އަންދަލުސްގެ ބާޒު – 30

(11 މާރިޗު 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބަދްރުވެސް ފޭލިގެއަށް ވަދެވަޑައިގެންފިއެވެ. ބަޝީރް ބިން ޙަސަން އުޅުއްވަނީ ޒަޚަމްވެފައި ތިބި މީހުންނަށް ފަރުވާ ކުރެއްވުމުގައި އަވަދިނެތިއެވެ. ނަޢީމް ފޭލިގެއަށް ވެއްދުމާއެކު އޭނާގެ މައްޗަށް ބަޝީރް ސަމާލުކަން ދެއްވައިފިއެވެ.

ބަދްރު ވިދާޅުވިއެވެ. [ބަޝީރެވެ. މީނާ ސަލާމަތްކުރެއްވޭތޯ ބައްލަވާށެވެ.]

ބަޝީރް ބިން ޙަސަން އޭނާގެ ވިންދު ބައްލަވައިލެއްވިއެވެ. އެޔަށް ފަހު ހެދުން ވީއްދަވައިލައްވައިފައި ޒަޚަމަށް ބައްލަވައިލެއްވިއެވެ. އަނެއްކާވެސް ވިންދު ބައްލަވައިލެއްވުމަށް ފަހު ބަދްރާ ދިމާއަށް ބައްލަވައިލައްވައިފައި އިސްތަށިފުޅު ހޫރުއްވައިލެއްވިއެވެ.

ބަދްރު މޮޅިވެރިކަމާއެކު ސުވާލުކުރެއްވިއެވެ. [ބަޝީރަށް ކުރެއްވޭނޭ އެއްވެސް ކަމެއް ނެތީތޯއެވެ؟]

ބަޝީރު ވިދާޅުވިއެވެ. [މި ޒަޚަމާއެކު ކުޑަ އިރުކޮޅަކަށް ދުނިޔޭގައި އޮންނެވިކަމީވެސް މުއުޖިޒާތެކެވެ. އޭނާގެ މަރަށް ކުޑަ ވަގުތުކޮޅަކަށް ހުރަސްއެޅިފައި އޮތީ ހިތްޕުޅުގައި އޮތް އެދުންފުޅެއްގެ ބާރުގަދަކަން ކަމުގައި ވެދާނެއެވެ.]

[ހޭފުޅު އަރައިފިއްޔާ އޭނާގެ އަހުދުފުޅު ފުއްދަވައިފިއޭ ދަންނަވާށެވެ.] މިހެން ވިދާޅުވެފައި ބަދްރު ފޭލިގެއިން ނުކުމެވަޑައިގެންފިއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ފެރްނާންދޯގެ ލަޝްކަރުން ބަލިވުމުގެ ނިޝާންތައް ފެނިވަޑައިގަތީމާ ތަމްރީނުކޮށްފައިވާ ޚާއްސަ ޖަމާއަތެއް ތައްޔާރު ކުރައްވައިފިއެވެ. އެއީ ފިލައިގެން ދާން އުޅެގެންފިނަމަ ފަހަތުން ދާން ތައްޔާރު ކުރެއްވި ޖަމާއަތެކެވެ.

އަސުރުން އިރު ތިރިވީތަނާ ފެރްނާންދޯގެ ލަޝްކަރު، މަރުވެފައި ތިބި މީހުން މައިދާނަށް ދޫކޮށްލާފައި ފިލަން ދުއްވައިގެންފިއެވެ.

ލަޝްކަރުގެ މީހުން ވަށައިގެން ޖަމާވުމަށްފަހު ފަތަހައިގެ އަޑު އުފުލަން ފެށީމާ އަބުލްޙަސަން އަހުން ފައިބައިވަޑައިގެން ސަޖިދައަށް ތިރިވެވަޑައިގެންފިއެވެ. ސަޖިދައިން ތެދުވެވަޑައިގަތްއިރު ލޯފުޅު ވަނީ އުފާވެރިކަމުގެ ކަރުނަފޮދުން ފުރިފައެވެ.

ވަށައިގެން ބައްލަވައިލެއްވުމަށް ފަހު އަބުލްޙަސަން ސުވާލުކުރެއްވިއެވެ. [އަހަރެމެންގެ ސަރަހައްދީ ބާޒު ކޮބައިހެއްޔެވެ؟]

އައްޒަޣަލް ޖަވާބުދެއްވިއެވެ. [އޭނާ ލަޝްކަރާއެކު ވަޑައިގެންފިއެވެ.]

