
(4 އޭޕްރީލް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
[އެއީ ތެދެކެވެ.]
[ސަރުކާރަށް ވަފާތެރި ބައެއް މީހުން ވަޒީފާއިން ވަކިވެސް ކުރެއްވި ކަމަށް އެބަ އަޑުއިވެއެވެ.]
[އެ މީހުން އެއީ ވަފާތެރިން ކަމާމެދު އަހަންނަށް ޝައްކެވެ.]
[އެމީހުންގެ ބަދަލުގައި ގްރަނާދާގެ އެންމެ ބޮޑެތި ޣައްްދާރުންނަށް މަތީ ވަޒީފާވެސް ދެއްވައިފީމު ނޫންތޯއެވެ؟]
އަބޫ ޢަބްދުﷲ ކޯފާގެ ކޮޅަށް ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. [މޫސާއެވެ. އަހަރެންގެ ކުރިމަތީގައި ތިޔަ ކަހަލަ ވާހަކަ ދައްކައި ދެކޮޅުވެރިކަން ދެއްކުމަކީ ކަލޭގެ ވަޒީފާގެ ވާޖިބުތަކުގެ ތެރޭގައި އޮންނަ ކަމަކީ ހެއްޔެވެ؟]
[ވާޖިބުގެ އިހުސާސަކީ ބައެއް ފަހަރު މީހާގެ ކެރުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ.]
[ތިޔަ ކެރުންތެރިކަން އަހަންނަކަށް ކަމަކު ނުދެއެވެ. ވަގަށް ގަނޑުވަރަށް ވަނުމުގެ ހިތްވަރު ކަލެއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟]
[މިކަހަލަ ޝައިޠާނުންނަށްޓަކައި އަލްޙަމްރާ ގަނޑުވަރުގެ ދޮރުކޮޅު ހުޅުވައިލެވުނީމާ ވަގަށް ވަނުން ނޫން ގޮތެއް އަޅުގަނޑުމެން ކަހަލަ މީހުންނަކަށް ނޯންނާނެއެވެ.]
އެތާގައި އެ ވަގުތު ތިބި އަމީރުންނަށް މޫސާގެ ވާހަކަފުޅު އިވުނީމާ އެކަކު އަނެކަކާ ވައިއަޑުން ވާހަކަ ދައްކާން ފަށައިފިއެވެ. އޭގެ ތެރެއިން ބަރުބަރީ އަމީރަކު ތެދުވެފައި ބުނެފިއެވެ. [އަބޫ ޢަބްދުﷲގެ ވަފާތެރިންގެ ގަދަރެއް ޚުދު އެމަނިކުފާނުގެ ދަރުބާރުގައިވެސް ނޯންނަނީތޯއެވެ؟]
މޫސާ އެނބުރި ވަޑައިގެން އެމީހާޔާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [އަހަރެންގެ މުގާބިލުގައި އަބޫ ޢަބްދުﷲގެ ވަފާތެރިއެއް ކަމަށް ދައުވާ ކުރަނީ ކާކު ހެއްޔެވެ؟]
އެހެން އަމިރާކު ތެދުވެފައި ބުންޏެވެ. [ޢިއްޒަތްތެރި ވަލީޢަހުދެވެ. އަމުރުފުޅު ދެއްވައިފިއްޔާ މި އަދަބެއް ސަދަބެއް ނެތް ކަލޭގެ ކަންތައް ނިންމައިލާން އަޅުގަނޑުގެ ކަނޑި މި އޮތީ ތައްޔާރަށެވެ.]
