އަންދަލުސްގެ ބާޒު – 33

(11 އޭޕްރީލް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

(3)

ލޮއްޚާގެ ފަތަހައިގެ ދުވަހުގެ ފަހު ދުވަހު ބަދްރު ބިން މުޣީރާ ފެރްނާންދޯގެ ލަޝްކަރުގެ ފަހަތުން ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތުމުން އަބުލްޙަސަން މަޝްވަރާ މަޖިލިސް އެއްކުރެއްވިއެވެ. ބައެއް ބޭފުޅުން ލަފާ އެރުވީ އެނބުރި ގްރަނާދާއަށް ދިއުމަށް ފަހު ފުރިހަމައަށް ތައްޔާރުވެގެން އައިސް ފެރްނާންދޯގެ ރަސްކަމަށް ހަމަލަ ދިނުމަށެވެ. އެކަމަކު ބަދްރު ދެކެވަޑައިގެންނެވި ގޮތުގައި ފެރްނާންދޯއަށް ހަމަނޭވައެއް ލުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.

އޭނާ ވިދާޅުވިއެވެ. [މި ފަތަހައަށް ފަހު ލަސްނުކޮށް ކުއްލިއަކަށް ހަމަލަ ދިނީމާ އެއްވެސް މައިދާނެއްގައި ދުޝްމިނުންނަކަށް އަޅުގަނޑުމެންނަކާ މުގާބިލާއެއް ނުކުރެވޭނެއެވެ. ގްރަނާދާއަށް ގޮސް އަޅުގަނޑުމެންގެ ލަޝްކަރަށް ސިފައިން އިތުރު ކުރެވިދާނެކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު އަޅުގަނޑުމެންނަށްވުރެ ވަސީލަތާއި މީހުންގެ ގޮތުން ދުޝްމިނުން މާ ވަރުގަދަކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ވަގުތު ދީފިއްޔާ އެމީހުން ފައިދާ ހާސިލުކުރާނެއެވެ. އެމީހުންނަށް އެހީތެރިވާން އަންނާނީ ހަމައެކަނި އަންދަލުސްގެ ކްރިސްޓިއަނުންނެއް ނޫނެވެ. ފްރާންސާއި އިޓަލީގައި ޞަލީބު އުފުލާ އެންމެން ކަހަލަ ގޮތަކަށް އަންނާނެއެވެ. މިޔަށްވުރެ ބޮޑަށް އަޅުގަނޑު ކަންބޮޑުވާ އެހެން ކަމެއްވެސް އެބައޮތެވެ. ފެރްނާންދޯ އޭނާ ބަލިވީމާ އެކަމުގެ ބަދަލު ހިފާނީ އޭނާގެ ބެލުމުގެ ދަށުގައި ތިބި އިސްލާމުންގެ ކިބައިންނެވެ. އެއީ ގްރަނާދާގެ އިސްލާމުންނަށްވުރެ ވަކީން މަދު ބައެއް ނޫނެވެ. އެހެންވީމާ އަޅުގަނޑުމެން ލަސްނުކޮށް ހަމަލަދީފިއްޔާ އަންދަލުސްގެ ހުރިހައި ރަށެއްގެ އިސްލާމުން އަޅުގަނޑުމެންނާ ބައިވެރިވާނެއެވެ. އޭރުން ފެރްނާންދޯގެ ސިފައިންނަށްވުރެ އަޅުގަނޑުމެންގެ ލަޝްކަރުގެ އަދަދު މާ ގިނަ ވާނެއެވެ. އެ އަދަދު ވެގެން ދާނީ އަޅުގަނޑުމެން ގްރަނާދާއަށް ގޮސް ލަޝްކަރަށް އިތުރުކުރި ކަމުގައި ވިޔަސް އެކުރެވޭ ވަރަށްވުރެ މާ ގިނަ ބަޔަކަށެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ހަމައެކަނި މައްސަލައަކީ ލަޝްކަރަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގެ މައްސަލައެވެ. އެކަމާ އަޅުގަނޑު ޖާމިނު ވެއްޖައީމެވެ.]