[ކޮން ތަނަކަށްތޯއެވެ؟]

[ފިލައިގެން ދިޔަ ކާފަރުންގެ ފަހަތުންނެވެ.]

[އަޅުގަނޑު އޮންނާނީ އެހެން ނުހައްދަވާށޭ ދަންނަވައިފައެވެ. ލަޝްކަރު އޮތީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.]

[އޭނާ ވަޑައިގަތީ މަނިކުފާނު އަރިހުން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ދަންނަވާށޭ އަޅުގަނޑު ގާތު ވިދާޅުވެފައެވެ. އޭނާއަކީ ފަތަހައެއް ފުރިހަމަ ނުކުރައްވައި ދޫކޮށްލައްވާ ބޭފުޅެއް ނޫނެވެ. މަނިކުފާނުގެ އަމުރުފުޅަށް އިހުތިރާމު ކުރެއްވުމުގެ ގޮތުން އޭނާގެ އަރިހުގައި ގްރަނާދާގެ އެއްވެސް ސިފައަކު ނުގެންދަވައެވެ.]

އަބުލްޙަސަން ވިދާޅުވިއެވެ. [ތިޔަ ހީފުޅުރެއްވީއަކީ ރަނގަޅަކަށް ނޫނެވެ. ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑުގެ މުޅި ލަޝްކަރު ގެންދެވި ނަމަވެސް މިހައިވަރަކަށް އަޅުގަނޑު ކަންބޮޑެއް ނުވީހެވެ. އޭނާގެ ލަޝްކަރުގެ އެންމެ މީހަކު ޝަހީދުވުމަކީވެސް ފޫބެއްދޭނޭ ގެއްލުމެއް ނޫންކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީއެވެ.]

އައްޒަޣަލް ވިދާޅުވިއެވެ. [ފިކުރުފުޅު ނުކުރައްވާށެވެ. އޭނާއަކީ ފިސާރި ރަނގަޅަށް އަސްކަރީ ކަންތައް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދުޝްމިނުންގެ މައްޗަށް ހަމަލަދެއްވަނީ ސިންގާއެއް ފަދައިންނެވެ. ފިލައިގެންދާ މީހުންގެ މައްޗަށް ޖެހިވަޑައިގަންނަވަނީ ބާޒެއް ފަދައިންނެވެ.]

[ކޯރްދޮބާގައި ލިބުނު ކާމިޔާބީ ތަފުސީލު ހޯދަން އަހަރެން ބޭނުމެވެ. ޢައްބާހެވެ. ކަލޭ އޭނާޔާއެކު އުޅުނީމެއް ނޫން ހެއްޔެވެ؟ ލަޝްކަރުގެ ހިތްވަރު އާލާކުރެއްވުމުގެ ބޭނުންފުޅުގައި އޭނާ ވާހަކަ ބޮޑުކުރައްވައިގެން ދެއްކެވީހެން ހީވޭ ހެއްޔެވެ؟]

ޢައްބާހަކީ ގްރަނާދާގެ ލަޝްކަރުގެ ސިފައެކެވެ. އޭނާ ދެންނެވިއެވެ. [އެތާގައި ހިނގި ކަންތައްތައް ގަބޫލުކުރެވޭނީ ލޮލަށް ފެނުނު މީހަކަށެވެ. ދައްކާ ވާހަކައަކުން މީހަކަށް ގަބޫލުކުރެވޭ ވަރު ވާނެ ހެންނެއް ހިޔެއް ނުވެއެވެ.] މިހެން ދަންނަވައިފައި ޢައްބާސް ހަނގުރާމައިގެ ތަފުސީލު ދަންނަވައިފިއެވެ.

އޭނާ މަންޞޫރު ބިން އަޙްމަދުގެ ކުޅަދާނަފުޅުކަމާއި ހިތްވަރުފުޅު ގަދަކަމުގެ ވާހަކަ ދެންނެވީމާ އަބުލްޙަސަން ވިދާޅުވިއެވެ. [ބަދްރު ބިން މުޣީރާގެ ތުރުކަހުގައި އެވަރުގެ ތޫނު ތީރު ހުރިކަން ކުރިން އެނގުނު ނަމަ އަހަރެން މާކުރިން ހަނގުރާމަ އިއުލާނު ކުރީމުހެވެ.]

