އަންދަލުސްގެ ބާޒު – 77

(13 މާރިޗު 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެކަމަކު އެންޖެލާގެ އަޑު ދިޔައީ ގަދަވަމުންނެވެ. އައިސްފައިވާ ގަދަ ހުމެއްގެ ސަބަބުން އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. މި މައްސަލަ މުޅީން އައު ގޯޅިއެއް އަޅައިފި ކަމުގެ ޚަބަރު ލިބުމުން ގަވަރުނަރު ޑޮން ލުއީވެސް ކޯޓުގެ ދޮރުމަތީގައި ހުރެގެން އެންޖެލާގެ ވާހަކަ އަޑުއަހަމުން ގެންދިޔައެވެ. އެންޖެލާ ގެންދިޔައީ ފައްޅީގެ އިންސާފަށް މަލާމާތްކުރަމުންނެވެ. ފަގީރުންނާއި ނިކަމެތީންނަށް އިންސާފެއް ނުދެވެއޭ މުއްސަނދީންގެ ކުރިމަތީގައި ފަނޑިޔާރުންވެސް ތެތް ބުޅާތަކަކަށް ވެގެންދާ ކަމަށް އެންޖެލާ ބުންޏެވެ. އަށް އަހަރުގެ އަޅުވެތިކަމަށް ފަހު ވެރިކަން ކުރާނޭ ފުރުސަތު ލިބުނީމާވެސް އެނގުނީ ކަލޭމެންނަކީ ވެރިކަމާ އެކަށީގެންވާ ބައެއް ނޫން ކަމަށް ކަމުގައިވެސް އޭނާ ހަރު އަޑުން ބުންޏެވެ.

ޑޮން ލުއީ ކުރިއަށް ޖެހިލައިފައި ބުންޏެވެ. [ކޯޓުގެ އަގުވައްޓައިލެވޭތަން ބަލާކަށް އަޅުގަނޑަކަށް ނުހުރެވޭނެއެވެ. މި މަންޖެއަށް މިހާރު މިވަނީ ކޯޓުން ދެވޭން އޮތް ބޮޑު އަދަބެއް ހައްގުވެފައެވެ. މީނާ މި ގެންދަނީ ފައްޅި ބަދުނާމުކުރަމުންނެވެ. މިއީ ވެރިކަމަށް ޚިޔާނަތްތެރިވެފައިވާ ކުއްޖެކެވެ. މައިކަލްގެ މަރާއި މީނާޔާ ހުރި ގުޅުމަކީ ކޮބައިކަން ބެލުމަކީ އަހަރެމެންނަކަށް ލާޒިމުކަމެއް ނޫނެވެ. އަޅުގަނޑު ހުށަހަޅަނީ މި ދެ ކުދިންގެ މައްސަލަވެސް އަލުން ބަލާށެވެ.]

އެންޖެލާ ޑޮން ލުއީއާ ދިމާއަށް ބަލައިލިއެވެ. [ކަލޭގެ ވަހުޝީ އަމަލުތަކުން ފައްޅިތައް ބަދުނާމު ނުވާނަމަ އަހަރެންގެ ވާހަކަތަކަކީ މިތަނުން ކަންބޮޑުވާން ޖެހޭ ވަރުގެ ވާހަކަތަކެއް ނޫނެވެ. ކަލޭމެންގެ ސަރުކާރުން އަނިޔާވެރިންނަށް އެހީތެރިވަމުން ހިމާޔަތްކުރަމުން ދާނަމަ އަދި އަނިޔާލިބެމުންދާ މީހުންނަށް އިންސާފު ލިބިނުދޭނަމަ އަހަންނަކީ ބާޣީޢަކީމެވެ. މި ކޯޓުގެ އަގު ވައްޓައިލުމުގެ ހައްގު ފުރިހަމައަށް ލިބިގެންވާ މީހަކީމެވެ. މިއީ މޮޔަވެފައިވާ ކުއްތާއަކަށް އަހަރެން ނޮޅައިގެން ކައިލުމުގެ އިޚުތިޔާރު ދީފައި އެ ކުއްތާގެ ބޯ ފަޅައިލުމުގެ އިޚުތިޔާރު އަހަންނަށް ދޭން ދެކޮޅުހަދާ ކޯޓެކެވެ.]

