ހައްޔަރު (10)

(11 ނޮވެމްބަރ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ)

އަވީއާ ޙިޖާޒީ ، ޒަރްމަލާއާ ބެހޭގޮތުން ވާހަކަ ދެއްކިފަހުން ، ޒަރްމަލާއާ މެދު އަވީ ދެކެމުން އައިގޮތް ބަދަލު ވިއެވެ. އެކަން ގޭގައި ގެންގުޅޭ ނޯކަރުންނަށްވެސް ފާހަގަ ކުރެވުނެވެ. ބައެއް ނޯކަރުންނަށް އެކަމާ އަވީގާތު ފާޑުފާޑުގެ ވާހަކަވެސް ދެއްކުނެވެ. ޒަރްމަލާއަކީ ، ރީތި ކުއްޖެކެވެ. ޒުވާން ކުއްޖެކެވެ. އަވީނުލާ ހުރި ހެދުން ޒަރްމަލާއަށް ދޭއިރު އެއީ ، އަވީ ވިސްނައިލަންޖެހޭ ކަމެއްކަން ، ނޯކަރުން އަވީއަށް ހަނދާން ކޮށް ދެއެވެ. އަވީގެ ހުރިހާ އެއްޗެއް އެކުއްޖާއަށް ދޫކުރަމުންގޮސް މާ ހެޔޮބޮޑުވެގެން ގޮސް ، ޙިޖާޒީވެސް އެންމެ ފަހުން ޒަރްމަލާއަށް ދޭންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ބައެއް ނޯކަރުން އަވީގާތު ބުނެއެވެ. އެކަމާ އަވީގާތަށް އަންނަނީ އަމަށަކު ރުޅިޔެއް ނޫނެވެ. ނޯކަރުންނާ އެކީ ހީސަމާސާކޮށް ވާހަކަ ދެއްކުމަކީ ، އަވީގެ ހުރިހާ ކަމެއްގައި ބަސްބުނުމަށް އެމީހުންނަށް ހުއްދަ ދޭކަމެއްނޫންކަން ، އަވީ ، އެގޭގެ ނޯކަރުންނަށް ހަނދާން ކޮށް ދެއެވެ. އޭނާއާ ޙިޖާޒީއާ ދެމެދުގައި އޮންނަ ގުޅުމަކީ ، ގޭގެ ނޯކަރުންނާ ހިސާބުގައި އެހާ ދަށު ދަރަޖައެއްގައި އޮތް ގުޅުމެއް ނޫނެވެ.

ރާބިޔާ ހޯދުމަށްޓަކައި ، ޖާވީދު މަސައްކަތް ކުރަމުން ގެންދިޔައެވެ. ރާބިޔާމެން ދިރިއުޅުނު ގެޔާ ދުރުނޫން ހިސާބަކުން ، އިސްލާމް އާބާދުން ގެޔެއް ކުއްޔަށް ހިފައިގެން ، ޖާވީދުމެން ފިލައިގެން އުޅެނީ އެގޭގައެވެ. ރާބިޔާއަށް އަދި މާދުރަކަށް ނުދެވޭނެއެވެ. އެހިސާބުން ކޮންމެވެސް ގެޔަކުން ރާބިޔާ ފެންނާނެކަމަށް ބަލައިގެން ، ޖާވީދާއި އޭނާގެ އަޢުވާނުން މަސައްކަތް ކުރަމުން ގެންދިޔައެވެ.

