އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ޝަރަފުއްދީން ސްކޫލުގެ ގްރޭޑް 8،7 އަދި 9ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ނޮވެންބަރު 7ވަނަ ދުވަހު އެ ސްކޫލުގައި ބޭއްވި މި ހަރަކާތުގައި 89 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް އާންމުކޮށް ކްލާސްރޫމް މާހައުލުގައި ހޭދަކުރާ ވަގުތުތަކަށް ބަދަލެއް ގެނެސްދިނުމާއި، ޓީޗަރުންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި އެކުވެރި، އުފާވެރި މާހައުލެއްގައި އެންމެން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
މި ހަރަކާތުގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުމަށް މަގުފަހިކޮށްދޭ 12 ޓީމް ބިލްޑިންގ ޓާސްކެއް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.
ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންގެ ފުރިހަމަ އެހީތެރިކަމާއެކު ކުރިއަށްދިޔަ މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
