އަންދަލުސްގެ ބާޒު – 84

(5 ޖޫން 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)


މި ވާހަކަ ގެނެސް ނުދެވި މަހެއްހައި ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ. ގެނެސްނުދެވުނީ އަޅުގަނޑަށް މެދުވެރިވީ، ސަލާމަތް ވެވެން ނެތް، ކުއްލި ހާލަތަކާ ގުޅިގެން ހުރިހައި މަސައްކަތަކާ ދުރުގައި ދުވަސްކޮޅަކު ހުންނާން މަޖުބޫރުކުރުވީމައެވެ. ﷲ ގެ ރަޙްމަތާއެކު މި ވަގުތު އެ ހާލަތުން އަރައިގަނެވިއްޖެއެވެ. އެހެންވީމާ ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ ގަވާއިދުން ވާހަކަ ގެނެސްދޭން މަސައްކަތް ކުރާނަމެވެ.


މެންދަން ވާން ގާތްވެފައި ވަނިކޮށް ބަދްރު ބިން މުޣީރާގެ އަސްވާރުން ފައްޅީގެ އިމަށް ވަދެއްޖެއެވެ. ވޭތުވެ ދިޔަ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ސިފައިންގެ މައި މަރުކަޒުގައި ހުރި އެންމެ ރަނގަޅު އަސްތައް ނެގުމުގެ އިތުރަށް އެ ތާނގައި ހުރި ފޭލިގެތަކާއި ސިފައިންނަށް ޚާއްސަ ގެތަކުގައި ހުޅުޖަހައި އަންދައިވެސް ލައިފިއެވެ. އަދި ސަހަރަށް ވަދެ ސަރުކާރުގެ ޚަޒާނާގެ މައްޗަށް ގަދަވެގަތުމަށް ފަހު ގަވަރުނަރުގެ ގޭގައިވެސް ރޯކޮށްލައިފިއެވެ.

ރަބީޢާއާއި އެންޖެލާއާ ދެ ކުދިން ހިމެނޭހެން އެތާނގައި އެ ވަގުތު ތިބި ސާދަ މީހުން ތިބީ އެބައިމީހުންގެ އިންތިޒާރުގައެވެ.

އެނބުރި ދާން އެންގެވުމުގެ ކުރިން ބަދްރު ބިން މުޣީރާ އަބޫ މުޙްސިނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ލޯޝާގައި އަޅުގަނޑުމެން ކުރާން ހުރި ކަންތައް ކޮށް ނިމިއްޖެއެވެ. އަބޫ މުޙްސިނަށް ކާމިޔާބީއެއް ހޯއްދެވުނުތޯއެވެ؟]

މި ސުވާލު ކުރެއްވީމާ ބަޝީރް ބިން ޙަސަން ހިނިފުޅުވަޑުވަން ފައްޓަވައިފިއެވެ. އަބޫ މުޙްސިން ކުޑަކޮށް ލަދުފުޅުން ހުންނަވައި ވިދާޅުވިއެވެ. [ﷲ ގަންދީ ދަންނަވަމެވެ. އެއީ ހަމަ ފައްކާ ހިމާރެކެވެ. މަނިކުފާނު އަޅުގަނޑު މިތާނގައި ބެހެއްޓެވިކަން މިވީ ބޭކާރު ކަމަކަށެވެ. އޭނާ އަމިއްލައަށް އަޅުގަނޑަށް ގޮވައި ގެންގޮސްގެން ތިމަންގެ ހިތަށް މިހާރު އިސްލާމްދީނުގެ ތެދުކަން އެބަ ވަދެއޭ ކިޔައިގެން ވާހަކަ ދެއްކިއެވެ. މިއަދު ތިޔަ ދަނީ ނޫންހޭ އެހެންވީމާ ތިމަންނާއަށް އިސްލާމްދީން އަދި ތަންކޮޅެއް ބޮޑަށް ކިޔަވައިދޭށޭވެސް ބުންޏެވެ. އެއް ދަން ހުސްވާންދެން އެތައް ވާހަކައެއް ދެއްކި ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި އެކަލޭގެ ރާބޮއިގެން ހުރެ އަޅުގަނޑު މޮޔަހައްދަން މަސައްކަތް ކުރީއެވެ.]

