
(15 އޯގަސްޓް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެމައިކަނބަލުން އިރުކޮޅަކު ވާހަކަފުޅު ދައްކަވާން ތިއްބެވުމަށް ފަހު އަނެއްކާވެސް ވަޑައިގެން ބޭރުގައި ލަޝްކަރު ރުކުރުވަމުންދާ މަންޒަރު ބައްލަވާން ފައްޓަވައިފިއެވެ.
ލަޝްކަރު ރަނގަޅަށް ރުކުރުވައި ނިންމެވުމަށް ފަހު އަބޫ މުޙްސިން އަހުގައި ވަޑައިގެން ގަނޑުވަރުގެ ދޮރުކޮޅުމައްޗަށް ހުއްޓިވަޑައިގެންފިއެވެ. ހިނދުކޮޅަކު ހިމޭނުން އިންނެވުމަށް ފަހު ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ.
[އޭ މުޖާހިދުންނޭވެ! މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ހީކުރީ އަހަރެމެންގެ ގައުމު ވެއްޓިގެން ގޮސް ދެން އަރައިނުގަނެވޭ ވަރަށް ވެއްޓިއްޖެ ކަމުގައެވެ. އެހެންނަމަވެސް އައްޒަޣަލާއި ސަރަހައްދުގެ މުޖާހިދުންގެ ކުލަގަދަ ކާމިޔާބީގެ ސަބަބުން އަހަރެންގެ މާޔޫސީ އުއްމީދަށް ބަދަލުކޮށްލައިފިއެވެ. މީގެ އިރުކޮޅެއް ކުރީން އަހަރެން ތިޔަބައިމީހުންގެ ކުރިމަތީގައި ހުއްޓުނުއިރު ދައްކާނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ. އެކަމަކު ކޮންމެވެސް ވާހަކައެއް ދައްކާން ވާނެއެއް ނޫންހެއްޔެވެ؟ ކިޔުނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. އަހަރެން މިއީ ތަގުރީރުކުރުމުގެ ފަންނުގެ މީހެއް ނޫންކަމަށް އިއުތިރާފު ވަމެވެ. މި ފެންނަ ފޯރިއާއި ޖޯޝަކީ ތިޔަބައިމީހުންނަކީ ދިރިތިބި ބަޔަކުކަން އަންގައިދޭ ކަމެކެވެ. މި ތަނުން ދަތުރަށް ފެށުމުގެ ކުރީން އަލްޙްމަރާގެ ދަގަނޑު ދޮރާށީގެ އަނެއް ފަރާތު ކޮންމެވެސް ތަނެއްގައި އަރާމުކޮށް ނިދައިފައި އޮތް އަބޫ ޢަބްދުﷲއަށް މެސެޖެއް ދޭން އަހަރެން ބޭނުމެވެ. އޭ އަބޫ ޢަބްދުﷲއެވެ. އަހަރެންގެ ގައުމު މަރެއް ނުވެއެވެ. ކަލެއަކަށް އެބައިމީހުން ފެރްނާންދޯގެ އަޅުން ކަމުގައެއް ނުހެދޭނެއެވެ. ކަލެއަކީ ގައުމުގެ ޝަރަފުވެރި ރައްޔިތުން ދޫކޮށްލުމަށް ފަހު އަމިއްލަ ކުރިމަގު ގޮތްކުޑަ ދުޝްމިނަކާ ހަވާލުކުޅަ މީހެކެވެ. އަބޫ ޢަބްދުﷲއެވެ. ކަލޭގެ ގައުމުގެ ރައްޔިތުން ވަރަށް ހިތްހެވެވެ. ދީލައްޗެވެ. މިއަދު ކަލޭ އެނބުރި ހެޔޮ މަގަށް އަޔަސް އެބައިމީހުން ކަލެއަށް މާފުކުރާނެއެވެ. އަންނާށެވެ. މާފުގެ ހުރިހައި ދޮރެއް ބަންދުވުމުގެ ކުރީން ނުކުންނާށެވެ. ކަލޭގެ ރައްޔިތުންގެ ކިބައިން މާފަށް އެދޭށެވެ. އެހެން ނޫންނަމަ ހަނދާންކުރާށެވެ. ކަލެއަކަށް ގަނޑުވަރުގައި އަރާމު ނިދީގައި މާ ގިނަ އިރަކު ނޯވެވޭނެއެވެ. މިއީ ގައުމުގެ ޒުވާނުން ކަށްޓާއި ލޭ ހޭދަކޮށްގެން އަޅައިފައިވާ ގަނޑުވަރެކެވެ. ކަލޭގެ އަމިއްލަ ޝަރަފަށްޓަކައި ގައުމުގެ އިއްޒަތާއި މިނިވަންކަން ވިއްކައިނުލާށެވެ. ﷲ ގަންދީ ބުނަމެވެ. ގައުމުގެ ރައްޔިތުން ނުދިން އިއްޒަތެއް އެހެން ބަޔަކަށް ނުދެވޭނެއެވެ. ގައުމުގެ ރައްޔިތުން ވައްޓައިލީ މީހަކު ނަގައި ކޮޅަށް ޖަހައިދޭނޭ މީހަކު ނުހުންނާނެއެވެ. ގްރަނާދާގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން ހެކިވާށެވެ. އަހަރެން މި ދަނީ އަބޫ ޢަބްދުﷲގެ ގަނޑުވަރުގެ މައި ދޮރާށީގައި ޓަކިޖަހައިފައެވެ.]
އަބޫ މުޙްސިން އިތުރަށް ވާހަކަފުޅު ދައްކަވާން ބޭނުންފުޅުވިއެވެ. އެކަމަކު ކުއްލިއަކަށް އަލްޙަމްރާގެ ދޮރާށި ހުޅުވިއްޖެއެވެ. ފުރަތަމަ ފެނުނީ ދަންމަރު ހިފައިގެން ތިބި ހައެއްކަ ސިފައިން ނުކުތްތަނެވެ. އެމީހުންގެ ފަހަތުން ފައިމަގުގެ ހަނގުރާމަވެރީންގެ ބަޔަކު ނުކުތެވެ. އޭގެ ފަހަތުން ފެނުނީ ވިހި އަސްވާރުން ނުކުތްތަނެވެ. އެންމެ ފަހަތުން ފެނުނީ ހުދު އަހަކަށް ސަވާރުވެގެން އިން މީހެކެވެ. ބޮލުގައި އޮތީ ހުދު ފަގުޑިއެކެވެ. އަތުގައި އޮތީ ގްރަނާދާގެ ދިދައެވެ. ބޭރަށް ނުކުމެވުމާއެކު އަސްވާރުންނާއި ފައިމަގުގެ ސިފައިން ދެ ފަރާތުގައި ސަފަކަށް އެތުރިގެންފިއެވެ. ހުދުއަސް ބޭރަށް ނުކުމެއްޖެއެވެ. ކުޑަކޮށް މަޑުޖެހިލުމަށް ފަހު އަބުލްޙަސަނާ ދިމާއަށް އަސް ދުއްވައިލައިފިއެވެ. އެއީ އަބޫ ޢަބްދުﷲއެވެ.
