ސަރުކާރުން ހުރިހާ މަސައްކަތެއް ކުރަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު، ދާއިމަށް ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްކަމަށާއި، މިކަމުގައި ސަރުކާރުގެ ނިޔަތް ވަރަށް ސާފުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފަށްޓަވަމުން، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ޝަރަފަކީ އިސްލާމްދީނުގެ ޝިޢާރުތައް ކުރިއަރުވައި ނެގެހެއްޓުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުންކަމުގައި ސިފަކުރައްވައި، އެކަމުގައި ދެ ގޮތެއް ނުވެ އަދުގެ ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މި މޭރުމުން އެމަނިކުފާނު ވަނީ ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި އިސްލާމް ދީން ނަގަހައްޓަވައި، އިސްލާމީ ވަހްދަތު ދެމެހެއްޓެވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
މިގޮތުން، މިދިޔަ 3 އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް، ޒަކާތުގެ ގޮތުގައި އެންމެ ގިނަ ޢަދަދަކަށް ފައިސާ ލިބުނު 3 އަހަރުކަން ފާހަގަކުރައްވާ، މިކަމުންވެސް އަންގައިދެނީ އަދުގެ ސަރުކާރުން ތަންފީޒުކުރަމުންދާ ނިޒާމަށް ރައްޔިތުންކުރާ އިތުބާރުކަން ހާމަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމް ދީނާ ނުޚާލިޤު އެއްވެސް ކަމަކަށް ކުޑަނަމަވެސް ޖާގައެއް ނޯންނާނެކަން ކަށަވަރުކުރެއްވުމަށް، ޗެކް-އެންޑް-ބެލަންސް ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ހަމަމިއާއެކު، ދިވެހީންގެ ސިޔާދަތު ދެމެހެއްޓޭނީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެގެން ކަމަށާ، ދިފާޢީގޮތުން ވިޔަސް ކަންކަން އަމިއްލައަށްކުރުމުގެ ގާބިލުކަން ޤައުމުގައި އުފައްދައި، ސަރަހައްދީ ސަލާމަތުގައިވެސް ފައިހަމަކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރުން ތަންފީޒުކުރައްވަމުންދާ ޚާރިޖީ ސިޔާސަތަކީ ދިވެހީން އިސްކުރުމުގެ ސިޔާސަތުކަން ތަކުރާރުކުރައްވައި، ދިވެހީންގެ މަޞްލަޙަތުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެކަމަށާ، މިހާތަނަށްވެސް ފަސްޖެހުމެއް ނެތި އެފަދަ ފިޔަވަޅުތައް ވާނީ އަޅުއްވާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޤާނޫނީ އިމުގެ ތެރެއިން ގެނެވިފައިވާ އިސްލާޙީ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކުރިން، މަޖިލީހުގެ މެންބަރުންގެ 3 ބައިކުޅަ 2 ބައިގެ އަޣުލަބިއްޔަތުން ރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން ނިންމަން ފުރުސަތު އޮތް ނަމަވެސް، މިހާރު، މަޖިލީހުގެ 4 ބައިކުޅަ 3 ބައިގެ އަޣުލަބިއްޔަތުން ނޫނީ ދިވެހިރާއްޖޭގެ ސަރަހައްދަށް ބަދަލުގެނައުމަށް ނުނިންމޭ ގޮތަށް ގެނެވުނު ބަދަލު ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ކަންކަމޭ އެއްފަދައިން، ދާޚިލީ ގޮތުންވެސް ބަލަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށާ، މިމޭރުމުން އެންމެ ބޮޑަށް ބަލަންޖެހިފައި އޮތް އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގައި އުޅެނީ ކިތައް ބިދޭސީންކަން އެއްވެސް މީހަކަށް ނޭނގޭކަމަށާ، ނަމަވެސް ރައްޔިތުން ކޮންމެ ސަރުކާރެއްވެސް ހޮވަނީ މި މައްސަލަ ހައްލުކޮށްދޭނެކަމަށް އެ ސަރުކާރުތަކުން ބުނާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދުގެ ސަރުކާރުގެ ތަފާތަކީ އިޚްލާސްތެރިކަމާއެކު ޢަމަލީ ސިފަގެނައުމަށް މަސައްކަތްކުރުން ކަމަށާ، މިގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ 10 އިނގިލީގެ ބަޔޯމެޓްރިކްސް ރެކޯޑްކުރެވިފައިވާކަމަށާ، މިއީ ދުނިޔޭގެ އެންމެ އެކެއް އިންސައްތަ ޤައުމުގައި ހާސިލުކުރެވިފައިވާ މިންގަނޑެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުންވެސް އަންގައިދެނީ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނަމަ ކަންކަން ހާސިލުކުރެވޭނެކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަމިމޭރުމުން، ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަލަ ކަމުގައިވާ ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ކުރެވުނު އެންމެ ބޮޑެތި މަސައްކަތްތައް ކުރެވިފައިވަނީ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ، މި ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ އެކުލެވޭ ތަފްސީލީ ތަފާސް ހިސާބުތައްވެސް ހިއްސާކުރައްވާފައެވެ.