ބަދްރު ބިން މުޣީރާގެ ވާހަކަފުޅަށް ތާއީދު ކުރައްވަމުން އައްޒަޣަލް ވިދާޅުވިއެވެ. [މި ފަތަހައިގެ ނަތީޖާއެއްގެ ގޮތުން ކަސްތިއްޔާގެ ފާރުތަކާ ހަމައަށް ދާން ކުރާ މަސައްކަތުގައި އަޅުގަނޑުމެންނާ މާ ވަރުގަދަ އިދިކޮޅު ހަރަކާތަކާ ކުރިމަތިލާކަށް ނުޖެހޭނެއެވެ. ވެއްޓެމުންދާ ދުޝްމިނުންނަށް ހަމަޖެހިލައި، އަނެއްކާވެސް ތެދުވުމުގެ ފުރުސަތު ދިނުމަކީ އަޅުގަނޑުމެން ކޮށްގެން ވާނޭ ކަމެއް ކަމަކަށް ނުފެނެއެވެ. ދެން އޮތީ ގްރަނާދާއިން ސިފައިން ގެނައުމުގެ ކަންތައް ހަމަޖެއްސުމެވެ. އެކަމަށްޓަކައި މޫސާއަށްވުރެ ރަނގަޅު މީހަކު ނުހުންނާނެއެވެ.]

އުމުރުން ދުވަސްވީ އަމީރަކު ވިދާޅުވިއެވެ. [އަޅުގަނޑަށްވެސް ގަބޫލުކުރެވޭ ގޮތުގައި ފަހަތަށް ޖެހުމަށްވުރެ މޮޅު ގޮތަކީ ކުރިއަށް ޖެހުމެވެ. އެކަމަކު މި ހަނގުރާމަ އައްޒަޣަލާ ހަވާލު ކުރައްވައިފައި ރަސްގެފާނު އެނބުރި ގްރަނާދާއަށް ވަޑައިގަތުމަކީ އަޅުގަނޑަށް ފެންނަ ގޮތެވެ. ވޭތުވެ ދިޔަ ގަރުނުތަކަށް ބަލާއިރު މިފަދަ މަރުހަލާތަކުގައި ދާޚިލީ ފިތުނަތަކުން ލިބިފައިވާ ގެއްލުން ވަރަށް ބޮޑެވެ. މޫސައަކީ ވިސްނުންތެރި ޒުވާނަކު ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ގްރަނާދާގެ ކަންތައްތަކުގައި ރަސްގެފާނު ރަށުގައި ހުންނެވީމާ އެ އޮންނަ ހިތްހަމަޖެހުން އެހެން މީހެއްގެ ފުށަކުން ނުލިބޭނެއެވެ. ނުނިޔަތް ލައިގެން ތިބޭ މުނާފިގުން ރަސްގެފާނު ރަށުގައި ނޫޅުއްވާތީ ފުރުސަތުގެ ބޭނުންކުރަން މަސައްކަތް ކުރާނެއެވެ. ރަސްގެފާނު ރަށުގައި އުޅުއްވަނިކޮށް ފެންމައްޗަށް ބޯ ހިއްލައިލުމަކީ އެކަހަލަ ބަޔަކަށް ކެރޭނޭ ކަމެއް ނޫނެވެ.]

އަބުލްޙަސަން ވިދާޅުވިއެވެ. [ގްރަނާދާގެ މައްސަލައެއްގައި އަޅުގަނޑުގެ އެއްވެސް ފިކުރެއް ނެތެވެ. ހިތްހަމަޖެހުން އެބައޮތެވެ. އެކަމަކު ތިޔަ ބޭފުޅުންގެ މަޝްވަރާ އަޅުގަނޑު ގަބޫލުކުރަމެވެ. އަދި ވަރުގަދަ ފަތަހައަކަށް ފަހު އެނބުރި ރަށަށް ދާނޭ ކަމަށް އަޅުގަނޑު ވައުދުވަމެވެ.]