މޫސާ ކޯފާވެގެން ގޮސް ތުރުތުރުއަޅާ ހާލުގައި ވިދާޅުވިއެވެ. [ތިޔަ ކަހަލަ އެއްޗެކޭ ބުނަން ކަލެއަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ ކަލޭ ތިޔައީ ބަރްބަރީ އިސްލާމުންނަށް ހުތްލައިދީގެން އަރަބީންނާ ދެކޮޅު ހަދަން ދަސްކޮށްދިން މީހާއެއް ނޫން ހެއްޔެވެ؟ ހުރަގެއިން ނުކުމެގެން އައިސް އަލްޙަމްރާ ގަނޑުވަރަށް ވަދެވުނީމާ ކަލޭ ހީކުރީ ކަލޭގެ ކުށްތައް ފޮހެވުނީ ކަމަށް ހެއްޔެވެ؟ ކަލޭ ކަހަލަ ދެތިން ޣައްދާރުން ފެނުނީމާ މޫސާގެ ކަނޑީގެ ފަންވަރު ގެއްލި މަޑުވެގެން ހިނގައިދާނޭ ކަމަށް ކަލެއަށް ފެންނަނީ ހެއްޔެވެ؟ އަހަރެން މި އައީ އަބޫ ޢަބްދުﷲގެ އަރިހަށެވެ. އަހަރެން ބޭނުން ވާހަކައެއް އަބޫ ޢަބްދުﷲ އަށް ދަންނަވާން ކަލޭގެ ކަނޑިއަށް ހުއްޓުވިދާނެ ކަމަށް ގަބޫލު ކުރާނަމަ އަހަރެންގެ ކުރިމައްޗަށް އަންނާށެވެ. ހަށިގަނޑުން ބޯ ވަކިކޮށްގެން، ހަށިގަނޑަށް ލުޔެއް ދޭން ގަސްތުކުރާ މީހަކު ހުރިއްޔާ ބުނާށެވެ. އަބޫ ޢަބްދުﷲއެވެ. މަނިކުފާނު ތިޔަ އިންނަވަނީ އަޅުގަނޑުގެ މަސް ކޮށައިލާންވެސް ތައްޔާރަށް ތިބިކަމަށް ބުނާ ފިނޑި ބަޔަކު މަނިކުފާނަށް ވަފާތެރި ވެދާނޭ ކަމަށް ގަބޫލުފުޅު ކުރައްވައިގެންތޯއެވެ؟ އެއިން މީހަކަށް އަމިއްލަ ކަނޑީގައި އަތްލާންވެސް އެ އުޅެނީ ނުކެރިގެންނެވެ. ގްރަނާދާގެ ދުޝްމިނުންނަކީ އެކުވެރިން ކަމުގައި ބައްލަވަނީތޯއެވެ؟]
އަބޫ ޢަބްދުﷲގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ކުއްލިއަކަށް ތެދުވެވަޑައިގެން ފިޔަވަޅުފުޅެއް ކުރިއަށް ޖެހިވަޑައިގެންފައި ސުވާލުކުރެއްވިއެވެ. [ކަލޭ ތިޔަ އައީ އަހަރެން ގަތުލުކުރަން ގަސްތުކޮށްގެން ހެއްޔެވެ؟]
[އަޅުގަނޑު މަނިކުފާނު އަވަހާރަކޮށްލާން އުޅޭނެތޯއެވެ؟ ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟] މިހެން ވިދާޅުވެފައި އަބޫ މޫސާ އޭނާގެ ކަނޑިކޮޅު އަބޫ ޢަބްދުﷲއަށް އަރުވައިފިއެވެ.
އަބޫ ޢަބްދުﷲ އެ ކަނޑިކޮޅު އެއް ފަރާތަކަށް އެއްލަވައިލެއްވުމަށް ފަހު އަތްތިލަބަޑިއެއް ޖައްސަވައިލެއްވިއެވެ. އެޔާއެކު ބަރްބަރީންނާއި ޙަބްޝީންގެ މައްޗަށް އެކުލެވޭ އަށް މީހަކު އެ ކޮޓަރިކޮޅަށް ވަދެގެން އައިސް އަބޫ ޢަބްދުﷲގެ އަމުރުފުޅެއްގެ އިންތިޒާރުގައި ތިބެއްްޖެއެވެ. އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [އަލްޙަމްރާގެ ދޮރާށިތަކުގައި ކިތަންމެ ވަރަކަށް ފޯރިމެރިޔަސް ކަލޭ މިތަނަށް ވަނުން މަނާ ނުކުރެވޭނެކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން ކަލެއަށް އެއް ކަމެއްގެ ޔަގީންކަން ދޭނަމެވެ. މި ތަނަށް ވަދެގެން ތިޔަ އައި މަގަކުން ނުކުމެގެން ދާކަށް ލާހިކެއް ނޫނެވެ.]