އޭނާ ވިދާޅުވިއެވެ. [އަބޫ މުޙްސިނެވެ. އަޅުގަނޑާ ބެހޭ ގޮތުން ވިދާޅުވީ މުޅީންވެސް ތެދު ވާހަކަފުޅެވެ. އެކަމަކު އެއް ވާހަކަފުޅެއް ދޮގެވެ. ގަނޑުވަރުގެ ދޮރުކޮޅުތައް ލައްޕައި ތަޅުލައިގެން އެއްވެސް ވެރިއަކަށް އަރާމު ނިންޖެއް ނުނިދޭނެއެވެ. އަޅުގަނޑު މިއިނީ ގައުމުގެ އަދާލަތަށް ހާޒިރުވެއެވެ. އަޅުގަނޑު ރަޙުމަކަށް ނޭދޭނަމެވެ. އަޅުގަނޑު ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ އަޅުގަނޑުގެ ކުށް އިސްލާހުކުރުމުގެ ފުރުސަތެއް ދެއްވުމެވެ. މި ލަޝްކަރުގެ ކޮމާންޑަރަކީ މަނިކުފާނެވެ. ހުއްދަ ދެއްވައިފިނަމަ ލަޝްކަރުގެ ސިފައެއްގެ ގޮތުގައި ދާން އަޅުގަނޑު ބޭނުމެވެ. މިއަދުން ފެށިގެން އަޅުގަނޑަކާއި ގްރަނާދާގެ ތަޚުތަކާ އެއްވެސް ގުޅުމެއް ނެތެވެ. އަޅުގަނޑު ވެރިކަމަކަށް ދައުވާއެއްވެސް ނުކުރާނަމެވެ. އަޅުގަނޑުގެ ބޮޑުބޭބޭފުޅު އައްޒަޣަލާއި ބައްޕާފުޅު ގްރަނާދާއަށް ވަޑައިގެން އަޅުގަނޑާމެދު ނިންމަވާ ކޮންމެ ނިންމެވުމެއް އަޅުގަނޑު ހިތުން ރުހުމުން ގަބޫލުކުރާނަމެވެ.]
ކުޑަ އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. ދެން ލަޝްކަރުގެ މީހުން އެކަކު އަނެކަކަށް ވައިއަޑުން ވާހަކަދައްކާން ފަށައިފިއެވެ. ހައްދަވާނޭ އެއްޗެއް އެނގިވަޑައިނުގެން އަބޫ މުޙްސިން އަބޫ ޢަބްދުﷲއާ ދިމާއަށް ބައްލަވާން އިންނެވީއެވެ.
އަބޫ ޢަބްދުﷲ ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. [އަޅުގަނޑުގެ ކުށަކީ މާފުކުރުން އެކަށީގެންވާ ކުށެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު މީނީ ގައުމުގެ ރައްޔިތުންގެ އަދާލަތަށް އައިހެވެ. އަޅުގަނޑު ކޮށައި ކުދިކޮށްލާށޭ އެބައިމީހުން ގާތު ވިދާޅުވާށެވެ. ރަހުމު ކުރުމަކަށް އަޅުގަނޑު ފަހަރެއްގައިވެސް ނޭދޭނަމެވެ. އެކަމަކު ލަޝްކަރުގައި އަޅުގަނޑު ގެންދަވައިފިއްޔާ އަޅުގަނޑުގެ ފަސްބައިގައި ޖެހުނު ލައްތައް، އަޅުގަނޑުގެ ލެއިން ދޮވެލެވުމަކީވެސް އެކަށީގެންވާ ކަމެކެވެ.]
އަބޫ މުޙްސިން ލަޝްކަރާ ދިމާއަށް ބައްލަވައިލައްވައިފިއެވެ. އެޔަށް ފަހު އަބޫ ޢަބްދުﷲ އާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [މަނިކުފާނުގެ ފަސްބައިކޮޅުގައި ޖެހުނު ލައްތައް ގައުމުގެ މީހުން އެބައިމީހުންގެ ޝުކުރުގެ ކަރުނައިން އެތިބަގެން ދޮންނަނީއެވެ.]