މާދަމާ ހެނދުނު ލަޝްކަރުގެ ދަތުރަށް ފައްޓާން މަޣްރިބު ނަމާދު ވަގުތު ޖެހުމުގެ ކުރީން މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ. އެރޭ ފަތިސް ނަމާދަށް ފަހު އަބުލްޙަސަން ލަޝްކަރާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

[އޭ މުޖާހިދުންނޭވެ. ލޮއްޚާގެ ފުރިހަމަ ފަތަހައަކީ ގުދުރަތުން ދެއްވި އަގުބޮޑު އިނާމެއް ކަމަށް އަހަރެން ގަބޫލުކުރަމެވެ. އެއީ ގްރަނާދާގެ އިސްލާމުން އެކަތިގަނޑެއްގެ ގޮތުގައި ތިބިއްޔާ މިއަދުވެސް ކުފުރުގެ ހުރިހައި ބާރެއް ފުނޑުފުނޑުކޮށްލެވިދާނޭ ކަމުގެ ހެއްކެކެވެ. ޖިހާދުގެ ޖަޒުބާތާ އެކު ނުކުމެއްޖެނަމަ އެބައިމީހުންގެ އެކަތައިގެ ހަތިޔާރާއި ފާރުތައް ބުރުބުރިކޮށްލެވޭނޭ ފަންވަރު އަހަރެމެންގެ ކަނޑިތަކުގައި އެބަހުރިކަމުގެ ހެއްކެކެވެ. މި ފަތަހައިގެ ސަބަބުން އަހަރެމެންނަށް ކާމިޔާބީގެ ސަރާސަރު ރާސްތާއެއް ހުޅުވިއްޖެއެވެ. ތިޔަބައިމީހުން ހިތްވަރު އެލުވައިނުލައިފިނަމަ އަހަރެން ޔަގީންކަން ދެމެވެ. ކޯރްދޮބާއާއި ސެވިއްޔާގެ ޝޫރާ މަޖިލީހުގައި އަނެއްކާވެސް އަހަރެމެންގެ ދިދަ ވިހުރުވައިލެވޭނޭ ދުވަސް އޮތީ ދުރެއްގައެއް ނޫނެވެ.

ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މި ގައުމުގެ ފުރަތަމަ މުޖާހިދަކީ ޠާރިޤް ބިން ޒިޔާދެވެ. އެމަނިކުފާނު މި ގައުމަށް ވަޑައިގަތީ މަދު މީސްކޮޅަކާ އެކީގައެވެ. ވެރިންގެ ފަރާތުން އެ މަނިކުފާނަށް އަންގަވައިފައި އޮތީ މި ގައުމުގެ ހާލަތު ބައްލަވައިފައި އެނބުރި ވަޑައިގަންނަވާށެވެ. އެހެންނަމަވެސް އިސްޕޭނިއާގެ ގޮނޑުދޮށަށް ފައިބައިވަޑައިގަތުމާއެކު އެ މުޖާހިދު ޚިޔާލުފުޅު ބަދަލުކުރައްވައިފިއެވެ. ވެރިންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.  [އަންދަލުސްގެ ގޮނޑުދޮށުގައި އަޅުގަނޑު އިސްލާމީ ދިދަ ވިހުރުވައިލައިފީމެވެ. މި ދިދަ އަންދަލުސްގެ ނިމޭކޮޅަށް ނުގެންދެވެނީސް އަޅުގަނޑު ފަހަތަކަށް ބަލައެއް ނުލާނަމެވެ. އަޅުގަނޑު މިތަނަށް ފޮނުއްވީ ރޮޑްރިކްގެ ބާރު ހުރިވަރެއް ބަލާށެވެ. އޭނާގެ ބާރު ވަރެއް ތިޔަ ބޭފުޅުންނަށް ވަޒަން ކުރެއްވޭނީ މި ބިމުގައި އަޅުގަނޑުގެ ދުވެލި ހުރި މިންވަރެއް ބެއްލެވީމައެވެ.] އެޔަށް ފަހު އެމަނިކުފާނުގެ ލަޝްކަރާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [އަހަރެމެން މިތަނަށް އައީ ރޮޑްރިކްގެ ބިމުގައި އަހަރެމެންގެ މަތިވެރިކަމުގެ ދިދަ ޖަހާކަށް ނޫނެވެ. އަހަރެމެން އައީ ﷲގެ ބިމުގައި ﷲގެ ދިދަ އުފުލާށެވެ. ޢަދަދުގެ ގޮތުން ބަލާއިރު އަހަރެމެންގެ މީސްކޮޅު މަދެވެ. އެކަމަކު ހަނދާންކުރާށެވެ. އިސްލާމުންގެ ބާރު ވަޒަންކުރަނީ ޢަދަދަކުންނެއް ނޫނެވެ. އެބައިމީހުންގެ އިޚްލާޞްތެރިކަމާއި އީމާންކަމުންނެވެ.]

