ވިހަ ތީރު (34)

(22 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ޙައިދަރުގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯތްބަށް ، ޙައިދަރު ބޭނުންހާގޮތެއް ނުހެދޭނެއެވެ. އަންޞާބުގެ ގެޔަށް އަހަރެން ފޮނުވައިނުލުމަށް ބޮޑުދައިތަގާތު ބުނެދޭށެވެ. ޙައިދަރުގެ ގޭގެ އެއްކަނެއްގައިނަމަވެސް އަހަރެން ބަހައްޓައިދޭށެވެ. " މެހެމަލް ބުންޏެވެ.)

މެހެމަލްއާ ފަހުން ވާހަކަ ދައްކާނެކަމަށްބުނެ ، ޙައިދަރު ، ފޯނުކަނޑައިލިއެވެ. އެކަމާބެހޭގޮތުން މެހެމަލްއާ ދައްކާނީ ކޮންވާހަކައެއްކަމެއް ޙައިދަރަކަށް ނުވިސްނުނެވެ. ޙައިދަރު ހަދާނީ މަންމައާއި ދިލްނަޝީން ، ހިތްހަމަޖެހޭގޮތެއްކަމަށް ނިންމިއެވެ. ހަމައެއާއެކު ، މެހެމަލްއަށް ބޭހުންހާގޮތެއް ހަދައިލަން ، ޙައިދަރަކަށް ނުކެރޭނެކަމަށް މެހެމަލް ނިންމިއެވެ. ހިތާދެކޮޅަށްނަމަވެސް ، ޙައިދަރު ހަދާނީ ، މެހެމަލް ބޭނުންވާ ގޮތެކެވެ.

*********************************

" މެހެމަލްގެ ވަކީލެއްގެ ގޮތުން ، މެހެމަލް ބޭނުންވާހާގޮތެއް ހަދަން އަހަރެންނާ ވާހަކަ ނުދައްކާށެވެ ! މެހެމަލް އެ ބޭނުންވާ ގޮތެއް ހަދަން އަހަރެން ، އެއްވެސް ޙާލެއްގައި ޤަބޫލެއް ނުވާނަމެވެ. މެހެމަލް ހީކުރީ ، ޙައިދަރު އަހަރެންގާތަށް ފޮނުވައިގެން ، މެހެމަލް ބޭނުންވާހާ ގޮތަކަށް އަހަރެން އެއްބަސްވާނެ ކަމަށް ހެއްޔެވެ ؟ އެއީ މެހެމަލްއަށް ކުރެވޭ ކުށް ހީއެކެވެ. ޙައިދަރުގެ ޙަޔާތަށް އަހަރެންނަށް އުފާވެރިކަމެއް މި ގެނެސްދެވުނީ ލައްކަ މަސައްކަތް ކޮށްގެންނެވެ. މެހެމަލްއަށްޓަކައި ، ޙައިދަރުގެ ދިރިއުޅުން ދެވަނަ ފަހަރަށް ، އަހަރެން ބަރުބާދު ކޮށްލަންވީ ހެއްޔެވެ ؟ " ހިތްހަމަ ނުޖެހިފައިހުރެ ، ޙައިދަރާ ދިމާލަށް ކުލްސޫމް އެއްޗެތި ކިޔަމުން ގެންދިޔައެވެ.

ޙައިދަރުގެ ޙަޔާތަށް ބަދަލެއް އަންނާނެކަމަކަށް ، އޭނާއެއް ނުދެކެއެވެ. އޭނާގެ މަންމަގެ ހެޔޮ ދުޢާ އަބަދުވެސްވަނީ އޭނާއާއެކުގައެވެ. ކުލްސޫމްގެ ދުޢާ ފުދިގެން އެދިޔައީ އެތައް ޒަމާނަކުންނެވެ. އެދުޢާ އިޖާބަވުމާއެކީ ، އަނެއްކާވެސް މެހެމަލް އެއައީ ، ޙައިދަރުގެ ދިރިއުޅުމާ ކުޅެލަން ވެގެންނެވެ. އެކަން އެހެންވިޔަ ނުދޭނެކަމަށް ، ކުލްސޫމް ބުންޏެވެ. މެހެމަލްގެ ދިފާޢުގައި ޙައިދަރު ވާހަކަ ކުރިޔަށް ގެންދަން ފެށުމާއެކީ ، އެކަން ކުލްސޫމު ހުއްޓުވިއެވެ. ޙައިދަރު ދައްކާ އެއްވެސް ވާހަކައެއް އިތުރަށް އަޑުއަހާކަށް ކުލްސޫމް ބޭނުމެއް ނުވިއެވެ. އަންޞާބުގެ ގެޔަށް  އޭނާއާއެކީ ދިއުމަށް ޙައިދަރަށް އަމުރުކުރަމުން ، ކުލްސޫމް ހިނގައިގަތެވެ.