މޫސާ ހައިރާންފުޅުވެފައި އަބޫ ޢަބްދުﷲ އާ ދިމާއަށް ބައްލަވަމުން ގެންދެވިއެވެ. އެއީ އޭނާ އެމީހަކާއެކު ތުއްޕުޅު ދުވަސްވަރު ހޭދަކުރެއްވި މީހާއެވެ. އަހަށް ސަވާރުވެވަޑައިގަންނަވާށާއި ލޮންސި އާއި ކަނޑި ބޭނުން ކުރައްވަން ދަސްކޮށްދެއްވީ މޫސާއެވެ. އޭނާ ހައިރާންފުޅުވީ ކުރެއްވުނު ކުށެއް އެނގިވަޑައިނުގަންނަވާތީއެވެ. ހެނދުނު އޭނާ ގެންނަވައިފައި ކައިރި އަވަށްއަވަށުން ސިފައިންގެ ތެރެއަށް ވައްދާނޭ މީހުން ހޯއްދަވާން އެންގެވީ އަބޫ ޢަބްދުﷲއެވެ. އެ މަސައްކަތުން އަވަދިވެވަޑައިގެން، ވަޑައިގެންނެވިތަނުން އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ޚަބަރަކީ ބާޢީންގެ ބަޔަކު ހުރަގެއިން ނެރެ، ދޫކޮށްލެވުނު ޚަބަރެވެ. ދެވަނައަށް ލިބިވަޑައިގެންނެވި ޚަބަރަކީ ސަރުކާރަށް ވަފާތެރި އިސް ފަންތީގެ ބައެއް ބޭފުޅުން ވަޒީފާއިން ވަކި ކުރެވުނު ވާހަކައެވެ. އެއީ މޫސާ ވަރަށް ކަންބޮޑުވެ ވަޑައިގަތް ޚަބަރުތަކެކެވެ. އެހެންނަމަވެސް ވަޑައިގެން އަބޫ ޢަބްދުﷲ އާ ވާހަކަފުޅު ދައްކަވައި، ވިސްނަވައިދެއްވީމާ މައްސަލަ ހައްލު ވެގެން ހިނގައިދާނޭ ކަމުގެ ޔަގީން އޮތެވެ. އެހެންވީމާ މެންދުރުގެ ފަރީއްކޮޅުވެސް އިހަށް ލަސް ކުރެއްވުމަށް ފަހު ސީދާ ވަޑައިގަތީ ގަނޑުވަރަށެވެ. މީގެ ކުރިންވެސް އަބޫ ޢަބްދުﷲ އާއި އޭނާޔާ ދެމެދު ހަރުކަށި ވާހަކަތައް ބަދަލު ކުރެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް މިއަދު އެ ކޮޓަރިކޮޅަށް ވެންނެވުމާއެކު އޭނާގެ ތުއްޕުޅު އިރުގެ އެކުވެރިޔާ ވަރަށް ބޮޑަށް ބަދަލުވެއްޖެކަމުގެ އިހުސާސް ކުރެއްވުނެވެ. އޭނާގެ ކަނޑިކޮޅު އަބޫ ޢަބްދުﷲއަށް އެރުވީމާ މުޅިން މަޑުމަތިރިވެވަޑައިގެން، އޭނާގެ ކޮނޑުފުޅަށް އަތްޕުޅު އެއްލަވައިގެން އެހެން ކޮޓަރިކޮޅަކަށް ގެންދަވައި [މިހައި ކުޑަކުޑަ ކަމަކާހެދިވެސް ރުޅިއައީހޭ] އައްސަވާނެކަމުގެ ޔަގީންކަންވެސް އޮތެވެ.