ޒަރްމަލާ އެގޭގައި ހުރުމަކީ ، ބީބިޖާނާއި އަވީ ނޫން އެހެން އެންމެންނަށްވެސް މައްސަލައެކެވެ. ޙިޖާޒީގެ ބޭބެގާތުވެސް އެވާހަކައެއް ނުބުނެއެވެ. އޭނާގެ އަންހެނުންވެސް ހުންނަނީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. އަވީއަށް މިވަގުތު ބުނެވެން އޮތްހާވެސް އެއްޗަކީ ، އޭނާ ޙިޖާޒީއަށް ފުރިހަމަޔަށް އިތުބާރުކުރާ ވާހަކައެވެ. އެ އަންހެން ކުއްޖާއަކީ ކާކުކަމާއި ، އެގެޔަށް ޙިޖާޒީ އެކުއްޖާ އެގެނައީ ކީއްވެގެންކަން އެއީ ނޭނގުމުގެ ތެރޭގައި އޮތް ސިއްރެކެވެ. ބޭބެގާތުވެސް ، ޙިޖާޒީ ބުނީ އެއީ އޭނާގެ ރަޙުމަތްތެރިޔެއްގެ އަނބިމީހާ ކަމުގައެވެ. އަވީގާތު ބުނި ވަރަށްވެސް ޙިޖާޒީ އޭނާގެ މަންމަ ގާތަކު ނުބުނެއެވެ. މަންމަގާތު ބުނީ އެއީ އޭނާގެ ރަޙުމަތްތެރިޔެއްގެ އަންހެނުން ކަމުގައެވެ. ރަޙުމަތްތެރިޔާގެ މަރުމަތީ އެކުއްޖާ އޭނާއާ ޙަވާލުކުރީ ކަމުގައެވެ. އެއީ އޭނާގެ ރަޙުމަތްތެރި މުދައްސިރުގެ އަންހެނުންކަމުގައި އަވީގާތު ، ޙިޖާޒީ އޮތީ ބުނެފައެވެ. ޙިޖާޒީވެސް އަދި ބީބިޖާންވެސް އެ ކުއްޖާޔާ ބެހޭ އެއްވެސް ވާހަކައެއް ، އެގޭގެ އެއްވެސް މީހެއްގާތަކު ނުބުނެއެވެ. އެކަން އެއީ މައްސަލަޔަކަށްވެ ، ފާޑުފާޑުގެ ވާހަކަ ގޭތެރޭގައި ދެކެވެމުން ދެއެވެ. އެއިން އެއްވެސް ވާހަކަޔަކަށް ޙިޖާޒީ އަޅައެއް ނުލައެވެ. އަދި އަވީވެސް އެއީ މާބޮޑު ކަމަކަށް ނުހަދައެވެ.

ދެލޯކަނުކޮށް ދެކަންފަތް ބަށްކޮށް ޙިޖާޒީއަށް އިތުބާރު ނުކުރުމަށް ، ޙިޖާޒީގެ ބޭބެގެ އަންހެނުން ނޫރު ވެސް އަވީއަށް ވިސްނައިދެމުން ގެންދިޔައެވެ. ފިރިހެނުންނަކީ ފާޑެއްގެ ބަޔެކެވެ. ނޭނގި ހުއްޓައި ހިތް ބަދަލުވެދާނެއެވެ. އެހެނަސް ، ޙިޖާޒީއާ ދެކޮޅަށް އެއްވެސް މީހަކު ދައްކާ ، އެއިން އެއްވެސް ވާހަކައެއް  އަޑުއަހާކަށް އަވީ ބޭނުމެއް ނޫނެވެ. އޭނާ އޭނާގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ޙިޖާޒީއަށް އިތުބާރު ކުރެއެވެ.

