އަންދަލުސްގެ ބާޒު – 36

(2 މެއި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަބުލްޙަސަން ވިދާޅުވިއެވެ. [އަޅުގަނޑުގެ ކަނޑި ބިނދިއްޖެއެވެ.]

ބަދްރު ވިދާޅުވިއެވެ. [މާޔޫސު ވެވަޑައިނުގަންނަވާށެވެ. ދުނިޔޭގެ ކޮންމެ ވަރުގަދަ ލީޑަރަކީ މިފަދަ ހާލަތާ ކުރިމަތިލައިފައިވާ މީހެކެވެ.]

[ވަރުގަދަ ލީޑަރުންގެ ސަފަށް ތިޔަ ގެންނަވަނީ ޢަބްދުﷲ ކަހަލަ ދަރިންގެ ބަފައިންތޯއެވެ؟ އަޅުގަނޑު މިތާނގައި އެކަނި އޮންނާން ދޫކޮށްލައްވާށެވެ. އަޅުގަނޑުގެ އަތަކު މިހާރު ކަރުނަ ނޫން އެއްޗެއް ނެތެވެ.] މިހެން ވިދާޅުވެފައި އަބުލްޙަސަން އަނެއްކާވެސް ބިއްދޮށަށް އެނބުރިވަޑައިގެންފިއެވެ.

ބަޝީރް ބިން ޙަސަން ސިއްރު ފިޔަވަޅުފުޅު އަޅުއްވަމުން ފޭލިގެކޮޅަށް ވެދެވަޑައިގެންފައި ވިދާޅުވިއެވެ. [ރަސްގެފާނުގެ ހާލުކޮޅު ރަނގަޅެއް ނޫނެވެ. ތިޔަ ދައްކަވާ ވާހަކަފުޅުން އެމަނިކުފާނުގެ ޖިސްމާނީ އަދި ނަފްސާނީ ހާލުކޮޅު އިތުރަށް ނުބައި ވާނީއެވެ. އެމަނިކުފާނަށް އޮތް ހަގީގީ ފަރުވާއަކީ އަބޫ ޢަބްދުﷲ ހަމަ މަގަށް ގެނައުމެވެ.]

ބަދްރު ބިން މުޣީރާ އައްޒަޣަލާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ޢަބްދުﷲ ހަމަ މަގަށް ގެނެވިދާނެއެވެ.]

ބަދްރުގެ އަޑުފުޅު އިވިވަޑައިގަތުމާއެކު ރަސްގެފާނު އޭނާޔާ ދިމާއަށް ބައްލަވައިލައްވައިފައި ހިތާމަފުޅާއެކު ވިދާޅުވިއެވެ. [އޭނާއަށް ވިސްނައިދޭނޭ މީހަކު ވާނެނަމައެވެ. އެކަމަކު އެއީ މީހަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް ހެޔޮގޮތް ގަބޫލުކުރާނޭވެސް މީހެއް ނޫނެވެ.]

ބަދްރު ވިދާޅުވިއެވެ. [އޭނާއަށް މަޖުބޫރުވާނެއެވެ.]

[އިސްލާމުންގެ މެދުގައި އަހުލީ ހަނގުރާމައެއް ފެށޭކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ.]

ބަދްރު ވިދާޅުވިއެވެ. [ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންގެ ލަޝްކަރާ އަޅައި ބަލާއިރު އޭނާގެ ލަޝްކަރުގެ ހަގީގީ ބާރު އޮތީ ކިހައި ހިސާބެއްގައިތޯ އޭނާ އަމިއްލައަށް ވަޒަންކޮށްފިނަމަ އަހުލީ ހަނގުރާމައެއް ނުފެށޭނެއެވެ.]

