އަންދަލުސްގެ ބާޒު - 13

(18 އޮކްޓޯބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަބޫ ދާޥޫދާއި އޭނާގެ ޢާއިލާގެ މީހުން ތިބޭން ހަމަޖައްސައިފައި އޮތީ އެއްވަނަ ބުރީގެ ނުލާހިކު ފުރިހަމަ ދެ ކޮޓަރީގައެވެ. އަބޫ ދާވޫދުގެ އަނބިމީހާއާއި ދެ ދަރީންގެ ނިދާ ކޮޓަރިއަކީ ވަރަށް ތަނަވަސް ކޮޓަރިއެކެވެ. އެ ކޮޓަރީގެ ކުޑަދޮރުތަކާއި ފެންލައިޓުތައް ހުރީ ބޭރަށް ހުޅުވޭ ގޮތަށެވެ. އެއީ ވަރަށް އުސް ޢިމާރާތަކަށް ވުމާއެކު މަތީ ބުރީގައި ތިބޭ މީހުންނަށް ތިރީގައި އޮތް ފެހި ވާދީ ވަރަށް ރީތިކޮށް ފެނެއެވެ. ވާދީގެ އެއްކޮޅުން ފެންނާން އޮތީ ފަރުބަދައިގެ ދިގު ސިލްސިލާއެކެވެ. ފަރުބަދަތައް ފެށޭ ހިސާބާއި ގެޔާ ދެމެދު ވިދަވިދައި އޮތް ކުޑަ ކޯރެއް އޮތެވެ.

އެ ކޮޓަރިއަށް ވަންނާން ހުންނަ އެއް ދޮރު ހުޅުވެނީ އަބޫ ދާވޫދްގެ ކޮޓަރިއަށެވެ. އެޔަށް ފަހު އޮތީ ތަނަވަސް ބަރެންޑާއެކެވެ. ބަރެންޑާގެ މޫނު ހުރީ މެދުގޮވައްޗާ ދިމާއަށެވެ. އަބޫ ދާވޫދްގެ ކޮޓަރީގެ ވައަތްފަރާތުން ހުރީ ކުޑަ ކޮޓަރިއެކެވެ. އެ ކޮޓަރީގައި އޮތީ ޒަޚަމްވެފައިވާ، ގާޑިޔާ ދުއްވާ މީހާއެވެ. ކަނާތްފަރާތުގައި ހުރީ ބަދްރު ބިން މުޣީރާގެ ކޮޓަރިކޮޅާއި ބަޝީރް ބިން ޙަސަންގެ ކޮޓަރިކޮޅެވެ. އޭގެ ފަހުން ހުރީ ސިފައިންގެ މަތީ ދަރަޖައިގެ އޮފްސަރުން ތިބޭ ކޮޓަރިތަކެވެ.

އަބޫ ދާވޫދާއެކު ހޭދަކުރައްވާނޭ ވަގުތު ބަދްރަށް ދުވާލު ލިބިވަޑައިގަންނަވަނީ ވަރަށް މަދުންނެވެ. ހެނދުނު ހެނދުނާ އެ މަނިކުފާނުު އަސްކޮޅުގައި ނުކުމެވަޑައިގަންނަވަނީ ފާރަޖަގަހަތަކުގެ ޙާލަތު ބައްލަވައިލައްވާށެވެ. ބައެއް ދުވަސްދުވަހު އެނބުރި ވަޑައިގަންނަވަނީ ރޭގަނޑު ދެ ދަމެއްވަރު ހުސްވާ ފަހުންނެވެ. އެ މަނިކުފާނު ނޫޅުއްވާ ވަގުތު އަބޫ ދާވޫދްގެ ޢާއިލާގެ ހުރިހައި ކަމެއް ބައްލަވަނީ ބަޝީރެވެ. ބަޝީރަކީ މޮޅު ޑަކްޓަރަކަށް ވެވަޑައިގަތުމުގެ އިތުރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެއްވެސް މެއެވެ. އެހެންވީމާ ތާރީޚާއި، ފަލްސަފާއާއި، އެހެން ޢިލްމުތަކުން އަބޫ ދާވޫދަށް ލިބިފައިވާ މަޢުލޫމާތުގެ ސަބަބުން ބަޝީރްގެ ހިތްޕުޅަށް އަސްރު ނުކޮށެއް ނުދިޔައެވެ. ދުވާލުގެ ވަގުތު ބަޝީރް ހޭދަކުރައްވަނީ އެކި މީސްމީހުން ބައްލަވައި ފަރުވާ ދެއްވުމުގައެވެ. އެނބުރި ވަޑައިގަންނަވަނީ ހަވީރުއެވެ. އަވަހާރަފުޅު ލެއްޕެވުމުގެ ކުރީން އޭނާ ކޮންމެ ރެޔަކުވެސް އަބޫ ދާވޫދާ އެކި މައުޟޫޢަށް ވާހަކަފުޅު ދައްކަވާން ވަގުތުކޮޅެއް ހޭދަކުރައްވައެވެ. ރޭގަނޑު ފަރީއްކުޅުއްވަނީވެސް އަބޫ ދާވޫދްގެ ކޮޓަރީގައި އޭނާޔާ އެކުގައެވެ.

