އަންދަލުސްގެ ބާޒު – 82

(15 މޭ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

[ދައްތަ ދުޢާކުރާށެވެ. އަހަންނަށް އެހީތެރިވެދޭށެވެ.]

ރަބީޢާ އުޑާ ދިމާއަށް މައްޗަށް ބަލައިލިއެވެ. [އޭ ސަޒާއައި ޖަޒާގެ ވެރި ރަސްކަލާކޯއެވެ. އަޅަމެންގެ ފައިތިލަތައް ސާބިތުކޮށްދެއްވައިފާނދޭވެ. އަޅަމެންގެ ނިކަމެތިކަމާއި ބާރެއް ނެތްކަން މޮޅަށް ދެނެވޮޑިގެންވަނީ އިބަކަލާނގެއެވެ.  އެހެންނަމަވެސް ދުޝްމިނުންގެ މައްޗަށް އަޅަމެންގެ ބާރެއް ނެތްކަން ކަޝްފުވާނޭ ގޮތް އިރާދަނުކުރައްވާށިއެވެ. އަޅަމެންގެ ނިކަމެތިކަން ކަޝްފުވާ ތަނަކީ އިބަކަލާނގެ ޙަޟްރަތް އެކަނިކަމުގައި އިރާދަކުރައްވައިފާނދޭވެ. އަޅަމެންގެ ރުއިމުގެ އަޑު ދުޝްމިނުންނަށް އިވޭނޭގޮތް މެދުވެރި ނުކުރައްވައިފާނދޭވެ.]

ރަބީޢާ ދުއާކުރަމުން ދަނިކޮށް މައިދާނުގެ އެއްކޮޅުން ފަސް ސަތޭކައެއްހައި އަސްވާރުން ދައްކައިލައިފިއެވެ. އެޔާއެކު މީސްތަކުން ހަޅޭއްލަވައިގަތެވެ. [އެ މީހުން އަތުވެއްޖެއެވެ.]

އެއްވެފައި ތިބި މީހުން އަސްވާރުން ވަށައިލައިފިއެވެ. ދަރުފުނީގެ މައްޗަކަށް މިހާރު އެއްވެސް މީހަކު ސަމާލުކަމެއް ނުދެއެވެ. އަސްވާރުން ތިބީ ކަސްތިއްޔާގެ ސިފައިންގެ ހެދުން އަޅައިގެންނެވެ. މީސްތަކުން ސުވާލުކުރާން ފަށައިފިއެވެ. [މާތްވެގެންވާ ރަސްގެފާނުގެ ހުކުންފުޅަކީ ކޮބައިތޯއެވެ؟ މިހައި ލަސްވީ ކީއްވެގެންތޯއެވެ؟] ލޯޝާގެ ގަވަރުނަރާއި ބިޝޮޕާ ދެމީހުން ސަފުތައް ކަފަމުން ކުރިއަށް ދިޔައެވެ. ލަވަކިޔަމުން ދިޔަ ރާހިބުންވެސް އެހެން ހުރިހައި ކަމެއް ދޫކޮށްލައިފައި އަސްވާރުންގެ މައްޗަށް ސަމާލުކަން ދޫކޮށްލައިފިއެވެ. އެމީހުންވެސް މަސައްކަތްކުރަމުން ގެންދިޔައީ ބިޝޮޕާ ވީހައިވެސް ގާތަކަށް ޖެހޭށެވެ. އެކަމަކު އެތަނަށް ބޭރުން އައި ރާހިބުންގެ ތެރެއިން އެއް ރާހިބަކު ހުއްޓައިނުލައި ލަވަކިޔަމުން، މަޑުމަޑުން ގޮސް ދަރުފުނީގެ ކައިރިއަށް މަޑުކޮށްފިއެވެ. އެހެން ރާހިބުންނެކޭ އެއްފަދައިން އޭނާވެސް ހުރީ ހުދުކުލައިގެ ދިގު ހެދުމެއް ލައިގެންނެވެ. އެ ރާހިބުގެ އަޑު އިވުނީމާ ރަބީޢާއާއި އެންޖެލާގެ ސަމާލުކަން އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. އޭނާ ކުޑައިކޮށް އަރިއަކަށް ހުރެގެން ކެހެމުން ކަހަލަ ގޮތަކަށް ގޮސް ރަބީޢާމެންނާ ކައިރިވެލައިފައި ބޮލުގައި އޮތް ބޯ ފޮތިގަނޑު ނަގައިފިއެވެ. ފެނުނު މަންޒަރު، ރަބީޢާއާއި އެންޖެލާއަކަށް ގަބޫލުކުރާން ދަތިވިއެވެ. އޭނާގެ ބަރުއަޑާއި ރާގުން ސާފުކޮށް އެނގޭ ގޮތުގައި ހަޔާތުގައި ފުރަތަމަ ފަހަރަށް ލަވައެއް ކިޔޭތޯ މަސައްކަތްކުރަމުން ގެންދަނީއެވެ. އެހެން ރާހިބުން ކިޔަމުންގެންދާ ލަވަޔާ އެއްހަމަކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަނީއެވެ. އެކަމަކު ބައެއް ފަހަރަށް އަޑު ހިނދިގެން ގޮސް މުޅީން ކެނޑިދެއެވެ. އަނެއް ބައި ފަހަރު އަޑު ވަރަށް ގަދަވެގެން ހިނގައިދެއެވެ. އެ މީހަކީ ބަޝީރް ބިން ޙަސަނެވެ.