އަންޞާބަށް އެދުވަހު ގެޔަށް އާދެވުނީ ކުޑަކޮށް ލަހުންނެވެ. އާދައިގެ މަތިން އޭނާގެޔަށް އަންނައިރު ގެންނަ އަންހެންކުއްޖަކު އެދުވަހަކު ނުގެނެއެވެ. ކުލްސޫމާއި ޙައިދަރު ، އެގެޔަށް އައިސްތިބިކަން އަންޞާބަށް އެނގެއެވެ. އޭނާ އައުން ލަސްވިކަމަށްޓަކައި ، ކުލްސޫމާއި ޙައިދަރުގެ ކިބައިން އަންޞާބު މަޢާފަށް އެދުނެވެ. އޭނާއަށް އަވަހަށް ނާދެވުނީ ، ކުއްލި ބައްދަލުވުމެއްގައި ބައިވެރިވާން ހަދައިގެންނެވެ.

ކުލްސޫމްމެންނަށް ލަސްވިޔަސް އެއީ މައްސަލައެއް ނޫނެވެ. އެމީހުން އެއައީ އަންޞާބާ ، ވަރަށް މުހިންމު ވާހަކައެއް ދައްކައިލަން ވެގެންނެވެ. އެމީހުން މަޑުކޮށްގެން އެތިބީ ، އެވާހަކަ ނުދައްކާ އެގެއިން ނުދާން ވެގެންނެވެ.

" އަންޞާބެވެ ! ދެމަފިރިންގެ މެދުގައި ހަމަނުޖެހުން އުފެދޭނެއެވެ. އެއީ އިންސާނީ ތަބީޢަތެވެ. އަދި އެއީ ދިރިއުޅުމުގެ އެއް ޙަޤީޤަތެވެ. އެކަމަކު ، އެކަން ޙައްލުނުކޮށް ދިގުލައިގެން ދަންޏާ އިތުރަށް އެ މައްސަލަތައް ބޮޑުވެ ، ދެމަފިރިން ދުރުކުރާނެއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމަށް ބުރޫ އަރާނެއެވެ. އެއީ ޖަޒުބާތީ ކަމެކެވެ. އެހެނަސް ، އަންޞާބަކީ ، ދުރުވިސްނޭ ހެޔޮލަފާ މީހެކެވެ. މެހެމަލްއަކީ ، އެކަހަލަ ކަންކަން ވިސްނޭވަރަށް ތަޢުލީމީ ޤާބިލްކަމެއް ލިބިފައި ނެތް މަޢުޞޫމު ކުއްޖެކެވެ. ދެމަފިރިން ވަކިވާޏްޖެހޭކަހަލަ ޙާލަތްތަކުގައި ގޮތެއް ނިންމަންވާނީ ވަރަށް ވިސްނާފައެވެ. ޖަޒުބާތުތައް އެއްފަރާތް ކޮށްފައެވެ. ދަރިޔަކު ހުރިއިރު ، އެދަރިފުޅާމެދުގައިވެސް ، ބަފައެއްގެ ޙައިޞިއްޔަތުން އަންޞާބު ވިސްނަން ޖެހޭނެއެވެ. މެހެމަލް އަނބުރާ ގެޔަށް ގެނައުމަކީ ، އަހަރެންގެ ވަރަށްބޮޑު އެދުމެކެވެ. " ކުލްސޫމް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ކުލްސޫމަކީ ، މެހެމަލްއަށް ކަމެއްކޮށްދޭން ، މެހެމަލްއާ ތިމާގެކަމުގެ ގޮތުން އެންމެ ގާތްކޮށްހުރި  މީހާއެވެ. މެހެމަލްއަށް ބަލަދުއަރާ ބޮޑުބޭބެ ، މެހެމަލްއަކާ އަޅައެއް ނުލައެވެ. އަންޞާބާ ދެވުމަށްފަހު ، އޭނާގެ ވާޖިބު ފުރިހަމަވީކަމަށް ބަލާފައި އެހިސާބުން އޭނާ އެހުންނަނީ އަތްދޫކޮށްލައިގެންނެވެ. އެ ކައިވެނިން ، އޭނާއަށް އެލިބުނު އެއްޗަކައިގެން ، އެހުންނަނީ މެހެމަލްއާ ވަރަށް ދުރުގައެވެ. މެހެމަލް އުޅޭނޫޅޭގޮތެއް އޭނާއެއް ނުބަލައެވެ.