[އަނެއްކާ އޭނާގެ ކަރުގައި ނުހިއްޕަވަންތޯއެވެ؟]

[މަނިކުފާނު މަނާ ކުރައްވައިފައި ނެތް ނަމަ ތިޔަ ކަންތައްވެސް އޮތީހީ ކުރެވިފައެވެ.]

ބަދްރު ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ. ދެން ދަމާ ބަހީއެވެ.]

ފައްޅީގެ ސަރަހައްދަށް ވެދެވަޑައިގަތުމުގެ ކުރިން ބަދްރު ތަފާތު ތިން ތަނެއްގައި މަޑުކުރެއްވިއެވެ. އޭނާ ދަތުރުކުރެއްވީ ރޭގަނޑުއެވެ. ދުވާލު މަޑުކުރައްވަމުން ގެންދެވީ ރަށްރަށުގައި ހުރި ރާހިބުން ދިރިއުޅޭ ތަންތާނގައެވެ. އޭރު އެތަންތަން ވަނީ ރާހިބުންގެ ހެދުމުގައި ދިޔަ ބަދްރުގެ ފަހުލަވާނުންގެ ބާރުގެ ދަށުގައެވެ. އެ ތަންތާނގައި ތިބި ރާހިބުންނާއި އެހެން މީސްމީހުން ތިބީ ލޯޝާގައި ތިބި ރާހިބުން ފަދައިން ހައްޔަރުކޮށްފައެވެ. ބަދްރު މަޑުކުރައްވާ ކޮންމެ ތަނަކުން އޭނާގެ ބައިވެރިންނަށް ރަނގަޅަށް ކާންބޯންދީ އަސްތަކަށް ބޭނުންވާ ހުޔާއި ފެނާއި ކާނާ ފޯރުކޮށްދެމުން ގެންދިޔައެވެ. އެއިން ކޮންމެ ތަނަކުން ފުރާވަޑައިގަންވަނީ ލަޝްކަރަށް ބަޔަކު އިތުރު ކުރައްވައިގެންނެވެ. ފެރްނާންދޯގެ ވެރިކަން ހިނގާ ސަރަހައްދަށް ވެދެވަޑައިގެންނެވި އިރު ބައިވެރިންގެ އަދަދު ވަނީ ސަތޭކަ ފަންސާހަށް އަރައިފައެވެ.

(4)

ބަދްރު ބިން މުޣީރާ ފަރުބަދަމަތީގައި ހުރި ކިއްލާއެއްގެ ކޮޓަރިކޮޅެއްގައި ފިކުރުފުޅަކަށް ގެއްލިވަޑައިގެން ހުންނަވައި ދެކޮޅަށް ކުރުކާލި ކަނޑުއްވަމުން ގެންދަވަނީއެވެ. މޫނުފުޅުމަތީން ފެންނަނީ އުއްމީދު ގެއްލިފައިވާ ކަހަލަ ކުލަވަރެކެވެ. މާޔޫސީއާއި ހިތާމަފުޅުގެ އަސަރެވެ. އެ ވަގުތު ރަބީޢާ އައިސް ކޮޓަރިކޮޅަށް ވަދެއްޖެއެވެ. އެކަމަކު ބަދްރަކަށް އެ ކަމެއް ފާހަގައެއް ނުކުރެއްވުނެވެ. އިރުކޮޅަކު ހުރުމަށް ފަހު ރަބީޢާ ކުރިއަށް ފިޔަވަޅެއް އަޅައިފިއެވެ. [އަޅުގަނޑަށް ގޮވައިލެއްވިންތޯއެވެ؟]

ބަދްރު ސިހިވަޑައިގެންފައި ރަބީޢާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. [އާނއެކެވެ. ރަބީޢާއެވެ. އަހަރެން ދައްކަން ވެފައި އޮތް ވަރަށް މުހިއްމު ވާހަކައެއް އެބައޮތެވެ. އިށީންނާށެވެ.]