ގަވަރުނަރުގެ އިޝާރާތަކަށް ފުލުހުން އައިސް އެންޖެލާ ދަމައިފައި ގެންގޮސް ކޯޓުން ބޭރަށް ނެރެފިއެވެ. އޭރުވެސް އޭނާ ގެންދިޔައީ ހަޅޭއްލަވަމުންނެވެ. [ކަލޭމެންނަކީ އަނިޔާވެރިންނެވެ. ވަޙުޝީ ޖަނަވާރުތަކެކެވެ. ފިނޑި ބައިގަނޑެކެވެ. އަމިއްލަ ސިފަ ލޯގަނޑުން ދެކިލާންވެސް ނުކެރޭ ބައެކެވެ.]

މާރިޔާ ހޭނެތިގެން ވެއްޓިއްޖެއެވެ. ކޯޓުގެ މުވައްޒިފުން އޭނާ ބޭރަށް ނެރެފިއެވެ. ރަބީޢާ އަދިވެސް ކޯޓުގައި އެބަހުއްޓެވެ. ގަވަރުނަރު ގޮސް އިސް ފަނޑިޔާރުގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެލީމާ އޭނާ ބޯ ޖަހައިލައިފައި ރަބީޢާއާ ދިމާއަށް ބަލައިލިއެވެ.

[ޖޯން މައިކަލް މަރައިލީ އެންޖެލާ ކަމަށް ކަލޭ ގަބޫލުކުރަން ހެއްޔެވެ؟]

ރަބީޢާ ބުންޏެވެ. [އަހަރެން ބަޔާން ދީފީމެވެ. ކޯޓުން މިހާރު ވަނީ އަހަރެންގެ މައްޗަަށް ހުކުންވެސް އިއްވައިފައެވެ. އެހެންވީމާ އިތުރު ވާހަކައެއް ދައްކަންޖެހޭ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އެންޖެލާ ދެއްކި ވާހަކައެއް ދެއްކީ ހޭވަރިކަމުގެ ހާލަތުގައެއް ނޫނެވެ. ޖޯން މައިކަލްގެ މަރަކާއި އޭނާއަކާ އެއްވެސް ގުޅުމެއް ނެތެވެ.]

ފަނޑިޔާރު ސުވާލުކޮށްފިއެވެ. [އެންޖެލާ އޭނާގެ ދީން ދޫކޮށް ކާފިރުވެއްޖެ ވާހަކައަކީ ތެދު ވާހަކައެއް ހެއްޔެވެ؟]

[ނޫނެކެވެ. އޭނާ ކާފިރުވީކީއެއް ނޫނެވެ. އޭނާ ތެދުމަގު ޚިޔާރުކުޅައީއެވެ.]

ގަވަރުނަރު އަނެއްކާވެސް ފަނޑިޔާރުގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެފިއެވެ. އޭނާ ބޯ ޖަހައިލައިފައި ވާހަކަދައްކާން ފަށައިފިއެވެ. [މިހާރު މި މައްސަލައަށް އައިސްފައި މިވާ ބޮޑު ބަދަލުގެ ސަބަބުން، އެކަމަށް ރިޢާޔަތްކޮށް މުލްޒިމާ ރަބީޢާގެ މައްޗަށް މި ކޯޓުން އިއްވައިފައިވާ ހުކުން އަނބުރައި ގެނެސްފީމެވެ. މުލްޒިމާގެ ކޮއްކޮގެ ބަޔާން އަޑު އެހުމަށް ފަހު މި ކޯޓަށް ބުރަވެވޭ ގޮތުގައި ޖޯން މައިކަލް މަރައިލުމުގައި އެ ދެބެއިންވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރަށް ދެބެއިންވެސް ވަނީ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުމާއި ފައްޅިއާމެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމުގެ މަސައްކަތް ކޮށްފައެވެ. އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމައާ ހަމައަށް ޝަރީއަތް މެދުކަނޑައިލައިފީމެވެ.]