އެހެންނަމަވެސް އަބޫ ޢަބްދުﷲ އޭނާގެ ކަނޑިކޮޅު އެއްލަވައިލެއްވީމާ ހީފުޅުވީ ހިތްޕުޅަށް ޚަންޖަރެއް ހަރުއްވައިލެއްވިހެންނެވެ. ކުރެއްވުނުހައިވެސް ކަމަކީ އަބޫ ޢަބްދުﷲއާ ދިމާއަށް ބަލައްވާން ހުންނެވުމެވެ. ކަންފަތްޕުޅުދޮށުގައި ގުގުމަމުން ދަނީ އެކުވެރިޔާގެ ބަސްފުޅެވެ. [އަހަރެން ކަލެއަށް އެއް ކަމެއްގެ ޔަގީންކަން ދޭނަމެވެ. މި ތަނަށް ވަދެގެން ތިޔަ އައި މަގަކުން ނުކުމެގެން ދާކަށް ލާހިކެއް ނޫނެވެ.] އޭނާ ސިފައިންނާ ދިމާއަށް ބައްލަވައިލެއްވިއެވެ. ހިތްޕުޅަށް އެރިއެވެ. މިއީ ހަގީގަތެއް ނޫނެވެ. އަބޫ ޢަބްދުﷲ ސަމާސައެއް ކޮށްލެއްވީއެވެ.
މޫސާ ހިނިތުންވެވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. [އޭ އަބޫ ޢަބްދުﷲއެވެ. އަޅުގަނޑަކީ ކުށްވެރިއަކީމެވެ. އަހަރެންގެ އެއް ކުށަކީ ލޮއްޚާއަށް ދާނޭ ސިފައިން ހޮވުމުގެ ކުށެވެ. ދެވަނަ ކުށަކީ ވަލު ދޮރާށިން އަލްޙަމްރާ ގަނޑުވަރަށް ވަނުމެވެ. ތިން ވަނަ ކުށަކީ މިތިބަ މުޖުރިމުންނަކީ މުޖުރިމުންކަމަށް ބުނުމެވެ. އަޅުގަނޑުގެ އެންމެ ބޮޑު ކުށަކީ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާކަމަށް ވުމުގެ ކުށެވެ. އަޅުގަނޑުގެ ކުށްތަކަށް އަދަބު ދެއްވާށެވެ. ހުކުމް ކުރައްވާށެވެ.]
މިހެން ވިދާޅުވެފައި މޫސާ އިސްދަށަށް ޖައްސަވައިލެއްވިއެވެ. އަބޫ ޢަބްދުﷲގެ ލޯފުޅުން ކަރުނަފޮދު ފާއްދައިލައިފިއެވެ. އަތްޕުޅު އުފުއްލަވައިލައްވައި މޫސާގެ ކޮނޑުފުޅުގައި ހިއްޕަވަން ގަސްތުކުރެއްވި ވަގުތު މީހަކު ކުރިއަށް ޖެހިލައި އަތްޕުޅުގައި ހިފައިފިއެވެ. އެއީ އަބޫ ދާވޫދެވެ.
އަބޫ ޢަބްދުﷲ އެމަނިކުފާނުގެ މުރުޝިދާ ދިމާއަށް ބައްލަވައިލެއްވިއެވެ. އަބޫ ދާވޫދް ބޯ ހޫރައިލިއެވެ.
އަބޫ ޢަބްދުﷲ ސިފައިންނާ ދިމާއަށް ބައްލަވައިލައްވައިފައި ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. [މީނާ ގެންދާށެވެ.]
މޫސާ އިސް އުފުއްލަވައިލެއްވިއެވެ. އޭނާ އެ ވަގުތު ހުންނެވީ ސިފައިންގެ ކަނޑިތަކުގެ މެދުގައެވެ. އެއީ އަބޫ ޢަބްދުﷲގެ ގަސްތުފުޅަކީ ކޮބައިކަން ނޭނގޭތީ ކަނޑީގައި އަތްލާން ނުކެރިފައި ތިބި މީހުންނެވެ. މިހާރު އެތިބީ ކަނޑިތައް އުރައިން ދަމައިގަނެ ތައްޔާރު ވެގެންނެވެ.
