ވިހަ ތީރު (33)

(20 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( " ވަރިވުމަށްފަހު ، އަންހެނާ ކުރާނީ ކީއްހެއްޔެވެ ؟ ދާނީ ކޮންތާކަށް ހެއްޔެވެ ؟ އަހަރެން އެގެއިން ނުކުމެގެން މިގެޔަށް މިއައީ ، އަންޞާބުގާތުން ވަރިވުމަށްފަހު ، މިގޭގައި ދިރިއުޅޭށެވެ. " މެހެމަލް ބުންޏެވެ.)

މެހެމަލްގެ ވާހަކަ ޤަބޫލުކުރާކަށް ކުލްސޫމަކަށް ނޭނގުނެވެ. އަމިއްލަ ދިރިއުޅުން ހަލާކުކޮށްލައި ، ދަރިފުޅުގެ މުސްތަޤްބަލް އަނދިރިކޮށްލަން ، މެހެމަލް މަސައްކަތްކުރަނީ ކީއްވެގެންތޯ ސުއާލުކޮށް ، މެހެމަލްއާ ދިމާލަށް އެއްޗެތި ގޮވައިގަތެވެ. މެހެމަލްވެސް ކުލްސޫމަކަށް ދުލެއް ނުކުރެއެވެ. ކުލްސޫމްބުނާ ކޮންމެ އެއްޗަކަށް އެއްޗެކޭ ބުނަމުން ގެންދިޔައެވެ. އަންޞާބުގެ ބޭވަފާތެރިކަމަށް އޭނާއަށް އިތުރަށް ކެތްކުރެވެން ނެތްކަމަށް މެހެމަލް ބުންޏެވެ. މެހެމަލްގެ ހިތް ކުދިކުދި ވެއްޖެއެވެ. ވިސްނުމާއި ފިކުރު އޭނާގެ ކޮންޓްރޯލުން ނެއްޓިއްޖެއެވެ.

" ވަރުބަލި ފިލުވައިލަން އަންނާނެ ގެޔެއް ހުރިކަމަށްޓަކައި ، މެހެމަލް ޝުކުރު ކުރަންޖެހޭނެއެވެ. މެހެމަލްގެ ދިރިއުޅުމަށް ދިރުމެއް ލިބެންދެން ، މިގޭގައި މަޑުކުރެވިދާނެއެވެ. އެހެންނަމަވެސް ، މިއީ ، މެހެމަލްއަށް ދާއިމީގޮތަކަށް ހުރެވިދާނެ ގެޔެއްކަމުގައި ނުބަލާށެވެ. މިއީ ، ދަތުރުވަރުބަލި ފިލުވައިލަން ދަތުރުވެރިޔަކު މަޑުކޮށްލި މަންޒިލެއްގެ ގޮތުގައި ބަލާށެވެ. ހެނދުނު ތެދުވެގެން ، އެ ދަތުރުވެރިޔާގެ އަސްލު މަންޒިލަށްދާން ދަތުރު ފަށާނެއެވެ. " ކުލްސޫމު ބުނަމުން ގެންދިޔައެވެ.

ކުލްސޫމުގެ ވާހަކަތަކުން ، މެހެމަލްގެ މޫނުމައްޗަށް ވެރިވަމުންދިޔަ މާޔޫސްކަން ، ކުލްސޫމު ދެނެގަތެވެ. މެހެމަލްގެ އަސްލު މަޤްޞަދަކީ ކޮބައިކަންވެސް ، އޭނާގެ މޫނުމަތިން ، ކުލްސޫމް ދެނެގަތެވެ.