އަހަރެންގެ ހިތްވަރުގަދަ މުޖާހިދުންނޭވެ. އަހަރެމެން މިއަދު މި އަޒުމުކަނޑައަޅަނީ ޠާރިޤްގެ ފިޔަވަޅުފުޅުގެ މަތީގައި ކުރިއަށް ދާށެވެ. މި ނިންމުމަށް ތިޔަބައިމީހުން ތާއީދުކުރަމު ހެއްޔެވެ؟]

ލަޝްކަރު އެކީގައި އެއްއަޑަކުން ޖައްވު ގުގުމައިގެންދާ ވަރަށް އެ ނިންމެވުމަށް ތާއީދުކޮށްފިއެވެ. ރަސްގެފާނު އަތްޕުޅުގެ އިޝާރާތުން ހިމޭންވުމަށް އެންގެވުމަށް ފަހު ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.

[ތިޔަބައިމީހުން ލޮއްޚާގެ ހަނގުރާމައިގައި ސާބިތުކޮށް ދިނީ އިސްލާމުންގެ އެންމެ ކަނޑިއެއް ކާފަރުންގެ ދިހަ ކަނޑިއާ މުގާބިލާކޮށްފާނޭ ކަމެވެ. މި ފަތަހައިން ވަނީ އަހަރެމެންނަށްޓަކައި ކާމިޔާބީގެ ދޮރު ހުޅުވިފައެވެ. ކަސްތިއްޔާއާއި އަރަގޮންގައި އަނިޔާ ލިބެމުންދާ އަހަރެމެންގެ އަޚުންނާއި އުޚުތުންގެ ދުޢާ އިޖާބަކުރެއްވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ހައެއްކަ ދުވަހަށް އެނބުރި ގްރަނާދާއަށް ދިޔައީމާ ފަތަހައިގެ އުފާ ފައުޅުކުރުމުގެ ހަފުލާތަކުގައި ބައިވެރިވެވޭނެކަން ކަށަވަރެވެ. ރައްޔިތުން އަހަރެމެންގެ މައްޗަށް މަލުގެ ވާރޭ ވެއްސާނެއެވެ. އެކަމަކު ކޯރްދޮބާއާއި ސެބިއްޔާގައި ކުރެވެމުންދާ އަނިޔާއަށް އަހަރެމެންގެ އަޚުންނާއި އުޚުތުން ކެތްތެރިވަމުން އެދަނީ ކޮންމެވެސް ދުވަހަކުން ގްރަނާދާގެ މުޖާހިދުން އެބައިމީހުން ސަލާމަތްކުރަން އަންނާނޭ ކަމުގެ އުއްމީދުގައެވެ. އަހަރެމެން ދިޔައީމާ އެތަނުން އަހަރެމެންނާ އިސްތިގުބާލުކުރެވޭނީ މަލުގެ ބަދަލުގައި ޝުކުރުވެރިކަމުގެ ކަރުނައިންނެވެ.

ގުދުރަތުން އަހަރެމެންނަށް މިފަދަ ބޮޑު ފަތަހައެއް ދެއްވައިފާނޭ ކަމަށް މީގެ ހައެއްކަ އަހަރު ކުރީން އުއްމީދުކުޅައީ ކާކު ހެއްޔެވެ؟ މި ފަތަހައަށް ފަހު ހައެއްކަ ދުވަސް ފަހުން ކޯރްދޮބާއާއި ކަސްތިއްޔާގެ މިސްކިތްތަކުން ބަންގީގެ އަޑު އިވޭނޭކަމަށާއި ޝާހީ ގަނޑުވަރުތަކުގައި އަހަރެމެން ދިދަ ވިހުރުވައިލެވޭނޭ ކަމަށް އުއްމީދު ނުކުރާނީ ކާކު ހެއްޔެވެ؟]