މި ބައްދަލުވުމަށް ފަހު ބަދްރު ބިން މުޣީރާއާއި އައްޒަޣަލާއި އައްޒައިޣަރީއާއި ލަޝްކަރުގެ ބައެއް އެހެން ކޮމާންޑަރުން ބައްދަލުކުރެއްވުމަށް ފަހު ނިންމެވީ ލަޝްކަރު އަލުންބަލުން ތަރުތީބުކުރައްވާށެވެ. އައްޒަޣަލް ރަސްކަމުގެ އެކި ދާއިރާތަކަށް މަންދޫބުން ފޮނުއްވައިފިއެވެ. ބަދްރު ކުރެއްވި މަސައްކަތްޕުޅަކީ ލަޝްކަރު ކުދި ގްރޫޕުތަކަކަށް ބައްސަވައިލެއްވުމަށް ފަހު ޖިހާދުގެ ތަބްލީޣުގެ މަސައްކަތްޕުޅެވެ.

އެޔަށް ފަހު ފަސް ސަތޭކަ އަސްވާރުންނާއެކު ބަދްރު މަލަގައިން ނުކުމެވަޑައިގެން ވަޑައިގަތް ގޮތަށް ޖާގަ ޖެއްސެވީ ގްރަނާދާގެ ރަށްބޭރުގައި ތަންކޮޅެއް ދުރުގައެވެ. އެތާގައި ހުންނަވައިގެން ގްރަނާދާގެ ރައްޔިތުންގެ ހިތުގައި އަބޫ ޢަބްދުﷲއާ ދެކޮޅު ޚިޔާލުތައް އާލާކުރެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ބަދްރުގެ ލަޝްކަރަށް ހުރަސްއަޅާން އަބޫ ޢަބްދުﷲގެ ސިފައިން މަސައްކަތް ކުރިއެވެ. އެކަމަކު އެކަމެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ދެތިން ފަހަރަކު ކުދިކުދި ކުރިމަތިލުންތައްވެސް ހިނގިއެވެ. ބަދްރުގެ ފަހުލަވާނުން އެމީހުން ބަލިކޮށް ފައްސާލައި ގްރަނާދާގެ ފާރާ ފެއަށް ޖެހުނަ ނުދީ ހިފަހައްޓަމުން ގެންދިޔައެވެ.

ހައެއްކަ ހަފުތާގެ މަސައްކަތްޕުޅަށް ފަހު ރަށްފުށުގެ އަވަށްތަކުގެ މީސްމީހުންގެ ތާއީދާއި އެހީޔާއެކު ގްރަނާދާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވައިފިއެވެ. ރަށަށް އަރާން އޮންނަ ހުރިހައި މަގެއް ބަންދު ކުރައްވައިފިއެވެ. ދަނޑުވެރިންވެސް ބަދްރުގެ މަސައްކަތްޕުޅަށް އެހީތެރިކަން ފޯރުވިއެވެ.  އެމީހުން ހައްދާ ތަކެތި ގްރަނާދާއަށް ވިއްކުމާ މުޅީން ދެކޮޅު ހަދައިފިއެވެ. ތަދުމަޑުކަމާ ކުރިމަތިލާން ޖެހުނީމާ ގްރަނާދާގެ ރައްޔިތުންގެ އޮބިފައިވާ ޖަޒުބާތު ހިލޭން ފަށައިފިއެވެ. ބައެއް މީހުން ރަށް ދޫކޮށް މަލަގައަށް ދަތުރު ފަށައިފިއެވެ.

މައްސަލައިގެ ނާޒުކުކަން ވިސްނިވަޑައިގަތީމާ ބަދްރުގެ ލަޝްކަރު ބަލިކުރެއްވުމަށްޓަކައި އަބޫ ޢަބްދުﷲ ފަސް ހާސް މީހުންގެ ލަޝްކަރެއް ފޮނުއްވައިފިއެވެ. އެކަމަކު ހަފުތާއެއްހައި ދުވަސް ފަހުން ލިބިވަޑައިގަތީ އޭގެ ތެރެއިން ދެ ހާސް މީހުން ބަދްރުގެ ލަޝްކަރާ ގުޅުނު ޚަބަރެވެ. ބާކީ ތިބި މީހުން ބަލިވީމާ ދަނޑުވެރީންގެ އަވަށެއްގައި ހުޅު ޖަހައިފައި ފިލައިގެން އެނބުރި ގްރަނާދާއަށް ވަދެއްޖެއެވެ.