ކުލްސޫމްގެ ވާހަކަތައް އަޑުއަހަން ހިމޭނުން އިނުމަށްފަހު ، އަންޞާބު ވާހަކަ  ދައްކަން ފެއްޓިއެވެ. މެހެމަލްގާތު އެގެއިން ނުކުމެގެން ދާކަށް އަންޞާބެއް ނުބުނެއެވެ. އެހެންވީމާ ، މެހެމަލް އެނބުރި އަންނާނީވެސް މެހެމަލްއަށް ފެނިގެންނެވެ. މެހެމަލް އެގެޔަށް ގެންނަން އެއްވެސްކަމެއް ކުރަންޖެހޭކަމަކަށް އަންޞާބު އެއްބަހެއް ނުވެއެވެ. ބޯދާމީހުން ހަދާހެން ، މެހެމަލް ބަލައި ، އެގެޔަށް އޭނާދާނެކަމަށް އެއްވެސް މީހަކު ހީކުރުމަކީ މޮޔަކަމެކެވެ. އަދި ، އެކަހަލަ މޮޔަކަމެއްކުރަން އޭނާއަށް ވަގުތުނެތްކަމުގައި އަންޞާބު ބުންޏެވެ. އެއީ އޭނާ ނުކުރާނެ ކަމެކެވެ. މެހެމަލް އެގެޔަށް އަންނަން ވެއްޖިއްޔާ މިހާރުވެސް އަންނަންވީއެވެ. އެގޭގެ ދޮރު މެހެމަލްއަށްޓަކައި އަބަދުވެސް ހުންނާނީ ހުޅުވިފައެވެ. އެހެނަސް ، މެހެމަލްއަށް އާދޭސްކުރަން ނުދާނެކަން އަންޞާބު ކަށަވަރުކޮށްދިނެވެ.

ރުޅިއައިސް މަސްއަލަޖެހޭހިނދު އެކަން ހަމަޖެއްސުމަށް އެދެމީހުންގެ މެދުގައި ޢާންމުކޮށް އެއްބަސްވެފައި އޮންނަގޮތް ، މެހެމަލްއަށް ވަރަށް ރަނގަޅަށް އެނގޭނެކަމަށް އަންޞާބު ބުންޏެވެ. އެއީ ، ކައިވެނީގެ ކުރިން އެއްވަސްވެފައި އޮތް ކަންތައްތަކެކެވެ. އަދި ، އެކަމަށް ، މެހެމަލް ހުންނާނީވެސް މިހާރު އާދަވެފައެވެ. އެދެމަފިރިންގެ މެދުގައި ކައިވެނީގެ ކުރިން ވެފައި އޮތް އެއްބަސްވުމަކީ ކޮބައިތޯ ކުލްސޫމް ، ސުއާލުކުރިއެވެ.

" ކައިވެނީގެ ކުރިންވެސް ، އަހަރެމެން ދެމީހުންގެ މެދުގައި ، ލޯބީގެ އެއްވެސް ގުޅުމެއް ނުއޮންނާނެކަމަށް ، ދެމީހުންވެސް އޮންނާނީ އެއްބަސް ވެފައެވެ. އަހަރެން ، މެހެމަލްއަކަށް ލޯތްބެއް ނުދޭނަމެވެ. އަދި ، އެހެން ފިރިހެނުންނެކޭ އެއްގޮތަށް ، މެހެމަލްއަކަށް އަޅައެއްވެސް ނުލާނަމެވެ. މިހާރުވެސް ، އަހަރެން އެއްބަސްވެފައިއޮތް ކަންކަމަށްވުރެ ގިނަކަންކަން މެހެމަލް އަށް ކޮށްދީފީމެވެ. އިތުރަށް ކޮށްދޭންޖެހޭ ކަމެއް ނުއޮންނާނެއެވެ. މިވާހަކަތަކަށް އަހަރެންނަށް މަޢާފު ކުރާށެވެ. މިއޮށްބޮޑު ގެ އެއްކޮށް އެއޮތީ މެހެމަލްއަށެވެ. މުއްސަނދިކަމުން ފުރިގެންވާ ދިރިއުޅުމެކެވެ. ކާރާއި ޑްރައިވަރުން ތިބޭނެއެވެ. ވަރުވަރުން ، ގޭގައި ނޯކަރުން ތިބޭނެއެވެ. މެހެމަލް އެއްބަސްވެފައި އޮތްގޮތާ ޚިލާފަށް އުޅެން މެހެމަލް އިޚްތިޔާރު ކުރާކަމަށް ވަންޏާ ، އަހަރެން ކުރާނީ ކީއް ހެއްޔެވެ ؟ " އަންޞާބު ކިޔައިދެމުން ގެންދިޔައެވެ.