އިރުގެ އެންމެ ފަހުގެ ދޯދިފަށާއެކު އުޑުމަތީން ރަބީޢާއާއި އެންޖެލާއަށް ފެންނަނީ އުއްމީދުގެ އަލިގަދަ ދެ ތަރިއެވެ. ހިތުގެ ހިނގުން ކުޑައިކޮށް ރަމަތަވެލީމާ ފަރާތްފަރާތަށް ނަޒަރު ހިންގައިލުމަށް ފަހު ރަބީޢާ ވައިއަޑުން ބުނެލިއެވެ. [އަޅުގަނޑުމެންނަށްޓަކައި ފުރާނަފުޅު ނުރައްކަލުގެ ތެރެއަށް ވައްޓަވައިނުލައްވާށެވެ. ﷲއަށްޓަކައި މިތަން ދޫކުރައްވައި ވަޑައިގަންނަވާށެވެ.]

ބަދްރު ތުންފަތްޕުޅުގައި އިނގިލިފުޅު ޖައްސަވައި ހިމޭނުން ތިބުމަށް އިޝާރާތްކޮށްލައްވައިފައި ބަޝީރުގެ ކޮނޑުފުޅުގައި ހިއްޕަވައިގެން ލަވަވިދާޅުވަމުން ކުރިއަށް ވަޑައިގެންފިއެވެ.

އަސްވާރުންގެ ވަށައިގެން އެއްވެ ތިބެގެން އަޑު ގަދަކުރަމުން ގެންދިޔަ މީހުން ޑޮން ލުއީއަށް ހިމޭންކޮށްލެވުނީ ލައްކަ މަސައްކަތުންނެވެ. އެޔަށް ފަހު އަސްވާރުންނާ މުޚާތަބުކޮށް އޭނާ ބުނެފިއެވެ. [ތިޔަ އައީ މާ ލަހުންނެވެ. އަހަރެމެންނަށް ދަރުފުނީގައި ރޯނުކޮށް މަޑުޖައްސައިލެވުނީ ކިރިޔާއެވެ. ގެނައި ހުކުމަކީ ކޮބައިހެއްޔެވެ؟]

އަސްވާރަކު ބުނެފިއެވެ. [އަހަރެމެން ވާހަކަދައްކަން ބޭނުންވަނީ ގަވަރުނަރާއެވެ.]

ޑޮން ލުއީ ނުރުހިފައި ބުނެފިއެވެ. [ގަވަރުނަރަކީ އަހަންނެވެ.]

އަސްވާރު ހަމަޖެހިލައިފައި ބުންޏެވެ. [މާތްވެގެންވާ ރަސްގެފާނު ކަލޭ މަގާމުން ވަކި ކުރައްވައިފިއެވެ. އަމުރުފުޅު ހިއްޕަވައިގެން ކައުންޓް އެންތަނީ ވަރަށް އަވަހަށް މިތަނަށް ވަޑައިގެންފާނެއެވެ. އަހަރެމެންނަށް އަންގަވައިފައި އޮތީ އަބޫ ދާވޫދްގެ ދަރިންގެ ހުކުން ތަންފީޒުކުރުން ލަސްކުރުވާށެވެ. އަހަރެމެން އަވަހަށް މި އައީ އެހެން ވެގެންނެވެ. ކައުންޓް އެންތަނީ ދާދި އަވަހަށް ވަޑައިގެން ރަސްގެފާނުގެ އެންމެ ފަހުގެ އަމުރުފުޅު އިއްވަވާނެއެވެ.]