ބަދްރުވެސް ދުވާލުގެ މަސައްކަތްޕުޅު ނިންމަވައިލެއްވުމަށް ފަހު އަބޫ ދާވޫދާއެކު ވަގުތުކޮޅެއް ހޭދަކުރައްވައެވެ. އެކަމަކު ބަދްރަކީ ފަރީއްކުޅުއްވުމަށް ފަހު މާ ގިނަ ވަގުތު ހޭފުޅުލައްވައި ހުންނަވާ ބޭފުޅެއް ނޫނެވެ. އެހެންވީމާ ކުޑައިރުކޮޅަކު އިންނަވައިފައި ކޮޓަރިކޮޅަށް ވެދެވަޑައިގަންނަވައެވެ. ރަބީޢާއާއި، އެންޖެލާއާއި، މާރިޔާއާ ތިން މީހުން ކަނީ ކޮޓަރީގައެވެ.

އަބޫ ދާވޫދްގެ ކޮޓަރިން އިވޭ އަޑުތަކަށް ރަބީޢާ ސަމާލުކަން ދޭން ފަށްޓަނީ ހަމައެކަނި ބަދްރުގެ އަޑުފުޅު އިވުނީމައެވެ. އޭނާގެ ސިއްހަތު ރަނގަޅުކަން އެނގިވަޑައިގަތީމާ ބަދްރު އެ ކޮޓަރިއަށް ވެދެވަޑައިގަތުން ހުއްޓަވައިލައްވައިފިއެވެ. އެކަމަކު އަބޫ ދާވޫދްގެ ކޮޓަރިކޮޅަށް ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ކުރައްވާ ސުވާލަކީ މިއީއެވެ. [މަނިކުފާނުގެ ދަރިކަނބަލުންގެ ހާލުކޮޅު މިހާރު ކިހިނެއްތޯއެވެ؟]

ރަބީޢާއަށް އިޙްސާސްކުރެވުނު ގޮތުގައި ބަދްރު މީގެ ކުރީން އޭނާގެ މައްޗަށް ސަމާުލުކަން ދެއްވީ ހިތްޕުޅުގައި ބާވަތެއްގެ ރަޙުމްފުޅެއް އުފެދިގެންނެވެ. އެންޖެލާއަކީ މިޒާޖަށް ބަލާއިރު ކޮންމެ މާހައުލަކަށްވެސް ފިސާރި ރަނގަޅަށް ފެތިގަންނަ ކުއްޖެކެވެ. އަބޫދާވޫދްގެ ކޮޓަރީގައި ބަޝީރު އިންނެވިކަން އެނގުމާއެކު ބައްޕަޔާ ކޮންމެވެސް ސުވާލެއް ކޮށްލުމުގެ ބަހަނާގައި އޭނާ ކޮޓަރިއަށް ވަދެއެވެ. ހިތި ބޭސް ބުއީމާ މިހާރު އޭނާގެ ދަތަކުވެސް ނުރިއްސައެވެ. އެކަމަކު ޒުވާން ޑަކްޓަރުގެ މައްޗަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަން ދިޔައީ ބޮޑުވަމުންނެވެ.

