(23 އޯގަސްޓް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ގައުމު ވިއްކާ މީހުން
(1)
ރޭގަނޑުގެ ވަގުތެވެ. ތަނަކީ ކަސްތިއްޔާގެ ޝާހީ ގަނޑުވަރެވެ. ރާނީ އިޒަބެއްލާއާއި ރަސްގެފާނު ފެރްނާންޑޯ އެކަކު އަނެކަކަށް ކުރިމަތިވާ ގޮތަށް ބަހައްޓައިފައި ހުރި، ރަތުރަނުން ކުރެހުން އަޅައިފައިވާ ދެ ގޮނޑީގައި އިށީނދެގެން ތިއްބެވެ. ދެ މީހުންމެ ތިބީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.
އިޒްބެއްލާ ހިނިތުންވެލެވޭތޯ މަސައްކަތް ކުރަމުން އަހައިފިއެވެ. "މާ މޮޅިއެއް ވެފައި ތިޔަ އިންނަނީ ކީއްވެގެން ހެއްޔެވެ؟ ގްރަނާދާގެ ޖިޒީގެ ޢަދަދަކީ މާ ކަންބޮޑުވާ ވަރުގެ ޢަދަދެއް ކަމަކަށް އަހަންނަކު ނުދެކެމެވެ. އެއީ ތިޔަހައި ބޮޑަށް ފިކުރު ކުރާ ވަރުގެ ކަމެއް ނޫނެވެ."
"އަހަރެންގެ ލޮބުވެތި ރަނިކަމަނާއެވެ. އަހަރެން ފިކުރު ބޮޑުވެފައި މި އިންނަނީ ޖިޒީއަކާ ގުޅިގެންނެއް ނޫނެވެ. އަބުލްޙަސަން އަހަރެމެންނަށް އެ ފޮނުވާ ޖިޒީއަށްވުރެ މާ ބޮޑު އެއްޗެއް، ސަރަޙައްދީ އިމުގައި ހުންނަ ބުރުޒުތައް ބަލަހައްޓާން އަހަރެމެން ޚަރަދު ކުރަމުއެވެ. އަހަރެން މި ވިސްނަނީ އަބުލްޙަސަން ޖިޒީ ދޭން ދެކޮޅު ހެދި ސަބަބާ މެދުގައެވެ. އޭނާ އެ ދެކޮޅުހެދީ ތިމާގެ ބާރު މާ ގަދަވެއްޖެކަމުގެ ޔަގީންކަން ލިބުނީމައެވެ. ގްރަނާދާގެ ތަޚުތަށް އެރުމުގެ ޝައުގުވެރިކަން ހުރި އެހެން މީހަކު ނެތްކަމީ އަހަރެމެންގެ ނަސީބު ދެރަ ކަމެވެ. މިހައިތަނަށް ކަން ހިނގައިފައިވާ މަގަށް ބަލާއިރު އަހަރެމެންގެ ކަނޑީގެ ބާރު ގަދަކަމުން ލިބުނު ފައިދާއަށްވުރެ، އިސްލާމުންގެ ބައިބައިވުމުން ލިބުނު ފައިދާ މާ ބޮޑެވެ."
ރާނީ އިޒަބެއްލާ ބުނެފިއެވެ. "ގްރަނާދާގެ އިސްލާމުން އެއްބައިވަންތަ ވެގަތަސް އެމީހުންނަކަށް އަހަރެމެންނާ ދެކޮޅަށް ތެދުވާން ކެރޭނޭ ހެންނެއް ހިޔެއް ނުވެއެވެ. ކޯރްދޮބާއާއި ތޮލޭދޯއާއި ސެބިއްޔާގެ ބާޣީންނަށް ޖެހުނު ދަތުރު އެ މީހުންގެ ހިތަކުން އަދި ނުފިލާނެއެވެ."
