ދައުލަތުގެ މުސާރައާއި ގުޅުންހުރި ކަންކަމުގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ

ކުރިއަށް އޮތް 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވީތީ ލިބިވަޑައިގަންނަވާ މުސާރައިގެ 50 އިންސައްތަ ނުނަންގަވާގޮތަށް ނިންމަވާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައި ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި، މުސާރައާއި ގުޅޭ ކަންކަމުގައި މައިގަނޑު 4 ފިޔަވަޅެއް، 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެގޮތުން؛

1. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި،
2. ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއިއެކު، ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު މިވަގުތު އޮތް ގޮތުން 1 ލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ވެރީން ތިއްބެވިއިރު، ކުންފުނިތަކުގެ ވެރީންނަށް ދެވޭނެ އެންމެ ބޮޑު މުސާރައަކީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމާއި،
3. މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން،
4. ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، އެ ފަރާތްތަކުގައި އެދިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިޔާ ވަނީ ހާމަކުރައްވާފައެވެ.

މި ފިޔަވަޅުތައް އެޅުއްވުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރުވެސް ގެންދަވަނީ މާލީ ދާއިރާގެ ތެރެއިން އިޞްލާޙީ ބޮޑެތި ބަދަލުތަކެއް އިއުލާންކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.