އަވީއާއި ޒަރްމަލާއާ ދެމެދު ކޮންމެވެސް ވަރެއްގެ ގާތްކަމެއް އުފެދެމުން ދިޔައެވެ. އަވީ ގިނައިން ކައި ނާސްތާކޮށް ހަދަނީ ބީބިޖާން އާ އެކީގައެވެ. އެދެމައިންގެ ކާމޭޒަށް ޒަރްމަލާވެސް އަންނަން ފަށައިފިއެވެ. މަޑުމަޑުން ހަމަޖެހެމުން ގޮސް ބައެއް ވާހަކަ އަވީއަށް ކިޔައިދޭންވެސް ފެށުނެވެ. އޭނާ މުދައްސިރާ ކައިވެނި ނުކުރިނަމަ ، މުދައްސިރު މަރުނުވީސްކަމަށް ޒަރްމަލާ ބުނެއެވެ. އޭނާއަކީ ވަރަށް ވިހަގަދަ މީހެކެވެ. އެއޮށް ލޯބި އިންސާނާވެސް އޭނާއާ ކައިވެނިކޮށް މަހެއްވެސް ނުވަނިސް މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ހުރިހާވެސް މައްސަލަޔަކީ އޭނާއާއި ތަޤްދީރުގައި އޭނާގެ މައްޗަށް ލިޔުއްވާފައި އޮތް ގޮތެވެ.

ޒަރްމަލާގެ އަމިއްލަ ނަފްސު ކުށްވެރި ނުކުރުމަށް އަވީ ނަޞޭޙަތް ދެމުން ގެންދިޔައެވެ. މުދައްސިރަކީ ވަރަށް ކުޑަ އިރުއްސުރެ އެގެޔަށް އައިސް އެމީހުންނާއެކީ ކުޑައިރު ފީކޯތްކުޅެ އުޅުނު ، އޭނާގެ ބޭބެއެއްފަދަ ހެޔޮލަފާ ލޯބިލޯބި މީހެއްކަމުގައި ޒަރްމަލާގާތު ބުނަމުން ގެންދިޔައެވެ. އަދި މުދައްސިރާ ގުޅިފައިވާ އެކިއެކި މަޖާ ވާހަކަތައް އަވީ ، ޒަރްމަލާއަށް ކިޔައިދެމުން ގެންދެއެވެ.

އަނެއްކޮޅުން ، ޙިޖާޒީގެ ބޭބެ ސޮހްރަބާއި އޭނާގެ އަންހެނުން ނޫރުގެ ފަރާތުން ޒަރްމަލާއަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކަށް ކެތްކުރުން އެއީ ޒަރްމަލާއަށް އުނދަގޫ ކަމަކަށް ވިއެވެ. ޒަރްމަލާގެ ނަފްސަށް އަމާޒުކޮށް ދެކެވޭ ބޭ އަދަބީ ވާހަކަތައް އެއީ އޭނާއަށް ތަޙައްމަލު ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެއީ ޒަރްމަލާއަށް އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވެވުނީއްސުރެ ހިފަހައްޓަމުން އައި އާދައެކެވެ. އަމިއްލަ ނަފްސުގެ ދިފާޢުގައި އޭނާ ތެދުވާނެއެވެ. އަދި ބަސްވެސް ބުނާނެއެވެ.