އިރު އޮއްސޭން ގާތްވީ އިރުވެސް މާރިޔާ ދެހޭދޭތެރޭގައި އޮވެގެން ރޮމުން ހަޅޭއްލަވަމުން ގެންދިޔައެވެ. ހޭއެރިއިރު އޭނާ އޮތީ އޭނާގެ ކޮޓަރިއަކު ނޫނެވެ. ކުޑަކުޑަ އެހެން ކޮޓަރިއެއްގައެވެ. އޭނާ އޮތް އެނދުގެ މަގަތުން ހުރި ގޮނޑިއެއްގައި ޚާދިމާއަކު އިށީނދެގެން އިނެވެ. މާރިޔާ އިރުކޮޅެއް ވާންދެން ފަންގިފިލަޔާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އެހެން އޮވެފައި ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ. [އެންޖެލާ ކޮބައި ހެއްޔެވެ؟ އަހަރެން މި އޮތީ ކޮން ތަނަކު ހެއްޔެވެ؟]

ޚާދިމާ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. [އެންޖެލާވެސް ވީ އޭނާގެ ދައްތަޔާއެކު ހައްޔަރުކޮށްފައެވެ.]

ކޯޓުގައި ހިނގި ކަންތައްތައް އޭނާގެ ހަނދާނަށް އަތުވެއްޖެއެވެ. އޭނާ އެނދުން ފައިބައިފިއެވެ. [އަހަރެން ގަވަރުނަރު ގާތަށް ދާނަމެވެ. އަހަރެންގެ ދަރިފުޅާމެދު މި ކަހަލަ ގޮތަކަށް ކަންތައް ވާން ދޫކޮށްލެވިގެން ނުވާނެއެވެ.]

ޚާދިމާ ތެދުވެ އޭނާގެ އަތުގައި ހިފައިފިއެވެ. [ކަމަނާގެ ހާލުކޮޅު އަދި ރަނގަޅެއް ނޫނެވެ. އަދި ބޭރަށް ވަޑައިގެންނެވޭހައި ވަރުފުޅެއް ހަށިކޮޅަކު ނެތެވެ.]

މާރިޔާ ބުންޏެވެ. [ނޫނެކެވެ. އަހަރެންގެ ހާލު ރަނގަޅެވެ. އެކަމަކު އަހަރެން މިހިރަ ތަނެއް ނިކަން ބުނެބަލާށެވެ. ކޯޓުގައި އަހަރެން އަނބުރައިގަތްކަން އެނގެއެވެ. މިއީ ކާކުގެ ގެއެއް ހެއްޔެވެ؟]

ޖަވާބު ދިނުމުގެ ބަދަލުގައި ޚާދިމާ އަޑުންއަޑު ނަގައި ރޯން ފަށައިފިއެވެ.

ބިޝޮޕް ލޫކަސް ފެންޑާމައްޗަށް އެރިތަން ފެނިފައި މާރިޔާ ބޭރަށް ނުކުމެއްޖެއެވެ. އަދި ސިހިފައިވާ އަޑަކުން އަހައިލިއެވެ. [މާތްވެގެންވާ ބައްޕާއެވެ. މި އުޅެނީ ކިހިނެއް ވެގެންތޯއެވެ؟ އަޅުގަނޑު މި އުޅެނީ ކޮން ތަނެއްގައިތޯއެވެ؟ އަޅުގަނޑުގެ ގޭގައި ހުރި ބައެއް ސާމާނު މިތާނގައި ފުންޏަކަށް ޖަހައިފައި އެބަހުއްޓެވެ. ޚާދިމާ އަޅުގަނޑަކަށް އެކަށީގެންވާ ޖަވާބެއް ނުދިނެވެ.]

ބިޝޮޕް ވަރަށް ފިނި ރާގަކަށް ބުނެފިއެވެ. [މިއީ ހައްތަހައިވެސް ކަލޭގެ އަމަލުތަކުގެ ސަޒާއެވެ.]

މާރިޔާ ކަންބޮޑުވެފައިވާ ހާލުގައި ފަހަތަށް ޖެހިލިއެވެ. އަދި ކުރާނޭ އެއްވެސް ކަމެއް ނެތް ކަހަލަ ގޮތަކަށް ބިޝޮޕާ ދިމާއަށް ބަލައިލިއެވެ. ދެތިން ސިކުންތަކަށް ފަހު އިމާރާތުން ބޭރަށް ނުކުންނާން ހުރި ދޮރާ ދިމާއަށް ދުއްވައިގެންފިއެވެ. އަދި ބޮޑު ދޮރާ ޖެހިގެން ހުރި ޖާއްޔަކުން ބޭރު ބަލައިލިއެވެ. އެޔަށް ފަހު އަނެއްކާވެސް ބިޝޮޕާ ދިމާއަށް ބަލައިލިއެވެ. [މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑަށް ރަހުމުކުރައްވާށެވެ. ވެގެން އުޅޭ ގޮތެއް ވިދާޅުވެ ދެއްވާށެވެ. އަޅުގަނޑު މިތަނަށް ގެނެވުނީ ކިހިނެއްތޯއެވެ؟ އެންޖެލާއަށް ވާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުގެ ދަރިފުޅު ސަލާމަތްކޮށް ދެއްވާށެވެ.]

[ކަލޭގެ ދަރިފުޅު ސަލާމަތްކޮށް ދިނުމަކީ މިހާރު އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ކަލޭ، ކަލޭގެ ދޮންދަރީގެ މައްޗަކަށް ހަމްދަރުދީއެއް ނުވީމުއެވެ. އޭނާއަކީ ސިހުރުވެރިއެކޭ ބުނީމުއެވެ. މޮޔަ އަންހެނާއެވެ. ކަލޭ ހީކުރީ އިސްލާން އަންހެނެއްގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވީމާ ކޯޓުގެ ކުރިމަތީގައި ކަލޭގެ ދަރިފުޅުގެ ކުށެއް ނެތް ކަމަށް ސާބިތުކުރެވޭނޭ ކަމަށް ހެއްޔެވެ؟ ފުރަތަމަ ދުވަހުވެސް އެންޖެލާ ކޯޓަށް ދިޔަދިންނަމަ މާ ރަނގަޅުވީހެވެ. އޭނާ އިސްލާންވީކަމެއް އޭރަކު އަދި އެއްވެސް މީހަކަށް ނޭނގެއެވެ. އެންޖެލާގެ މައްޗަށް ނުނިޔަތް ލައިގެން ޖޯން މައިކަލް އެތައް ފަހަރަކު ދިމާކުރިކަމުގެ ހެކި ކަލޭގެ އަތުގައި ހުއްޓެވެ. ކަލޭ އެ މޮޔަ ފިޔަވަޅު ނޭޅިނަމަ ކޯޓުގައި މައްސަލަ އެނބުރިގެން ދިޔައީހީ މުޅީން ތަފާތު ގޮތަކަށެވެ. އެންޖެލާއަކީ ކްރިސްޓިއަން ކުއްޖެއްކަމުގެ ވިސްނުން މީސްތަކުންގެ ބޮލުގައި އޮތީހެވެ. އޭނާގެ އިއްފަތްތެރިކަން ސަލާމަތް ކުރުމަށްޓަކައި ޖޯން މައިކަލް މަރައިލުމަކީ ނުބައިކޮށް ކުޅަ ކަމެކޭ ޚުދު ރަސްގެފާނާއި ރާނީއަށްވެސް ވިދާޅުވާކަށް ކެރިވަޑައެއް ނުގަތީހެވެ. އެއީ އަދަބު ހައްގު ކުށެކޭ ހަމަ ގައިމުވެސް ވިދާޅެއް ނުވީހެވެ. މިހާރު އެ ދެކުދިން އެ ތިބީ ހުރަގޭގައެވެ. ކޯޓުގައި ކަލޭ އަނބުރައިގަނެގެން ވެއްޓުނީމާ ގަވަރުނަރުގެ އަމުރުފުޅަށް މިހާރު ކަލޭ ތިޔައިނީ ގަނޑުވަރުން ނެރެގެން ގެނެސް މި ތަނަށް ލައިފައެވެ.]