ބަދްރުގެ އަޑުފުޅުގައި ހުރި ހިތާމައިގެ އަސަރު ފާހަގަ ކުރެވުނީމާ ރަބީޢާ ހައިރާންވިއެވެ. އޭނާ ގޮނޑިއާ ކައިރިއަށް ޖެހިލިއެވެ. އެކަމަކު ނުއެއް އިށީނދެއެވެ. ބަދްރު އަނެއްކާވެސް ވިދާޅުވިއެވެ. [ރަބީޢާއެވެ. އިށީންނާށެވެ.]

ރަބީޢާ ގޮނޑީގައި އިށީނުމަށް ފަހު ބުނެލިއެވެ. [ބަދްރު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން ހުންނެވި ފާޑު އެބަޖަހައެވެ.]

ކުޑަ އިރުކޮޅަކު ހިމޭނުން ހުންނެވުމަށް ފަހު ބަދްރު ވިދާޅުވިއެވެ. [ރަބީޢާއެވެ. އަހަރެން ވިސްނަމުން މި ގެންދަނީ ރަބީޢާއާ ގުޅުން ހުރި ކަމަކާއެވެ. ކްރިސްޓިއަނުންނާ ދެކޮޅަށް އަހަރެމެން ކުރަމުން މި ގެންދާ ހަނގުރާމަ މިހާރު ފައިސަލާކުރުވަނިވި މަރުހަލާއަކަށް ހިނގައްޖެއެވެ. އެހެންވީމާ ރަބީޢާ މި ތާނގައި އުޅުން ރަނގަޅު ކަމަކަށް އަހަންނަކަށް ނުފެނެއެވެ.]

ރަބީޢާ ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އޭނާ ބޭނުންވިއެވެ. އެކަމަކު އަޑެއް ނުނުކުތެވެ. ކުރެވުނުހައިވެސް ކަމަކީ އާދޭހުގެ ނަޒަރަކުން ބަދްރާ ދިމާއަށް ބަލަހައްޓައިގެން ހުރުމެވެ.

ބަދްރު ވިދާޅުވިއެވެ. [ރަބީޢާއެވެ. އިށީންނާށެވެ. އަހަރެންގެ ވާހަކަ އަދި ނުނިމެއެވެ.]

