއްކަތް ކުރާނޭ އިސްލާމުންގެ ސިއްރީ ޖަމާޢަތްތައް އެކުލަވާލައި ތައްޔާރުކުރުމެވެ. އެޔަށް ފަހު ސިއްރިޔާތުގައި ގޮސް ކަރިސްޓިއަނުންނަށް އެމީހުންގެ ޓިކާނާއާއި ކުރާ މަސައްކަތް ކިޔައިފދީފައި ފިލައިގެން އެހެން ސަހަރަކަށް ހިނގައިދެއެވެ. ދެން ކްރިސްޓިއަން ސިފައިން އައިސް އެމީހުން ހައްޔަރުކޮށްގެން ގެންގޮސް ޝަރީޢަތެއްވެސް ކުރުމަކާ ނުލައި ގަތުލުކޮށްލަނީއެވެ. އޭނާގެ މި "ޚިދުމަތުގެ" އަގު ވަޒަންކުރުމުގެ ގޮތުން ފެރްނާންދޯޯ ވަނީ އޭނާއަށް ރަން މެޑަލެއް ދީފައެވެ. ކަސްތިއްޔާގެ އެންމެ ބޮޑު ފާދިރީ އޭނާއަށް ދިނީ ރިހި ޞަލީބެކެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.