އެނދުން ތެދުވެ ތައްޔާރުވެލައިގެން ، އެނދުގެ ބޯލާކޮޅުގައި  އިށީނދެލައިގެން ދިލްނަޝީން އިނެވެ. ޙައިދަރުވެސް ތައްޔާރުވެގެން އޮފީހަށް ދިއުމަށްޓަކައި ، އޭނާގެ ގަޑިއާއި ވޮލެޓް ނެގުމަށްޓަކައި އެނދު ކައިރިޔަށް ޖެހިލިއެވެ. ޙައިދަރަށް އެނދުކައިރިޔަށް ޖެހިލެވުނުގޮތުން ، އަނެއްކާވެސް ޙައިދަރު އެއުޅެނީ ދިލްނަޝީންގެ ގައިގައި ބީހިލުމަށްކަމުގައި ދިލްނަޝީނަށް ހީކުރެވުނެވެ. އަދި އަވަސް އަވަހަށް އެނދުން ތެދުވެ ދުރަށް ޖެހިލެވުނެވެ. މިފަހަރުވެސް ، ދިލްނަޝީން އެހީކުރީ ކުށްހީއެއްކަން ޙައިދަރަށް އެނގުނެވެ. ދިލްނަޝީންގެ ގައިގައި ބީހިލާކަށް ޙައިދަރެއް ނޫޅެއެވެ. ޙައިދަރުގެ އަތް ޙަރަކާތްތެރިވީ ، އެނދުމަތީ ބޭއްވިފައި އޮތް އޭނާގެ ގަޑި ނެގުމަށެވެ. ދިލްނަޝީނަށްވެސް އޭނާއަށް އެއުޅެވެނީ އެންމެ ރަނގަޅަށް ނޫންކަން އިޙްސާސް ކުރެވެއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވައިލަން އުޅެއުޅެ ، އެކަމެއް އޭނާއަކަށް ނުވިއެވެ. އެއީ ދެން ތަންފުކެއް ބޮޑުވަރެއްކަމުގައި ޙައިދަރުގެ ހިތަށް އެރިއެވެ. ދިލްނަޝީންގެ ޙަރަކާތްތައް ހުންނަގޮތުން ޙައިދަރަށް ހުންނަނީ ވަރަށް އުނދަގޫ ވެފައެވެ. އެއީ ، އާދަޔާ ޚިލާފުކަމެއްގެ ގޮތުގައި ޙައިދަރަށް ފާހަގަ ކުރެވުނެވެ.

" ދިލްނަޝީންއެވެ ! ދިލްނަޝީން ތިއުޅޭގޮތުން ، އަހަރެންގެ ހިތަށްވެސް ވަރަށް އުނދަގޫ އެބަވެއެވެ. އެއްވެސް ވާހަކައެއްބުނަން ބޭނުންނަމަ ، އެއްވެސް މައްސަލައެއް އުޅޭނަމަ ، އެއީ ކޮންމެ ކަމެއްކަމަށްވިޔަސް އަހަރެންގާތު ބުނާށެވެ ! ﷲ ގަންދީ ބުނަމެވެ. ރަޙުމަތްތެރިއެއްގެ ޙައިޞިއްޔަތުން ، ދިލްނަޝީން ދައްކާ ކޮންމެ ވާހަކައެއް އަހަރެން އަޑުއަހާނަމެވެ. " ޙައިދަރު ބުންޏެވެ.

ދިލްނަޝީން ހީލިއެވެ. އަދި ، ޙައިދަރާ ހަތަރުކަޅި ހަމަކޮށްލައި ، އެކަހަލަ ވާހަކައެއް ބުނެވޭނީ އެއްވެސް މައްސަލައެއް އުޅޭކަމަށް ވަންޏާ ނޫންހޭ ބުނެ ޖަވާބުދިނެވެ. އެވަރަކުން ޙައިދަރު ދުލެއް ނުކުރިއެވެ. އެއީ ކޮންމެ ކަމެއްކަމަށްވިޔަސް ޙައިދަރަށް އެންމެ ރަނގަޅެވެ. ދިލްނަޝީންގެ ހިތުގައި ކޮންމެވެސްކަމެއް އޮވެގެން ނޫނީ ، އެއުޅޭގޮތަކަށް ނޫޅޭނެއެވެ. އެ ތަކުލީފުން ދިލްނަޝީން ސަލާމަތްކުރަން ޙައިދަރު ބޭނުމެވެ. ޙައިދަރުގެ ހިތް ، ދިލްނަޝީނާ ދޭތެރޭ ވަރަށް ސާފެވެ.