ޒަރްމަލާގެ ހިތަށް އުނދަގޫވެ ، ހަދާނެގޮތް ބޮޑުވެގެންގޮސް ޙިޖާޒީއާ ވަކިން ބައްދަލު ކުރިއެވެ. އޭނާގެ ބޭބެއަކާއި ކޮއްކޮއެއް ، ކަޝްމީރުގައި ހުންނާނެ ކަމަށާއި އެމީހުންގެ ގާތަށް ކަޝްމީރަށް ދާން އޭނާ ބޭނުންވާ ވާހަކަ ޙިޖާޒީގާތު ބުންޏެވެ. ޙިޖާޒީގެ އިޙްސާންތެރިކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނެއެވެ. އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނީ ޙިޖާޒީއެވެ. އޭނާގެ ފުރާނަޔަކީ ޙިޖާޒީގެ ޙައްޤެކެވެ. އެހެނަސް ، އޭނާއަކީ ، އެއްވެސް މީހަކަށް އުނދަގުލަކަށް ވެގެން އެ ގޭގައި ދިރިއުޅޭކަށް ޒަރްމަލާ ބޭނުމެއް ނުވެއެވެ. އެގޮތަށް އޭނާ އެ ގޭގައި ހުންނާނީ ކިހާ ދުވަހަކު ހެއްޔެވެ ؟ ކަޝްމީރަށް ދާންޖެހެނީ އިސްލާމްއާބާދަށް ގޮސް ދަތުރު ހަދައިގެންނެވެ. އިސްލާމްއާބާދާ ހަމަޔަށް އޭނާ ފޮނުވައިދެނިކޮށް ދަތުރުގެ ބާކީ އޮތްބައި އޭނާ އަމިއްލަޔަށް ހަމަޖައަސާނެކަމަށް ޒަރްމަލާ ބުންޏެވެ. އަދި އެކަމަށް ފައިސާކޮޅެއް ބޭނުންވާނެ ވާހަކައާއި ، އެ ފައިސާ އޭނާ އަނބުރާ ޙިޖާޒީއަށް ދައްކާނެކަމަށްވެސް ބުންޏެވެ. ޙިޖާޒީގެ ބޭބެ ސޮހްރަބާއި ފަހަރިދައްތަ ނޫރުގެ ފަރާތުން އޭނާއަށް ކުރިމަތިވި ކަންކަމުގެ ވާހަކަ ދައްކާކަށް ޒަރްމަލާ ބޭނުމެއް ނުވިއެވެ. އޭނާގެ އެ ނިންމުމަކީ ، އެއްވެސް މީހެއްގެ ނުފޫޒުން އަދި އެއްވެސް މީހަކު އޭނާއާ ދިމާލަށް އެއްޗެކޭ ބުނެގެން ނިންމި ނިންމުމެއް ނޫންކަން ޒަރްމަލާ ހާމަ ކުރިއެވެ.

ޒަރްމަލާގެ ވާހަކަތައް ނިމެންދެން މަޑުން އިނުމަށްފަހު ، ޙިޖާޒީގެ ވާހަކަ ފެއްޓިއެވެ. ޒަރްމަލާއަކީ ، ޙިޖާޒީގެ އަމާނާތެކެވެ. ޒަރްމަލާގެ ތިމާގެ އެއްވެސް މީހަކު ހުރިކަމަކަށް މުދައްސިރު އޭނާގާތު ބުނެފައެއް ނުވެއެވެ. ޒަރްމަލާ ހުރިތާކުން ހޯދުމަށްޓަކައި އިސްލާމްއާބާދުގެ ސިފައިން މިހާރުވެސް މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. މުދައްސިރުގެ މަރުގެ އިލްޒާމް ، ސިފައިންވެސް އަދި މުދައްސިރުގެ ދައްތަ މަރްޔަމްވެސް އަޅުވަނީ ޒަރްމަލާގެ ބޮލުގައެވެ. ރާބިޔާގެ ނަން ޒަރްމަލާއަށް ބަދަލު ކޮށްގެން ، އިސްލާމް އާބާދުގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ، އޭނާގެ ގެޔަށް ޒަރްމަލާ އެގެނައީ . އޭނާގެ ރަހްމަތްތެރިޔާގެ މަރުމަތީ ޒަރްމަލާ އޭނާއާ އަމާނާތެއްގެ ގޮތުގައި ޙަވާލު ކުރީތީއެވެ. ޒަރްމަލާގެ ފުރާނަ ސަލާމަތްކޮށް ، ރައްކާތރިކަމާއެކީ ބެލެހެއްޓުމަކީ ޙިޖާޒީގެ ވާޖިބެކެވެ. އެގެއިން ޒަރްމަލާ ނުކުންނައިރަށް ، ޒަރްމަލާގެ ނަފްސު ނުރައްކަލަށް ހުށަހެޅޭނެއެވެ. މުދައްސިރު ޤަތުލުކުރި މީހުން އެކަންކުރީ ކީއްވެގެންކަމެއް ނޭނގެއެވެ. އެކަމަކު ، އެމީހުން ޒަރްމަލާވެސް ހޯދާނެއެވެ. އެހެންކަމުން ކަންކަން ހަމަޔަކަށް އެޅެންދެން ، ޒަރްމަލާ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ބޭނުންވާކަމުގައި ޙިޖާޒީ ބުންޏެވެ.