ރަބީޢާ އިށީނދެއްޖެއެވެ. [ރަބީޢާއަށްވެސް މިހާރު އެނގޭނެއެވެ. ފެރްނާންދޯގެ ލަޝްކަރުން ގްރަނާދާ ހިސާރުކޮށްގެން ތިބޭތާ ގިނަ ދުވަސް ވުމުގެ ސަބަބުން ހާލަތު މިހާރު ވަނީ ވަރަށް ނުބައި ވެފައެވެ. ސިއެރާ ނެވާދާގެ މަގުން ލައިފައި އަހަރެމެން ފޮނުވަމުން ގެންދާ ސާމާނަކީ އެ ރަށުގައި ތިބި އެތައް ލައްކަ ބަޔަކަށް ފުދޭ ވަރެއް ނޫނެވެ. އެބައިމީހުން ތިބީ ނިވައްތައިގެންފައެވެ. ފޫހިވެ ރުޅި އައިސްފައެވެ. ފިނި މޫސުން މި އޮތީ ބޯމަތިވެފައެވެ. އެހެންވީމާ އަބޫ މޫސާއާއި އަހަންނާ ދެމީހުން ފައިސަލާއެއް ކުރީމެވެ. އަންނަ މަހުގެ ފުރަތަމަ ދުވަހު މޫސާ ގްރަނާދާގެ ލަޝްކަރާއެކު އެތެރެއިން ހަމަލަދެއްވާނެއެވެ. ހަމަ އެދުވަހު ފުރަގަހުން ހަމަލަދޭން އަހަރެން އޮންނާނީ ވައުދުވެފައެވެ. މިހެން ކަންތައް ކުރީމާ ފަތަހައިގެ ޔަގީންކަން އަހަރެމެންނަށް އެބަ އޮތެވެ. އެކަމަކު މި އަދު އަބޫ މޫސާގެ ސިޓީއެއް ލިބިއްޖެއެވެ. އޭނާ ލިޔުއްވައިފައިވާ ގޮތުގައި އަބޫ ޢަބްދުﷲގެ ވަޒީރުން ފެރްނާންދޯއާއެކު ސުލްހައިގެ މަޝްވަރާތައް ފަށައިފިއެވެ. އަމީރުންގެ ގިނަ މީހުން ތިބީ ސުލްހަވެރިވާން އެއްބަސްވެގެންނެވެ. މުނާފިގުންގެ މަސައްކަތުން އާއްމުންގެ ތެރެއަށްވެސް މި ޚިޔާލު ވަރަށް ބޮޑަށް ފަތުރައިފިއެވެ. އާއްމުންވެސް ތިބީ ސުލްހައިގެ ވާހަކަތަކަށް ތާއީދުކޮށްގެންނެވެ. ކަން މިހެން އޮތުމާއެކު ހަމަލާދޭ ދުވަހު އަބޫ ޢަބްދުﷲގެ ލަޝްކަރުގެ ނިޔަތް ބަދަލުވުމަކީ ދުރުކަމެއް ނޫނެވެ. އެހެންވީމާ އިހަށް ހަމަލަދިނުން މަޑު ޖައްސަވައިލައްވާން އަބޫ މޫސާ ގަސްތުކުރައްވައިފިއެވެ. އޭނާ ސިޓީގައި ލިޔުއްވައިފައިވާ ގޮތުގައި ހަމަލަދެއްވާނޭ އެހެން ދުވަހެއް ކަނޑައެޅުއްވުމަށް ފަހު އަންގަވާނެއެވެ. އަބޫ މޫސާއަކީ އުއްމީދު ނަންގަވައިލައްވާނޭ ބޭފުޅެއް ނޫނެވެ. އޭނާ ފަހަރެއްގައިވެސް މާޔޫސުވެވަޑައެއް ނުގަންނަވާނެއެވެ. އެކަމަކު އޭނާގެ ސިޓީ ކިޔައިލީމާ އަހަންނަށް ފާހަގަ ކުރެވުނު ގޮތުގައި ގްރަނާދާގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ރަބީޢާއެވެ. އަހަރެން މި ދައްކާ ވާހަކަތައް ރަނގަޅަށް ވިސްނޭނޭ ކަމަށް ހީކުރަމެވެ. އަހަރެމެންގެ އަތުން ގްރަނާދާ ބީވެގެން ހިނގައްޖެ ނަމަ ކަސްތިއްޔާ ތޫފާން އަހަރެމެންނާ ދެކޮޅަށް ހިލިގަންނާނެއެވެ. އެހެންވީމާ އަހަރެން ގަސްތުކުރަނީ މިފަދަ ހާލަތެއް ކުރިމަތިވުމުގެ ކުރިން ރަބީޢާ މޮރޮކޯއަށް ފޮނުވައިލާށެވެ. މޮރޮކޯގެ ރަސްގެފާނަކީ އަހަރެންގެ ބައްޕަޔާ ވަރަށް ގާތް ބޭފުޅެކެވެ. މަންޞޫރާއި ބަޝީރްގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުން މިހާރުވެސް ތިއްބެވީ މޮރޮކޯގައެވެ. އެތާނގައި ރަބީޢާއަކަށް އެއްވެސް ތަކުލީފެއް ނުޖެހޭނެއެވެ.]

ރަބީޢާއާ ދިމާއަށް ބެއްލެވުމުގެ ބަދަލުގައި ބަދްރު މިހާރު ހުންނެވީ ކުޑަދޮރުން ބޭރަށް ބައްލަވާށެވެ.

ރަބީޢާގެ ހިތް ގެނބެމުން ދާ ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ. [އެހެންވީމާ ތިޔަ ހުންނެވީ އަޅުގަނޑު މޮރޮކޯއަށް ފޮނުއްވައިލައްވާން ނިންމަވައިގެންތާއެވެ.]