ޙައިދަރާއި ދިލްނަޝީންގެ ވާހަކަ އެހާ މުހިންމު ހިސާބަކަށް ގޮސް އޮއްވައި ، ޓަކިޖަހައިލާފައި ކޮޓަރިޔަށް އެވަނީ މެހެމަލް އެވެ. ވަތްގޮތަށް ވަދެ ، ދިލްނަޝީނާއި ޙައިދަރަށް ސަލާމް ގޮވައިލިއެވެ. ދިލްނަޝީންވެސް ހިނިތުންވުމާއެކީ ، މެހެމަލްގެ ސަލާމް ބަލައިގަތެވެ. މެހެމަލް އެހާ ތާޒާކޮށް ، ރީތިވެލައިގެން ހުއްޓައި ފެނުމުން އުފާވެއްޖެކަމަށް ޙައިދަރު ބުންޏެވެ.

އެލިބުނު ފުރުޞަތުގެ ބޭނުން މެހެމަލްވެސް ހިފިއެވެ. އޭނާގެ ހިތުގެ އުދާސްތައް ޙައިދަރުގެ ހިތަށް އެލިބުނު އުފާވެރިކަމުން ފިލައި ހިނގައްޖެކަމުގައި މެހެމަލް ބުންޏެވެ. މެހެމަލްގެ ބަހުރުވައާއި ޢިޝާރާތް ، ޙައިދަރަށް ވަރަށް ރަނގަޅަށް ސާފުވިއެވެ.

" ތިދެމީހުން މިހާރު އޮންނާނީ ތަޢާރުފް ވެފައެވެ. އެހެންނަމަވެސް ، ރަސްމީގޮތުން ، މެހެމަލްއަށް އަހަރެން އަލުން ތަޢާރުފް ކޮށްލަދޭނަމެވެ. ދިލްނަޝީނެވެ ! މިއީ އަހަރެންގެ ބޮޑުބޭބެގެ ، އަހަރެންގެ ދެބެންގެ ދެދަރި މެހެމަލް އެވެ. މި ސަހަރުގައިހުރި އެންމެބޮޑު އެއްވިޔަފާރިވެރިޔާގެ އަނބިމީހާއެވެ. މެހެމަލްއެވެ ! މިއީ އަހަރެންގެ އަލަތު އަނބިމީހާ ދިލްނަޝީންއެވެ. " ދިލްނަޝީންގެ ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލަމުން ޙައިދަރު ބުންޏެވެ.

ޙައިދަރުގެ ވާހަކައިން މެހެމަލްއަށް ކުރިއަސަރު ފޮރުވަން މަސައްކަތްކުރަމުން މެހެމަލް ހީލިއެވެ. އަދި ނާސްތާ ތައްޔާރުވެފައި ހުރިކަމަށާއި ބޮޑުދައިތަ އެދެމަފިރިންނަށް މަޑުކޮށްލައިގެން އެބައިންކަމަށް ބުނެ ، އެތަނުން ނުކުތުމަށް ހިނގައިގަތެވެ. މެހެމަލް އެދިޔައީ ހިތަށް ތަދުކޮށްލައިގެންކަން އޭނާ ނުކުމެގެން އެދިޔަގޮތުން ، ޙައިދަރަށް އެނގުނެވެ.

މެހެމަލް ނުކުތުމާއެކީ ، ޙައިދަރުގެ އަތް ދިލްނަޝީންގެ ކޮނޑުން ނެގިއެވެ. ދިލްނަޝީންވެސް އަވަސްއަވަހަށް ޙައިދަރާ ދުރަށް ޖެހިލިއެވެ. އަދި ފުން މާނޭވާއެއްލައި ހަމަޖެހިލިއެވެ.