ފެރްނާންދޯ ބުންޏެވެ. "ތިޔަ ދައްކަނީ އިސްޕޭނީންނާއި ބަރްބަރީންނާއި ޢަރަބި ނަސްލުގެ މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރަމުން ގެންދިޔަ ދުވަސްވަރުގެ ވާހަކައެވެ. އެ ދުވަސްވަރުގެ ކާމިޔާބީގެ މައިގަނޑު ސަބަބަކީ އަހަރެމެންގެ ބާރު ގަދަ ކަމެއް ނޫނެވެ. އިސްލާމުންގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން އަހަރެމެންނަށް ކާމިޔާބީ ލިބުނީއެވެ. އަހަރެމެންގެ ތެރޭގައި މި އޮތް ކަހަލަ އެކުވެރިކަމަކާއި އެއްބައިވަންތަކަމެއް އެ މީހުންގެ ތެރޭގައި އޮތް ނަމަ އަހަރެމެންނަށް ކާމިޔާބީއެއް ލިބުނީސް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ."
އިޒަބެއްލާ ޖަވާބުގައި ބުނެލިއެވެ. "އެ މީހުންގެ ބައިބައިވުމަކީ މުޤައްދަސް މަރިޔަމްގެފާނު އަހަރެމެންގެ މައްޗަށް ލެއްވި ނަސީބެކެވެ."
"ކޮރްދޯބާއާއި ތޮލޭދޯގެ އިސްލާމުން ބައިބައި ވީފަދައިން މަރިޔަމްގެފާނުގެ ރަޙްމަތާއެކު ގްރެނާދާގެ އިސްލާމުންވެސް ބައިބައިވެ އަރައިރުންވާނޭ ނަމަ ކޮންފަދަ ހެއްޔެވެ. އެބައިމީހުންގެ އެކުވެރިކަމަކީ ބޮޑެތި ދުޝްމިނުން ކުޑަކަކޫ ޖައްސައިލާވަރުގެ ކަމެއްކަން އަހަރެން ދަންނަމެވެ. އެބައިމީހުން އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅުވެރިވެގެންފި ނަމަ ވައިގެ ތެރޭގައި ބުރަމުންދާ ކުދި ހިރަފުސްކޮޅުކޮޅުފަދަ ވެދެއެވެ. އެއްބައިވަންތަ ވެއްޖެނަމަ ބޮޑެތި ޠޫފާނަށްވެސް ގުޑުވައިނުލެވޭފަދަ ވަރުގަދަ ފަރުބަދަތަކަކަށް ވެއެވެ. އަހަންނަށް އެނގިފައިވާ ގޮތުގައި ގްރަނާދާގެ އިސްލާމީ ޢިލްމުވެރިން ގެންދަނީ ދީނުގެ ވާހަކަ ދައްކައި، ޖޯޝް އުފައްދައިގެން އެބައިމީހުން ކުރިއަށް ނެރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެއީ ތެދެއް ކަމުގައި ވަނީނަމަ އަބުލްޙަސަންގެ ވާހަކައަކީ ހޮޅި ވާހަކައެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އޭނާ ބުނާ ގޮތުގައި މިހާރު ގްރަނާދާގައި ރަންރިހީގެ ބޭނުން ކޮށްގެން ފައިސާ ޖެހުމުގެ ބަދަލުގައި އެ ގެންދަނީ އެކަތައިގެ ކަނޑި އުފައްދަމުންނެވެ. އޭ މަގޭ ލޯބިވާ ރަނިކަމަނާއެވެ. އަހަރެން މިހައިތަނަށް އުއްމީދުކޮށްގެން މިހިރީ ގްރަނާދާގެ ދާޚިލީ ހަނގުރާމައިގެ ފައިދާ ލިބިގަނެވޭނޭ ކަމުގައެވެ."
"ގްރަނާދާގައި ދާޚިލީ ހަނގުރާމައެއް ނުފެށުނަސް އަހަރެމެންގެ އަސްކަރީ ބާރުގަދަކަން ދައްކައިލުން މަޑުޖައްސައިލާކަށް ނުފެނެއެވެ. ތައްޔާރުވުމުގެ ފުރުސަތު ދުޝްމިނުންނަށް ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ."