އޭގެ ކުޑައިރުކޮޅެއް ފަހުން ގަނޑުވަރުގެ ހުޅަނގުފަރާތު ދޮރުން ފަސް ހާސް ސިފައިންގެ ލަޝްކަރެއް ނުކުމެއްޖެއެވެ. ލަޝްކަރުގެ އެންމެ ކުރީގައި ތިއްބެވީ އަބޫ މުޙްސިނާއި އަބޫ ޢަބްދުﷲއެވެ. ލަޝްކަރުގެ އެންމެން ފަތިސްނަމާދުކުރީ ސަހަރާ ތަންކޮޅެއް ބޭރަށް ނުކުމެއެވެ. ދެވަނަ ފަހަރަށް ދަތުރު ފެއްޓުމުގެ ކުރީން އަބޫ މުޙްސިން، އަބޫ ޢަބްދުﷲ އެއް ފަރާތަކަށް ގެންދަވައިގެން ވިދާޅުވިއެވެ. [އަޅުގަނޑު އަޑު އަހައިފައި އޮތް ގޮތުގައި އަބޫ މޫސާ އޮންނެވީ ހައްޔަރުކުރައްވައި ހުރަގެއަށް ލައްވައިފައެވެ. ލަޝްކަރުގެ ކޮމާންޑަރުކަމަށް އެޔަށްވުރެ ވަކީން ގާބިލު އެހެން ބޭފުޅަކު ނުހުންނާނެއެވެ. މިހައިތަނަށް ވިސްނިވަޑައިގެންފައި ނެތަސް، އަދި އަޅުގަނޑުމެން މާ ދުރަކަށް ނުދަމެއް ނޫންތޯއެވެ؟]
އަބޫ ޢަބްދުﷲ ކަންބޮޑުވެވަޑައިގެންފައި އަބޫ މުޙްސިނާ ދިމާއަށް ބައްލަވައިލެއްވިއެވެ. [އަބޫ މޫސާ އަލްޙަމްރާއަކު ނެތެވެ. ހަނގުރާމައިން އެނބުރި އައިސް ނޫނީ އަޅުގަނޑަކަށް އޭނާޔާ ބެހޭ ގޮތުން ކުރައްވާ އެއްވެސް ސުވާލަކަށް ޖަވާބެއް އެރުވޭނޭ ހެންނެއް ހިޔެއް ނުވެއެވެ. އެކަމަކު ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. އޭނާ ދިރިދުނިޔޭގައި އެބަހުންނެވިއެވެ. ވަގުތު ޖެހުނީމާ އަޅުގަނޑު އޭނާގެ ކުރިމައްޗަށް ނުކުންނާނަމެވެ. އަޅުގަނޑަކީ އަބޫ މޫސާގެ މުޖުރިމަކީމެވެ. އޭނާ ދެއްވާ ކޮންމެ އަދަބެއް އަޅުގަނޑު ގަބޫލުކުރާނަމެވެ. އެކަމަކު ހަނގުރާމައިން އެނބުރި އަންނައިރު އަޅުގަނޑުގެ ފަސްބައި މިހައި ކަޅެއް ނުވާނެއެވެ. މި ވަގުތު އޭނާ މިތާނގައި ހުންނެވި ނަމަވެސް ކުރިފުޅުމައްޗަށް ނުކުންނާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ. އަޅުގަނޑު އޭނާގެ ކުރިމައްޗަށް ނުކުންނާން ބޭނުންވަނީ އަޅުގަނޑުގެ ފަސްބައި ލެއިން ތަތްތެޅި، އަޅުގަނޑުގެ މޫނު ޒަޚަމުން ފުރިފައިވާ ހާލުގައެވެ. ހިތްވަރު ކޮށްފައި އަޅުގަނޑު ބުނާން ބޭނުންވަނީ އެންމެ ވާހަކައެވެ. އޭ އަބޫ މޫސާއެވެ. މަނިކުފާނުގެ މުޖުރިމު މި ދަނީ ފައިސަލާކުރުވަނިވި މަގާމަކަށެވެ. އަޅުގަނޑުގެ ކުށަށް މާފު ނުދެއްވާނުތޯއެވެ؟]
އޭނާގެ ވާހަކަފުޅަށްވުރެ ބޮޑަށް އަބޫ މުޙްސިނަށް އަސަރުކުޅަކީ އޭނާގެ ހިތާމަވެރި އަޑުފުޅުގެ ސަބަބުންނެވެ. ކުޑައިރުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު އަބޫ ޢަބްދުﷲ އަނެއްކާވެސް ވިދާޅުވިއެވެ. [އަޅުގަނޑުގެ ހިތުގެ ހާލަތު މަނިކުފާނަށް މިހާރު ވިސްނިވަޑައިގަންނަވާނެއެވެ. އެކަމަކު ލަޝްކަރުގެ މީހުން އަބޫ މޫސާ ކޮބައިހޭ އަޅުގަނޑާ ސުވާލުކުރީމާ އަޅުގަނޑު ދޭ އެއްވެސް ޖަވާބެއް އެމީހުންނަކަށް ގަބޫލެއް ނުކުރެވޭނެއެވެ.]
