ރޯޝަނީ މަގުން ނުބައިވަސް ދުވާ ސަބަބު ދެނެގަނެފި

ރޯޝަނީ މަގުން ނުބައިވަސް ދުވާ ސަބަބު މާލެ ސިޓީ ކައުންސިލުން ދެނެގަނެފިއެވެ.

ރޯޝަނީ މަގުން ނުބައިވަސް ދުވާ، އާންމުންގެ ޝަކުވާތައް ސިޓީ ކައުންސިލަށް ލިބުމާ ގުޅިގެން، މާލެ ސިޓީ ކައުންސިލުން، މަގުގެ ޕޭވްމެންޓް ނަގައި ބެލި ބެލުމުން އެއީ ކެފޭ އަކާއި ގެއަކުން ޖަންކްޝަން ހޮޅި ކާނުކަނޑު ތެރެއަށް ދޫކޮށްފައި ހުރުމުގެ ސަބަބުން ހިނގާ ކަމެއް ކަމަށް އެނގިފައިވެއެވެ. އަދި މިކަން ހައްލު ކުރުމަށް ސިޓީ ކައުންސިލާއި އެމްޑަބްލިއުއެސްސީ އާއި ގުޅިގެން މިހާރު މަސައްކަތް ފަށާފައިވެއެވެ.

އިއްޔެ އެ ސަރަހައްދުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި މާލެ ސިޓީ ކައުންސިލްގެ މޭޔާރ، އާދަމް އާޒިމް ވިދާޅުވީ، މިމައްސަލަ ހައްލު ކުރުމަށް ޓަކައި މަސައްކަތް ،ކުރަމުންދާތާ ގާތްގަނޑަށް ދެމަސް ވަރު ވެދާނެ ކަމަށާއި، މި ކަމަށް ހައްލު ހޯދުމުގެ ގޮތުން އެކި ފަހަރު މަތިން މި ސަރަހައްދުގެ ކާނު ސާފު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައި ކަމަށެވެ.

އެހެން ނަމަވެސް ތަކުރާރުކޮށް މި މައްސަލަ ދިމާވެ އެދެވޭ ހައްލެއް ނުލިބުމުގެ ސަބަބުން މިފަހަރު ކައުންސިލުން މި ވަނީ މުޅި މަގުގެ ދެފަރާތުގައި ހުރި ކާނުތައް ބަލައި ފާސްކޮށްފައެވެ. އަދި މި ބެލި ބެލުމުން މިކަމަކީ މި ސަރަހައްދުގައި ހުރި ކެފޭ އަކާއި ގެއަކުން ކާނުތަރެއަށް ނަޖިސް ބޭރުވާ ގޮތަށް ހުރުމުގެ ސަބަބުން ދިމާވާ ކަމެއް ކަން އެނގިފައިވާ ކަމަށް މޭޔަރ ބުނެފައިވޭ.

މޭޔަރ އާޒިމް އިތުރަށް ވިދާޅުވީ އެ ތަންތަން ބަންދު ކުރަން މިހާރު އަންގާފައިވާނެ ކަމަށާއި، އަދި މި މައްސަލަ ހައްލު ކުރުމުން ނޫނީ އިތުރު ހުއްދަތަކެއް ކައުންސިލުން ދޫނުކުރާނެކަމަށެވެ. އަދި މީގެ އިތުރުން މި ކަމަކީ ރައްޔިތުންނަށް ވަރަށް ބޮޑު އުނދަގޫތަކެއް ކުރިމަތިވި ކަމެއް ކަމަށާއި މިކަމާއި ގުޅިގެން ފިޔަވަޅު އެޅުމަށް އެޗްޕީއޭއަށް ގޮވާލާފައެވެ.

އަދި މޭޔަރ ވަނީ މިފަދަ ކަންތައްތައް ރައްޔިތުން ނުކުރުމަށްވެސް އެދިފައެވެ. އަދި ކަމެއް ހިނގި ނަމަވެސް އެ ކަންތައްތައް އިދާރާތަކަށް ނުފޮރުވައި، އެއްބާރުލުން ދިނުމަށް މޭޔަރ އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.