ދިލްނަޝީން ތިރިޔަށް އައިސް ، ޙައިދަރަށް ސައިހަދަމުން ހަކުރު ސަމުސަލެއް ނެގިތަނާ ، ނޫނެކޭ ބުނެ ދިލްނަޝީން ހުއްޓުވައި ، ޙައިދަރު ސައިބޯނީ ހަކުރުނާޅާކަމަށް ބުންޏެވެ. މެހެމަލް އެހެންބުނިލެއް ބާރުކަމުން އެންމެންދިޔައީ ސިއްސައިގެންނެވެ. ދިލްނަޝީންވެސް އެއްލިގެން ދިޔައެވެ. ކުލްސޫމް ، މެހެމަލްއާ ދިމާލަށް ލޯއަޅައިގަތެވެ. އެކަމަކު އެއްޗެކޭ ނުބުނެއެވެ.

" ދެ ސަމުސާ އަޅާށެވެ ! އަހަރެން ސައިބޮނީ ދެސަމުސާ ހަކުރު އަޅައިގެންނެވެ. ދިރިއުޅުމަށް އުފަލާއި ތާޒާކަން އައިމަ ، ސައިވެސް ބޯންވާނީ އޭގެ ގޮތުގައެވެ. ރަނގަޅަށް ހަކުރު އަޅައިގެންނެވެ. " ދިލްނަޝީނާ ދިމާލަށް ބަލައިލަމުން ޙައިދަރު ބުންޏެވެ.

މެހެމަލް އިނީ ބުނާނެ އެއްޗެއް ނޭނގި ، އާގަމަވެފައެވެ. މިއަދު ހަވީރު ، އަންޞާބުގެ ގެޔަށް ދާން ބޭނުންކަމުގައި ކުލްސޫމް ބުންޏެވެ. އަދި ޙައިދަރުވެސް އޭނާއާއެކީ ދިއުމަށް އެދުނެވެ. އަންޞާބަށް ހީވަނީ ކީކޭކަމަށް ހެއްޔެވެ ؟ މެހެމަލްގެ ޙައްޤުގައި މަސައްކަތްކުރަން އެމީހުން އަދި ދުނިޔޭގައި އެބަތިއްބެވެ.

މެހެމަލް ، ކުލްސޫމަށް ގޮވައިލިއެވެ. އަންޞާބާއެކީ އޭނާ ދިރިއުޅެން ބޭނުންނޫންކަމަށް ބުންޏެވެ. އޭނާ އެހުރީ އެކަން އެގޮތަށް ނިންމައިގެންނެވެ. އެނިންމުން ބަދަލެއް ނުކުރާނެއެވެ. އެހެންނަމަވެސް ، މެހެމަލްއަށް ވިސްނަން މަޖުބޫރުވާ ކަމެއް އެބައޮތްކަމަށް ކުލްސޫމު ބުންޏެވެ. އަންޞާބުގެ ދަރިޔަކު އެބަހުށްޓެވެ. އެދަރިފުޅު ބައްޕަޔާ ވަކިކުރުމަކީ ، އޭނާގެ ޙައްޤުތައް ގެއްލިގެންދާނެ ކަމެކެވެ. އެއީ ، މެހެމަލްއަށް ކުރެވިގެންވާނެ ކަމެއްނޫނެވެ.

ބައްޕައެއްގެ ލޯބި އޭނާގެ ދަރިފުޅަށް ދޭނެކަމަށް މެހެމަލް ބުންޏެވެ. އެ ދެމައިންނާއެކީ އަންޞާބު ދިރިއުޅުނުނަމަވެސް ، އަންޞާބުގެ ލޯބި ޢީޝަލްއަކަށްވެސް ނުލިބެއެވެ. އަންޞާބަށް އެދެމައިންނަށް ދޭނެ ވަގުތެއް ނުލިބެއެވެ. އެއީ އަންޞާބުގެ ކުށެއްނޫންކަމަށް ކުލްސޫމް ބުންޏެވެ. މެހެމަލްގެ ޗާލާކީ މުއްސަނދި ދިރިއުޅުމަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދަން ދުވާލުހަތަރުދަމު މަސައްކަތްކުރަނީ އަންޞާބަށެވެ. މެހެމަލްއަކީ ، އަމިއްލަ ދަރިފުޅުވެސް ނޯކަރަކު ލައްވާ ބަލުވާ މީހެކެވެ.