އަބޫ މުޙްސިން ވިދާޅުވިއެވެ. [ހިތްޕުޅު ހަމަޖައްސަވައިގެން ހުންނަވާށެވެ. މި ވަގުތު އެމީހުންނަށް އެނގެނީ މަނިކުފާނު އެމީހުންނާ އެކުގައި ހުންނެވިކަމެވެ. އެޔަށްވުރެ ދުރަށް، އެހެން ކަމަކާމެދު ވިސްނާކަށް މި ވަގުތު އެކަކުވެސް ބޭނުމެއް ނުވާނެއެވެ.]
(4)
މަލަޚާގެ ކުލަގަދަ ކާމިޔާބީއަށް ފަހު އައްޒަޣަލް މަލަޚާގައި ޖާގަޖައްސަވައިފިއެވެ. ލަޝްކަރު އަލުން ތަރުތީބުކުރައްވައި ގްރަނާދާއަށް ދަތުރުކުރައްވާން ފެއްޓެވުމުގެ ކުރީން އަބޫ ޢަބްދުﷲއަށް މެސެޖެއް ފޮނުއްވައިފިއެވެ. [ތައުބާގެ ދޮރު އަދި ބަންދެއް ނުވެއެވެ. ކްރިސްޓިއަނުންގެ ފަރާތުން ލިބޭނޭ ކަމަށް ހީކުޅަ ކަންތައްތަކަކީ އަވާމެންދުރެއްކަން މިހާރު އޮންނާނީ ކޮއްކޮއަށް އެނގިފައެވެ. އަހަރެމެން ބޭނުންވަނީ ހަނގުރާމައަކާ ނުލައި ދާ ގޮތަށް ގޮސް ގްރަނާދާއަށް ވަންނާށެވެ. އަހަރެމެންގެ މަގަށް ހުރަސްއަޅާން ގަސްތުކުރާނަމަ ހަނދާންކުރާށެވެ. އަލްޙަމްރާގެ ދަގަނޑު ދޮރާށްޓަކަށް އަހަރެމެން ނުހުއްޓެވޭނެއެވެ.]
މެސެޖް ހިފައިން ދިޔަ މަންދޫބު އެނބުރި އައިސް ދެންނެވިއެވެ. [މަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ގްރަނާދާ ދަނީ ތައްޔާރުވަމުންނެވެ. ސަރަހައްދަށް ހަމަލަދިން ކްރިސްޓިއަނުންނާ ހަނގުރާމަ ކުރައްވާން އަބޫ ޢަބްދުﷲ ލަޝްކަރާއިގެން ނުކުމެވަޑައިގެންފިއެވެ.]
މިހެން ދަންނަވައިފައި މަންދޫބު އައްޒަޣަލްގެ އަތްޕުޅަށް އެރުވީ އަބުލްޙަސަންގެ އަނބިކަނބަލުންގެ ސިޓީފުޅެކެވެ. [މިއީ ރަނިކަމަނާ، އެކަމަނާގެ ފިރިކަލުންނަށް އަރުވާން ދެއްވި ސިޓީފުޅެކެވެ.]