ޒަރްމަލާގެ ބޭބެ ނުޢުމާންވެސް ވަރަށްބޮޑަށް ބަލި ވެއްޖެއެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންވެސް ރަނގަޅެއް ނުވިއެވެ. ރާބިޔާއާ ނުޢުމާނާ އަދި ތޮއްޔިބާވެސް ފޯނުންނެއް ނުގުޅެއެވެ. މުދައްސިރަކާވެސް އެމީހުންނަކަށް ނުގުޅެއެވެ. މުދައްސިރުގެ އޮފީހުގެ ނަންބަރެއް އެމީހުން އަތަކު ނެތެވެ. އަދި ، މުދައްސިރުގެ ޚަބަރެއް ނުވަތަ ރާބިޔާގެ ޚަބަރެއް އެމީހުންނަށް ދޭނެ އެއްވެސް މީހެއްގެ ފޯނު ނަންބަރެއް އެމީހުންގެ އަތަކު ނެތެވެ. އެކަމާ ނުޢުމާންވެސް ކަންބޮޑުވެ ، އޭނާގެ ބަލިވެސް އިތުރަށް ބޮޑުވަމުން ދިޔައެވެ. އެހެންކަމުން ، އިސްލާމްއާބާދަށްގޮސް ، ދައްތަގެ ޚަބަރެއް ހޯދުމަށް ތޮއްޔިބު ނިންމިއެވެ. ނުޢުމާންގެ ބަލި ޙާލަތު ދަތުރު ކުރާވަރަށްވުރެ ގޯހެވެ. އެހެންކަމުން ، އިސްލާމްއާބާދަށް ދާން ނިންމީ ތޮއްޔިބު އެކަންޏެވެ.

ޒަރްމަލާއާއި ޙިޖާޒީ ވާހަކަ ދައްކަން ތިއްބާ އެތަނަށް އަވީއަށްވެސް އާދެވުނެވެ. ޙިޖާޒީގެ ވާހަކަތަކަށް ބާރު އަޅައި ، ޒަރްމަލާއަށް ހިތްވަރު ދިނުމަށްޓަކައި އަވީވެސް މަސައްކަތް ކުރަމުން ގެންދިޔައެވެ. ޒަރްމަލާ އޭނާގެ ފޯނާބެހޭގޮތުން ޙިޖާޒީއާ ސުއާލު ކުރިއެވެ. އޭނާގެ ފޯނު ދިނުމަށް އެދުނެވެ. ޒަރްމަލާއާއި މުދައްސިރުގެ ފޯނު އޭނާވަނީ އިސްލާމްއާބާދުގެ ކޯރަކަށް އެއްލައިލާފައެވެ. އެއީ ފޯނުގައި އޮންނަ ސިމް ބޭނުންކޮށްގެން ، ޒަރްމަލާ ހުރިތަނެއް ސިފައިންނާއި ފުލުހުން ހޯދައިފާނެތީއެވެ. ޒަރްމަލާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކަން ކުރަން ޙިޖާޒީއަށް މަޖްބޫރުވީއެވެ. ސިފައިންނާއި ފުލުހުންގެ އިތުރަށް މުދައްސިރު ޤަތުލުކުރި މީހުންވެސް ، ޒަރްމަލާ ހޯދުމަށްޓަކައި ސިމްގެ ބޭނުންކުރާނެއެވެ.