ރޭގަނޑު އަރާމު ކުރުމަށް ފަހު ސިފައިން ހޭލީ ފަތިސް ނަމާދުގެ ބަންގިއަށެވެ. އަބުލްޙަސަނަށް ރަނގަޅަށް އަވަހާރަފުޅު ލެއްޕެވުނީ އެތައް ދުވަހަކަށް ފަހުގައެވެ. ނަމާދު ކުރެއްވުމަށްޓަކައި ފޭލިގެކޮޅުން ނުކުމެވަޑައިގަތުމާއެކު ފާރަވެރިންނާ ފުރަތަމަވެސް ކުރެއްވި ސުވާލަކީ މިއީއެވެ. [ބަދްރު ބިން މުޣީރާ ވަޑައެއް ނުގަނޭ ހެއްޔެވެ؟]

ފާރަވެރިން ނޫނެކޭ ދެންނެވުމުގެ ގޮތުން ބޯ ހޫރައިލިއެވެ.

ނަމާދަށް ފަހު އަބުލްޙަސަންގެ އެންގެވުމުގެ މަތީން ބަދްރު ބިން މުޣީރާގެ ސަލާމަތަށް އެދި ދުޢާކުރުން އޮތެވެ. މެންދުރުވެގެން އައި އިރު އަބުލްޙަސަންގެ ކަންބޮޑުވެވަޑައިގަތުން ވަރަށް ބޮޑު ވެގެން ހިނގައްޖެއެވެ. ވުމާއެކު ބަދްރުގެ ޚަބަރެއް ވޭތޯ ބެލުމަށްޓަކައި ބަޔަކު ފޮނުއްވައިފިއެވެ. އަދި ލަޝްކަރުގެ ބައެއް ކޮމާންޑަރުންނާއެކު ފަރުބަދައަކަށް އަރައިވަޑައިގެން ބައްލަވާން ފައްޓަވައިފިއެވެ.

އެތަނުން ކޮމާންޑަރަކު ކުއްލިއަކަށް އެއް ފަރާތަށް އިޝާރަތްކޮށްފައި ދަންނަވައިފިއެވެ. [އެ ފަރާތް ބައްލަވައިލައްވާށެވެ.]

އަބުލްޙަސަންގެ އުފާފުޅުގެ ކޮޅެއް ނެތެވެ. ކުރިފުޅުމަތީން، ދުރުން ފެނިވަޑައިގަތީ ބޯ ހިރަފުހުގެ ވިލާގަނޑެއް ނަގަމުން އަންނަ ތަނެވެ.

އަބުލްޙަސަން އެ ދިމާއަށް ދެތިން ސަވާރުން ފޮނުއްވައިފިއެވެ. ކުޑައިރުކޮޅަކުން އެ މީހުން އައިސް ސަރަހައްދީ ބާޒު އެނބުރި ވަޑައިގަތް ވާހަކަ ދަންނަވައިފިއެވެ.

އައްޒަޣަލް ވިދާޅުވިއެވެ. [އަޅުގަނޑުވެސް އުފާވެރި ޚަބަރެއް ދަންނަވަންތޯއެވެ؟]

އަބުލްޙަސަން ސުވާލުކުރެއްވިއެވެ. [އެއީ ކޮން ޚަބަރެއް ހެއްޔެވެ؟]

އައްޒަޣަލް ވިދާޅުވިއެވެ. [ސަރަހައްދީ ބާޒު ވަޑައިގަތީ ވަރަށް ގިނަ ޣަނީމާ މުދަލާއިގެންނެވެ.]

އަބުލްޙަސަންގެ ސިފައިން ޣަނީމާ މުދަލުގެ ތަފުސީލު އޭނާއަށް އެރުވިއެވެ. ބަދްރު ވަޑައިގަތީ ވަރަށް ގިނަ ނަޢަމް ސޫތްޕާއި އަހާއި ގޮދަނާއި އެހެނިހެން ބާވަތްބާވަތުގެ ކާބޯ ތަކެއްޗާ އެކުގައެވެ.

ބައްޕައާއި ދަރިފުޅު

(1)

ލޮއްޚާގެ ހަނގުރާމައިގައި ނަޢީމް ބިން ރިޟްވާން ފަދަ މުޖާހިދުން އެ ބޭފުޅުންގެ ލޭފޮދުން އަންދަލުސްގެ ނަސީބުގެ ސަފުހާތައް ލިޔުއްވިއިރު ގްރަނާދާގެ ޝާހީ ދަރުބާރުގައި އެހެން ފައިސަލާއެއްވެސް ދިޔައީ ލިޔެވެމުންނެވެ.