ގާޑިޔާ ދުއްވާ މީހާގެ ހާލުވެސް މިހާރު ރަނގަޅެވެ. އެއް ރެޔަކު ބަދްރާއި ބަޝީރުގެ އަރިހުގައި ކާން އިނދެފައި އަބޫ ދާވޫދް ބުނެފިއެވެ. [އަޅުގަނޑުގެ ގާޑިޔާ ދުއްވާމީހާ އެނބުރި ރަށަށް ދާން އެބަ ބޭނުން ވެއެވެ. އޭނާގެ އަނބިދަރީން ތިބެނީ ކަސްތިއްޔާގައެވެ. ގްރަނާދާއަށް ދެވުމާއެކު އޭނާ އަނބުރައި ފޮނުވާނޭ ކަމަށް އަޅުގަނޑު އޮތީ ބުނެފައެވެ. އޭނާވެސް ބޭނުންވީ އަނބިދަރީން ގޮވައިގެން ކަސްތިއްޔާ ދޫކޮށްފައި އަންނާށެވެ. އެކަމަކު އަޅުގަނޑުގެ ހާލަތު ހުރި ގޮތުން އޭނާގެ އާއިލާ ގޮވައިގެން އާދެވޭގޮތް ނުވީއެވެ. ކަން ދިމާޚުރި ގޮތުން އަޅުގަނޑުމެންނަށް ގްރަނާދާއަށް ދެވޭނީ އަދި ތަންކޮޅެއް ފަހުންނެވެ. އެހެންވީމާ އޭނާ އެ އުޅެނީ އަނބިދަރީންގެ މަތީން ހަނދާން ވެގެންނެވެ. އެ މީހުންނަށް ވެދާނޭ ގޮތަކާމެދު ކަންބޮޑުވަނީހެންވެސް ހީވެއެވެ. އެހެންވީމާ އަޅުގަނޑު ޚިޔާލު ކުރަނީ ވީހައި އަވަހަކަށް އޭނާ ފޮނުވައިލާށެވެ. މަނިކުފާނަށް އޭނާގެ ދަތުރުގެ ކަންތައް ހަމަޖައްސަވައި ދެއްވިދާނެތޯއެވެ.

ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑުގެ މީހުން އޭނާ ސަރަޙައްދީ އިން ހުރަސްކުރުވައި ދޭނެއެވެ. އެކަމަކު އެނބުރި ގޮސް އަޅުގަނޑުމެންގެ ވާހަކަ އެއްވެސް މީހަކު ގާތު ނުބުނުމަކީ ވަރަށް މުހިއްމު ކަމެކެވެ.]