އަވީވެސް ބައިންދައިގެން ޙިޖާޒީ ، ވަރަށްގިނަ ވާހަކަ ޒަރްމަލާއާ ދެއްކިއެވެ. އޭނާއަށްވެސް ޒަރްމަލާގެ ފަރާތުން ފުރިހަމަ ޖަވާބެއް ބޭނުންވާ ސުއާލެއް އެބަ އޮތްކަމަށް ޙިޖާޒީ ބުންޏެވެ. އެއީ މުދައްސިރާއި ޒަރްމަލާގެ ދުޝްމަނުންނަކީ ކޮންބައެއްތޯއެވެ. އެ ސުއާލު ކުރިން ، ޙިޖާޒީ ނުކުރީ ޒަރްމަލާގެ ޞިއްޙީ ޙާލަތު އެހާ ރަނގަޅު ނޫންވީމައެވެ. ޙިޖާޒީއަށް ޒަރްމަލާ އެންމެ ފުރިހަމަޔަށް ސަލާމަތްކޮށްދީ ރައްކާތެރިކޮށްދެވޭނީ ، އެމީހުންގެ ދުޝްމަނުންނަކީ ކޮންބައެއްކަން އެނގިގެންނެވެ.

އެކަމާބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ޒަރްމަލާ ބޭނުމެއް ނޫނެވެ. އަދި ، އެކަމުގައި އޭނާއަށް މަޖްބޫރު ނުކުރުމަށް ޒަރްމަލާ އެދުނެވެ.

" އަހަރެންގެ ރަޙުމަތްތެރިޔާގެ ފުރާނަ ދުއްވައިލި ބައެއްގެ މަޢުލޫމާތު އެނގުމަކީ އަހަރެންގެ ޙައްޤެކެވެ. " ޙިޖާޒީ ހިތްހަމަ ނުޖެހުމާއެކީ ބުންޏެވެ.

ޒަރްމަލާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނޫންނަމަ ، އެވާހަކަ ނުދެއްކުމަށް އަވީ ބުންޏެވެ. އެހެނަސް ، އެމީހުންގާތުން އެގެއިން ޒަރްމަލާ ނުދިއުމަށް އަވީވެސް އެދުނެވެ. ޒަރްމަލާގެ ފުރާނަޔަށް ނުރައްކާ އޮތްމިންވަރު އެއްވެސް މީހަކަށް ވަޒަނެއް ނުކުރެވޭނެއެވެ. އެގޭގެ ހިޔާވަހިކަން ޒަރްމަލާއަށް ލިބުމަށްފަހު ، ޒަރްމަލާގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ކުރަންޖެހޭ ކަންކަން ކުރުމަކީ އެގޭގައި ދިރިއުޅޭ ކޮންމެ މީހެއްގެވެސް ވާޖިބެކެވެ. ޒަރްމަލާގެ ބޭބެއާއި ކޮއްކޮ ގާތަށް ހިނގައްޖެނަމަ ، ޒަރްމަލާ ހޯދަން ދުޝްމަނުންނަށް ފަސޭހަ ވާނެއެވެ. އެގެޔަކީ ޒަރްމަލާއަށް މިވަގުތު ލިބެން އޮތް ރައްކާތެރި ތަން ކަމުގައި ވިސްނައިދެވޭތޯ އަވީ މަސައްކަތް ކުރިއެވެ.

ޒަރްމަލާއާ އޭނާގެ ބޭބެއާއި ކޮއްކޮއާ ވާހަކަ ދެއްކޭނެ ގޮތެއް ހަދައިދިނުމަށް ޒަރްމަލާ އެދުނެވެ. އެމީހުންނާ ވާހަކަ ދައްކައި ނުލެވޭތާ މިހާރު ދެމަހެއްވަރު ވެއްޖެއެވެ. ބޭބެ އުޅެނީވެސް ވަރަށް ބަލިވެއެވެ. އެމީހުން އުޅެނީ ކޮން ޙާލެއްގައި ކަމެއްވެސް ނޭނގެއެވެ.