"އަހަރެންވެސް ދެކޭ ގޮތަކީ ތިޔައީއެވެ. އެކަމަކު ކައުންޓް ސަންތިއާގޯގެ މޮޔަކަމުން އަހަރެމެންގެ ސިފައިންގެ އަގު ވެއްޓުމާއެކު ފަސްބައިގައި ޖެހުނު ކަޅު ލައްތައް އަދިވެސް މި އުޅެނީ ފިލުވައިނުލެވިގެންނެވެ."
ރާނީ އިޒަބެއްލާ ބުންޏެވެ. "ސަރަޙައްދީ ބާޒަކީވެސް ވަކި ދައުލަތެއްގެ މައްޗަށް ވެރިކަންކުރާ އަމިއްލަ ވެރިކަމެއް އޮތް މީހަކު ކަމުގައި ގަބޫލުކޮށް އޭނާޔާއެކު ގްރަނާދާއާ ދެކޮޅަށް މުޢާހަދާއެއް ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟"
"ނޫނެކެވެ. ތިޔައީ ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަބުލްޙަސަން އަހަރެމެންނާ ދެކޮޅަށް ބަޣާވާތެއް ކުރާ ދަނޑިވަޅު ސަރަޙައްދީ ބާޒު އޭނާގެ މަދަދުގާރަކަށް ވެދާނެތީ އަހަރެން ބިރުގަނެއެވެ."
އެ ވަގުތު ސިފައިންގެ މީހަކު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އަދަބުވެރިކަމާއެކު ކުރުނީސްކޮށްފައި ބުނެފިއެވެ. "އަބޫ ދާވޫދު އައިސް އެބަހުއްޓެވެ. ޢިއްޒަތްތެރި ރަސްގެފާނުގެ ފައިންޕުޅު ދެކޭން އިޒުނަފުޅަކަށް އެބަ އެދެއެވެ."
ފެރްނާންޑޯ ނުރުހިފައި ބުންޏެވެ. "އޭނާ އައުމާއެކު އަހަރެންގެ ކުރިމައްޗަށް ގެންނާށޭ އަހަރެން އޮންނާނީ ބުނެފައެވެ."
އޭނާ ބުނި ވާހަކައަށްވުރެ ބޮޑަށް ސިފައިންގެމީހާ ބިރުގަތީ އަޑުގައި ހުރި ނުރުހުމުގެ ރާގު ދެކެއެވެ. އެހެންވީމާ އަވަސްއަވަހަށް ކުރުނީސްކޮށްފައި ނުކުމެގެން ހިނގައްޖެއެވެ.
އިޒަބެއްލާ ބުނެފިއެވެ. "ގްރަނާދާއަށް ގޮސްފައިވެސް އަހަރެމެންނަށް ވަފާތެރިކަންމަތީ އަބޫ ދާވޫދު ހުންނާނޭ ކަމުގެ ޔަގީންކަން އެބަ އޮތް ހެއްޔެވެ؟"
ފެރްނާންދޯ ބުންޏެވެ. "މުޣީރާ މަޅީގައި ޖައްސައިގެން ހައްޔަރުކުރުވީ އޭނާއެވެ. އެހައިތަނުން އެ ވަނީ އަހަރެމެންގެ އިތުބާރު އޭނާއަށް ލިބިފައެވެ."
އެކަމަކު ގްރަނާދާގެ ޝާހީ ގަނޑުވަރުގެ އިތުބާރު ހޯދުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ.
(2)
އަބޫދާވޫދު އެތެރެއަށް ވަދެއްޖެއެވެ. އެއީ އުމުރުން ފަންސަޔާޅީސް ނުވަތަ ފަންސާސް އަހަރުގެ މީހެކެވެ. ބުރުސޫރައަށް ބަލާއިރު ޢަރަބި އިސްޕޭނީ ނަސްލުގެ މީހަކު ކަމަށް ފެނެއެވެ. އޭނާގެ ހުރީ ދެވަން ތުނބުޅިއެކެވެ. އެކަމަކު މޫނުމަތީން ޒުވާނެއްގެ ތާޒާކަން ފެންނާން ހުއްޓެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޖުއްބާއެކެވެ.
އަބޫ ދާވޫދު ކުރިއަށް ޖެހިލުމަށް ފަހު ފުރަތަމަ ބޮސްދިނީ ރާނީ އިޒަބެއްލާގެ އަތްތިލައިގައެވެ. އޭގެ ފަހުން ރަސްގެފާނު ފެރްނާންދޯގެ އަތްތިލައިގައި ބޮސްދީފައި ދެ ފިޔަވަޅެއް ފަހަތަށް ޖެހިލައި އަދަބުވެރިކަމާއެކު ކޮޅަށް ހުރެއްޖެއެވެ.
ހުސް ގޮނޑިއަކަށް އިޝާރާތްކޮށްފައި ފެރްނާންދޯ ބުނެފިއެވެ. "އިށީންނާށެވެ."
އަބޫ ދާވޫދު ޖެހިލުންވެފައި ހުރެގެން ބުނެފިއެވެ. "މަނިކުފާނަށް ކިޔަމަންތެރި މި އަޅާއަށް ތިޔަ އަމުރުފުޅާ ޚިލާފުވާކަށް ނުކެރޭނެއެވެ. އެކަމަކު ދަންނަވަންތޯއެވެ؟ ޢިއްޒަތްތެރި ރަސްގެފާނާއި ރަނިކަމަނާގެ ކުރިފުޅުމަތީގައި ކޮޅަށް ހުރެވުމަކީވެސް މި އަޅާއަށް ލިބޭ މަތިވެރި ޝަރަފެކެވެ."
ފެރްނާންދޯ ހިނިތުންވެލައިފައި ބުންޏެވެ. "އިށީންނާން މި އަމުރުކުރަނީ ރަސްގެފާނާއި ރަނިކަމަނާއެވެ."
"މި އަޅާއަކަށް ނުކިޔަމަންތެރިވާކަށް ނުކެރޭނެއެވެ." މިހެން ބުނެފައި އަބޫ ދާވޫދު އިށީނދެއްޖެއެވެ.
ފެރްނާންދޯ ބުންޏެވެ. "އޭ އަބޫ ދާވޫދާއެވެ. އަހަންނަށް ހީވާ ގޮތުގައި ގުދުރަތުގެ ނިޝާންތައް އަހަރެމެންގެ ރާހިބުންނަށް ކަޝްފުވުމުގެ ކުރީން ކަލެއަށް އެނގިދެއެވެ. ކަލޭގެ ބުއްދިވެރިކަން އަޖުމަ ބަލައިލާން އަދިވެސް ބޭނުމެވެ. ނިކަން ބުނެބަލާށެވެ. މިއަދު އަހަރެމެންނަށް މި ކުރިމަތިވީ މައްސަލައަކީ ކޮބައިހެއްޔެވެ؟"
އަބޫ ދާވޫދު ޖަވާބުދިނެވެ. "މި ނިކަމެތި އަޅާގެ ބުއްދިވެރިކަން ދެއްކުމަކީ މަނިކުފާނަށް ކުރެވޭ އިހާނަތެކެވެ. އެކަމަކުވެސް ދަންނަވައިފާނަމެވެ. މާތް ސާހިބާ ބޭނުންފުޅުވަނީ އަޅުގަނޑު ގްރަނާދާއަށް ފޮނުއްވާށެވެ."