[ނޫނެކެވެ. އަހަންނާމެދު ކުށް ހިއެއް ނުކުރާށެވެ. މިއީ ހަމައެކަނި އަހަރެންގެ މަޝްވަރާއެކެވެ. މި މަޝްވަރާ ގަބޫލު ކުރާނޭ ކަމަށް އަހަރެން އުއްމީދު ކުރަމެވެ.]

[މަޝްވަރާއޭތޯއެވެ؟] ރަބީޢާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. [ތިޔަހެން ވިދާޅު ނުވެ ރަބީޢާއޭ ކަލެއަކީ ހިތް ދެރަ ބަލިކަށި މީހެކޭ، ބާޒެއްގެ ހަލުވިކަމުގައި ހިފަހައްޓައިލެވޭ ވަރުގެ މީހެއް ނޫނޭ ވިދާޅުނުވީ ކީއްވެގެންތޯއެވެ؟ އެހެންވީމާ ކަލެއަކީ މިހާރު ބޭނުން މީހެއް ނޫނޭ އަހަރެންގެ އަމުރަށް ކިޔަމަންވެގެން މިތަނުން ރައްކާވެގެން ދާށޭ ވިދާޅުވާށެވެ.]

ބަދްރު ވިދާޅުވިއެވެ. [އަހަރެންގެ ދުނިޔޭގައި ތޫނު ކަށި ފިޔަވައި އެހެން އެއްޗެއް ނެތެވެ. ގުދުރަތުން ރަބީޢާ ހައްދަވައިފައި ވަނީ ތޫނު ކަށިތަކުގެ މަތީގައި ހިނގާކަށެއް ނޫނެވެ.]

ރަބީޢާ ބުންޏެވެ. [ގުދުރަތުން އަޅުގަނޑު އަނދައަނދައި ހުރި ދަރުފުންޏެއްގެ މައްޗަށްވެސް އެރުއްވިއެވެ. އެ ވަގުތުވެސް އަނދައިގެން ދިއުމުގެ ބަދަލުގައި އަޅުގަނޑު އެދުނީ ތިޔަ ވިދާޅުވާ ކަށީގެ މަތީގައި ހިނގާށެވެ. ބަދްރުގެ ދުނިޔޭގައި ހުރި ކަށިވެސް، ރީތި މާލެލާމެއްޔަށްވުރެ އަޅުގަނޑަށް މާ ރަނގަޅެވެ. ބަދްރާއެކު ކުރާ ދަތުރުގައި އަޅުގަނޑުގެ ފައި ތުރުތުރުއަޅާ ގޮތެއް ނުވާނެއެވެ. އަޅުގަނޑުވެސް ދިރިދުނިޔޭގައި މި ހުންނަނީ ބަދްރު ފަދައިން ވަކި މަގުސަދެއްގައިކަން ގަބޫލުފުޅު ނުކުރައްވަނީ ކީއްވެގެންތޯއެވެ؟ ގުދުރަތުން މި ވަނީ އަޅުގަނޑުގެ ދަތުރުވެސް ބަދްރު ދަތުރުކުރައްވާ މަގަށް އަނބުރުއްވައިފައެވެ. ބަދްރު ވައުދުވެވަޑައިގެންފައި އޮތީ ގްރަނާދާގެ ހިސާރު ނިމުމަކަށް އައީމާ... އެކަމަކު...] ރަބީޢާއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ މޫނުގައި ދެއަތް އަޅައިގެން ގިސްލާން ފަށައިފިއެވެ.