އަވީ އޭނާގެ ފޯނު ޒަރްމަލާއަށް ދިނުމަށްފަހު ، ބޭބެއަށް ފޯނުކުރުމަށް ފުރުޞަތު ދިނެވެ. ޒަރްމަލާ ފޯނުކުރިތަނުން ތޮއްޔިބާއި ނުޢުމާނާ ވާހަކަ ދެއްކުނެވެ. މުދައްސިރު ގަތުލުކުރެވުނު ވާހަކަ ވަރަށް އުނދަގުލުން ޒަރްމަލާ  އޭނާގެ ބޭބެއަށް ކިޔައިދިނެވެ. އެކަން ކުރީ ޖާވީދެވެ. އޭނާއަށް އެރޭ ގޭގެ ބޭރުން ޖާވީދު ފެނުނެވެ. މުދައްސިރު މަރުވީ އޭނާޔާ ކައިވެނި ކުރީމައެވެ. އެހެން ނޫންނަމަ ، މުދައްސިރު މަރެއް ނުވާނެއެވެ. ޖާވީދު ބުނިގޮތަށް އޭނާއާ ކައިވެނި ކުރިނަމަ ، ޒަރްމަލާގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ނުލިބޭނެއެވެ. ޒަރްމަލާ ހުރީ ސަލާމަތުން ކަމާއި އޭނާއަށް ރައްކާތެރިކަން ދިނީ މުދައްސިރުގެ ގާތް ރަޙުމަތްތެރިޔެއް ކަމުގައިވާ ޙިޖާޒީކަމަށް ޒަރްމަލާ ބުންޏެވެ. ޒަރްމަލާ ހުރިތަނެއް ހޯދައިގެން އެތާކަށް ނުޢުމާން ބޭބެޔާއެކީ ދިއުމަށް ތޮއްޔިބު ބޭނުން ވިއެވެ. އެހެންނަމަވެސް އެކަން ޒަރްމަލާ މަނާ ކުރިއެވެ.

ޒަރްމަލާ އެދުނީ އެމީހުން އެތިބި ތަނެއްގައި އިތުރު އެހެން ތަނަކަށް ނުގޮސް މަޑު ކުރުމަށެވެ. އަދި ، ވީ ވަރަކުން ބޭރަށްވެސް ނުކުމެ ނުއުޅުމަށެވެ. ޖާވީދަކަށް ޒަރްމަލާ ވީތަނެއް ނޭނގެއެވެ. އެކަމަކު ، ނުޢުމާނާއި ތޮއްޔިބު ވީ ކަޝްމީރުގައި ކަން އެނގެއެވެ. އެހެންކަމުން ، އެދެމީހުން ހޯދުމަށްޓަކައި ކަޝްމީރަށްވެސް ޖާވީދު ދާނެއެވެ. ޒަރްމަލާއަށް ފޯނު ނުކުރުމަށް ބޭބެއާއި ކޮއްކޮގެ ކިބައިން އޭނާ އެދުނެވެ. ދޭތެރެޔަކުން ފޯނު ކުރާނެކަމަށް ބުނެ ޒަރްމަލާ ފޯނު ކަނޑައިލިއެވެ.

ޒަރްމަލާއާ މިވަގުތު އެއްވެސް ސުއާލެއް ނުކުރުމަށް އަވީވެސް ޙިޖާޒީއަށް ނަޞޭޙަތް ދިނެވެ. އެހެނަސް ، މުދައްސިރުގެ ގަތުލާބެހޭ ހުރިހާ ތަޙްޤީޤެއް ކުރިޔަށް ގެންދިއުމަށާއި އެކަމުގައި އަވީގެ އެއްބާރުލުން ފުރިހަމަޔަށް ދޭނެކަމަށް އަވީ ބުންޏެވެ. ޙިޖާޒީއަށް އިތުބާރުކޮށް ، ދުޝްމަނުންނާބެހޭ މަޢުލޫމާތު ޙިޖާޒީއަށް ދިނުމަށް ޒަރްމަލާގެ ކިބައިން އަވީ އެދުނެވެ. ޙިޖާޒީއަކީ ވަރަށް ރަނގަޅު އިންސާނެކެވެ. އެއްވެސް އިންސާނަކަށް ދެރަގޮތެއް ވާކަށް ޙިޖާޒީއެއް ނޭދޭނެއެވެ. ﷲ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއެވެ.

