މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވިލިމާލޭން 3 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވިލިމާލޭން 3 މީހުން ހައްޔަރުކޮށްފިއެވެ.

މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަރ 1 / މާލެ، މުޙައްމަދު ސިމްރާޙް (43އ) އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، ޞަލާޙު ޝިހާބް (45އ) ކަމަށް ފުލުހުން ބުނެއެވެ.

މިމަހުގެ 9 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 57.78 ގުރާމް ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސިމްރާޙް (43އ) އާއި ޞަލާޙު ޝިހާބް (45އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި އިބްރާހީމް އިމާދު (30އ) ކޯޓުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން މިހާރުވަނީ ފޮނުވާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.