އަބޫ ދާޥޫދް ބުންޏެވެ. [އެހެން މީހަކާ މެދު ޔަގީންކޮށް އެއްވެސް އެއްޗެކޭ ދަންނަވާކަށް ނުކެރޭނެއެވެ. އެކަމަކު އޭނާއަށް އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރުކުރަމެވެ. އަޅުގަނޑު ގާތު އޭނާ އުޅޭތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެއެވެ. އެތައް ފަހަރަކު އަޅުގަނޑު އޭނާގެ އަޖުމަވެސް ބަލައިފީމެވެ. އަޅުގަނޑުގެ ހުރިހައި ސިއްރެއް އޭނާއަށް އެނގޭނެއެވެ. އަޅުގަނޑުގެ އެންމެ ސިއްރެއްވެސް ދުޝްމަނުންނާ ހަމައަށް ގެންދިޔަނަމަ މިއަދު އަޅުގަނޑު މިތާކު ނުހުރީމުހެވެ. މިހާރުވެސް އަޅުގަނޑު މިހިރީ އަޅުގަނޑުގެ މުދަލުގެ ދެބައިކުޅަ އެއްބައި ރަށަށް ދޫކޮށްލާފައި އައިހެވެ. އެނބުރިދާއިރު އެ މުދަލަށް އެއްވެސް އުނިކަމެއް ނައިސް ހުންނާނޭ ކަމަށް މިހާރުވެސް އަޅުގަނޑު ގަބޫލުކުރަމެވެ. ތެދުތެދަށް ދަންނަވާނަމަ އަޅުގަނޑުގެ ކްރިސްޓިއަން އަނބިމީހާއާއި ދަރިފުޅަށްވުރެވެސް ބޮޑަށް އޭނާއަށް އިތުބާރު ކުރަމެވެ. އޭނާ އަޅުގަނޑު ދެކެ އެހައި ލޯބިވަނީ ޒާތީ ސަބަބެއް އޮވެގެންނެއެް ނޫނެވެ. ހަމައެކަނި ސަބަބަކީ އަޅުގަނޑަކީ ކްރިސްޓިއަން ސަރުކާރުގެ އެންމެ ބޮޑު ތުރުވެރިޔާ ކަމަށް އޭނާއަށް ގަބޫލުކުރެވުމެވެ. އޭނާގެ އުމުރުން އެންމެ ސާދަ އަހަރުގައި އޭނާގެ ބައްޕައަށް ކަސްތިއްޔާގެ ގަވަރުނަރާ ދެކޮޅަށް ބަޣާވާތް ކުރި ކަމުގެ ތުހުމަތުކޮށް ދަންޖައްސައި މަރައިލީއެވެ. އެ ހިތާމަވަރި މަންޒަރު އޭނާ ލޮލުން ދުށްޓެވެ. މަނިކުފާނަށް އޭނާ ތާއިދުކުރާ މިންވަރު ހިތްޕުޅަކަށްވެސް ނުގެންނެވޭނެއެވެ. އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ ގްރަނާދާއަށް ލައިފައި އެނބުރި އައިސް މަނިކުފާނުގެ މުޖާހިދުންނާ ގުޅޭނޭ ކަމަށްވެސް މިއަދު އަޅުގަނޑު ގާތު ބުންޏެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އޭނާގެ މައްޗަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީތީ ވަރަށް ދެރަވެއްޖެއެވެ. އޭނާ ބޭނުން ކޮންމެ ވަގުތަކު އަޅުގަނޑު މީހުން އޭނާ ސަރަޙައްދުން ބޭރަށް ގެންގޮސް ދޭނެއެވެ.]

[އޭނާ އެ ހުންނަނީ އަނބިދަރީންގެ ކަންތަކާ ވަރަށް ކަންބޮޑުވެފައެވެ. އެހެންވީމާ މިރޭ ފަތިހު އޭނާ ފޮނުވައިލާން އަޅުގަނޑު ބޭނުމެވެ.]

ދޮރުފަތުގައި ކަންފަތް ޖަހައިގެން އަޑު އަހާން ތިބި މާރިޔާއާއި އެންޖެލާއަށް މި ވާހަކަތައް އިވިފައި ވަރަށް ބޮޑަށް ޙައިރާންވެ އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ.

ފަރީއްކުޅުއްވައި އަވަދިވެވަޑައިގެން ބަދްރު ވެންނެވީ ކޮޓަރިކޮޅަށެވެ. އާދައިގެ މަތީން އަބޫ ދާވޫދް ބަޝީރުގެ އަރިހުގައި ވާހަކަދައްކާން އިނީއެވެ.

މާރިޔާ ކަންބޮޑުވެފައި ހުރެގެން ކޮޓަރިތެރޭގައި ކުރުކާލި ކަނޑަނީއެވެ. ގާޑިޔާ ދުއްވާމީހާގެ އަނތްބަކުވެސް އަދި ދަރިއަކުވެސް ކަސްތިއްޔާގައި ނެތްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މާރިޔާ އެންމެ ބޮޑަށް ކަންބޮޑުވަނީ ހަމަ ޙަޤީޤަތުގައިވެސް އަބޫ ދާވޫދަކީ ކްރިސްޓިއަން ސަރުކާރުގެ ދުޝްމިނަކަށް ވެދާނެތީއެވެ.