ފެރްނާންދޯ ބުންޏެވެ. "ކަލޭ ރާހިބެއްގެ ހެދުން އަޅައިގެން ހުރެ ތިޔަހެން ބުނިނަމަ އަހަރެން ބުނާނީ އެއީ ކަރާމާތާއި މުޢުޖިޒާތުގެ ވާހަކައެއް ކަމުގައެވެ. އެކަމަކު ކަލެއަކީ އެހެން ހުރިހައި އެއްޗަކަށްވުރެ ބޮޑަށް ބުއްދިއަށް ބަރޯސާވާ މީހަކުކަން އަހަރެން ދަންނަމެވެ. ބުނެބަލާށެވެ. އަހަރެން ކަލޭ ގްރަނާދާއަށް ފޮނުވާން ބޭނުންވާކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟"
"އަބުލްޙަސަން ޖިޒީ ދޭން ދެކޮޅު ހަދައިފިކަން ނިކަމެތި އަޅާއަށް އޮތީ އެނގިފައެވެ. ރަސްގެފާނު އަމީރުން އެއްކުރައްވައިގެން ޖަލްސާއެއް ބޭއްވިކަންވެސް އޮތީ އެނގިފައެވެ. ނިކަމެތި އަޅާ ބަލައި ސާހިބާ ފޮނުއްވީ އެ ޖަލްސާ ނިމުނުތަނާއެވެ. މިފަދަ ޙާލަތެއްގައި މި އަޅާގެ ފުށުން ޢިއްޒަތްތެރި ރަސްގެފާނު ބޭނުންފުޅު ވާނޭ ކަންތައް ދެނެގަތުމަކީ އުނދަގޫ ކަމަކަށް ނުވިއެވެ. އަބުލް ޙަސަނާ ކުރިމަތިލާން މި އަޅާ ފޮނުއްވާން ގަސްތުކުރައްވާ ނަމަ އެ ކަމެއް ކުރާން އޮތް ތަނަކީ ހަމައެކަނި ގްރަނާދާކަން ކަށަވަރެއް ނޫންތޯއެވެ."
"އެހެން ވެއްޖެއްޔާ ގްރަނާދާއަށް ގޮސް ކުރާންޖެހޭ ކަމަކީ ކޮބައިކަންވެސް މިހާރު އޮންނާނީ ކަލެއަށް ވިސްނައިގަނެވިފައިތާއެވެ."
"އާދޭހެވެ. ގްރަނާދާގައި ބައިބައިވުން އުފެއްދުމަށްޓަކައި މި އަޅާއަށް ކުރާން ޖެހޭ ކަމަކީ ވެރިކަމަށް އަންނާން އަބުލްޙަސަނާ ވާދަކުރާނޭ އެހެން މީހަކު ނެރުމެވެ. މިފަދައިން ނެރޭނީ ކާކުތޯ ކަނޑައެޅުމަކީ ގްރަނާދާއަށް ގޮސްގެން ނޫނީ ކަނޑައެޅޭނޭ ކަމެއް ނޫނެވެ."
"އައެްޒަޣަލާ ބެހޭ ގޮތުން ކަލޭ ދެކޭ ގޮތަކީ ކޮބައި ހެއްޔެވެ؟"
"އައްޒަޣަލް ޖެހޭނީ އޭނާގެ އަޚާގެ އަތަށް ކަމުގައި ގަބޫލުކުރެވެއެވެ. އެކަމަކު..."
"އެކަމަކު ކީކޭ ހެއްޔެވެ؟"
"ޔަގީންކަމާއެކު އަދި ދަންނަވާކަށް ނުކެރޭނެއެވެ. އެކަމަކު މި ފަހަކުން ލިބިފައިވާ ޚަބަރުތަކަށް ބަލާއިރު އަބުލްޙަސަންގެ ދަރިންގެ ތެރެއިން އެކަކުގެ ބޭނުން ހިފިދާނެއެވެ. އޭނާގެ ދަރިއަކު ކަމުގައިވާ އަބޫ ޢަބްދުﷲ ހުންނަނީ ބާވަތަކުގެ ޝައްކެއްގެ ތެރޭގައެވެ. އޭނާއަށް ހީވާ ގޮތުގައި އަބުލްޙަސަން އުޅެނީ އޭނާގެ ދޮން އަމާގެ ދަރިއަކު ވަލީ ޢަހްދަކަށް ހަދާށެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަބުލްޙަސަން އޭނާގެ ކްރިސްޓިއަން އަނބިމީހާ ދެކެ ވަނީ މާ ވަރުގަދަ ލޯތްބެކެވެ."