ފައިދިގު މަކުނުގެ ޖާލު

(1)

ބަދްރު ބިން މުޣީރާގެ ލަޝްކަރު ޖާގަ ޖަހައިފައި އޮތީ ގްރަނާދާއާ ވިއްސަކަށް މޭލު ދުރުގައެވެ. އެއް ދުވަހަކު ބަރްބަރީ އަމީރަކު ގްރަނާދާއިން އައިސް ހުރި ވާހަކަ މީހަކު އައިސް ބަދްރަށް ދަންނަވައިފިއެވެ. އޭނާ ވަގުތުން ގެންނާން ބަދްރު އަންގަވައިފިއެވެ. އެ ވަގުތު ބަދްރުގެ އަރިހުގައި މަންޞޫރް ބިން އަޙްމަދުވެސް އިންނެވިއެވެ.

ބަރްބަރީ އަމީރު ފޭލިގެކޮޅަށް ވަދެ އެ ބޭފުޅުންނާ ސަލާން ކުރުމަށް ފަހު އެ ބޭފުޅުންގެ ކުރިފުޅުމަތީގައި އޭނާއަށްޓަކައި ބަހައްޓައިފައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. [އަޅުގަނޑު މި އައީ ގްރަނާދާއިންނެވެ.]

[ދައްކާން ބޭނުންވާ ވާހަކައެއް ދައްކާށެވެ.] ބަދްރު ވިދާޅުވިއެވެ.

ބަރްބަރީ ކުޑަކޮށް ޖެހިލުންވެފައި އިނދެގެން ދެންނެވިއެވެ. [އަޅުގަނޑު ދަންނަވާން އޮތް ވާހަކައެއް ދަންނަވާން ބޭނުންވަނީ މަނިކުފާނު އަރިހުގައި އެކަންޏެވެ.]

ބަދްރު މަންޞޫރާ ދިމާއަށް ބައްލަވައިލެއްވީމާ އޭނާ ފޭލިގެކޮޅުން ނުކުމެވަޑައިގެންފިއެވެ.

ބަރްބަރީ ޖީބުން ސިޓީއެއް ނެގުމަށް ފަހު ތެދުވެ ބަދްރުގެ އަތްޕުޅަށް އަރުވައިފިއެވެ. [އަޅުގަނޑު މި އައީ އަބޫ ދާވޫދް ފޮނުއްވީމައެވެ. އޭނާ ވިދާޅުވީ މި ސިޓީފުޅަށް މަނިކުފާނު ދެއްވާ ޖަވާބަކުން މުޅި އިސްޕޭނިއާ ހަލާކުން ސަލާމަތް ކުރެއްވިދާނޭ ކަމުގައެވެ.]

ބަދްރު ސިޓީފުޅު ކަނޑުއްވައިގެން ވިދާޅުވާން ފައްޓަވައިފިއެވެ. ބަރްބަރީ އިނީ ބަދްރުގެ މޫނުފުޅަށް އަންނަ ބަދަލުތަކަށް ބަލާށެވެ. ސިޓީފުޅު ވިދާޅުވެ ނިންމެވުމަށް ފަހު ބަރްބަރީއާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު އަނެއްކާވެސް ސިޓީފުޅު ވިދާޅުވާން ފައްޓަވައިފިއެވެ.

ސިޓީފުޅުގައި އޮތެވެ.

[ނަފުސުގެ އުނިކަމެއްގެ ސަބަބުން އެ މީހަކު ގައުމުގެ މީހުން ވަކިކޮށް ދުރުކޮށްފައިވާ މީހަކުގެ ފަރާތުން ހިތްވަރުފުޅާއި އަޒުމުފުޅު ވަރުގަދަ މުޖާހިދަކަށް ވެވަޑައިގަތުމުގެ ސަބަބުން އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ އުއްމީދުކަމުގައި ވެވަޑައިގެންފައިވާ މާތް މަނިކުފާނަށް ދަންނަވަމެވެ.