މެންދަން ވާން ކައިރިވެފައި ހުއްޓާ ރަބީޢާއަށް ނިދިއްޖެއެވެ. އެކަމަކު މާރިޔާއާއި އެންޖެލާއާ ދެމައިން ވާހަކަދައްކާން ތިބީއެވެ. އޭނާ ތަކުރާރުކުރަމުން ގެންދިޔައީ އެންމެ ވާހަކައެކެވެ. އެއީ އޭނާއާއި އޭނާގެ ދަރިފުޅަށްވުރެ މާ ބޮޑަށް ގާޑިޔާ ދުއްވާމީހާއަށް އިތުބާރު ކުރަމޭ ކިޔައިގެން އަބޫ ދާވޫދް ދެއްކި ވާހަކައެވެ.

އެންޖެލާ މަސައްކަތްކުރަމުން ގެންދިޔައީ މަންމަގެ ހިތް ހަމަޖައްސައި ދެވޭތޯއެވެ. [ބައްޕައަކީ ހެޔޮނުބައި ނުދަންނަ މީހެއް ނޫނެވެ. ވިސްނުންތެރިވެސް މީހެކެވެ. އެހެންވީމާ އަހަރެމެން އަޑުއަހާން ތިބޭނޭކަން ބައްޕައަށް އެނގޭނެއެވެ. އެ ވާހަކައެއް ދެއްކީ މަސްލަހަތަށް ބަލާފައި ކަމަށް ވެދާނެއެވެ.]

މާރިޔާ ބުންޏެވެ. [ދަރިފުޅާއެވެ. އިސްލާމަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ. މަންމަ ހަމަ ގައިމުވެސް ނުކުރަމެވެ. އަމިއްލަ ވަޒަން ދޫކޮށްލައިފައި ދަރިފުޅުގެ ބައްޕަޔާ އެކު އާދެވުނުކަމުގެ މޮޔަ މިހާރު އެބަ ހީވެއެވެ. އޭނާ ގްރަނާދާއަށް ގޮސް އަހަރެމެން ގަދަކަމުން އިސްލާމް ދީނަށް ވައްދާންވެސް އުޅެފާނެއެވެ.]

[ބައްޕައަކީ ދީނަކަށް މާ ބޮޑު ސަމާލުކަމެއް ދޭ މީހެއް ނޫންކަން މަންމަ ރަނގަޅަށް ދަންނާނެއެވެ. ބައްޕަ އެ ވާހަކައެއް ދެއްކީ ކީއްވެގެންތޯ އަހައިލާށެވެ. މަންމަގެ ހިތްހަމަ ޖެހޭނީ އޭރުންނެވެ.]

[ހިތްހަމަ ނުޖެހެނީހެއް އަހަންނަކަށް ނުނިދޭނެއެވެ. އެ ޑަކްޓަރުގަނޑުވެސް ދާކަށް ނޫޅެއެވެ. ދަރިފުޅު ގޮސް ބައްޕައަށް ގޮވާށެވެ.]

[އަޅުގަނޑަކަށް ނުކެރޭނެއެވެ. ކުޑަރިއުކޮޅަކަށް މަޑުކޮށްލާށެވެ. އިސާހިތަކު ހިނގައިދާނެއެވެ.]

ބަޝީރު ކޮޓަރިކޮޅަށް ވަޑައިގަތީމާ މާރިޔާ ވަގު ފިޔަވަޅު އަޅަމުން އައިސް ބޮޑުކޮޓަރި ތެރެއަށް ވަދެއްޖެއެވެ. [އަހަންނާއި އަހަރެންގެ ދަރިފުޅު ކަލޭގެ ކުރިމަތީގައި ގާޑިޔާ ދުއްވާ ކަލޭގެއަށް ވުރެވެސް ދަށް ދޯއެވެ؟]