މާރިޔާގެ ލޮލުން ކަރުނަ ފައިބަމުން ދަނީއެވެ. އޭނާ ބިޝޮޕްގެ ފައިމައްޗަށް ވެއްޓިގެންފައި ބުންޏެވެ. [މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑަށް ރަހުމުކުރައްވާށެވެ. އެންޖެލާ ސަލާމަތްކޮށް ދެއްވާށެވެ. ކަލާނގެއަށްޓަކައި އޭނާ ސަލާމަތްކޮށް ދެއްވާށެވެ. ޖޯން މައިކަލް މަރައިލީ އޭނާ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު އެކަން ކުޅައީ އޭނާ ކަމުގައި ވިޔަސް އެއީ ކުށެއް ނޫނެވެ. އެންޖެލާ ކުރިކަމެއް ކުރީ އަބުރާއި އިއްޒަތް ސަލާމަތްކުރާށެވެ.]

މާރިޔާގެ ރުއިމަކުން ބިޝޮޕަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ފަހަތަށް ޖެހިލުމަށް ފަހު ބުންޏެވެ. [މޮޔަ އަންހެނާއެވެ. މިހާރު ރުއިމަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އޭނާ މަރައިލީ އެންޖެލާ ކަމަށް ވީނަމަވެސް ސަލާމަތް ކުރެވޭން އޮތެވެ. އެކަމަކު މިހާރު އެ ފުރުސަތު ގެއްލިއްޖެއެވެ. ކަލޭގެ މޮޔަކަމުގެ ސަބަބުން އޭނާގެ ބޮލުގައި މިހާރު އެޅިފައި އެ އޮތީ މީހަކު މަރައިލުމަށް ވުރެ މާ ބޮޑު ކުށެކެވެ. ފައްޅީގެ އަގު ވައްޓައިލުމާއި ދީނަށް ނަފުރަތުކުރުމާއި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުޅައުމުގެ ކުށެވެ. އެއީ އާދައިގެ އިލްޒާމުތަކެއް ނޫނެވެ. އޭނާ ސަލާމަތްކޮށް ދިނުމަކީ މިހާރަކު އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.]

މާރިޔާ ލޫކަސްގެ ހެދުމުގެ ފަސްބައިގައި ހިފައިފިއެވެ. [ނޫނެކެވެ. މަނިކުފާނަށް ވަރަށް ގިނަ ކަންތައްތައް ކުރެއްވިދާނެއެވެ. ތިޔައީ ލޯޝާގެ ބިޝޮޕެއް ނޫންތޯއެވެ؟ އެންމެ އިސް ފާދިރީއެއް ނޫންތޯއެވެ؟]