އެއިން އެއްވެސް ވާހަކައެއް ، ކުލްސޫމްމެންގާތުގައި މެހެމަލް ބުނެފައެއް ނުވެއެވެ. ކުލްސޫމްމެންނަށް މެހެމަލް ވިސްނައިދީފައި އޮތީ ، އަންޞާބުގެ ފަރާތުން މެހެމަލްއަށް ބޭނުންވާ ލޯތްބާއި އަޅައިލުން އެންމެ ފުރިހަމަޔަށް ލިބޭކަމަށެވެ.  އެހެންވެދާނެކަމަށާއި އެއީ މެހެމަލްއަށް މަޖުބޫރުވެގެން ހަދައިގެން އުޅުނުގޮތެއްކަމަށް ވެދާނެކަމަށް އަންޞާބު ބުންޏެވެ. މަތި އޮއްބައިލައި ، މުއްސަނދި އަރާމު ދިރިއުޅުމަކަށް ހިތްކިޔާތީ ، މެހެމަލްއަށް ދޮގުހަދަން މަޖުބޫރުވާނެކަމަށް އަންޞާބު ބުންޏެވެ. ބޯދާ ފިރިހެނުންނެކޭ އެއްގޮތަށް ، އަންޞާބާއެކީ ވަގުތު ހޭދަކުރަމުންގޮސް ، އަންޞާބުގެ ލޯބިވެސް ލިބޭނެކަމަށް ބެލުނީކަމަށް ވެދާނެއެވެ. އެކަން އެހެންނުވީމަ މެހެމަލްކުރި އުއްމީދުތައް ފެނަށްދިޔައީއެވެ. ދަރިޔަކު ލިބުނީމަވެސް ، ދަރިފުޅުގެ މަންމަޔަށް ފިރިއެއްގެ ހިތުގައި އޮންނަންޖެހޭ ކުލުނާއި އިޙްތިރާމްވެސް ، އަންޞާބުގެ ހިތަކު މެހެމަލްގެ މައްޗަކަށް ނުއުފެދެއެވެ. އެއީ ، ކައިވެނީގެ ކުރިން ، މެހެމަލްއަކީ ކާކުކަން އަންޞާބަށް އެނގިފައި އަދި ވަކިގޮތަކަށް އެއްބަސްވެގެން ކުރެވުނު ކައިވެންޏަކަށް ވީމާ އެކަން އެހެންވީކަމަށްވެސް ވެދާނެއެވެ. އަދި ، އިތުރަށް ކުރާނެ އެއްވެސްކަމެއް ، މެހެމަލްއަށް ނެތުނީއެވެ. އެންމެފަހުން ކުލްސޫމުމެންގެޔަށް ދިޔައީއެވެ.

" އަންޞާބެވެ ! އަނތްބަކު އެ އެދެނީ ، އޭނާގެ ފިރިމީހާގެ ލޯތްބަށެވެ. އެކަމުގައި އެއްވެސް ގޯހެއް އޮތްކަމަކަށް އަހަރެންނަކަށް ނުފެނެއެވެ. " ޙައިދަރުވެސް ، އޭނާއަށް ފެންނަ އެއްޗެއް ބުނެލިއެވެ.

އެއީ ގޯސްކަމެއްނޫންކަމަށް އަންޞާބުވެސް އެއްބަސް ވެއެވެ. އެއީ އަނބިމީހާގެ ޙައްޤެކެވެ. ގޯސްވެގެން އެއުޅެނީ ، އެކަން ރައްދު ކުރެވޭ މީހާއެވެ. އެއީ ، ގޯސްމީހެއްގެ ގާތު ، ފިރިއެއްގެ ލޯބި އެދުމުން ވެގެންއުޅޭ ގޮތެކެވެ.