ޑޮން ލުއީ ވަރަށް ކަންބޮޑު ވެއްޖެއެވެ. އެއްވެފައި ތިބި މީހުން ގަވަރުނަރާ ދިމާއަށާއި ބިޝޮޕާ ދިމާއަށާއި އަލަށް އައި އަސްްވާރުންނާ ދިމާއަށް ބަލަމުން ގެންދަނީއެވެ.

އެންމެ ފަހުން ބިޝޮޕް ބުނެފިއެވެ. [ރަސްގެފާނު ފޮނުއްވި އަމުރުފުޅުގެ ފަތްކޮޅު އަހަރެމެންގެ އަތުގައި އެބައޮތެވެ. އެ ފަތްކޮޅުގައިވާ ގޮތުގައި އަމުރުފުޅު އެހެން ގޮތަކަށް ބަދަލުކުރައްވާން ގަސްތުފުޅު ކުރައްވާނަމަ އިރު އޮއްސުމުގެ ކުރިން އައު ފަތްކޮޅެއް ފޮނުއްވާނެއެވެ. އިތުރު ފަތްކޮޅަކާއިގެން އިރު އޮއްސުމުގެ ކުރިން އެމަނިކުފާނުގެ މަންދޫބަކު ވަޑައިނުގެންފިނަމަ ހުކުން ތަންފީޒުކުރަން ވަނީ އަންގަވައިފައެވެ. އިރު އެހެރަގެން އޮއްސުނީއެވެ. ރަސްގެފާނުގެ ފަތްކޮޅާއިގެން އެއްވެސް ބޭފުޅަކު އަދި ވަޑައެއް ނުގަނެއެވެ. އެހެންވީމާ ޑޮން ލުއީ އަމުރުފުޅު ކުރެއްވުމާއެކު އަހަރެމެން މި ދަރުފުނީގައި ރޯކޮށްލައިނާމެވެ. ކަލޭ ތިޔައީ ރަސްގެފާނުގެ މަންދޫބަކު ކަމުގައި ވަނީނަމަ ފަތްކޮޅު ގެންނާށެވެ. އެހެން ނޫނީ ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް އަހަރެމެން ބޭނުމެއް ނޫނެވެ.]

އަސްވާރު ބުންޏެވެ. [އަހަރެމެން މި އައީ ރަސްގެފާނުގެ އަމުރުފުޅަކާއިގެންނެވެ. ޑޮން ލުއީ އެހެރީ މަގާމުން ވަކިވެފައެވެ.]

ބިޝޮޕް ބުންޏެވެ. [އެކަމަކު ރަސްގެފާނުގެ ފަތްކޮޅު ނުލިބޭހައި ހިނދަކު އޭނާގެ އިޚުތިޔާރަކަށް އުނިކަމެއް ނާންނާނެއެވެ. ރަސްގެފާނުގެ ފަތްކޮޅު ގެންނާނީ ކައުންޓް އެންތަނީއޭ ކަލޭ ބުނެފީމުއެވެ. އޭނާއަށް ގަޑިއަށް ނާދެވުމަކީ އޭނާގެ ފަރުވާ ކުޑަކަމެވެ. އެއީ އަހަރެމެން އުފުލަން ޖެހޭ ޒިންމާއެއް ނޫނެވެ. ޑޮން ލުއީ ޖަވާބުދާރީވާން ޖެހޭ ކަމެއްވެސް ނޫނެވެ. އޭނާއަށް އަންގަވައިފައި އޮތީ އިރު އޮއްސޭންދެން އިންތިޒާރުކުރާށެވެ. މިހާރު އިރު އޮއްސިއްޖެއެވެ.]

އަސްވާރު ބުންޏެވެ. [އަހަރެމެންނަށް އިއްޒަތްތެރި ރަސްގެފާނު އަންގަވައިފައި އޮތީ އަބޫ ދާވޫދްގެ ދަރިން ހިމާޔަތްކުރާށެވެ. ފުރާނަޔާ ކުޅެލައިގެން ނަމަވެސް އެ ވާޖިބު އަހަރެމެން އަދާކުރާނަމެވެ.]