ރަބީޢާގެ ރުއިމުގެ ސަބަބުން ބަދްރަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. [ރަބީޢާއެވެ. އަހަރެންގެ ވާހަކައިން ނުބައި މާނައެއް ނުނެރޭށެވެ. ރަބީޢާގެ ހަޔާތުގެ ބައިވެރިއަކަށް ވުމަކީ އަހަންނަށް ލިބޭ ޝަރަފެކެވެ. އަހަންނަށްޓަކައި ރަބީޢާއަކީ ދަތުރުވެރިއަކު ފިނިކޮށްލާން އެ ގަހެއްގެ ހިޔަލުގައި ޖައްސައިލާފަދަ ހިޔާދޭ ގަހެކެވެ. ރަބީޢާއާ އިންނާން އަހަރެން އެހީމެވެ. އެ ދުވަހު އަހަރެން ހީކޮށްގެން ހުރީ ގްރަނާދާގެ ހަނގުރާމައަށް ފަހު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ރަބީޢާއާއެކު ދުވަސްކޮޅެއް ހޭދަކޮށްލާން ލިބުމަކީ އަހަރެންގެ ހަޔާތުގެ މާޒީގެ ހިތިކަމާއި އުނދަގޫތަކަށް ލިބޭ ފުރިހަމަ އިނާމަކަށް ވާނޭ ކަމުގައެވެ. އެކަމަކު މިހާރު އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އަހަރެންގެ ދުނިޔޭގެ ހަނަފަސް ސަހަރާގައި އެއް ތޫފާން މައިތިރިވުމާއެކު އަނެއް ތޫފާން ބޯމަތިކުރާނެއެވެ. އަހަރެންގެ ބޮއްކުރާ ބޭލި ކަނޑަށް ބަލާނަމަ ގޮނޑުދޮށް އެއް ދުވަހުން އަނެއް ދުވަހަށް މިހިރަގެން ދަނީ ދުރުވަމުންނެވެ. އަހަރެން ކުރިމަތީގައި އޮތީ އެއް ރާޅަށް ފަހު އަނެއް ރާޅާ ކުރިމަތިލުމެވެ. ރަބީޢާއެވެ. ރަބީޢާއަށް އެންމެ ރަނގަޅު ގޮތަކީ މޮރޮކޯއަށް ދިއުމެވެ.]

ރަބީޢާ ހިތާމަވެރި ރާގަކަށް ބުނެލިއެވެ. [އަޅުގަނޑުގެ ބަލިކަށިކަމާއި ބާރެއް ނެތްކަމުގެ އިހުސާސް އަޅުގަނޑަށް ނިކަން ރަނގަޅަށް ކުރެވެއެވެ. ބަދްރުގެ ކުރީގެ ނިންމެވުމަކަށް އަމަލުކުރައްވާކަށް އަޅުގަނޑު މަޖުބޫރެއް ނުކުރާނަމެވެ. އަޅުގަނޑަކީ ބަދްރުގެ ހަޔާތުގެ ބައިވެރިއަކަށް ވުމުގެ ގާބިލުކަން ލިބިފައިވާ މީހެއް ނޫނެވެ. އެކަމަކުވެސް އެ ޝަރަފުން އަޅުގަނޑު މަހުރޫމު ނުކުރެއްވުން ވަރަށް ބޮޑަށް އެދެމެވެ. މައިދާނުގައި ތީރުޖެހުމާއި ލޮންސީގެ ހަމަލަތަކުގައި ބައިވެރިވުމަކީ އަޅުގަނޑަށް ނުކުރެވޭނޭ ކަމެއް ކަމުގައި ވެދާނެއެވެ. އެކަމަކު ޒަޚަމްވާ މީހުންނަށް ހޭހަންކުރުމަކީ އަޅުގަނޑަށް ކުރެވިދާނޭ ކަމެއް ނޫންތޯއެވެ؟ އަޅުގަނޑު މޮރޮކޯއަށް ނުފޮނުއްވާށެވެ. މަރުވުމުގެ ކުރިން ދިރިއުޅުމަށް އަލްވަދާއު ކިޔަން އަޅުގަނޑަށް މަޖުބޫރު ނުކުރައްވާށެވެ.]