[މަޑުމަޑުން ވާހަކަދައްކާށެވެ.] އަބޫ ދާވޫދް އަވަހަށް ގޮސް ބޮޑުކޮޓަރީން ބޭރަށް ނުކުންނާން ހުރި ދޮރު ލައްޕައިފިއެވެ. [އަހަރެންގެ ވާހަކަ އަހައިފައި ކަލޭ ރުޅި އައިސް ފުފިގަންނާނޭކަން އަހަންނަށް އެނގެއެވެ. ކަލާނގެއަށްޓަކައި ބުނަމެވެ. ކުޑަ އިރުކޮޅަކަށް ކެތްކޮށްލާށެވެ. ކޮޓަރިއަށް ހިނގާށެވެ. މިތާގައި ވާހަކަދެއްކުން ރައްކާތެރިއެއް ނޫނެވެ. މީހަކަށް އަޑު އިވިއްޖެއްޔާ އަހަރެމެން އެންމެންނަށްވެސް ނުރައްކާތެރި ވެދާނެއެވެ.]

[ކަލާނގެއަށްޓަކައި އަހަރެމެން ކަސްތިއްޔާއަށް ފޮނުވައިލާށެވެ. ގްރަނާދާއަށް ގޮސް ކަލޭ އަހަރެމެންނަށް ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އެ ރަށަށް ގޮސް އަހަރެމެން ކޮންމެވެސް ވިޔަފާރިވެރިއަކަށް ވިއްކައިވެސްލަފާނެއެވެ.]

އަބޫ ދާވޫދް މާރިޔާގެ އަނގމަތީގައި އަތް އަޅައިފިއެވެ. އަދި ދަމައި ކޫއްތާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވައްދައިފައި އެތެރެއިން ތަޅުލައިފިއެވެ. އަދި އެންޖެލާއާ ދިމާއަށް ބުންޏެވެ. [އެހެރަ ކުޑަދޮރުވެސް ލައްޕައިލާށެވެ. އަހަރެމެންގެ ވާހަކަ އެއްވެސް މީހަކަށް އިވިގެން ނުވާނެއެވެ.]

އެޔަށް ފަހު މާރިޔާއާ މުޚާޠަބްކޮށް ބުންޏެވެ. [އިހަށް އަހަރެންގެ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. އޭރުން ކަލޭގެ ހިތް ހަމަޖެހިދާނެއެވެ.]

މި އަޑުފައްގަނޑުގެ ސަބަބުން ރަބީޢާއަށްވެސް ހޭލެވިއްޖެއެވެ. އެކަމަކު ލޯ މަރައިލައިގެން ނިދާކަމަށް ހެދިގެން އޮވެއްޖެއެވެ.

އެންޖެލާ ކުޑަދޮރު ލައްޕައިލީމާ އަބޫ ދާވޫދް މާރިޔާގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދައިފިއެވެ. [މޮޔަ އަންހެނާއެވެ. އަހަރެން މި ހުންނަނީ ކަލޭ ގްރާނާދާގެ ރާނީއަށް ހެދުމުގެ ހުވަފެން ދެކިދެކިއެވެ. ކަލޭ ތިޔަ އުޅެނީ އަހަރެންގެ ރޭވުން ފެންނަށް ދުއްވައިލާން ވެގެންނެވެ. މަޑުކުރާށެވެ. އަހަރެން ހަމަ މިހާރު ގާޑިޔާ ދުއްވާމީހާ މިތަނަށް ގެންނާނަމެވެ. އަހަންނަށް އިތުބާރު ނުކުރެވެންޏާ އޭނާގެ ވާހަކައަށް އިތުބާރު ކުރެވިދާނެކަން ނޭނގެއެވެ.]