ގަވަރުނަރާއި ބިޝޮޕާ ދެ މީހުން ކަންބޮޑުވެފައި އެއްވެފައި ތިބި މީހުންނާ ދިމާއަށް ބަލައިލިއެވެ. އެމީހުން ތިބީ ބޭރުން މި އައި މީހުންގެ އަމަލުތަކާމެދު ހިތްހަމަޖެހިގެންނެއް ނޫނެވެ. އާއްމުންގެ ތެރެއަށް ނުބައި ޚިޔާލުތަކެއް ވައްދަން ބައެއް މީހުން މަސައްކަތްކުޅައެވެ. އެކަމަކު ފެރްނާންދޯގެ ސިފައިންނާ ދެކޮޅަށް އިނގިލިވެސް ހިއްލައިލާން ކެރޭ މީހަކު ނެތެވެ. އާއްމުންގެ ގިނަ ބަޔަކު ނުރުހިފައި ތިބި މަންޒަރު ފެނުނީމާ ޑޮން ލުއީ އެއްކަލަ އަސްވާރާ ދިމާއަށް ބުނެފިއެވެ. [ކަލޭ ތިޔައީ ކާކު ކަމެއް އަހަންނަކަށް ނޭނގެއެވެ. އަދި ކަލޭގެ ވާހަކަތަކުގެ ސައްހަކަން ހުރި މިންވަރެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ކުޑައިރުކޮޅަކަށް އިންތިޒާރުކުރާނަމެވެ. ކަލޭގެ ވާހަކަތަކަކީ ދޮގު ވާހަކަތަކަކަށް ވެއްޖެނަމަ ބޮޑު އަދަބު ލިބޭނޭކަން ހަނދާންކުރާށެވެ. ކައުންޓް އެންތަނީއަކީ ކޯރްދޮބާގެ ގަވަރުނަރެވެ. އޭނާ މިތަނަށް ފޮނުއްވާ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. އަދި އަހަރެން މަގާމުން ވަކިކުރީ ކޮން ކުށެއް ކޮށްގެން ކަމެއްވެސް ނޭނގެއެވެ.]

އަސްވާރު ބުންޏެވެ. [ރަސްގެފާނު އަރިހު އަބޫ ދާވޫދް ޝަކުވާ ބަނީކަމުގައި ވެދާނެއެވެ. ކޮންމެ ސަބަބެއް އޮތް ނަމަވެސް މާ ގިނަ އިރުތަކެއްނުވެ މައްސަލަ މުޅީން ސާފު ވެގެން ހިނގައިދާނެއެވެ. ކައުންޓް އެންތަނީ އިސާހިތަކު ވަޑައިގެންފާނެއެވެ. އޭނާ ވަޑައިގަންނަވަންދެން ދަރުފުނީގެ ވަށައިގެން ފޯރިމަރާނީ އަހަރެމެންނެވެ. މިފަދަ ދަނޑިވަޅެއްގައި އެއްވެފައި ތިބި މީހުންގެ ފަރާތުން ގައިދީންނަށް ގޯނާއެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކޭ ކައުންޓް އެންތަނީ އޮތީ ވިދާޅުވެފައެވެ.]

ޑޮން ލުއީ ބުންޏެވެ. [ދަރުފުނި ބަލަހައްޓަން އަހަރެމެންގެ ސިފައިން އެބަތިއްބެވެ. އެވަރުން ފުދޭނެއެވެ.]

އަސްވާރު ބުންޏެވެ. [މިހައި ގިނަ މީހުން މިހައި ކައިރީގައި ތިބިތަން ފެނިވަޑައިގަތީމާ ކައުންޓް އެންތަނީ ކޯފާވާނެއެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ މީހުން ތަންކޮޅެއް ދުރަށް ޖެއްސުމެވެ.]

ޑޮން ލުއީއަކީ ހަރުކަށި މިޒާޖެއްގެ، ގޮތް ދޫނުކުރާ މީހެކެވެ. އެހެންނަމަވެސް އޭނާ މަގާމުން ދުރުކުރި ޚަބަރު ލިބުނީމާ ހުރީ ޖޯޝް ފިނިވެ މައިތިރިވެފައެވެ. ހިތުގައި ކެނޑިނޭޅި ހިގަނީ އެއް ސުވާލެކެވެ. އަހަރެން މަގާމުން ވަކިކުރީ ކީއްވެގެން ބާވައެވެ؟ މި ސުވާލެވެ. އޭނާގެ ޚިދުމަތުގެ އަގަކަށް މިހައި ނިކަމެތި އަދަބެއް ދޭންވީ ސަބަބެއް އެއްގޮތަކަށްވެސް ވިސްނައިގަނެވޭ ގޮތެއް ނުތްވެވެ. އޭނާ ދުށް ގޮތުގައި އަބޫ ދާވޫދްގެ ޝަކުވާގެ މައިތިރިއަކަށް ވާނީ ރާނީ އިޒަބެއްލާގެ ސިފާރިޝެވެ. އޭނާ ބޭނުންވަނީ ވީހައިވެސް އަވަހަކަށް ރާނީގެ ގާތަށް ދާށެވެ.