ފެރްނާންދޯ އުފާވެރި ރާގަކަށް ބުނެފިއެވެ. "އެހެންވެއްޖެއްޔާ ލަސް ކުރަނީ ކީއްކުރަން ހެއްޔެވެ؟ އަބޫ ޢަބްދުﷲ ހުރީ ޝައްކެއްގެ މަތީގައި ކަމަށް ވަންޏާ އަވަހަށް ގޮސް އޭނާގެ ޝައްކު އެއީ ޙަޤީޤަތެއް ކަމަށް ހަދާށެވެ. މާދަމާ ދަތުރަށް ނުކުންނާށެވެ."
އަބޫ ދާވޫދު ބުންޏެވެ. "ނިކަމެތި އަޅާ ތައްޔާރެވެ. އެކަމަކު މިވަރުގެ ބޮޑު ކަމެއް ކުރާން ދާއިރު އެކުގައި މި އަޅާގެ ޢާއިލާ ގެންދާން ބޭނުމެވެ. ޢިއްޒަތްތެރި ސާހިބާގެ ލަޝްކަރަށްޓަކައި ގްރަނާދާގެ ދޮރާށިތައް ހުޅުވައިލެވޭންދެން ގްރަނާދާގައި ހުންނާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެ ރަށުގައި އުޅެނިކޮށް މިއަޅާޔާ މެދު ކިރިޔާވެސް ޝައްކެއް އުފެދިއްޖެނަމަ ހުރިހައި މަސައްކަތެއް ފަނުފުލުން ހިނގައިދާނެއެވެ. އެހެންވީމާ ގްރަނާދާއަށް އަރާން ބޭނުން ވަނީ އަމިއްލަ ރަށުން ބޭރުކޮށްލާފައިވާ މުހާޖިރެއްގެ ގޮތުގައެވެ. އެ ރަށަށް ގޮސް މި އަޅާއަށްވުރެ ބޮޑަށް މި އަޅާގެ އަނބިމީހާއާއި ދަރީން ޢިއްޒްތެރި ސާހިބާއަށް އެއްޗެހި ގޮވައި ސާހިބާގެ އަނިޔާވެރިކަމުގެ ވާހަކަދައްކާނެއެވެ. އެ ރަށުގެ މީހުން ޝައްކު ނުކުރާނޭ ގޮތަކީ އެއީއެވެ. އަނބިމީހާ ގެންދާން ބޭނުންވާ އަނެއް ސަބަބަކީ އޭނާ މެދުވެރިކޮށްގެން އަބުލްޙަސަންގެ ގަނޑުވަރަށް ވަންނާނޭ މަގެއް ހޯދުމެވެ."
ފެރްނާންދޯ ބުންޏެވެ. "އަބޫ ދާވޫދާއެވެ. އެންމެ ރަނގަޅެވެ. ކަލޭގެ ޚިދުމަތްތައް ހުހަކާ ނުލާނެ ކަމުގެ ޔަގީންކަން ދެމެވެ. ގްރަނާދާ ހިފުމަށް ފަހު އެ ރަށުގެ އެންމެ ފުރަތަމަ ގަވަރުނަރަކަށް ހަދާނީ ކަލެއެވެ. އަންދަލުސްގެ ރަސްކަން އަހަރެންގެ ޢާއިލާއަށް އޮތްހައި ހިނދަކު ކަލޭގެ ޢާއިލާގެ މަތީން ގަވަރުނަރުކަމެއް ނުނެގޭނެއެވެ. ކަލޭ ބޭނުމިއްޔާ މި ވާހަކަ ލިޔެފައި އަހަރެން ސޮއިވެސް ކޮށްފާނަމެވެ."
"ސާހިބާގެ ބަސްފުޅުގެ ޔަގީންކަން ލިޔުމަކަށްވުރެ ވަކީން ކުޑައެއް ނޫނެވެ."
"އެންމެ ރަނގަޅެވެ. މި ރޭ ފަތިހު އަހަންނާ ބައްދަލުކުރާށެވެ. ކަލޭގެ ދަތުރުގެ ހުރިހައި ޚަރަދެއް ކުރާނީ ޝާހީ ޚަޒާނާއިންނެވެ."
(ނުނިމޭ)