އަބުލްޙަސަންގެ ތަގުރީރުގެ ސަބަބުން ސިފައިންގެ ހިތުގައި އުއްމީދުގެ ބައްތި ދިއްލިއްޖެއެވެ. އެބައިމީހުންގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ކަސްތިއްޔާއާއި ކޯރްދޮބާގެ ޝާހީ ދަރުބާރެވެ. ކަސްތިއްޔާގެ ދަރުބާރުގައި ނަގައިފައިވާ ފަތަހައިގެ ދިދައެވެ. އަޅުވެތިކަމުގައި ދިރިއުޅުމުގެ އެތައް އަހަރެއް ވޭތުކޮށްފައިވާ އިސްލާމުންގެ ލޮލުން ފައިބާތަން އެމީހުންނަށް ފެންނަނީ ޝުކުރުވެރިކަމުގެ ހޫނު ކަރުނައެވެ. އެމީހުން އިސްލާމީ އަޚުންނާއި އުޚުތުންނާ މުޚާތަބުކޮށް ބުނަނީއެވެ. ކަލޭމެން މިހާރު ތިޔައީ މިނިވަނުންނެވެ. މީގެ ފަހުން އެއްވެސް ބަޔަކަށް އަހަރެމެން އަޅުވެއްޗެއް ނުކުރެވޭނެއެވެ. އަންދަލުހަކީ އަހަރެމެންގެ ތަނެކެވެ. މިހައި ދުވަސް ވާންދެން ކަލޭމެންގެ ހާލަތާމެދު ފިޔަވަޅެއް ނޭޅި އޮތަތީ އަހަރެމެން ހިތާމަކުރަމެވެ.

އަބުލްޙަސަން ވާހަކަފުޅު އިރުކޮޅަކަށް ހުއްޓަވައިލެއްވިއެވެ. އެމަނިކުފާނުގެ ސަމާލުކަން ކުއްލިއަކަށް ހުއްޓުނީ ތަންކޮޅެއް ދުރުން ވަރަށް ބާރަން ދަތުރުކޮށްފައި އަންނަ އަސްވާރަކާ ދިމާއަށެވެ. އެމީހާ އައިސް އަހުން ފުންމައިލުމާއެކު މީސްތަކުން ކަފަމުން، އެއްފަރާތް ކުރަމުން ކުރިއަށް ހިނގައިގެންފިއެވެ. އެކަކު އޭނާގެ އަތުގައި ހިފެހެއްޓީމާ ފޮޅުވައިލައިފައި އަނެއްކާވެސް ޖެހެމުން ދިޔައީ ކުރިއަށެވެ. އޭނާ ބޭނުންވަނީ އަބުލްޙަސަންގެ އަރިހަށް ދާންކަން މީހުންނަށް އެނގުނީމާ މަގު ދައްކާން ދެ ފަރާތަކަށް ޖެހޭން ފަށައިފިއެވެ. އަބުލްޙަސަންގެ ހިތްޕުޅަށް އެރިއެވެ. މި އަސްވާރު އެއައީއަކީ ހެޔޮ ޚަބަރަކާއިގެން ކަމަކަށް ނުވާނެއެވެ. އެހެންވީމާ އަތްޕުޅުގެ އިޝާރާތުން އެމީހާއަށް މަޑުކުރަން އަންގަވައިފައި އަނެއްކާވެސް ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ.

އަބުލްޙަސަންގެ އަރިހުގައި ހުންނަވައިފައި އައްޒަޣަލް އެމީހާޔާ ގާތަށް ޖެހިވަޑައިގެންފައި އެއްސެވިއެވެ. [ކަލޭ ތިޔަ އައީ ގްރަނާދާއިން ހެއްޔެވެ؟]

އެމީހާ ޖަވާބުގައި ދެންނެވިއެވެ. [އާދޭހެވެ. އަޅުގަނޑު މި އައީ ނުބައި ޚަބަރަކާއިގެންނެވެ.]

[ކަލޭ ފޮނުވީ މޫސަ ހެއްޔެވެ؟]

[ނޫނެކެވެ. އަޅުގަނޑު އައީ އަމިއްލައަށެވެ.]