އަސްވާރު ލޮންސި ދިއްކުރަމުން މީސްތަކުން ދަރުފުންޏާ ދުރައް ޖައްސަން ފެށީމާ ޑޮން ލުއީ އެކަން މަނައެއް ނުކުރެއެވެ. އޭނާގެ މި ބަދަލު ފެނުނީމާ ބިޝޮޕްގެ ރުޅިވެސް މައިތިރިވެއްޖެއެވެ. ދެކެވުނު ވާހަކަތަކާމެދު ދެރަވެސް ވެއްޖެއެވެ. އެހެންވީމާ ސިފައިންގެ ސަފުތަކުގެ ފަހަތުގައި ދެ އަތް ފުރަގަހަށް ލައިގެން ކުރުކާލިކަނޑަން ފަށައިފިއެވެ. އަދި ބުނަމުން އެބަގެންދެއެވެ. [ބުނަން ހެއްޔެވެ؟ ކަލޭމެން އައި އިރު ކައުންޓް އެންތަނީގެ ލިޔުން ހިފައިގެން އައިނަމަ މި ހުރިހައި ވާހަކަތަކެއް ދައްކާކަށް ނުޖެހުނީހެވެ. ދެން އެންމެ ރަނގަޅެވެ. އޭނާ އެބަ ވަޑައިގަނޭތާއެވެ. ކަލޭމެން އޭނާ ދޫކޮށްލީ ކިހައި ހިސާބަކުން ހެއްޔެވެ؟ މިހާރު ވަރަށް ލަސްވެއްޖެއެއް ނޫން ހެއްޔެވެ؟ ހަނދުވެސް އޮއްސެނީއެވެ. ފަހަރެއްގައި މަގު އޮޅިވަޑައިގެންވެސްފާނެއެވެ.]

އަނެއްކޮޅުން ޑޮން ލުއީވެސް އަޑުލަމުން، މީހުން ދުރަށް ޖައްސަމުންދާ މަންޒަރު އެބަފެނެއެވެ.

ހަނދުމަހުގެ ފަސްވަނަ ރޭގެ ހަނދު އޭގެ ވާޖިބު އަދާކޮށްފައި ގޮސް ނިވައިވަނީއެވެ. ރޭގަނޑުގެ އަނދިރިކަން މަޑުމަޑުން ވެރިވަމުން ދަނީއެވެ. ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަން ރާހިބުންގެ ސިފައިގައި ތިއްބަވައިގެން ގެންދަވަނީ ދަރުފުނީގެ ވަށައިގެން ބުރު ޖައްސަވަމުންނެވެ. ސަހަރުގެ ފުލުހުންގެ ވެރިޔާވެސް ވަށައިގެން ހުސިޔާރުކަމާއެކު ބުރުޖަހަމުން އެބަގެންދެއެވެ.

ބަދްރު ބަޝީރާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [މިކަލޭގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރުއްވަން މަސައްކަތް ކުރައްވާށެވެ. ހުސިޔާރު ގޮލައެއް ފާޑު އެބަޖަހައެވެ.]

ބަޝީރް ކުރިއަށް ޖެހިވަޑައިގެން ފުލުހުންގެ ވެރިޔާއާ ދިމާއަށް ވިދާޅުވެއްޖެއެވެ. [ކިހައި ދެރަކަމެއްތޯއެވެ؟ ފައްޅީގެ ހުކުމަކަށް މީގެ ކުރިން މިހައި ބޮޑަށް އިހާނެތިކޮށް ހިތެވުނުކަމެއް އެނގޭކަށް ނެތެވެ.]

ދަންމަރު ހިފައިގެން ތިބި މީހުންވެސް ދަރުފުންޏާ ތަންކޮޅެއް ދުރަށް ޖައްސައިފައިވާތީ، އަނިދިރިކަމުން ފުލުހުންގެ ވެރިޔާއަކަށް ބަޝީރް ރަނގަޅަކަށް ފާހަގައެއް ނުކުރެވުނެވެ. އެހެންވީމާ އަހައިފިއެވެ. [ތިޔައީ ކޮން ބޭފުޅެއްތޯއެވެ؟]

ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑަކީ ތޮލޭދޯގެ ބޮޑު ފައްޅީގެ ރާހިބަކީމެވެ.]