އަޅުގަނޑަކީ ކާކުކަން މިހާރު މަނިކުފާނަށް އެނގިވަޑައިގެންފާނެއެވެ. ގްރަނާދާގައި މިހައި ބޮޑު އިންގިލާބެއް ގެނެސްގެން އުޅޭއިރުވެސް އަޅުގަނޑު ހިމޭނުން މި ހުންނަނީ މަސްލަހަތަކަށްވުރެ ބޮޑަށް މަޖުބޫރީއެއްގެ ސަބަބުންނެވެ. އަޅުގަނޑުގެ މި ސިޓީ މަނިކުފާނުގެ އަތްޕުޅަށް އަރާނޭކަމުގެ ޔަގީންކަމެއް މިހާރަކުވެސް ނެތެވެ. އަޅުގަނޑު ލޯ މަރައިލާފައި ގާސިދަށް އިތުބާރުކޮށް މި ފޮނުވާ ސިޓީ މަނިކުފާނުގެ އަތްޕުޅަށް އަރައި އުފާވެރި ނަތީޖާއެއް ނުކުމެއްޖެގެ ނަމަ އަޅުގަނޑުގެ އުނިކަމުގެ ސަބަބުން އެޅިފައިވާ ކަތި ފިޔަވަޅުތަކުގެ ކައްފާރާ އަދާކުރެވުނީކަމުގައި ދެކޭނަމެވެ. އަޅުގަނޑުގެ ގާސިދު ޣައްދާރުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ މި ސިޓީ މަނިކުފާނުގެ އަތްޕުޅަށް ނާރައިފިނަމަ ނުވަތަ އޭނާ މި ސިޓީ ގްރަނާދާ ވިއްކާލައިގެން އުޅޭ ޣައްދާރުންނާ ހަވާލު ކޮށްފިނަމަ އަޅުގަނޑުވެސް ހިމެނިގެން ދާނީ ހެޔޮ ނިޔަތަކާއެކު މަސައްކަތްކޮށްފައިމެ، މަރުގެ އަނދިރިކަމުގެ ތެރެއަށް ގެއްލިއްޖެ މީހަކު ކަމުގައެވެ. އަޅުގަނޑު ނެތިދިއުމަށް ފަހު އަބޫ ޢަބްދުﷲގެ ވަހުޝީ އެދުންތަކުގެ ޝިކާރައަކަށް ނުވެއްޖެނަމަ އަޅުގަނޑުގެ ދަރިފުޅު ރަބީޢާ ހުރިހައި ވާހަކައެއް މަނިކުފާނަށް ދަންނަވައިދޭނެއެވެ.

އަބޫ ޢަބްދުﷲގެ ބަޣާވާތަށްފަހު މިހާރު އަޅުގަނޑުގެ ހިތަށް އަރަނީ ގްރަނާދާއަށް ނާދެވުނުނަމަ މާ ރަނގަޅު ކަމުގައެވެ. ބާޒެއްގެ ސުހުބަތުގައި ދިރިއުޅުމުގެ ފިލާވަޅުތައް ލިބިގަތުމުގެ ބަދަލުގައި ރަނުގެ ކޮށްޓެއްގައި ހައްޔަރުކޮށްފައި އިން ތޯތާއަކަށް ކިޔަވައިދޭން އައުދެވުނުކަމީ އަޅުގަނޑުގެ ނަސީބު ދެރަކަމެވެ. އަޅުގަނޑު އުޅުނީ އޭނާއަށް މިނިވަންކަމާއެކު ޖައްވުގައި އުދުހި އުޅުމުގެ ފޮނި އިހުސާސް ދަސްކޮށްދެވޭތޯއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑު މިހާރު މިއިނީ އަލްޙަމްރާއޭ ކިޔުނު ކޮށީގައި ބަންދުވެފައެވެ. އިންސާނިއްޔަތުގެ ސަތަހައަށް އަބޫ ޢަބްދުﷲ ގެނައުމަކީ އަޅުގަނޑަށް ކުރެވޭނޭ ކަމެއް ނަމައޭ ހިތަށް އަރައެވެ.