[ކަލޭ ތިޔަ އައީ މޫސަ ފޮނުވައިގެން ނޫންކަމުގައި ވަނީނަމަ ކަލޭގެ ޚަބަރަކީ އަހަރެމެންނަކަށް މުހިއްމު ޚަބަރެއް ނޫނެވެ. މި ވަގުތު ގްރަނާދާގެ ރަސްގެފާނު ލަޝްކަރާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީކަން ކަލެއަށް އެނގެންވާނެއެވެ.]

[އަޅުގަނޑު މިތަނަށް އައީ ކޮންފަދަ ހާލަތަކާއެކުކަން އެނގިވަޑައިގަތީމާ އަޅުގަނޑުގެ އަދަބު ކުޑަކަމަށްޓަކައި މަނިކުފާނު މާފުކުރައްވާނެކަން ޔަގީނެވެ.]

އައްޒަޣަލް ވިދާޅުވިއެވެ. [ބުނާށެވެ. ކަލޭ ބުނާން ތިޔަ އުޅެނީ ކީކޭހެއްޔެވެ؟]

އެމީހާ ހަތަރު ފަރާތަށް ނަޒަރު ހިންގައިލުމަށް ފަހު ބުންޏެވެ. [މިތާކު ނޫނެވެ.]

އައްޒަޣަލް ކުޑަކޮށް ކަންބޮޑުވެވަޑައިގެންފައި ވިދާޅުވިއެވެ. [އަހަންނާއެކު އަންނާށެވެ.]

އައްޒަޣަލް އޭނާ ގޮވައިގެން މީހުނާ ދުރަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [އަހަންނަށް ނުބައި ޚަބަރެއް އިއްވުމުގެ ކުރިން ކަލޭ ތިޔައީ ކާކުކަން ބުނާށެވެ. ކަލޭގެ ވާހަކައިގެ މުހިއްމުކަން ވަޒަންކުރާން އަހަންނަށް އެނގޭނީ އޭރުންނެވެ. އަދި އެހެން ކަމެއްވެސް ހަނދާންކުރާށެވެ. ހަނގުރާމައިގެ ދަނޑިވަޅުގައި ދޮގު ޚަބަރު ފަތުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭނެއެވެ.]

އެމީހާ ބުންޏެވެ. [މަނިކުފާނު ފުންކޮށް ބައްލަވައިލައްވައިފިނަމަ އަޅުގަނޑަކީ ކާކުކަން އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑަކީ ގަނޑުވަރުގެ ސަލާމަތީ ވެރިޔާގެ ދަރިއަކީމެވެ. ހަބީރާ ބިން ސަޢީދުގެ ދަރިވަރަކީމެވެ. މޫސަގެ އަރިހުގައި ޖިހާދުގެ ތަބްލީޣުގެ މަސައްކަތުގައި އަޅުގަނޑު އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ލަޝްކަރުގައި މިތިބަ މީހުންގެ ތެރެއިން ގިނަ ބަޔަކު އަޅުގަނޑު ދަންނާނެއެވެ. އަޅުގަނޑު މި ގެނައި ހިތާވެރި ޚަބަރަކީ ދޮގު ޚަބަރަކަށް ވެއްޖެނަމަ އަޅުގަނޑު ދަން ޖެއްސެވިޔަސް އެންމެ ރަނގަޅެވެ. އަޅުގަނޑު މި ތަނަށް އައި އައުމާއި އަޅުގަނޑަށް ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކަކީ ހުވަފެނެއްކަމުގައި ވާނޭ ނަމަ ﷲ އަށް ހާސްފަށުން ޝުކުރު ހުއްޓެވެ.]

އެހައިތަނުން އައްޒައިޣަރީވެސް އެތަނަށް ވަޑައިގެންފިއެވެ. އޭނާއަށް އެ ޒުވާނާއަކީ ކާކުކަން އެނގިވަޑައިގެންފިއެވެ. [އޭ ސުލައިމާނެވެ. ޚަބަރުތައް ހެޔޮ ހެއްޔެވެ؟]

[އަޅުގަނޑު މި އައީ ވަރަށް ދެރަ ޚަބަރަކާއިގެންނެވެ. ގްރަނާދާގައި ބަޣާވާތްކޮށްފިއެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.