ބަދްރު ބިން މުޣީރާ އޭނާގެ ކުރިމަތީގައި އިން ވަފާތެރިކަމާއި ތެދުވެރިކަމުން ފުރިފައިވާ އަންހެންކުއްޖާއާ ދިމާއަށް އިރުކޮޅެއް ވާންދެން ބައްލަވާން ހުންނެވިއެވެ. ކުއްލިއަކަށް އޭނާގެ ތުންފަތްޕުޅު މައްޗަށް ފަނޑު ހިނިތުންވުމެއްގެ އަސަރު ފާއްދައިލިއެވެ. އެކަމަކު އޭނާ މޫނުފުޅު އަނެއް ފަރާތަށް އަނބުރައިލެއްވިއެވެ. އަދި އިސްދަށަށް ޖައްސަވައިގެން މަޑުމަޑުން ދެކޮޅަށް ކުރުކާލި ކަނޑުއްވާން ފައްޓަވައިފިއެވެ. މި ގޮތުގައި ކުޑަ ހިނދުކޮޅެއް ހޭދަ ކުރެއްވުމަށް ފަހު ވަޑައިގެން ރަބީޢާގެ ގާތަށް ހުއްޓިވަޑައިގެންފިއެވެ. ރަބީޢާއަށް ބަދްރުގެ މޫނުފުޅުމަތީން ފެންނަނީ އޭނާގެ ނަސީބުގެ ފައިސަލާއެވެ. އޭނާގެ ހިތް އަނެއްކާވެސް މަޑުމަޑުން ގެނބެމުން ދަނީއެވެ.

ބަދްރު ވިދާޅުވިއެވެ. [ރަބީޢާއެވެ. އަހަރެންގެ ބޭނުމަކީ ތަބީޢާގެ ނިންމުމާމެދު ދެވަނަ ފަހަރަށްވެސް ވިސްނައިލާނޭ ފުރުސަތު ދިނުމެވެ. އެއީ އަހަރެންގެ ވާޖިބެކެވެ. އެޔާއެކުވެސް ރަބީޢާ ޚިޔާރުކުރަނީ މަޚްމަލުގެ ދޫލައިގެ ބަދަލުގައި ކަށީގެ މައިދާނެއްގައި އަހަންނާއެކު ހިނގަން ކަމުގައި ވަނީނަމަ އެކަމަށްޓަކައި އަހަރެން ޝުކުރު އަދާކުރަމެވެ. އަހަރެންގެ ދިރިއުޅުމަކީ ދެތިން އަހަރުގެ ނުވަތަ ދެތިން މަސްދުވަހުގެ ނުވަތަ އެންމެ ދެތިން ދުވަހުގެ ދިރިއުޅުމަކަށް ވެދާނެއެވެ. މި ހިތި ހަގީގަތުގެ މައްޗަށް ލޯ މަރައިލާން ގަސްތުކުރާނަމަ އަހަރެން މިހިރީ ހަމަ މިއަދު ރަބީޢާއާ އިންނާން ތައްޔާރަށެވެ. ރަބީޢާ ތިޔަ އިނީ ތައްޔާރަށް ހެއްޔެވެ؟]

ގަތް ލަދެއްގެ ސަބަބުން ރަބީޢާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާ އިސް ދަށަށް ޖަހައިލިއެވެ. ދޫ ވަނީ ތަޅުލެވިފައެވެ. އެކަމަކު އޭނާގެ ހިތުގައި ޖަހާ ވިންދުން ބަދްރު ބިން މުޣީރާގެ ސުވާލަށް ޖަވާބު ދެމުން އެބަގެންދެއެވެ.

ހިނދުކޮޅަކަށް ފަހު ބަދްރު ވިދާޅުވިއެވެ. [ރަބީޢާއެވެ. ރަބީޢާގެ ހިތްހަމަ ޖައްސައިދޭން އަހަރެން ބޭނުންވެއެވެ. އަދި އަހަރެންގެ ހިތް ހަމަޖައްސަންވެސް ބޭނުމެވެ. އެހެންވީމާ މި ބުނާ ވާހަކަޔާމެދު ރަނގަޅަށް ވިސްނައިލާށެވެ. އަހަރެން ނުކުންނަ މަގަށް ނުކުތުމުގެ ކުރިން ރަބީޢާގެ ކުރިމަގު ރައްކާތެރިކޮށްދޭން އަހަރެން ބޭނުމެވެ. އެއް ދުވަހަކު އަހަރެންގެ އަސް ހުހާ އެނބުރި އަންނަތަން ފެނުމަކީ ދުރުކަމެއް ނޫނެވެ. އެ ފަދަ ދުވަހެއް އަތުވެއްޖެނަމަ ރަބީޢާ ދަންނަ މީހަކު މި ވާދީ ތެރެއަކު ނޫޅޭނެއެވެ.]