އަންޞާބާއި މެހެމަލްގެ ދިރިއުޅުމުގައި ، ފައިސާގެ އެއްވެސް މައްސަލައެއް ނެތްކަމަށް މެހެމަލް ބުންޏެވެ. އެހެނަސް ، އެވާހަކަ ކުލްސޫމް ޤަބޫލެއް ނުކުރެއެވެ. މީހަކާ އިންނަން ލިބުނު ފުރުޞަތުގައި ، އަންޞާބު އިޚްތިޔާރުކުރީ އޭނާއަކީ މުއްސަންޖަކަށްވީމައި ނޫންތޯ ، ކުލްސޫމް ސުއާލު ކުރިއެވެ. މިހާރު ދެން ކޮން ރުއިމެއްރޯކަށް ހެއްޔެވެ ؟ މެހެމަލްގެ މަޤްޞަދަކީ ފައިސާއާއި މުއްސަނދިކަން ހޯދުން ނޫންކަމަށް ވަންޏާ ، އެއިރު އެކަމަށް ނުވިސްނީ ކީއްވެ ހެއްޔެވެ ؟ ބޮލަށް ފައިސާ ސަވާރުވީމައި އިންސާނާގެ ބުއްދި ފިލައި ދާނެއެވެ. އަމިއްލަޔަށް ފޭހުނު އިލޮށިގަނޑު ލޮލަށް ހެރުނީމަ ، އެހެންމީހުންގެ ދިރިއުޅުމަށް މުޞީބާތަކަށް ވެގެން ނުވާނެއެވެ. އަމިއްލަޔަށް ކެހި ކަނޑުލުގެ ހިތި ފިލުވަންވާނެކަމަށް ކުލްސޫމް ބުންޏެވެ.

" އެއީ ، އަހަރެންގެ ޢުމުރުގައި ކުރެވުނު އެންމެ ގޯސް ކަންތަކެވެ. އެކަން ރަނގަޅުކުރަން އަހަރެން ބޭނުމެވެ.  " މެހެމަލް ބުންޏެވެ.

އެކަން ކުރުމުގެ ވަގުތު މިހާރު ފާއިތުވެއްޖެއެވެ. މިވަގުތަކީ ، ޢީޝަލްއަށްޓަކައި މެހެމަލްގެ އުފާތައް ޤުރުބާން ކުރުމުގެ ވަގުތެވެ. އެކަމަށް ކެތްކުރަމުންގޮސް މަރުވިޔަސް ، އެކަން ކުރުމަކީ ، ޢީޝަލްގެ ޙައްޤުގައިވެސް ، މަޖުބޫރުކަމެއްކަން  މެހެމަލްއަށް ވިސްނައިދިނުމަށް ، ކުލްސޫމް މަސައްކަތް ކުރިއެވެ.

ކުލްސޫމްގެ ވާހަކަތައް އެއީ މެހެމަލްއަށް އަޑުއަހަން އެހާ ފަސޭހަ އެއްޗަކަށް ނުވިއެވެ. މަޢާފު ކުރާށޭ ބުނެ ސައިވެސް ނުބޮއި ، މެހެމަލް ތެދުވެގެން ދިޔައެވެ. ޚާއްޞަކޮށް ދިލްނަޝީންގެ ކުރިމަތީ ، އޭނާ އިތުރަށް ބޭޒާރުވަމުންދާކަށް މެހެމަލް ބޭނުމެއް ނުވިއެވެ. ކުރަން ނިންމައިފިކަމެއް ނުކޮށް ދޫކޮށްލުމަކީ ، ކުލްސޫމުގެ ސިފައެއް ނޫނެވެ. އެކަން މެހެމަލްއަށްވެސް އެނގެއެވެ.

