މިނިސްޓަރ ޝިޔާމް ފީއަލީ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، ފ. ފީއަލީ ކައުންސިލާ ބައްދަލުކުރައްވައި، މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ކުރިއަށް ރޭވިފައިވާ ޕްރޮޖެކްޓްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ބައްދަލުވުމުގައި އެންމެ އިސްކަމެއް ދެވުނު މައްސަލައަކީ ފ. ފީއަލީގައި ޤާއިމުކުރެވިފައިވާ އައިސްޕްލާންޓްގެ މައްސަލައެވެ. މިނިސްޓަރ ޝިޔާމް މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިސްކަންދޭނެކަމުގެ ޔަގީންކަންޔަގީންކަން ކައުންސިލަށް ދެއްވިއެވެ.

ފީއަލީ ކައުންސިލުން ވަނީ ރަށުގައި ރެސްކިއު ޑައިވިންގ ޕްރޮގްރާމެއް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ އިތުރުން، ފީއަލީ ކައިރީގައި ހުރި ފަޅުތައް ބޭނުންތެރި ގޮތެއްގައި ބޭނުންކުރުމާއި، މެރިކަލްޗަރގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެ ސަރަޙައްދަކީ އެކަށީގެންވާ ތަނެއްކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. ކައުންސިލުން ވަނީ ފީއަލީގައި ގިނަ އަދަދެއްގެ ޒުވާނުން ސްޕޯޓްސް ފިޝިންގގައި ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން، މިނިސްޓްރީން ސްޕޯޓްސް ފިޝިންގއަށް ޚާއްޞަކޮށް ރާވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި ފ. ފީއަލީ ކައުންސިލުގެ ކަންބޮޑުވުންތަކާއި މެދު ތަފްޞީލުކޮށް މަޝްވަރާކުރެވުނެވެ. އަދި މިނިސްޓްރީއިން މިހާރު ކުރިއަށް ގެންދާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ވަނީ ކައުންސިލާ ހިއްސާކުރެވުނެވެ. މި ބައްދަލުވުމަކީ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށާއި، ރަށު ފެންވަރުގައި މި ދާއިރާ ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ދެފަރާތުން ވެސް ފާހަގަކުރިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.