މަންދޫބާ ދެތިން ސުވާލެއް ކުރެއްވުމަށް ފަހު އައްޒަޣަލް ވަޑައިގަތީ އަބުލްޙަސަންގެ އަރިހަށެވެ. މުސްކުޅިފުޅުވެފައިވާ ރަސްގެފާނު އެނދުދާންކޮޅުގައި އޮށޯވެވަޑައިގެން ފިކުރުފުޅު ކުރައްވާން އޮންނެވިއެވެ. އެމަނިކުފާނުގެ ދިރިއުޅުއްވުމުގެ އެންމެ ފަހުގެ ގަޑިތައް ހޭދަކުރައްވަނީއެވެ. މިހާރު ލޯފުޅަކަށް ފެނިވަޑައެއް ނުގަނެއެވެ. ދަރިކަލުންނާ ބެހޭ ގޮތުން އައްޒަޣަލް ދެއްކެވި ވާހަކަފުޅު އައްސަވައިފައި ތެދުވެވަޑައިގެންފިއެވެ. [ތިޔައީ ހަމަ ތެދު ވާހަކައެއް ހެއްޔެވެ؟ ތިޔައީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟] އެމަނިކުފާނު ސުވާލުކުރައްވަމުން ގެންދެވިއެވެ. [ނޫނެކެވެ. ނޫނެކެވެ. އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮއްކޮގެ މަންދޫބު މިތަނަށް ގެންނާށެވެ.]
އައްޒަޣަލް ވިދާޅުވިއެވެ. [ރަނިކަމަނާ ފޮނުއްވި ސިޓީފުޅެއްވެސް އޭނާ ގެނައެވެ.]
އަބުލްޙަސަން ބޭގަރާރީއާއެކު ވިދާޅުވިއެވެ. [ސިޓީގައި އޮތީ ކީކޭ ހެއްޔެވެ؟ އަހަންނަށް ކިޔައިދޭށެވެ.]
އައްޒަޣަލް ސިޓީފުޅު ވިދާޅުވާން ފައްޓަވައިފިއެވެ.
[އަޅުގަނޑުގެ ސާހިބާއެވެ. އަޅުގަނޑުގެ މައިވަންތަކަން އަބޫ ޢަބްދުﷲއާ މެދު މާޔޫސުވިޔަކަ ނުދިނެވެ. މި ވަގުތު އެންމެ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑަށް ފެނުނީ އަލްޙަމްރާގައި އިނުމެވެ. ﷲ އަޅުގަނޑުގެ ދުޢާ އިޖާބަކުރެއްވީ ހަތަރުފަރާތުން އުދަރެސް ބެދި، އަޅުގަނޑު އެންމެ ބޮޑަށް މާޔޫސްވީ ދަނޑިވަޅުގައެވެ. ދުޝްމިނުންނާ މުގާބިލާ ކުރުމަށްޓަކައި އަބޫ ޢަބްދުﷲ ނުކުމެއްޖެއެވެ. އަޅުގަނޑުގެ މައިވަންތަ ހިތް ދޮގު ނުހަދާ ކަމުގައި ވަނީނަމަ، އޭނާ އެ ނުކުތީ ކުރެވުނު ކުށުގެ ކައްފާރާ އަދާކުރުމުގެ ނިޔަތް ނޫން އެހެން ނިޔަތެއްގައެއް ނޫނެވެ. ގްރަނާދާއަށް މިހާރު ސާހިބާގެ ބޭނުން ޖެހިފައިވަނީ ވަރަށް ބޮޑަށެވެ. ވަޑައިނުގެންނެވޭނަމަ އައްޒަޣަލް ފޮނުއްވާށެވެ. އަބޫ ޢަބްދުﷲއާއެކު އޭނާ ވާވައްދައިގެން ގައުމު ވިއްކާލި ޣައްދާރުންގެ ބަޔަކު ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މި އިންނަނީ އެކަމާ ބިރުންނެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް އަބޫ ޢަބްދުﷲ މަގުފުރައްދާން އެމީހުން މަސައްކަތް ކުރާނެއެވެ. އެހެންވީމާ އަބޫ ޢަބްދުﷲ އެނބުރި އައުމުގެ ކުރީން ގްރަނާދާގެ މައްޗަށް ސާހިބާގެ ބާރު ހިންގެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.]