މެހެމަލް އެގެޔަށް ދާން ބޭނުންނޫންކަމަށް ވަންޏާ ، ގަދަކަމުން ފޮނުވަން އެއުޅެނީ ކީއްވެތޯ ކުލްސޫމް ގާތު ޙައިދަރު އެހިއެވެ. މެހެމަލް ބޭނުންވިޔަސް އަދި ނުވިޔަސް އެގެޔަށް އޭނާ ދާންޖެހޭނެކަމަށް ކުލްސޫމް ބުންޏެވެ. ކުލްސޫމްގެ ގޭގައި އެހާގިނަ ދުވަހަކު މެހެމަލްއެއް ނުބަހައްޓާނެއެވެ. މެހެމަލްގެ ކަންކަން ބަލަހައްޓަން އޭނާގެ ފިރިމީހާ އެބަހުށްޓެވެ. މެހެމަލްގެ ދިފާޢުގައި ވާހަކަ ނުދައްކައި ޙައިދަރުގެ މައްޗަށް މިހާރު އޮތް ވާޖިބާމެދު ވިސްނުމަށް ކުލްސޫމް ބުންޏެވެ. ފިރިޔަކު ހުއްޓައި އެހެންގެޔަކަށް އައިސް ، ޢީޝަލްގެ ކުޑައިރުގެ ޙަޔާތް ބަރުބާދު ކޮށްލުމަކީ ، މެހެމަލްއަށް އިތުރަށް ހެދޭ ގޯހެއްކަމަށް ބުނެ ، ކުލްސޫމްވެސް ސައިނުބޮއި އެތަނުން ތެދުވެގެން ދިޔައެވެ.

ޙައިދަރަކަށްވެސް ސައިބޮވޭގޮތެއް ނުވިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ދިލްނަޝީންގާތު މަޢާފުކުރާށޭ ބުނެ ، ޙައިދަރުވެސް ތެދުވެގެން ހިނގައްޖެއެވެ. ދިލްނަޝީން އިނީ ދެލޯ ބޮޑުވެ ، ޙައިރާންވެފައެވެ. ވެގެންއުޅޭގޮތެއް އޭނާއަކަށް ނޭނގެއެވެ. މެހެމަލްއާ ދޭތެރޭ ، ކުލްސޫމާއި ޙައިދަރު އެހާބޮޑަށް ވިސްނަންވީ ކޮންސަބަބަކާހުރެ ކަމެއް ، ވިސްނައިގަންނާކަށް އޭނާއަކަށް ނޭނގުނެވެ. ފަހަރެއްގައި ، ތިމާގެ ކުއްޖެއްވީމަ ، ކޮންމެކޮންމެ ގޮތެއްވާން ދޫކޮށްލަން ، އެދެމައިންވެސް ބޭނުންނުވަނީކަމަށް ވެދާނެއެވެ.

ޕްރެޒެންޓޭޝަނެއްދޭން ، ޙައިދަރު ހުއްޓައި އޭނާގެ ފޯނު ރިންގވާއަޑު ޙައިދަރަށް އިވެއެވެ. ފޯނުވާތާ އެތައް އިރެކެވެ. ޕްރެޒެންޓޭޝަން މެދުކަނޑައިލުމަށްފަހު ، ޙައިދަރު އޭނާގެ ކޮޓަރިޔަށް އައިސް ފޯނުނަގައި ސަލާމް ގޮވައިލިއެވެ.

" ޙައިދަރެވެ ! ހެޔޮނުވާނެއެވެ. ބޮޑުދައިތަޔަށް ވިސްނައިދޭށެވެ. އަންޞާބާއެކީ އިތުރަށް ދިރިއުޅޭކަށް އަހަރެން ބޭނުމެއްނޫނެވެ. ޙައިދަރާ ދުރަށް އަހަރެން ފޮނުވައި ނުލާށެވެ. " މެހެމަލް ބުންޏެވެ.