ރަބީޢާ ކޮޅަށް ތެދުވެއްޖެއެވެ. [މިތަން ދޫކޮށް ދިއުމަކީ ބަދްރުގެ އަމުރުފުޅެއް ނަމަ ދެކޮޅުހެދުމަކީ އަޅުގަނޑަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަމުރުފުޅެއް ނޫންނަމަ އަޅުގަނޑުގެ ދިރިއުޅުމާ ގުޅޭ ކަންތައް ނިންމުމުގެ އިޚުތިޔާރު އަޅުގަނޑަށް ދެއްވާށެވެ.]

ބަދްރު ވިދާޅުވިއެވެ. [އަހަރެންގެ ވާހަކަ އަދިވެސް ނުނިމެއެވެ. އަހަރެން ރަބީޢާއަށް ވިސްނައިދޭން މި އުޅޭ ވާހަކަ އެހެން ގޮތަކަށް ބުނަން ހެއްޔެވެ؟ ގްރަނާދާގެ ސިފައިން ފެރްނާންދޯގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައިފިނަމަ އަލިފާނާއި ލެއިން މި ވާދީވެސް ސަލާމަތެއް ނުވާނެއެވެ. އެހެންވީމާ އިއްޒަތާއި ޝަރަފާއެކު ޝަހީދުވެގެން ދިއުން ނޫން މަގެއް ނުފެންނަ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ.]

[ތިޔަ ވިދާޅުވަނީ އިއްޒަތާއި ޝަރަފާއެކު ޝަހީދުވުމުގައި އަޅުގަނޑު ބައިވެރި ނުކުރައްވާނެ ވާހަކަތޯއެވެ؟]

ބަދްރު ވިދާޅުވިއެވެ. [ރަބީޢާއެވެ. އަހަރެން ރަބީޢާއަކަށް ކުޑަކޮށްވެސް ޝައްކެއް ނުކުރަމެވެ. ދަރުފުނީގެ މަތީގައި ހުރެގެން ރަބީޢާ ހިނިތުންވީތަން އަހަރެން ދުށީމެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ އުފާވެރިކަމަށްޓަކައި އަހަރެން މި ދަތުރުކުރާ ނުރައްކާތެރި މަގަށް ރަބީޢާ ނެރުމުގެ އެއްވެސް ހައްގެއް އަހަންނަކަށް ނެތެވެ. އަހަރެންގެ ބައިވެރިއަކަށް ވެއްޖެނަމަ ރަބީޢާއަށް ހިތާމައާއި މުސީބާތް ފިޔަވައި އެހެން އެއްޗެއް ނުލިބޭނެއެވެ. ރަބީޢާއެވެ. އަހަރެން މި ހުންނަނީ ކޮންމެ ދުވަހަކު އެތައް ފަހަރަކު މަރުގެ ދޮރުގައި ޓަކި ޖަހައިލަޖަހައިލައެވެ. އަހަރެންގެ ކުރިމަތީގައި އޮތީ ހަމައެކަނި މިއަދެވެ. މާދަމައެއް ނެތެވެ.]

(ނުނިމޭ)

1 ޚިޔާލު

  1. ވަރަށްވެސް ރީތި ޝުކުރަން ކިޔުންތެރިން ޤަބޫލު ކުރާނެ މުހިއްމު ކަމެއް ދިމާވިވަކަމަށް އިތުރު ބަޔެއް ނުލިބި ލަސްވަނީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.