މި ހާލަތުގެ ހިލަމެއްވެސް އަޅުގަނޑަށް ނުވެ އޮތީ ކީއްވެގެންކަމާމެދު ޚުދު އަޅުގަނޑުވެސް މި ހުންނަނީ ހައިރާން ވެފައެވެ. ހިލަމެއް ނުވީ ހަމައެކަނި އަޅުގަނޑަކަށް ނޫނެވެ. އަބޫ މޫސާއާއި އައްޒަޣަލާއި ރަސްގެފާނު އަބުލްޙަސަނަށްވެސް އަލްޙަމްރާ ގަނޑުވަރުގެ ހަތަރު ފާރުން އެތެރޭގައި ރޭވެމުން އައީ ކޮން ކަމެއް ކަމެއް އެނގިވަޑައިގެންފައެއް ނެތެވެ. ގްރަނާދާގެ މިހާރުގެ ވެރިޔަކީ އަބޫ ޢަބްދުﷲ އެއް ނޫނެވެ. ވެރިކަން ކުރަނީ ފެރްނާންދޯގެ އަތުން ގްރަނާދާގެ އަގު ލިބިގެން ތިބި ކޮމާންޑަރުންނާއި އަމީރުންނެވެ. އަބޫ ޢަބްދުﷲ ބަޣާވާތް ކުރެއްވި އިރު އޭނާގެ ވަފާތެރިއަކަށް އަލްޙަމްރާގައި ހުންނެވީ ބޭފުޅަކީ ހަމައެކަނި އަބޫ މޫސާއެވެ. މިހާރު އޭނާ އޮންނެވީ އަނދިރި ކޮޓަރިއެއްގައި ހައްޔަރު ކުރެވިފައެވެ.

މި ހާލަތުގައި އަޅުގަނޑަށް ކުރެވެނީސްވެސް ކޮން ކަމެއްތޯއެވެ؟ މިހާރު ވެރިވެފައި އޮތް ހާލަތަކީ އަބޫ މޫސާގެ ޖާދުވީ ވާހަކަފުޅުތަކުންވެސް ގުޑުވައިނުލެއްވުނު ހާލަތެކެވެ. އަޅުގަނޑުގެ ފަރާތުން ފެންނަ ކުޑަކުޑަ ދެކޮޅުވެރިކަމެއްވެސް ބަރުދާސްކުރުމެއް ނެތެވެ. އަޅުގަނޑުގެ ކުރިމަތީގައި އޭރު އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އެންމެންގެ ކުރިމަތީގައި ފާޅުގައި އަބޫ ޢަބްދުﷲއާ ދެކޮޅަށް ބަޣާވާތުގެ އަޑު އުފުލުމެވެ. އޭގެ އަދަބެއްގެ ގޮތުން ދިރިއުޅުމުގެ ބާކިބައި ހުރަގޭގެ އަނދިރި ގޮޅިއެއްގައި ހޭދަކޮށްލުމެވެ. ދެވަނަ ގޮތަކީ އަބޫ ޢަބްދުﷲ އަޅުގަނޑުގެ ފަރާތަށް ލެނބިގެން އަންނާނޭ ދަނޑިވަޅެއްގެ އިންތިޒާރުގައި ކުޅި ބަލާ މީހެއްގެ ގޮތުގައި ހިމޭނުން ހުރުމެވެ. އަޅުގަނޑު ޚިޔާރުކުޅައީ ދެވަނަ ގޮތެވެ. އެއީ އަޅުގަނޑުގެ މަސްލަހަތުކަމަށް ބައްލަވާށެވެ. ނުވަތަ ފިނޑިކަން ކަމުގައި ބައްލަވާށެވެ. ކޮންމެ ގޮތަކަށް ނިންމެވި ކަމުގައި ވިޔަސް އަލްޙަމްރާގެ ދޮރުކޮޅުތައް އަޅުގަނޑަށްޓަކައި އަދި ހުޅުވިފައި ހުރީ އަޅުގަނޑު ޚިޔާރުކުޅަ ގޮތެއްގެ ސަބަބުންނެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.