[މިތަނަށް ވަޑައިގެންނެވީ ކީއްކުރައްވަންތޯއެވެ؟]

[އަޅުގަނޑު ދަތުރުކުރަމުން ދިޔައީ ސެބިއްޔާއާ ދިމާއަށެވެ. މި ކުޅިވަރު ފެނިގެން ވާނުވާ ބަލައިލަން އައީއެވެ. އަޅުގަނޑަކީ ޑަކްޓަރަކީމެވެ. އަޅުގަނޑު މި ދަނީ ސެބިއްޔާގެ ބިޝޮޕަށް ބޭނުންފުޅުވާ ޚާއްސަ ފަރުވާއެއް އަރުވަން ވެގެންނެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް ދަންނަވައިލަންތޯއެވެ؟ ރަސްގެފާނު އަމުރުފުޅުކުރެއްވީމާ މިފަދަ ނުރައްކާތެރި ބޮޑު ކުށެއްގެ ހުކުންވެސް ފައްޅީގެ ކޯޓުން ބާތިލުކޮށްފާނެތޯއެވެ؟]

ފުލުހުންގެ ވެރިޔާ ބުންޏެވެ. [ހުކުން ބަދަލުކުރުމަކީ ކޯޓަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ކޯޓުން ކޮންމެ ގޮތަކަށް ހުކުން ކުޅަޔަސް ރަސްގެފާނަށް އެ ހުކުން ބާތިލުކޮށްލެއްވިދާނެއެވެ.]

[އެހެން ހެއްދެވީމާ ކޯޓުގެ އަގު ވެއްޓޭނެއެއް ނޫންތޯއެވެ؟]

[ކޯޓުގެ މަސްލަހަތު އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ދެނަވަޑައިގަންނަވާނީ ރަސްގެފާނެވެ.]

(2)

ބަޝީރް ފުލުހުންގެ ވެރިޔާއާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނީއެވެ. ބަދްރު ބިން މުޣީރާ، ބަޝީރް ހުންނެވި ދިމާ ނޫން އަނެއް ދިމައިން ރަބީޢާގެ ގާތަށް ޖެހިވަޑައިގެން އޭނާގެ އައްސައިފައި ހުރި ވައުތައް ކޮށްޓަވައިލެއްވުމަށް ފަހު މަޑުމަޑުން ސުވާލުކުރެއްވިއެވެ. [އަހަށް އަރާން ރަބީޢާއަށް އެނގޭނެ ހެއްޔެވެ؟]

ރަބީޢާ އެއްވެސް ޖަވާބެއް ނުދީ ބަދްރާ ދިމާއަށް ބަލައިލިއެވެ.

ބަދްރު ވިދާޅުވިއެވެ. [މިހާރަކު ނޫނެވެ. އިރުކޮޅެއް ވާންދެން ހަމަ ތިޔަ ހުރި ގޮތަށް ކޮޅަށް ހުންނާށެވެ.]

ރަބީޢާ ތަނބަށް ރީތިކޮށް ލެނގިލައިގެން ކޮޅަށް ހުރެއްޖެއެވެ.

ބަދްރު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. [ރޭގަނޑު ހަތަރުދަމު ދަތުރުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަސް ދުއްވަން ދަންނަމު ހެއްޔެވެ؟]

ތެޅެމުންދާ ހިތަށް ގަރާރުކަމެއް ގެނެވޭތޯ މަސައްކަތްކުރަމުން ރަބީޢާ ސުވާލުކޮށްލިއެވެ. [ބަދްރުގެ އަރިހުގައިތޯއެވެ؟]

[އާނއެކެވެ. އަހަންނާއެކުގައެވެ.]

[ބަދްރާއެކު ދަތުރުކުރާއިރު ރާސްތާ ދިގުކަމުގެ ޝަކުވާއެއް ނުކުރާނަމެވެ.]

[އަސް ދުއްވާން އެންޖެލާ ދަނޭހެއްޔެވެ؟]

[އޭނާއަކީ އަޅުގަނޑަށްވުރެ މާ މޮޅު އަސްވާރެކެވެ.]

[އެންމެ ރަނގަޅެވެ. ތައްޔާރަށް ހުންނާށެވެ.]

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.