އަނެއް ދުވަހުގެ ހެނދުނު އައްޒަޣަލް ލަޝްކަރަށް ތައްޔާރުވާން އަންގަވައިފިއެވެ. ކްރިސްޓިއަނުން ބަލި ކުރެއްވުމަށް ފަހު ބަދްރު ބިން މުޣީރާ ލަޝްކަރާއެކު ވަޑައިގަތީ އެމީހުން އުތުރާއި އިރުމަތީ ސަރަހައްދަށް ވަނަ ނުދީ ހިފެހެއްޓެވުމުގެ މަސައްކަތް ކުރައްވާށެވެ. ބަޝީރް ބިން ޙަސަނަށް ޖެހިވަޑައިގަތީ އަބުލްޙަސަނަށް ބޭސްކޮޅު އަރުވަން މަލަޚާގައި މަޑުކުރައްވާށެވެ.
އާލާސްކަންފުޅު ކިތަންމެ ބޮޑުވިޔަސް، ހަށިކޮޅުގައި ވަރުފުޅު ނެތަސް އަބުލްޙަސަން ގަދައަޅުއްވަމުން ގެންދެވީ ގްރަނާދާއަށް ވަޑައިގަންނަވާށެވެ. އެންމެ ފަހުން އައްޒަޣަލަށް ޖެހިވަޑައިގަތީ އަބުލްޙަސަނަށް ޚާއްސަ ގާޑިޔާކޮޅެއް އިންތިޒާމު ކުރައްވާށެވެ. މަލަޚާ ބެލެހެއްޓެވުން ހަވާލުކުރެއްވީ އައްޒައިޣަރީއާއެވެ.
އައްޒަޣަލްގެ ލަޝްކަރު ފަތަޙައާއި ކާމިޔާބީގެ ދިދަ ވިހުރުވަމުން ގަރްނާދާއަށް އަރައިފިއެވެ. ރަށުގެ ބޮޑު ދޮރާށިން ފެށިގެން އަލްޙަމްރާ ގަނޑުވަރާ ހަމައަށް ވަނީ މާމެލާމެލިން ފުރިފައިވާ މަގެކެވެ. އަބުލްޙަސަން އޮންނެވުމާއެކު ގާޑިޔާކޮޅު ދުއްވަނީ ތަންކޮޅެއް މަޑުން ކަމަށް ވާތީ ގަނޑުވަރާ ހަމައަށް ފޯރި ތަންކޮޅެއް ލަހުންނެވެ. ރަށުތެރޭގައި އެއް އަޑަކަށް ހިފައިފައި ހުރީ [އައްޒަޣަލް ޒިންދާބާދު... އަބުލްޙަސަން ޒިންދާބާދުގެ] ގެ އަޑެވެ.
ރައްޔިތުންގެ އުފާވެރިކަމާއި ޖޯޝުގެ މައިގަނޑު އަނެއް ސަބަބަކީ ހުޅަނގުއިރުމަތީ ސަރަހައްދުން ލިބުނު ޚަބަރުތަކެވެ. އެއީ އަބޫ ޢަބްދުﷲ ހަނގުރާމަ ކާމިޔާބުކުރެއްވި ޚަބަރެވެ. ޚަބަރު ގެނެސްދޭ މީހުން ބުނާ ގޮތުގައި ކްރިސްޓިއަން ހަނގުރާމަވެރިން ބަލިކުރެއްވުމަށް ފަހު އަބޫ ޢަބްދުﷲ ދުޝްމިނުންގެ ސަރަހައްދަށް ވެދެވަޑައިގެންފިއެވެ. އަދި އެބައިމީހުންގެ ހައެއްކަ އަވަށް ހިއްޕަވައިވެސްފިއެވެ.