އަލްޙައްމާގެ މައްޗަށް ކްރިސްޓިއަނުން ގަދަވެގަތް ޚަބަރު ލިބުމާއެކު އަބޫ ދާވޫދް ދިޔައީ އޭނާގެ ދަރިވަރުގެ އަރިހަށެވެ. އޭނާ ދެރަފުޅުވެފައި އިންނެވިތަން ފެނުނީމާ ކިޔައިފިއެވެ. [ޝެހެޒާދާއެވެ. އަޅުގަނޑު ކުރިންވެސް ދެންނެވީމެއް ނޫންތޯއެވެ؟ ގްރަނާދާގެ ރަސްކަން އަލުން ތައުމީރު ކުރެއްވުމަށްޓަކައި ގުދުރަތުން ހޮއްވަވައިފައި ވަނީ އަބުލްޙަސަނެއް ނޫނެވެ. މަނިކުފާނެވެ. އަންދަލުސްގެ އިސްލާމުންގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފަށާނީ މަނިކުފާނުގެ އިސްތަށިފުޅުގައި ގްރަނާދާގެ ތާޖު ތުރުކުރެވުނު ދުވަހަކުންނެވެ. އެ ވަގުތު އައިސް ޖެހިއްޖެއެވެ.]

[އެ ވަގުތު ޖެހޭނީ ކޮން ދުވަހަކުން ކަމެއް ނޭނގެއެވެ. އަލްޙައްމާ އަޅުގަނޑުމެންގެ އަތުން ސޮހިގެން ހިނގައްޖެއެވެ. އެމީހުން ކޮންމެ ވަގުތަކުވެސް ގްރަނާދާއަށް ހަމަލަދީފާނެއެވެ.]

[އަލްޙައްމާ އަތުން ދޫވެގެން ދިޔައީމާ އާއްމު ރައްޔިތުންނާއި ބައެއް އަމީރުންގެ އިހުސާސްތައް ހުރީ ކިހިނެއް ކަމާމެދު ވިސްނައިވަޑައިގަތީންތޯއެވެ؟ އެމީހުން ދެކޭ ގޮތުގައި މި ނާޒުކު ދަނޑިވަޅުގައި ގްރަނާދާގެ ވެރިކަން ބަދަލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެހެން ބޭނުން ކަމެއްވެސް މެއެވެ. އަޅުގަނޑު ބައެއް ބަރްބަރީ އަމީރުންނާއި އިސްޕޭނީ އަމީރުންނާ ބައްދަލު ކޮށްފީމެވެ. އެބައިމީހުން އަމިއްލަ ނަފުސަށް ކިޔާ އަގު އެހައި ބޮޑެއް ނޫނެވެ.]

[އެކަމަކު މޫސަ ހުރިހައި ހިނދަކު މީހަކަށް ބާރަށް ނޭވައެއް ލާކަށްވެސް ނުކެރޭނެއެވެ.]

[ވަގުތު ޖެހުނީމާ އޭނާގެ ކަންތައްވެސް އަޅުގަނޑުމެންނަށް ހަމަޖެއްސިދާނެއެވެ. އަބުލްޙަސަނާ ދެކޮޅަށް ބަޣާވާތް ކުރުމުގެ ކުށުގައި ބައެއް އަމީރުން ހުރަގެއަށް ލާފައި އެބަތިއްބެވެ. އެމީހުން ދޫކޮށްލައްވައިފިއްޔާ ވަރަށް ބޮޑު ފައިދާއެއް ކުރާނެއެވެ.]

[މޫސަ ހުއްޓައެއް ތިޔަ ކަމެއް ނުކުރެވޭނެއެވެ.]

[އަޅުގަނޑަށް ފެންނަ ގޮތުގައި މޫސައަކީ މަނިކުފާނުގެ އެކުވެރިއެކެވެ.]

[އެކުވެރިއަކަށް ވިޔަސް މިކަމުގައި އޭނާ ވާނީ އަޅުގަނޑުގެ އެންމެ ބޮޑު ދުޝްމިނު ކަމުގައެވެ.]

[ވަގުތު ޖެހުނީމާ ތިޔަކަންވެސް ބަލަމާތޯއެވެ.]

[ވަގުތު ޖެހޭނީ ކޮން އިރަކުންތޯއެވެ؟]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.