ގޭތެރޭގައި ، އެ ޢާއިލާގެ ތެރޭގައި ހިނގަމުން އެދާ ލޭ އޮހޮރުވުމާއި ޙަސަދަވެރިކަމަކީ ، މާކުރިންވެސް އަވީގެ ހިތަށް އުނދަގޫ ކުރަމުން އައި ކަންކަމެވެ. އެކަން އެހެން އޮއްވައި ، އޭނާގެ ލޯބިވެރިޔާ ޙިޖާޒީ އެވީ އެ ޤަބީލާގެ ސަރުދާރަށެވެ. ސިކުނޑިއަށް ބާރު ބޮޑުވެގެން ގޮސް ، އެއޮށް ޅަ ޢުމުރުގައި ލޭމައްޗަށް ދާ ބޭހާއި ކޮލަސްޓްރޯލް ބޭސްވެސް މިހާރު ޙިޖާޒީއަށް ކާން އެބަޖެހެއެވެ. އެކަން އަވީއަށް ސިއްރުކޮށްގެން އުޅެނިކޮށް އެނގުނީ އިހަކަށް ދުވަހުއެވެ.

ދެމީހުން ބައްދަލުކުރާ އުނދޯލީގައި އިށީނދެ ހަމަޖެހިލުމަށްފަހު ، އަވީ ޝަކުވާކުރަން ފެއްޓިއެވެ. އަވީ ބޭނުންވަނީ ، ޙިޖާޒީ ސަރުދާރުކަން ދޫކޮށްލާފައި ، ސޮހްރަބާ ހުރިހާކަމެއް ޙަވާލުކޮށްފައި އެމީހުންގެ އަމިއްލަ ޙަޔާތެއް ފަށައި އެ ހާސްކަމާ ދުރަށް ދިއުމަށެވެ. ޙިޖާޒީދާނީ ކިޔަވަން ބޭރަށެވެ. އަވީއާއި ބީބިޖާން ދާނީ އިސްލާމްއާބާދަށެވެ. އަވީ ހުއްޓައިނުލާ އެވާހަކަތައް ދައްކަމުން ދިއުމާ ގުޅިގެން ޙިޖާޒީގާތަށް ރުޅިއައެވެ. އަދި  ، އޭނާއަށް އެކަންކަން ދޫކޮށްލެވެން ނެތްކަމަށް ބުނެ އަވީއާ ދިމާލަށް ހަޅޭއްލަވައި ގަތެވެ. އޭނާގެ ބޭބެގެ ދެމަފިރިންގެ މަރުގެ ބަދަލު ނުހިފައި އޭނާ އެ ޤަބީލާގެ ސަރުދާރުކަން ދޫކޮށް ނުލާނެކަން ހާމަ ކުރިއެވެ. އަވީދެކެ އޭނާ އިންތިހާއަށް ލޯބި ވެއެވެ. އެހެނަސް އެ ލޯތްބަށްވުރެ ޙިޖާޒީ އިސްކުރާނީ ބޭބެގެ މަރުގެ ބަދަލު ހިފުންކަމަށް ބުންޏެވެ. އޭނާ ދެން ދުވަހަކުވެސް ޙިޖާޒީގާތުން ކަމަކު ނުއެދޭނެކަމަށް ބުނެ ރުޅިއައިސްހުރެ އަވީ އެތަނުން ނުކުތެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.