ވިސްނައިދޭންވީ މެހެމަލްއަށްކަމަށް ޙައިދަރު ބުންޏެވެ. މެހެމަލް އަމިއްލަޔަށް ކުރިކަމެއްގެ ހިތި އެހެންމީހުން ފިލުވައިދޭން އުޅެންޏާ އެއީ މެހެމަލްއަށް އެމީހަކު ކޮށްދޭ ހެޔޮކަމެއްކަމުގައި ބެލުމަށް ޙައިދަރު އެދުނެވެ. އެކަން މެހެމަލްވެސް ޤަބޫލު ކުރެއެވެ. އެހެންނަމަވެސް ، އެންމެ ދެރަވެގެން ޙައިދަރު އޭނާއާ ދޭތެރޭ ވިސްނުމަށް މެހެމަލް އެދުނެވެ. ބޮޑުދައިތަމެންގެ ހުންނާނީ މުސްކުޅި ވިސްނުމެވެ. އެ ޢުމުރުގައި ކުރެވޭ ނުކުރެވޭކަމެއް ނޭނގޭނެއެވެ. ޖަޒުބާތީ ޙާލަތެއްގައި ، އޭނާއަށް އެނިންމުނު ނިންމުމުގައި ޙައިދަރުވެސް ހިމެނޭކަމަށް މެހެމަލް ބުންޏެވެ. އޭނާގެ ހިތުގައި އަދިވެސް އޮތީ ޙައިދަރެވެ. ޙައިދަރުގެ ލޯތްބެވެ. އަންޞާބާ ވަކިވާން އޭނާ ވިސްނާތާ އެތައް ދުވަހެއް ވެއްޖެއެވެ. ކައިވެނީގެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން އޭނާ އެއުޅެނީ އެޙާލެއްގައެވެ. އެދެމީހުންނަށް ދަރިޔަކު އެލިބުނީވެސް އޮޅުމަކުންނެވެ. އެއީ އިންތާ ކައިރީގައި ، ވިސްނައިނުލައި މެހެމަލްއަށް ހެދުނު ގޯހެއްކަމަށް ބުންޏެވެ.

އަމިއްލަ އެދުންބޮޑު މީހަކަށްވާތީ ، މުއްސަންޖަކާ އިނދެގެން ދިރިއުޅެން ފެށުމުން ، އޭނާގެ ހިތަށް ޙައިދަރުގެ ލޯބި އިޙްސާސް ކުރެވުނީކަމަށް މެހެމަލް ބުންޏެވެ. އަދި ، އެ ލޯބި އެއްދުވަހުން އަނެއްދުވަހަށް ގަދަވަމުންގޮސް ، ކެތްނުކުރެވުނީއެވެ.

އެކަމާ ވިސްނަން ވަރަށްބޮޑަށް ލަސްވެއްޖެކަމަށް ޙައިދަރު ބުންޏެވެ. މިހާރު އޭނާއަކީ ، މަޢުޞޫމު އަންހެންކުއްޖެއްގެ ފިރިޔެކެވެ. އޭނާގެ އަނބިމީހާއަށް ބޭވަފާތެރިވުމަކީ ، ދުވަހެއްގެ ކޮޅުންވެސް ޙައިދަރުގެ ހިތަށް ވަންނާނެ ވަސްވާހެއްނޫނެވެ.

" ލޯތްބަކީ ލަސްވާ އިޙްސާސެއްނޫނެވެ. ޙައިދަރު ބޭނުންކަމަށް ވަންޏާ އަހަރެން ބަލައިނުގަންނާށެވެ. އެހެނަސް ، ޙައިދަރުގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯތްބަށް ، ޙައިދަރު ބޭނުންހާގޮތެއް ނުހެދޭނެއެވެ. އަންޞާބުގެ ގެޔަށް އަހަރެން ފޮނުވައިނުލުމަށް ބޮޑުދައިތަގާތު ބުނެދޭށެވެ. ޙައިދަރުގެ ގޭގެ އެއްކަނެއްގައި ނަމަވެސް އަހަރެން ބަހައްޓައިދޭށެވެ. " މެހެމަލް ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.