ނާކާމިޔާބީގެ ސަބަބުން ލިބުނު ހިތި ފިލާވަޅާއެކު، ފެރްނާންދޯ ރަނގަޅަށް ތައްޔާރުވެގެން ނޫނީ ދެން އެހެން ފިޔަވަޅެއް ނާޅާނޭކަން އައްޒަޣަލަށް އެނގިވަޑައިގަނެއެވެ. އަލުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ހޭދަވާނެއެވެ. އެހެންވީމާ ލަޝްކަރު ތައްޔާރު ކުރައްވައިގެން ވަރަށް އަވަހަށް އަބޫ ޢަބްދުﷲއަށް އެހީތެރިވެޑައިގަންނަވާން ވަޑައިގަންނާވާނޭ ވާހަކަ އަންގަވައިފިއެވެ. އަދި ދުޝްމިނުންގެ ސަރަހައްދަށް، މާ ފުނަށް، ވެދެވަޑައިގަތުމުގެ ބަދަލުގައި ރައްކާތެރިތަނެއްގައި ގާފިލާ ކުރެއްވުމަށް ފަހު ދޭތެރެދޭތެރެއިން ކުދި ހަމަލަ ދެއްވުމުގައި ދެމިހުންނަވާށޭވެސް އެންގެވިއެވެ. އަބޫ ޢަބްދުﷲ އަށް ފޮނުއްވި ލިޔުމުގައި އައްޒަޣަލް ލިޔުއްވިއެވެ. [ކޮއްކޮއަށް ކުރެވުނު ކުށުގެ ކައްފާރާ މިހާރު އަދާކުރެވިއްޖެއެވެ. އެނބުރި ގްރަނާދާއަށް އަންނައިރު ގްރަނާދާގެ ރައްޔިތުންގެ ފަރާތުން ފެންނަ އުފާވެރިކަމާއި މަރުހަބާގެ ޝުއޫރު ކޮއްކޮގެ ބޮޑުބޭބެއާއި ބައްޕާފުޅުގެ ފަރާތުން ފެންނާނެއެވެ. އަބޫ މޫސާ ވީތަނެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ބޭބެ ހީކޮށްގެން ހުރީ ކޮއްކޮއާއެކު ދިޔައީ ކަމަށެވެ. އެކަމަކު ތިޔަކޮޅުން އައި މީހުން އަބޫ މޫސާ ދުށް ކަމަކަށް ނުވެއެވެ. އޭނާ ކޮބައި ހެއްޔެވެ؟ ގްރަނާދާގެ ރައްޔިތުން ތިބީ އޭނާ ވީ ތަނެއް ނޭނގި ކަންބޮޑުވެފައެވެ.]
(5)
ހަތަރު ދުވަސް ފަހުން ގްރަނާދާއަށް އޮތީ ބޮޑު ހިތާމައެއް ވެރިވެފައެވެ. އިރުއެރުމާއެކު ލިބުނު ޚަބަރަކީ އަބޫ ޢަބްދުﷲ ދުޝްމިނުންގެ އަތުން ބަލިވެވަޑައިގަތް ވާހަކައެވެ. އަދި ދުޝްމިނުން އޭނާ ހައްޔަރުކޮށްފި ވާހަކައެވެ. އިރުއޮއްސެން ވާއިރަށް އެ ޚަބަރުގެ ވަރަށް ގިނަ ތަފުސީލުވެސް ލިބިއްޖެއެވެ.