[މިހާރު އަހަންނަކީ ލޯޝާގެ ބިޝޮޕެއް ނޫނެވެ. އިއްޔެ ކޯޓުގައި ގަވަރުނަރު ވިދާޅުވާ ގޮތަށް ހެކިބަސް ދޭން އިންކާރު ކުރުމަށް ފަހު ބިޝޮޕްގެ މަގާމުން އަހަރެން އިސްތިއުފާ ދީފީމެވެ. އެންޖެލާއާއި ރަބީޢާއާމެދު ކަންތައް ކުރަން ޖެހޭ ގޮތަށް އަހަރެން ކަންކޮށްފީމެވެ. އެހެންވީމާ އަހަރެންގެ ވާޖިބު އަދާކުރެވުނީއެވެ. އަހަރެންގެ ބަޔާން ލިޔެފައި ކޯޓަށް ފޮނުވައިފީމެވެ. އެންޖެލާއާ ބެހޭ ގޮތުން ޖޯން މައިކަލް ގެންގުޅުނު ހަޑިމުޑުދާރު ވިސްނުމުގެ ވާހަކަ އަހަރެން އޮންނާނީ ލިޔެފައެވެ. އަހަރެން ސާބިތުކޮށްދޭން މަސައްކަތްކޮށްފައި ވާނީ ޖޯން މަރައިލުމަކީ އެންޖެލާ ކުޅަ ކުށެއް ނޫން ކަމުގައެވެ. އެކަމަކު އަހަރެންގެ ބަޔާން އޮތީ ގަވަރުނަރު ބޭނުންވާ ގޮތަށް ނޫން ކަމުގައި ވާތީ ކޯޓުން އެ ބަޔާން ގަބޫލު ނުކުރާނޭކަން އަހަންނަށް އެނގެއެވެ. އަހަރެން މިދަނީ އަބޫ ދާވޫދްގެ ގާތަށެވެ. ރަސްގެފާނާއި ރާނީއަށް ދަންނަވައިގެން ރަހުމުކުރައްވަތްތޯ މަސައްކަތް ކުރުމަކީ އޭނާއަށް ފަހަރެއްގައި ކުރެވިދާނޭ ކަމެކެވެ. ރަސްގެފާނު އޭނާއަކީ މާ މުހިއްމު މީހެއް ކަމުގައި ބައްލަވައިގެން އުޅުއްވި ކަންތައް މިހާރު އެ އޮތީ ފުރިހަމަވެ ނިމިފައެވެ. ފެރްނާންދޯ މިހާރު ގްރަނާދާ ހިސާރުކުރައްވައިފިއެވެ. އަބޫ ދާވޫދްގެ މަސައްކަތުން ގްރަނާދާގެ ރައްޔިތުންގެ ގިނަ ބަޔަކު ހަނގުރާމަޔާ ދެކޮޅުވެރި ކުރުވައިފިއެވެ. އެހެންވީމާ ގްރަނާދާ ފަތަހަ ކުރައްވާން ދެން މާ ގިނަ ދުވަހެއް ނުވާނޭކަން ރަސްގެފާނަށް އެނގިވަޑައިގަނެއެވެ. އަބޫ ދާވޫދްގެ ފަޅީގައި އިހަށް ތިބި ކިތަންމެ ބަޔަކު މިހާރު އެތިބީ ދެކޮޅުވެރިންގެ ގޮތުގައެވެ. އެހެންވީމާ އޭނާ ދަންނަވާ ވާހަކައަކަށް ރަސްގެފާނު ސަމާލުކަން ދެއްވާނޭ ހެންނެއް ހިއެއް ނުވެއެވެ. އެކަމަކު އޭނާގެ ތަދުބީރުގެ ތުރުކަހުގައި ބާކީ ތީރެއް އޮތުމަކީވެސް ދުރުކަމެއް ނޫނެވެ. އެފަދަ ގޮތަކަށް ވެއްޖެނަމަ ރަސްގެފާނުގެ ވިސްނުންފުޅު ބަދަލު ކުރެއްވޭ ގޮތް ހެދިދާނެއެވެ. ދެން މި ބުނަނީ އަހަރެން އެ ވާހަކައެއް ބުނާން އައި ވާހަކައެވެ. އަހަރެން ކޯޓުގައި ހެކިބަސް ނުދެނީސް މައްސަލަ ނިންމައިގެން ނުވާނެއޭ ކަލޭ މާދަމާ ކޯޓުގައި ބުނާށެވެ. ކަލޭގެ އެދުން ގަބޫލު ނުކޮށް ކޯޓުން ހުކުން ކޮށްފިނަމަ ރަސްގެފާނު އަރިހުގައި އިސްނިއުނާފުކުރާނޭ މުހުލަތަކަށް އެދޭށެވެ. މިފަދަ ގޮތަކަށް އެދުނީމާ ރަސްގެފާނުގެ އިޒުނަފުޅަކަށް އެދޭން ކޯޓަށް މަޖުބޫރުވާނެއެވެ. އޭރުން ކޮޅުކޮޅުމައްޗަށް ދުވެގަންނާނޭ ފުރުސަތު އަބޫ ދާވޫދަށް ލިބޭނެއެވެ.]

މާރިޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. [މާތްވެގެންވާ ބައްޕާއެވެ. މަނިކުފާނުގެ ހިތްޕުޅުގެ ހެޔޮކަމަށްޓަކައި ޝުކުރު ދަންނަވަމެވެ. ތިޔަ ހެޔޮފުޅުކަން ދުވަހަކުވެސް ހަނދާންނައްތައެެއް ނުލާނަމެވެ. މަނިކުފާނު ފުރާވަޑައިގަންނަވަނީ ކޮން އިރަކުންތޯއެވެ؟]

[އަހަރެން މިރޭ ފުރާނަމެވެ.]

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.