" އަހަރެންގެ އަމިއްލަ ނިންމުންތަކާއި ކަންކަމުގައި އެހެންމީހުން ބަސްބުނުން އެއީ އަހަރެންނަށް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. އެކަމަކު ، މިކަމުގައި މެހެމަލް އެއޮތީ ، ކުލްސޫމުމެން ޝާމިލްކޮށްފައެވެ. އެހެންވީމާ ، މެހެމަލް މިގެޔަށް އަންނަންޏާ އަންނާނީ އަމިއްލަޔަށް ކަމުގައި މެހެމަލްގާތު ބުނާށެވެ. އޭނާބަލައި އަހަރެން ތިގެޔަށްދާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. މެހެމަލް ބޭނުންވަނީ ވަރިވާންކަމަށް ވަންޏާ ވަރީގެ ފޯމުތައް ، އޭނާއަށް އަހަރެން ފޮނުވައިދޭނަމެވެ. " ހިތްހަމަ ނުޖެހިފައި އިނދެ އަންޞާބު ބުންޏެވެ.

އެކަމާބެހޭގޮތުން ، ޙައިދަރު އިތުރަށް ވާޙަކަ ދައްކަން ފެށުމާއެކީ ، އެކަން އަންޞާބު ހުށްޓުވިއެވެ. އަދި އެވާހަކަ އެހިސާބުން ނިންމައިލަދިނުމަށް އަންޞާބު އެދުނެވެ. އަދި ، އެމީހުން އެގެޔަށް ޒިޔާރަތްކުރީތީ ކޮންމެވެސް އެއްޗެއް ކައިގެންދާށޭ ބުނަމުން  އަންޞާބު ތެދުވެ ، އެތަނުން ހިނގައިގަތެވެ.

އަންޞާބު ޖަވާބުދޭނީ އެގޮތަށްކަން އޭނާއަށް އެނގޭކަމަށް ކުލްސޫމުގާތު ޙައިދަރު ބުންޏެވެ. އަދި އެދެމައިން ތެދުވެގެން ގެޔަށްދާން އެގެއިން ނުކުތެވެ.

 

އަންޞާބުގެ ގެއިން ނުކުމެގެންގޮސް ، ގެޔަށްވަނުމާއެކު ޙައިދަރު ދިޔައީ ކޮޓަރިޔަށެވެ. އޭނާގެ ސިކުނޑިވަނީ ، ސުމަކަށްގޮހެވެ. އަންޞާބާއެކީ ، ދިރިއުޅުމުގައި މެހެމަލްއަށް ލިބޭނެ ތަކުލީފު ، ޙައިދަރަށްވެސް މިހާރު އިޙްސާސް ކުރެވެއެވެ. މެހެމަލްއަށް އެވާހަކަތައް ކިޔައިނުދެވުނީ ސަބަބުތަކެއް ހުރެގެންނެވެ. އެއީ ކޮންމެ ސަބަބެއް އޮވެގެންކަމަށްވިޔަސް ، ތަކުލީފުވާނީ ހަމަ ތަކުލީފަށެވެ. ފިރިއެއްގެ ލޯބިނުލިބި ، އަންހެނަކަށް ފިރިހެނަކާއެކީ ، ދިރިއުޅުމަކީ ، ޙައިދަރަށްވެސް އަންދާޒާ ކުރެވޭނެ ތަކުލީފެކެވެ. އޭނާއާ ، މެހެމަލް ވަކިވެގެންގޮސް ، އެހެންމީހަކާ ކައިވެނި ކުރުމުން ، ޙައިދަރުގެ ހިތުގައިއެޅި ވޭން ، ޙައިދަރުގެ މަންމަ ފިޔަވައި އެހެންމީހަކަށް ނޭނގޭނެއެވެ.

ބިމަށް ތުންގަނޑު ހަރައިގެން ، އެނދުމަތީ އިށީނދެލައިގެން ޙައިދަރު އިނެވެ. ދިލްނަޝީން އައިސް ކަރުކެހިލުމާއެކީ އިސްއުފުލައި ބަލައިލިއެވެ. ދިލްނަޝީން އެއުޅެނީ އޭނާގާތު ވާހަކައެއް ބުނަންކަން ޙައިދަރަށް އެނގުނެވެ. ޙައިދަރުގާތު ވާހަކައެއް ބުނަން ބޭނުންވާކަމުގައި ދިލްނަޝީން ބުންޏެވެ. ޙައިދަރު ހިނިތުންވެލައި ، އެވާހަކައެއް ބުނުމަށް ބޮލުން އިޝާރާތް ކުރިއެވެ. ދިލްނަޝީން އޭނާގާތު ވާހަކައެއް ބުނަން ވިސްނީތީ ﷲ އަށް ޙަމްދުކުރިއެވެ. އެހެންނޫނީ ، އެދެމަފިރިން އެއްކޮޓަރިއެއްގައި އެއުޅެނީ ބީރައްޓެހިންގެ ގޮތުގައެވެ. އެއްޗެއް ހީނުކުރަންޏާ އޭނާގާތު އިށީނދެލުމަށް ޙައިދަރު އެދުނެވެ.

