އައްޑު އަތޮޅުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގެ މައުލޫމާތު ހާމަކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖަމާއަތެއް އަތުލައިގަތުމުގެ ގޮތުން އައްޑު އަތޮޅުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ހާމަކޮށްފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.  އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައި ވެއެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އޭގެ އިތުރުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާތެކެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސ.ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33އ) އާއި ސ. ހިތަދޫ/ ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވެއެވެ.

މައްސަލާގައި ތުހުމަތު ކުރެވުނު އެހެންމީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖްލިސް ނިމުނު މީހުންގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ ދީފައެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި 2020 އޮކްޓޯބަރ 1 ވަނަދުވަހުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަނެކެވެ. އަދި މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަން ފާހަގަކުރަމެވެ.

އޭގެ އިތުރުން، މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރުވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން އޮޅުންފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައެވެ.

މިއޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ގެންދަނީ ކުރަމުންނެވެ.

ޚަބަރު: މޯލްޑިވްސް ޕޮލިސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.