މާރިޔާ މޫނުކުނިކޮށްލިއެވެ. [އެކަމަކު ކަލޭ އެ މީހުންގެ ކުރިމަތީގައި އަހަރެމެންގެ އަގު ވައްޓައިލަނީ ކީއްވެގެން ހެއްޔެވެ؟]

އަބޫ ދާވޫދް ބުންޏެވެ. [ރަނގަޅަށް އަދު އަހާށެވެ. އަހަރެން ގާޑިޔާ ދުއްވާމީހާ މި ފޮނުވަނީ ވަރަށް ބޮޑު މަސައްކަތެއް ހަވާލުކޮށްފައެވެ. އެ މަސައްކަތް ކާމިޔާބު ވެއްޖެއްޔާ ގްރަނާދާއަށް ދިއުމުގެ ވިސްނުން ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަހަރެންގެ ކާމިޔާބީ ފެރްނާންދޯގެ ނަޒަރުގައި ގްރަނާދާގެ ފަތަޙައަށްވުރެ ވަކީން ކުޑައެއް ނުވާނެއެވެ. އަހަރެންގެ ކާމިޔާބީގައި ކަލޭގެ ޙިއްސާ ވަރަށް ބޮޑޭ އަހަރެން ދެންނެވީމާ މަލިކާ އިޒްބެއްލާގެ ކުރިފުޅުމަތީގައި ކަސްތިއްޔާގެ ހުރިހައި އަންހެނުންނަށްވުރެ ބޮޑު ވެގެން ހިނގައިދާނެއެވެ.]

މާރިޔާ ތަންކޮޅެއް މައިތިރިވެލުމަށް ފަހު އަހައިފިއެވެ. [އަބުލް ޙަސަނަށްވުރެވެސް ބާޒުގެ ނުރައްކާތެރިކަން ބޮޑު ކަމަށް ފެރްނާންދޯ ގަބޫލުފުޅު ކުރައްވާކަން ކަލެއަށް ނޭނގެނީ ހެއްޔެވެ؟ ތިޔަ އުޅެނީ ބާޒުގެ...]

[އާނއެކެވެ. ސަރަޙައްދީ ބާޒު އުޅެނީ އެ ފަރުބަދަތަކުގެ ތެރޭގައި ނޫންކަމާއި މި ކިއްލާގައިކަން ކަސްތިއްޔާގެ މީހުންނަށް އެނގުމާއެކު އެ މީހުން ވަގުތުން މިތަނަށް ޙަލަދަދޭނެއެވެ. ގާޑިޔާ ދުއްވާމީހާ މި ފޮނުވަނީ ޚަބަރާއެކުގައެވެ. ކަލޭގެ ހިތްހަމަ ޖައްސައިދޭން އޭނާ މި ތަނަށް ގެންނަން ހެއްޔެވެ؟]

މާރިޔާ ބުންޏެވެ. [ނޫނެކެވެ. ވަގުތު ޖެހުނީމާ އަހަރެމެންނަށްވެސް އޭނާއަށް އިހުސާންތެރި ވެވޭނޭކަން އަހަންނަށް ޔަގީނެވެ. ފެރްނާންދޯއަށް ދަންނަވައިގެން އޭނާއަށް މާފު ހޯދައި ދިނުމަކީވެސް ކުރެވިދާނޭހެން ހީވެއެވެ.]

ރަބީޢާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ލޯ ހުޅުވައި ބަލައިލާކަށްވެސް އަދި އަނގައިން ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

އެންޖެލާ ބުންޏެވެ. [ބައްޕާއެވެ. އަޅުގަނޑުމެންގެ ފުރާނަ ސަލާމަތްކޮށް ދިނީ އޭނާއެވެ. މިހާރުވެސް އެހައި ހެވެވެ. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ދުޝްމިނަށް ވިޔަސް އަޅުގަނޑުމެންގެ ފަރާތުން ޝުކުރުވެރިކަން ފެންނާން ވާނެއެވެ. ޑަކްޓަރަށްވެސް ނިކަން ބައްލަވައިލައްވާށެވެ. އަޅުގނޑާއި ދައްތަޔާ ދެ މީހުންނަށް ބޭސްފަރުވާ ކުރުމުގައި އަވަދިނެތި އެހެރަގެން އުޅެނީއެވެ. އެ ހުރިހައި ހެޔޮކަމެއް ހަނދާން ނައްތަވައިލައްވާނީތޯއެވެ؟]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.