ދިލްނަޝީން ، ހިނިތުންވެލައިގެންހުރެ ހިނގާލާފައި އައިސް އެނދުގައި އިށީނދެލިއެވެ. އެކަމަކު ، ތަންކޮޅެއް ދުރުގައެވެ. އެނދުކޮޅުން ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގައެވެ. ހިތުގައި އެއްވެސް އެއްޗެއް ނުބާއްވައި އޭނާދެކެ ބިރުނުގަނެ ، ހުރިހާ ވާހަކައެއް އޭނާގާތު ބުނުމަށް ޙައިދަރު އެދުނެވެ.

" އަހަރެން ބުނަން ބޭނުންވީ ، ޙައިދަރުގެ ކޮއްކޮއަށް އޭނާގެ ފިރިމީހާއާއެކީ އުފާވެރިކަމާއެކީ ދިރިއުޅުމަށް ދަތިވެފައި އޮތްކަމަށް އަހަރެންނަށް ފެންނަ ވާހަކައެވެ. އެކަން އެހެން އޮއްވާ އޭނާ އެގެޔަށް ފޮނުވަން ޙައިދަރުމެން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ އެތައް އަހަރެއްގެ ފަހުން ، މެހެމަލް އެފިޔަވަޅު އެއެޅީ އެހެންގޮތެއް ނެތިގެންކަމަށްވެސް ވެދާނެއެވެ. މެހެމަލްއާމެދު ވިސްނަން ތިބީވެސް ޙައިދަރުމެން އެކަނި ނޫންހެއްޔެވެ ؟ އެނާގެ ކައިވެނި ދެމެހެއްޓޯ މަސައްކަތްކޮށްފައިވެސް އޮންނާނެއެވެ. ގޭގެ ބޮޑެތިމީހުން ގޮތް ނިންމާއިރު ، އަހަރެމެން އަންހެންކުދިންގެ ޙާލަތު ރަނގަޅަށް ދެނެގަންނާކަށް އެމީހުންނަކަށް ނޭނގެއެވެ. އަހަރެމެން ބޭނުންވާ ގޮތާއި އަހަރެމެން އުފާވާނީ ކޮންގޮތަކަށް ހަދައިގެންކަން ، ބޮޑެތިމީހުން ނުވިސްނަނީ ކީއްވެބާވައެވެ ؟ " ލަސްލަހުން ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

އޭނާއަށް ގޯސްވާހަކައެއް ބުނެވުނީތޯ ދިލްނަޝީން ސުއާލުކުރިއެވެ. ދިލްނަޝީންގެ އަތުގައި ޙައިދަރު ހިފައިލިއެވެ. އަދި އެކަމާ ނުވިސްނުމަށް ބުންޏެވެ. ދިލްނަޝީން އެބުނިހުރިހާ ވާހަކަޔަކީވެސް ރަނގަޅު ވާހަކައެވެ. ދިލްނަޝީންގެ އެއްވެސް އުފަލަކަށް އޭނާ ހުރަހެއް ނާޅާނެއެވެ. ބޭނުންވާ ހުރިހާ އުފަލެއް ދިލްނަޝީނަށް އޭނާގެ ފަރާތުން ލިބޭނެއެވެ. އަދި ، އެކަން ހުއްޓުވޭނެ އެއްވެސްމީހަކުވެސް ނުހުންނާނެއެވެ. އެއީ ކޮންމެ ގުޅުމެއްކަމުގައިވިޔަސް ، ދިލްނަޝީނާއެކީ އެކަން ޙައިދަރު ޙިއްޞާކޮށް ، ދިލްނަޝީންގެ ހިތުގެ ތަކުލީފުތައް ދުރުކޮށްދޭނެކަމަށް ޙައިދަރު ބުންޏެވެ.

ޙައިދަރުގެ އަތުން އޭނާގެ އަތްދުރުކޮށްލުމަށްފަހު ، އެނދުންތެދުވެ ، ބޭރަށް ނުކުތުމަށްޓަކައި ދިލްނަޝީން ހިނގައިގަތެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.