އިސްޕޭނުގެ ފާރުތައް ރޫރުއަޅައިގަންނަފަދަ އަޑުފުޅުގެ ވެރިޔާ މިހާރު އެ ހުންނެވީ ހިމޭނުންނެވެ. މަންމަން ހާލުކޮޅުގައި އަބޫ ޢަބްދުﷲގެ މޫނުފުޅަށް ބައްލަވާށެވެ. ގްރަނާދާގެ މުޖާހިދުގެ ދޫފުޅު ގައުވެއްޖެއެވެ.
އަބޫ ޢަބްދުﷲއަކަށް މާ ގިނަ އިރަކު ބައްލަވާކަށް ނުހުންނެވުނެވެ. މޫނުފުޅު އަނބުރައިލެއްވުމަށް ފަހު ވަރަށް ބާރަށް ވިދާޅުވިއެވެ. [ގެންދާށެވެ.] އެކަމަކު އަޑުފުޅުގައި ހުރީ ކޯފާއެއް ނޫނެވެ. ހިތާމަވެރިކަމުގެ އަސަރެވެ.
މޫސާ އެއްވެސް އެއްޗެކޭ ވިދާޅުނުވެ ސިފައިންގެ ކުރީގައި ހުންނަވައިގެން ހިންގަވައިގެންފިއެވެ. އަބޫ ޢަބްދުﷲ ރުމާކޮޅުން ލޯފުޅު ފޮއްސަވައިލެއްވުމަށް ފަހު ބާރަށް ވަޑައިގެން އެހެން ކޮޓަރިކޮޅަކަށް ވެދެވަޑައިގެންފިއެވެ. އަބޫ ދާވޫދް އެތާގައި ތިބި މީހުންނާ ދިމާއަށް ބުނެފިއެވެ. [މިތާގައި ތިބޭށެވެ. އަހަރެން އެބަ އަންނަމެވެ.]
އަބޫ ޢަބްދުﷲ ވެދެވަޑައިގެންނެވި ކޮޓަރިކޮޅަށް ވަދެފައި އަބޫ ދާވޫދް ބުންޏެވެ. [ވަލީޢަހުދެވެ. ބޮޑެތި މީހުންގެ ހިތްވެސް ބޮޑުވާން ޖެހޭނެއެވެ.]
އަބޫ ޢަބްދުﷲ ހިތާވެރިކަމާއެކު ވިދާޅުވިއެވެ. [އެއީ އަޅުގަނޑުގެ އެކުވެރިއެކެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ.]
އަބޫ ދާވޫދް ބުންޏެވެ. [އެއީ މަނިކުފާނު ލޯބިފުޅުވާ ރީތި ކަށްޓެކެވެ. މަންޒިލަށް ވާސިލުވެ ވަޑައިގަތުމަށްޓަކައި އެކަހަލަ ކިތަންމެ ކަށްޓެއް މުލުން ލުހެލައްވައިވާން ވާނެއެވެ. މަނިކުފާނު ބޭނުންފުޅިއްޔާ މިހާރުވެސް މަނިކުފާނުގެ ތާޖުކޮޅުގެ އެހަކަށް އޭނާ ހެއްދެވިދާނެއެވެ. އެކަމަކު އެކަން މަނިކުފާނަށް ކުރެއްވޭނީ ގްރަނާދާގެ ތަޚުތަށް ދައުވާ ކުރާނޭ އެހެން މީހަކު ނެތް ދުވަހަކުންނެވެ. މަނިކުފާނު އަބުލްޙަސަންގެ ޖާގަ ނަންގަވައިފިކަން އެނގޭ ދުވަހަކު އޭނާ ހުރަގެއިން ނުކުމެ މަނިކުފާނަށް ބައިޢަތު ހިފާނެއެވެ. މަނިކުފާނަށް ޚިދުމަތް ކުރާކަށް އޭނާ ދެކޮޅެއް ނުހަދާނެއެވެ. ތެދުވެވަޑައިގަންނަވާށެވެ. މިއީ ވިސްނައިވަޑައިގަންނަވަން އޮތް ވަގުުތެއް ނޫނެވެ. އަމަލުކުރައްވާން އޮތް ވަގުތެކެވެ.]
(ނުނިމޭ)
ވަރަށް ވަރަށް ރީތި އެހާމެ އަސަރުގަދަ ޝުކުރަން